އުންމު އަންމާރާގެ ފުރިހަމަ ނަންފުޅަކީ އައްސައްޔިދާ ނުސައިބާ ބިންތި ކަޢުބު އަލްމާޒިނިއްޔާ ރަޟިޔަﷲ ޢަންހާ އެވެ. މިއީ މިއީ އިސްލާމްދީނުގެ ދިފާޢުގައި ހަނގުރާމަކުރެއްވި ހިތްވަރުގަދަ، ޢަޒުމުވަރުގަދަ އަންހެން ޞަޙާބީއެވެ. އުޙުދު ހަނގުރާމައާއި ހުނައިނު ހަނގުރާމައާއި މުރުތައްދުވީ މީހުންނާ ދެކޮޅަށް ކުރެވުނު ޔަމާމާ ހަނގުރާމައިގައި ވެސް އެކަމަނާގެ ކަނޑިކޮޅުގެ ފެންވަރު ވަނީ ދައްކާލާފައެވެ. އަދި ސުލްޙަލް ހުދައިބިއްޔާގެ ދަތުރުފުޅުގައި އެ ކަމަނާ ބައިވެރިވެވަޑައިގެންނެވިއެވެ.
ނުސައިބާ ބިންތި ކަޢުބަކީ މަދީނާގެ ބަނުން ނަޒީރު ވަންހައަށް ނިސްބަތްވެވަޑައިގަންނަވާ ބޭކަނބަލެކެވެ. އެ ކަމަނާގެ ބައްޕާފުޅަކީ ކަޢުބު ބިން ޢަމުރެވެ. މަންމާފުޅަކީ ރުބާބު ބިންތި ޢަބްދުﷲ އެވެ. ޢަބްދުﷲ ބިން ކަޢުބއި ޢަބްދުއްރަޙުމާން ބިން ކަޢުބކީ އެކަމަނާއާ އެއްބަނޑުއެއްބަފާ ބޭފުޅުންނެވެ. ނުސައިބާ ބިންތި ކަޢުބ ފުރަތަމަ ކައިވެނި ބައްލަބައިގެންނެންނެވި ޒައިދު ބިން ޢާޞިމަށް ދެ ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ ޢަބްދުﷲ ބިން ޒައިދާއި ޙަބީބު ބިން ޒައިދެވެ. ފަހުން ކައިވެނި ބައްލަވައިގެންނެވި ގުޒިޔާ ބިން ޢަމުރަށް ވެސް ދެ ބޭފުޅުން ލިބިވަޑައިގެންނެވިއެވެ. އެއީ ތަމީމް ފިރިހެން ބޭފުޅަކާއި ހައުލަތު ކިޔާ އަންހެން ބޭފުޅެކެވެ. ”އުންމު އަންމާރާ“ އަކީ ނުސައިބާ ބިންތި އަމުރަށް ކިޔާ ކުންޔާ (ކުންޔާއަކީ އަމިއްލަ ނަމާއި ލަޤަބު ފިޔަވައި “އަބޫ” ނުވަތަ “އުންމު” ކުރިއަށް ލައިގެންކިޔާ އާންމު ނަންނަމެވެ.)
އުންމު އަންމާރާއަކީ މަދީނާއިން މައްކާއަށް ވަޑައިގެން ކީރިތި ރަސޫލާއަށް އަގަބާގައި ބައިޢަތު ހިއްޕެވި 72 ބޭފުޅުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެ ކަމަނާ އިސްލާމްވެ ވަޑައިގެންނެވީ މަދީނާގައި އިސްލާމްދީން ފެތުރެމުން ދިޔަ ދުވަސްވަރުއެވެ. އުންމު އަންމާރާގެ އެންމެ ފާހަގަކުރެވޭ ކަމަކީ އުޙުދު ހަނގުރާމައިގައި އެކަމަނާ ދެއްކެވި ހިތްވަރުގަދަކަމެވެ. އެ ހަނގުރާމައަށް އެ ކަމަނާ ނިކުމެވަޑައިގަތީ މުޖާހިދުންނަށް ފެންދެއްވައި ޒަޚަމުވާ މުޖާހިދުންނަށް ފަރުވާ ދެއްވުމަށެވެ. ނަމަވެސް ހަނގުރާމަ ހޫނުވެ، މުޝްރިކުން ކީރިތި ރަސޫލާ ވަށައިލުމާއެކު އެކަމަނާ ގެންގުޅުއްވި ފެންހަން އެއްލާލައްވައި ކަނޑިކޮޅު ހިއްޕަވައިގެން ދުވެވަޑައިގެން ކީރިތި ރަސޫލާގެ ދިފާޢީ އައްޑަނައެއްގެ ގޮތުގައި ޖިހާދުކުރައްވަން ފެށްޓެވިއެވެ. ފިރިހެން ފަހުލަވާނަކަށް ދޫނުކުރައްވައި ކީރިތި ރަސޫލާގެ ކުރިފުޅުމަތީންނާއި، ކަނާތްޕުޅު ފަރާތުންނާއި ވާތްޕުޅު ފަރާތުން އެކަމަނާ ހަނގުރާމަކުރެއްވިއެވެ. އިތުރު ސާހިބާގެ ލޭފޮދަށް ކެތްމަދުވެގެން އަރައަރައިގެން އައި ކާފަރުންތައް އެ ކަމަނާގެ ކަނޑިކޮޅުންނާއި ދުނިދަނޑިކޮޅުން މަތަކުރައްވަމުން ފޭކުރައްވަމުން ގެންދެވިއެވެ. އުޙުދު ހަނގުރާމައިގައި އެމަސައްކަތްޕުޅުގައި އުޅުއްވަނިކޮށް އެކަމަނާގެ ހަށިކޮޅުން 12 ތަނެއް ޒަޚަމްވިއެވެ. މީގެ ތެރޭގައި ވަރަށް ނުރައްކާތެރި ޒަޚަމްތައް ވެސް ހިމެނެއެވެ.
އުޙުދު ހަނގުރާމައިގެ ތެރޭގައި ޢަބްދުﷲ ބިން ޤަމިއަތު ކީރިތި ރަސޫލާ ޝަހީދުކޮށްލުމަށް ދޫކޮށްލި ކަނޑިއެތިފަހަރަކުން އެކަލޭގެފާނު ސަލާމަތްވެވަޑައިގެންނެވީ އުންމު އަންމާރާ ފުންމައިވަޑައިގެން އެ ދެމެދަށް ވަދެވަޑައިގެންނެވުމުންނެވެ. މި އެތިފަހަރުގައި އެކަމަނާގެ ކަނދުރާފުޅު ވަރަށް ފުންކޮށް ޒަޚަމުވިއެވެ. ނަމަވެސް ކައުސާހިބާ ސަލާމަތްވެވަޑައިގެންނެވިއެވެ. އުންމު އަންމާރާގެ ހިތްވަރުފުޅު ގަދަކަމާއި އިސްލާމްދީނަށް ކުރެއްވި ލޯބި ހާމަވާ އަނެއް ހާދިސާއަކީ ޔަމާމާގެ ހަނގުރާމައެވެ. މި ހަނގުރާމައިގައި އެކަމަނާގެ އަތްޕުޅު ބުރިވިއިރު ވެސް ހަނގުރާމައިގެ މައިދާނުގައި ސާބިތުވެ ދެމި ހުންނެވިއެވެ.
މާތްﷲގެ މަގުގައި ޖިހާދު ކުރެއްވުމުގެ އިތުރުން އެ ކަމަނާގެ ޢިލްމީ ފުންމިނާއި ޙަދީޘް ރިވާކުރެއްވުމުގައި ދެއްކެވި ހުނަރުވެރިކަމާއި އަޚުލާޤުގެ މާތްކަމާއި ތަޤްވާވެރިކަން ފާހަގަ ކުރެވެއެވެ. އަދި ދެ ދަރިކަލުން ކަމުގައިވާ ޢަބްދުﷲ ބިން ޒައިދާއި ޙަބީބު ބިން ޒައިދު ޖިހާދު ކުރައްވައި ޝަހީދުވެވަޑައިގެންނެވުމުން ކެތްތެރިކަން އިސްކުރައްވައި އެ ބޭފުޅުންނަށް ޓަކައި ފަޚުރުވެރިވެވަޑައިގަންނަވާކަން ހާމަކުރެއްވިއެވެ.
އިސްލާމީ ހަނގުރާމަވެރި އަންހެން ބަޠަލާގެ ނަމުން މަޝްހޫރުވެފައިވާ އުންމު އަންމާރާ އަވަހާރަވީ ހިޖުރައިން 13 ވަނަ އަހަރުއެވެ. އެކަމަނާއަށް ސުވަރުގޭގެ ދާއިމީ ރަޙުމަތް މިންވަރުކުރައްވާށިއެވެ.
މަޢުލޫމާތު:
