ޞަދަޤާތް ކުރުމަކީ އިސްލާމީ މި މުޖުތަމަޢުގައި އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރުކޮށްދޭ ކަމެކެވެ. މީގެ ސަބަބުން މުއްސަނދިންނާއި ފަޤީރުންގެ ދެމެދުގައި އޮންނަ ގުޅުން ބަދަހިވެ، އެކަކު އަނެކަކަށް އޯގާތެރިވުން އިތުރުވެގެންދެއެވެ. މިއީ އިސްލާމްދީނުގެ މަތިވެރި އަޚްލާޤުތަކުގެ ތެރެއިން އެއް އަޚްލާޤެވެ.
ޞަދަޤާތް ކުރުމަކީ ބަދަލުގައި އެހެން އެއްޗެއް ނުވަތަ އެހެން ކަމެއް ލިބުމުގެ އެއްވެސް އެދުމެއް ނުވަތަ ދަހިވެތިކަމެއް ނެތި، ތިމާގެ އަތުގައިވާ މުދަލަކުން އަނެކާއަށް ހޭދަ ކުރުމެވެ. އެ މުދަލުގެ ބޭނުންތެރިކަން ތިމާއަށް ޖެހިފައިވާ ހިނދު ވެސް، ތިމާގެ އަޚާގެ ބޭނުމަކަށް ޓަކައި އެ މުދަލެއް އެ އަޚާއަށް ދޫކޮށްލުމުގެ މަތިވެރިކަން ވަކިން ބޮޑެވެ.
ރަމަޟާން މަހަކީ ޞަދަޤާތް ކުރުމުގެ މަތިވެރިކަން އިތުރުވެގެންދާ މޫސުމެކެވެ. މި މަހުގައި ކޮންމެ މީހަކު ވެސް ވީވަރަކުން ޞަދަޤާތް ކުރުމަށް މަސައްކަތް ކުރަންވާނެއެވެ. ތިމާގެ މުދަލުން ކުޑަ މިންވަރެއް ނަމަވެސް އެހެން މީހުންނާ ހިއްސާކުރުމަކީ އީމާންކަން އިތުރުވެ، ﷲ ގެ ރުހިވޮޑިގަތުން ހޯދުމަށް މަގުފަހިވެގެންދާނެ ކަމެކެވެ.
ތިމާގެ މުދަލުން ކުރާ ހޭދައިގެ ބަދަލެއްގެ ގޮތުން ތިމާ ހަމައެކަނި އެދެންވީ ﷲގެ ރުއްސެވުމަށެވެ. ސުވަރުގެއިން ލިބޭނެ މަތިވެރި ނިޢުމަތަކަށެވެ. އެކަލާންގެ ޙަޞުރަތުން ޘަވާބާއި ދަރުމަޔަށެވެ. އެއީ އެ ހޭދައިގެ ނުވަތަ ޞަދަޤާތުގެ ބަދަލުގައި ﷲގެ ދަރުމައާއި ސަވާބު ނޫން އެހެން އެއްޗެއްގެ އެދުމެއް ހިތުގައި ނުވާތީއެވެ.
އިންސާނާ ދުނިޔެ ދޫކޮށް ނުކުތުމާ އެކު، ދުނިޔަވީ ޙަޔާތާއި އެ އިންސާނާއާ ދެމެދުގެ ހުރިހާ ގުޅުމެއް ކެނޑިގެންދެއެވެ. ނަމަވެސް އެއީ ތިންކަމެއް ފިޔަވައެވެ. ސަލާމާއި ޞަލަވާތް ލެއްވި ކީރިތި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ގޮތުގައި އޭގެ ތެރެއިން އެއް ކަމަކީ، ދެމިގެންދާ ގޮތުގައި އޭނާ ކޮށްފައިވާ ޞަދާޤާތެކެވެ. އެހެންކަމުން ޞަދަޤާތަކީ، އިންސާނާ މަރުވުމަށް ފަހުގައި ވެސް އޭނާއަށް ފައިދާ ކުރަނިވި ކަންކަމުގެ ތެރޭގައި ހިމެނޭ މުހިންމު ކަމެކެވެ. އަދި ޞަދަޤާތަކީ އޭނާގެ އާޚިރަތުގެ ޙަޔާތް ބާއްޖަވެރި ކުރުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެކެވެ.
ޞަދަޤާތް ކުރުމުގެ މުހިންމުކަން އަދި މާތްކަން ވަޒަންކުރާ އިރު، އަޅުގަނޑުމެން ހަނދާންކުރަންޖެހޭ އެއް ކަމަކީ ޞަދަޤާތަކީ ހަމައެކަނި ފައިސާއިން ކުރެވޭ ކަމެއް ނޫންކަމެވެ. ކޮންމެ ހެޔޮ ޢަމަލަކީ ޞަދަޤާތެކެވެ. މިސާލަކަށް، މީހަކަށް ހިނިތުންވެލުން، ނުވަތަ ހެޔޮ ބަހެއް ބުނުން ވެސް ޞަދަޤާތުގެ ތެރޭގައި ހިމެނެއެވެ.
ރަމަޟާން މަހުގައި ޞަދަޤާތް ކުރުމުގެ އަނެއް މުހިންމު ސަބަބަކީ، މިއީ ނަފުސު ޠާހިރުކުރުމުގެ އަގުހުރި ފުރުޞަތެއް ކަމުގައި ވުމެވެ. ހިތްތަކުގައި އަށަގެންފައިވާ ދުނިޔަވީ ލޯތްބަށް ވުރެ އުޚުރަވީ ޙަޔާތް ހަނދުމަކޮށް އަޅުގަނޑުމެންގެ މުދަލުން ބައެއް މާތް ﷲ ގެ މަގުގައި ހޭދަކުރުމަކީ، އަޅުގަނޑުމެންގެ ނަފުސު ޠާހިރުކޮށް، ރޫޙާނީ ގޮތުން ނަފުސު ސީދާވުމުގެ އިތުރުން ތަޤުވާވެރިކަން އިތުރުކުރުމަށް ލިބޭ އަގުނުކުރެވޭފަދަ ފުރުޞަތެކެވެ.
ޞަދަޤާތް ކުރުމަކީ އަޅުގަނޑުމެންގެ މުދަލަށް ބަރަކާތް އިތުރު ކޮށްދެއްވާނެ ކަމެއްކަން ޙަދީޘްތަކުން އެނގެން އެބަހުއްޓެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރައްވާފައިވެއެވެ: ”ޞަދަޤާތް ކުރުމުން މުދާ މަދެއް ނުވާނެއެވެ.“ މި ޙަދީޘުން އަޅުގަނޑުމެންނަށް އެނގިގެންދަނީ ޞަދަޤާތް ކުރުމަކީ އަޅުގަނޑުމެންގެ މުދަލަށް ބަރަކާތްލެއްވުމުގެ ސަބަބެއް ކަމެވެ.
ޞަދަޤާތް ކުރުމަކީ ނަފުސާނީ ހިތްހަމަޖެހުމާއި އުފާވެރިކަމަށް މަގުފަހިކޮށްދޭ ކަމެކެވެ. ވަށައިގެން މިވާ މާހައުލު ފުރިގެން ވަނީ ސަދަގާތްތަކުންނެވެ. ކިތަންމެ މުއްސަންޖަކަށް ވެސް އަދި ފަޤީރަކަށް ވެސް ޞަދަޤާތް ކުރެވިދާނެ އެވެ. ސިއްރާއި ފާޅުގައި ވެސް ޞަދަޤާތް ކުރެވިދާނެ އެވެ. ބޭނުންވަނީ އެކަމަށް ފެށުމެވެ. މިއީ އެ ކަމަށް އެންމެ އެކަށީގެންވާ މޫސުމެވެ.
