ބަދުރު ހަނގުރާމައަކީ، އިސްލާމީ އުންމަތަށް ވަރަށް ގިނަ ބަދަލުތަކެއް ގެނެސްދިން މުހިންމު ހަނގުރާމައެވެ. ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި ކުރެވުނު އެ ހަނގުރާމައިގެ ހަނދާންތައް މިއަދު އައުކުރަން ޖެހޭ ގިނަ ސަބަބުތަކެއް އެބަހުއްޓެވެ. ހިޖުރައިގެ ދެވަނަ އަހަރު (މީލާދީން 624) ގެ ރަމަޟާން މަހުގެ 17 ވަނަ ދުވަހު ހިނގި ބަދުރު ހަނގުރާމައަކީ ބާރުގެ ގޮތުން ވަރަށް ނިކަމެތި ހާލެއްގައި އޮތް މުސްލިމު އުންމަތުގެ ކުރިމަގު ބަދަލުކޮށްލި ހަނގުރާމައެވެ.

މުސްލިމުންނަށް އެ ހަނގުރާމައިން އަގުހުރި ފިލާވަޅުތަކެއް ލިއްބައިދިނެވެ. ކުރިން ނިކަމެތި ހާލަތެއްގައި ތިއްބަސް ބަދުރުގެ ފަހުން، ޝާނާއި ޝައުކަތު ލިބިގެންވާ ވަރުގަދަ ދައުލަތެއް ކަމުގައި މުސްލިމުން ވެގެން ދިޔައެވެ. މުޅިން އެހެން މަރުހަލާއަކަށް މުސްލިމުންނަށް ދަތުރު ކުރެވުނެވެ. މުޅި ދުނިޔެ މުސްލިމުންގެ މި ވަރުގަދަ ދައުލަތާ ބެހޭ ގޮތުން އަޑު އެހިއެވެ.

އެ ހަނގުރާމައަކީ، ރޫޙާނީ ގޮތުންނާއި، އަޚުލާޤީ ގޮތުންނާއި، އަދި އިސްތިރާޖީ ގޮތުން މުސްލިމު އުންމަތް އިމްތިހާނު ކުރެވި، ވަރަށް ފުރިހަމަ ނަޞްރެއް މިންވަރުކުރެއްވި ހަނގުރާމައެކެވެ. ބަދުރު ހަނގުރާމައަކީ މުސްލިމުންގެ އީމާންކަމާއި، އެއްބައިވަންތަކަމާއި، ކެތްތެރިކަމާއި، ﷲ އަށް ވަކީލުކުރުމުގައި ފިލާވަޅުތަކެއް ދަސްކޮށްދިން ހަނގުރާމައެކެވެ.

ބަދުރު ހަނގުރާމައިން ލިބިދިން ފިލާވަޅުތަކުގެ ތެރެއިން އެއް ފިލާވަޅަކީ، މުސްލިމުންގެ ހިތްތަކުގައި، ﷲ ސުބްޙާނަހޫ ވަތަޢާލާއާ މެދު އޭރު އޮތް ވަރުގަދަ އީމާންތެރިކަމެވެ. އިސްލާމްދީން މަތިވެރިކުރުމުގައި އެކަލާނގެ ހަޟުރަތަށް ފުރިހަމައަށް ވަކީލުކޮށް، މުސްލިމުން އަޚްލާޤީ ގޮތުން ދެއްކެވި ފުރިހަމަ ނަމޫނާއެވެ.

ބަދުރު ހަނގުރާމައިގެ ދުވަހު، 100  އަހާއި، 700 ޖަމަލާ އެކު ހަތިޔާރުގެ ވަރުގަދަކަން، މަތީދަރަޖައެއްގައި އޮތް މުޝްރިކުންގެ 1000 އަށް ވުރެ ގިނަ މީހުން ހިމެނޭ ހަނގުރާމަވެރި ބޮޑު ލަޝްކަރާ ދެކޮޅަށް، މުސްލިމުންގެ ތެރެއިން ނުކުތީ އެންމެ 313 މީހުންނެވެ. އެ ހަނގުރާމައިގައި މުސްލިމް ލަޝްކަރުގައި އޮތީ ހަމައެކަނި ދަތުރުމަތީގެ އާދައިގެ ހަތިޔާރާއި، އެންމެ ދެ އަހާއި، 70 ޖަމަލެވެ. ނަމަވެސް ނަޞްރު ކަނޑައެޅެނީ ޢަދަދަކުން، ނުވަތަ މާއްދީ ބާރަކުން ނޫން ކަމާއި، ނަޞްރު ލިބުން ވަނީ ﷲ ގެ ޙަޟުރަތުންކަން ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމްއާއި އެކަލޭގެފާނުގެ އަޞްހާބުން ދެނެވަޑައިގަތެވެ. ﷲ ގެ މަދަދާއި ނަޞްރާ ނުލައި، އެ ވަރުގެ ބޮޑު ލަޝްކަރެއް ބަލިކުރާނީ ކިހިނަކުން ހެއްޔެވެ؟

އެ ދުވަހު، މުސްލިމުންނަށް ނަޞްރު ލިބުމުގައި އެތައް ކަމެއްގައި އެކަލާންގެ މުސްލިމް ލަޝްކަރަށް މަދަދުވެރިކަން މިންވަރުކުރެއްވިއެވެ. ވާރޭވެއްސަވައި، ކާފިރުންނަށް ނިދިޖެއްސެވިއެވެ. އެބައިމީހުންގެ ހިތްތަކަށް ބިރުވެރިކަން ވެއްދެވިއެވެ. ހަނގުރާމައިގެ ނިންމުންތައް ނިންމުމުގައި މުސްލިމުންނަށް ހެޔޮ ތައުފީޤު މިންވަރުކުރެއްވިއެވެ. އަދި ކާފިރުންނަށް ބަދުނަސީބާ ކުރިމަތިކުރުވިއެވެ. މި ކަންކަމުގެ އިތުރުން މަލާއިކަތުން ސީދާ ހަނގުރާމައިގެ މައިދާނުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ. މި ކަންކަން ވެގެން ދިޔައީ ކާފަރުންނަށް ދުވަހަކު ވެސް ތަޖުރިބާކުރެވިފައި ނުވާފަދަ ބިރުވެރިކަމާއި ހާސްކަން މެދުވެރިވި ކަމަކަށެވެ.

އެ ހަނގުރާމައިގައި މުސްލިމުންނަށް މަދަދު ދެއްވުމަށް ﷲ ސުބްޙާނަހޫ ވަތަޢާލާ، މަލާއިކަތް ބޭކަލުން ފޮނުއްވިކަން ކީރިތި ޤުރުއާނުގައި ވަޙީކުރައްވާފައިވަނީ މިފަދައިންނެވެ. ”ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ ޙަޟްރަތަށް އެހީއަށް އެދި ތިޔަބައިމީހުން ދެންނެވި ހިނދު، ހަނދުމަކުރާށެވެ! ފަހެ، އެ ހިނދު އެކަލާންގެ ތިޔަބައިމީހުންނަށް އިޖާބަދެއްވައި އެންގެވިއެވެ. މަލާއިކަތުންގެ ހާހަކުން ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް މަދަދު ދެއްވާ ހުށީމެވެ. އެކަކަށް ފަހު އަނެކަކު އަންނަ ގޮތުގައެވެ.“ (އަލް އަންފާލް 9).

މިކަމުން މުސްލިމުންނަށް ދަސްކޮށްދެނީ، ހާލަތު ކިތަންމެ ގޯސް ކަމުގައި ހީވިޔަސް، ޙަޤީޤީ ނަޞްރާއި ކާމިޔާބު ލިބުން އޮތީ ﷲ ގެ ރޭވުންތެރިކަމަށް އިތުބާރުކޮށްގެން ކަމެވެ. ކެތްތެރިކަމާ އެކު ސާބިތުވެ، އެކަލާންގެ ހަޟުރަތަށް މަދަދަށް އެދި ދުޢާކޮށްގެން ކަމެވެ. އެކަލާނގެ ވަޙީކުރައްވަނީ ނަޞްރު ލިބުން ވަނީ ހަމައެކަނި އެކަލާންގެ ހަޟުރަތުން ކަމުގައެވެ.

”ފަހެ، ތިޔަބައިމީހުން އެ ކާފިރުން ޤަތުލެއް ނުކުރަމުއެވެ. އެހެނެއް ކަމަކު، ﷲ، އެއުރެން ޤަތުލު ކުރެއްވީއެވެ. (އެބަހީ: ކާފިރުން ޤަތުލު ވެގެންދިޔައީ ތިޔަބައިމީހުންގެ ބާރަކުން ނޫނެވެ. ﷲ ދެއްވި ނަޞްރުގެ ބާރުންނެވެ.) އަދި ކަލޭގެފާނު (ހިލަ މުށެއް) އުއްކަވައިލެއްވި ހިނދު، އުއްކަވައިލެއްވީ ކަލޭގެފާނެއް ނޫނެވެ. އެހެނެއް ކަމަކު، އުއްކަވައިލެއްވީ، ﷲ އެވެ. އަދި އެކަމުން ރިވެތިވެގެންވާ އިމްތިޙާނަކުން މުއުމިނުން އިމްތިޙާނު ކުރެއްވުމަށެވެ. ހަމަކަށަވަރުން، ﷲއީ، މޮޅަށް އައްސަވާވޮޑިގެންވާ، މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.“ (އަލް އަންފާލް 17).

ބަދުރު ހަނގުރާމައިގައި މުސްލިމު އުންމަތަށް ދަސްކޮށްދިން އަނެއް ފިލާވަޅަކީ، މުސްލިމުންގެ މެދުގައި އެއްބައިވަންތަކަމާއި އަޚުވަންތަކަން އޮތުމުގެ މުހިންމު ކަމެވެ. މުހާޖިރުން (މައްކާއިން ހިޖުރަކުރި މީހުން) އާއި އަންސާރުން (މަދީނާގެ އެހީތެރިން)، ބަދުރުގެ މައިދާނުގައި ދެމިތިބީ އެކަތިގަނޑެއްގެ ގޮތުގައެވެ. އިސްލާމްދީނުގެ ޙައްޤުގައި، ޚިޔާލު ތަފާތުވުންތަކާއި އަމިއްލަ މަސްލަހަތުތައް އެއްފަރާތް ކުރެއްވިއެވެ. ދެބަސްވުމެއް ނެތި، އަރާރުން ވުމެއް ނެތިއެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް، އެކަލޭގެފާނުގެ ޞަޙާބީންގެ މެދުގައި ހަމަހަމަކަމާއި އެއްބައެއްވަންތަކަމުގެ އިޙުސާސް އުފައްދަވައި، އެ އެންމެންނަކީ އެއް ޖަމާޢަތެއްގެ ބައެއްކަން ހަނދާން ކޮށްދެއްވިއެވެ. އެ އެއްބައިވަންތަކަމުގެ ސަބަބުން މުސްލިމުންގެ ސަފުތައް ވަރުގަދަވެގެން ދިޔައެވެ.

ނަސްލީ، ސަގާފީ، އަދި މަޒުހަބީ ތަފާތުތަކުގެ ތެރޭގައި ބައިބައިވެފައިވާ އަދުގެ މުސްލިމު އުންމަތަށް ކުރިމަތިވެފައި މިއޮތް ގޮންޖެހުންތަކުން އަރައިގަތުމަށް ބަދުރު ހަނގުރާމައިން މުހިންމު ކަންތައްތަކެއް ހަނދާންކޮށްދީ، ދަސްކޮށްދެއެވެ. އަމިއްލަ މަސްލަހަތަށް ވުރެ އުންމަތުގެ މަސްލަހަތު އިސްކުރުމެވެ. އެއް ލަނޑުދަނޑިއަކަށް ވާސިލުވުމަށް އިސްކަންދިނުމެވެ. އިންސާފު ދަމަހައްޓައި، އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމެވެ. ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް، އުންމަތަށް އުނގަންނައިދިން ގޮތްތައް ކުރިއެރުވުމަށް ގުޅިގެން މަސައްކަތް ކުރުމެވެ.

ﷲ ގެ ހަޟްރަތުން ނަޞްރާއި ކާމިޔާބު ހޯދަން ބޭނުންވާ ނަމަ މުސްލިމުންގެ ސަފުތައް ބަދަހި ގުޅުމަކުން ވަރުގަދަ ކުރަންޖެހެއެވެ. އެކަލާންގެ ވަޙީކުރައްވާފައިވެއެވެ. ”ﷲއަށާއި، އެކަލާނގެ ރަސޫލާއަށް ތިޔަބައިމީހުން ކިޔަމަންވާށެވެ! އަދި ތިޔަބައިމީހުން ދެބަސްވެ އަރާރުން ނުވާށެވެ! (ދެބަސްވެ އަރާރުންވާ ނަމަ) ތިޔަބައިމީހުން ފިނޑިވެ، ތިޔަބައިމީހުންގެ ބާރު ނެތި ހިނގައިދާނެއެވެ. އަދި ތިޔަބައިމީހުން ކެތްތެރިވާށެވެ! ހަމަކަށަވަރުން، ﷲ ވޮޑިގެންވަނީ، ކެތްތެރިންނާ އެކުގައެވެ.“ (އަލް އަންފާލް 46).

ﷲ އަށް އީމާންވުމާއި އެކަލާންގެ ހަޟުރަތުން މަދަދާއި ވާގިވެރިކަން ހޯދުމަށް އިސްކަންދިނުމުގެ އިތުރުން، ބަދުރު ހަނގުރާމައިން ދަސްކޮށްދޭ އަނެއް ފިލާވަޅަކީ، ޖިސްމާނީ ގޮތުންނާއި ރޫޙާނީ ގޮތުން ތައްޔާރުވުމާއި، އިސްތިރާޖީ ރޭވުންތެރިކަމުގެ މުހިންމު ކަމެވެ. ބަދުރުގެ ދުވަހު، ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް 313 ޞަޙާބީންނާ އެކު ނިކުމެވަޑައި ގެންނެވީ ހަނގުރާމައަކަށް ތައްޔާރުވެގެންނެއް ނޫނެވެ. އެހެނެއް ކަމަކު އަބޫސުފްޔާނުގެ ޤިޔާދަތުގެ ދަށުގައި އައި ވިޔަފާރި ޤާފިލާއަށް މަގު ބަންދުކޮށް މާއްދީ ގޮތުން އެމީހުން ބަލި ކުރުމަށެވެ. އެހެނީ އެ ޤާފިލާގައި ޤުރައިޝުންގެ އަގުބޮޑު މުދާ ހުއްޓެވެ.

ކޮންމެ އަކަސް މުސްލިމުން ނިކުތް ޚަބަރު އަބޫސުފްޔާނަށް ލިބުމާ އެކު ދަތުރު ކުރަމުން ދިޔަ މަގު ބަދަލުކޮށް ޤުރައިޝުންގެ ގާތަށް ޟަމްޟަމް ބިން ޢަމުރު އަލްޣައްފާރީ ފޮނުވިއެވެ. އަދި މުސްލިމުންނާ ހަނގުރާމަ ކުރުމަށް ބޮޑު ލަޝްކަރަކާ އެކު ނިކުތެވެ. އެބައިމީހުންގެ ބޮޑާކަމާއި ބާރު ދައްކަމުން މުސްލިމުންނަށް ފުރައްސާރަކުރާ ޙާލުގައެވެ.

އެހެނަސް، ބަދުރު ހަނގުރާމައިގެ މައިދާނުގައި ރަނގަޅު ނަތީޖާއެއް ހާސިލުކުރުމަށް، ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަމަލީ ފިޔަވަޅުތަކެއް އެޅުއްވިއެވެ. ހަނގުރާމައިގެ ރޭވުންތެރިކަމާއި، ހަނގުރާމައިގެ އިސްތިރާޖީ ނިންމުންތައް ނިންމެވުމުގައި އެކަލޭގެފާނުންގެ އަސްހާބުންނާ މަޝްވަރާކުރެއްވެވިއެވެ. ފަހެ، މުޝްރިކުން ހުރިހާ ދިމާއަކުން ބަދުރަށް ޖަމާވި ހިނދު، ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އެބައިމީހުންނާ ހަނގުރާމައަށް ނުކުތުމާ ބެހޭ ގޮތުން ޞަޙާބީންނާ މަޝްވަރާކުރެއްވިއެވެ. އެ ހިނދު، އަލްމިޤްދާދު ބްނު ޢަމްރު ތެދުވެވަޑައިގެން ދެންނެވިއެވެ. މާތް ﷲ އަމުރުކުރެއްވި ކަމެއް ކުރެއްވުމަށް އަހަރުމެންނާ އެކު ހިންގަވާށެވެ. އަހަރުމެން ވެސް ކަލޭގެފާނާ އެކު ހަނގުރާމަ ކުރާނަމެވެ. އެ ވާހަކަ އަޑުއައްސަވައި، ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އުފާކުރައްވައި ޙަދީޘުކުރެއްވިއެވެ. މީސްތަކުންނޭވެ! ތިޔަބައިމީހުންނަށް އުފާވެރިކަން ހުއްޓެވެ. މާތް ﷲގެ ބަރަކާތާ އެކު ހިނގައިގަންނާށެވެ.

”ތިޔަބައިމީހުން ﷲ އަށް (އެބަހީ: ﷲ ގެ ދީނަށް) ނަޞްރު ދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަޞްރު ދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ސާބިތު ކުރައްވާނެތެވެ.“ (މުޙައްމަދު 7).

މާތް ﷲ، އެކަލާންގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް އަށް ވެވޮޑިގެންނެވި ވަޢުދު ފުއްދަވާދެއްވިއެވެ. އެ ދުވަހު މުޝްރިކުންގެ ތެރެއިން ހަތްދިހަ މީހުން ޤަތުލުކުރެވުނެވެ. އަދި ހަތްދިހަ މީހުން އަސީރުންގެ ގޮތުގައި ހައްޔަރުކުރެވުނެވެ. ދެން ބާކީ ތިބި މީހުން ހަނގުރާމައަށް ފުރަގަސްދީ ފިލައިފިއެވެ.

ހަނގުރާމައިގެ އާޚިރު ނަތީޖާ ވެގެންދިޔައީ ޝިރުކުގެ އަހުލުވެރިންނަށް ލިބުނު ބޮޑު ދެރައަކަށެވެ. އެބައިމީހުންނަށް މާއްދީގޮތުން ލިބުނު އަރައިނުގައިނެވޭ ވަރުގެ ގެއްލުމަކަށެވެ. ޤުރައިޝުންނަށް ލިބުނު ނިކަމެތި ކަމެކެވެ.

ބަދުރު ހަނގުރާމައަކީ އިސްލާމްކަމާއި ކާފަރުކަމާ ދެމެދު ލެވުނު އިންފާރެކެވެ. މިއީ މާތް ﷲ އަށް ތަބާވީ މީހުންނާއި ޝައިޠާނާގެ އަޢުވާނުންނާ ދެމެދު ކުރެވުނު ހަނގުރާމައެކެވެ. އެއީ، އިންސާނީ ތާރީޚުގައި ހިނގައިދިޔަ އެންމެ މަތިވެރި އެއް ހާދިސާއެވެ. މީސްކޮޅު މަދު މުއުމިނުންނަށް، ނަޞްރު ލިބިގެންދިޔަ އަޖާއިބު ކުރަނިވި ހާދިސާއެކެވެ. އެ ނަޞްރަކީ ﷲ ގެ ޙަޟްރަތުން މުސްލިމުންނަށް ލިބުނު ނިޢުމަތެކެވެ. އެއީ މުސްލިމުންގެ އަމިއްލަ ބާރުން، ނުވަތަ ވަރުގަދަކަމަކުން ލިބުނު ނަޞްރެއް ނޫންކަން ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް، އުންމަތަށް ހަނދާން ކޮށްދެއްވިއެވެ.

ބަދުރުގެ ހަނގުރާމައަކީ މުސްލިމުންނަށް ޙިކުމަތާއި ހިދާޔަތު ގެނެސްދެއްވި ހަނގުރާމައެވެ. އެއީ އީމާންތެރިކަމާއި، އެއްބައިވަންތަކަމާއި، އިންސާނާގެ ނިކަމެތިކަން ދަސްކޮށްދިން ހަނގުރާމައެވެ. އާޚިރު ކާމިޔާބީ ލިބެނީ ﷲ ގެ ޙަޟްރަތުންކަން އެ އެ ހަނގުރާމައިން ހަނދާންކޮށްދެއެވެ. މުސްލިމުންނަށް މިއަދު ކުރިމަތިލާން ޖެހިފައިވާ ގިނަ ގޮންޖެހުންތަކާއި، ފަސާދައިން ފުރިފައިވާ ދުނިޔޭގައި، ބަދުރުގެ ފިލާވަޅުތަކުގެ ސަބަބުން މުސްލިމުންނަށް ސާބިތުކަމާއެކު ދެމިތިބުމަށް ހިތްވަރުދެއެވެ. މުސްލިމުން އެއްބައެއްވަންތަކަމުގައި ތިބުމަށާއި، ﷲ ގެ ރޭވުންތެރިކަމަށް އިތުބާރު ކުރުމަށް ބާރުއަޅައެވެ.

ޤުރުއާނުގައި މާތް ﷲ ވަޙީކުރައްވާފައިވާ ފަދައިން، ”އަދި ތިޔަބައިމީހުން ނިކަމެތީން ކަމުގައިވަނިކޮށް، ބަދުރު ހަނގުރާމައިގައި ﷲ، ތިޔަބައިމީހުންނަށް ނަޞްރު ދެއްވިއެވެ. ފަހެ، ތިޔަބައިމީހުން ﷲ އަށް ތަޤުވާވެރިވާށެވެ! (އެއީ) ތިޔަބައިމީހުން ޝުކުރުވެރި ވުމަށްޓަކައެވެ.“ (އާލް އިމްރާން 123).

މަޢުލޫމާތު:

ޝެއަރކުރެއްވުމަށް