އުންމުލް މުއުމިނީން އައްސައްޔިދާ އުންމު ސަލަމާ (ރަޟިޔަﷲ ޢަންހާ) ގެ ނަންފުޅަކީ ހިންދު ބިންތު އަބީ އުމައްޔާއެވެ. ޤުރައިޝްވަންހައިގެ މަޚްޒޫމު ދަރިކޮޅަށް ނިސްބަތްވާ އެ ކަމަނާގެ ބައްޕައަކީ އަބޫ އުމައްޔާ ބުން މުޣީރާއެވެ. މަންމައަކީ ޢާތިކާ ބިންތި ޢާމިރެވެ.
އައްސައްޔިދާ އުންމު ސަލަމާގެ ފުރަތަމަ ފިރިކަލަކީ ރީތި އަދި މުއްސަނދި ބޭކަލެއްކަމުގައިވާ ޢަބްދުﷲ ބިން ޢަބްދުލް އަސަދުލް މަޚްޒޫމީ ނުވަތަ އަބޫ ސަލަމާ (ރަޟިޔަﷲ ޢަންހު) އެވެ. މި ދެކަނބަލުން އިސްލާމްވެވަޑައިގެންނެވީ ކީރިތި ރަސޫލާ ސިއްރިޔާތުގައި ދީނަށް ގޮވާލައްވަން ފެށްޓެވި ދުވަސްވަރުގައެވެ. މި ދެކަނބަލުން އިސްލާމްވެވަޑައިގެންނެވީ އެކުގައި ކީރިތި ރަސޫލާގެ އަރިހަށް ވަޑައިގެންނެވެ. އެހާތަނަށް މާތްވެގެންވާ އިސްލާމްދީން ޤަބޫލުކުރެއްވި ޞަޙާބީންގެ މުޤައްދަސް ފަންވަތުގައި ފުރޭފުވެފައި އޮތީ 10 ނަންފުޅެވެ. އެ ފުރޭފަށް އިތުރުވި 11 ވަނަ ނަންފުޅަކީ ޢަބްދުﷲ (އަބޫ ސަލަމާ) ގެ ނަންފުޅެވެ. 12 ވަނަ ނަންފުޅަކީ ހިންދު (އުންމު ސަލަމާ)ގެ ނަންފުޅެވެ.
މި ދެކަނބަލުން އިސްލާމްވެވަޑައިގެންނެވުމާ އެކު ޢާއިލާގެ ފަރާތުން ތަފާތު ގޯނާތަކާއި ދުއްތުރާތައް ކުރިމަތިކުރަން ފެށިއެވެ. މައްކާގައި މުޝްރިކުންގެ އަނިޔާވެރިކަން ބޮޑުވުމުން މައްކާ ދޫކޮށް ޚަބަޝާއަށް ހިޖުރަކުރެއްވުމުގެ އިޒުނަފުޅު ކީރިތި ރަސޫލާ ދެއްވުމުން އެންމެ ފުރަތަމަ ޚަބަޝާއަށް ހިޖުރައަށް ވަޑައިގެންނެވި 16 ބޭފުޅުންގެ ތެރޭގައި މި ދެކަނބަލުން ހިމެނިވަޑައިގަތެވެ. ޚަބަޝާގައި ތިއްބަވާތާ ތިންމަހެއްހާ ދުވަސް ފަހުން އެނބުރި މައްކާއަށް ވަޑައިގެންނެވިއެވެ. އަދި ދެވަނަ ފަހަރަށް ޙަބަޝާއަށް ހިޖުރައަށް ވަޑައިގެންނެވި މުސްލިމުންގެ ތެރޭގައި އަނެއްކާ ވެސް މި ދެކަނބަލުން ހިމެނިވަޑައިގަތެވެ.
ޚަބަޝާގައި ތިއްބެވުމަށްފަހު މި ދެކަނބަލުން މަޝްވަރާ ކުރައްވައި ތުއްޕުޅު ދަރިކަލުން ސަލަމާއާ އެކު މަދީނާއަށް ހިޖުރައަށް ވަޑައިގަތުމަށް ނިކުމެވަޑައިގެންނެވިއެވެ. އެ ޚަބަރު ލިބިގެން ދެ ފަރާތުގެ ޢާއިލާއިން އައިސް ތިން ބޭފުޅުން ވަކިކޮށްލިއެވެ. އުންމު ސަލަމާގެ ޢާއިލާގެ މީހުން އެކަމަނާ ގެންދިޔައީ މައްކާއަށެވެ. ތުއްޕުޅު ސަލަމާ ގެންދެވީ މަންމައާއި ބައްޕަގެ އަރިހުން ވަކިކޮށްލައިގެން އަބޫ ސަލަމާގެ ޢާއިލާގެ މީހުން، އެމީހުންގެ ކައިރިއަށް މައްކާއަށެވެ. އެންމެ ފަހުން އަބޫ ސަލަމާއަށް ޖެހިވަޑައިގެންނެވީ ގިނިކަންޏާ މަދީނާއަށް ހިޖުރަކުރައްވާށެވެ. އެ ހިތާމަފުޅުގައި އެ ދެކަނބަލުން ދުވަސްތައް ގުނަމުން ގެންދެވިއެވެ. އެންމެފަހުން އަބޫ ސަލަމާގެ ޢާއިލާގެ މީހުން އެ ދަރިކަލުން ދިނުމުން ދަރިކަލުންނާ އެކު އުންމު ސަލަމާ ފިރިކަލުންގެ އަރިހަށް މަދީނާއަށް ހިޖުރައަށް ވަޑައިގަތީއެވެ.
އުންމު ސަލަމާގެ ފުރަތަމަ ފިރިކަލުން އަބޫ ސަލަމާ (ރަޟިޔަﷲ ޢަންހު) އަކީ ބަދުރު ހަނގުރާމައާއި އުޙުދު ހަނގުރާމައިގައި ޖިހާދު ކުރެއްވި ހިތްވަރުގަދަ މުޖާހިދެކެވެ. އެކަލޭގެފާނު އަވަހާރަވުމުން، ހިޖުރައިން 4 ވަނަ އަހަރު ކީރިތި ރަސޫލާ އުންމު ސަލަމާއާ ކައިވެނިބައްލަވައިގަތެވެ. މި ކައިވެނި ކުރެއްވި އިރު އެކަމަނާގެ އުމުރުފުޅަކީ 29 އަހަރެވެ. އޭރު އެކަމަނާގެ ތުއްޕުޅު 4 ބޭފުޅުން ތިއްބެވިއެވެ.
އުންމު ސަލަމާއަކީ އިސްލާމްދީނަށް ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭކަނބަލެކެވެ. އެކަމަނާ ވަނީ 378 ޙަދީޘް ރިވާކުރައްވާފައެވެ. މީގެ ތެރެއިން ގިނަ ޙަދީޘްތަކަކީ އަންހެނުންނާ ގުޅުންހުރި މައްސަލަތަކާއި، ޢާއިލީ ދިރިއުޅުމާ ގުޅޭ ކަންކަމުގައި ވަރަށް މުހިންމު ޙަދީޘްތަކެވެ. އެކަމަނާގެ ޢިލްމީ ޤާބިލުކަމާއި ވިސްނުންތެރިކަމުގެ ސަބަބުން، ގިނަ ސަޙާބީންނާއި ތާބިޢީން އެކަމަނާގެ އަރިހުން ޢިލްމު އުނގެނިވަޑައިގަތެވެ. އުންމު ސަލަމާގެ ޙިކުމަތްތެރިކަމާއި، ވިސްނުންތެރިކަން ފެނިގެން ދިޔަ އެންމެ މުހިންމު އެއް ހާދިސާއަކީ ޙުދައިބިއްޔާގެ ޞުލްޙައިގެ ވަގުތެވެ. ސަޙާބީން ކަންބޮޑުވެ ވަޑައިގެންނެވި ހިނދު، އެކަމަނާގެ ކީރިތި ރަސޫލާއަށް އެރުވި ލަފާފުޅުވީ ކީރިތި ރަސޫލާއަށް ވަރަށް ބޮޑު އެހީތެރިކަމަކަށެވެ.
ކީރިތި ރަސޫލާގެ އަރިހުގައި ގާތްގަނޑަކަށް ހަތް އަހަރު ޒަވާޖީ ހަޔާތްޕުޅެއް ހޭދަކުރެއްވިތަނާ ހިޖުރައިން 11 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 12 ވަނަ ދުވަހު ކީރިތި ރަސޫލާ ސުވަރުގެވަޑައިގެންނެވުމުން ދެވަނަ ފަހަރަށް އުންމު ސަލަމާ ހުވަފަތްވެވަޑައިގެންނެވިއެވެ. އުންމު ސަލަމާ އަވަހާރަވީ ހިޖުރައިން 60 ވަނަ އަހަރުގައެވެ. އޭރު އުމުރުފުޅަކީ 80 ނުވަތަ 84 އަހަރުފުޅެވެ. ފަސްދާނު ލެވިފައިވަނީ ޖަންނަތުލްބަޤީޢުގައެވެ.
އަރަހުށި މާތްﷲ، އުންމުލްމުއުމިނީން އައްސައްޔިދާ އުންމު ސަލަމާއަށް ރުއްސުން ލައްވާށިއެވެ.
މަޢުލޫމާތު:
- ޢަބްދުﷲ ފާރޫޤު ޙަސަން.(އނ). އުންމުލް މުއުމިނީން އައްސައްޔިދާ އުންމު ސަލަމާ ރަޟިޔަﷲ ޢައްހާ.
