ޤައުމީ ލޯބީގެ ބާރު ގަދަ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. އެ ލޯބީގައި އެތައް ބަޔަކު ޤުރުބާންވީ ވާހަކައަކީ ވެސް އާ ވާހަކައެއް ނޫނެވެ. އެ ލޯބީގެ ސަބަބުން ޤައުމުތަކަށް ލިބުނު މިނިވަންކަމާއި ކުރިއެރުމަކީ ވެސް ޤައުމުގެތަކުގެ ރަން ޞަފުޙާތަކުގައި ނުލިޔެވި ހުރި ތާރީޚުތަކެއް ވެސް ނޫނެވެ. ނަމަވެސް ޚިޔާލަށް ނުގެނެވެނީ މިދެންވި ކަންކަން ހިނގި ތާރީޚުގެ މުހިންމުކަމެވެ. އެ ހާދިސާތަކާއި ހަނދާން ގުޅިފައިވާ މާޒީގެ ބޭނުންތެރިކަމެވެ. ޤައުމީ ލޯތްބެއް ފުރިހަމަވުމުގައި އެ ތާރީޚުން އަދާކޮށްދޭ ދައުރެވެ.

ޤައުމީ ލޯތްބަކީ ތިމާއާ ޤައުމާމެދު އޮންނަ އެންމެ މަތިވެރި ގުޅުމެވެ. އެންމެ ވަރުގަދަ އިހުސާސެވެ. ރިކް ކޮސްޓަރމޭން އާއި ސޭމޯ ފިޝްބެޗް (1989) ވިދާޅުވާ ގޮތުގައި « ޤައުމީ ލޯތްބަކީ ޤައުމާމެދު އޮންނަ ގުޅުމުގެ އިހުސާސެވެ» (ޞ.261). އެ އިހުސާސުން ޤައުމު މަތިވެރި ކޮށްދެއެވެ. އެ ލޯބިން އެހެން ޤައުމުތަކުގެ މައްޗަށް ތިމާގެ ޤައުމު އިސްކުރެވެއެވެ. އެ ޖަޒުބާތުން އަމިއްލަ ޤައުމުގެ ލާބައާމެދު ވިސްނެއެވެ (މާކޫސް ކެމެލްމިއަރ، ޑޭވިޑް ވިންޓަރ، 2008). މި ކަން ކޮށްދިނުމުގައި ތާރީޚުގެ ދައުރު ބޮޑުވެފައި ފުޅައެވެ. އޭގެ ނުފޫޒު ގަދަވެފައި ބާރުގަދައެވެ.

މިޝޭލް ފޫކޯލްޓް، ބަރޓަނީ މައުރޯ، އެވާޑް ފްރޭންކޮއިސް (2004) ވިދާޅުވެފައިވެއެވެ. އަހަރެމެންގެ މުޖުތަމަޢު ވަކިކުރަނީ މަރަކުންނެއް ނޫނެވެ. ދިރިއުޅުމުގެ ހަޔާތުންނެވެ. ޒަމާނީ މުޖުތަމަޢަށް ބާރު ހިންގަނީ ވެސް ހަޔާތުގެ ދުވަސްތަކުންނެވެ. މީހުން މަރައިގެންނެއް ނޫނެވެ. ނަމަވެސް މި ވާހަކަތަކާމެދު ވިސްނާއިރު، ހައިރާން ކުރަނިވިކަމަކީ ޤައުމިއްޔަތު ދެމެހެއްޓުމުގެ މަފުހޫމެއްގެ ގޮތުގައި ޝަހީދުވުމާއި، މަރުވުމާއި މެރުން ހިމެނިފައިވާކަމެވެ. މިގޮތުން ޤައުމީ ހަނދާނީ ބިނާތަކުގެ ގޮތުގައި ހުންނަނީ މަރުވެފައި މީހުންގެ ހަނދާންތައް އާކުރުމުގެ ގޮތުން ހަދާފައި ހުންނަ ތަންތަނެވެ. އެ ޒިކުރާތައް ދިރުވުމަށް ކުރެވިފައިވާ މާއްދީ މަސައްކަތްތަކެވެ. މި ކަންކަމުން އެނގެނީ ޤުރުބާންވުމަކީ ޤައުމެއްގެ ދެމި އޮތުން ކަށަވަރު ކުރުމަށްޓަކައި ކުރަންޖެހޭ ކަމެއްކަމެވެ. އެފަދަ ކޮންމެ ކަމެއް ގުޅެނީ ތާރީޚާއެވެ. އެ ތާރީޚާ ނުލައި ޤައުމީ ލޯތްބެއް ނުއުފެއްދޭނެއެވެ.

ޤައުމިއްޔަތު ރަމްޒުކޮށްދޭ އެއް ބަހާއަކީ ޝަހީދުވުމާއި މަރުވުމެވެ. މިއީ މި ޒަމާނުގައި ވެސް އަދި ކާބަފައިންގެ ޒަމާންތަކުގައި ވެސް ޤައުމިއްޔަތަށް ތަބާވި މީހުން ގަބޫލުކުރި ގޮތެވެ. މި ގަބޫލުކުރުމުގައި ދިރިގެންދަނީ ޝަހީދުންނާއި މަރުވި ދިޔަ މީހުންނާއި އެމީހުންގެ ޚިދުމަތެވެ. އެ ޚިދުމަތުގެ ތާރީޚުތައް ގުޅުވައިދެނީ ޤައުމިއްޔަތާއެވެ. އެ ހަނދާންތަކުން އައުކޮށްދެނީ ކާބަފައިންގެ ޚިދުމަތާއި މިންނަތާއި ކެރުމެވެ. ތާރީޚު އުޖާލާކޮށްދޭ ހަނދާންތަކެއްގެ ގޮތުގައެވެ. އެ ހަނދާންތަކާ ނުލައި ޤައުމުގެ މާޒީ އޮތް ގޮތް ޚިޔާލަކަށް ނުގެނެވެއެވެ. ޤައުމެއްގެ މާޒީ އޮތްގޮތް ތަސައްވަރު ނުކުރެވި މުސްތަގުބަލެއް ތަސައްވަރެއް ނުކުރެވޭނެއެވެ. އެ ތަސައްވަރު، ޤައުމީ ލޯތްބާ ގުޅުވާލަދޭ ފާލަމަކީ މާޒީވެ ދިޔަ ތާރީޚެވެ. އެހެންވީމާ ޤައުމެއްގެ ހަޔާތަކީ މީހެއްގެ ހަޔާތް ނިމޭހާ އަވަހަށް ނިމޭ ހަޔާތެއް ނޫނެވެ. މީހެއް ހަޔާތުގެ ކުރިން ވެސް އަދި ފަހުން ވެސް ޤައުމު އޮންނާނެއެވެ. އެ ތާރީޚު އިއާދަވާނެއެވެ. އެ ތާރީޚުން އުފައްދައިދޭ ލޯތްބަކަށް ނިމެމެއް ނާންނާނެއެވެ.

މުސްތަގުބަލަށް ޤައުމު ވާސިލުވާނެ ހިސާބަކާމެދު ޤައުމުގެ ހިންގުންތެރީން ތަސައްވަރުތަކެއް ކުރާނެއެވެ. އެގޮތުން ޤައުމު މަތިވެރިކުރުމަށާއި ކުރިއެރުވުމަށް ކުރާނެ ކަންތައްތަކެއް ތަސައްވަރު ކުރާނެއެވެ. ނުވަތަ ޤައުމު މިނިވަންކަންމަތީ ބޭއްވުމަށް ވައުދުތަކެއް ވާނެއެވެ. ޤައުމަށް ދިމާވާހާ ނުރައްކާތަކުން ޤައުމު ދިފާއުކުރުމުގެ ވިސްނުމެއް ގެންގުޅޭނެއެވެ. ޤައުމާ ގުޅޭ މިފަދަ ކޮންމެ ވިސްނުމެއް ފެށެނީ މާޒީގެ ތެރެއިންނެވެ. މުސްތަގުބަލުގައި އަންނަ ހުރިހާ ކަމެއް ވެސް ގުޅުވާލަނީ އެ ހިސާބަށެވެ. އެހެންވީމާ ޤައުމީ ހަރަކާތްތައް ހިންގާ ހަރަކާތްތެރީން އެ މީހުންގެ މަސައްކަތް ބިނާ ކުރަނީ އެމީހުންގެ މާޒީ މާނަކުރާ ގޮތަކަށް ބަލައިގެންނެވެ. ޤައުމިއްޔަތާ ގުޅޭ ޖޯޝާއި ފޯރި ނެރެނީ އެ މާޒީން ހިތްވަރު ލިބިގެންނެވެ.

ކުޑަކުޑަ މިސާލެކެވެ. ޔަހޫދީ ޒައެނިސްޓުން ދެކޭ ގޮތުގައި ޔަހޫދީންގެ އެންމެ ވަރުގަދަ ވެރިކަމެއް އޮތީ ޑެޑްސީ ކައިރީގައި އޮންނަ އުސް ބިމެއްގައެވެ. އެއީ މަސާޑު ކިޔާ ސަރަޙައްދެކެވެ. އެހެންވެ ޒައެނިސްޓުންނަށް މިނިވަންކަން ހޯދުމަށް ކުރި މަސައްކަތް އެންމެ ބޮޑަށް ގުޅުވާލީ އެ ސަރަޙައްދާއެވެ. އިޒުރޭލަށް މިނިވަކަން ލިބުނު ފަހުން އަސްކަރީ ހުރިހާ ރަސްމިއްޔާތެއް ބާއްވަމުން އެދަނީ އެ ތަނުގައެވެ. އޭރުން އެ ކުރެވެނީ ކޮން ކަމެއް ހެއްޔެވެ؟ އެ ޤައުމުގެ މިނިވަންކަން ހިމާޔަތްކޮށްދެން ތިބި މީހުންގެ ހިތްތަކުގައި ޤައުމީ ލޯބި އުފެއްދުމުގެ މަސައްކަތާ ތާރީޚު ގުޅުވާލަނީއެވެ. އިޒުރޭލު މީހުން ގަބޫލުކުރާ އެ މީހުންގެ މާޒީ ދިރުވެނީއެވެ. (ޔޭލް ޒެރުބެވެލް، 2004).

އެމެރިކާގައި އެ ޤައުމުގެ ޤައުމިއްޔަތު ތަމްސީލުކުރާ ހަނދާނީ ދެ ބިނާއެއް ވެއެވެ. އެއް ބިނާއަކީ ވޮޝިންޓަން މޮނިއުމަންޓެވެ. އެއީ ޖުމްހޫރިއްޔާގެ ފެށުން ގުޅުވާލެވޭ ބިނާއެވެ. ދެވަނަ ބިނާއަކީ ލިންކަން މެމޯރިއަލްއެވެ. އެއީ ދެވަނަ ފަހަރަށް އެމެރިކާ އުފެދުން ފާހަގަކުރާ ބިނާއެވެ. އެ ބިނާއަކީ އެމެރިކާގެ އަހުލީ ހަނގުރާމަ ހިނގާ، އެ ޤައުމު އެއްބައިވަންތަވެ އެއް ޤައުމަކަށްވުން ފާހަގަކުރާ ބިނާއެވެ (ސްޓީވަން ޖޯންސްޓަން،2001). މިކަމުން ދޭހަވަނީ ޤައުމިއްޔަތުގައި މާޒީ އެކުލެވޭ މިންވަރެވެ. މިހާރު މި ދެކޭ ތަސައްވުރު އެމެރިކާއަށް ގެނެސްދިނުމުގައި މި ހަނދާނީ ބިނާތަކަކީ މުހިންމު ތަންތަނެވެ. އެއީ އެމެރިކާނުންނާއި އެމީހުންގެ މާޒީ ގުޅުވައިލަދިން ތަންތަނެވެ. އަދި މާޒީގެ އިހުސާސުން ޤައުމީ ޖަޒުބާތު ހިލުވާލަދިން ތަންތަނެވެ. އެހެންވީމާ ޤައުމު ޤައުމެއްގެ ގޮތުގައި އޮތްކަން އެނގެނީ މާޒީގެ ސަބަބުންކަން ގަބޫލުކުރަންޖެހެއެވެ (އެރިކް ހޮބަސް ބޯމް، ރޭންޖަރ ޓެރެންސް، 1983).

People walk one the frozen Reflecting Pool at the National Mall, Sunday, Jan. 7, 2018, in Washington. The bitter cold that followed a massive East Coast snowstorm should begin to lessen as temperatures inch up and climb past freezing next week. ( AP Photo/Jose Luis Magana)

ގަބޫލު ނުކުރެވުނަސް، ޤައުމެއް ދެމިއޮތުމުގެ ހައްގު ބިނާވެފައި ވަނީ ވެސް އެބައެއްގެ ތާރީޚުގެ މައްޗަށެވެ. އަދި ޤައުމެއް ކުރިއަށް ދާންވާ ގޮތް ކަނޑައެޅެނީ ވެސް މާޒީއަށް ބަލައިގެންނެވެ. ވޮޝިންޓަން މޮނިއުމަންޓާއި ލިންކަން މެމޯރިއަލް އަކީ ހަމައެކަނި އެމެރިކާގެ މާޒީއެއް އޮތްކަން ބަޔާންކުރާ ދެ ބިނާއެއް ނޫންނެވެ. އެއީ މިނިވަންކަމާއި އިންސާފަށް މަސައްކަތް ކުރިކަމާއި މަސައްކަތް ކުރާނެކަން ވެސް އަންގައިދޭ ދެ ބިނާއެވެ. އެހެންވީމާ މާޒީން، ޤައުމެއްގެ އަމިއްލަ ވަންތަކަމާއި ޤައުމެއްގެ ސިފަތައް ވެސް ބަޔާންކޮށްދެއެވެ. ރާއްޖެއަށް ވިސްނާލާއިރު ބޮޑުތަކުރުފާނުގެ ގަނޑުވަރާއި ޢަލީ ރަސްގެފާނު ޒިޔާރަތަކީ އެފަދަ ތަންތަނެވެ. އެ ތަންތަނުން ރަމްޒު ކޮށްދެނީ ހަމައެކަނި ދިވެހީންގެ ތާރީޚެއް ނޫނެވެ. ދިވެހިންގެ މިނިވަންކަމާއި ޤައުމީ ޖޯޝާއި ފޯރި ވެސް އެ ގަނޑުވަރުން އުފައްދައިދެއެވެ. އެ ތަނާ ގުޅިފައިވާ އެތައް ހަނދާންތަކަކުން ޤައުމީ ލޯބި އާލާކޮށްދެއެވެ. އެހެންވީމާ މާޒީގެ ޖީލުތަކަށް ނިސްބަތްވާކަމުގެ އިހުސާސް ކުރުމަކީ ޤައުމީ ބަޠަލުންގެ ޒަޚަމުތަކާއި އެ ބަޠަލުންގެ ހިތްވަރާއި ޢަޒުމާއި އެ ބަޠަލުންގެ ޙިކުމަތްތެރިކަން ވަރުގަދައަށް އިހުސާސް ކޮށްދޭ ކަމެކެވެ. މިފަދަ ކޮންމެ ކަމެއް ގުޅިފައިވަނީ އެބައެއްގެ ތާރީޚާ ކަމަށް ވާތީ ޤައުމީ ލޯބި އެ ތާރީޚާ ވަކިކުރެވެން ނެތްކަން ޔަގީން ކުރެވެއެވެ.

ޤައުމީ ލޯތްބަކީ ތާރީޚީ ލޯތްބެކެވެ. ތާރީޚާ ގުޅިފައިވާ ލޯތްބެކެވެ. އެ ލޯބި އުފެއްދުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ތާރީޚު ދަސްކުރުމެވެ. ޤައުމުގެ ތާރީޚާއި ދިރިތިބީން ގުޅުވާލުމެވެ. ޤައުމެއްގެ ހައިސިއްޔަތުން ކުރި ތަޖުރިބާ ދިރިތިބީންނަށް ކިޔައި ދިނުމެވެ. ޤައުމަށްޓަކައި ވީ ޤުރުބާނީއާއި އެ ޤުރުބާނީގެ އަގު ޅަ، ޒުވާން ސިކުނޑިތަކުން ވަޒަންކުރުވުމެވެ. އެކަން ކުރެވޭނީ ތާރީޚަށް ލޯބިކުރާ ޖީލެއް ބިނާކުރެވިގެންނެވެ.

ރިފަރެންސް:

ރިކް ކޮސްޓަރމޭން، ސޭމޯ ފިޝްބެޗް. (1989). ޓޫވަރޑް އެ މެޝަރ އޮފް ޕެޓްރިއޯޓިކް އެންޑް ނެޝަނަލިސްޓިކް އެޓިޓިއުޑް. ޕޮލިޓިކަލް ސައިކޮލޮޖީ، 10(2)، 257-274.

އެރިކް ހޮބަސް ބޯމް، ރޭންޖަރ ޓެރެންސް. (1983). ދަ އިންވެންޝަން އޮފް ޓްރޭޑިޝަން. ކޭމްބްރިޖް: ކޭމްބްރިޖް ޔުނިވަރސިޓީ ޕްރެސް.

މާކޫސް ކެމެލްމިއަރ، ޑޭވިޑް ވިންޓަރ (2008). ސޯވިންގ ޕެޓްރިއޯޓިޒަމް، ބަޓް ރީޕިންގ ނޭޝަނަލިޒަމް؟ ކޮންސިކްއެންސް އޮފް އެކްސްޕޯޝަރ ޓު ދަ އެމެރިކަން ފްލޭގް. ޕޮލިޓިކަލް ސައިކޮލޮޖީ، 29(6)، 859-879.

މިޝޭލް ފޫކޯލްޓް، ބަރޓަނީ މައުރޯ، އެވާޑް ފްރޭންކޮއިސް. (2004). ސޮސައިޓީ މަސްޓް ބީ ޑިފެންޑެޑް: ލެކްޗަރސް އެޓް ކޮލެޖް ޑި ފުރާންސް، 1975-76. ލަންޑަން: ނިއުޔޯކް ޕެންގުއިން.

ސްޓީވަން ޖޯންސްޓަން. (2001). ޕޮލިޓިކަލް ނޮޓް ޕެޓްރިއޯޓިކް: ޑިމޮކްރެސީ، ސިވިކް ސްޕޭސް އެންޑް ދަ އެމެރިކަން މެމޯރިއަލް/ މޮނިއުމަންޓް ކޮމްޕްލެކްސް. ތިއަރީ އެންޑް އިވެންޓް 5، 2.

ޔޭލް ޒެރުބެވެލް. (2004). ދަ ޕޮލިޓިކްސް އޮފް ރިމެންބަރެންސް އެންޑް ދަ ކޮންސަޕްޝަން އޮފް ސްޕޭސް: މަސާޑާ އިން އިޒްރޭލީ މެމޯރީ. މެމެރީ އެންޑް އިންޕެކްޓް އޮފް ޕޮލިޓިކަލް ޓްރާންސްފޯމޭޝަން އިން ޕަބްލިކް ސްޕޭސް. 233-52 ޑިޔުކް ޔުނިވަރސިޓީ ޕްރެސް.

ޝެއަރކުރެއްވުމަށް