މަނިކުފާނާއި ޙަސަން ދީދީ އެތަކެއް އަހަރުތަކެއް ވުމަށްފަހު ބައްދަލުވީ ޓްރެކް ދަނޑުންނެވެ. މަނިކުފާނަކީ ޙަސަން ދީދީ ސްކޫލް ދައުރުގެ ރައްޓެއްސެކެވެ. މަނިކުފާނު ފެނުމުން ޙަސަން ދީދީ އަހާލިއެވެ.

ޙަސަން ދީދީ: ކޮބާ މިހާރު ހާދަ ފަލަވެއްޖޭ ދޯ!؟

މަނިކުފާނު: އާން …! (ހޭން ފެށުމަށްފަހު) ފަލަ މީހުން އަންނަ ތަނެކޭ މީ..!! މިކަމެއް ނެތް ކުރެވޭކަށް….!! މީ ވާވަރުގެ ކަމެއް ނޫން..!! އެކަމު، މިކަން ނުކޮށެއް ވެސް ނުވާނެ ..!! ޑޮކްޓަރ ބުނީ ހަނޑޫ، ހަކުރު، ފުށް ވެސް ހުރީ މަތީގައޭ..! އަދި ތެޔޮ ވެސް މައްޗޯ..!

ޙަސަން ދީދީ: ކޮންކަމެއް ނުކުރެވޭ ވާހަކަ ތިބުނީ؟

މަނިކުފާނު: ކަސްރަތެއްނު…. މިހާރު އެއް މަސްވީ މިކަމެއްގައި އުޅޭތާ… ހިކެނީކީ ނޫން… ބަރުދަން ލުއި ވަނީކީ ނޫން… ހީވާނީ ހައްތަހާ ބަރުވެފަ ފަލަ ވާހެއް…!

ޙަސަން ދީދީ: (ހައިރާން ވެފަ) އޭ …. ! ބަރުވަނީއްޔޭ …..!  ފަލަވަނިއްޔޭ….! ކިހިނެއް ކެއުން……..!؟

މަނިކުފާނު: (ބޯކަހާލުމަށް ފަހު) ކެއުންދޯ….؟ ގޮސް 10 ރޮށްޓާއި ރިހަ، މެންދުރު ބަތް ކާއިރު ކޯކު ނޫނީ ޖޫސް…. އެވެސް ހަކުރު އަޅައިގެން، ދެން މިހެން އުޅެފަ ހޮޓަލެއް ފެނުނީމަ އެތަނަކަށް…..ރުކެއް ފެނުނީމަ މީހަކަށް އާދޭސް ކޮންގެން ރުކުން ކުރުބައެއް ބޯލަން…! ދެން އޮތީ ރޭގަނޑުގެ ވާހަކަ..  ރޭގަނޑު އާންމުކޮށް ކަނީ، ސަބްމެރިން ނޫނީ ޕިއްޒާ…. އަދި އަންހެނުން ގޮވައިގެން ވަރަށް ގިނައިން މޭރީ ބްރައުނަށް ވެސް ދަން…… އަދި ނުވިތާކަށް ނިދުމުގެ ކުރިން ކަޕް ނޫޑުލިސްއެއް ކައިގެން ނިދަނީ، މިވަރު ރަނގަޅެއްނު…!

ޙަސަން ދީދީ: (ބޯ ހޫރާލުމަށްފަހު) ނޫނޭ… ދެން ރަނގަޅު ވާނީ ތިވަރަކަށް…! ބަލަ މޮޔަގަނޑާ….! ކަސްރަތު ކުރާ މިންވަރަށް އަހަރެމެން ކެއުމަށް ވެސް ބަލަންޖެހޭނެ..! ކެއުމުގައި ވެސް ވަކި އުސޫލުތަކެއް ގެންގުޅެންޖެހޭނެ..! ފަލަވަނިއްއޭ، ބަރުވަނިއްއޭ، ކިޔަސް ކަމަކު ނުދާނެ….! ކެވޭ ކާނާއަކީ ކިހާ މުހިންމު އެއްޗެކަށް އެނގެންވާނެ …..!

ޝެއަރކުރެއްވުމަށް