1988 ނޮވެންބަރު 3 ވަނަ ދުވަހަކީ ހަނދާނުން ފިލައިގެން ނުދާނެ ތާރީޚެކެވެ. އެ ތާރީޚު މީހަކު ބުނާ އަޑު އިވުނަސް ވެސް ކަންފަތުގައި ގުގުމައިގެންދަނީ އެ ދުވަހު އެތަންމިތަނުން ގޮވަމުން ދިޔަ ވަޒަންތަކާއި އުންޑަތަކުގެ އަޑެވެ. އެ ރެއާއި އެ ދުވަހުގެ އެ ނާމާން ބިރުވެރި ވަގުުތުކޮޅު ސިފައިންގެ ތެރޭގައި ދެމިގެން ދިއައީ ކުޑަކުޑަ ހިނދުކޮޅަކަށެވެ. ކަނޑުވާ މީހާ ކަނޑުވާ ވަގުތު ބިރުގަންނަ ފަދައިންނެވެ. އަދި ކަނޑުވުމުން އެ މީހާގެ ކިބައިން ކަނޑުވުމުގެ ބިރުވެރިކަން ފިލައިގެންދާ ފަދައިންނެވެ.

ގަދަނިދީގައި ނުހަނު އަރާމުގައި އަތް ބޯދަށުލައިގެން ނިދާފައި ތިބި ސިފައިންނަށް އިވުނު ގަދަފަދަ އަޑުފަށްގަނޑާ އެކު ފުންމައިގެން ތެދުވެވުނު އިރު އެ ލިބުނު ކުއްލި ހައިރާންކަމާއި ބިރު ފިލާގޮސް މަދު ސިކުންތުކޮޅެއްގެ ތެރޭގައި ހިތްވަރުގަދަ ސިފައިން ދިފާޢުގެ މަގާމުތަކުގައި ޤާއިމްވެ، އުނހޫ ތަކުރާ، ނިކަން އެއްފިޔަވަޅު ވެސް ކުރިއަށް ޖެހިލަބަލާށޭ! ބުނާ ބީދައިން ނޭވާގައި ހޫނުކަން ހުރިހާ ހިނދަކުން ހަށިގަނޑާ ވަކިނުވާނޭ ވަރުގަދަ ގަދަ ހިތްވަރާއި މަތިވެރި ޢަޒުމާ އެކުގައެވެ. ނަތީޖާއަކީ އެންމެ އަށާރަ ވަރަކަށް ގަޑިއިރު ތެރޭ ﷲ ގެ ރަޙުމަތާއި ތަނަވަސް ނަޞްރު ލިބިގެން ދިއުމެވެ. 

އައްޑަނަ މަޖައްލާއިން އެ މަޖައްލާގެ 24 ވަނަ އަދަދަށް އާޓިކަލަކަށް އެދިވަޑައިގެން އިރު އެ އަދަދުގެ ތީމަކީ ”ނޮވެންބަރު ތިނެއް“ ކަމުގައި ވިދާޅުުވުމުން އަޅުގަނޑުގެ ހިތުގައި ސުވާލުތަކެއް އުފެދިގެން އައެވެ. އަދި އެ ސުވާލުތަކަށް ޖަވާބެއް ހޯދުމަށް އަމިއްލަ ޟަމީރު ބުނަމުން ދިއައެވެ.

”ނޮވެންބަރު 3“ ޚާއްޞަވަނީ ކީއްވެެގެންތޯ މިއަދު ”ޒުވާން“ ޒުވާނަކު ސުވާލުކުރުމަކީ ހަމަ އެކަށީގެންވާ ކަމެެކެވެ. އެ ސުވާލަކީ ކުޑަކޮށް އުމުރުން ދޮށީމީހަކަށް މުޅިން ބޭކާރު ސުވާލަަކަށް ނޫނީ ނުވާނެއެވެ.

1988 ނޮވެންބަރުު 3 ވީ ބުރާސްފަތި ދުވަހު މި ކުޑަކުޑަ މީސްކޮޅު މަދު، ޤައުމުގެ ވެރިރަށް މާލޭގައި އެ ހިނގާދިޔަ ޢުދުވާނަކީ ޤައުމީ އަދި ވަޠަނީ ޚިޔާލުގެ ދިވެއްސަކަށް މި ޤައުމުގައި ހިންގަން ކީއްކުރަންތޯ، އެހެން ޤައުމެއްގައި ވެސް ދުވަހަކު ވެސް ހިންގަން ގަބޫލުކުރެވޭނެ ކަމެއް ނޫނެވެ.

ތިމާގެ އަމިއްލަ ޤައުމާ ދެކޮޅަށް ބޭރުގެ ސިފައިންގެ ބަޔަކު ގޮވައިގެން އައިސް އެންމެ ޒަމާނީ ހަތިޔާރާ އެކު އަރައި ސަރުކާރު ވައްޓާލުމަށް ހިންގޭ ޢަމަލަކީ އެމީހެއްގެ ޤައުމަށް ކުލުނުގެ ކިތަންމެ ކުޑަ މިންވަރެއް ހިތުގައި ހިނގާފައިވާ މީހަކު ވެސް ގަބޫލު ކުރާނޭ ކަމެއް ނޫނެވެ. އެހެންނަމަވެސް އާދެ! އެހެންނަމަވެސް…..

އެއީ މި ބައިމަދު ދިވެހިންނަށް އާކަމެއް ނޫނެވެ. ރާއްޖޭގެ ޤަދީމީ ތާރީޚު ވަނީ އެފަދަ ކަޅުޞަފުޙާތަކުން އަނދިރިވެފައެވެ.

1988 ނޮވެންބަރު 3 ވީ ބުރާސްފަތި ދުވަހަކީ ފަހުގެ ތާރީޚެއްގައި، މި ދެންނެވި ފަދަ ޢުދުވާނީ ޢަމަލެއް ދިވެހިންގެ މަދު ބަޔަކު އިސްވެ ތިބެގެން ބޭރު ޤައުމެއްގައި ވެރިކަމާ ތޮޅެމުން ގޮސްގޮސްތިބި ޖަމާއަތެއްގެ ބަޔަކު ގޮވައިގެން އައިސް، މި ޤައުމުގައި އޮތް ޞުލްޙަވެރި ވެރިކަން ގަދަބާރުން ވައްޓާލުމަށް މަސައްކަތްކޮށް، އެ ޙަމަލާގެ ސަބަބުން އެތަކެއް ދިވެހިން ޝަހީދުވެ، މާލޭގެ މަގުތައް އެ ޝުހަދާއުންގެ މާތް، އަގު ބޮޑު ލެއިން ފެވިގެން ދިޔަ ދުވަހެކެވެ.

މި ދެންނެވި ނޮވެންބަރުު 3 ވަނަ ދުވަހުގެ ހާދިސާ ވަނީ އެ ހާދިސާ ހިނގައިދިޔަތާ މާގިނަ ދުވަސްތަކެއް ނުވަނީސް އޭރަށް ލިބެންހުރި މަޢުލޫމާތު (1988 ނޮވެންބަރު 3 އިން 1989 އަހަރުގެ ނިޔަލަށް) 1991 ނޮވެންބަރު 3 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ލިޔެ ޝާއިޢުކުރައްވާފައެވެ.

އަދި އެއަށްފަހު ސިފައިންގެ ތާރީޚުގެ ދެވަނަ ވޮލިއުމް ”ނޮވެންބަރު ތިނެއް““ ގެ ނަމުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން 1988 ނޮވެންބަރު 3 ވަނަ ދުވަހު ދިވެހިންގެ ބަޔަކު އިސްވެތިބެގެން ބޭރު ޤައުމެއްގެ ހަތިޔާރުއެޅި ބަޔަކު ގެނެސްގެން އެ ހިންގި ނާކާމިޔާބު ޢުދުވާނުގެ ހާދިސާއާ ބެހޭގޮތުން ވަރަށް ފުރިހަމަ ފޮތެއް 2012 ނޮވެންބަރު 3 ވަނަ ދުވަހު ވަނީ ލިޔެ ޝާއިޢު ކުރައްވާފައެވެ.

އަދި އޭގެ ފަހުން ވެސް ޤާބިލު އެތަކެއް ލިޔުއްވުންތެރިންނެއް 1988 ނޮވެންބަރު 3 ގެ ޢުދުވާނާ ބެހޭ ފޮތްފޮތް ވަނީ ލިޔުއްވައި ޝާއިޢު ކުރައްވާފައެވެ.

1988 ނޮވެންބަރު 3 ވަނަ ދުވަހުގެ ޢުދުވާނާ ގުޅިގެން އަޅުގަނޑުގެ ހިތުގައި އުފެދޭ ސުވާލުތައް ގިނަގުނައެވެ. އޭރު ރާއްޖޭގެ ޙާލަތުވަނީ ކޮންމެފަދަ އަގެއް ދީގެން ވެސް ސަރުކާރު ބަދަލުކޮށްލަން ޖެހޭފަދަ ދަށު ދަރަޖައެއްގައި ހެއްޔެވެ؟ އޭރު އޮތް ސަރުކާރު އެހާ އަނިޔާވެރި ހެއްޔެވެ؟ ނޫނީ ބާޒާރުގައި މުދާ އެހާތަދު ހެއްޔެވެ؟ ވެރިން އަނިޔާވެރިވެފައި ޚުދު މުޚުތާރު ހެއްޔެވެ؟ ނޫނީ ޢަބްދުﷲ ލުޠުފީއާއި ސަގަރު އަޙުމަދު ނާޞިރަކީ ގަދަބަދަވިކަމުން ސަރުކާރު އިންޤިލާބުކޮށްލައިގެން ޤައުމުގެ ވެރިކަން ކުރުމަށް އެކަށީގެންވާ ދެމީހުން ހެއްޔެވެ؟ ޤައުމުގެ ވެރިކަން ދިވެހިން ޙަވާލުކުރާ ފަދަ، މީހުންގެ މެދުގައި މަގުބޫލު ދެ މީހުން ހެއްޔެވެ؟

1988 ނޮވެންބަރު 3 ވަނަ ދުވަހު ހަތިޔާރާ އެކު މާލެއެރި ޕްލޮޓް ޖަމާޢަތުގެ މީހުން ސިފައިންގެއަށް ޙަމަލަދޭން ފެށުމުން ކަންތައްކުރެވުނީ އެފަދަ ވަގުތެއްގައި ކަންތައްކުރަންވާ އެންމެ ރަނގަޅުގޮތަށްތޯ ކުރެވޭ ސުވާލެވެ. ދެންވެސް މިފަދަ އެތަކެއް ސުވާލުތަކެކެވެ.

އުފެދުނު އެއް ސުވާލަކީ މިކަމުގައި ކުރެވުނު ތަޙުޤީޤުގައި، އެތަކެއް ފަދަމެއްގެ ފުންމިނުގައި ފޮރުވިފައި އޮވެދާނެ ޙަޤީޤަތެއް، އަދި ހާމަ ނުވެއޮތް ސިއްރެއް އޮވެދާނެތޯ ކުރެވުނު ސުވާލެވެ. އަސްކަރީ ވިސްނުމަކުން ވިސްނައިގެން  ގާބިލު ޓީމަކުން މިކަން އަލުން ބަލައި، ދިރާސާ ކުރަންވެއްޖެކަމަށް ފެނެއެވެ. ނޮވެންބަރު ތިނެއްގެ ކުރިން އަޅުގަނޑުމެން ތެރޭ ކަންހިނގާފައިވާ ގޮތެވެ. މިފަދަ ޢުދުވާނަކަށް މަގުފަހިވެދާނެ ފަދަ ސަބަބެއް މެދުވެރިވެފައި ވޭތޯ ބެލުމަށެވެ. އަދި ނޮވެންބަރު ތިނެއް ދުވަހު ކަން ހިނގިގޮތާއި އަދި އޭގެފަހުން ކަން ހިނގާ ދިޔަގޮތް ދެނެގަތުމަށެވެ. މިއަދާއި މާދަމާ ވެސް ދިމާވެދާނެ ކަމަކަށް ދުރާލައި ހޭލާ ތިބުމަށެވެ.

އަޅުގަނޑު ވަޒަންކުރާ ވަޒަން ކުރުމުގައި އެ ދުވަހު ޤައުމަށް ދިމާވެފައި އޮތް ނުރައްކައުތެރި ކަމަށް ވުރެ މިއަދު ޤައުމަށާއި ދީނަށް ކުރިމަތިވެފައިވާ ނުރައްކާތެރިކަން ވަކި ކުޑައެއް ނޫނެވެ.

1988 ނޮވެންބަރު 3 ގެ ޢުދުވާނު ރޭވުނީ ހަމަ މ. ވިލުދޮޅީގައި މަސްތުވެފައި ތިބި، ޒުވާންކަމުގެ ޢަމަލު އޭރު ހަމައަށް ނުފިލާތިބި ދޭއްތިނެއް ޒުވާނުންގެ މެދުގައި މަސްތުގެ ޙާލުގައި ތިބެގެން ދެކެވުނު ވާހަކައަކުން ބާވައެވެ. އަދި އެކަމުގެ އަޑީގައި އަދި މިހާތަނަށް ތިލަވެގެންނުދާ، ވަރަށް އާދައިގެ ކޮށި ބީރު ކަންފަތްތަކަށް ނީވޭ ގިރާވަރު ސިއްރެއް ނޯންނާނެ ބާވައެވެ. އެފަދަ ސިއްރެއް އޮތްނަމަ އެ ސިއްރުގެ ބޮލުން ޢުމަރު ޢައްޔާރު ގެންގުޅުނު ކަމަށްބުނާ ބޮކުހަމުން ހަދާފައިވާ، ތާކިހާ ނެގި، ގިނަ ބައެއްގެ ފުސްއަރާފައިވާ ލޯތަކަށް އެ ސިއްރު ހާމަވާނީ ކޮންދުވަހަކުން ބާވައެވެ. ނޫނީ އެކަން ހަމަ ހިނގީ 1991 ވަނަ އަހަރު ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ފޮތް ”ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާ“ ގައި ވާފަދައިން ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީ ހަމައެކަނި މުއްސަދިކަމާއި ޖާހާއި ނުފޫޒަށް ބޭނުންވެގެން ހިންގި ޢަމަލެއްގެ ގޮތުގައި ބާވައެވެ.

މި ދެންނެވި ސުވާލުތައް އުފެއްދޭ ބައެއް ސަބަބު ވެސް އެބަހުއްޓެވެ. ޢަބްދުﷲ ލުޠުފީ ބަންދުން ވީއްލުމުން 1986 ވަނަ އަހަރު އޮކްޓޫބަރު މަހު އަނބިދަރިން ގޮވައިގެން ކޮޅުނބަށް ގޮސް އުޅުނުއުޅުމުގައި ސައިބޯން ވަދެއުޅުނު ކަޑައަކުން ދިމާވެ ދެކެފަރިތަވި ތަމަޅައެއް (ރުޑްލާ) މެދުވެރިވެގެން 1987 ޖޫން މަހު މައުންޓްލެވެނިޔާގައި ހުންނަ ޕްލޯޓް ޖަމާޢަތުގެ ލީޑަރާ ބައްދަލުވެ ތަޢާރަފުވި އިރު، ޢަބްދުﷲ ލުޠުފީ ގާތު އެހުމަކާ ނުލައި ޢަބްދުﷲ ލުޠުފީގެ ވަނަވަރު މައުންޓްލެވެނިޔާގެ ލީޑަރަށް އެނގިފައި އޮތުމާއި، އަދި އޭރު ޕްލޯޓް ޖަމާޢަތުގެ ވެރިޔާ އުމާ މަހޭޝްވަރަމް، ޢަބްދުﷲ ލުޠުފީއާ ބައްދަލުކުރަން ހަމަޖެހިފައިވުމާއި މައުންޓްލެވެނިޔާގެ ވެރިޔާ ޢަބްދުﷲ ލުޠުފީއާ މި ބައްދަލުކުރީ އެކަން ޢަބްދުﷲ ލުޠުފީއަށް އަންގައި އެ ބައްދަލުވުން ހަމަޖައްސުމަށްކަން ”ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ“ ފޮތުގެ 43 ވަނަ ޞަފުޙާގައި ވާ ލިޔުންތަކުން ދޭހަކުރެވޭތީއެވެ. މިއިން އުފެދޭ ސުވާލަކީ ޢަބްދުﷲ ލުޠުފީ އުމާ މަހޭޝްވަރަމަށާއި މައުންޓްލެވެނިޔާގައި ހުންނަ ކޮމާންޑަރު އިން ޗީފް ވަސަންތީ (ޖާނޫ) އަށާއި ބަނބުޅަޕެޓިޔާގެ ކޯވިލް ކައިރީ ހުންނަ ސައިވިއްކާ ކަނޑައަކަށް ވަދެނުކުމެވާ ރުޑްލާ ކިޔާ އެ ކަޑައިގެ ކަސްޓަމަރަކަށް ތަޢާރަފުކޮށްދިނީ ކާކު ހެއްޔެވެ؟ ކުރުކޮށް ދަންނަވާނަމަ ޢަބްދުﷲ ލުޠުފީ ޕްލޮޓް ޖަމާޢަތަށް ތަޢާރަފުކޮށްދިނީ ކާކު ކޮންބޭނުމެއްގައި ތޯއެވެ!؟ ކުށުގެ ރެކޯރޑް އޮތް ކޮންމެކަމެއް ވެސް ކޮށްފާނެ ކަމަށް ބެލެވޭ ޢަބްދުﷲ ލުޠުފީއަކީ ނޮވެންބަރު ތިނެއްގެ ހާދިސާގައި މީހަކު ނުވަތަ ބަޔަކު އެކަން ރާވާ ހިންގުމުގައި ބޭނުންކުރި ވަސީލަތެއް ނޫންބާވައެވެ. ހިތަށް އަރައެވެ. މިއީ ހިތުގައި އުފެދުނު ސުވާލުތަކެކެވެ. މިއީ މިކަމުގައި އެކަށީގެންވާ ސުވާލުތަކަކަށް ނުފުދޭތޯއެވެ؟

އަދިވެސް އެހެން ސުވާލެކެވެ. ޤައުމީ ދިފާޢީ ބާރުން 2012 ނޮވެންބަރު 3 ވަނަ ދުވަހު ޝާއިޢުކުރެއްވި ”ނޮވެންބަރު ތިނެއް“ ފޮތުގެ ބާބު 1 ގައި ވާ ”ޙަމަލާ ރޭވުމުގެ އެންމެފަހު ޖަލްސާ“ މި ހެޑިންގ ދަށުގައި ލިޔުއްވާފައިވެއެވެ. ”ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫނު ޢަބްދުލްޤައްޔޫމު ރާއްޖޭގައި ވަޑައިގެން ނެތް ދުވަސްކޮޅެއްގައި މި ޙަމަލާ ދީފިނަމަ ކާމިޔާބުކުރުމަށް ފަސޭހަވާނެކަމަށް އުމާ މަހޭޝްވަރަމަށާއި ލުޠުފީއަށް ފެނުނެވެ. އެގޮތަށް ނިންމައިގެން ތިއްބާ، 1988 އޮކުޓޫބަރުު މަހު 14 ވަނަ ދުވަހު ސިއްކަ އަޙްމަދު އިސްމާޢީލު މަނިކު ސިންގަޕޫރުގައި ހުރެފައި ލުޠުފީއަށް ފޯނުން ގުޅައި، ރައީސް މައުމޫނު އޮކުޓޫބަރު 29 ވަނަ ދުވަހު އިންޑިއާއަށް ފުރާވަޑައިގަންނަވާކަން ޔަޤީންކޮށް ދިނެވެ.“ ދެންނެވި ޢިބާރާތް ކިޔާލުމުން އަނެއްކާ ވެސް އިތުރު ވަސްވާސްކަން އުފެދިގެން އައެވެ. ރައީސުލްޖުމްހޫރިއްޔާ އޮކުޓޫބަރުު 29 ދުވަހު އިންޑިއާއަށް ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވާކަން ސިއްކަ އަޙްމަދު އިސްމާޢީލް މަނިކަށް އެނގިލެއްވީ ކިހިނެއް ހެއްޔެވެ؟ ސިއްކަ އަޙުމަދު އިސްމާޢީލު މަނިކަށް ރައީސުލްޖުމްހުރިއްޔާގެ ދަތުރުފުޅާ ބެހޭ މަޢުލޫމާތު ފޯރުކޮށްދިނީ ކާކު ކޮންބޭނުމެއްގައި ތޯއެވެ؟ މަޢުލޫމާތު އަދި އެކަން ޢަބްދުﷲ ލުޠުފީއަށް ސިއްކަ އަޙުމަދު އިސްމާޢީލް މަނިކު އަންގަން ޖެހުނީ ކީއްވެގެން ހެއްޔެވެ؟ މިކަމުގެ ފަހަތުގައި ފޮރުވިފައިވާ ސަބަބެއް ނުވާނެކަމަށް ގަބޫލުކުރެވޭ ހެއްޔެވެ!؟ ރައީސްގެ މި ދަތުރުފުޅު އިސްވެ ދެންނެވިފަދައިން ގިރާވަރުސިއްރަށް ނުވޭ ތޯއެވެ!

އަޅުގަނޑު 1988 ނޮވެންބަރު 3 ވީ ބުރާސްފަތި ދުވަހުގެ ހަނދާނީ ޖަޒުބާތުގައި ޖެހި އިޙުސާސްތައް އަތްފޯރާ ފަށުން ބޭރުވީ ކަމުގައި ވެދާނެއެވެ. އަޅުގަނޑު ދެންނެވޭތޯ މި ބަލަނީ އަދި މުޅިން އެހެން ވާހަކައެކެވެ. އަޅުގަނޑުމެން ދިވެހިންގެ އަޝްރާފުންގެ ތެރެއިން މަދު ބޭފުޅުންކޮޅެއް ރާއްޖެއިން ބޭރުގައި ތިއްބަވައިގެން ބޭރުގެ ބާރުތަކުން ރާއްޖެ އަރާންވެއްޖެ ކަމަށް ވިދާޅުވެ އެކަމަށް ތަކުރާރުކޮށް އެދިވަޑައިގަންނަވަމުން ގެންދަވާ ވާހަކައެވެ. ކޮންބައެއްގެ ކިބައިންތޯއެވެ. 1988 ނޮވެންބަރު 3 ވަނަ ދުވަހު ވެސް އަދި އަބަދުވެސް އަޅުގަނޑުމެންގެ ސަހަރޯވެރިޔާގެ ކިބައިންނެވެ.

ތަކުރާރުކޮށް މެދުނުކެނޑި މިގޮވެލިފަތި ގޮވަމުންދާ އިރު 1988 ނޮވެންބަރު 3 ވީ ބުރާސްފަތި ދުވަސް ޙަޤީޤަތަކަށް ހެދުމަށް ބޭނުންވެގެން އެންމެ ބޮޑު މަސައްކަތެއް ކުރި، މީހަކު ހެޔޮކަމެއް ކޮށްދިނަސް ތެޔޮހަމެއް ވެސް ދޭން ނުދަންނަ ޢަބްދުﷲ ލުޠުފީ މިހާރު ވެސް އުޅެމުންދަނީ މެޑިކަލަށްގޮސް ޙުކުމުން ފިލައިގެން ރާއްޖެއިން ބޭރުގައި ނޫންތޯއެވެ. ވީމާ، ނަޞްރުގެ ދުވަސް ފަދަ ޤައުމީ ކޮންމެ މުނާސަބަތެއްގައި މުޅި ޤައުމު މިކަންކަމާ މެދު ވިސްނާ ސަމާލުވާން ނުޖެހޭ ތޯއެވެ.

އަޅުގަނޑުގެ އިޚްލާޞްތެރި ދުޢާއަކީ 1988 ނޮވެންބަރު 3 ވީ ބުރާސްފަތި ދުވަސް ފަދަ ބިރުވެރި ނުރައްކާތެރި ދުވަހެއް އަލުން ދިވެހިންނަށް މިންވަރު ނުކުރެއްވުމެވެ. ކުރިއަށް ދިވެހި ޤައުމު! ކުރިއަށް ދިވެހި ސިފައިން!

ޝެއަރކުރެއްވުމަށް