ދިވެހިންގެ ތާރީޚު ޞައްޙަ މަގުން އެނގެން ފެށިތާ ނުވަ ޤަރުނު ވަނީއެވެ. މި ދިގު މުއްދަތުގައި ދިވެހިން ވަނީ ފަޚުރުވެރި ތާރީޚެއް މާޒީއަށް ދޫކޮށްފައެވެ. ދުނިޔޭގެ ބިޔަ ޤައުމުތަކުގެ ބަނޑުދޮށުގައި، ދުނިޔޭގެ އެންމެ ބޮޑު އެއް ކަނޑުގައި، އިޝްތިރާޖީ މުހިންމު މަޤާމެއްގައި އޮވެ، ދިވެހީން ވަނީ އެބައި މީހުންގެ އަމިއްލަވަންތަކަމާއި ސިޔާދަތު ދަމަހައްޓައިފައެވެ. އެ މީހުން ޤަބޫލުކުރާ ފަލްސަފާ ޙިމާޔަތްކޮށްފައެވެ. އަމިއްލަ ޙަޟާރަތަކާއި ޤައުމިއްޔަތެއް ވަނީ ޤާއިމުކޮށްފައެވެ.
ދިވެހީންގެ އަމިއްލަ ވަންތަކަމާއި ސިޔާދަތު ރައްކާތެރިކޮށް ޙިމާޔަތްކުރެވިފައިވަނީ ކާބަފައިންގެ ބުރަ މަސައްކަތުންނެވެ. އެ މީހުންގެ ހިތްވަރުގަދަ ޖިހާދުންނެވެ. އަގު ނުކުރެވޭފަދަ މަތިވެރި ޤުރުބާނީންނެވެ. މި މަތިވެރި ޖިހާދުގެ މައިގަނޑު ރޫޙަކީ ދިވެހި ޤައުމިއްޔަތެވެ. ކާބަފައިން ހިތްވަރު ލިބިގަތީ ޤައުމިއްޔަތުގެ މަތިވެރި ރޫޙުންނެވެ.
ދިވެހި ޤައުމިއްޔަތު ބިނާވެފައިވަނީ މައިގަނޑު ދެ އަސާސެއްގެ މަތީގައެވެ. އެއީ މާތް ﷲގެ ޙަޟުރަތުގައި ހަމައެކަނި ދީންކަމުގައިވާ މާތްވެގެންވާ އިސްލާމްދީނާއި ދިވެހިއްޔަތެވެ. ދިވެހިއްޔަތޭ އަޅުގަނޑު މި ދެންނެވީ ދިވެހިބަހާއި ދިވެހި ތާރީޚާއި ސަގާފަތް ހިމެނޭ ގޮތުންނެވެ. މި ދެންނެވި ޤައުމިއްޔަތުގައި އެކުވެރިކަމާއި އެއްބައިވަންތަކަން ދިވެހީން ހިފެހެއްޓިއެވެ. ދިވެހީންގެ މިނިވަންކަމާއި ސިޔާދަތަށް ޢަދުއްވުން ނުރައްކާކުރާ ކޮންމެ ފަހަރަކު ދިވެހީން އެއްބައިކުރުވީ ދިވެހީން ހިތްވަރު ލިބިގަތީ މި ދެންނެވި ހަރުދަނާ ޤައުމިއްޔަތުގެ ރޫޙުންނެވެ.

ދުނިޔޭގެ ޗާޓުގައި ދިވެހިރާއްޖެ މި އޮތް މުހިންމު މަޤާމުގެ ސަބަބުން ދިވެހީންގެ މިނިވަންކަމަށް ޙަސަދަވެރިވާ މީހުން އަބަދު ވެސް އުޅުނެވެ. ދިވެހީންގެ ޤައުމު ފޭރިގަތުމަށްޓަކައި އެތައް ގިނަގުނަ ޙަމަލާތަކެއް ވަނީ ދީފައެވެ. ޢުދުވާނުތަކެއް ވަނީ ހިންގައިފައެވެ. އެކަމަކު ނުވަ ޤަރުނުވަންދެން ދިވެހީންގެ މި މަތިވެރި ޤައުމިއްޔަތު ޙިމާޔަތްކުރީ އިސްލާމީ ވަޙުދަތާއި ދިވެހިއްޔަތުގެ ރޫޙުންނެވެ. މިއަދުގެ މިޖީލާ ހަމަޔަށް ދިވެހި ޤައުމު ދިވެހި ކާބަފައިން މިވަނީ ގެނެސްދީފައެވެ. މި މަތިވެރި އަމާނާތް މިވަނީ ދިވެހި މި ޖީލާ ޙާވާލުކޮށްފައެވެ. އެހެންކަމުން ދިވެހީންގެ ދީނާއި އިސްތިޤުލާލާއި ސިޔާދަތާއި މިނިވަންކަން ޙިމާޔަތްކުރުމަކީ މި ޖީލުގެ ދިވެހީން އުފުލަންޖެހޭނެ މަތިވެެރި އަމާނާތެކެވެ.
ދިވެހީން ޙަޟާރާތް ތަރައްޤީވެ ވަރަށް ބޮޑަށް ކުރިއަރައިފައިވާ އިރު، މުޅި ދުނިޔެ ވެސް މިވަނީ ބަދަލުވެފައެވެ. ޢިލްމާއި ޓެކްނޮލޮޖީގެ ރޮނގުން ކުރިއަރައިގޮސް މުޅި ދުނިޔެ މިވަނީ ބަވަނަވެފައެވެ. ސަމާސާ ގޮތަކަށް ދަންނަވާނަމަ ދުނިޔެ މިވަނީ ”ކުނބުރަކަށް“ ވެފައެވެ. އެހެންކަމުން ދިވެހީންގެ ޢަދާވާތްތެރީން ދިވެހީންނަށް ދޭ ޙަމަލާ މިވަނީ މުޅިން އެހެން ވައްޓަފާޅިއަކަށް ބަދަލުކޮށްލައިފައެވެ. އާ އިސްތިރާޖީތަކެއް ބޭނުން ކުރަންފަށައިފައެވެ. މިއަދަކު ގުރާބުތަކެއް އައިސް ކަނޑިބަޑިން ޙަމަލާއެއް ނުދޭނެއެވެ. މިއަދު ޙަމަލާދެނީ އަޅުގަނޑުމެންގެ އެއްބައިވަންތަކަމަށެވެ. ވިހަލަނީ އަޅުގަނޑުމެންގެ ސިކުނޑިތަކަށެވެ.
އާދޭހެވެ! އަޅުގަނޑު ކުރީން ދަންނަވައިލި ފަދަ މުހިންމު މަޤާމެއްގައި އޮތް ދިވެހިރާއްޖެ އާދަޔާ ޚިލާފަށް ތަރައްޤީވެ ކުރިއަރައިދާތަން ބަލަން ތިބުމަކީ އަޅުގަނޑުމެންގެ ޙަސަދަވެރީންނަށް ފަސޭހަ ކަމަކަށް ނުވެއެވެ. މިނިވަން މުސްތަޤިއްލު އިސްލާމީ ޤައުމެއްގެ ގޮތުގައި އޮވެ، އަދި ވަކީން ޚާއްޞަކޮށް ސައްތައިން ސައްތަ މުސްލިމު ޤައުމެއްގެ ނަމުގައި ދިވެހީން ދީމުޤްރާޠީ ނިޒާމު ފައްކާކުރަމުން، ތަރައްޤީވަމުން ކުރިއަރައިގެން އަންނަތަން ބަލަން ތިބުމަކީ މުޅި ދުނިޔޭގައި ނަޞްރާނީ ދީން ފަތުރަން އެތައް ބިލިޔަން ޑޮލަރެއް ކޮންމެ އަހަރަކު ޚަރަދުކުރާ މީހުންނަށް އަޅައިނުލައި ތިބެވޭވަރު ކަމަކަށް ނުވެއެވެ.
މިއަދު ޙަމަލާދެމުން ގެންދަނީ އަޅުގަނޑުމެންގެ ޒުވާން ޖީލުގެ ސިކުނޑިތަކަށެވެ. ދިވެހީންގެ މިނިވަންކަމާއި ސިޔާދަތު ޙިމާޔަތްވެފައި މިއޮތީ ދިވެހީންގެ އިސްލާމީ ވަޙުދަތުގެ ސަބަބުންކަން ދުޝްމަނުން ދަނެއެވެ. އެހެންކަމުން މިއަދު އެ މީހުންގެ މުޅި އަމާޒަކީ ދިވެހީންގެ އިސްލާމީ ވަޙުދަތު ފުނޑުފުނޑުކޮށްލުމަށްޓަކައި ކެނޑި ނޭޅި ތަފާތު ޙަމަލާތައް ދިވެހީންގެ ފިކުރަށް ދެމުން ގެންދިޔުމެވެ. އެކަން ވަރަށް ފުޅާ ދާއިރާއެއްގައި އެ މީހުން އެބަ ކުރެއެވެ.
މިއަދު މި ފިކުރު ބައެއް މީހުންގެ ސިކުނޑިއަށް ވަދެ މޫވެސް ލައިފިއެވެ. ދިވެހިރާއްޖޭގައި ސެކިޔުލާރ ނިޒާމެއް (ދީނާއި ދައުލަތް ވަކިކުރާ ނިޒާމެއް) ޤާއިމުކޮށްގެން ނޫނީ ފުރިހަމަ ޑިމޮކްރެސީއެއް ފައްކާ ނުކުރެވޭނެ ކަމަށް ދިވެހީންގެ މަޝްހޫރު ބައެއް މީހުން ބަހުސް ވެސް ކުރަން ފަށައިފިއެވެ. މި ބަހުސްގެ ތެރެއަށް އިތުރު މީހުން ވަންނަން ފަށައިފިވެސްމެއެވެ.
ނަމަވެސް ދަންނަވަންތޯއެވެ؟ ދިވެހީން ޤަބޫލުކުރާ އިސްލާމްދީނަކީ ހަމައެކަނި ޢިބާދާތުގެ ތެރޭގައި ޤައިދު ވެފައި އޮތް ދީނެއް ނޫނެވެ. ދިވެހީން ޤަބޫލުކޮށްގެން މިތިބަ އިސްލާމް ދީނަކީ މުޢާމަލާތާއި ޢިބާދާތާއި އަޚުލާޤާއި، އަދި ދުނިޔެއާއި އާޚިރަތުގެ ހުރިހާ ކަމެއް އޭގައި ހިމެނިގެންވާ ޝާމިލު ދީނެކެވެ. ﷲގެ ޙަޟުރަތުގައި ހަމައެކަނި ދީނެވެ. އެ ދީނަކީ އިންސާނުން ދުނިޔޭގައި އުޅެންވީ ހުރިހާ މަގެއް އެ ދީނުގައި ހިމެނިފައިވާ ފުރިހަމަ ދީނެކެވެ. އެއީ އިންސާނުން އުޅެންވީ އެންމެ ފުރިހަމަ ގޮތެވެ. ދުނިޔެ ތަޢުމީރުކޮށް އާޚިރަތް ބާއްޖަވެރިކުރުމަށްޓަކައި ޢަމަލުކުރަންވީ ހުރިހާ އުޞޫލުތަކެއް އޭގައި ހިމެނިފައިވާ މަތިވެރި މަންހަޖެވެ. އެހެންކަމުން މިއީ މުސްލިމު ދިވެހިރާއްޖޭގެ ރައްޔިތުންގެ މެދުގައި ބަހުސްކުރެވިގެން ނުވާނެ މައުޟޫޢެއްކަން ކަށަވަރެވެ. އެކަން ދިވެހި މުޖުތަމަޢުން ބަލައެއް ނުގަނެއެވެ. ދިވެހީންގެ ދީން އެކަމަށް ހުއްދައެއް ނުދެއެވެ. ދިވެހި ޤާނޫނުތައް އެކަން ހުއްދައެއް ނުކުރެއެވެ.
ބައެއް މީހުން ޤަބޫލުކުރާ ގޮތުގައި ސެކިޔުލާރ ނިޒާމެއް ޤާއިމުކޮށްފި ނަމަ، ހިތުންރުހުމުން މުސްލިމެއްގެ ގޮތުގައި އުޅެން ބޭނުންވާ މީހުންނަށް އެ ފުރުޞަތު ބޮޑުވާނެއެވެ. އަދި މުސްލިމެއްގެ ގޮތުގައި އުޅެން ބޭނުންވާ މީހުންނަށް އެކަމަކަށް އެއްވެސް ހުރަހެއް ވެސް ނޯންނާނެއެވެ. ނަމަވެސް ދަންނަވަންތޯއެވެ؟ މިއީ ބައެއް މީހުންގެ ސިކުނޑިތަކަށް ވައްދައިދީފައިވާ ވަރަށް ބޮޑު އޮޅުވައިލުމެކެވެ. ދިވެހިރާއްޖޭގައި ސެކިޔުލާ ނިޒާމެއް ޤާއިމުކޮށްފި ނަމަ (މާތް ﷲ އެ ގޮތަށް މިންވަރު ނުކުރައްވާށިއެވެ!) އިސްލާމް ދީން ޙިމާޔަތްކުރާކަށް ދިވެހި ސަރުކާރަކަށް ލާޒިމެއް ނުވާނެއެވެ. އޭރުން ދީނީ ކަމެއްގެ ގޮތުގައި ބަލާނީ ހަމައެކަނި ޢިބާދާތެވެ. އޭރުން ދީނޭ ކިޔައިގެން މީހުން އުޅޭ ހުރިހާ ފަލްސަފާއެއް ތަންފީޒުކުރާން އެންމެންނަށް ހަމަހަމަ ގޮތެއްގައި ފުރުޞަތު ފަހިވާނެއެވެ. ސެކިޔުލާރ ނިޒާމަކީ ނުވަތަ ޢަލްމާނިއްޔަ ފިކުރުގެ މައިގަނޑު މަޤުޞަދަކީ މިއީއެވެ. ދީނަކީ ސަރުކާރުން ބެހޭ ކަމަކަށް ނުވާނެއެވެ. އެކަންކަމާ ޙަވާލުވެގެން އުޅޭނީ އެކިއެކި ޖަމްޢިއްޔާތަކެވެ. މަދަނީ ޖަމްޢިއްޔާތަކެވެ.
އަޅުގަނޑުމެން މުސްތަޤުބަލުގައި ޤަބޫލުކުރާ ގޮތުގައި ކޮންމެ ކަމަކީ ވެސް ދީނީ ކަމެކެވެ. ވެރިކަންކުރުމަކީ ވެސް ދީނީ ކަމެކެވެ. ދޭދޭ މީހުން ކުރާ މުޢާމަލާތަކީ ވެސް ދީނީ ކަމަކެވެ. އަޅުގަނޑުމެން ކުރާ ކޮންމެ ޢަމަލަކީ ވެސް އިސްލާމީ ޝަރީޢަތުގެ ދާއިރާގެ ތެރޭގައި ކުރަންޖެހޭނެ ކަމެކެވެ. މިކަންކަން ސަރުކާރުން ބަލަހައްޓަވަން ވެސް ޖެހޭނެއެވެ. ވީމާ މުސްލިމު ޤައުމެއްގައި ޢަލްމާނިއްޔަތަށް ނުވަތަ ސެކިޔުލަރިޒަމަށް ކުޑަވެސް ޖާގައެއް ދެވިގެންނުވާނެއެވެ.
ދިވެހިރާއްޖެއަކީ ކުދިކުދި ރަށްތަކެއްގައި ވަކިވަކި ޢާއިލާތަކެއްގެ ގޮތުގައި ދިރިއުޅޭ އެކުވެރި ބަޔެކެވެ. ދީނީ ބައިބައިވުން ނެތުމަކީ އެއްބައިވަންތަކަމުގެ އަސާސެވެ. މި އަސާސް ފުނޑުފުނޑުވެއްޖެ ނަމަ، ދުވަހަކު ވެސް ނުހުއްޓުވޭނެ އިޖްތިމާޢީ އަރައިރުމެއް ފެށިގެންދާނެއެވެ. މި އަރައިރުންތަކުގެ ނަތީޖާއަކަށްވާނީ އަހުލީ ތަޅައިފޮޅުމާއި އަނިޔާވެރި ޢަމަލުތަކަށް މަގު ފަހިވުމެވެ. މި ހުރިހާ ކަމެއްގެ ނަތީޖާއަކަށް ވާނީ ދިވެހިރާއްޖޭގެ ތަރައްޤީ ހުއްޓި، ރައްޔިތުން ނިކަމެތިވެ ބިކަވުމެވެ.
ފިކުރުކުރައްވާށެވެ! އިސްލާމް ދީނުގެ ކުދިކުދި ފަރުޢީ މައްސަލަތަކުގައި ވެސް އުފެދިފައިވާ ކުދިކުދި އިޚުތިލާފުތަކުގެ ސަބަބުން ބައެއް ދެބަސްވުންތައް މިއަދު ވެސް އަޅުގަނޑުމެންނަށް ޙައްލުކުރާންޖެހެއެވެ. ވީމާ، ކުޑަކުޑަ އާބާދީތައް އޮންނަ މިއިން ރަށެއްގައި އެ މީހަކު ބޭނުން ދީނަކަށް އުޅެން ހުއްދަދީފި ނަމަ، އަދި ތަފާތު ދީންތަކުގެ ނަމުގައި ގެންގުޅޭ ބާޠިލު ފަލްސަފާތަކުގެ މީހުން އަޅުކަން ކުރާނެ ތަންތަން މި ރަށްރަށުގައި ޤާއިމު ކޮށްފި ނަމަ، އެ އުފެދޭ އަރައިރުން ހުއްޓުވަން އަންނާނީ ކާކުތޯއެވެ؟ މި ފަދަ ދުވަހެއް އަދުވެއްޖެ ނަމަ (އިރާދަކުރެއްވިއްޔާ ދުވަހަކުވެސް ނާންނާނެއެވެ.) ސަރުކާރު އޮންނާނީ ދީނާ ނުބެހޭ ވަކި ބަޔެއްގެ ގޮތުގައެވެ. ދެން ކަންތައް ވެގެންދާނެ ހިތާމަވެރި ގޮތް ތަޞައްވުރު ކޮށްލަން ވެސް ނޭނގޭނެއެވެ. ވީމާ، މި ފަދަ މައުޟޫޢުތައް ހުޅުވައިލައި ދިވެހީންގެ އިސްލާމީ ވަޙުދަތު ފުނޑުފުނޑުކޮށްލުމަށް ދުޝްމަނުން ކުރާ މަސައްކަތަށް ވަރަށް ބޮޑަށް ސަމާލުވާން އެބަޖެހެއެވެ. އެކަމަށް ފާޅުގައި ނޫނެކޭ ބުނަންޖެހޭނެއެވެ.
މިއީ ދީނީ މައުޟޫޢެއް ނޫނެވެ. މިއީ ދިވެހީންގެ ޤައުމިއްޔަތާއި މިނިވަންކަމާ ގުޅިފައިވާ މައުޟޫޢެކެވެ. ދިވެހީންގެ ހަމަޖެހުމާއި ތަރައްޤީއާ ގުޅިފައިވާ މައުޟޫޢެކެވެ. ވީމާ، ދީނީ ގޮތުން ބަލާއިރު އެ މީހަކު ބޭނުން ދީނަކަށް އުޅެވޭނޭ ބުނެ މީހުންގެ ސިކުނޑިތައް ޚަރާބުކުރުމަށްޓަކައި މި ކުރެވޭ މަސައްކަތަކީ ވަރަށް ނުރައްކާތެރި މަސައްކަތެކެވެ. ދިވެހީންގެ އަމާންކަމާއި ހަމަޖެހުމާއި ތަރައްޤީ ފުނޑުފުނޑުކޮށްލަން ކުރެވޭ މަސައްކަތެކެވެ. ދިވެހިންގެ ސިޔާދަތާއި އަމިއްލަވަންތަކަން ނައްތައިލާން ކުރެވޭ ޢުދުވާނީ މަސައްކަތެކެވެ. އެއީ ދިވެހީންގެ މިނިވަންކަމާއި އިސްތިޤުލާލާ ދެކޮޅަށް ކުރެވޭ މަސައްކަތެކެވެ. މިއީ ބަހުސްކުރެވިގެން ނުވާނެ މައުޟޫޢެކެވެ. ދިވެހީންނަށް ދިވެހީން ބޭނުންވާ އިސްލާމް ދީން އެކަނި މި ރާއްޖޭގައި ބޭއްވުމުގެ ޙައްޤު އޮންނަންވާނެއެވެ. މިކަމަށް ހިތްހަމަނުޖެހޭ މީހުން ރާއްޖެ ދޫކޮށް އެހެން ކަރަކަރަޔަށް ވިލާތްވިލާތަށް ހިޖުރަކުރުން ހުއްޓެވެ.
އަނެއްކޮޅުން ބަލާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ އާއި ޤާނޫނުތައް އެއީ ދިވެހީން ބޭނުންވާ ގޮތަށް ދިވެހި ރައްޔިތުންގެ މަންދޫބުން ފަރުމާކޮށް ތަޞްދީޤުކޮށް ދިވެހީން ހިތުން ރުހުމުން ބަލައިގެންފައިވާ އުޞޫލުތަކެވެ. ދިވެހިރާއްޖޭގައި އިސްލާމް ދީން ނޫން ދީނަކަށް ޖާގަ ދޭކަށް ދިވެހި ރައްޔިތުން ބޭނުމެއް ނޫނެވެ. މުސްލިމަކަށް ނޫނީ ދިވެހި ރައްޔިތުކަމުގެ ޙައްޤު އޮންނަންވާނެ ކަމަކަށް ދިވެހީން ޤަބޫލެއް ނުކުރެއެވެ. އެހެން ބަޔަކަށް މިކަމާ ބެހެވިގެން ނުވާނެއެވެ. ބައިނަލްއަޤުވާމީ ޤަރާރުތައް ވެސް ބުނަނީ އެބަޔަކު ބޭނުން ދީނަކަށް އުޅުމުގެ ޙައްޤު އޮންނަންވާނެ ކަމަށެވެ. ދިވެހީން ބޭނުންވަނީ އިސްލާމް ދީނެވެ. އަދި ޙަޤީޤަތުގައި ޙައްޤު އެހެން ދީނެއް އޮންނަ ކަމަކަށް ވެސް ދިވެހީން ގަބޫލެއް ނުކުރެއެވެ. އެހެންވީމާ، ދިވެހީން އުޅެން ބޭނުންވާ އިސްލާމް ދީނަށް ދިވެހީން އުޅުމުގެ ޙައްޤަކީ އެހެން ބަޔަކަށް ނިގުޅައިގަނެވިގެންވާނެ ޙައްޤެއް ނޫނެވެ. ދިވެހިރާއްޖޭގެ ޤާނޫނުތައް ބައްޓަންކުރެވިފައިވާ ގޮތުން މި ކަމާ މެދު ބަހުސްކުރުމަކީ ޤާނޫނީ ގޮތުން ކުރެވިގެންވާނޭ ކަމެއް ނޫނެވެ. ދިވެހިރާއްޖޭގައި ދީނާއި ދައުލަތް ވަކިކުރާ ނިޒާމެއް (ސެކިޔުލަރިޒަމް) ގެންނަން ބަހުސްކުރުމަކީ ޤާނޫނީ ގޮތުން ކުށެކެވެ. އެކަމަށް ފުރުޞަތު ދެވިގެން ނުވާނެއެވެ. އެކަން ކުރާ މީހުންނަށް އަދަބުވެސް ދެވެންވާނެއެވެ.
ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 10 ވަނަ މާއްދާގެ (ހ) ގައި ވަނީ ”ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީނެވެ. އަދި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރެވެ.“ މިފަދައިންނެވެ. އަދި ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގެ 4 ވަނަ މާއްދާގެ (ހ) ގައިވަނީ ”…….. މީހުންގެ މެދުގައި ދީނީ ގޮތުން ޚިލާފު އުފެދޭ ބާވަތުގެ ވާހަކަދެއްކުމާއި އެފަދަ ގޮތްގޮތަށް ޢަމަލުކުރުމާއި މިއިން އެއްވެސް ކަމެއް ކުރުމަކީ ނުވަތަ ކުރާން އުޅުމަކީ މަނާކަމެކެވެ.“ މިފަދައިންނެވެ. އެހެންކަމުން ދިވެހީންގެ ދީނީ އެއްބައިވަންތަކަމަށް ލޮޅުމެއް އަރައިދާނެ އެއްވެސް ކަމެއް ކުރުމަކީ ޤާނޫނީ ކުށެކެވެ.
ވީމާ ދިވެހި ލޮބުވެތި ރައްޔިތުން ސަމާލުވެވަޑައިގަތުން ހުއްޓެވެ! ދީނީ މިނިވަންކަމުގެ ވާހަކައަކީ ވަރަށް ނުރައްކާތެރި ވާހަކައެކެވެ. އެތައް ޒަމާނަކުއްސުރެ، މި ރާއްޖެ އަތްދަށުލާން ޢަދުއްވުން ކުރާ މަސައްކަތުގެ ދަށުން ހިންގޭ ނުރައްކާތެރި ޙަރަކާތެކެވެ. މި ޙަރަކާތްތައް ރާއްޖޭގައި ހިންގުމަށްޓަކައި ތަމްރީނުކޮށްފައި ތިބެނީ ދިވެހީންނެވެ. ދިވެހި ތާރީޚުން ފެންނަން އޮތީ މި ޙަޤީޤަތެވެ. މިއަދު ވެސް މި ޙަޤީޤަތް ތަކުރާރުވަނީއެވެ.
މި ރާއްޖޭގައި ދީނީ ވަޙުދަތު ނަގައިލުމަށް ބަހުސްކޮށް ވާހަކަދެއްކުމަކީ އެއްވެސް ނަޒަރަކުން ބަލާއިރު ހުއްދަކުރެވޭނެ ކަމެއް ނޫނެވެ. ދީނީ ގޮތުން ވިޔަސް އިޖްތިމާޢީ ގޮތުން ވިޔަސް އެކަމަށް ހުއްދައެއް ނުދެވޭނެއެވެ. އަދި ޤާނޫނީ ގޮތުން ވެސް އެއީ ހުއްދަ ކަމެއް ނޫނެވެ. ވީމާ ރާއްޖޭގެ އިސްލާމީ ވަޙުދަތާ އިދިކޮޅަށް ތަފާތު ދީނީ ފިކުރުތައް މި ރާއްޖޭގެ މީސްތަކުންގެ ސިކުނޑިތަކަށް ވައްދާން ކުރެވޭ މަސައްކަތަކީ ދިވެހިރާއްޖޭގެ ޤާނޫނުތަކާ ޚިލާފަށް ކުރެވޭ ކަމެކެވެ. އެއީ ”ދިވެހީންގެ މެދުގައި ބަހުސްކުރެވިގެން ނުވާނެ މައުޟޫޢެކެވެ.“
