އެއީ ބިރުވެރިކަމާ ނާމާން ކަމުން ހިތްތައް ސިހުނު ދުވަހެއް
އެއީ ޤައުމީ ސިފައިން ކެރިގެން އަމާޒަށް ދަތުރު ކުރި ދުވަހެއް
އެއީ ޤައުމިއްޔަ މޭ ވޭނާއި ހޫނުން ވިރި އޮހުނު ދުވަހެއް
އެއީ ދިވެހީންގެ ލޯ ލޭކަރުނައިން ޤައުމީ ފުރުނު ދުވަހެއް
ޖަހާ ލޯބީގެ ވިންދާ ނާރުތަކުގައި ހިނގަހިނގާ ހުރި ލޭ
އަހާލަން ޖެހުނު ހިތި ޚަބަރުން ހަމައިން ދިޔަ ނެއްޓިގެން ދުވަހެއް
ހިތުން ދަހިވެތި އުފަންވާ އެދުމަކުން މަގު ކަތިވެދާ ގޮތަކުން
ފިތުންތައް އަންނަ ގޮތް ޤައުމަށް އެއީ ތަމްސީލު ވީ ދުވަހެއް
ޖަމާޢަތަކާއި ގުޅި ބޭރުން ޒަމާނީ އުންޑަ ހަތިޔާރުން
އަމާޒުކުރަން ތިމާ ޤައުމަށް ދިމާކުރި ހަޑި ހުތުރު ދުވަހެއް
ދިވެހި ހިތަކުން ނިފާޤީ ރޭވި ރޭވުމަކުން މި އުދުވާނީ
ދިވެހި ރަތްލާގެ ކޯރުތަކުން ދިވެހި މުޅިބިން ފެވުނު ދުވަހެއް
ސިޔާސީ އިޤްތިޞާދީ އިޖުތިމާޢީ ބޮޑެތި ގެއްލުންތައް
ކިޔައި ހިމަނައި އަދަދު ނުވެވޭ އެއީ ޤައުމަށް ލިބުނު ދުވަހެއް
ހިމޭންކަމުގައި އަމާން ޤައުމެއް ޒަމާންތައް ދާހިނދުން ދެކެމުން
މިވޭންތައް ޚާއިނީ އަނިޔާތަކުން ފާކުރި އެއީ ދުވަހެއް
ދިވެހި ސިފައިންގެ ކެރުމާ ހިތްވަރާ މުޚްލިޞް ޢަމަލުތަކުގައި
ދިވެހި ބަޠަލުންގެ ލަޤަބުން ނަން ފަވާލައިދިން އެއީ ދުވަހެއް
ވެރީންނަށް ރައްޔިތުން ކިޔަމަންވުމާ އަދި ދެއްވަވާ މަދަދާ
ވެރީން ދިވެހީންގެ އަބަދީ ފާޅުކޮށްދިން ވެސް އެއީ ދުވަހެއް
ފޮރުވިފައި ނޭނގި ސިއްރުތަކެއް އޮތުން އެކަށޭނަ ބީދައަކުން
ކުރެވިފައި ސޫރަވާ ކެހިވެރި ނުބައި ޢަމަލެއްގެ އޭ ދުވަހެއް
ޣަދަރުވެރިކަން ފުށުންޖެހި ބަލިވެ ޣައްދާރުންގެ ބާރު ފިލާ
ނަޞްރު ދިވެހީންގެ ޤައުމަށް ދެއްވި ތާރީޚީ އެއީ ދުވަހެއް
އަމާންކަމުގައި މިބިން އަބަދަށްމެ ލައްވާދޭވެ ޔާ ﷲ
ޒަމާނެއް ގައި ވިއަސް ތަކުރާރު ނުކުރައްވާ އެފަދަ ދުވަހެއް
