ކާއިނާތާއި މުޅި ކާއިނާތުގައިވާ އެންމެހައި ތަކެއްޗެއް އުފެއްދެވި ޚާލިޤަކީ ގަދަ ކީރިތިވަންތަ ﷲ ސުބުޙާނަޙޫ ވަތަޢާލާއެވެ. އެކަލާންގެއީ ޚާލިޤުވަންތަ އެއްކައުވަންތަ އިލާހެވެ. އެކަލާނގެ ފިޔަވައި އެންމެހައި ތަކެއްޗަކީ ޚަލްޤުތަކެވެ. އިސްލާމްދީނުގައި ވަނީ އެންމެހައި ޚަލްޤުތަކުންގެ ޙައްޤުތަކަށް އިޙްތިރާމްކުރަން ގޮވާލައްވާފައެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައި އަންގަވަނީ ”ބިމުގައި ހިނގާބިނގާ އުޅޭ، ދިރޭ ކޮންމެ އެއްޗެއް ވިޔަސް، އަދި އޭގެ ދެ ފިޔައިން އުދުހޭ ދޫންޏެއް ވިޔަސް، ތިޔަބައިމީހުން ފަދަ އުންމަތްތަކެއް ކަމުގައި ނޫނީ ނުވެއެވެ. ފޮތުގައި (ނުލިޔުއްވާ) ތިމަން ރަސްކަލާނގެ އެއްވެސް އެއްޗެއް ދުލެއް ނުކުރައްވަމެވެ. ދެން އެ ތަކެތި (ޤިޔާމަތް ދުވަހުން) އެއްކުރައްވާހުށީ އެ ތަކެތީގެ ވެރިރަސްކަލާނގެ ޙަޟުރަތަށެވެ.“ (6:38). ނަމަވެސް އަޅުގަނޑުމެން ޙައްޤުތަކުގެ ވާހަކަ ދައްކާ އިރު ބޮޑަށް މި ދެކެވެނީ އިންސާނީ ޙައްޤުތަކުގެ ވާހަކައެވެ. އިންސާނީ ޙައްޤުތައް އިސްވުމަކީ ގޯހެއް ނޫނެވެ. އެހެނީ މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވަތެވެ. ”ނަފުސެއް މަރައިގެން، ނުވަތަ ބިމުގައި ފަސާދައެއް އުފައްދައިގެން ނޫން ގޮތަކަށް، ނަފުސެއް މަރައިފި މީހަކު، އެންމެހައި މީސްތަކުން މެރި ފަދައެވެ. އަދި އެ ނަފުސު ދިރުވައިފި މީހާ (އެބަހީ: ނުމަރައި ދުނިޔޭގައި ބަހައްޓައިފި މީހާ) އެންމެހައި މީސްތަކުން ދިރުވި ފަދައެވެ.“ (5:32).
އިންސާނާ ވަނީ ކާއިނާތުގެ ގިނަ ތަކެތީގެ މައްޗަށް މަތިވެރިވެގެންވާ ޚަލްޤުތަކެއް ކަމުގައި ޚާލިޤުވަންތަ އިލާހު ކަނޑައަޅުއްވާފައެވެ. މާތް ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވަތެވެ. ”ހަމަކަށަވަރުން، ތިމަން ރަސްކަލާންގެ އާދަމުގެ ދަރިން މާތް ކުރެއްވީމެވެ. އަދި އެއުރެން އެއްގަމާއި ކަނޑުގައި، އުފުއްލެވީމެވެ. އަދި އެއުރެންނަށް ރަނގަޅު ތަކެތިން ރިޒުޤު ދެއްވީމެވެ. އަދި ތިމަން ރަސްކަލާނގެ ހެއްދެވި ތަކެތީގެ ތެރެއިން، ގިނަ ތަކެތީގެ މައްޗަށް އެއުރެން މަތިވެރި ދަރަޖައަކަށް މާތްކުރެއްވީމެވެ.“ (17:70).
ވީމާ އިންސާނުންނަށް ޚާލިޤުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާ ދެއްވަވާފައި މިވާ މަތިވެރި ދަރަޖަޔާއި މަޤާމަށް ޓަކައި އިންސާނާ ދަންނަންޖެހޭ އެންމެ މުހިންމު އެއް ކަމަކީ ތިމާގެ ދަރަޖަ އުފުލިގެންދާ މިންވަރަކުން ތިމާގެ ބޮލުގައި ޒިންމާތައް އެޅިގެންދާ މިންވަރު ވެސް އިތުރުވާނެ ކަމެވެ. މިއީ ފިޠުރީ، އަދި ދުނިޔަވީ ގޮތުން ބުއްދީގެ ހަމަތަކުން ބަލާ އިރު ވެސް މީހަކު ދެބަސްވާނެ ކަމެއް ނޫނެވެ. އަޅުގަނޑުމެން މީހަކާ އިނދެ، ދަރިން ލިބި، މައިންބަފައިންނަށް ވީމާ އެ ކުދިންގެ މައްޗަށް އަޅުގަނޑުމެންގެ މަޤާމު މަތިވެރިވެގެންދާ އިރު އިހުނަށް ވުރެ ޒިންމާތައް ބޮޑުވެގެންދެއެވެ. ވަޒީފާ އަދާކުރާ ތަނުގައި މަޤާމުގެ ކުރިއެރުން ލިބުނު ވަރަކަށް ތިމާއަށް ލިބޭ ޢިނާޔާތްތައް ބޮޑުވެއެވެ. ދަރަޖަ އުފުލި ޤަދަރުވެރިވެ ކޮންމެވެސް ބައެއްގެ މައްޗަށް ތިބާ މަތިކުރެވެއެވެ.
ކާއިނާތުގެ ވެރި ރައްބު ހެއްދެވި ގިނަ ތަކެތީގެ މައްޗަށް އިންސާނާ މަތިވެރިކުރައްވައި މާތްކުރެއްވުމުން އިންސާނާއަށް މަތިކުރެވިފައިވާ ޒިންމާތައް ވެސް ނުހަނު ބޮޑުވާނެކަން ދެނެގަންނަން ޖެހެއެވެ. އެ ތަކެތީގެ ޙައްޤުތައް އެ ތަކެއްޗަށް އަދާކޮށްދޭން ޖެހެއެވެ. އަޚްލާޤީ ގޮތުން ޚުލްޤުހެޔޮ ޚަލްޤެއްކަމަށް ވުމަކީ ހަމަ ކޮންމެ މީހަކަށް ލާޒިމު ކަމެކެވެ. އެއީ ކޮންމެ ފަރުދެއްގެ، ފަރުދީ ޒިންމާއެކެވެ. މާތްﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައި އަންގަވަނީ ”އެ ކަލާނގެއީ، ބިމުގެ ޚަލީފާއިން ކަމުގައި، ތިޔަބައިމީހުން ލެއްވި ރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުން ކުރެ، އެއްބަޔަކު އަނެއް ބަޔެއްގެ މައްޗަށް ދަރަޖަ މަތިވެރި ކުރެއްވިއެވެ. (އެއީ) ތިޔަބައިމީހުންނަށް، އެކަލާނގެ ދެއްވި ތަކެއްޗާ މެދު، ތިޔަބައިމީހުން އިމްތިޙާނު ކުރެއްވުމަށް ޓަކައެވެ.“ (165:6). ވީމާ ތިބާގެ ދަރަޖަ އެހެން ބައެއްގެ މައްޗަށް އުފުލިގެން ދިއުމަކީ ތިބާ ފަޚުރުވެރިވެ، ބޮޑާވެގަންނާން ޖެހޭ ސަބަބެއްކަމުގައި ނުހަދާށެވެ. ތިމާއަށް ލިބޭ ކޮންމެ ކުރިއެރުމަކާ އެކީ ތިމާ މަސައްކަތްކުރާ ތަނާއި ތިމާގެ ދަށުން މަސައްކަތްކުރާ އެހެން މުވައްޒަފުންނަށް ތިމާގެ ފުށުން އަދާކޮށްދޭންޖެހޭ ވާޖިބުތަކާއި ޙައްޤުތަކަކީ އޭގެ އަޙުލުވެރީންނަށް ތިބާ އަދާކޮށްދޭންޖެހޭ އަމާނާތެކެވެ. އެއީ ތިބާ އިމްތިޙާނު ކުރެވޭނެ ކަންކަމެވެ. ވީމާ ތިމާގެ ފުށުން މީސްތަކުންނަށް ގޯނާކޮށް ފުރައްސާރަކޮށްގެން ނުވާނެއެވެ. ތިބާގެ ފުށުން އެންމެހާ ތަކެއްޗަށް އަމާންކަން ލިބިދެވެން ޖެހެއެވެ. ތިބާއަށް ވެސް ޙަޤީޤީ އަމާންކަން ލިބިގެންވަނީ އޭރުންނެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެއްދުވަހަކު ޖަނާޒާއެއްގެ ކައިރިން ވަޑައިގަންނަވަމުން ޙަދީޘްކުރެއްވިއެވެ. ”ހަމަ ޖެހިލައިފިއެވެ.“ ނުވަތަ ”އޭނާގެ ފަރާތުން ހަމަޖެހުން ލިބިގެންފިއެވެ.“ ޞަޙާބީން ދެންނެވިއެވެ. ”އޭ މާތްﷲ ގެ ރަސޫލާއެވެ. ހަމަޖެހިލީ ކާކުތޯއެވެ؟ އަދި އޭނާގެ ފަރާތުން ހަމަ ޖެހުން ލިބިގަތީ ކޮން ބައެއްތޯއެވެ؟“ އިތުރު އެކަލޭގެފާނު ޙަދީޘް ކުރެއްވިއެވެ. މުއުމިނު އަޅާ ދުނިޔޭގެ އުނދަގޫތަކުން ހަމަޖެހުން ލިބިގެންފިއެވެ. އަދި ނުބައި ފާޖިރު އަޅާގެ ފަރާތުން އަޅުތަކުންނާއި، ރަށާއި، ގަސްގަހާއިގެއްސާއި، ޖަނަވާރުންނާއި، ސޫފާސޫފިތަކެވެ.“ (ޞަޙީހުލްބުޚާރީ ވޮލިއުމް 8 ބޫކް 76 ،ޙަދީޘް 519)
މި ޙަދީޘުން ވެސް އަޅުގަނޑުމެން ވިސްނާލަން ޖެހޭ އެއްކަމަކީ އިންސާނާ ދެ ދުނިޔޭގެ ބާއްޖަވެރިކަމަށް ވާޞިލުވުމަށް ކުރާ މަސައްކަތުގައި ގަސްގަހާގެއްސާއި ޖަނަވާރާއި ސޫފިސޫފާސޫތްޕަށް ވެސް އިންސާނާގެ ފުށުން އަމާންކަން ލިބިގެންވާން ޖެހޭކަމެވެ.
އަދިވެސް ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ”ބުޅަލެއްގެ ސަބަބުން އަންހެނަކު ނަރަކައަށް ވަނެވެ. އެ އަންހެންމީހާ އެ ބުޅާ ބަނދެ، އެއަށް ކާކަށް ނުދެއެވެ. އަދި ބިންމަތީގައިވާ ތަކެތި ކައި އުޅުމަށް ދޫކޮށެއް ވެސް ނުލައެވެ.“ (ޞަޙީހުލްބުޙާރީ). ޖަނަވާރުންނަށް އޯގާތެރިވުމާއި އެތަކެއްޗަށް ހެޔޮކޮށް ހިތުމަކީ އިޙްސާންތެރިކަމުގެ ތެރެއިންވާ ކަމެކެވެ.
އިމާމް މުސްލިމް އެކަލޭގެފާނުގެ ޙަދީޘް ފޮތުގައި އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާ ކުރައްވާފައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. ”ހަމަކަށަވަރުން ހޫނުގަދަ ދުވަހެއްގައި، ކުއްތާއެއް ފެންބޮވައިގަނެ ވަޅެއްގެ ވަށައިގެން އެނބުރޭ މަންޒަރު، ވަރަށް ނުބައި ނުލަފާކޮށް އުޅުނު އަންހެނަކަށް ފެނުނެވެ. ފެންބޮވައި ގަތުމުގެ ސަބަބުން އޭތީގެ ދޫ ވަނީ ނުހަނު ބޮޑަށް ނުކުމެފައި ވެސް މެއެވެ. ފަހެ އެ އަންހެނާ އޭނާގެ ޚުއްފަށް ފެން އަޅައިގެން ގެނެސް (ފެން ބޮވައިގެންފައިވާ) އެ ކުއްތާއަށް ފެންދީފިއެވެ. ﷲ ތަޢާލާ (އެ އަންހެނާގެ ޢަމަލު ޤަބޫލު ކުރައްވައި) އޭނާގެ ފާފަތައް ފުއްސަވައި ދެއްވައިފިއެވެ.“
ވީމާ އިންސާނާ އަދާކުރަންޖެހޭ ޙައްޤުތައް ހަމައެކަނި އިންސާނީ ޙައްޤުތަކާ ހަމައިން ހުދޫދުވެގެން ނުދެއެވެ. އެހެނަސް އިންސާނުން އަދާކުރަން ޖެހޭ ޙައްޤުތައް ނިމޭ ހިސާބަކީ އަދި އެއަށް ވުރެ މާދުރުގައިވާ އެއްޗެކެވެ. އެންމެހައި ޚަލްޤުތަކުންގެ ޙައްޤުތައް އަދާކޮށްދޭން ޖެހެއެވެ.
