ކޮންމެ ޤައުމެއްގައި ވެސް ޤައުމީ ސަލާމަތް ބިނާވަނީ އެ ދައުލަތުގެ ރައްކާތެރިކަމަށާއި އެތެރެއާއި ބޭރުގެ އެންމެހާ ނުރައްކާތަކުން އެ ދައުލަތާއި އެ ދައުލަތުގެ މަޞްލަޙަތުތައް ހިމާޔަތްކުރުމުގެ މައްޗަށެވެ. ޤައުމީ މަޞްލަޙަތު ނުވަތަ ޤައުމީ ސަލާމަތީ މަޞްލަޙަތަކީ ޤައުމުގެ މިނިވަންކަމާއި ސިޔާދަތުގެ ލަނޑުދަނޑިތަކާއި ތަޞައްވުރުތަކަށް އެހެން ހުރިހާ ކަމަކަށްވުރެ ބޮޑަށް އިސްކަންދީ ކުރިއެރުވުމެވެ. ޤައުމީ ސަލާމަތީ މަޞްލަޙަތު ގުޅެނީ ޤައުމު، ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް އެންމެ މުހިންމުވާ ބަހާތަކުގެ މައްޗަށެވެ. ޤައުމީ ސަލާމަތީ މަޞްލަޙަތުތައް ހާސިލުކުރަނީ ޤައުމީ ބާރުގެ މާއްދާތައް (އެލިމަންޓްސް އޮފް ނޭޝަނަލް ޕަވަރ) ބޭނުންކޮށްގެންނެވެ. އެކި ޤައުމުތަކުގައި މި ބާރުތަކުގައި ތަފާތެއް ހުއްޓަސް މައިގަނޑު ބިނާވެފައި އޮންނަނީ އިޤްތިޞާދީ، އަސްކަރީ އަދި އެބައެއްގެ ސަޤާފަތުގެ މައްޗަށެވެ.

ދުނިޔޭގެ ކޮންމެ ޤައުމަކުން ވެސް މަސައްކަތްކުރަނީ އެ ޤައުމެއްގެ މަޞްލަޙަތުތައް ކުރިއެރުވުމަށެވެ. ބައިނަލް އަޤްވާމީ އަދި ސަރަޙައްދީ މަސްރަޙުގައި އެބައެއްގެ ބާރާއި ނުފޫޒު އިތުރުކޮށް އެ ޤައުމެއްގެ މަޞްލަޙަތުތައް ރައްކާތެރިކުރުމަށެވެ. ބައެއް ޤައުމުތަކުން އެ ޤައުމެއްގެ މަޞްލަޙަތު ރައްކާތެރިކޮށް ކުރިއެރުވުމަށް ކުރާ މަސައްކަތުން އަނެއް ޤައުމެއްގެ މަޞްލަޙަތަށް އަސަރުކުރާތަން އާދެއެވެ. އެފަދަ ނުތަނަވަސްކަމުގައި ރޯވާ އަލިފާނަކީ ހަނގުރާމައެވެ. ބައެއް ދޭދޭ ޤައުމުތަކުގެ މެދުގައި އެ އަލިފާންގަނޑު އަބަދުވެސް އޮންނާނީ އަނދައަނދައެވެ. އެކި ދުވަސްވަރަށް ހުޅުފަޅައިގެން ގޮސްގޮހެވެ.

މިއަދު ދުނިޔޭގައި އެއް ޤައުމުން އަނެއް ޤައުމަށް ވެރިވެގަތުމަށް ކުރާ ހަނގުރާމައަށްވުރެ ޤައުމީ ސަލާމަތީ ކަންތައްތަކަށް ގޮންޖެހުންތައް ބޮޑަށް ކުރިމަތިވަނީ ނޮން-ސްޓޭޓް އެކްޓަރުންގެ ސަބަބުންނެވެ. ނިރުބަވެރި ބައެއް ބޮޑެތި ޖަމާޢަތްތަކުގެ ސަބަބުންނެވެ. އެ ޖަމާޢަތްތަކުން ވަނީ ބައިނަލްއަޤްވާމީ މައިދާނުން ވެސް ޖާގަ ހޯދާފައެވެ. ދުނިޔޭގެ ހުރިހާ ހިސާބަކަށް އެ ޖަމާޢަތްތަކުގެ ފިކުރު ވަނީ ފަތުރާފައެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި އެ ޖަމާޢަތްތަކަށް ބައިއަތު ހިފައިގެން އުޅޭ ކުދި ޖަމާޢަތްތަކާއި މީހުން އުޅެއެވެ. މި ނުރައްކާތެރި ހާލަތުން ދިވެހިރާއްޖެ ވެސް އިސްތިސްނާއެއް ނުވެއެވެ.

ޤައުމީ މަޞްލަޙަތު ހިމާޔަތްކުރެވޭނީ ޤައުމީ މަޞްލަޙަތުތަކަށް ހުރި ނުރައްކާތައް އެނގިގެންނެވެ. ދިވެހިރާއްޖެ އޮތް ސަރަޙައްދަށް ބަލާއިރު މިއީ އިސްތިރާޖީ ގޮތުން ވަރަށް ހަލަބޮލި އަދި އެހާމެ ނުރައްކާތެރި ސަރަޙައްދެކެވެ. ދިވެހިރާއްޖެ މިއޮތް އިންޑިއާ ކަނޑަކީ ކަނޑުފޭރޭ މީހުންގެ ނުރައްކާ ތަޖުރިބާކޮށްފައިވާ މާކަނޑެކެވެ. މި ކަނޑުގެ އައްސޭރިފަށުގެ ބައެއް ޤައުމުތަކާއި ރާއްޖޭގެ އަވަށްޓެރި ބައެއް ޤައުމުތަކުގައި ނިރުބަވެރި ޖަމާޢަތްތަކުން ވަނީ ހާލި ހަދާފައެވެ. ދީނީ ގޮތުން ހަރުކަށި ވިސްނުންތައް ފަތުރާ ޖަމާޢަތްތައްތަކުން ސްކޫލުތަކާއި ތަމްރީނު މަރުކަޒުތައް ހިންގައެވެ. މީގެ ބައެއް ސްކޫލްތަކުން ދިވެހިން ވަނީ ތަޢުލީމް ހާސިލުކޮށް ތަމްރީނު ހޯދާފައެވެ. އެ މީހުންގެ ސަޤާފަތާއި ފިކުރީ އޮއިވަރު ރާއްޖޭގެ ކަނޑުއޮޅިތަކުން ވަދެގެން އައިސް ދިވެހިންގެ ތެރޭގައި އޮތީ ފެތުރިފައެވެ.

އަވަށްޓެރި އިންޑިއާއި ޕާކިސްތާނަކީ ޒަމާންވީ ވާދަވެރި ނިއުކްލިއަރ ދެ ބާރެވެ. ތާރީޚުގައި ކޮށްފައިވާ ހަނގުރާމަތަކެއްގެ ސިލްސިލާއެއް އެބައޮތެވެ. އިންޑިއާއާއި ޗައިނާއަކީ ވެސް ބޯޑަރުން އެއް އިމެއް ހިއްސާކުރާ ސަރަޙައްދެއް އޮންނަ ތާރީޚުގައި ހަމަލާ ބަދަލުކޮށްފައިވާ ދެ ޤައުމެވެ. މީގެއިތުރުން އިންޑިއާ ކަނޑަށް ޗައިނާއިން ބާރު ގަދަކުރުމަށް ކުރަމުންދާ މަސައްކަތްތަކާއެކު ދެ ޤައުމުގެ ދެމެދުގައި އަބަދުވެސް ފިނި ނުތަނަވަސްކަމެއް އޮންނަ ދެ ޤައުމެވެ. ދިވެހިރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އެންމެ ގިނައިން އުޅެމުންދާ ބިދޭސީން ނިސްބަތްވަނީ އަވަށްޓެރި ބަންގްލަދޭޝް އަށެވެ. ދިވެހިރާއްޖޭއާ އަވަށްޓެރި އިންޑިއާއި ޕާކިސްތާނާއި ބަންގްލަދޭޝްގެ އިތުރުން ސްރީލަންކާއަކީ ވެސް ދީނީ އަދި ނަސްލީ ހަމަނުޖެހުންތައް ދޭތެރެ ދޭތެރެއިން ފެތުރިގަންނަ ޤައުމެކެވެ. އިންޑިއާ ކަނޑުގައި ޣައިރުޤާނޫނީ ވިޔަފާރިއާއި، އިންސާނީ ވަގުފާރީގެ އިތުރުން ހަތިޔާރާއި ޑްރަގާއި މުދާ ސުމަގުލްކުރުމުގެ ޢަމަލުތައް ހިގަމުން ދެއެވެ. މި ކަންތައްތަކުގެ އިތުރުން އިންޑިއާ ކަނޑުގައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ވާދަވެރިކަން އިތުރުވުމަކީ ވެސް ދިވެހިރާއްޖެއަށް އޮތް ނުރައްކަލެކެވެ. ބައިނަލް އަޤްވާމީ މަސްރަޙުން ފެންނަ ބޮޑު މަންޒަރަކީ ސަރަޙައްދީ ބާރުތަކުން އެ ބާރުތަކުގެ އޯރބިޓުގައި ދިވެހިރާއްޖެ ބޭއްވުމަށް ސިއްރާއި ފާޅުގައި ކުރަމުންދާ މަސައްކަތްތަކެވެ.

ދިވެހިރާއްޖޭގެ ދާޚިލީ ވެށްޓަށް ބަލާލާއިރު ވެސް ރާއްޖޭގެ އުޑުމަތި ސާފެއް ނޫނެވެ. ދޭތެރެ ދޭތެރެއިން އަރާ ކަޅު ސިޔާސީ އަދި އިޖުތިމާޢީ ކަޅު ވިލާގަނޑުތަކުގެ ސަބަބުން ދިވެހި ދައުލަތުގެ ސަލާމަތާއި ރައްކާތެރިކަމަށް ދަނީ ނުރައްކާވަމުންނެވެ. މީގެ ތެރޭގައި އެންމެ ބޮޑަށް ފާހަގަވަނީ ދީނީ އަދި ޤައުމީ އެއްބައިވަންތަކަމަށް ލޮޅުން އެރުވުމަށް އެތެރެއާއި ބޭރުން ކުރަމުންދާ ސަބްވާރސިވް މަސައްކަތްތަކެވެ. ދީނީ ގޮތުން ހަރުކަށި ފިކުރުތަކާއި އިސްލާމްދީނާ އިދިކޮޅު ފިކުރުތަކާ ދެމެދުގައި އޮތް ވާދަވެރި ކަމަކީ ޤައުމީ ސަލާމަތަށް އޮތް ވަރަށް ބޮޑު ގޮންޖެހުމެކެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ފާޅުކުރާ ދެކޮޅުވެރިކަމާއި އެބައެއްގެ ފިކުރު ކުރިއެރުވުމަށް ސިއްރާއި ފާޅުގައި ކުރަމުންދާ މަސައްކަތްތަކުގެ ހިތި ނަތީޖާ ދަނީ ފެންނަމުންނެވެ. އެއް ބަޔަކު ފާޅުގައި އިސްލާމްދީނަށް ފުރައްސާރަކުރާއިރު ދީނުގެ ނަމުގައި މީހުންގެ ލޭ ހުއްދަކޮށް، ގަސްތުގައި މީހުން މަރައި، މީހުން ވަގަށްނަގައި ގެއްލުވާލުގެ ބޮޑެތި ޖަރީމާތައް ދަނީ ހިންގަމުންނެވެ. ދުނިޔޭގެ އެކި ސަރަޙައްދުތަކުގައި ކުރެވޭ ދާޚިލީ ހަނގުރާމަތަކުގައި ދިވެހިން ދަނީ ބައިވެރިވުންނެވެ. ސީރިއާ ހަނގުރާމައަށް ދިޔަ ސަތޭކައަށްވުރެ ގިނަ ދިވެހިންގެ ތެރޭގައި އަންހެނުންނާއި ތުއްތުކުދިން ހިމެނެއެވެ. ސިޔާސީ ގޮތުން ބަލާއިރު ޑިމޮކްރަސީގެ ޅަފަތުގައި  ދިވެހިން ކުރަމުންދާ ދަތުރަކީ ވެސް އަމާން ދަތުރެއް ނޫނެވެ. ސިޔާސީ ކަނޑުތަކުގައި އޮއިވަރު ބާރު، ރާޅު ބޮޑު މޫސުން ގޯސް ދުވަސްތައް އަންނަނީ ތަކުރާރުވަމުންނެވެ. ސިޔާސީ ބޮޑެތި ހައިޖާނުތަކާއި ދުސްތޫރީ ބޮޑެތި މައްސަލަތައް އުފެދި ދޭތެރެ ދޭތެރެއިން މުޅި ޤައުމު ހަލަބޮލި ވެއެވެ. ދައުލަތުގެ ބާރުތައް އިތުރަށް ހަރުދަނާކޮށް ނިޒާމުތަކަށް ރައްޔިތުންގެ އިތުބާރު ހޯދުމަށް އަދިވެސް ވަގުތު ބޭނުންވެއެވެ. ކޮރަޕްޝަނާއި ފަސާދައަށް ހުޅުވިފައިވާ ދޮރުތައް ބަންދުކުރަން ޖެހެއެވެ. މަސްތުވާތަކެތީގެ މައްސަލައާއި ގޭންގު މާރާމާރީއާއި ޤަވާޢިދާ ޚިލާފަށްއުޅޭ ބިދޭސީންގެ މައްސަލައިގެ ފާރުގަނޑަށް ބޭހެއް ނުލިބި އުމަގުވަމުން ދިއުން ނިމުމަކަށް ގެންނަން ޖެހެއެވެ. މި ކަންކަމުންގެ ސަބަބުން އުފެދޭ އެހެނިހެން އިޖުތިމާޢީ މައްސަލަތައް ވެސް ބައިވަރެވެ. މިއިން ކޮންމެ ކަމެއްވެސް ޤައުމީ ސަލާމަތީ މަޞްލަޙަތާ ސީދާކޮންނާއި ނުސީދާކޮށް އޮންނަނީ ގުޅިފައެވެ.

ދިވެހިރާއްޖެއަކީ ޤުދުރަތީ ވަސީލަތްތައް މަދު ޤައުމެކެވެ. ކެއުމަށް ބޭނުންކުރާ މައިގަނޑު ބާވަތްތައް ވެސް ބޭރުން އެތެރެކުރާ ޤައުމެކެވެ. މި ޖަޒީރާތަކުގައި ކޮންމެ އަހަރަކު ވެސް ކޮންމެވެސް ރަށްތަކެއްގައި ބޯފެނަށް ޖެހެއެވެ. ހަކަތަ އުފެއްދުމަށް ކުރަންޖެހޭ ހޭދަ ބޮޑެވެ. ޤުދުރަތީ ކާރިސާތަކާއި ތިމާވެށްޓަށް އަންނަމުންދާ ބަދަލުތަކުން ދިވެހިރާއްޖެއަށް ކުރާ އަސަރުތައް ބޮޑެވެ. ދުނިޔޭގެ އިޤްތިޞާދަށް އަންނަ ކޮންމެ ބޮޑު ލޮޅުމެއްގެ އަސަރު ރާއްޖެއަށް ކުރެއެވެ. މިއާއެކު ދިވެހިރާއްޖޭގެ އިޤްތިޞާދީ ސިނާޔަތަށާއި ކްރިޓިކަލް އިންފްރާސްޓްރަކްޗަރ ތަކަށް އަމާޒުކޮށް ނިރުބަވެރިން ހަމަލާއެއް ދީފާނެކަމުގެ ބިރު ބޮޑެވެ. މީސްމީޑިއާ ބޭނުންކޮށްގެންނާއި ސައިބަރ ޑޮމެއިންގައި ޖާސޫސީ އަދި ސަބޮޓާޖުގެ ޢަމަލުތައް ހިންގަފާނެއެވެ. ދޮގު މަޢުލޫމާތު ފެތުރަފާނެއެވެ. ޤައުމުގެ މާލީ ނިޒާމުތަކާއި އިރާދާތަކަށް ހަމަލާދީފާނެއެވެ. މީހުންގެ މެދުގައި ފަސޭހައިން ފެތުރިދާނެ ނުރައްކާތެރި ބަލިމަޑުކަމެއް އާންމުކުރުމަށް މަސައްކަތް ކޮށްފާނެއެވެ. ޤައުމީ ސަލާމަތީ މަޞްލަޙަތުތައް ހިމާޔަތްކުރުމަށް މި ހުރިހާ ދިމާއަކަށް ވިސްނައި ނަޒަރު ހިންގަން ޖެހެއެވެ.

ދިވެހިރާއްޖެފަދަ އިޤްތިޞާދީ ގޮތުން ފުދުންތެރިކަން ކުޑަ، އަދި ކުޑަ އަސްކަރިއްޔާއެއް އޮންނަ ޤައުމަކުން ޤައުމީ ސަލާމަތީ މަޞްލަޙަތު ހިމާޔަތްކުރުމުގައި ގެންގުޅޭ މައިގަނޑު އެއް ސިޔާސަތު ބިނާވަނީ ޑިޕްލޮމަސީގެ މައްޗަށެވެ. ދިވެހިރާއްޖެއަށް ބަލާއިރު ބައިނަލް އަޤްވާމީ ޑިޕްލޮމަސީގައި ޚާރިޖީ ވުޒާރާގެ އިތުރުން ނުސީދާކޮށް އެހެން ވުޒާރާތަކާއި އިދާރާތަކުން ވެސް މުހިންމު ދައުރެއް އަދާކުރެއެވެ. ޤައުމުތަކާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގައި ދިފާޢީ އަދި އަސްކަރީ ޑިޕްލޮމަސީ ވެސް އިސް ދައުރެއް އަދާކުރެއެވެ. ދޭދޭ ޤައުމުތަކުގެ މެދުގައި ޑިޕްލޮމަސީ މުހިންމު ދައުރެއް އަދާކުރިޔަސް ނިރުބަވެރި ޖަމާޢަތްތަކުގެ ނުރައްކަލާއި ބިރުވެރިކަން ކޮންމެ ޤައުމަކަށް ވެސް އެބައޮތެވެ.

ދުނިޔޭގައި ނިރުބަވެރިން ފެތުރިފައިވާ މިންވަރާއި، މި ސަރަޙައްދުގައި އެ މީހުންގެ ބާރު އޮތް މިންވަރާއި، ދެމުންދާ ހަމަލާތަކުގެ ޒާތަށް ބަލާއިރު މުސްތަޤުބަލުގައި ދިވެހިރާއްޖެއަށް ވެސް ބޮޑަށް ކުރިމަތިލާން ޖެހޭނީ އިރެގިއުލަރ ހަނގުރާމައަށް ކަމަށް ޤަބޫލުކުރެވެއެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެންމެ އިސް ވާޖިބަކީ އަަސްކަރީ ބާރު ބޭނުންކޮށްގެން ޤައުމީ މަޞްލަޙަތު ހިމާޔަތްކޮށްދިނުމެވެ. ދިވެހިރާއްޖެއަށް ދުއްތުރާކޮށް ބިރުދައްކައި ނުވަތަ ނުރައްކާތެރިކަން ކުރިމަތިކުރަން މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ހަނގުރާމަ ކުރުމެވެ.  އެކަމަށް އަބަދުވެސް ތައްޔާރަށް ތިބުމެވެ. މި މަޤްޞަދު ހާސިލުކުރެވޭނީ ދުޝްމަނުންގެ ހަރަކާތްތައް ބަލައި ހޯދައި ދެނެގަނެ، އެކަމަށް ހުރަސް އަޅައިގެންނެވެ. އަދި ޑިޓަރެންސް ފެއިލްވެއްޖެނަމަ ހަނގުރާމައިގެ މައިދާނުގައި ދުޝްމަނުން ބަލިކޮށްގެންނެވެ. ހަނގުރާމައިގެ ކެމްޕެއިނެއް ނުވަތަ އޮޕަރޭޝަނެއް ވިޔަސް ސިފައިން ހިންގާނީ ޤައުމީ ސަލާމަތީ އެންމެ މަތީ މަޞްލަޙަތުތައް ކުރިއެރުވުމަށެވެ. ޤައުމީ ސަލާމަތީ މަޞްލަޙަތު ހިމާޔަތްކުރުމަކީ ހަމައެކަނި އެ ޤައުމެއްގެ އަސްކަރިއްޔާގެ ކަމެއްކަމުގައި ދެކުނު ޒަމާން ފާއިތުވެ ހިގައްޖެއެވެ. މިއަދު ޤައުމީ ސަލާމަތީ މަޞްލަޙަތު ހިމާޔަތްކޮށް ރައްކާތެރިކުރުމުގައި ދުނިޔޭގެ ޤައުމުތަކުން ގެންގުޅެނީ «ހޯލް އޮފް ގަވަރމަންޓް އެޕްރޯޗް» އޭ ކިޔާ ވިސްނުމެކެވެ. ސަރުކާރާއި މަދަނީ އިދާރާތަކާއި ޖަމާޢަތްތަކާއި ރައްޔިތުން އާދެ! މުޅި ދައުލަތް ލާމެހިގެން އެކަތިގަނޑެއްގެ ގޮތުގައި ގުޅިގެން މަސައްކަތްކުރުމުގެ ފަލްސަފާއެކެވެ. ހަމައެއާއެކު އަދުގެ ދުނިޔޭގައި އެއްވެސް ބަޔަކަށް އަމިއްލަ އަމިއްލައަށް އެބައެއްގެ ސަލާމަތްތެރިކަން ކަށަވަރެއް ނުކުރެވެއެވެ. އެެހެންކަމުން ކޮންމެ ޤައުމަކުން ވެސް އެ ޤައުމެއްގެ ޤައުމީ ސަަލާމަތީ މަޞްލަޙަތުތައް ކަށަވަރުކުރުމަށް މަސައްކަތް ކުރަނީ ޤައުމީ އަދި ބައިނަލް އަޤްވާމީ ސަލާމަތީ މަޞްލަޙަތުތަކަށް ވެސް އިޙްތިރާމުކޮށްގެންނެވެ.

ޝެއަރކުރެއްވުމަށް