ކޮންމެ ކަމެއް ވެސް ވުމުގެ ކުރިން މިވެނިކަމެއް ނުވަތަ އެވެނިކަމެއް ކުރެވުނުނަމަ އޭ ހިތަށް އަރައެވެ. ހާދިސާތައް ހިނގާނެއެވެ. ނަމަވެސް ލިބޭގެއްލުންތައް ކުޑަކުރެވިދާނެއެވެ. އެއީ ދުރާލައި ތައްޔާރު ވެގެންނެވެ. ކަމެއްވުމުން ކުރެވޭނެކަމަކީ ސަލާމަތްވުމަށް މަސައްކަތް ކުރުމެވެ. ދެން ކުރިން ދުރާލައި އެޅިފައިވާ ފިޔަވަޅުތަކުގެ ފައިދާ ނެގުމެވެ. ކޮންމެ ކަމެއް ވެސް ގޯހުންގޯހަށް ދިޔުމުން، ހާދިސާގެ ހިނދުކޮޅެއްގެ ކުރިއަށް ވިސްނާލުން ބުއްދިވެއެވެ.

މާލޭގެ ކޮންމެ 1500 މީހަކަށް ގުދަނެއް އެބަހުއްޓެވެ. ގުދަންތަކުގައި ރައްކާކުރާ ތަކެތީގެ ތެރޭގައި ޕީވީސީ، ޓަޔަރު، ތިނަރު، ދަވާދު، ލަކުޑި، ކަރުދާސް ފޮށި، ފައިބަރ މެޓު އަދި އެކިކަހަލަ ނުރައްކާތެރި ކާގޯ ހިމެނެއެވެ. މި ދައްކަނީ މީހުން ދިރިއުޅޭ ގޭގޭގައި ގުދަން ކޮށްފައިހުންނަ މުދަލުގެ ބައެއް ބާވަތްތަކާއި، ޓިނުޖަހައިގެން ހަދާފައިހުރި ގުދަންތަކުގެ ވާހަކައެވެ. މިގޮތަށް ގުދަންކުރުން މިއީ އެންމެ ރަނގަޅު ގޮތްބާވައޭ ހިތަށް އަރައެވެ. އެހެނީ ގުދަންތަކުގައި ރޯވާ އަލިފާނުގެ ހާދިސާތައް މި ދަނީ އިތުރު ވަމުންނެވެ. ލިބޭ ގެއްލުންތައް ދަނީ އަގުނުކުރެވޭ ވަރުވެގެންނެވެ. ހާދިސާގެ ހިތާމަވެރިކަން ދަނީ އިންތިހާއަށެވެ. ގުދަން ކުރުމުގެ ގަވާއިދެއް އޮވެއެވެ. ގަވާއިދާ އެއްގޮތަށް ޢަމަލު ކުރެވެޔޭ ހިތަށް އަރާ ހެއްޔެވެ؟ ޢަމަލު ނުކުރާ މީހުންގެ އަދަބަކީ ކޮބާހެއްޔެވެ؟ އެޅެނީ ކޮންފިޔަވަޅެއް ހެއްޔެވެ؟ މިއީ ހައްތާ ވެސް ސުވާލެވެ.

”ނުރައްކާތެރި ކެމިކަލާ ބެހޭ ގަވާއިދު“ ގެ 9 ވަނަ މާއްދާގައި ބުނެފައިވާގޮތުން، ކެމިކަލް ވިއްކާ / ގުދަން ކުރާ / އެތެރެ ކުރާ ތަންތަނުގައި ހުންނަ ކެމިކަލް ބަންދުކޮށްފައި ހުންނައިރު ޕެކޭޖުގެ ބޭރުގައި  އެ ކެމިކަލުގެ ނުރައްކާތެރިކަން އަންގައިދޭ ކުރެހުމާއި، އިނގިރޭސިބަހުން ”Caution! Hazardous Chemical“ އަދި ދިވެހި ބަހުން ”ސަމާލުވޭ! ނުރައްކާތެރި ކަމިކަލް“ މި ޢިބާރާތް ލިޔެ ހަރުކުރަން ޖެހެއެވެ. އަދި އެ ތަނެއްގައި މަސައްކަތްކުރާ ފަރާތްތަކަކީ ދިވެހިބަހާއި އިނގިރޭސި ބަހަށް އަހުލުވެރި ބަޔަކަށް ނުވާނަމަ އެބަޔަކު އަހުލުވެރި ބަހަކުން އެ ކެމިކަލަކީ ނުރައްކާތެރި ކެމިކަލެއްކަން އެނގޭގޮތަށް ލިޔެ ހަރުކޮށްފައި ހުންނަން ޖެހެއެވެ.  ނަމަވެސް މިގޮތަށް ޢަމަލުކުރެވޭ ބާވައެވެ. ގަވާއިދުތައް ހެދިފައިހުންނަނީ އެންމެންގެ ސަލާމަތާއި ރައްކަލަކަށެވެ. ގަވާއިދުތަކަށް ފެތެން ޖެހެއެވެ. އެހެންނޫނީ ދެން ދުންގަންނާނީއެވެ. ނުވަތަ އަނދާނީއެވެ. މިއީ ކަންހިނގާ އުސޫލެވެ. ހަމައާއި އުސޫލު ބަދަލު ކުރަން ވަރަށް ފަސޭހައެވެ. ނަމަވެސް ޢަމަލުތައް ބަދަލުކުރަން ދުވަސް ނަގާނެއެވެ.

ގިނަ ކެމިކަލް ގުދަންތަކުގައި މަސައްކަތް ކުރަނީ އެކިއެކި ބޭރު ޤައުމުތަކުގެ އެކި ފެންވަރުގެ މަސައްކަތު މީހުންނެވެ. އެއީ ގުދަންކުރުމާއި، އުފުލުމާއި، ތަން ބެލެހެއްޓުމުގެ އެންމެހައި ކަންކަމުގައެވެ. މިއީ ވަރަށް ސީރިއަސްކޮށް ވިސްނަން ޖެހޭ ކަމެކެވެ. އެހެނީ ކެމިކަލެއް ބޭނުން ކުރަނިކޮށް ނުވަތަ ގެންގުޅެނިކޮށް މީހަކަށް ގެއްލުމެއް ލިބިއްޖެނަމަ، ލަސްނުކޮށް ފުރަތަމަ އެހީ ދެވޭނެ އިންތިޒާމް އަދި ޞިއްޙީ ފަރުވާ ދެވޭތަނަކަށް ގެންދިއުމުގެ ކުރިން ފުރަތަމަ ކަން ކުރަންވީ ގޮތް ނުވަތަ ގެންދެވެން ދެން ކަންކުރަންވީ ގޮތް ކެމިކަލް ވިއްކާ ފަރާތުން، ކެމިކަލް ގަންނަ ފަރާތައް އަންގައިދޭންޖެހެއެވެ. އެހެންކަމުން ކޮންމެ ގުދަނެއްގައި ގުދަންކުރެވިފައި ހުރި ކެމިކަލަކާއި ގުޅޭގޮތުން ފުރިހަމަ މަޢުލޫމާތު ލިބިފައިހުރި މީހެއް އަދި ތަނުގައި ފަސްޓް އެއިޑް ބޮކްސްއެއް، ފަސްޓް އެއިޑަރެއް އެންމެ ކުޑަމިނުން ހުންނަން ޖެހެއެވެ. މިއީ ކެމިކަލް ގުދަން ކުރާ ފަރާތްތަކުގެ ފުރަތަމަ ވިސްނުމަށް ވާންޖެހެއެވެ.

ގިނަ ކެމިކަލް ގުދަންތަކަކީ ދަގަނޑު ހޮޅިން މުޅިތަން ހަދައި ވަށައިގެން ދަގަނޑު ޓިނު ޖަހާފައި ހުންނަ ތަންތަނެވެ. އަލިފާނުގެ ހާދިސާއެއް ހިނގައިފިނަމަ ދަގަނޑު ހޮޅި ގާތްގަނޑަކަށް 600 ޑިގްރީ ސެލްސިއަސްގައި ފެއިލްވެގެން ވެއްޓެއެވެ. އެހެންކަމުން ދަގަނޑުން ގުދަން ހެދުމުގެ ކުރިން އެ ތަނުގައި ގުދަން ކުރަނީ ކޮންކަހަލަ މުދަލެއްތޯ ބަލަންޖެހެއެވެ. އެ މުދަލުގެ ސަބަބުން އެއްވެސް ނުރައްކަލެއް ދިމާވެދާނެތޯ ދެނެގަންނަންޖެހެއެވެ. ކަމެއް ދިމާވެއްޖެނަމަ ވަގުތުން ކޮންޓްރޯލް ކުރެވޭނެ ގޮތްތައް ހޯދަންޖެހެއެވެ. ތަނުގައި މަސައްކަތްކުރާ މީހުން ޢަމަލުކުރާނެ އުސޫލަކީ ކޮބާތޯ އަދި އިމަޖެންސީ އެއްގައި ގުޅާނެ ނަންބަރުތައް ދުރާލާ އެނގެން ޖެހެއެވެ. އިމާރާތް ކުރާއިރު ސިމެންތި ނުވަތަ އަލިފާން ނުރޯވާ ޒާތުގެ އެއްޗަކުން އިމާރާތްކުރުމަށް ގަވާއިދުގައި ބާރުއަޅަންޖެހެއެވެ. ޕޯޓަބަލް ފަޔަރ އެކްޓިންގްއިޝަރ، ސްޕްރިންކްލަރ ސިސްޓަމް، ފޯމް ޕޯރިންގ ސިސްޓަމް، ވޯލް ޑްރެންޗަރ، ރޫފް ޑްރެންޗަރ އަދި އެސްކޭޕް ރޫޓްތަކާއި، އިމަޖެންސީ އިވެކުއޭސަން އެސެމްބްލީ ފޮއިންޓްތަކާއި، ޕީ.އޭ ސިސްޓަމްތައް ޤާއިމުކުރެވެންޖެހެއެވެ. އަދި ފަޔަރ އިމަޖެންސީ ނަންބަރު (118) އާއި ޕޮލިސް އިމަޖެންސީ ނަންބަރު (119) އާއި ތަނުގެ ވެރީންގެ ނަންބަރު އެނގިފައި އޮތުމަކީ ވަރަށް މުހިންމުކަމެކެވެ. ކޮންމެ އިމަޖެންސީ އެކްސަން ޕްލޭނަކަށް ހުރިހާ މުވައްޒަފުން އަހުލުވެރި ވެފައިވޭތޯ ވަކިވަކީން ބަލައި ޔަޤީން ކުރަންޖެހެއެވެ. ވެރި ފަރާތުން މި ހުރިހާ ކަމަކަށް އަވަސް ފިޔަވަޅުތަކެއް އަޅަންޖެހެއެވެ. އެހެންނޫނީ ރައްކާތެރިކަމެއްނެތެވެ.

ގަވާއިދާ އެއްގޮތަށް ޢަމަލު ނުކުރާ ފަރާތްތަކާމެދު އަޅާނެ ފިޔަވަޅު ”ނުރައްކާތެރި ކެމިކަލާ ބެހޭ ގަވާއިދު“ ގެ 18 ވަނަ މާއްދާގެ (ހ) އަދި (ށ) ގައި ވަރަށް ފުރިހަމައަށް ބަޔާންކޮށްފައިވެއެވެ. ނަމަވެސް ހައްލަކީ ފިޔަވަޅު އެޅުމެއް ނޫނެވެ. އަދި އެޅެން ހުރީ ކޮންފިޔަވަޅެއްތޯ ބެލުމެއް ވެސް ނޫނެވެ. ބޭނުމީ ދާއިމީ ހައްލެކެވެ. ލިބޭ ވަގުތީ ފައިދާއަށް ވުރެ ދާއިމަށް ލިބޭ ފައިދާއެވެ. ފަރުދުންގެ ސަލާމަތާއި މުޖުތަމަޢުގެ ހަމަޖެހމެވެ. ޤާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަބާ ކިޔަމަންތެރިވުމެވެ. މިއީ ހިނދުކޮޅެއްގެ ކުރީން ވިސްނާލާން ޖެހޭ ކަންކަމެވެ.

ޝެއަރކުރެއްވުމަށް