ޝައްކެއްނެތެވެ. ޤައުމީ ބަޠަލުންނަކީ އެ ބޭފުޅުންނަށް ޓަކައި އަޅުގަނޑުމެން ފަޚުރުވެރި ވާންޖެހޭ ބަޔެކެވެ. އެ ބޭފުޅުންގެ އުޅުއްވުމުގެ ރަނގަޅު ގޮތްތައް ބަލައި، އެ ބޭފުޅުން ޤައުމަށް ކުރައްވާފައިވާ ޚިދުމަތްތައް ފާހަގަކޮށް، އެކަންކަމުން ޢިބްރަތް ލިބިގަންނަންޖެހޭ ބައެކެވެ. މިދެންނެވިގޮތަށް ޢަމަލުކުރުމުގެ ބަދަލުގައި، މިހާރަކަށްއައިސް މަދުންނަމަވެސް މިއިވޭ ބައެއްކަހަލަ އަޑުތަކަކީ ދިވެހި ޤައުމިއްޔަތަށް ލޯބިކުރާ އެކަކު ވެސް އަހާހިތްވާނޭ އަޑުތަކެއް ނޫނެވެ. މިދެންނެވި ޒާތުގެ ވާހަކަތައް ދެކެވުނީ ޙަޤީޤަތް އެއްގޮތަކަށް ވެސް ނޭނގިތިބެއެވެ. އެކަން އެހެންވަނީ، ތާރީޚު ރަނގަޅަށް ދިރާސާނުކޮށް، ތާރީޚުގެ މުހިންމު ހާދިސާތައް އަމިއްލައަށް މާނަކުރެވޭތީކަމެއް، ނުވަތަ ސަމާސާ ކުރަންވީ ކަންތަކާއި ސަމާސާ ނުކުރަންވީ ކަންތަކާ ދޭތެރޭ ނުވިސްނޭތީކަމެއް އަޅުގަނޑަކަށް ދަންނަވާކަށް ނޭނގެއެވެ. އަޅުގަނޑު މިދަންނަވަން އުޅޭ އެއްޗެއް ބޮޑަށް ވިސްނިވަޑައިގަންނަވާނީ، ބައެއް މިސާލާއެކު ދެންނެވިއްޔާއެވެ.
އާދެ، މިސާލަކަށް ރާއްޖެ އިސްލާމްވުމެވެ. މި ވާހަކަ ދައްކާ އަދި ލިޔެހަދާ ބައެއް މީހުންގެ ނަޒަރު ހުއްޓިފައިވަނީ، އޭރު ހުންނެވި ކީރިތި މަހާރަދުންނަށެވެ. އައްސުލްޠާން މުޙައްްމަދު ބިން ޢަބްދުﷲ ސިރީބަވަނާދީއްތަ މަހާރަދުންނަށެވެ. މިދެއްކެނީ ކޮންފަދަ ވާހަކައެއްކަމެއް ވެސް ވިސްނާކަށް ބޭނުމެއްނޫނެވެ. ކޮންފަދައަކުން އިޙްތިރާމް ކުރަންޖެހޭ ދިވެހި ދަރިޔަކާ ބެހޭގޮތުން ކަމެއް ވެސް ވިސްނައެއް ނުލެވެއެވެ. އާދޭހެވެ. އަޅުގަނޑު އޭގެ ތަފުސީލަކަށް ނުދާނަމެވެ.
ކޮންމެއަކަސް މިއީ ކޮންތާކުން ނެރުނު ތިޔަރީއެއްކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. ހަމައެކަނި މިފަދަ ވާހަކަތައް ދައްކަނީ އެކަންޏެއް ނޫނެވެ. ނޫސް މަޖައްލާތަކުގައި ލިޔެވެސް ހަދަނީއެވެ. ގައިމުވެސް އެއްވެސް ތާރީޚީ ފޮތަކުން އަޅުގަނޑެއް އެފަދަ ވާހަކަ އެގޮތަކަށް ނުދެކެމެވެ. އެފަދަގޮތަކަށް އޮތް ތާރީޚީ ލިޔުމެއް ދެކެވަޑައިގެންނެވި ބޭފުޅަކު އެ ލިޔުމެއް އަޅުގަނޑަށް ދައްކަވައި ލައްވައިފި ނަމަ، ވަރަށްބޮޑަށް އުފާކުރާނަމެވެ. ކޮންމެއަކަސް އަޅުގަނޑު ދުށް ލިޔުންތަކުގައި އެމާތް ކީރިތި މަހާރަދުންނަށް ޢަދުލުވެރި ދަރުމަވަންތަ ރަދުންނޭ ބުނުން ފިޔަވައި މިދެންނެވިފަދަ އެއްވެސްކަމަކަށް މީހެއްގެ ޚިޔާލު ދިޔުމަށް ޝައްކެއް އުފެދޭފަދަ ގޮތަކަށްވެސް ލިޔެފައެއް ނުހުރެއެވެ.
ސުމުއްވުލްއަމީރު މުޙައްމަދު އަމީން އެ ކިލެގެފާނުގެ ކާފަ، ސުމުއްވުލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނު އަވަހާރަވީތާ 25 އަހަރު ފުރުން ފާހަގަކުރެއްވުމަށް ފޮތެއް ނެރުއްވިއެވެ. އެ ފޮތުގައި އިބްރާހީމް ދޮށިމޭނާ ކިލެގެފާނާ ބެހޭގޮތުން ވަރަށްގިނަ ބޭފުޅުންގެ ޅެންތަކާއި މަޒުމޫނުތައް ހިމަނުއްވާފައިވެއެވެ. މިދެންނެވި ފޮތުގައި، ފަޟީލަތުއްޝައިޚު ޢަބްދުﷲ ޖަލާލުއްދީން ލިޔުއްވާފައިވާ މަޒުމޫނެއްގައި އޮތް ޢިބާރާތެއް، އަޅުގަނޑު މިދަންނަވައިލަނީއެވެ.
[ކިލެގެފާނު އަރިހުގައި، މީހެއްގެ ދުލުން ބޮޑުތަކުރުފާނޭ ބުނެވުނު މަޖިލީހެއް ދުށީމެވެ. ވަރަށް ހިތްޕުޅާ ނުވެފައި ވިދާޅުވިއޭ، އެއީ ބަލަ ދިވެހިރާއްޖޭގެ އެންމެ ނަންފުޅު އުފުލިގެންވާ ރަސްގެފާނެވެ. އެންމެ ކުޑަގޮތެއްގައި ވެސް އުތީމު ބަންޑާރައިންނޭ ނޫނީ އެ ރަދުންނަށް ކިޔައިގެން ނުވާނެއެވެ.]
ނިކަން ދެކެވަޑައިގެން ބައްލަވާށެވެ. ކަންހުރިގޮތަކީ މިއީއެވެ. ޤައުމުގެ ވެރިން މި ޤައުމުގެ ރަސްރަސްކަލުންނަށް ޤަދަރުކުރައްވާ މިންވަރަކީ މިއީއެވެ. މިހާރު އަޅުގަނޑުމެންގެ ތެރެއިން ކިތައް މީހުންނަށް ބޮޑުތަކުރުފާނޭ ނުކިޔައި، އުތީމު ބަންޑާރައިންނޭ ކިޔާށޭ ކިލެގެފާނު ވިދާޅުވި ބަސްފުޅުގެ ތަފާތު ވެސް އެނގޭނޭކަމެއް އަޅުގަނޑަކަށް ނޭނގެއެވެ. މިހެން މިދެންނެވީ ބަހަށް ވެދެވަޑައިގެން ތިއްބެވި ތާރީޚު ޢިލްމަށް ލޯބިކުރައްވާ ބޭފުޅުން ވެސް މިއަދު ޣާޒީ ބަންޑާރައިންނޭ އުތީމު ރަދުންނޭ އުތީމު މަހާރަދުންނޭ އުތީމު ބަންޑާރައިންނޭ މިއިންގޮތަކަށް ވިދާޅުވާ އަޑުފުޅު ނުއިވޭތީއެވެ. ހައްތަހާ ވެސް އިވެނީ ބޮޑުތަކުރުފާނު ކިޔާ އަޑެވެ. ކަންމިހެން ހުރިއިރު، އިޙްތިރާމާއެކު އަނގައިން ބުނުން އެއްކިބައިގައި އޮއްވައި، އަޅުގަނޑުމެންގެ މިއަދުގެ ހާލު ހުރި ގޮތަކީ، އުތީމު މަހާރަދުންނޭ ކިޔައިގެން ވެސް ކޮންމެފަދަ ދަށުދަރަޖައިގެ ވާހަކައެއް ދައްކާކަށްވެސް ޖެހިލުމެއް ނުވުމެވެ.
މިހާރު އަޑުތައް އިވޭ ޢިބާރާތުން ދަންނަވާނަމަ، ބޮޑުތަކުރުފާނު ޕޯޗްގީޒުން އަތުން ރާއްޖެ ސަލާމަތް ކުރައްވަން ކުރެއްވި މަތިވެރި ޖިހާދު ކުރެއްވީ ވެސް ޤައުމަށްޓަކައެއް ނޫނެވެ. ކޮންމެ ވެސް އެހެން ލޯތްބެއްގެ އަވައިގައި ޖެހިވަޑައިގެންނެވެ. މިހިރީ ދައްކަން ހެޔޮވާ ވަރުގެ ވާހަކައެއް ނޫނެވެ.
ރާއްޖޭގައި އުފެދުނު މާތް ބަޠަލުންނާ ބެހޭގޮތުން ނޭދެވޭ ވާހަކަތައް ދެއްކުމަކީ މިއަދަކު އެކަނި ހިނގާކަމެއް ނޫނެވެ. އަދި ކީއްތޯއެވެ. އެ ކަމަކީ ކުރީޒަމާނުއްސުރެ ހިނގަމުން އަންނަ ކަމެކެވެ. އެކަމަކު އޭރުގެ މީހުން އެކަން ކުރިގޮތާއި އަޅުގަނޑުމެން މިޒަމާނުގައި މިކަން މިކުރާގޮތާ ދެމެދު ވަރަށް ބޮޑު ތަފާތެއް އެބަހުއްޓެވެ. އެ ތަފާތަކީ އޭރު ގިނައިން ވެފައިހުރި ގޮތެއްކަމަށް އަޅުގަނޑަށް ފެންނަނީ، އެ ބޭފުޅުންގެ ދަރަޖަ މަތިކުރި ކުރީނުންގޮސް އެ ބޭފުޅުންނަކީ އިންސާނުންނެއްނޫނޭ ހީވާ ހިސާބަށް ވާހަކަ ގެންދިޔުމެވެ. ނުވަތަ އިންސާނީ ބުއްދިޔަށް ގަބޫލު ނުކުރެވޭފަދަ ބޮޑެތި ކަންތައްތައް، އެ ބޭފުޅުންގެ ކަރާމާތްކަމުގައި ހަދައިގެން ވާހަކަ ދެއްކުމެވެ. އަޅުގަނޑުމެންނަށް މިއަދު އިވެމުން މިދަނީ، މިޔާ މުޅިން ޚިލާފަށް އެ ބޭފުޅުންނާ ބެހޭގޮތުން ހަދައިގެން ދައްކާ ހަޑިހުތުރު ވާހަކަތަކެވެ.
ކޮންމެއަކަސް އަޅުގަނޑަކަށް މިހާރު އަޅުގަނޑުމެން މިދައްކާ ބައެއްކަހަލަ ވާހަކަ ދައްކާކަށް ރަނގަޅެއް ނޫނެވެ. އަޅުގަނޑަކަށް އެ ކަހަލަ ވާހަކަ ރީއްޗެއްވެސް ނޫނެވެ. އަދި އަޅުގަނޑަކަށް އެކަން މަޖަލަކަށް ވެސް ނުވެއެވެ. އަޅުގަނޑަށް ހީވަނީ، އެ ކަހަލަ ކަންތަކުން ވާނެކަމަކީ، ތާރީޚު އޮޅޭނީއެވެ. ޚިދުމަތްތެރީންގެ މައްޗަށް މީސްތަކުގެ ހިތްތަކުގައި އޮންނަންޖެހޭ ޙުރުމަތް ކެނޑޭނީއެވެ.
އަނެއް ވާހަކައެވެ. އާދައިގެ މީހަކާ ބެހޭގޮތަކުން ނޫނެވެ. ދިވެހިރާއްޖެ ދުށް އެންމެ އަގުހުރި އެއް ބަޠަލާ ބެހޭގޮތުންނެވެ. [މި ދީނާހުރެ މި ޤައުމާހުރެ] ޝަހީދުވެގެންދިޔަ މާތް ބަޠަލަކާ ބެހޭގޮތުންނެވެ. އާދެ، ހަވަނަ ޢަލިރަސްގެފާނާ ބެހޭގޮތުންނެވެ. އައްސުލްޠާން ޢަލީ 6 ވަނަ ސިރީއައުދަ ސިޔާކަ ކައްތިރި މަހާރަދުންނާ ބެހޭގޮތުންވެސް މިފަދަ ހުތުރު ވާހަކަ އެބަ ދެކެވެއެވެ.
ދީނީ ޢިލްމުވެރިން ތަކުރާރުކޮށް ވިދާޅުވާ އަޑުފުޅު، އަޅުގަނޑުމެން އަހަމުއެވެ. ޢަރަބި ބަސް ރަނގަޅަށް އެނގޭ، އަދި ދީނުގެ ޢިލްމަށް އަރައި ތިއްބެވި ޢިލްމުވެރީން ނޫނީ ކީރިތި ޤުރްއާނުގެ އާޔަތްތަކުގެ މާނަ ކިޔައިގެން ނުވާނެއެވެ. ދީނީ ކަންކަމުގައި ފަތުވާ ދީގެން ނުވާނެއެވެ. އެއީ ވަރަށް ރަނގަޅު ވާހަކަފުޅެކެވެ. އެކަން އެގޮތަށް ހިފަހައްޓަވަން ޖެހެނީ، މީސްތަކުންނަށް އޮޅިދާނެތީއެވެ. ތަންދޮރު މާބޮޑަށް ފިލާފައި ނުތިބޭ އާންމުން މަގުފުރެދިދާނެތީ އެވެ.
އަޅުގަނޑަށް ވިސްނޭގޮތުގައި، މިކަން މިގޮތަށް އޮންނަންވާނީ، ހަމައެކަނި ދީނީ ކަންތައްތަކަކު ނޫނެވެ. ޝައްކެއްނެތެވެ. އެންމެ ނުރައްކާތެރިކަމަކީ، ދީނީ މައްސަލަތަކުގައި ޚިލާފު އުފެދުމުން ނުކުންނަ މައްސަލަތަކެވެ. އެކަން އަޅުގަނޑުވެސް ގަބޫލު ކުރަމެވެ. ހަމައެޔާއެކު، އަޅުގަނޑު ދަންނަވާނީ، ބައެއް ކަހަލަ ދުނިޔަވީ ކަންތައްތަކުގައި ވެސް މިކަން އޮންނަންވާނީ މިހެންނެވެ. ޚާއްޞަކޮށް މީހުންގެ ޚިޔާލު ބައިބައި ވެދާނޭ ކަހަލަ ކަންކަމަށް ރައްކާތެރިވާންވާނެއެވެ. އެފަދަ ކަންކަމުގެ ވާހަކަ ދައްކައި، އަމިއްލަ ރަޢުޔު ފާޅުކުރަންވާނީ، އެކަންކަން ދެނެތިބި މީހުންނެވެ.
ޙަޤީޤަތުގައި ތާރީޚު ޢިލްމުފަދަ ޢިލްމުތަކަށް ވަދެތިބޭ މޮޅު މީހުން އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގަޔޭ ކިޔާފައި، ބުނާ ބަހެއް ހަމައެކަނި ޚިޔާލުގެ މައްޗަކަށް ނުބުނާނެއެވެ. އޭނާ އެ ބުނާ ބަހުގެ ފަހަތުގައި ކޮންމެ ވެސް އުސޫލެއް އޮންނާނެއެވެ. އެހެން އޭނާ ބުނި ސަބަބެއް އޮންނާނެއެވެ.
މިސާލަކަށް، އަލްއުސްތާޛު އަލްމަރްޙޫމް މުޙައްމަދު ލުޠުފީ ރާއްޖެ އިސްލާމްކުރެއްވި ބޭކަލެއްގެ ނަންފުޅާ ބެހޭގޮތުން ލިޔުއްވާފައި އެބައޮތެވެ. އޭނާއަށް ގަބޫލުކުރެއްވޭ ގޮތްތަކެއް ވިދާޅުވެފައި އެބައޮތެވެ. ރާއްޖެ އިސްލާމްވުމަށް މެދުވެރިވި ސަބަބާމެދު ދެކެވަޑައިގަންނަވާގޮތް، އަލްފާޟިލް އަލްމަރްޙޫމް ޙަސަން އަޙްމަދު މަނިކު ހާމަކުރައްވާފައި އެބައޮތެވެ. އެ ކަމަކު އެއިން ކޮންމެ ކަމެއް، މިއިން ކޮންމެ ބޭފުޅަކު ހާމަކުރައްވާފައިއޮތީ، ތާރީޚުގެ އަލީގައެވެ. ވިދާޅުވެފައިހުރީ، ދަލީލާ އެކުގައެވެ. އެ ބޭފުޅުން ތާރީޚު ޢިލްމަށް ވެދެވަޑައިގެން ތިއްބެވި ބޮޑުކަމާ އެކުގައެވެ. ޝައްކެއްނެތެވެ. އެ ބޭފުޅުންގެ އަމިއްލަފުޅު ޚިޔާލުފުޅު ވެސް އަޅުގަނޑުމެން ބަލައިގަންނަން ޖެހޭނެއެވެ. އެއީ، އެ މައުޟޫޢެއްގައި އޭނާ ދެކެވަޑައިގަންނަވާ ގޮތްކަމަށް އަޅުގަނޑުމެން ދަންނަންވާނެއެވެ.
ތިމާމެންގެ ޤައުމަށް ރީތި ނަމާއި ޝަރަފު ހޯދައިދެއްވި ބޭފުޅުންނަށް އިޙްތިރާމް ކުރުމަކީ އަޅުގަނޑުމެން އެކަނި ކުރާކަމެއް ނޫނެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި އެކަން އަދި މާބޮޑަށް އޮވެއެވެ. އަޅުގަނޑަށް އެނގިފައިވާގޮތުގައި، ޕާކިސްތާނުގެ ބާނީ މުޙައްމަދު ޢަލީ ޖިނާޙަށް ކުޑައިމީސް ބަހެއް ބުނުމީ، ޕާކިސްތާނުގައި ޤާނޫނީ ކުށެކެވެ. އެ މީހަކަށް އެކުށަށް އަދަބު ލިބެއެވެ. ހަމަސް ދުވަހަށް ޖަލަށް ލެވެއެވެ. އަޅުގަނޑު އަހާގޮތުގައި، މިއޮތްބޮޑު އިންޑިޔާގައި ވެސް އެކަން އޮތީ އެހެންނެވެ. މަހާތުމާގާނދީއަށް ބަދު ބަހެއް ބުނުން އެއީ ޤާނޫނުގައި އެ ކަމަށް އަދަބު ކަނޑައެޅިފައިވާ ކުށެކެވެ. ކަންހުރިގޮތަކީ މިއީއެވެ. އަޅުގަނޑުމެން އަދި ކޮންމެހެން މިހާހިސާބަށް ނުދިޔަޔަސް، އަޅުގަނޑުމެންގެ މެދުގައިވެސް މިކަހަލަ ކަންކަމުގެ އަޚްލާޤީ މިންގަނޑުތަކެއް ގެންގުޅެން ވާނެއެވެ.
މިހާތަނުން ދެން އުފެދޭ ސުވާލަކީ، އަޅުގަނޑުމެންނަށް އެބަ ބަދަލުތަކެއް އާދޭތޯއެވެ؟ އަންނަނަމަ، މި ބަދަލުތަކެއް މި އަންނަނީ ކީއްވެތޯއެވެ؟ އަޅުގަނޑުމެންނަކީ ހަމަ ގޮތެއްނެތް ބަޔަކީތޯއެވެ؟ ނޫނެކެވެ. އެއްގޮތަކަށް ވެސް އަޅުގަނޑު އެހެނެއް ނުދަންނަވާނަމެވެ. އަޅުގަނޑުމެންނަކީ ޝައްކެއްނެތްގޮތުގައި، ވަރަށް ގޮތްހުރި ބައެކެވެ. ވަރަށް ގޮތްހުރި މައިންބަފައިންތަކެއްގެ ދަރިންނެވެ. ވަރަށް ރީތި އަދަބުތަކަކާއި އާދަކާދަތަކެއްގެ ވާރުތަވެރިންނެވެ. ކާބަފައިންނަށް ލޯބިކުރުމަކީ އެއީ އަޅުގަނޑުމެންގެ ތެރޭގައި އޮތްކަމެކެވެ. މިހެން ކަންހުރިއިރު، އަޅުގަނޑުމެންގެ ކިބައިން މިފަދަ ނޭދެވޭ ސިފަތަކެއް ފެންނަނަމަ، އޭގެ ސަބަބުތަކެއް ވެސް ހުންނާނެއެވެ.
އަޅުގަނޑަށް ވިސްނޭގޮތުގައި، ކާބަފައިންނަށް އިޙްތިރާމްކުރުން އަޅުގަނޑުމެންގެ ތެރޭގައި މީގެ އަހަރުތަކަކާ ހަމައަށް އައިއިރު ވެސް، މިހާރަށްވުރެ ބޮޑަށް ހިފެހެއްޓިފައި އޮތެވެ. އޭގެ ސަބަބުތަކެއް ވެސް ހުއްޓެވެ. ދެން އަޅުގަނޑުމެން ދުނިޔެއަށް ހުޅުވުނީއެވެ. ކުއްލިއަކަށެވެ. އޭރުގެ ގަނޑުވަރުތަކާއި، ބޮޑެތި ޢާއިލާތަކުގެ ނުފޫޒު ކެނޑި، މި ޒަމާނުގައި މިއޮތްގޮތަށް ވެގެންދިޔައީއެވެ. މިއަދުގެ ދުނިޔެފަދަ ހުޅުވިފައިވާ ދުނިޔެއެއްގައި އުޅޭއިރު، ކާބަފައިންގެ ޙުރުމަތް ހިފެހެއްޓުމަށް، މި ޒަމާނުގައި އެހެން ޤައުމުތަކުގައި އަޅާ ފިޔަވަޅުތައް ބަލައިގެން، ލަސްލަހުން އަޅާނޭ ވަގުތު ނުލިބި، ކުއްލި ބަދަލުތަކެއް އައީއެވެ.
ދިވެހި ކާބަފައިންނަށް ކުރަންޖެހޭ އިޙުތިރާމް ކުޑަވަމުން ނުދާނެގޮތަކަށް އާންމު ދިރިއުޅުމާއި، ސްކޫލުތަކުގެ އާންމު މަސްރަޙު މިހާރަށްވުރެ ވެސް ބޮޑަށް ބައްޓަންކުރަންޖެހެޔޭ އަޅުގަނޑު ހިތަށް އަރައެވެ. މިސާލަކަށް، ސްކޫލުތަކުގައި ކުދިންނަށް މަގުދައްކާ ބަޔަކީ ޓީޗަރުންނެވެ. ޓީޗަރުންގެ ގޮތުގައި ގިނައިން މި ތިބެނީ ބޭރު މީހުންނެވެ. އެ މީހުންނަކީ އަޅުގަނޑުމެންގެ ވެލިއުސްއަށް ލޯބިކުރަން ދަސްވެފައިވާ ބައެއް ނޫނެވެ. އަޅުގަނޑުމެންގެ ޤައުމުގެ އުފަލާއި ހިތާމައިގެ ވޭންތައް އުފުލި ބައެއް ނޫނެވެ. އެ މީހުންނަށް ކޮން ޣާޒީބަންޑާރައިންނެއްތޯއެވެ؟
މިކަމަކީ ވެސް ރާއްޖޭގައި އެކަނި އެކަން އޮތްގޮތެއް ނޫނެވެ. ބޭރު ޓީޗަރުންގެ ބޮޑު އާބާދީއެއް އޮންނަ ޤައުމުތައް އަޅުގަނޑުމެން ނޫނަސް، ދުނިޔޭގައި އެބަހުއްޓެވެ. އެފަދަ ޙާލަތްތަކުގައި އެ މީހުންގެ ޤައުމިއްޔަތުގެ އަގުތައް ހިފަހައްޓަން ކުރާ ކަންތައްތަކެއް ވެސް ހުންނާނެއެވެ. ޝައްކެއްނެތެވެ. މިކަމަކީ މިކަން އޮތީ މިހެންކަން އަޅުގަނޑުމެންނަށް ރަނގަޅަށް އެނގޭ ކަމެކެވެ. އަދި އެހެންވިޔަ ނުދިނުމަށް މަސައްކަތްތަކެއް ސަރުކާރުން ކުރައްވާ ކަމެއްވެސްމެއެވެ. އަދި ހަމަ އެފަދައިން، އިތުރު ވިސްނުމެއް ވެސް ބަހައްޓަން ޖެހިފައިވާ ކަމެކެވެ.
މީގެއިތުރަށް، ނޫސްވެރިންނާއި ލިޔުންތެރިންނާއި މުޖްތަމަޢަށް އެ މީހުންގެ ބަހާއި ޢަމަލުގެ އަސަރުފޯރާ ހަމަ ކޮންމެ މީހަކު، މިއަދު މިވަނީ އަޅުގަނޑުމެންގެ ޤައުމިއްޔަތު ދިރުވަން ޚާއްޞަ މަސައްކަތްތަކެއް ކުރަން ޖެހިފައެވެ.
އާދެ ވެރިންނަށް އިޙްތިރާމްކުރުން، ކާބަފައިންނަށް ލޯބިކުރުން މިހާރަށްވުރެ ހަރުދަނާ ކުރުމަކީ އަޅުގަނޑުމެންގެ ޤައުމިއްޔަތު ދިރުވުމަށް، ވަރަށްބޮޑަށް މިއަދު ބޭނުންވެފައިވާ ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ. އެހެން ހުރިހާ ދިމާއަކުން ތަޢުލީމުގެ ދޮރާށިތައް ތަންމިނަށް ހުޅުވިފައިވާއިރު، އަޅުގަނޑުމެންނަކީ ކޮންބައެއްކަން، އަޅުގަނޑުމެން އަޅުގަނޑުމެންނަށްވީ ކީއްވެގެންކަން، އަޅުގަނޑުމެންނަށް އެނގެން ޖެހޭނެއެވެ. މިގޮތުން އަޅުގަނޑުމެންގެ ޤައުމު ޤައުމަކަށް ހެއްދެވި، އަޅުގަނޑުމެންގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރެއްވި މާތް ބަޠަލުންނަށް ޝުކުރުވެރިވާން، އިޙުތިރާމްކުރާން އަޅުގަނޑުމެން ދަސްކުރަން ޖެހޭނެއެވެ. އެ ބޭފުޅުން ކުރެއްވި ޖިހާދު، އެ ބޭފުޅުން ވެވަޑައިގެންނެވި ޤުރުބާނީގެ އަގު ވަޒަންކުރަން ދަސްކުރަން ޖެހޭނެއެވެ. ފަހަރެއްގައިވެސް އެއިން ބޭފުޅަކަށް ބަދުބަހެއް ބުނާ އަޑަކީ، އަޅުގަނޑުމެންގެ ދިވެހި ޤައުމީ ކަންފަތުން އެހުމަށް ރުހެވޭ އަޑަކަށްވެގެން ނުވާނެއެވެ.
