ވާނީވެސް އެހެންތާއެވެ. ސިފައިންގެއަކީ ”ބިރުވެރި“، ”ނާމާން“ ތަނެއް ވިއްޔާއެވެ. ހަތިޔާރާއި ބަޑީގެ ގުދަނެއް ވިއްޔާއެވެ. އެފަދަ ތަނަކަށް ދާން އެދޭނީ ކާކު ހެއްޔެވެ؟
ދެން ވީގޮތަކީ، އަޅުގަނޑު ބޮޑުވީއެވެ. ޒުވާނަކަށް ވީއެވެ. ސިފައިންގޭގެ ހައިބަތާއި ޤަދަރު ވިސްނިއްޖެއެވެ. އެތަނަކީ ޙަޤީޤަތުގައި ކޮންތަނެއްކަން ރޯފިލައިފިއެވެ. އެއީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރެވެ. އަޅުގަނޑުމެންގެ ޙިމާޔަތުގެ މަރުކަޒެވެ. މި ދީބުގެ ދަގަނޑު ދަހަނާއެވެ. މި ފަސްގަނޑުގެ މައްޗަށްވާ ރައްކާތެރިކަމުގެ ފޭރާމެވެ. ދަޢުލަތުގެ އެންމެ ބޮޑު އަދި އެންމެ ދުވަސްވީ އެއް މުއައްސަސާއެވެ. އެތަނުގައި ތިބީ އަޅުގަނޑުމެންގެ ޤައުމާއި އިސްލާމްދީނުގެ ދިފާޢުގައި، ފުރާނަ ޤުރުބާން ކުރަން ޖެހުނަސް އެކަން ކުރުމަށް، މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ބައެކެވެ. ކާރިސާއާއި ނުރައްކަލުގެ ޙާލަތްތަކުގައި، މާތްﷲގެ ރަޙްމަތްފުޅުން، ސަލާމަތުގެ އަލިމަގެއް ފެންނާނެކަމުގެ އުންމީދާއި އިތުބާރު އެބަޔަކާ ގުޅިފައިވާ ދިވެހި އަސްކަރީ ފަހުލަވާނުންނެވެ.
ނަސީބު ނިޔާކުރިގޮތުން، ސަރުކާރުން އަޅުގަނޑަށް ދެއްވި އެންމެ ފުރަތަމަ ވަޒީފާ އަދާކުރަމުން މިދަނީ ސިފައިންގެ މައި މަޒުކަޒު ކަމަށްވާ ބަންޑާރަކޮށީގައި ހުންނަ މިނިސްޓަރުގެ ބިއުރޯގައެވެ. ބިއުރޯގެ ކުޑަދޮރުން ބޭރަށް ނަޒަރު ހިންގާލުމުން، އެންމެ ގާތުން ފެންނަނީ މިނިވަންކަމާއެކު ވިހުރެމުންދާ ދިވެހިންގެ ޤައުމީ ދިދައެވެ. ލިބޭ ހުސް ވަގުތުކޮޅެއްގައި، އެ ދިދައަށް ބަލަހައްޓައިގެން ހުންނައިރު ހަނދާނަށް އަންނަނީ ކުޑައިރު ވެސް އިވޭ ވާހަކައެކެވެ.
އެއީ، ޤައުމެއް ދިރިދެމިއޮތުމާއި ނެތިފަނާވެދިޔުން ބިނާވެފައި އޮންނަނީ އެ ޤައުމެއްގެ ރައްޔިތުންގެ ހިތުގައި އެ ޤައުމަކާމެދު އޮންނަ ލޯތްބާއި އިޚްލާޞްތެރިކަމުގެ މައްޗަށް ކަމަށް ބުނާ ބުނުމެވެ. އެއީ ތެދަކަށް ވާނަމަ، އެ ލޯތްބާއި އިޚްލާޞްތެރިކަން އެންމެ މަތީ ދަރަޖައިގައި ތަމްޞީލުކޮށްދޭ އެއް ބަޔަކީ ސިފައިންނެވެ.
މިކަމަށް ތާރީޚް ހެކިދެއެވެ. ކުރިމަތިން ފެންނަން ހުރި އިމާރާތުގެ ނަމުން ވެސް ހެކިދެއެވެ. އަޅުގަނޑު ވަޒީފާ އަދާކުރަމުންދާ އިމާރާތުގެ މައި ދޮރާށިން އަދި މާ ބޮޑަށް ހެކިދެއެވެ.
އަޅުގަނޑަކީ ޒުވާނެކެވެ. ޝަހީދު ޙުސައިން އާދަމަކީ ވެސް ޒުވާނެކެވެ. މި ދުނިޔެއާ އަލްވަދާޢު ކިޔުއްވަން ޖެހިވަޑައިގަތީ ޤައުމާއި ދީނުގެ ޙިމާޔަތުގައި ހުންނަވަނިކޮށެވެ. ބަންޑާރަކޮށީގައެވެ. ހަމަ މި ތަނުގައެވެ. ކިހާ ޝަރަފުވެރި ނިމުމެއްތޯއެވެ؟
އޭރު ”އިންޒާރު“ ދިން މީހުންނަށް މިހާރު ބުނެލަން އޮތީ އެންމެ ވާހަކައެކެވެ.
ސިފައިންގެއަށް ގެންދިޔައަސް ދެން އެންމެ ރަނގަޅެވެ.
