1988 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވި އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުއްނާޞިރު ޔޫސުފަކީ ހިތްވަރު ގަދަ ބަޠަލެކެވެ. ނޮވެންބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ދުޝްމަނުންގެ ކިބައިން މި ލޮބުވެތި ވަޠަން ސަލާމަތްކުރުމުގައި ދުޝްމަނުން އަމާޒު ފަތްގަނޑަކަށް ވި ނަމަވެސް އަމިއްލަ ފުރާނައަށް ބެލުމެއް ނެތި މަސައްކަތްކޮށްފައިވާ ކުޅަދާނަ، އަދި މި ދިވެހި ޤައުމާއި ދިވެހި ރައްޔިތުން މިއަދު ފަޚުރުވެރިވާފަދަ ބަޠަލެކެވެ. ޢަބުދުއްނާޞިރު ޔޫސުފު ސިފައިންގެ ޚިދުމަތަށް ނިކުންނަވާފައިވަނީ ޢުމުރުން އެންމެ 23 އަހަރު ގައެވެ. 1988 ނޮވެންބަރު 3 ވަނަ ދުވަހަކީ ސިފައިންގެ ޚިދުމަތާ ގުޅުނުތާ 8 މަހާއި 3 ދުވަސްވީ ދުވަހެވެ. އޭރު ނޭޝަނަލް ސެކިއުރިޓީ ސަރވިސްގެ ޕްރައިވެޓެއްގެ މަޤާމުގައި ހުރި ނަމަވެސް މިއަދު އެއީ ދިވެހި ފުލުހުންގެ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުއްނާޞިރު ޔޫސުފެވެ. ސިފައިންގެ ޚިދުމަތުން ފެށިގެން ފުލުހުންނާއި ސިފައިން ވަކި މުއައްސަސާއަކަށް ބަދަލުވި ނަމަވެސް ޚިދުމަތުގައި މެދުކެނޑުމެއްނެތި މިއަދު އެވަނީ 31 އަހަރު ޤައުމަށް ޚިދުމަތް ކޮށްދެއްވާފައެވެ.
އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުއްނާޞިރު ޔޫސުފުގެ ޚިދުމަތަށް ބަލާއިރު، އެންމެ ފުރަތަމަ ސިފައިންގެ ބޭސިކް ޓްރޭނިންގ ނިންމާލުމަށްފަހު މަސައްކަތްކުރެއްވީ ޑިއުޓީ ސެކްޝަންގެ ކާތިބަކަށެވެ. ތިނެއް ނޮވެންބަރުގެ ޢުދުވާން ކުރިމަތިވި ރޭ ޢަބްދުއްނާޞިރު ޔޫސުފު ހުންނެވީ އެ ސެކްޝަނުގެ ދަންވަރު ޑިއުޓީގައެވެ. އަދި ޒަޚަމްވެގެން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ގޮސްފައި އައި ފަހުން މާގިނަދުވަހެއް ނުވެ ބަދަލުކުރެއްވީ ޕޯރޓް ސެކިއުރިޓީ ބްރާންޗަށެވެ. އެތަނުގައި 15 ވަރަކަށް އަހަރު އޭނާ މަސައްކަތް ކުރިއެވެ. އަދި ފަހުން، ދުވަސްކޮޅަކު ކޯސްޓްގާޑް އެޑްމިންގައި ވެސް މަސައްކަތްކުރެއްވިއެވެ. ނަމަވެސް 2004 ސެޕްޓެންބަރު 1ވަނަ ދުވަހު ސިފައިންނާއި ފުލުހުންނަކީ ވަކި ދެ މުޢައްސަސާއެއްގެ ގޮތުގައި ސަރުކާރުން ހަމަޖެއްސުމައެކު އެ ދުވަހުން ފެށިގެން އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުއްނާޞިރު ޔޫސުފު މަސައްކަތްކުރަމުން އަންނަނީ ދިވެހި ފުލުހުންގެ ޚިދުމަތުގައެވެ.
އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުއްނާޞިރު ޔޫސުފަށް ނޮވެންބަރު ތިންވަނަ ދުވަހަކީ ވަރަށް ޚާއްޞަ ދުވަހެކެވެ. އެ ދުވަހު އޭރު ސިފައިންގެ ޕްރައިވެޓް އަބްދުއްނާޞިރު ޔޫސުފް (އިންޑެކްސް ނަންބަރު: 1062) ޒަޚަމްވީ، ނޮވެންބަރު 3 ވަނަ ދުވަހު ދުޝްމިނުން ސިފައިންގެއަށް ފޮނުވާލި މޯޓަރޝެލްއެއް ގޮވައި ބުރައިގެންދިޔަ މޯޓަރޝެލްގެ އެތިކޮޅަކުން ޖެހިފައެވެ. މި ޙަމަލާގައި ޕްރައިވެޓް ޢަބްދުއްނާޞިރު ޔޫސުފުގެ ކަނާތުގެ މުލައްދަނޑިން ބޮޑުތަނެއް ޒަޚަމްވެ އަތުގެ ކަށިގަނޑު ދިގަށް ފަޅައިގެންގޮސް ވަރަށް ބޮޑަށް ރެނދުލިޔެއެވެ. މި ހާދިސާ ހިނގީ ނޮވެންބަރު 3 ވަނަ ދުވަހުގެ ހެނދުނު ގާތްގަނޑަކަށް 10:00 ހާއިރުއެވެ. އެ ދުވަހުގެ މި ހާދިސާ ޢަބްދުއްނާޞިރު ޔޫސުފް ސިފަ ކުރައްވަނީ ވަރަށް ބިރުވެރި އަދި ކުއްލި ސިހުމެއް ލިބިގެންދިޔަ ކަމެއްކަމުގައެވެ. މި ހާދިސާ ހިނގާ ދިޔަގޮތް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުއްނާޞިރު ޔޫސުފްގެ ދުލުން އަޅުގަނޑަށް ހިއްސާކޮށްލުމުން ވަރަށް އަސަރު ކުރިއެވެ. އެހެންކަމުން ޢަބްދުއްނާޞިރު ޔޫސުފުގެ މިވާހަކަތައް އަޅުގަނޑަށް ހިއްސާކޮށްދެއްވި ގޮތަށް ތިޔަ ކިޔުންތެރިންނަށް ހިއްސާކޮށްލެވޭތޯ މަސައްކަތް ކޮށްލާނަމެވެ.
އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުއްނާޞިރުގެ ދުލުން އެ ދުވަސް
“ 1988 ނޮވެންބަރު 03 ވަނަ ދުވަސް ފެށުނުއިރު އަޅުގަނޑުހުރީ ޑިއުޓީސެކްޝަން ގެ ދަންވަރު ޑިއުޓީގައެވެ. އެއީ ޑިއުޓީ ކާތިބެއްގެ ގޮތުން އެރޭގެ 00:00 އިން 08:00 އަށެވެ. މިގޮތުން އެރޭގެ މެންދަމުން އަލިވެ 04:00 ގައި ޑިއުޓީތަކަށް ދާންޖެހޭ މީހުން ޑިއުޓީތަކަށް ފޮނުވުމަށް ފަހު، އެ ގަޑީގައި ޑިއުޓީއަށް ގޮވަންހުރި ޕްރައިވެޓް ޝާމިން ނަޖީބު (އިންޑެކްސް ނަމްބަރ:926) އާއި އެކީ އަޅުގަނޑު އައީ ޑިއުޓީ ސެކްޝަނަށެވެ. އެއިރު ޑިއުޓީ ސެކްޝަން ހުންނަނީ ސިފައިންގެ މެއިންގޭޓުން ވަންނައިރު ކަނާތް ފަޅީގައި، ދެ ގޭޓް ދެމެދުގައެވެ. ޑިއުޓީ ކާތިބުން މަސައްކަތް ކުރުމަށް އެތަނުގައި ހުންނަނީ ދިގު ކައުންޓަރެއް ބަހައްޓާފައެވެ. އަޅުގަނޑާއި ޝާމިން ނަޖީބު އައިސް ކައުންޓަރުގައި އިށީންތަނާ ބަޑިޖަހާ އަޑު އިވެން ފެށިއެވެ. އެއިރު ގާތްގަޑަކަށް 04:20 ވެދާނެއެވެ. ބަޑީގެ އަޑު އިވެން ފެށުމުން އަޅުގަނޑު އެތެރެ ގޭޓް ކައިރިއަށް ނުކުމެ ބަލައިލިއިރު ސިފައިންގެ މަތިން އަލިފާން ކަނިތައް ދާތަން ފެނެއެވެ. ދެން އަޅުގަނޑު އެނބުރި އައިސް ކައުންޓަރުގައި އިށީންތަނާ ޕްރައިވެޓް ޙުސައިން އާދަމް ހުރި ދިމާލު ފާރުގައި އިން ފެންލައިޓަށް ޙަމަލާއެއް އަރައި ބިއްލޫރި ގަނޑު ތަޅައިގެން ދިއުމުން ބިއްލޫރިތަކުން ސަލާމަތްވުމަށް އަޅުގަނޑު އިށީނދެގެން އިން ކައުންޓަރުގެ ދަށަށް އަޅުގަނޑު ދެމިގަތީމެވެ. ދެން އެތަނުން ނުކުތުމަށް ފަހު، ފާރުގެ ބޭރުފަރާތުގައި ހުރީ ޙުސައިން އާދަމްކަން އެނގޭތީ، އަޅުގަނޑު ޙުސައިން އާދަމަށް ގޮވާފައި މިވަނީ ކިހިނެއްހޭ އެހީމެވެ. ޙުސައިން އާދަމް ބުނީ “ބަޔަކު ޙަމަލާދެނީއޭ، އެހެންވެ ތިމަންނަ ވެސް އެ މީހުނަށް ޙަމަލާދެނީއޭ“ މިހެންނެވެ. ދެން އިރުކޮޅެއް ވެސް ނުވަނީސް ޙުސައިން އާދަމް ގޮވާފައި ބުނަނީ “ތިމަންނަގެ އަތުން ވަޒަން ހުސްވެއްޖޭ، އަދި ތިމަންނަގެ ގަޔަށް ވަޒަން އަރައި ފިޔޭ، މިހާރު ވާހަކަ ދެއްކޭ ވަރެއް ވެސް ނުވެޔޭ“ މިހެންނެވެ. އަދި ފަހުން އަޅުގަނޑު އެތަށްފަހަރަކު ގޮވުމުންވެސް ޙުސައިން އާދަމް ޖަވާބެއްނުދިނެވެ. ދެން އަޅުގަނޑަށް ވިސްނުނީ އޭނާ ޝަހީދުވީ ކަމަށެވެ.
އޭގެ ފަހުން ނޮވެންބަރު 3 ވަނަ ދުވަހުގެ ހެނދުނު 08:30 ހާއިރު އެތެރެ ގޭޓް ހުޅުވާލައްޕާ ޑިއުޓީގައި ހުރި ޕްރައިވެޓް ޖިހާދު ޢަބްދުﷲގެ ފަޔަށް ވަޒަނެއް އެރިތަން އަޅުގަނޑު ދުށީމެވެ. އެއިރު އޭނާއިނީ އަޅުގަނޑުގެ ގާތުގައި ޑިއުޓީ ސެކްޝަންގެ ކައުންޓަރުގައި އިށީނދެގެންނެވެ. އޭނާގެ ފަޔަށް ވަޒަން އެރީ އިށީނދެގެން އިން ކައުންޓަރ ފޫއަޅުވާލާފައި ވަން ވަޒަނެކެވެ. އޭނާގެ ފަޔަށް ވަޒަން އެރުމުން ފައިގައި ފޮތި ބަނދެދީ އެތެރެއަށް ފޮނުވައި ދިނީމެވެ. ދެންވެސް އަޅުގަނޑު އިނީ ހަމަ އެތަނުގައެވެ.
އަޅުގަނޑުގެ އަތަށް މިއަނިޔާ ލިބުނު ވަގުތަކީ ދުޝްމަނުންގެ ޙަމަލާތައް އެންމެ ވަރުގަދަޔަށް ސިފައިންގެއަށް ދެމުން ދިޔަ ވަގުތެވެ. އެއީ ގާތްގަނޑަކަށް އެދުވަހު 10:00 ހައިއިރުއެވެ. އެވަގުތަކީ، އާންމު ރައްޔިތުން ރަހީނުކޮށްގެން ގެނެސް، މިހާރުގެ ޖުމުހޫރީ މައިދާން އޮތްތަނުގައި ޗާނދަނީމަގާއިވީ ފަރާތުގައި، ދުޝްމަނުން އެ މީހުންގެ އައްޑަނައެއްގެ ގޮތުގައި ބައިތިއްބައިގެން ސިފައިންގެއަށް ޙަމަލާ ދެމުން ދިޔަ ވަގުތެވެ. އެވަގުތު ރައްދު ދިނުމަށްޓަކައި، އެތެރޭގައި ބަންދުވެފައިތިބި ސިފައިން ބޭރަށް ނުކުތުމަށް އެކި ގޮތްގޮތުން މަސައްކަތްކުރިއެވެ. އަދި ބަހެއްގައި ހަތިޔާރާއެކު، ބޭރަށް ނުކުންނަން ތައްޔާރުވެ، މެއިން ގޭޓް ކައިރިއަށް ގެނައެވެ. އެވަގުތު އަޅުގަނޑު ހުރީ، ޑިއުޓީ ސެކްޝަންގެ ކައުންޓަރުގައެވެ. ބަސް ނުކުންނަން އައި ވަގުތު އެތެރެ ގޭޓްގެ އެތެރެ ފަރާތުގައި ހުންނެވި ލާންސް ކޯޕްރަލް މުޙައްމަދު ނަޢީމް (ގްރޭވޫލް ނަޢީމް) އަޅުގަނޑަށް ގޮވާލައްވާފައި، “ބަސް ނިކުންނަ ވަގުތު ބޭރު ގޭޓް ހުޅުވާލަދޭން ކެރިދާނެހޭ، ތިމަންނަ އެތެރެގޭޓް ހުޅުވާނަމޭ“ ބުނުއްވުމުން، އަޅުގަނޑު އާއެކޭ ބުނީމެވެ. އަދި ދެމީހުން އެކުގައި ނުކުމެ ގޭޓް ހުޅުވަން މަސައްކަތްކުރީމެވެ. ނަމަވެސް، ގޭޓް ތާށިވެފައި ހުރުމުގެ ސަބަބުން ގޭޓް ހުޅުވޭގޮތެއް ނުވިއެވެ. ދެން އެތަނުގައި އިސްކޮށް ތިއްބެވި ވެރިންގެ ތެރެއިން މޭޖަރ ޝައުކަތު އިބްރާހީމް އެންގެވީ ގޭޓް ހަލާކު ކޮށްލުމަށެވެ. އަދި ކުޑައިރުކޮޅެއްފަހުން ޓްރެކްޓަރެއް ގެނެސް ގޭޓްގައި ޖެއްސުމުން އެތެރެ ގޭޓްގެ ތިރީބައި ނައްޓައިގެންގޮސް ޓްރެކްޓަރުގެ ފޮށިގަނޑާއި އިންޖީނާއި ދެމެދަށް ވަދެ ޓްރެކްޓަރ އެތަނުގައި ތާށިވިއެވެ. މިކަން ހިނގިއިރު އަޅުގަނޑު ހުރީ އެތެރެގޭޓްގެ އެތެރެ ފަރާތު ސްޓޭޖް ކައިރީގައެވެ. އެތަނުގައި ހުއްޓައި މޭޖަރ ޝައުކަތު އަންގަވައިގެން ދަނގަޑު ހޮޅިއެއް ގެނައުމުން، މަތާލައްވައިގެން ގޭޓްގެ ދަނގަޑުތައް ނައްޓަން މަސައްކަތްކުރި މީހުންނާއިއެކު އަޅުގަނޑު މަސައްކަތްކުރީމެވެ. މި މަސައްކަތް ކުރަމުން ދަނިކޮށް އެތަނުގެ ކައިރިއަށް ވެއްޓުނު މޯޓަރ ޝެލްއެއް ގޮވައިގެން އަޅުގަނޑާއި އެކު 4 މީހުން ޒަޚަމްވިއެވެ. އަޅުގަނޑުގެ އިތުރުން އެތަނުގައި ޒަޚަމްވީ ލާންސް ކޯޕްރަލް މުޙައްމަދު ނަޢީމް (ގްރޭވޫލް ނަޢީމް)، ޕްރައިވެޓް މޫސާ އިބްރާހީމް އަދި ޕްރައިވެޓް އަޙްމަދު ސަޢީދެވެ.
އަޅުގަނޑު ކަނާތް ޒަޚަމް ވުމާއި ގުޅިގެން ޒަޚަމްވެފައިވާ ތަނުގައި އަނެއް އަތުން ބާރަށް ހިފަހައްޓައިގެން ދުވެފައި ދަނިކޮށް ކުރީގެ ދޮންނަގެ ހުންނަ ހިސާބާ އަރައި ހަމަވިތަނާ، ހަނދާންވާ ގޮތުގައި އެ ތަނުން ދިމާވީ ޕްރައިވެޓް ޢަދުނާނު މުޙައްމަދާއެވެ. އޭނާ އަޅުގަނޑު ގޮވައިގެން ގޮސް ވެއްދީ ދޮންނަ ގެއަށެވެ. އެއިރު އެތަނުގައި ޒަޚަމްވެގެން ގެނެވިފައި ތިބި މީހުންތަކެއް ތިއްބެވެ. މި ތަނުގައި އެއްވެސް ފަރުވާއެއް ނުލިބި ޖެހިގެން އައިދުވަހުގެރޭ (ހުކުރުވިލޭ) ފަތިސްވަންދެން އޮންނަންޖެހުނެވެ. ހޮސްޕިޓަލަށް ގެންދެވުނީ އެރޭ ފަތިހު ފަހެއް ޖެހިފަހުންނެވެ. އަދި ހަށިގަނޑުން ލޭ މަދުވެފައި ވުމުގެ ސަބަބުން ބައެއް ފަހަރު ތަންދޮރު ނޭނގޭ ވަގުތު އާދެއެވެ. ކޮންމެއަކަސް، އެ ދުވަހު އަޅުގަނޑުހުރީ ބަންޑާރަކޮށީގެ ތެރޭގައި ކަމަށް ވާތީ އާއި އަޅުގަނޑު ޒަޚަމްވުމުގެ ސަބަބުން ޤައުމުގައި ކަންތައް ވަމުން ދިޔަގޮތެއް އެއްގޮތަކަށް ވެސް ނޭނގެއެވެ.“ މިހާރުގެ އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުއްނާޞިރު ޔޫސުފު ވިދާޅުވިއެވެ.
މި ޢުދުވާނީ ޙަމަލައަށް 31 އަހަރު ފުރުނު ނަމަވެސް، މިހާތަނަށް އައިއިރުވެސް ނޮވެންބަރު ތިނެއްގައި ލިބުނު ޒަޚަމަށް އިންސްޕެކްޓަރ އޮފް ޕޮލިސް ޢަބްދުއްނާޞިރު ޔޫސުފު ގެންދަވަނީ ފަރުވާ ކުރައްވަމުންނެވެ. އަތަށް ލިބުނު އަނިޔާއަކީ ކިތަންމެ ވަރަކަށް ބޭސްފަރުވާ ކުރިޔަސް ރަނގަޅު ކުރެވޭނެ ކަމެއް ނޫންކަމަށް ކޮންމެ ޑޮކްޓަރަކު ވެސް ވިދާޅުވެއެވެ. ސަބަބަކީ އެ އަނިޔާއަކީ މޯޓަރ ޝެލްއެއް ގޮވައިގެން ލިބުނު ޒަޚަމަކަށް ވުމުންނާއި، 19 ގަޑިއިރަށް ވުރެ ގިނަ ވަގުތު ލޭ މަނާކުރުމަށްޓަކައި ނާޑުވާ ގަނޑަކުން ބަނދެފައި އޮތުމުގެ ސަބަބުން އަތުގެ ނާރުތައް (މޯޓަރ ނިއުރޯން / ސެންސަރީ ނިއުރޯން) މަރުވެފައިވާތީއެވެ. މިކަން ނަރވް ކޮންޑަކްޝަން ޓެސްޓްތަކުން ހާމަވެއެވެ. ޢަބްދުއްނާޞިރު ޔޫސުފުގެ ކަނާތަށް ލިބުނު އަނިޔާއަށް ފަރުވާ ހޯދުމަށް މިހާތަނަށް ހަތް އޮޕަރޭޝަން ވަނީ ކުރައްވާފައެވެ. ފުރަތަމަ ތިން އޮޕަރޭޝަން ކުރެވުނީ މިހާރު އޭޑީކޭ ހޮސްޕިޓަލް ހުރިތަނުގައި އެއިރު ހުރި ސެންޓްރަލް ހޮސްޕިޓަލުގައެވެ. އެއީ އަތުގެ ލޭ ނުބައިވެ، ކުނި، ފާދިޔަ ފައިބާތީއެވެ. އަނެއް، ހަތަރު އޮޕަރޭޝަނަކީ އިންޑިއާގެ އެކި ހޮސްޕިޓަލްތަކުން ކުރެވުނު ރީކޮންސްޓްރަކްޓިވް ސާރޖަރީ ތަކެކެވެ.
މިހާގިނަ އޮޕަރޭޝަންތައް ކުރެވިފައިވާއިރު ވެސް، އަދިވެސް އަތުން އެކަށިގެންވާ ގޮތަކަށް މަސައްކަތެއް ނުކުރެވޭކަމަށް ޢަބްދުއްނާޞިރު ޔޫސުފު ވިދާޅުވިއެވެ. އިނގިލިތަކުން އެއްޗިހީގައި ނުހިފޭކަމަށާއި، މުޅި އަތްތިލަ އައްސިވެފައި ހުންނަކަމަށާއި އަބަދުވެސް އަތުގައި ރިހުން ހުރުމުން މިކަން މިހާރު ވަނީ ދާއިމީ ބައްޔަކަށް ވެފައިކަމަށް އޭނާ ވިދާޅުވިއެވެ.
ތިނެއް ނޮވެންބަރުގެ ޢުދުވާނީ ޙަމަލާގައި 19 މީހުން ޝަހީދުވެފައިވާއިރު، ޢަބްދުއްނާޞިރު ޔޫސުފު ފަދަ އެތައް ބަޔަކަށް ވަނީ ވަރަށް ބޮޑެތި އަނިޔާތައް ލިބިފައެވެ. އޭގެތެރެއިން ދުނިޔޭގައި މިވަގުތު ތިއްބެވި ގިނަ ބޭފުޅުން އަދިވެސް ގެންދަވަނީ އެ ޢުދުވާނީ ޙަމަލާގައި ލިބިވަޑައިގެންނެވި އަނިޔާތަކުގެ ވޭން އުފުލަމުންނެވެ.
