އަނިޔާވެރިކަމާއި އިންސާނީ ލޭ އޮހޮރުވާލުމުގެ ނޭއްގާނީ ޢަމަލުތައް ހިންގުމުގައި އިސްލާމްދީނަށް ނިސްބަތްވެގެންވާ ބައެއް ޖަމާޢަތްތަކާއި ގުރޫޕުތައް ބައިވެރިވުމަކީ ވަރަށް ހިތާމަކުރަން ޖެހޭ ކަމެކެވެ. މި ބާވަތުގެ ޢަމަލުތައް ހިންގުމުގައި މުސްލިމުން ބައިވެރިވުމަކީ، އިސްލާމްދީން ބަދުނާމުކުރުމަށް ޢަދާވާތްތެރީންނަށް ތަނަވަސް ދޮރުތައް ހުޅުވިގެންދާ ކަމެއްކަމުގައި ވާތީއެވެ. މި ބާވަތުގެ ހުރިހާ ނޭއްގާނީ ޢަމަލުތަކާއި އިސްލާމްދީނާ އެއްވެސް ޙާލެއްގައި ގުޅުމެއް ނުވާ ޙާލުގައެވެ.

އިސްލާމް ދީނަކީ، އެއްވެސް ޙައްޤަކާ ނުލައި އިންސާނުންގެ ލޭ އޮހޮޮރުވާލައި، ތަންތަނާއި ތަކެއްޗަށް ގެއްލުންދީ، ބިމުގައި ފަސާދަ ޢާންމުކުރުމަށް ގޮވައިލާ ދީނެއް ނޫނެވެ. އިސްލާމްދީނަކީ، ގަދަކަމުން އެ ދީނަށް އިންސާނުން ވެއްދުމަށް މަޖުބޫރުކުރާ ދީނެއް ނޫނެވެ. އެއީ މުސްލިމުން ނޫން އެހެނިހެން އިންސާނުންނަށް އަނިޔާކުރުމަށް ހިތްވަރުދޭ ދީނެއް ވެސް ނޫނެވެ. އެއީ، ޖަނަވާރަކަށް ވިޔަސް ގޯނާކުރުމަށް ބާރުއަޅާ ދީނެއް ވެސް ނޫނެވެ. އެއީ ގަސްގަހާގެއްސާއި ވެށްޓަށް ވިޔަސް ގެއްލުމެއް ދިނުމަށް ބާރުއަޅާ ދީނެއް ނޫނެވެ. އިސްލާމްދީނަކީ މުޅި ޢާލަމުތަކަށް ރަޙުމަތެއްކަމުގައި އަދި ހިދާޔަތާއި އަމާންކަމުގެ މެސެޖަކާއިގެން އައި ދީނެކެވެ. މުޅި އިންސާނިއްޔަތަށް ޓަކައެވެ. މި ކަންކަމުގެ ހެއްކާއި ޢަމަލީ ނަމޫނާތައް ސާފުކޮށް ފެންނާން އެބައޮތެވެ.

ކީރިތި ރަސޫލާގެ ޙަޔާތްޕުޅުން ފެނިގެންދަނީ ހާދަހާ ފުރިހަމަ މިސާލުތަކެވެ. ތެދެކެވެ. ތާރީޚުގެ ތަފާތު މަރުޙަލާތަކުގައި މުސްލިމުން ހަނގުރާމަ ކޮށްފައި ވެއެވެ. އަދި މީގެތެރެއިން ބަޔެއް ހަނގުރާމަތަކުގައި ކީރިތި ރަސޫލާ ވެސް ޢަމަލީގޮތުން ބައިވެރިވެ ވަޑައިގެންފައިވެއެވެ. އިންސާފުގެ ނަޒަރަކުން ތަޙުލީލުކޮށްލާ އިރު، މި ހަނގުރާމަތައް ކުރެވިފައި ވަނީ، މުސްލިމުން ނޫން މީސްމީހުން ގަދަކަމުން އިސްލާމްދީނަށް ވެއްދުމަކަށް ނޫންކަން އެނގެއެވެ. އަދި ތަންތަނަށް އަރައިގަނެ، އެ ތަންތަން ސުންނާފަތި ކުރުމަށް ނޫންކަން ވެސް ސާބިތުވެއެވެ. އަދި ކިއެއްހެއްޔެވެ. މުސްލިމުން ނޫން އެންމެން ދުނިޔެއިން ނެތިކޮށްލުމަށް ކުރެވުނު ހަނގުރާމަތަކެއް ނޫންކަން ވެސް ހާމަވެގެންދެއެވެ. އެ ހަނގުރާމަތައް ކުރެވުނީ، މުސްލިމުންގެ އަމިއްލަ ދިފާޢުގައެވެ. އިންސާނުންނަށް ލިބެމުން ދިޔަ އަނިޔާތަކުން އެބައި މީހުން ސަލާމަތް ކުރުމަށް ޓަކައެވެ.

ޙަމަލާ ދިން ބަޔަކާ މެނުވީ ޙަމަލާ ނުދިނުމަށާއި، ގަސްތަކާއި ދަނޑުބިންތައް ހަލާކުނުކުރުމަށާއި އަންހެނުންނާއި ކުޑަކުދީންނާއި މުސްކުޅީންނާއި ފައްޅިތަކާއި ބުދުކޯލުތަކުގައި އަޅުކަންކުރުމަށް ތިބޭ ބަޔަކާ ނުބެހުމަށް މުސްލިމުންގެ ހަނގުރާވެރި ލަޝްކަރުތަކަށް ކީރިތި ރަސޫލާ އިރުޝާދު ނުދެއްވާ ހެއްޔެވެ؟ ޔަހޫދީއެއްގެ ސަންދޯއް ގެންދެވުނު ވަގުތު އިޙްތިރާމު އަދާކުރެއްވުމުގެ ގޮތުން ކީރިތި ރަސޫލާ ތެދުވެވަޑައިގެން ހިނދު، އެއީ ޔަހޫދީއެއްގެ ޖަނާޒާއެކޭ ދެންނެވުނު ހިނދު، ބަލަ! އެއީ ވެސް ހަމަ އާދަމުގެދަރިއެއް ނޫންހޭ ވިދާޅުވެ އެ ޔަހޫދީ މައްޔިތާއަށް އިޙްތިރާމު ނުކުރައްވާ ހެއްޔެވެ؟ މުސްލިމުންގެ ވެރިކަމުގައި ޣައިރު މުސްލިމުންނަށް ޙިމާޔަތާއި ރައްކާތެރިކަން ތެދުމަގު ލިބިވަޑައިގެންނެވި ޚަލީފާއިން ނުދެއްވާ ހެއްޔެވެ؟

މިއަދު އިސްލާމް ދީނަށް ނަޞްރާއި ކާމިޔާބީ ހޯދައިދިނުމުގެ ނަމުގައި އިސްލާމް ދީނަށް ނިސްބަތްވާ ބައެއް ޖަމާޢަތްތަކާއި ގުރޫޕުތަކުން ހިންގާ ލާއިންސާނީ ޢަމަލުތަކާ އިސްލާމް ދީނާ އެއްވެސް ގުޅުމެއް ނެތެވެ.      

އިސްލާމް ދީނަށް ދިރުން ގެނެސް އެ ދީން އިޙްތިޔާކުރުމުގެ ޙަރަކާތްތަކަކީ، ވަރަށް ކުރީންސުރެ މުސްލިމުންގެ ތެރޭގައި ހިނގަމުން އައި ކަމެކެވެ. ނަމަވެސް މި ޙަރަކާތްތައް ހިންގުމުގެ ވިސްނުމާއި ސިޔާސަތާއި މަޤްޞަދު ދިޔައީ ބަދަލުވަމުންނެވެ. އިސްލާމްދީން އަލުން ދިރުވުމަށް ހިންގުނު ޙަރަކާތްތަކުގެ ސިޔާސަތާއި މަޤްޞަދު ބަދަލުވަމުން ދިޔަދިޔަހެން އެ ޙަރަކާތްތަކާ ގުޅިގެންދިޔަ ނަންތައް ވެެސް ދިޔައީ ބަދަލުވަމުންނެވެ. މިގޮތުން، ސިޔާސީ އިސްލާމްދީން ނުވަތަ (Political Islam) ތަރައްޤީވެގެންވާ އިސްލާމް ދީން (Progressive Islam)  ނުވަތަ ޖުމްހޫރީ އިސްލާމް ދީން (Popular Islam) ނުވަތަ ސަލަފީ އިސްލާމް ދީން (Traditional Islam) ނުވަތަ ހޭލުންތެރި އިސްލާމް ދީން (Resurgence Islam) ނުވަތަ އުސޫލީ އިސްލާމް ދީން (Islamic Fundamentalism) މި ނޫން ވެސް މިފަދަ ނަންނަމުގެ ލޭބަލްތައް އިސްލާދީނާ ގުޅިގެން ދިޔައެވެ. މި ތަފާތު ޙަރަކާތްތަކާ އެކު ފާޅުވެގެންދިޔަ ލާއިންސާނީ ޢަމަލުތަކުގެ ނަތީޖާއިން މި ޙަރަކާތްތަކުގެ ނަންތަކާ ގުޅިގެން ދިޔައީ އިސްލާމްދީނަކީ އަނިޔާވެރިކަމާއި ލާއިންސާނީ ޢަމަލުތަކަށް ހިތްވަރުދޭ ދީނެއްގެ ގޮތުގައެވެ. މިގޮތުން އިންޤިލާބީ އިސްލާމް ދީން (Revolutionary Islam)  ނުވަތަ ހަރުކަށި އިސްލާމް ދީން (Radical Islam) ނުވަތަ ހަނގުރާވެރި އިސްލާމް ދީން (Militant Islam)  ނުވަތަ ގޮތް ދޫނުކުރާ އިސްލާމް ދީން (Rigidified Islam) ނުވަތަ އިސްލާމީ ނޭއްގާނީވުން (Islamic Violence) ނުވަތަ އިސްލާމީ ޓެރަރިޒަމް (Islamic Terrorism) ފަދަ ނަންތައް ޚަބަރުފަތުރާ ވަސީލަތްތަކުގެ ފަލަ ސުރުޚީތަކެއް ކަމުގައި ވެއްޖެއެވެ.

އާންމުގޮތެއްގައި އިސްލާމް ދީނަށް ނިސްބަތްވެގެން ތިބެ ހިންގާ އަނިޔާވެރި ޢަމަލުތަކުގެ ފަހަތުގައި ޙަރަކާތްތެރިވާ ޖަމާޢަތްތަކަކީ، ސިޔާސީ ފިކުރަކާ އެކު ޙަރަކާތްތެރިވާ ޖަމާޢަތްކެކެވެ. އަދި މި ޖަމާޢަތްތަކަކީ، ޤާނޫނީ ހަމަތަކުން އިންތިޒާމުވެގެންވާ އެއްވެސް ސަރުކާރަކާ ގުޅޭ ބައެއް ނޫނެވެ. އަނިޔާވެރި ޢަމަލުތައް ހިންގާ މި ބާވަތުގެ ތިންސަތޭކަ އަށްޑިހަ ވަރަކަށް ޖަމާޢަތް ދުނިޔޭގެ ފަސްދޮޅަހަށް ވުރެ މަދުނޫން ޤައުމުތަކުގައި ޙަރަކާތްތެރި ވާކަމަށް ދިރާސާތަކުން ހާމަކޮށްފައިވެއެެވެ.

ޝައްކެއްނެތެވެ. މި ޖަމާޢަތްތަކުގެ ނޭއްގާނީ ޢަމަލުތަކުން އިސްލާމްދީން ޣައިރުމުސްލިމުންގެ ތެރޭގައި ބަދުނާމުވެގެން ދިޔަ ނަމަވެސް އެ ދީން ލާއިންސާނީ ޢަމަލުތަކުންް ބަރިއަވެގެންވެއެވެ. މި ބާވަތުގެ ޢަމަލުތަކަކީ އިސްލާމްދީން ދެކެ ލޯބިވާ، އެ ދީނުގެ މަތިވެރި އިރުޝާދުތައް ރަނގަޅަށް އެނގޭ އެއްވެސް މުސްލިމަކު ކުރާނެކަމެއް ނޫންކަން ކަށަވަރެވެ. ސަޢުދީ އަރަބިޔާގެ ވަރަށް މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ، ފަޟީލަތުއްޝައިޚުލް ޢައްލާމާ މުޙައްމަދު ބުން ޞާލިޙް އަލްޢުޘައިމީން ވިދާޅުވެފައިވެއެވެ. ”މާތްﷲ ގަންދީބުނަމެވެ. ޓެރަރިޒަމުގެ ޢަމަލުން ލިބޭ އެއްވެސް ފައިދާއެއް ނެތެވެ. އެއާޚިލާފަށް އެކަމުގެ ސަބަބުން އިސްލާމް ދީނަށް ލިބެނީ ބަދުނާމާއި ގެއްލުމެވެ. ޙިކްމަތާ އެކު ޢަމަލުކުރާ ނަމަ، ފާޅުވެގެން ދާނީ، އެންމެ ފުރަތަމަ ވެސް ތިމާމެންގެ އަމިއްލަ ނަފުސު މާތް ﷲ އަށް ބިރުވެތިވާންޖެހިފައިވާ މިންވަރެވެ. ދީން އަންގާގޮތުގެ މަތީން އެހެން މީހުންނަށް ތެދުމަގު ދެއްކުމަށް ކުރެވޭ މަސައްކަތުން ލިބޭ ނަތީޖާ މާރަނގަޅު ވާނެ ކަމެވެ.“

ޝެއަރކުރެއްވުމަށް