ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ސަރވިސް ނަންބަރު: 1089، ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވީ 1988 ވަނަ އަހަރުގެ އެޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ. ވޭތުވެދިޔަ 32 އަހަރުގެ ދިގު މާޒީގައި މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ އެކި މަޤާމުތައް ފުރުއްވައި، ދިވެހި ޤައުމަށާއި މުއައްސަސާއަށް އިޚްލާޞްތެރިކަމާއި ތެދުވެރިކަމާ އެކު ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމާ ޙަވާލުވެވަޑައިގެން އެމަނިކުފާނު ވަނީ ދިވެހި އަސްކަރިއްޔާގެ އެންމެހައި ޖޮއިންޓް ޑޮކްޓްރީންތަކާއި، ސަރވިސްތަކުގެ ޑޮކްޓްރީންތަކާއި، އަދި ޓެކްޓިކަލް ޑޮކްޓްރީންތަކަށް މަގުދައްކައިދޭ ކެޕްސްޓޯން ޑޮކްޓްރީންއެއް އެމަނިކުފާނުގެ އިސްނެންގެވުމާއެކު ވުޖޫދަށް ގެންނަވާފައެވެ. މި ޑޮކްޓްރީންއަކީ، ޔުނިފައިޑް ފަލްސަފާއެއްގެ ދަށުން މަސައްކަތްކޮށް، ޤައުމީ ސަލާމަތާއި މަސްލަޙަތުތައް ހިޔާމަތްކުރުމުގައި އޮޕަރޭޝަނަލް ލެވެލްގައި ދިވެހިރާއްޖޭގެ ޤައުމީ ބާރުގެ މާއްދާތައް އެންމެ ފުރިހަމަގޮތުގައި ބޭނުންކުރުމަށް މަގުދައްކާ ޑޮކްޓްރީންއެކެވެ. ސަރުކާރުގެ ސަލާމަތާއި ގުޅުންހުރި އިދާރާތަކާ ގުޅިގެން މަސައްކަތްކުރުމުގައި މަގުދައްކައިދީ ސިފައިންގެ ޤާބިލުކަން އިތުރުކުރުމަށް މަގުފަހިކުރެއްވުމަށް އެ މަނިކުފާނު ގެންގުޅުއްވާ ހަރުދަނާ އަދި ދުރުވިސްނުންފުޅުގެ ލާމަސީލު މިސާލެކެވެ. އަދި މީގެ އިތުރުން، އެ މަނިކުފާނުގެ ހަރުދަނާ ލީޑަރޝިޕްގެ ދަށުން ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ވަނީ ފުރަތަމަ ފަހަރަށް ’އިޔަރ އެންޑް ރިވިއު‘ އެއް ބާއްވާފައެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ 32 އަހަރުގެ ޤައުމީ ޚިދުމަތަށް ބަލާއިރު، އެ މަނިކުފާނަކީ ވަރަށް ޢިލްމީ، ޤާބިލް އަދި ހުނަރުވެރި ޚިދުމަތްތެރިޔެކެވެ. 1988 ވަނަ އަހަރު ރެކްރޫޓް ޓްރޭނިންގ ފުރިހަމަކުރެއްވުމަށްފަހު، މަސައްކަތް ކުރެއްވީ ހުޅުލޭ އެއަރޕޯޓް ސެކިއުރިޓީގެ ޓާސްކް ފޯސްގައެވެ. 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާ ކުރިމަތިވިއިރު ހުންނެވީ ހުޅުލޭ އެއަރޕޯޓް ސެކިއުރިޓީގައި ޕްރައިވެޓް ސޯލްޖަރެއްގެ ގޮތުގައެވެ. މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ 32 އަހަރުވީ، އިޚްލާޞްތެރި ޤައުމީ ޚިދުމަތުގައި އެ މަނިކުފާނު ވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން އަސްކަރީ ދާއިރާއިން އެތައް ތަމްރީނެއް ފުރިހަމަކުރައްވާފައެވެ. މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ލެފްޓިނެންޓް ރޭންކަށް ކަމިޝަންކުރައްވާފައި ވަނީ، ޕާކިސްތާނުގެ މިލިޓަރީ އެކަޑަމީން އޮފިސަރ ކެޑޭޓް ފުރިހަމަ ކުރެއްވުމަށް ފަހުއެވެ. ޕާކިސްތާނުގެ މިލިޓަރީ އެކަޑަމީން އެ މަނިކުފާނު ފުރިހަމަކުރެއްވީ، ކޯހުގެ ބެސްޓް އެލައިޑް ކެޑޭޓްގެ ފަޚުރުވެރި މަޤާމާއެކު، ދިވެހި ޤައުމަށާއި މުއައްސަސާއަށް ހޯދައިދެއްވި ފަޚުރާއި ޝަރަފާއެކު ވެސް މެއެވެ. މި ކާމިޔާބީއާއެކު އެ މަނިކުފާނު ވަނީ ޕާކިސްތާން މިލިޓަރީ އެކަޑަމީން ދަސްވެނިވެވަޑައިގަތް އެންމެ ފުރަތަމަ ދިވެހި ސިފައިންގެ މީހާގެ ފަޚުރު ވެސް ހޯއްދަވާފައެވެ.

މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ފުރިހަމަކުރައްވާފައިވާ ކޯސްތަކުގެ ތެރޭގައި ސިފައިންގޭގައި ހިންގުނު އެންމެ ފުރަތަމަ، ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގ ކޯސް، 1992 ވަނަ އަހަރު އެންސީއޯ ކޭޑަރ ޓްރޭނިންގ ކޯސް، އެމެރިކާއިން 1996 ވަނަ އަހަރު އިންފެންޓްރީ އޮފިސަރސް ބޭސިކް ކޯސް އަދި 2000 ވަނަ އަހަރު ކެޕްޓަންސް ކެރިއަރ ކޯސް ހިމެނެއެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ އިނގިރޭސިވިލާތާއި އިންޑިޔާއާއި އެމެރިކާއިން 3 މާސްޓަރސް ޑިގްރީ ހާސިލުކުރައްވާފައެވެ. ފުރަތަމަ މާސްޓަރސް ޑިގްރީ، ”މާސްޓާޒް އޮފް އާޓްސް އިން ޑިފެންސް އެންޑް ސެކިއުރިޓީ އެނާލިސިސް“ ހާސިލުކުރެއްވީ 1999 ވަނަ އަހަރު އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ލެންކެސްޓަރ އިންނެވެ. އެއަށްފަހު އިންޑިއާގައި ޑިފެންސް ސަރވިސް ސްޓާފް ކޮލެޖް ފުރިހަމަކުރައްވައި، 2003 ވަނަ އަހަރު އިންޑިޔާގެ ޔުނިވަރސިޓީ އޮފް މެޑްރާސްއިން 2 ވަނަ މާސްޓަރސް ޑިގްރީ، ”މާސްޓާޒް އޮފް ސައިންސް އިން ޑިފެންސް އެންޑް ސްޓްރެޓީޖިކް ސްޓަޑީޒް“ ހާސިލުކުރެއްވިއެވެ. މީގެ އިތުރުން މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ވަނީ 2012 ވަނަ އަހަރު އެމެރިކާގެ ވޮޝިންގޓަންގެ ނެޝަނަލް ޑިފެންސް ޔުނިވަރސިޓީން 3 ވަނަ މާސްޓަރސް ޑިގްރީ، ”މާސްޓަރސް އޮފް އާޓް އިން ސްޓްރެޓިޖިކް ސެކިއުރިޓީ ސްޓަޑީޒް“ ހާސިލުކުރައްވައި، އެ ކޯހުން ޑިސްޓިންގްއިޝްޑް އޮނަރ ގްރެޖުއޭޓްގެ މަޤާމު ހޯއްދަވާފައެވެ.

ދިވެހި އަސްކަރިއްޔާގެ ފަރާތުން ޑިފެންސް އެޑްވައިޒަރެއްގެ ގޮތުގައި ބޭރު ޤައުމެއްގައި އެންމެ ފުރަތަމަ މަސައްކަތްކުރެއްވި ބޭފުޅެއްގެ ޝަރަފު ވެސް ހާސިލުކުރައްވާފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލެވެ. އެ މަނިކުފާނު ވަނީ 2005 ވަނަ އަހަރުގެ މާރިޗު މަހުން، 2008 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ ނިޔަލަށް އިންޑިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރގެ މަޤާމު އަދާކުރައްވައި، އިންޑިޔާގައި ޑިފެންސް އެޑްވައިޒަރގެ އޮފީސް ޤާއިމްކޮށްދެއްވާފައެވެ. މީގެ އިތުރުން ވެސް ބައިނަލްއަޤްވާމީ ގޮތުން އެ މަނިކުފާނަކީ އަސްކަރީ ދާއިރާއިން ފާހަގަކޮށްލެވޭ ބޭފުޅެކެވެ. މިގޮތުން 2012 ވަނަ އަހަރުގެ މާރިޗު މަހު ޔުނައިޓެޑް ނޭޝަންސްގެ ”ރޮސްޓަރ އޮފް ސީނިއަރ އެކްސްޕާރޓްސް އޮން ސެކިއުރިޓީ ސެކްޓަރ ރިފޯމް“ ގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ ނަންފުޅު ހިމަނުއްވާފައިވާކަން ފާހަގަކޮށްލަންޖެހެއެވެ. މިއީ މިފަދަ ފަޚުރެއް ދިވެއްސަކަށް ލިބުނު ފުރަތަމަ ފަހަރެވެ.
ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލްގެ އަސްކަރީ ޙަޔާތަށް ބަލާއިރު އެ މަނިކުފާނު ވަނީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ގިނަ ޔުނިޓްތަކެއްގައި ކޮމާންޑަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވާފައެވެ. އޭގެތެރޭގައި ކުއިކް ރިއެކްޝަން ފޯސް، އެމްއެންޑީއެފް މާލެ އޭރިއާ، އެމްއެންޑީއެފް މެރިން ކޯރ، ޓްރޭނިންގ އެންޑް ޑޮކްޓްރިން ކޮމާންޑް ހިމެނެއެވެ. މީގެ އިތުރުން ޑައިރެކްޓްރޭޓް އޮފް އިންޓަނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގައި އެމަނިކުފާނު ވަނީ މުހިންމު މަޤާމްތަކެއް ފުރުއްވާފައެވެ.

ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އެމްއެންޑީއެފްގައި ކުރައްވާފައިވާ ޚާއްޞަ ޚިދުމަތްތަކަށް ބަލާލާއިރު، އެމްއެންޑީއެފުން އެކުލަވާލި ފުރަތަމަ ސްޓްރެޓެޖިކް ޑިފެންސް ޑައިރެކްޓިވް އެކުލަވާލެއްވުމުގެ އެންމެ މުހިންމު އަދި އިސް ދައުރެއް އަދާކުރެއްވުން ފާހަގަކޮށްލަންޖެހެއެވެ. މީގެ އިތުރުން ރާއްޖޭގައި ހިނގާފައިވާ ބޮޑެތި ބައެއް ހާދިސާތަކާއި ނުރައްކާތެރި ކާރިސާތަކާ ގުޅިގެން ސިފައިން ހިންގާފައިވާ ޚާއްޞަ އޮޕަރޭޝަންތަކުގައި ވަރަށް އިސް ދައުރެއް ވަނީ އަދާކުރައްވާފައެވެ. މިގޮތުން 1998 ވަނަ އަހަރު ގާމާދޫ ޖަލު ރޯކޮށްލި ހާދިސާއާއި، 2003 ވަނަ އަހަރު މާފުށީ ޖަލުގައި ހިނގާދިޔަ ހަމަނުޖެހުމާއި، 2004 ވަނަ އަހަރު ކުރިމަތިވި ސުނާމީ ކާރިސާއާ ގުޅިގެން ސިފައިން ހިންގި ޚާއްޞަ އޮޕަރޭޝަންގައި ކޮމާންޑަރ ލެވެލްގައި ކުރެއްވި އަގުހުރި މަސައްކަތް ފާހަގަކުރެވެއެވެ. އަދި ޒަމާނީ މިއުޒިކް ސިފައިންގެ ތެރެއަށް ތަޢާރަފު ކުރެއްވުމަށް ދިވެހި ސިފައިންގެ ”ކޮޕްސް ބޭންޑް“ އުފެއްދެވުމުގައާއި، އެ ބޭންޑުން ހޯދި މަޝްހޫރުކަމާއި މަޤްބޫލުކަމުގައި ޢަމަލީ ގޮތުން އަދާކުރެއްވި އިސް ދައުރު ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަން ޖެހެއެވެ.
ސިފައިންގެ ޚިދުމަތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކާއި ހޯއްދަވާފައިވާ ކާމިޔާބީތަކުގެ ސަބަބުން މިހާތަނަށް ޝަރަފުގެ ނިޝާނުގެ ގޮތުގައި 8 މެޑެއްޔާއި 13 ކުލަ ލިބިވަޑައިގެންފައިވެއެވެ. ލިބިވަޑައިގެންފައިވާ މެޑެލިތަކަކީ ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، މަތިވެރި ޚިދުމަތުގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، ސިފައިންގެ ޚިދުމަތުގެ މެޑެލި، ސައްތައިގެ މެޑެލި، ތިނެއް ނޮވެންބަރުގެ މެޑެލި، އަޚްލާޤީ މެޑެލި އަދި 17 ވަނަ ސާކް ސަމިޓް މެޑެއްޔެވެ. ލިބިވަޑައިގެންފައިވާ ކުލަތަކަކީ ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގުމުއްދަތެއްގައި ޚިދުމަތް ކުރުމުގެ ކުލަ، އަޚްލާޤީ ކުލަ އެއްވަނަ ފަހަރަށް، އަޚްލާޤީ ކުލަ ދެވަނަ ފަހަރަށް، އަޚްލާޤީ ކުލަ ތިންވަނަ ފަހަރަށް، ސިފައިންގެ ޚިދުމަތުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، ކާމިޔާބުގެ ކުލަ އެއްވަނަ ފަހަރަށް، ކާމިޔާބުގެ ކުލަ ދެވަނަ ފަހަރަށް، ކާމިޔާބުގެ ކުލަ ތިންވަނަ ފަހަރަށް، ކާމިޔާބުގެ ކުލަ ހަތަރުވަނަ ފަހަރަށް އަދި ހުނަރުވެރިކަމުގެ ކުލައެވެ.
ދިވެހިރާއްޖޭގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުޙައްމަދު ޞާލިޙް، ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމަށް ގ. އެރިއަދޫ، މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް އައްޔަން ކުރެއްވީ 2018 ޑިސެންބަރު 11 ވަނަ ދުވަހުގެރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލަކީ، ސިފައިންގެ ކޮމާންޑަރުގެ މަޤާމުގެ ނަމަކީ ”ޗީފް އޮފް ޑިފެންސް ފޯސް“ ކަމުގައި ހަމަޖެއްސެވި ފަހުން، އައްޔަންކުރެއްވި 4 ވަނަ ޗީފް އޮފް ޑިފެންސް ފޯސްއެވެ.

އައްޑަނަ ޓީމުގެ ފަރާތުން ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލު ސިފައިންގެ ޚިދުމަތުގައި އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއެކު 32 އަހަރު ފުރިހަމަ ކުރެއްވުމާ ގުޅިގެން، ތަހުނިޔާއާއި މުބާރަކްބާދީ އަރިސްކުރަމެވެ. އަދި ޗީފް އޮފް ޑިފެންސް ފޯސްގެ ޤައުމީ ޚިދުމަތުގައި މާތްﷲ ބަރަކާތްލައްވައި ފުރިހަމަ ސިއްޙަތެއްގައި ލައްވަވައި، ސިފައިންގެ ޚިދުމަތުގައި ސާބިތުކަންމަތީ، ޤައުމަށް ޚިދުމަތް ކުރުންމަތީ ދެމި ހުރުމުގެ ހެޔޮ ތަޢުފީޤު މާތްﷲ މިންވަރު ކުރެއްވުމެވެ. އާމީން!
