ފާއިތުވި 31 އަހަރުގެ ތެރޭގައި އަންހެން ސިފައިން ވަނީ ތަފާތު ދާއިރާތަކުން ކުރިއެރުންތައް ހޯދާފައެވެ. މިގޮތުން އެކި ދާއިރާތަކުން ޚާއްޞަ ތަޢުލީމާއި ތަމްރީނު ހޯދާފައިވާ އަންހެން ސިފައިން މަދެއް ނޫނެވެ. ސިފައިންގެ ތެރޭގައި ހިންގާ ކޯސްތަކުންނާއި ސިފައިންގެއިން ބޭރުން ފުރިހަމަކުރާ ކޯސްތަކުން ރަންވަނަތައް ހޯއްދަވާފައިވާ ކަނބަލުން ނިސްބަތުން ބަލާނަމަ މަދު ނުވާނެކަން ޔަޤީނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ތާރީޚުން 128 ވަނަ އަހަރު ގުނަމުންދާއިރު އަންހެން ސިފައިން ހިމެނިގެންދަނީ ޚިދުމަތުގައި ވަރަށް ހަގު ބައެއްގެ ގޮތުގައެވެ. އެންމެ ފުރަތަމަ ސިފައިންގެ ވަޒީފާއަށް އަންހެނުން ވެއްދުމަށް ސަރުކާރުން އިޢުލާނު ކުރެއްވީ 20 ނޮވެންބަރު 1988 ގައެވެ. މި އިޢުލާނާއެކު ވަރަށް ގިނަ ބަޔަކު ވަޒީފާއަށް އެދި ސިޓީ ލީ ނަމަވެސް މީގެ ތެރެއިން އިންޓަވިއުކޮށް ސިފައިންގެ ވަޒީފާއަށް ހޮވުނީ 65 ކަނބަލުންނެވެ. މި 65 ކަނބަލުން އަސާސީ ތަމްރީނު ކޯހަށްފަހު ސިފައިންގެ ޕްރައިވެޓެއްގެ ވަޒީފާ ހަމަޖައްސަވާފައިވަނީ 1 މާރިޗު 1989 ގައެވެ.

އެ ދުވަހުން ފެށިގެން އަންހެން ސިފައިންނަކީ ސިފައިންގެ ވަޒީފާގެ އެކި ދާއިރާތަކުގައި ހަރަކާތްތެރިވެލައްވާ ބައެކެވެ. ޕްރައިވެޓުން ފެށިގެން މޭޖަރ ރޭންކާ ހިސާބަށް އެކި ރޭންކުތަކުގައި އަންހެން ސިފައިން ދަނީ އެ ކަނބަލުންގެ ދައުރު ފުރިހަމައަށް ދައްކުވައިދެމުންނެވެ.

ސިފައިންގެ ތެރޭގައި ތިބި ކަނބަލުން، ސިފައިންގޭގައި ޚިދުމަތް ނުކުރައްވަނީ ކޮން ދާއިރާއަކުންތޯއެވެ؟ ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުންނާއި ނަރުހުންނެވެ. ސިވިލް އިންޖިނިއަރުންނާއި ލޯޔަރުންނެވެ. ބޮޑީގާޑުންނާއި އެކިއެކި މުބާރާތްތަކުގައި ޤައުމު ތަމްސީލުކުރަމުންދާ އެކި ކުޅިވަރުތައް ކުޅޭ ކުޅުންތެރިންނެވެ. ފަޔަރ ފައިޓަރުންނާއި، އިންޖިނޭރުންނާއި، އިދާރީ ހިންގުންތެރިންނާއި، ފޮޓޯގްރާފަރުންނާއި، ޕްރެޒެންޓަރުންނާއި، ޤުރުއާނާއި ދިވެހި ބަހުގެ ޢިލްމުވެރިންގެ އިތުރުން ފަންނީ ތަފާތު ދާއިރާތަކުގެ ކަނބަލުން ސިފައިންގެ ޚިދުމަތުގައި އެބަތިއްބެވެ. އެކައުންޓިންގ ދާއިރާއާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރައްވައިގެން ތިއްބެވި ކަނބަލުން ވެސް މަދެއް ނޫނެވެ. ދިވެހި އަސްކަރިއްޔާއަށް ރީތި ނަމާއި ފަޚުރުވެރި ވަނަތައް ހޯދައިދެމުންދާ ކަނބަލުން ގިނައެވެ. މިއުޒިކާއި، ލަވަކިޔުމާއި، ބެރުޖެހުމާއި، ނެށުމާއި، ތަމްސީލާއި ޑްރާމާ ކުޅުންފަދަ ފަންނީ ދާއިރާތަކުން ދިވެހި އަންހެން ސިފައިން ދައްކުވައިދިނީ، ފިސާރި ކެރިގެން ހުޝިޔާރު ކަންމަތީ ސާބިތުކަމާ އެކީ ފިރިހެނުންނާ ހަމަހަމަކަމާއެކު މަސައްކަތް ކުރެވޭނެކަމެވެ.

ސިފައިންގެ ތެރޭގައި އަންހެނުންގެ ނިސްބަތް ކިތަންމެ މަދު ނަމަވެސް އަންހެން ސިފައިންގެ ހުނަރާއި ޤާބިލުކަން ތަފާތު އެކި ދާއިރާތަކުން ދަނީ ފެންނަމުންނެވެ.

ސިފައިންގެ ޚިދުމަތުގައި ކަނބަލުން ޚިދުމަތް ކުރަމުން ގެންދާ މުހިންމު ދާއިރާތައް:

  • ޚާއްޞަ ބަލިތަކުގެ ޑޮކްޓަރުންނާއި ނަރުހުން
  • ސިވިލް އިންޖިނިއަރުން
  • ލޯޔަރުން
  • ބޮޑީގާޑުން
  • ފަޔަރފައިޓަރުން
  • އިންޖިނޭރުން
  • އިދާރީ ހިންގުންތެރިން
  • ފޮޓޯގްރާފަރުން
  • ޕްރެޒެންޓަރުން
  • ޤުރުއާނާއި ދިވެހި ބަހުގެ ޢިލްމުވެރިން
  •  އެކައުންޓެންޓުން
  • އިންފޮމޭޝަން ޓެކްނޮލޮޖީ ޓެކްނީޝަނުން
  • ކުޅިވަރުގެ ދާއިރާގައި ކުޅުންތެރިންނާއި އެތުލީޓުން

އެމްއެންޑީއެފްގެ ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލަށް ބަލާލި ކަމުގައިވިޔަސް އެކަން ވަރަށް ސާފުކޮށް ފެނެއެވެ. ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުގައި މަސައްކަތްކުރައްވާ، ޚިދުމަތް ދެމުންގެންދާ އެމްއެންޑީއެފްގެ ޑޮކްޓަރުންގެ ތެރޭގައި ކަނބަލުންގެ އަދަދު ދަނީ ދުވަހެއްދުވަހަކަށް މައްޗަށެވެ. އެގޮތުން ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުންގެ ގޮތުގައި ދެ އަންހެން ޑޮކްޓަރުން މަސައްކަތްކުރައްވާއިރު ކަރުންމަތީގެ ޚާއްޞަ ޑޮކްޓަރެއްގެ ގޮތުގައި އެއް ޑޮކްޓަރަކު ދަނީ މަސައްކަތްކުރައްވަމުންނެވެ. އަދި ރޭޑިއޮލޮޖިސްޓެއްގެ ގޮތުގައި ވެސް އެއް ޑޮކްޓަރަކު ހަރަކާތްތެރިވެލައްވާއިރު ޑެންޓިސްޓެއްގެ ގޮތުގައިވެސް އެއް ކަނބަލަކު ސެނަހިޔަ މިލިޓަރީ ހޮސްޕިޓަލުގައި ގެންދަވަނީ ފަރުވާ ދެއްވަމުންނެވެ.

މީގެ އިތުރުން ނަރުހުންގެ ގޮތުގައި 9 އަންހެން ކަނބަލުން މަސައްކަތްކުރައްވާއިރު ސައިކޮލޮޖިސްޓުންގެ ގޮތުގައި 3 ކަނބަލަކު ގެންދަވަނީ ސެނަހިޔަ ހޮސްޕިޓަލުގައި ޚިދުމަތް ދެއްވަމުންނެވެ. މިއީ ވެސް ސިފައިންގެ ޚިދުމަތުގައި އަންހެން ސިފައިންގެ ދައުރު ފުޅާވަމުން ގޮސްފައިވާ މިންވަރު ހާމަވާ އެއް ކަމެވެ.

މިއަދު ސިފައިންގޭގައި ވަރަށް ގިނަ ދާއިރާތަކެއްގައި، ފިރިހެން ސިފައިންނެކޭ އެއްފަދައިން އަންހެން ސިފައިން ހަރަކާތްތެރިވަމުން އެބަދެއެވެ. ސިފައިންގެ ތެރޭގައި އަންހެން މުދައްރިބުން ތަފާތު ދާއިރާތަކުގައި މީހުން ބިނާކުރުމުގައި ދަނީ ހަރަކާތްތެރިވަމުންނެވެ. ސިފައިންގެ ތެރޭގައި މި ވަގުތު ޚާއްޞަ ދާއިރާތަކުން އިންސްޓްރަކްޓަރ ކޯސް ހައްދަވާފައި ތިއްބެވި ކަނބަލުންނަށް ބަލާއިރު ފިޒިކަލް ޓްރޭނިންގ އިންސްޓްރަކްޓަރ ކޯސް ފުރިހަމަކުރައްވާފައިވާ 2 ކަނބަލުން އެބަ ތިއްބެވިއެވެ. ވެޕަން އިންސްޓްރަކްޓަރ ކޯސް ފުރިހަމަކުރައްވާފައިވާ 3 ކަނބަލުން ތިއްބެވިއިރު ޑްރިލް އިންސްޓްރަކްޓަރ ކޯސް ފުރިހަމަކުރައްވާފައިވާ އެއް ކަނބަލަކު އެބަ ހުންނެވިއެވެ. ޚާއްޞަ ދާއިރާތަކުން އިންސްޓްރަކްޓަރ ކޯސް ފުރިހަމަކުރައްވާފައިވާ އަންހެން ކަނބަލުން މަދު ނަމަވެސް ކުރިއަށް އޮތްތަނުގައި އަންހެން އިންސްޓްރަކްޓަރުން އިތުރުކުރުމަށް ސިފައިންގެ ލީޑަރޝިޕުން ދަނީ ގިނަގުނަ މަސައްކަތްޕުޅުތަކެއް ކުރައްވަމުންނެވެ. އޭގެ ހެއްކެއްގެ ގޮތުގައި މިހާރު ކުރިއަށްދާ އިންސްޓްރަކްޝަނަލް ޓެކްނީކްސް ކޯސް ފާހަގަކޮށްލެވެއެވެ. މި ކޯހުގެ 30 ޕަސެންޓް ދަރިވަރުންނަކީ އަންހެން ސިފައިންނެވެ.

ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގައި މަސައްކަތްކުރާ އަންހެން ސިފައިންނަކީ ކުޅިވަރުގެ ދާއިރާގައި ވެސް ދިވެހިރާއްޖެ ތަމްސީލުކޮށްފައިވާ ހުނަރުވެރިންތަކެކެވެ. ޤައުމީ އަންހެން ފުޓްބޯޅަ ޓީމާއި ޝޫޓިންގ ޓީމުގެ އިތުރުން ވޮލީއާއި އެތްލެޓިކްސްގެ ދާއިރާއިން ވެސް އަންހެން ސިފައިންގެ ޤާބިލުކަން އަންނަނީ ދައްކުވައިދެމުންނެވެ. ޚާއްޞަ ގޮތެއްގައި 18 ވަނަ ސައުތު އޭޝިއަން ގޭމްސްގައި 10 މީޓަރު ޕިސްޓަލްގެ އަންހެން ބައިން ސިފައިންގެ ކަނބަލަކު ވަނީ ޤައުމީ ރިކޯޑު ހައްދަވާފައެވެ. އަދި ޤަތަރުގެ ވެރިރަށް ދޯހާގައި ބޭއްވި 14 ވަނަ އޭޝިއަން ޝޫޓިންގ ޗެމްޕިއަންޝިޕްގައި 10 މީޓަރު އެއަރ ރައިފަލްގެ އަންހެން ބައިން ވެސް ސިފައިންގެ ކަނބަލަކު ވަނީ ޤައުމީ ރިކޯޑު ހައްދަވާފައެވެ. މީގެ އިތުރުން ދިވެހިރާއްޖެއިން އަންހެނުންނަށް ދޭ އެންމެ ފަޚުރުވެރި އެވޯޑު ކަމުގައިވާ ”ރެހެންދި އެވޯރޑް“ ވެސް ސިފައިންގެ ކަނބަލަކު ވަނީ ހާސިލް ކުރައްވާފައެވެ.

ސިފައިންގެ ޚިދުމަތުގައި މިވަގުތު ތިއްބެވި ކަނބަލުންނަކީ ސިފައިންގެ ތާރީޚު ބަދަލުކޮށްލާނެ ފަދަ ހިތްވަރާއި ޢަޒުމާއި ޖޯޝު ހުރި ބައެކެވެ. އަންހެން ސިފައިންގެ ޚިދުމަތަށް 31 އަހަރު ފުރިގެންދާއިރު އައްޑަނަ ޓީމުން އެދެނީ ސިފައިންގެ ޚިދުމަތުގައި ތިއްބެވި ހުރިހާ އަންހެން ކަނބަލުންނަށް ފާގަތި ދުވަސްތަކަކަށެވެ.

ޝެއަރކުރެއްވުމަށް