ގެދޮރު އިމާރާތްކުރުމަށް ބިންލިބުމުގައި ދަތިވުމާއި އާބާދީ އިތުރުވުމުގެ ސަބަބުން އުސް އިމާރާތްތަކުގެ ޑިމާންޑް ދަނީ ދުވަހެއްދުވަހަކަށް އިތުރުވެފައެވެ. އަދި އުސް އިމާރާތްތަކުގައި ފަޔަރ ސޭފްޓީއަށް ނުވިސްނައި އިމާރާތްކުރުމުގެ ސަބަބުން، ހިނގާ އަލިފާން ނިއްވުމަށް ވަރަށް ގިނަ ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހެއެވެ. ހަމައެކަނި ސިޑިއެއް ނުވަތަ ލިފްޓެއް ބޭނުންކޮށްގެން އިމާރާތްތަކުގައި ދިރިއުޅޭ މީހުން ސަލާމަތުން އެތަނުން ނެރެން ބެލިކަމުގައި ވިޔަސް މިއީ ވަރަށް ގިނަ ވަގުތާއި މަސައްކަތެވެ. މި ދެންނެވި ސަބަބުތަކަށްޓަކައި ފަޔަރ ސޭފްޓީއަށް ވިސްނައިގެން އިމާރާތްތައް ހެދުމާއި ކާރިސާތަކަށް ތައްޔާރުވުމާއި ވިލުންވެރިކަން އިތުރުކުރުމަށް މަސައްކަތްކުރުން މުހިންމެވެ.

2017 ވަނަ އަހަރު އިނގިރޭސިވިލާތުގެ ގްރެންފެލް ޓަވަރގައި ހިނގި އަލިފާނުގެ ހާދިސާގައި 70 އަށް ވުރެ ގިނަ މީހުންގެ ފުރާނަ ނެތިގެން ގޮސް އެތައްބަޔަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ. މި ހާދިސާއަކީ އައިސްއަލަމާރިއެއްގައި ދިމާވި ކަރަންޓު ފޯލްޓަކުން ހިނގި އަލިފާނުގެ ހާދިސާއެއްގެ ކޮންޓްރޯލްނުވެ ފަސޭހައިން އަލިފާންހިފާ ބާވަތްތައް ހުރުމުން، އިތުރަށް ފެތުރިގެންގޮސް ހިނގާފައިވާ ހިތާމަވެރި ހާދިސާއެކެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ވެރިރަށް މާލޭގައި ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި އަދި އެންމެ ބިރުވެރި އެއްހާދިސާއަކީ 2019 ވަނަ އަހަރުގެ ސެޕްޓެމްބަރ 20 ވަނަ ދުވަހު ހ.ތިލަފުށިގޭގެ ހުރި ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއެވެ. މަދު މިނެޓްކޮޅެއްގެ ތެރޭގައި ރޯވި އަލިފާންގަނޑު އިތުރު ގުދަންތަކާއި ގިނަ ގެތަކަށް ފެތުރިގެން ދިޔައެވެ. މި ހާދިސާގައި ވެސް ރޯވި އަލިފާނާއި ދުމުގެ ސަބަބުން ގޭތެރޭގައި ތާށިވެ އެކަކުވަނީ ނިޔާވެފައެވެ. އަދި ގިނަ އަދަދެއްގެ ބަޔަކު ގެދޮރު ގެއްލި 700 އަށްވުރެ ގިނަ މީހުން ހާލުގައި ޖެހުނެވެ. މި ހާދިސާގެ ސަބަބުން ލިބުނު ގެއްލުން މާލީގޮތުން އެތައް މިލިއަނަށް އަރާނެކަމަށް ވެއެވެ. މިފަދަ ހާދިސާތަކުން ދުރާލާ އިތުރަށް ވިސްނައި ޢިބުރަތްތަކާއި ފިލާވަޅުތައް ހޯދަންޖެހެއެވެ.

މި ހިސާބުން އުފެދޭ ސުވާލަކީ މިފަދަ ހާދިސާތަކުން ޢިބުރަތް ހާސިލްކޮށް އިތުރަށް ރަނގަޅު ކުރެވޭނެ އެއްވެސް މަސައްކަތެއް ނެތީތޯއެވެ. ނޫނީ، މިގޮތަށް ކޮންމެ ފަހަރަކު ހާދިސާއެއް ހިނގުމުން އެ ވާހަކަތައް ދައްކާލާފައި ތިބެންވީތޯއެވެ!

އަލިފާން ނިއްވުމަކީ ނުރައްކާތެރި މަސައްކަތެއްކަމަށް ދެކުމުގެ ބަދަލުގައި އައު އީޖާދުތަކާއެކު މި މަސައްކަތަށް ވަނީ ޓެކްނޮލޮޖީގެ އެހީގައި ފަސޭހަ އައު ގޮތްތަކެއް ހޯދިފައެވެ. މިގޮތުން މިހާރު އުސްއިމާރާތްތަކުގައި ހަރުކުރުމަށް ހެދިފައިވާ ތަކެއްޗަކީ އުސްއިމާރާތްތަކުގައި ދިމާވާ އަލިފާންތައް ފަސޭހައިން ދެނެގަނެ އަމިއްލައަށް ވެސް ނިއްވާލެވޭނެ ބާވަތްތަކެކެވެ.  އުސްއިމާރާތްތަކުގައި ރޯވާ އަލިފާނުގެ ސަބަބުން އާންމުކޮށް ދިމާވެދާނެ ފަޔަރ ރިސްކުތަކަކީ؛

  • ފޯލްސް ފަޔަރ އެލާރމް އެޅުމުގެ ސަބަބުން ތަނުގެ ޚިދުމަތް ހުއްޓި، ބިޒްނަސް ކޮންޓިނިއުޓީއަށް އަސަރުކުރުން؛
  • ޤަވާޢިދުން ފަޔަރ އިވެކުއޭޝަން ކުރިއަށް ނުގެންދެވުމާއި ތަނުގައި ދިރިއުޅޭ މީހުން ހާދިސާތަކުގައި ހާސްކަމުގެ ތެރޭގައި އުޅެންޖެހުން؛
  • އަލިފާނުގެ ސަބަބުން އުފެދޭ ދުން ބޭރުކުރުމަށް ޤާއިމްކޮށްފައިވާ ނިޒާމްތައް ހަރުދަނާ ނުވުމާއި ދުންބޭރު ކުރުމަށް ރަނގަޅު ނިޒާމެއް ޤާއިމްވެފައި ނެތުން؛
  • އުސްއިމާރާތްތަކުގައި އަލިފާން ނިއްވާ މީހުންނަށް މަސައްކަތްކުރުމަށް ދަތިވާގޮތަށް ތަން ހެދިފައި ހުރުން؛
  • ތަނުގައި ދިރިއުޅޭ މީހުންގެ މަޢުލޫމާތު ހަރުދަނާކަމާ އެކު ނުބެލެހެއްޓުން؛
  • އަލިފާނުގެ ހާދިސާތަކުގައި އެކަށީގެންވާ އަލިކަމެއް ނުވަތަ އިމަރޖެންސީ ލައިޓިންގ ސިސްޓަމް އިމާރާތުގައި ޤާއިމްވެފައި ނެތުން؛

މިފަދަ ގޮންޖެހުންތަކުން، އުސްއިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތައް ހައްލުކުރަން ބޭނުންނަމަ، އުސް އިމާރާތެއްގައި ވެސް ފަޔަރ ސޭފްޓީ އާލާތްތައް ބިލްޑިންގ ކޯޑްތަކާއި އެއްގޮތަށް ހަރުކޮށް އެތަކެތި ރަނގަޅަށް މަސައްކަތްކުރޭތޯ ޤަވާޢިދުން ބަލަންވާނެއެވެ. ފަޔަރ އިވެކުއޭޝަން ޑްރިލްސްތައް ބާއްވައި އިމާރާތްތަކުގައި އަލިފާނުގެ ހާދިސާތަކުގައި ފަސޭހަކަމާއެކު ތަނުގެ ބޭރަށް ނުކުމެވޭނެހެން ހެދުން މުހިންމެވެ. އަލިފާނުގެ ހާދިސާތަކުގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް މަސައްކަތްކުރަން ފަސޭހަވާނެ ގޮތަކަށް އިމާރާތުގެ އިންތިޒާމްތައް ހުރުމާއެކު ފަޔަރ ޕްރޮޓެކްޓެޑް ލޮބީތައް ބެހެއްޓުމަށް ވިސްނަންޖެހެއެވެ.

އިމާރާތް ހެދިފައި ހުންނަގޮތުން އުސްއިމާރާތްތަކުގައި ދިރިއުޅޭ މީހުން ތިރިއިމާރާތްތަކުގައި ދިރިއުޅޭ މީހުންނަށް ވުރެ އަދަދު ގިނައެވެ. އަދި ހާދިސާތަކުގައި މީހުން ސަލާމަތުން ނުކުތުމަށް ލިފްޓް ބޭނުން ނުކުރެވޭ ހާލަތްތަކުގައި ސިޑި ބޭނުންކޮށްގެން އެންމެ ތިރިއަށް ފައިބާނަމަ ވަރަށް ގިނަ ވަގުތު ނަގާނެއެވެ. މިފަދަ އިމާރާތެއްގައި ބަލިމީހަކު ވެދާނެކަމަށް ވިސްނައި، މިފަދަ ބަލިމީހުން ސަލާމަތްކުރާނެ ގޮތެއް ހޯދިފައި އޮންނަން ޖެހޭނެއެވެ. މިފަދަ ހާސްވެފައިވާ ވަގުތެއްގައި އުންމީދު ކަނޑާނުލައި ސަލާމަތްވާނެ އިތުރު މަގެއް ފެނޭތޯ ބަލަންޖެހެއެވެ. އަދި އުސް އިމާރާތްތަކުގައި ”ބިލްޑިންގ ކޯޑް ނުވަތަ ފަޔަރ ކޯޑް“ އާއި އެއްގޮތަށް އިމަރޖެންސީ ލައިޓިންގ ސިސްޓަމް ހަރުކޮށްފައި ހުރެއްޖެނަމަ ސަލާމަތްތެރިކަމާއެކު ނުކުތުމަށް ފަސޭހަވެގެންދާނެއެވެ.

އަލިފާނުގެ ހާދިސާތަކުގައި ވަރަށް އަވަހަށް އަލިފާނާއި ދުން، އިމާރާތުގެ އެކި ފްލޯތަކަށް ފެތުރިގެންދެއެވެ. އިމާރާތުގެ ސިޑިތަކާއި ވައިގޮޅިތަކުގެ ތެރެއިންނާއި ލިފްޓްތަކުގެ ތެރެއިން ދުންތައް ފަސޭހައިން ދަތުރުކުރެއެވެ. އެހެންކަމުން އަލިފާންނިއްވުމަށް ނުވަތަ މީހަކު ރެސްކިޔު ކުރުމަށް އިމާރާތެއްގައި މަސައްކަތްކުރުމަކީ އެހާ ފަސޭހަ ކަމެއް ނޫނެވެ. އެތަނެއްގެ މާހައުލު އެއްގޮތަކަށް ވެސް ނޭނގި އުސްއިމާރާތެއްގެ ތެރޭގައި ނުވަތަ ބޭސްމަންޓްގައި މަސައްކަތްކުރާނަމަ އެކަމަށް ޚާއްޞަ އާލާތްތަކާއި ތާމަލް އިމޭޖް ކެމެރާ ފަދަ ވަސީލަތްތައް އަލިފާންނިއްވާ މީހުން ބޭނުންވާނެއެވެ. އަދި ފަސޭހައިން އަލިފާން ހިފާނެ ކްލޭޑިންގ ހަރުކޮށްފައިވާ އިމާރާތުގައި އަލިފާން ފެތުރިގެންދާނެ ކަމަށް ވެސް ވިސްނަންޖެހެއެވެ.

އަޅުގަނޑުގެ ނަޒަރުގައި މާލޭގެ ޙާލަތަށް ރިއާޔަތްކޮށް، އަލިފާނުގެ ހާދިސާތައް ހައްލުކުރުމަށް ފަރުދީ ފެންވަރުގައި މަސައްކަތް ފަށަން ޖެހެއެވެ. އަލިފާނުގެ ހާދިސާތަކުން ރައްކާތެރިކޮށްދޭ އާލާތްތަކާއި ނިޒާމްތައް ކަމުގައިވާ އަލިފާންނިވިއާއި ފަޔަރ އެލާމް ސިސްޓަމްތަކާއި ހޯސްރީލް ސިސްޓަމްތަކާއި ސްޕްރިންކްލާރ ސިސްޓަމްތަކާއި އޮޓަމެޓިކް ފަޔަރ ސަޕްރެޝަން ސިސްޓަމް ފަދަ މުހިންމު ނިޒާމްތައް އިމާރާތް ފަރުމާކުރާއިރު ޤާއިމްކުރުން މުހިންމެވެ. އަދި އުސްއިމާރާތްތައް ބޭނުންކުރަމުންދާއިރު އެފަދަ ތަންތަނުގައި ދިރިއުޅޭ ބައެއްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރަން ޖެހެއެވެ. އުސްއިމާރާތްތައް ހެދުމުގެ ތަނަވަސްކަން ހުންނަ ފަރާތްތައް، އެތަނުގައި ދިރިއުޅޭ މީހުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނުމަކީ މިހާރުމިހާރަށް ކުރަންޖެހޭ ކަމެކެވެ. އަޅުގަނޑުމެން އަބަދުވެސް މަސައްކަތް ކުރަންޖެހޭނީ ކަމެއް ދިމާވުމުގެ ކުރިން އެންމެ ރަނގަޅަށް އަދި އެންމެ ފުރިހަމައަށް ތައްޔާރުވެ ސަލާމަތީ ކަންތައް ކަށަވަރުކުރުމަށެވެ.

ޝެއަރކުރެއްވުމަށް