ރީތި ނަންނަމާއި، ނިޝާންތަކާއި ރަނގަޅު ޝިޢާރުތައް ބޭނުންކޮށްގެން ނުބައި އަނިޔާވެރި ޖަރީމާތައް ދުނިޔޭގައި ހިންގުމަކީ އައު ކަމެއް ނޫނެވެ. މިގޮތުން އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ނަމުން މުޚާޠަބު ކުރެވޭ ޣައިރުޤާނޫނީ ނިރުބަވެރި އަދި ތަކުފީރީ ފިކުރުގެ ޖަމާޢަތަކީ ފަހުގެ ތާރީޚުގައި އިސްލާމީ ދުނިޔޭގައި އުފެދުނު އެންމެ ހަރުކަށި، އެންމެ މުއްސަނދި އަދި ނުރައްކާތެރި ޖަމާޢަތެވެ. ތަކުފީރީ ފިކުރަކީ ފިގުހީ އަދި މަޒުހަބީ ކަންކަމުގައި އެބަޔަކު ގެންގުޅޭ ފިކުރާ ވިސްނުން ފިޔަވައި އެހެން ވިސްނުމެއް ގެންގުޅޭ ކޮންމެ މީހަކީ ނުވަތަ ބަޔަކީ ކާފަރުން ކަމަށް ނިންމައި އެމީހުންގެ ލޭ ހުއްދަވާނެކަމަށް ދެކޭ ފިކުރެވެ.
އައިއެސް ޖަމާޢަތަކީ ދައުލަތަކަށް ނިސްބަތްވާ ބައެއް ނޫނެވެ. އިސްލާމީ މަޝްހޫރު ބޮޑެތި ޢިލްމުވެރިންނާއި އިސްލާމީ ބޮޑެތި ޤައުމުތަކުގެ ދީނީ ފަތުވާ ކޮމެޓީތަކުން ވެސް އިއްތިފާޤުވެފައިވަނީ އެއީ އިސްލާމްދީނުގެ އުސޫލުތަކާ ޚިލާފު އަދި އެބައިމީހުންގެ ސަބަބުން އިސްލާމްދީނުގެ ރިވެތި ސޫރަ ކިލަނބުކޮށްފައިވާ އަނިޔާވެރި ޖަމާޢަތެއް ކަމަށެވެ.
އަބޫ މުޞްޢަބު އަލް ޒަރުޤާވީގެ ލީޑަރުކަމުގައި 1999 ވަނަ އަހަރު ހަރަކާތްތެރިވާން ފެށި ”ޖަމާޢަތުލް ތައުހީދު ވަލްޖިހާދު“ އަކީ އައިއެސްގެ ފެށުމެވެ. މި ޖަމާޢަތުން 2006 ވަނަ އަހަރު އަލްޤައިދާއަށް ބައިޢަތުހިފައި އަލްޤާއިދާގެ އިރާގު ގޮފީގެ ގޮތުގައި ހަރަކާތްތެރިވާން ފެށީ ”ތަންޒީމުލްޤާއިދާ ފީ ބިލާދިއްރާފިދައިން“ ގެ ނަމުގައެވެ. އެ ދުވަސްވަރު އެމެރިކާއިން ދިން ހަމަލާއެއްގައި ޒަރުޤާވީ މަރާލިއެވެ. ދެން އެ ޖަމާޢަތާ ހަވާލުވީ އަބޫ ޢުމަރު އަލްބަޣުދާދީއެވެ. އޭނާ ޖަމާޢަތުގެ ނަން ”އިސްލާމިކް ސްޓޭޓް އޮފް އިރާގު“ އަށް ބަދަލުކުރިއެވެ. 2010 ވަނަ އަހަރު އެމެރިކާއިން އަބޫ ޢުމަރު މަރާލުމުން ދެން ޖަމާޢަތާ ހަވާލުވީ އަބޫބަކުރުލް ބަޣުދާދީއެވެ.
ސީރިއާ ހަނގުރާމައާ ގުޅިގެން ރައީސް ބައްޝާރުގެ ވެރިކަމާ ދެކޮޅަށް އެ ޤައުމުގައި ހަނގުރާމަކުރާނެ އިސްލާމީ ސްޓޭޓް އޮފް އިރާގުގެ ގޮތްޕެއް 2011 ވަނަ އަހަރު ބަޣުދާދީ އުފެއްދިއެވެ. އޭރު ދުނިޔޭގެ އެކި ކަންކޮޅުތަކުން މި ޖަމާޢަތާ ގުޅުމަށް ހަނގުރާމަވެރިން ދިޔައީ ޖަމާވަމުންނެވެ. އެ ގޮފީގެ ވެރިއަކަށް ހަމަޖެއްސީ އަބޫ މުޙައްމަދުލް ޖޫލާނީއެވެ. ”ޖަބްހަތުއް ނުޞްރާ“ ނުވަތަ ނުސްރާ ފްރޮންޓަކީ މި ޖަމާޢަތެވެ.
ބަޣުދާދީއާއި ޖޫލާނީ ޚިޔާލު ތަފާތުވެ، ޖަބްހަތުއް ނުޞްރާ އަކީ ވަކި ޖަމާޢަތެއްގެ ގޮތުގައި ހަރަކާތްތެރިވުން ހުއްޓުވުމަށްޓަކައި އެ ޖަމާޢަތަކީ އިސްލާމީ ސްޓޭޓް އޮފް އިރާގުގެ ސީރިޔާ ގޮފިކަމަށް ބަޣުދާދީ އިޢުލާނުކުރިއެވެ. އަދި ބަޣުދާދީގެ އިސްލާމިކް ސްޓޭޓް އޮފް އިރާގުގެ ނަން ”އައްދައުލަތުލް އިސްލާމިއްޔާ ފީ އަލް ޢިރާޤު ވަލް ޝާމް“ (داعش) އަށް ބަދަލުކުރިއެވެ. ”އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ދަ ލެވެންޓް“ (ISIL) ނުވަތަ ”އިސްލާމިކް ސްޓޭޓް އޮފް އިރާގު އެންޑް ސީރިޔާ“ (ISIS) މި ނަންތައް ބޭނުންކުރެވެނީ އެ ނަމަށެވެ. މިކަމުގައި ޖޫލާނީ އައި ރުޅީގައި އަލްޤާއިދާއަށް ބައިޢަތު ހިފައި ނުސްރާ ފްރޮންޓަކީ އަލްޤާއިދާގެ ސީރިއާ ގޮފިކަމަށް އިޢުލާނުކުރިއެވެ. އަދި އެއްބަޔަކު އަނެއް ބަޔަކު ކާފަރުކޮށް، ހަނގުރާމަ އިޢުލާނުކުރިއެވެ. މި ދެކޮޅުވެރިކަމާއެކު ވެސް އިރާގާއި ސީރިއާގައި ބިންތައް ހިފައި ދެ ބައިމީހުން ވެސް ދިޔައީ ބޮޑެތި ކާމިޔާބީތައް ހޯދަމުންނެވެ. ތެލުގެ ވިޔަފާރީގެ މައްޗަށް ވެރިވެ ބޭންކުތައް ލޫޓުވައި، ކަޅުބާޒާރުގައި ތެޔޮ ވިއްކާ މުއްސަނދިވަމުންނެވެ. ހަމައެއާއެކު މި ދެ ޖަމާޢަތުން ވެސް ދިޔައީ ތަކުފީރީ ފިކުރުގައި ދުނިޔެ ހައިރާންވާފަދަ ލާއިންސާނީ އެތައް ޖަރީމާތަކެއް ފާޅުގައި ހިންގައި ދުނިޔެއަށް ޒަމާނީ ވަސީލަތްތައް މެދުވެރިކޮށް ހާމަކޮށް އާންމުކުރަމުންނެވެ.
އެކި ނަންނަން ކިޔެމުން އައިސް، އިސްލާމިކް ސްޓޭޓް (IS) އަށް ނަން ބަދަލުކޮށް އިސްލާމީ ޚިލާފަތު އެ ޖަމާޢަތުން އިޢުލާނުކުރީ 29 ޖޫން 2014 ވީ ހުކުރު ދުވަހުއެވެ. އައިއެސް ޖަމާއަތް އިރާގާއި ސީރިއާގައި 2017 ވަނަ އަހަރު ބަލިވެފައިވާއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހިންގާ ނިރުބަވެރިންގެ ޢަމަލުތަކުގެ ޒިންމާ އެ ޖަމާޢަތުން ދަނީ އުފުލަމުންނެވެ.
މަޢުލޫމާތު:
- ވިލިއަމް މެކް ކެންޓްސް (2016) ހޫ އިޒް އިސްލާމިކް ސްޓޭޓް ލީޑަރ އަބޫބަކުރު އަލް ބަޣުދާދީ . ބީބީސީ ނެގީ https://www.bbc.com/news/world-middle-east-35694311
- އައިސިސް ފާސްޓް ފެކްޓްސް (2019). ސީއެންއެން. ނެގީ: https://edition.cnn.com/2014/08/08/world/isis-fast-facts/index.html
