ގަދީމީ ދުނިޔޭގައި އަންހެނުންގެ ވާހަކަތައް ލިޔެވުނީ ސަފުހާތަކުގެ ހަވާސާގައެވެ. އެ މީހުންގެ ޚިދުމަތްތަކަށް ބެލީ ކަނު ލޯތަކުންނެވެ. އެ މީހުންގެ ވާހަކަތައް އެހީ ބީރު ކަންފަތްތަކުންނެވެ. އެ މީހުންގެ މަތިވެރި ގުރުބާނީ އޮތީ އަނދިރިކަމެއްގެ ތެރޭގައެވެ. ނަތީޖާއަކަށްވީ ގަރުނުތަކެއް ފަހުން ދުނިޔެއަށް ހިންދެމިލައި، ޙައްޤުގެ މައިދާނަށް ނުކުންނަން އަންހެނުންނަށް މަޖުބޫރުވުމެވެ. އެ މީހުންގެ މަސައްކަތުން އެ ހިތްވަރު ހުރި ވާހަކަތަކަށް ދުނިޔޭގެ ސަމާލުކަން ހޯދުމެވެ. ފިރިހެނުންނެކޭ އެއްފަދައިން ޤައުމީ ޚިދުމަތުގެ ސަފުން ޖާގަ ކަށަވަރު ކުރުމެވެ. އެންމެ ހީނުކުރާ އަސްކަރީ ދާއިރާގެ ދޮރުތައް ވެސް އެމީހުންނަށް މަރުޙަބާ ކިޔުމެވެ.
އެންމެ އިހުގެ ބޯދާ ވިސްނުމުގައި އަންހެނުންނަކީ ދިރިއުޅުމުގައި އުނި، ވިސްނުމުގައި ކޮށި ޖިސްމާނީ ގޮތުން ނިކަމެތި ބައެކެވެ. އެ ވިސްނުމާއެކު އަސްކަރީ ކަންކަމުން އަންހެނުންނަށް ޖާގަ ދިނުމަކީ ކުރާން ހޮޔެނުވާ ކަމެއްގެ ގޮތުގައި ވަރަށް ގިނަ ގަބީލާތަކުން ގަބޫލުކުރިއެވެ. ވަރަށް ފަހަކާ ޖެހެންދެން ވެސް މުޅި ދުނިޔެ އޮތީ އެ ގަބޫލުކުރުމުގެ ތަންމަތީ ނިދާފައެވެ. އެ ނިދިން މުޅި ދުނިޔެ ހޭލީ ފުރަތަމަ ބޮޑު ހަނގުރާމައިގެ ތެރެއިންކަމަށް ބެލިދާނެއެވެ. އެ ހިސާބަށް ދުނިޔެ ދިޔައިރު ކައްކާ މީހުންގެ ގޮތުގަޔާއި އަންނައުނު ދޮވެ އިސްތިރި ކުރާ މީހުންގެ ގޮތުގަޔާއި އަދި ނަރުހުންގެ ގޮތުގައި ކޮންމެ ވެސް ސިފައެއްގައި އަސްކަރީ ކަންކަމުގައި ބައިވެރިވުމުގެ ފުރުޞަތު އަންހެނުންގެ ހުޅުވިފައި އޮތެވެ.
ފުރަތަމަ ބޮޑު ހަނގުރާމައަކީ އަސްކަރީ ޚިދުމަތުން އަންހެނުންނަށް އެންމެ ބޮޑު ފުރުޞަތު ހުޅުވުނު ދޮރޯއްޓެވެ. އަންހެނުންނާމެދު ދެކެމުން އައި ގޮތް ބަދަލުވުމުގެ މައިގަނޑު އެއް ސަބަބެވެ. އަސްކަރީ ޚިދުމަތުން އަންހެނުންނަށް ޖާގަ ދެވިދާނެތޯ ނުވަތަ ނޫންތޯ ފިރިހެނުންގެ ސިކުނޑިތަކުގައި ބަހުސް ފެށުނު ހިސާބެވެ. ނަތީޖާއަކަށްވީ އަސްކަރިއްޔާގައި އަންހެނުން ބައިވެރިކުރުމުގެ ދޮރު ހުޅުވަން ވެއްޖެކަމަށް ބައެއް އަސްކަރިއްޔާތަކަށް ގަބޫލުކުރުވުމެވެ. މި ގަބޫލުކުރުމާއެކު ދެވަނަ ބޮޑު ހަނގުރާމާގައި އަންހެނުންގެ ދައުރު ފުޅާވެ، އަސްކަރިއްޔާގައި އަދާކުރަމުން ދިޔަ ދައުރު އިތުރުވިއެވެ. ޕައިލެޓްކަމާއި ޑްރައިވަރުކަމާއި މެކޭނިކުކަން ފަދަ އާ ދައުރުތަކުން އަންހެނުންނަށް ފުރުޞަތު ފަހިވެގެން ދިޔައެވެ. ދެވަނަ ބޮޑު ހަނގުރާމަ ނިމުނީ ކަނޑުގެ ސިފައިންގެ ލަޝްކަރާއި އެއްގަމު ސިފައިންގެ ލަޝްކަރުގައި މަސައްކަތްކުރުމުގެ އިޚުތިޔާރު އަންހެނުންނަށް ލިބިދެމުންނެވެ.
1960ގެ އަހަރުތަކަކީ އަންހެނުންގެ އަޑު މުޅި ދުނިޔޭގައި ގުގުމަމުން ދިޔަ އަހަރުތަކެކެވެ. ދުނިޔޭގެ އިޖުތިމާޢީ ވެށްޓަށް އިންގިލާބީ ބަދަލުތަކެއް އައުމަށް މަގުފަހިވީ އަހަރުތަކެކެވެ. އަންހެނުންގެ ޙައްޤުތަކަށް މަސައްކަތްކުރާ ހަރަކާތްތައް އުފެދި، މަސައްކަތުގެ މައިދާނުގައި ހަމަހަމަކަން ހޯދަން އަޑު އުފުލެމުން ދިޔަ ދުވަސްވަރެކެވެ. އެކަންކަމުގެ ތެރެއިން ސިޔާސީ މައިދާނަށް ނުކުތުމުގެ ފުރުޞަތު އަންހެނުން ހޯދިއެވެ. މަތީ ތަޢުލީމުގެ ދޮރުތައް ހުޅުވިއެވެ. އަސްކަރިއްޔާއިން އަންހެނުންނާ މުއާމަލާތުކުރާ ގޮތްތަކަށް ބަދަލުގެންނަން މަޖުބޫރުކުރިއެވެ. ސިފައިން ތަމްރީނުކުރާ ވިދާރާތަކަށް ވަނުމުގެ ފުރުޞަތު ވެސް ފަހިކުރިއެވެ. ނަތީޖާއަކަށްވީ ދުނިޔެއަށް އައި ހޭލުންތެރިކަމާއި އަންހެނުން ހޯދި ކާމިޔާބީތަކުގެ ތެރެއިން އަސްކަރީ މަތީ މަގާމުތަކަށް ދިއުމަށް އަންހެނުންނަށް އޮތް ހުރަސްތައް ނެތިގެން ދިއުމެވެ.
އަސްކަރީ ޚިދުމަތްތަކުން އަންހެނުން ހޯދި ކާމިޔާބަކީ ކުޑަ ކާމިޔާބެއް ނޫނެވެ. އަންހެނުން ކުރި ހިތްވަރަކީ ކުޑަ ހިތްވަރެއް ވެސް ނޫނެވެ. އެ ހިތްވަރުގައި ވަނީ ކެރުމާއި، ފަސް ނުޖެހުމާއި ޢަޒުމުގެ ވަރުގަދަކަމާއި ކެތްތެރިކަމެވެ. އެހެންނޫންނަމަ އަސްކަރިއްޔާގައި އަންހެނުން ހޭދަކުރި މަދު އަހަރުތަކުން ފިރިހެނުން ލަދުގަންނާކަށް ނުޖެހޭނެއެވެ. އަސްކަރީ ޚިދުމަތުގައި ދިގު ތާރީޚެއް އޮތް ފިރިހެނުންގެ އިސްސަފުގައި ތިބުމުގެ ފުރުޞަތު އަންހެނުންނަކަށް ނުލިބުނީހެވެ.
20 ވަނަ ގަރުނު ފެށުނީ ދުނިޔޭގެ އަސްކަރިއްޔާގައި އަންހެނުން ހިއްސާވަމުންނެވެ. އަސްކަރިއްޔާގެ އެކި ދާއިރާތަކުގައި ބަންދުވެފައިވާ ފުރުޞަތުތައް އަންހެނުންނަށް ހުޅުވެމުންނެވެ. ހަމައެކަނި ފިރިހެނުންނަށް ލިޔެދީފައި ހުރި މަގާމުތަކުގެ މިލްކުވެރިކަން އަންހެނުންނަށް ވެސް ލިޔެދެމުންނެވެ. މިއަދު އެމެރިކާ އަސްކަރީ މަގާމުތަކުގެ 91 އިންސައްތަ ބާވަތުގެ މަގާމުތައް އަންހެނުންނަށް ވަނީ ހުޅުވިފައެވެ. އެމެރިކާގެ އަސްކަރިއްޔާގައި 2.5 މިލިއަން އަންހެނުން ޙަރަކާތްތެރިވަމުން ދެއެވެ (ދަ ސަރވިސް ވުމަން އެކްޝަން ނެޓްވޯކް، 2018). އެމެރިކާގެ އަސްކަރިއްޔާގައި ހަރަކާތްތެރިކަމާއެކު މަސައްކަތްކުރާ ސިފައިންގެ 17.6 އިންސައްތައަކީ އަންހެނުންނެވެ. މީގެ ތެރެއިން އެންމެ ގިނަ ބަޔަކު ޙަރަކާތްތެރިވަނީ ވައިގެ ސިފައިންގެ ދާއިރާގައެވެ (ދަ ޑިފެންސް އެޑްވައިޒަރީ ކޮމެޓީ އޮފް ވުމަން އެންޑް ދަ ސަރވިސަސް، 2017).
ދުނިޔޭގެ އެހެނިހެން ޤައުމުތަކަށް ބަލާއިރު ވެސް އަންހެނުން އަންނަނީ އަސްކަރިއްޔާތަކުން އެތައް ކާމިޔާބެއް ހޯދަމުންނެވެ. އޮސްޓްރޭލިއާގައި އަސްކަރިއްޔާގެ ހުރިހާ ދާއިރާއެއް ވަނީ އަންހެނުންނަށް ހުޅުވާލާފައެވެ. އެ ޤައުމުގެ އަސްކަރީ ޖަމާޢަތުގެ 18.5 އިންސައްތައަކީ އަންހެނުންނެވެ. އިޒްރޭލު އަސްކަރިއްޔާއަށް ވަނުމުގެ ފުރުޞަތު ފިރިހެނުންނާއި އަންހެނުންނަށް އެއްވެސް ތަފާތެއް ނޯވެއެވެ. ތަމްރީނު ހޯދުމުގައި ވެސް އަންހެނުންނާއި ފިރިހެނުންނަށް އޮންނަނީ އެއް އުސޫލުތަކެކެވެ. އިޒްރޭލު ކަނޑުގެ ސިފައިންގެ ލަޝްކަރަށް ބަލާއިރު ދަށް ރޭންކުތަކުގެ 33 އިންސައްތައަކީ އަންހެނުންނެވެ. ކަނޑުގެ ސިފައިންގެ މަތީ ރޭންކުތަކުގައި ކެޕްޓަނުންގެ ފެންވަރުގެ 21 އިންސައްތަ ހިއްސާކުރަނީ ވެސް އަންހެނުންނެވެ. މިފަދަ މިސާލުތަކުން ހާމަވަނީ އަސްކަރީ ދާއިރާއިން އަންހެނުން ހޯދާފައިވާ އިތުބާރާއި ކުރިއެރުމެވެ.
ދުނިޔޭގެ އަސްކަރީ ދާއިރާއަކީ އިތުބާރާއި ނުފޫޒު ގަދަ ދާއިރާއެކެވެ. ޤައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމާ ސީދާ ގުޅިފައިވާ ދާއިރާއެކެވެ. ބޮޑެތި ބިޔަ ބަޖެޓްތައް ކަނޑައެޅިފައިވާ އެ ދާއިރާތަކުގެ ބެލެހެއްޓުންތެރީންނަކީ އެއް ނަޒަރަކުން ވިސްނާއިރު ދިފާޢީ ވަޒީރެވެ. މި ވަގުތު ދުނިޔޭގެ 19 ޤައުމެއްގައި މި މަގާމާ ހަވާލުވެވަޑައިގެން ތިއްބެވީ އަންހެން ބޭފުޅުންނެވެ. މި ކުޑަކުޑަ ދިވެހިރާއްޖޭގެ ދިފާޢީ ވަޒީރަކަށް ހުންނެވީ ވެސް އަންހެން ބޭފުޅެކެވެ.
ފްރާންސަކީ ހުޅަނގު ޔޫރަޕްގެ އަސްކަރިއްޔާއަށް އެންމެ ބޮޑު ޚަރަދެއްކުރާ ޤައުމެވެ. 2018 ވަނަ އަހަރު ފްރާންސްގެ ދިފާޢީ ބަޖެޓަކީ 59.5 ބިލިއަން ޑޮލަރެވެ (ސްޓޮކް ހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް). މި ބަޖެޓާ ހަވާލުވެ ހުންނެވީ ފްލޯރެންސް ޕާރލީއެވެ. ހުޅަނގު ޔޫރަޕުން ދެވަނައަށް އެންމެ ބޮޑު ބަޖެޓެއް ކަނޑައެޅިފައިވާ އަސްކަރިއްޔާއަކީ އިނގިރޭސިވިލާތެވެ. މި އަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހު، އިނގިރޭސިވިލާތުގެ ފުރަތަމަ އަންހެން ޑިފެންސް ސެކްރެޓަރީއަކަށް ޕެނީ މޯޑަންޓް ވެވަޑައިގަތެވެ. އެކަމަނާ އެ ހަވާލުވެވަޑައިގަތީ އަހަރެއްގެ މައްޗަށް 47 ބިލިއަން ޑޮލަރު ޖެހޭ ޑިޕާޓްމަންޓެއްގެ ހިންގެވުމާއެވެ. ތިންވަނައަށް އެންމެ ބޮޑު ޚަރަދުކުރާ ޖަރުމަނުގެ 46.2 ބިލިއަން ޑޮލަރުގެ ބަޖެޓާ ހަވާލުވެވަޑައިގެން ހުންނެވީ ވެސް އަންހެނެކެވެ. 26.1 ބިލިއަން ޑޮލަރު ޚަރަދުކުރާ އިޓަލީގެ އަސްކަރީ ބަޖެޓާ ހަވާލުވެވަޑައިގެން ހުންނެވީ ވެސް އަންހެނެކެވެ. ސްޕެއިންއާއި، ނެދަލޭންޑާއި، ސްވިޒަލޭންޑާއި އަލްބޭނިއާ އަދި ބޮސްނިއާގެ ބަޖެޓާ ހަވާލުވެވަޑައިގެން ތިއްބެވީ ވެސް އަންހެނުންނެވެ. މި ތަފާސްހިސާބުތަކުން ބުނެދެނީ ހުޅަނގު ޔޫރަޕްގެ އެންމެ ބޮޑު 6 މިލިޓަރީ ބަޖެޓް ބެލެހެއްޓުމާ ހަވާލުވެވަޑައިގެން އެ ތިއްބެވީ އަންހެނުންކަމެވެ. މި އިތުބާރާއި ޔަގީންކަން ކުރު މުއްދަތަކުން އަންހެނުން ހޯދިހޯދުމަކީ ހައިރާންކުރަނިވި އަރުތައެކެވެ. ވަރަށް ބޮޑު ކާމިޔާބެކެވެ.
އަސްކަރިއްޔާއިން އަންހެނުން ހޯދަމުންދާ މި ކުރިއެރުންތަކުން އެނގި ސާބިތުވަނީ އަސްކަރީ ގޭޓު އަންހެނުންނަށް ހުޅުވިލެއް ކިތަންމެ ލަސްވި ނަމަވެސް އެ ޚިދުމަތުގައި އަންހެނުން ކުރިއަރާލެއް ހަލިކަމެވެ. އެ ހިތްވަރުގައި އަންހެނުން ހޯދާ އަރުތަ ގިނަކަމެވެ. އެ ޢަޒުމުގައި މުޅި އަސްކަރިއްޔާ ފަތަޙަކުރުމުގެ ބާރު ލިބިފައިވާކަމެވެ.
ހަވާލާ ލިސްޓް:
- ދަ ސަރވިސް ވުމަން އެކްޝަން ނެޓްވޯކް. (2018). ފަސްޓް އެނުއަލް ޕްލޭނިންގ ސަމިޓް. ވޮޝިންގޓަން: މުސައްނިފު.
- ދަ ޑިފެންސް އެޑްވައިޒަރީ ކޮމެޓީ އޮފް ވުމަން އެންޑް ދަ ސަރވިސަސް. (2017). އެނުއަލް ރިޕޯޓް. މުސައްނިފު.
- ސްޓޮކް ހޯމް އިންޓަނޭޝަނަލް ޕީސް ރިސާޗް އިންސްޓިޓިއުޓް. (2018). އެސްއައިޕީއާރްއައި އިޔަރ ބްކް 2018. އޮކްސްފޯޑް ޔުނިވަރސިޓީ ޕްރެސް.
