”މަތިވެރި އެ މާތް ބަޠަލުގެ ހަނދާން ހިތުގައި މިއަދު އައު ކޮށްލުމުން
މަތިވެރި އެ ރޫޙާ ގުޅުވަނީ ހިތްތައް މިދެން ރޫޙީ ގޮތުން“

އަޅުގަނޑުމެން ސިފައިން (ރިޓައަރީން ވެސް ހިމަނައިގެން)، ސިފައިންގެ ޚިދުމަތުގެ ތެރެއިން އުފެއްދި ހަރުދަނާ ޝަޚްޞިއްޔަތުންގެ ޙަޔާތްޕުޅު ވީވަރަކުން ބަލައި، ހޯދައި ދަސްކުރަންވާނެއެވެ. އެ ބޭފުޅުންގެ ޙަޔާތްޕުޅުން ފިލާވަޅު ލިބިގަންނަން ވާނެއެވެ. ސިފައިން އުފެއްދި ބޭނުމާއި ސިފައިންނަށް ޤައުމަށް ޓަކައި އުފުލަން ޖެހިފައިވާ ޒިންމާގެ އަގު ވަޒަން ކުރެވޭނީ އޭރުންނެވެ. މާޒީވެ ދިޔަތަނަށް ފަސް އެނބުރި ބަލާލުމަކީ ފަހި ކުރިމަގަކަށް އުންމީދު ކުރާމީހާ ކުރަން ޖެހޭނެ ވެސް ކަމެކެވެ.

ސިފައިންގެ ޚިދުމަތް ފެށިގެން އައީ ނޫރައްދީން ރަދުން ދެވަނަ ފަހަރަށް ރަސްކަމުގައި ރެދަލިކުރެއްވި ދުވަސްވަރު މާލޭގެ ޒުވާން ބޭފުޅުން ކޮޅަކަށް ކަނޑިން ޖެހުމާއި، ލޮންސީގެ ހެވިކަމާއި، ކުޅިޖެހުމާއި، އޮޅުލުންފަދަ އެ ޒަމާނުގައި ކުޅެއުޅުނު ފިރިހެންދުޅާ ކުޅިވަރުތައް  ދަސްކޮށް ދެއްވާން ކުރެއްވި މަސައްކަތްޕުޅުގެ ތެރެއިން އެ ބޭފުޅުން އަމިއްލަފުޅަށް ކުޅެވަޑައިގެންނެވި ކުޅިވަރަކާ ނޫރައްދީނު ބަންޑާރައިން ހިތްޕުޅާ ހަމަކުރައްވައިގެންނެވެ. އޭރު ވަޒީރުލްއަޢުޒަމަކީ އަލްއަމީރު އިބްރާހީމް ދޮށިމޭނާ ކިލެގެފާނެވެ. ހެވިކަން ދަސްކުރައްވަން އުޅުއްވީ ވިއްސަކަށް ބޭފުޅުންކަމާއި އޭގެ ތެރޭން ނަން އެނގެނީ ދާދި މަދު ބޭފުޅުން ކޮޅެކެވެ. ނަން އެނގެން ހުރި ބޭފުޅުންނަކީ އަތިރީގޭ އަޙްމަދު ދީދީ (ފަހުން އަލްއަމީރު އަޙްމަދު ދޮށިމޭނާ ކިލެގެފާނު)،  ޢަލީ ދޮށިމޭނާ ކިލެގެފާނުންގެ ގަލޮޅުގޭ މުޙައްމަދު ދީދީ، ރޯނުގޭ އިބްރާހީމް ދީދީ އާއި މުޙައްމަދު ދީދީ، ދޮންމަނިކުގެ އިސްމާޢީލް ދީދީ އާއި ޢަބްދުﷲ ދީދީ، ކަޅިހަރުގޭ މުޙައްމަދު ދީދީ އާއި އަޙްމަދު ދީދީ އަދި ގަލޮޅުގޭ މަނިއްޕުޅާއި، ވެލާނާ މަނިކުފާނުގެ މުޙައްމަދު ދީދީ (ވެލާނާ މުޙައްމަދު ދީދީ) އެވެ.

ޞާހިބުލްފަޚާމާ މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނުގެ ތަޞްނީފެއް ކަމުގައިވާ ”ދަރިޔެއްގެ ޝުކުރު – ސީރަތު އަލްއަމީރު އަޙްމަދު ދޮށިމޭނާ ކިލެގެފާނު“ މި ފޮތުގައި ލިޔުއްވާފައިވެއެވެ. ”…. މިކަން ފައްޓަވައިގެންނެވިއިރު، އޭގެތެރޭ ވެލަނާގޭ މުޙައްމަދު ދީދީ ވެސް ވެއެވެ. އެކަމަކު، އެކަންފެށުނުތާ، ދެތިން، މަސް ދުވަސް ވީފަހުން، އޭނާގެ ޒުވާން، ދަރިކަލުން ހެވިކަމުގެ ދަޑިޔާއިގެން، ކުރިޔަށް، ވަޑައިގެންފައިވާ، މިންވަރަކާއި މެދު، ވެލާނާ މަނިކުފާނުން، ސުވާލުކުރެއްވީމައި، ނޫރައްދީނު ބަންޑާރައިންނަށް ލައްވާން ޖެހިވަޑައިގަތީ ޙައިރާންފުޅު ވުމުގެ މާނޭވާ ފުޅެކެވެ. މިހެނީ، ވެލާނާގެއިން މުޙައްމަދު ދީދީ ނުކުމެވަޑައިގަންނަވަނީ، އާގަނޑުވަރުގައި ހެވިކަން ދަސްފުޅުކުރެއްވުމުގެ ނަމުގައި، ކަމުގައި ވިއަސް، އެކަން ފުރަތަމަ ފެށުނުރޭ، ފެނުނު ފަހުން ހަމަގައިމު ވެސް، އޭނާގެ ހަށިކޮޅެއް، އާގަނޑުވަރަކަށް ޙާޟިރެއް ނުވެއެވެ!……“

ނޫރައްދީނު ބަންޑާރައިން އަރިހުން ހެވިކަން ދަސްފުޅުކުރެއްވި ބޭފުޅުން ކުރިއަރައި ދިޔައީ ވަރަށް އަވަހަށް އެހާމެ ފުރިހަމައަށެވެ. ބުނެވޭގޮތުގައި ބަންޑާރައިންގެ އަރިހުން ހެވިކަން ދަސްފުޅު ކުރެއްވި ބޭފުޅުން ތެރެއިން ހެވިކަމަށާއި ހިއްޕެވުމަށް އެންމެ ކުރިއަރައި ހުންނެވި ކުޅަދާނަ ބޭފުޅަކީ އަތިރީގޭ އަޙްމަދު ދީދީއެވެ. ނޫރައްދީން ބަންޑާރައިން އިރުޝާދު ދެއްވި ހުރިހާ ބޭފުޅުން ދެކެ ނޫރައްދީނު ބަންޑާރައިން ވަރަށް ލޯބިފުޅުވެއެވެ. ވަކިން ޚާއްޞަކޮށް އަޙްމަދު ދީދީއާ ދޭތެރޭ ޚާއްޞަ ގޮތެއް ބެހެއްޓެވިއެވެ.

ނަސަބުފުޅު

އަތިރީގޭ އަޙްމަދު ދީދީއަކީ، ކ.ހުރާ ދޮންމަރުދުރު ފަޑިއްކަލޭގެފާނުންގެ ބޮޑު މުރީދު ތަކުރުފާނުންގެ ޙުސައިން ދޮށިމޭނާ ކިލެގެފާނުންގެ އަޙްމަދު ދޮށިމޭނާ ކިލެގެފާނުންގެ ޢަލީ ދޮށިމޭނާ ކިލެގެފާނުންގެ އިބްރާހީމް ދޮށިމޭނާ ކިލެގެފާނުންގެ ދޮށީ ދަރިކަލުންނެވެ. ދޮންމަރުދުރު ފަޑިއްކަލޭފާނުގެ ބައްޕައަކީ، މުޙައްމަދު އަމީނު ދޮށިމޭނާ ކިލެގެފާނު ވިދާޅުވާ ގޮތުގައި ބެހިގެން އައި ފަރަންސޭސި ނަވެއްގެ އޮފިސަރެކެވެ. މި މީހެއްގެ ނަމަކީ ޑޮންލުއީއެވެ.

އަތިރީގޭ އަޙްމަދު ދީދީގެ މައި ކަނބަލަކީ ކަކާގޭ ޢަލީ ރަންނަބަޑޭރި ކިލެގެފާނުން، މާވާ ގަނޑުވަރު ޙުސައިން ދީދީގެ ޢާއިޝަތު ދީދީ އާއި ކައިވެނި ބައްލަވައިގަނެގެން ލިބިވަޑައިގެން ބޭފުޅުންކުރެ މަރިޔަމް ދީދީއެވެ.

ތުއްޕުޅު ދުވަސްވަރު

އަތިރީގޭ އަޙްމަދު ދީދީ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރައިން 1285 އަހަރުއެވެ. އެއީ މީލާދީން މީލާދީން 1886 ވަނަ އަހަރެވެ. އަޙްމަދު ދީދީގެ ޢުމުރުފުޅުން ދިހަވަރަކަށް މަސްތެރޭ އަޙްމަދު ދީދީގެ މައިކަނބަލުން ކަކާގޭ މަރިޔަމް ދީދީ އަވަހާރަވެއްޖެއެވެ.  މަރިޔަމް ދީދީ އަވަހާރަވުމުން އަޙްމަދު ދީދީއަށް ކިރުފޮދު އަރުވައި ބެލެހެއްޓެވީ މައިފުށުގެ މާމާފުޅު ކަކާގޭ ޢާއިޝާ ދީދީއެވެ.

އަޙްމަދު ދީދީގެ ޢުމުރުފުޅުން ދެ އަހަރެއްހާ ދުވަސްވީފަހުން އަޙްމަދު ދީދީގެ ބަފައިކަލުންގެ ފަރާތު ކާފާފުޅު ގަލޮޅުގޭ އަލްއަމީރު ޢަލީ ދޮށިމޭނާ ކިލެގެފާނު، ތުއްޕުޅު އަޙްމަދު ދީދީ އެ ކިލެގެފާނު އަރިހަށް ގަލޮޅުގެއަށް ގެންދަވައިފިއެވެ. އެއަށްފަހު އަޙްމަދު ދީދީއަށް މަންމައެއްގެ ލޯބިދެއްވައިގެން ބެލެހެއްޓެވީ އަޙްމަދު ދީދީގެ ބައްޕާފުޅު ފަރާތުގެ ބޮޑުދައިތާފުޅު އަލްއަމީރު ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ޚަދީޖާ ދީދީއެވެ.

އަޙްމަދު ދީދީގެ ޢުމުރުފުޅުން އެންމެ ހައެއްކަ އަހަރުފުޅު ވީތަނާ، އަޙްމަދު ދީދީގެ ކާފާފުޅު އަމީރު ޢަލީ ދޮށިމޭނާ ކިލެގެފާނު ރާއްޖެ ދޫކުރައްވާ ސިލޯނަށް ވަޑައިގެން ގާލީގައި ވަޒަންވެރިވެ ވަޑައިގެންފިއެވެ.  ޢަލީ ދޮށިމޭނާ ކިލެގެފާނު ސިލޯނަށް ވަޑައިގެންނެވިއިރު އެ ކިލެގެފާނުގެ އިބްރާހީމް ދީދީ އާއި އިބްރާހީމް ދީދީގެ ތުއްޕުޅު އަޙްމަދު ދީދީއާއި އަދި ހޮޅުދޫ ނެވިންގޭ ދޮންމަނިކުގެ ޢަލީ ދީދީއާއި އިސްމާޢީލް ދީދީ (ފަހުން މީރުބަޙުރު އިސްމާޢީލް ދީދީ) ގެންދެވިއެވެ.

ނަކަތްގެލެއްވުމާއި ކިޔަވާ ވިދާޅުވުން

އަތިރީގޭ އަޙްމަދު ދީދީ ޚިތާންފުޅު ކުރެއްވީ އެ ދީދީގެ ކާފާކަލުން، ޢަލީ ދޮށިމޭނާ ކިލެގެފާނު ގާލީގައި އާރާސްތުކުރެއްވި ”ބޮޑުގެ“ ނަމަކަށް ކިޔާގޭގައެވެ. އަޙްމަދު ދީދީ ޢަރަބި ބަހާއި އިސްލާމް ދީނުގެ މުބާދީ އުގެނި ވަޑައިގަންނަވާން ފެއްޓެވީ ޢަލީ ކިލެގެފާނު ގެއަށް ދުރުވެ ތިއްބަވާ ޢަރަބީންގެ ދަންނަބޭަކަލުންނާއި ސައްޔިދު ބޭަކަލުންގެ އަރިހުންނެވެ. ފުރަތަމަ އިނގިރޭސި ތަޢުލީމު ހާސިލު ކުރެއްވީ ގާލީ ރިޗްމަންޑް ކޮލެޖުންނެވެ.

ޚާއްޞަ ސިފަފުޅުތައް

އެންމެ ތުއްޕުޅުއިރު ވެސް އަޙްމަދު ދީދީ ފަރާތްޕުޅުން ޚާއްޞަ ސިފުޅުތަކެއް ފެނުނެވެ. އެއީ، ކޮންމެ މުޞްލިޙެއްގެ ގައިގައި ވެސް ހުރުން ލާޒިމުކުރާ ދީންވެރިކަމާއި މަތިވެރި ޚުލްޤުގެ އަގުމާތް ސިފައެވެ. ކަންކަމުގައި މެދު މިންވަރަށް ލޯބިކުރެއްވުމާއި ޞުލްޙަވެރިކަމެވެ. އިންސާފާއި ތެދުވެރިކަމެވެ. އަދަބުވެރިކަމާއި އެއްވެސް ކަމެއްގައި ހައްދު ފަހަނައަޅައި ނުދިއުމުގެ މާތް ސިފައެވެ. އިސްރާފު ކުރެއްވުމުން ދުރުހެލިވެ ވަޑައިގަތުމާއެކު އެކުގައި އުޅޭ މީހުނަށް ނަސޭހަތްތެރިވެ ވަޑައިގަތުމާއި ޚުލްޤުފުޅު ހެޔޮކަމުގެ އަގުމާތް ސިފަފުޅެވެ. ސުމުއްވުލް އަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނަކީ އިސްކޮޅުން މެދުމިނުގެ އޮޅަލި ބޭފުޅެކެވެ.

ދެނެވަޑައިގަންނަވާ ބިދޭސީ ބަސްތައް

ދިވެހީންގެ ތެރެއިން ފުރަތަމަ އިނގިރޭސި ބަސް ކިޔަވާ ވިދާޅުވި ބޭފުޅަކީ އަތިރީގޭ އަޙްމަދު ދީދީ ކަމަށާއި އިނގިރޭސި ޕަބްލިކް ކޮލެޖަކުން ފުރަތަމަ ކިޔަވާވިދާޅުވި ދިވެއްސަކީ ވެސް އެ މަނިކުފާނު ކަމަށް މުޙައްމަދު އަމީން ދީދީ ލިޔުއްވާފައިވެއެވެ. އަތިރީގޭ އަޙްމަދު ދީދީ އިނގިރޭސި، ޢަރަބި، އުރުދޫ، ސިންގަޅަ އަދި ތަމަޅަބަހުން ފަސޭހަފުޅު ކަމާއެކު ވާހަކަފުޅު ދައްކަވާކަމަށް އަލްއަމީރު މުޙައްމަދު އަމީނުގެ ”ދަރިޔެއްގެ ޝުކުރު“ ގައި ލިޔުއްވާފައިވެއެވެ.

އޮޅުދޫ ކަރައިގެ ރަޙުމަތްތެރިން

ކަރައިގެ ވަރަށް ގިނަ ގަދަރު ހުރި މީސްމީހުންނާއި އަޙްމަދު ދީދީއާ ދެމެދު ވަނީ އެކުވެރިކަން އުފެދިފައެވެ. އަތިރީގޭ އަޙްމަދު ދީދީގެ އެކުވެރިންތެރޭގައި ހިމެނެނީ އެއިރު އަރުވާލައިފައި ސިލޯނުގައި ހުންނެވި މަޝްހޫރު ޢަރަބީ ޕާޝާއާއި އެއިރު ކޮޅުބުގެ ކަސްޓަމްސްގެ ވެރިޔާ އެޗް.ސީ.ޕީ.ބެލްއާއި، އޯ.އެލް.އެމް.މާކާން މަރަކާރުއާއި އޭނާގެ ދަރިކަަލުން މުޙައްމަދު މާކާން މަރަކާރު (ފަހުން ސަރ މުޙައްމަދު މާކާން މަރަކާރު) ފަދަ ކިތަންމެ ސޯޅިޔާއިންނެކެވެ. އަދި ވޯރާ ވިޔަފާވެރިން ތެރެއިން މުޙައްމަދު ބަހާއީ ކަރީމް ޖީ، ޖާފަރުޖީ ޖީވަން ޖީ، ނޫރު ބަހާއީ ފަދަ ކިތަންމެ ބައެކެވެ.

މާލެ ވަޑައިގަތުން

އަތިރީގޭ އަޙްމަދު ދީދީ މާލެ ވަޑައިގަތީ، އޭނާގެ ކާފާފުޅު ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނު އެ މަނިކުފާނުގެ ކާފަ ދަރިކަލުން އަތިރީގޭ އަޙްމަދު ދީދީ ނުލާހިކު ތުއްޕުޅުއިރު ސިލޯނުގެ ގާލީއަށް (ގާއްޔަށް) ގެންދެވިފަހުން އޭނާގެ އުމުރުފުޅުން ސައުވީހަކަށް އަހަރު ފުޅުގައެވެ. ސިލޯނުގެ ގާލީގައި ފަނަވަރަކަށް އަހަރު ހުންނެވުމަށް ފަހުގައެވެ. އެއީ އައްސުލްޠާން އިބްރާހީމް ނޫރައްދީނު ބަންޑާރައިންގެ ދެވަނަ ރަސްކަމުގައެވެ. އެއިރު އިބްރާހީމް ނޫރައްދީން ބަންޑާރައިންގެ ބޮޑުވަޒީރަކީ އަދި ދައުލަތް ހިންގަވަނީ އަޙްމަދު ދީދީގެ ބައްޕާފުޅު އިބްރާހީމް ދޮށިމޭނާ ކިލެގެފާނެއެވެ.

އަޙްމަދު ދީދީ މާލެ ވަޑައިގަތުމުން އެ ދީދީގެ ހަރުދަނާ ސިފަފުޅުތަކާއި މަތިވެރި ޚުލްޤާއި ދީންވެރިކަމުގެ ސަބަބުން ހަރުމީހުންނާއި ދުވަސްވީ މީހުންނާއި ތަފާތު ޢުމުރުފުރައިގެ މީހުންގެ ދޫތަކުން އިސާހިތަކު ތަޢުރީފުގެ ބަސްތައް އޮހެންފަށައިފިއެވެ. އަދި ދާދި އަވަހަށް ނޫރައްދީނު ބަންޑާރައިންގެ އަރިހުގައި މަތިވެރި މަގާމު ހޯއްދަވައިފިއެވެ. އަޙްމަދު ދީދީގެ ހެވިކަމުގެ އުސްތާޒަކީ ޚުދު ކީރިތި މަހާރަދުންނެވެ. ނޫރައްދީން ބަންޑާރައިންނެވެ. ދިވެހި ސިފައިން އުފެއްދެވި އެ ރަދުންނަށް ޝުކުރުގެ ޖިޒީތައް މިދަންނަވަނީ އެ ރަދުން އުފެއްދެވި ސިފައިންގެ އަގުހުރި ޚިދުމަތުގައި އުޅުމުގެ ފަޚުރާއި ޝަރަފު އަޅުގަނޑަށް ވެސް ލިބިފައިވާތީއެވެ.

”ޤައުމުގެ ދިވެހި ފަޚުރެއްކަމަށް ހިމެނޭ ޒަޢީމުގެ އަރިޔަހަށް
ޤައުމުގެ ދުލުން އަދު ފޮނުވަނީ ސާބަސްތަކޭ ގިނަ ފަށްފަށުން
ތާރީޚުގައި ތަމްޡީލުކޮށް  ދެއްކެވި  އުފާވެރި  މަންޒަރުން
މާރީތިކޮށް އަދު ވިދަވިދާ އެވަނީ އެމާތް  ނަންފުޅު  ރަނުން
ނޫރުން މިތަހުޒީބީ ލިބުނުހައި އަލިކަމެއް ނަމަވެސް  އައީ
ރޫޙީ ޙަޔާތެއް އުންމަތަށް އޭރުއްސުރެން  ލިބެވުނު  ކަމުން“ 

ކައިވެނިފުޅުތައް

ސުމުއްވުލް އަމީރު އަޙްމަދު ދީދީ ފުރަތަމަ ކާވެނި ބައްލަވައިގަތީ އައްސުލްޠާން އިބްރާހީމް ނޫރައްދީން ބަންޑާރައިންގެ އާގަނޑުވަރު ތުއްތު ގޮމާއާއެވެ. ދެން ރޯނުގޭ އިބްރާހީމް ދީދީގެ ޢާއިޝާ ދީދީއާއެވެ. ފަހުން ކުރެއްވި ކައިވެނިފުޅުން ތިން ބޭފުޅުން ލިބިވަޑައިގެންނެވިއެވެ.  އެއީ އައްނަބީލާ މަރިޔަމް އަމީން، އައްނަބީލާ އާމިނަތު އަމީން، އަދި ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނެވެ.

ޤައުމަށް ޚިދުމަތް ކުރައްވަން ފެށްޓެވުން

ސުމުއްވުލް އަމީރު އަޙްމަދު ދޮށިމޭނާ ކިލެގެފާނު ދައުލަތަށް ޚިދުމަތްކުރައްވަން ފެއްޓެވީ ނޫރައްދީން ބަންޑާރައިންގެ ރަސްކަމުގައެވެ. އެ ރަދުންނާއި ހަމައިން ފެށިގެން އޭގެ ފަހުން ވަޑައިގެންނެވި ހުރިހާ ރަސްކަލުންގެ ޚާއްޞަ މުސްތަޝާރަކަށް ހުންނެވިއެވެ. ޕްރައިވެޓް ސެކެޓްރީ ކަމުގެ މަގާމާއި، ކިލެގެކަން ލިބިވަޑައިގަތެވެ. ކިލެގެކަމުގެ ޢިއްޒަތް ލިބިވަޑައިގަތީ ހިޖުރައިން 1311ހ ވަނަ އަހަރުއެވެ. ދިވެހި ދައުލަތާއި ރައްޔިތުންގެ މެދުގައި އަބަދުވެސް އެ މަނިކުފާނު ފާހަގަކުރެވިގެންވަނީ ދައުލަތަށް ތެދުވެރި ޚާދިމެއްގެ ގޮތުންނެވެ. އަދި ސިޔާސީ މުޙައްނިކެއްގެ ގޮތުން ވެސް މެއެވެ. އެއީ އަތިރީގެ ޚާންދާންގެ ސިޔާސީ ނަވުގެ މާލިމީއެވެ. އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ދޮށިމޭނާ ކިލެގެކަމާއި، ޕްރައިވެޓް ސެކްރެޓްރީކަމާއި، ކަސްޓަމްސްގެ ވެރިކަމާއި، ޕޯސްޓް އޮފީހުގެ ވެރިކަމާއި،    ޤާނޫނު އަސާސީ އުފެއްދި މަޖުލީހުގެ މެންބަރުކަން ފާހަގަކުރެވެއެވެ.

ސުމުއްވުލް އަމީރު އަޙުމަދު ދޮށިމޭނާ ކިލެގެފާނު ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ ހިޖުރައިން 1364 ޖުމާދިލް އޫލާ 13 ވަނަ ދުވަހު (މީލާދީން 25 އެޕްރީލް 1945) ގައި މާލޭގައެވެ. އެ މަރުޙޫމަށް އަރަހުށި ހުސްޠާހިރުވަންތަ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރުއްސެވުމާއި ފުއްސެވުން އިތުރުކުރައްވައި ޖަންނަތުލް ފިރުދައުސްގެ  މަތިވެރި މަގާމު މިންވަރުކުރައްވާށިއެވެ. އާމީން!

ޅެންބައިތުތައް: އަޙްމަދު ޝާކިރު
މަޢުލޫމާތުގެ މަސްދަރު: ދަރިއެއްގެ ޝުކުރު (މުޙައްމަދު އަމީން ދީދީ)

ޝެއަރކުރެއްވުމަށް