ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް (ސނ: 1412) އަކީ ކުޅިވަރުގެ ދާއިރާއިން މި މުއައްސަސާ ފަޚުރުވެރިވާފަދަ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައިވާ ސްޕޯޓްސްމަނެކެވެ. ރާއްޖޭގެ ފުޓްބޯޅަ ޤަވާޢިދަށް ގެނައި ބަދަލާއެކު، ރާއްޖެއަށް ގޯލްޑަން ގޯލް ތަޢާރަފުކޮށްގެން ކުޅުނު ފުރަތަމަ މުބާރާތުގައި ރާއްޖޭގައި އެންމެ ފުރަތަމަ ގޯލްޑަން ގޯލް ޖަހައި ތާރީޚުން ޖާގަ ހޯދި ދިވެހި ކުޅުންތެރިޔާއެވެ. މި މުއައްސަސާ ފަޚުރުވެރިކޮށްދިން މި ކުޅުންތެރިޔާއަކީ ފުޓްބޯޅަ މުބާރާތެއްގެ ތަށްޓެއް އެންމެ ފުރަތަމަ ސިފައިންނަށް ލިބުނު ފަހަރު ސިފައިންގެ ޓީމުގެ ކެޕްޓަނެވެ. ކުޅިވަރުގެ ދާއިރާއިން އެމްއެންޑީއެފަށް ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ސާޖަންޓް މޭޖަރ ޙަސަން ފަޔާޒަކީ ސިފައިން ތަމްރީނު ކުރުމުގައި ވެސް ވަރަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ލީޑަރެކެވެ. ޚާއްޞަކޮށް އެންސީއޯއިންގެ ޑިވެލޮޕްމަންޓަށާއި ސިފައިން ތަމްރީނުކުރުމުގައި ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ އަދި މިހާރު ވެސް ކުރައްވަމުން ގެންދަވާ ލީޑަރެކެވެ. ހަމައެހެންމެ ސާޖަންޓް މޭޖަރ ޙަސަން ފަޔާޒަކީ ފާއިތުވި 31 އަހަރުގެ ތެރޭގައި އެމްއެންޑީއެފްގެ ތަރައްޤީއާއި ކުރިއެރުން އެންމެ ރަނގަޅަށް ފެނިލައްވައި،  ތަޖުރިބާކުރައްވާފައިވާ އެއް ފަރާތެވެ. ސާޖަންޓް މޭޖަރ ޙަސަން ފަޔާޒްްގެ ސިފައިންގެ ޙަޔާތުގެ ޞަފްޙާތަކުން އަސްކަރީ ތާރީޚުގެ ތަޖުރިބާއިން ކުޑަ މިންވަރެއް ނަމަވެސް އަޅުގަނޑުމެންނާ ހިއްސާކޮށްދެއްވާފައި ވެއެވެ.

ސިފައިންގެ ޚިދުމަތަށް ވެންނެވުން:

އދ. މަހިބަދޫއަށް އުފަން ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް މަދުރަސީ ޙަޔާތަށްފަހު ޝައުޤުވެރިވެލެއްވީ ދެ ދާއިރާއަކުން ކުރިއަށްދިއުމަށެވެ. އެއީ އިންޖިނިއަރިންގ ދާއިރާއާއި އަސްކަރީ ދާއިރާއެވެ. މިގޮތުން ރަށު ސްކޫލާއި މަދަރަސަތުލް އާލިޔާ އޭރުގައި އޮންނަ ޖޭއެސްސީ އިމްތިހާން ފުރިހަމަކުރެއްވުމަށްފަހު އެންމެ ފުރަތަމަ މަސައްކަތްކުރެއްވީ ސާޖަންޓް މޭޖަރ ޙަސަން ފަޔާޒްގެ މަންމަގެ ރަށްކަމުގައިވާ  ކ.ތުލުސްދޫގައި ހުންނަ އިލެކްޓްރިސިޓީ ބޯޑު (މިހާރުގެ ސްޓެލްކޯ) ގެ ޕަވަރ ހައުސްގައެވެ. 1989 ޖަނަވަރީ 31 ވަަނަ ދުވަހު ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް ސިފައިންގެ ޚިދުމަތަށް ވެންނެވީ ތުލުސްދޫ ޕަވަރ ހައުސްގެ ތަމްރީނެއްގައި މާލެ ފޮނުވާފައި ހުންނަވަނިކޮށް، ނޮވެންބަރު ތިނެއްގެ ހާދިސާއަށްފަހު ސިފައިންގެ ޚިދުމަތަށް ޒުވާނުން ބޭނުންވެގެން ކުރެއްވި އިޢުލާނާ ގުޅިގެންނެވެ.

”އޭރު އަޅުގަނޑުގެ ފަސް ރަޙުމަތްތެރިއަކު ދިން ޚިޔާލަކާ ގުޅިގެން އެ މީހުންނާއެކު ސިފައިންގެ ޚިދުމަތާ ގުޅުނީ. އަޅުގަނޑު ކެރިއަރ ބިނާކުރަން ބޭނުންވީ އިންޖިނިއަރިންގ ނުވަތަ އަސްކަރީ ދާއިރާއިން. ނޮވެންބަރު ތިންވަނަ ދުވަހާ ގުޅިގެން ޤައުމަށް ދިމާވެފައިވާ އެ ނާޒުކު ދަނޑިވަޅުގައި ގައުމަށް ޚިދުމަތްކުރުމުގެ ޖޯޝް ވެސް އޭރު ހުރުމާއެކު، އިންޖިނިއަރިންގ ދާއިރާއަށްވުރެ ބޮޑަށް އަސްކަރިއްޔާއަށް އަޅުގަނޑު ޚިދުމަތް ބޭނުންވާ ކަމަށް އޭރު ޤަބޫލު ކުރެވިގެން ސިފައިންގެ ޚިދުމަތާ ގުޅުނީ. މި ނޫނަސް ކުރިން ވެސް ބަޑިޖެހުމާއި ބަޑި ގެންގުޅެން ޝައުޤުވެރިކަން ހުންނާތީ ލިބުނު އެ ފުރުޞަތުގެ ބޭނުން ހިފީ.“ ސާޖަންޓް މޭޖަރ ފަޔާޒް ބުނުއްވިއެވެ.

ސިފައިންނަށް އޭރު ދެވުނު ތަމްރީނު:

ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް ސިފައިންގެ ޚިދުމަތަށް ވަންނަވައި ޢަމަލީ މައިދާނަށް ނުކުންނެވީ 12 ވަނަ އަސާސީ ތަމްރީނު ކޯސް ފުރިހަމަ ކުރެއްވުމަށްފަހުއެވެ. އޭރު ސިފައިންނަަށް ތަމްރީނު ދެވުނުގޮތް ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް ވަނީ ހިއްސާކުރައްވާފައެވެ.

”އަޅުގަނޑު ތަމްރީނު ފުރިހަމަކުރީ ނޮވެންބަރު ތިނަކަށްފަހު ހިންގި ތިންވަނަ އަސާސީ ތަމްރީނު ކޯހުގައި. އޭރު ތަމްރީނުގައި އެންމެ ބޮޑަށް ދަސްކޮށްދިނީ ޕީޓީއާއި ޕެރޭޑް. ސިފައިންގެ ބައެއްގެ ގޮތުގައި އޭރު ފުލުހުން ވެސް އޮތުމުން ޤާނޫނުގެ ބައިތަކުގެ ތެރެއިން ޤާނޫނާ ޚިލާފު ކުށްތަކާއި އޭގެ އަދަބުތަކާއި ސިފައިންނަށް އޮންނަ ބާރުފަދަ ޤާނޫނީ ފިލާވަޅުތައް ވެސް ކިޔަވައިދިން. އޭގެ އިތުރުން ހަތިޔާރާ ބެހޭ ކުލާސްތައް ވެސް ކޮންމެވެސް ވަރަކަށް ކުރިއަށްގެންދިޔަ. މުޅި އަސާސީ ތަމްރީނު އޭރު ބިނާވެފައިވަނީ ފުލުހުންގެ ދައުރު ވެސް ހިމަނައިގެން އޭގެ މައްޗަށް. އިންސްޓްރަކްޓަރުންގެ ގޮތުގައި މަސައްކަތްކުރެއްވީ ކުރީގެ ޗީފް ޝިޔާމް ސަރއާއި ނިލާމް ސަރ، ޒުބައިރު ސަރ، އަދި ޝަރީފް ސަރ ފަދަ ބޭފުޅުން“

މަސައްކަތްކުރެއްވި ޔުނިޓްތަކާއި އަދާކުރެއްވި މަޤާމުތައް:

އަސާސީ ތަމްރީނުގައި އެންމެ ގަދަ 10 ސިފައިންގެ ތެރޭގައި ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް ހިމެނިލެއްވުމުން އަސާސީ ތަމްރީނަށްފަހު މަސައްކަތްކުރެއްވީ ގިރިފުށީ ޓްރޭނިންގ ސެންޓަރުގައެވެ. މިހާރު ސިފައިންގެ ޚިދުމަތުން ޝަރަފުވެރި ކަމާއެކު ރިޓަޔަރކުރައްވާފައިވާ ސާޖަންޓް ފަސްޓް ކްލާސް ޢަބްދުއްލަޠީފް (މައްޔަރޭ)ގެ ލީޑަރޝިޕްގެ ދަށުން އެތަނުގައި ވަރަށް ބޮޑު، ބުރަ ގިނަގުނަ މަސައްކަތްތަކެއް ސާޖަންޓް މޭޖަރ ޙަސަން ފަޔާޒްގެ ޓީމުން ކުރެއްވިއެވެ. އެއަށްފަހު ޑިއުޓީ ސެކްޝަނުގައި އެސްޓީއެފް ތަމްރީނު ކޯހަށް ދިއުމާ ހަމަޔަށް ތިން މަހެއްހާ ދުވަހު، މަސައްކަތް ކުރައްވާފައިވެއެވެ.

”ޔޫކޭ އިންސްޓްރަކްޓަރުން ގެނެސްގެން ގިރިފުށީގައި ހަތަރު މަހެއްހާ ދުވަހު ހިންގި އެސްޓީއެފް ތަމްރީނާއެކު އަޅުގަނޑުގެ މުޅި ކެރިއަރ ބަދަލުވެގެންދިޔަ. ކޯސް ނިންމާފައި އައިތަނާ ކުއިކް ރިއެކްޝަން ފޯސް (ކިއުއާރުއެފް) ތަކެއް ސިފައިންގޭގައި އުފެދުނު. ކިއުއާރުއެފް 1، 2، އަދި 3 އުފެދިގެންދިޔަ. އެގޮތުން ކިއުއާރުއެފް 1 ގެ ނަމުގައި ހުޅުލޭގައި ޑިޕްލޯއިކުރި ސިފައިންގެ ތެރޭގައި އަޅުގަނޑު ވެސް ހިމެނިގެންދިޔައީ. އޭރު ނޮވެންބަރު ތިނަކާ ގުޅިގެން ސެކިއުރިޓީ ބަލަހައްޓަން އެއަރޕޯޓްގައި އިންޑިއާ ސިފައިން ތިބީ. އިންޑިއާ ސިފައިންގެ ބަދަލަށް އަޅުގަނޑުމެން ތެރެއިން ދެ ޕްލެޓޫން އެތަނަށް ދިޔައީ. އޭރު އެތަނުގައި ސިފައިން ތިބޭ ތަނަކަށް ހުރީ އެއަރޕޯޓް ވަށައިގެން ހުރި ޕޯސްޓްތަކެއް އެކަނި. އެތަނުގެ ޑިއުޓީއަކީ އެއަރޕޯޓް ވަށައިގެން ހުރި 6 ޕޯސްޓްގައި ޑިއުޓީ މެރުން. ދެން މާބޮޑު ކަމެއް ނޯވޭ. އޮންނަ ކަންކަމަކީ ޕީޓީ، ޕެރޭޑް، ޑިވެލޮޕްމަންޓް ކްލާސް އަދި ސްޕޯޓްސް. އެ ޕޯސްޓްތަކަކީ މިދިލި، ދިއްގާ، ހިރުނދު، ކާނި، ކުރެދި، އަދި ފުނަ ޕޯސްޓް. އޭގެ ތެރެއިން މިދިލި ޕޯސްޓަކީ ހެޑްކްއޯޓަރޒް ޕޯސްޓް. އެ ޕޯސްޓް އޭރު ހުންނަނީ ހިޔާކޮށްފައި ވަށާ ފިލާޖަހާލާފައި. މިގޮތަށް ހަދާފައި ހުރި ޕޯސްޓްތައް. އެޗްކިއު ޕޯސްޓް ހުންނަނީ އެއަރ ކްރާފްޓް ހެނގަރު ތެރޭގައި އާދައިގެ ގޮތަކަށް މެޓް އަޅާފައި. ކަރަންޓެއް ނެތް. ވަޅެއް އެކަނި ހުންނަނީ. އެނޫން ވަސީލަތެއް އެތާކު ނުހުރޭ. ކާއެއްޗެހި ވެސް ކޮންމެ ގަޑިއަކަށް ވެސް ގެންނަނީ ”ބީޗް ރެސްޓް“ ކިޔާ ހޮޓަލަކުން ހުރިހާ ޕޯސްޓްތަަކަށް ވެސް. އެތަނުގައި ނިދާ ބެޑް، ކަރަންޓް އަދި ފާޚާނާކުރުމުގެ ނިޒާމް ޕޯސްޓްތަކުގައި ނުހުރޭ.“ ހުޅުލެ ޕޯސްޓްގެ އޭރުގެ ހާލަތާއި ސިފައިން އެތަނުގައި މަސައްކަތް ކުރެއްވި ގޮތް ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް ހިއްސާކުރެއްވިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި ހުންނަ ސިފައިންގެ މަރުކަޒަށް އައި ތަރައްޤީއާއި ކުރިއެރުން އެންމެ ކައިރިން ފެނިލެއްވި އެއްފަރާތަކީ ސާޖަންޓް މޭޖަރ ޙަސަން ފަޔާޒެވެ. އޭރު ސިފައިންގޭގައި ”ނަންބަރު 1“ ޔުނިޓެއްގެ ގޮތުގައި ކިއުއާރުއެފް އޮތް ދުވަސްވަރަކީ ސާޖަންޓް މޭޖަރ ޙަސަން ފަޔާޒްގެ އެންމެ ފިޓް އެންމެ ޒުވާން ދުވަސްވަރެވެ. އެ ޔުނިޓްގައި މަސައްކަތްކުރެއްވި 21 ވަަރަކަށް އަހަރު ދުވަހަކީ ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް ކެރިއަރުގައި އެންމެ ބުރަ އެންމެ ފާހަގަކޮށްލެވޭ ހަނދާނުން ފިލުވާލަން ދަތި ދުވަސްތަކެވެ.

ހުޅުލޭ ސިފައިންގެ މަރުކަޒު (މިހާރުގެ މާލެ އޭރިއާ ހުޅުލެ ޕޯސްޓް) ގައި ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް ހޭދަކުރެއްވި ދިގު މުއްދަތުގައި ލެފްޓިނަންޓް ޖެނެރަލް ރިޓަޔަރޑް އަންބަރީ ޢަބްދުއްސައްތާރުގެ ޚިދުމަތުން ފެެށިގެން ސިފައިންގެ ލީޑަރޝިޕްގެ އޭރު ތިއްބެވި ވަރަށް ގިނަ ވެރިން އެ ޔުނިޓްގެ ކޮމާންޑަރުންގެ ގޮތުގައި މަސައްކަތްކުރެއްވިއިރު  ސާޖަންޓް މޭޖަރ ޙަސަން ފަޔާޒްވަނީ ކޮމާންޑަރުންގެ ދަށުން މަސައްކަތްކުރައްވައި ލީޑަރޝިޕް ވަރަށް ރަނގަޅަށް ދައްކުވައިދީފައެވެ.

ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް އެންމެ ފުރަތަމަ ސިފައިން ޚިދުމަތުގައި އަދާކުރި މަޤާމަކީ އެންމެ ޖޫނިއަރ މަޤާމުކަމުގައިވާ ރައިފަލްމަންއެވެ. އޭގެ ފަހުން ސެކްޝަން ޓޫއައިސީކަމާއި އައިސީކަން ކުރިއެވެ. އަދި ހުޅުލޭގައި ސިފައިންގެ މަރުކަޒެއް ރަސްމީ ސިފައެއްގައި ހުޅުވައި ޕްލެޓޫންތަކެއްގެ ގޮތުގައި މަސައްކަތްކުރާ ގޮތަށް ހިންގުމުގެ ނިޒާމު ބަދަލުކުރުމުން ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް ވަނީ އެތަނުގެ ޕްލެޓޫން ސާޖެންޓެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ. އޭގެ ދުވަސްކޮޅެއް ފަހުން ކޮމްޕެނީ ފަސްޓް ސާޖެންޓެއްގެ ގޮތުގައި ކިއުއާރުއެފް 1 އިން ބަދަލުވަންދެން އެ މަޤާމުގައި ދެމިހުންނެވިއެވެ. އަދި ޓްރޭނިންގ އެންޑް އޮޕަރޭޝަން އެންސީއޯ އިންޗާޖެއްގެ ގޮތުގައި ވެސް ދުވަސްތަކެއްގައި މަސައްކަތް ކުރެއްވިއެވެ.

ޕޮލިސް ސްޓޭޝަން މެނޭޖްމަންޓް ކޯސް ފުރިހަމަކުރެއްވުމާ ގުޅިގެން ކިއުއާރުއެފް 1 އަށްފަހު ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް ތ.ވޭމަންޑޫ ޕޮލިސް ސްޓޭޝަނުގައި މަސައްކަތް ކުރެއްވިއެވެ. އެގޮތުން ވޭމަންޑޫ ޕޮލިސް ސްޓޭޝަންގެ ސްޓޭޝަން އިންޗާޖެއްގެ ގޮތުގައި ތިން މަހެއްހާ ދުވަހު މަސައްކަތް ކުރެއްވިއެވެ. އަދި ދެ ޓާމެއްގައި ލ.ކައްދޫގެ ރީޖަނަަލް ހެޑްކްއޯޓަރޒްއާއި ޕޮލިސް ހެޑްކްއޯޓަރޒްގައި އިންވެސްޓިގޭޝަން އޮފިސަރ (އައިއޯ) އަކަށް ތިން މަހެއްހާ ދުވަހު މަސައްކަތް ކުރެއްވިއެވެ.

ސިފައިންގެ ހިންގުމުގެ އޮނިގަނޑަށް އައި ބަދަލާއި ގުޅިގެން ކިއުއާރުއެފް ޔުނިޓްތައް އުވި، އާރުއާރުއެފް ވުޖޫދަށް އައި ހިސާބުން ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް މަސައްކަތް ކުރެއްވީ އާރުއާރުއެފް އޮޕަރޭޝަން އެންސީއޯ އިންޗާޖެއްގެ ގޮތުގައެވެ. އޭގެ ފަހުން އާރުއާރުއެފް އުވި، މެރިންކޯރ ވުޖޫދަށް އައިސް އުފެދިގެންދިޔައީ މެރިން ޑިޕްލޮއިމަންޓް (އެމްޑިީޔޫ) ތަކެވެ. މިގޮތުން އެފުދުނު އެމްޑީޔޫތަކުގެ ތެރެެއިން އެމްޑީޔޫ 2 ގެ ފަސްޓް ސާޖަންޓެއްގެ ގޮތުގައި ވެސް ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް ވަނީ މަސައްކަތް ކުރައްވާފައެވެ.

ދުުވަސްތަކަށްފަހު ސިފައިންގެ ތަމްރީނުގެ ދާއިރާއަށް އައި ބޮޑު ބަދަލުގެ ތެރެއިން އެންސީއޯ އެކަޑަމީ ވުޖޫދަށް އައެވެ. މިގޮތުން އެންސީއޯ އެކަޑަމީން ހިންގި ކޯޕްރަލް ކޯސް، ސާޖަންޓް ކޯސް އަދި ވޮރަންޓް އޮފިސަރ ކޯސް ފުރިހަމަ ކުރެއްވުމަށްފަހު  އެންމެ ފުރަތަމަ އެ އެކެޑެމީން ގުރެޖުއޭޓްވި ސިފައިންގެ ތެރޭގައި ވެސް ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް ހިމެނިލެއްވިއެވެ. އަދި ސިފައިންގެ ހިންގުމުގެ ނިޒާމަށް އައި ބަދަލުތަކުގެ ތެރެއިން ސާޖަންޓް މޭޖަރުންގެ ގޮތުގައި އޭރިއާ ކޮމާންޑްތަކަށް ކަނޑައެޅި ފުރަތަމަ ސާޖަންޓް މޭޖަރުންގެ ތެރޭގައި ވެސް ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް ހިމެނިލެއްވިއެވެ. މިގޮތުން ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް މަސައްކަތްކުރެއްވީ އެމްއެންޑީއެފް ސަދަން އޭރިއާގެ ކޮމާންޑް ސާޖަންޓް މޭޖަރެއްގެ ގޮތުގައެވެ.  ސަދަން އޭރިއާގެ ކޮމާންޑް ސާޖަންޓް މޭޖަރުގެ ގޮތުގައި އެއް އަހަރުގެ ޓާމް ނިންމުމަށްފަހު އަނެއްކާވެސް މެރިން ކޯރއާއި އެމްއެންޑީއެފް މާލެ އޭރިއާގައި މަސައްކަތް ކުރެއްވިއެވެ. އަދި އޭގެ ފަހުން ވެސް މެރިންކޯރގައި މަސައްކަތް ކުރެއްވުމަށްފަހު އީއެމްއީގެ ސާޖަންޓް މޭޖަރެއްގެ ގޮތުގައި ވެސް މަސައްކަތް ކުރެއްވިއެވެ. ނަމަވެސް މިހާރު އެއީ އެމްއެންޑީއެފް މެރިންކޯރގެ ސާޖަންޓް މޭޖަރެވެ.

ފުރިހަމަކުރައްވާފައިވާ ކޯސްތައް:

ސާޖަންޓް މޭޖަރ ޙަސަން ފަޔާޒްވަނީ ސިފައިންގޭގައި ހިންގި ވަރަށް ގިނަ ތަމްރީނުތައް ފުރިހަމަކުރައްވާފައެވެ. އޭގެ ތެރޭގައި ޑްރިލް އިންސްޓްރަކްޓަރ ކޯސް، އިންސްޓްރަކްޝަނަލް ޓެކްނީކްސް ކޯސް، ފަސްޓްއެއިޑް ކޯސް، ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގ އަދި އެންސީއޯ ކޭޑަރ ކޯސް ހިމެނެއެވެ. އެންސީއޯ ކޭޑަރ ކޯހުން ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް ވަނީ ބެސްޓް އޯލްރައުންޑާއި ބެސްޓް ފިޓެސްޓް މަޤާމު ހޯއްދަވާފައެވެ. އަދި ބޮޑީގާޑު ޓްރޭނިންގ ކޯހާއި އޯޕަން ވޯޓަރ ޑައިވިންގ ކޯހުގެ އިތުރުން ޕާކިސްތާނުގައި ހިންގި ކޮމްބެޓް ޑައިވިންގ އޮފިސަރސް ކޯސް ފުރިހަމަ ކުރައްވައި، އެކޯހުން އެއްވަނަ ހާސިލު ކުރެއްވިއެވެ. ހަމައެހެންމެ ރާއްޖެއިން ބޭރުގެ އަސްކަރިއްޔާތަކުގެ ސިފައިން ރާއްޖެ އައިސް އެމްއެންޑީއެފާ ގުޅިގެން ހިންގާފައިވާ އެކްސައިޒް އެކުވެރިން، ފްލޭޝް މެޑަލް، ބެލަންސް މެޓަލްފަދަ އެތައް ތަމްރީނެއް ވަނީ ފުރިހަމަ ކުރައްވާފައެވެ.

ޚާއްޞަ މަސައްކަތްތައް:

ސިފައިން ތަމްރީނުކުރުމުގެ ދާއިރާގައި ވަރަށް ގިނަ އަގުހުރި ޚިދުމަތްތަކެއް ސާޖަންޓް މޭޖަރ ޙަސަން ފަޔާޒްް ވަނީ ކޮށްދެއްވާފައެވެ. މިގޮތުން އެންމެ ފާހަގަކޮށްލެވެނީ އެންސީއޯއިން ތަމްރީނު ކުރުމަށް ކުރައްވާފައިވާ މަސައްކަތްތަކެެވެ. ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް ތަމްރީނުގެ ދާއިރާގައި ކުރައްވާފައިވާ މަސައްކަތްތަކުގެ ތެރޭގައި އެމްއެންޑީއެފްގައި ހިންގި ސްޕެޝަލް ޓާސްކް ފޯސް (އެސްޓީއެފް) ތަމްރީނުތަކުގެ އިތުރުން ސިފައިންގެ ލެވެލްގައި ހިންގާ ބޮޑެތި އެކްސަސައިޒްތަކުގައި ވޯޓަރ ބޯން އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތްކުރެއްވުން ފާހަގަކޮށްލެވެއެވެ. ހަމައެހެންމެ މުޅި ސިފައިންގެއަށް ހުޅުުވާލައިގެން އެމްއެންޑީއެފްގެ ހުރިހާ އޭރިއާއެއްގައި 2017 ވަނަ އަހަރު ހިންގި ”ބެކް ޓު ބެރެކްސް“ ޕްރޮގްރާމްތައް ކާމިޔާބު ކަމާއެކު ނިންމުމުގައި ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް ވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މިގޮތުން އެ ތަމްރީނުތަކުގެ ވޯޓަރ ބޯން ޗީފް އިންސްޓްރަކްޓަރެއްގެ އިތުރުން ޓެކްޓިކްސް އިންސްޓްރަކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވިއެވެ.

ސާޖަންޓް މޭޖަރ ޙަސަން ފަޔާޒްގެ ގާތްގަނޑަކަށް މުޅި ކެރިއަރ ހޭދަކުރެއްވީ އިންފެންޓްރީ ތަމްރީނު ދިނުމާއި ތަމްރީނު ހޯއްދުވުމަށެވެ. އެ މަސައްކަތް ޖޫނިއަރ ރޭންކްގައި ހުންނެވިއިރު ވެސް ހުޅުލޭގައި މަސައްކަތް ކުރައްވާ ސިފައިން ތަމްރީނު ކުރުމުގައި ވަރަށް އަގުހުރި ޚިދުމަތްތަކެއް މުއައްސަސާއަށްޓަކައި ކުރައްވާފައިކަން ފާހަގަކޮށްލެވެއެވެ. ޚާއްޞަކޮށް ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް ފާހަގަވެފައިވަނީ މެރިންސް ކޮންސެޕްޓަށް ސިފައިންނަށް ތަމްރީނު ދިނުމުގައި ވޯޓަރ ބޯން އިންސްޓްރަކްޓަރެއްގެ ގޮތުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތެއްގެ ގޮތުގައެވެ. މީގެ އިތުރުން އިންޑިއާގައި ހިންގި ”އެކްސަަސައިޒް އެކުވެރިން“ އާއި އިންޑިއާގެ މެރިން ކޮމާންޑޯއިން ރާއްޖޭގައި ހިންގާ ކޮމްބެޓް ޑައިވިންގ ޓްރޭނިންގ އެކްސަސައިޒްގެ އޮބްޒާވަރެއްގެ ގޮތުގައި ވެސް އޭގެ ތިން ޕްރޮގްރާމެއްގައި އިންޑިއާ ސިފައިންނާއެކު މަސައްކަތް ކުރައްވާފައިވެއެވެ. 

”ހުޅުލޭގައި މަސައްކަތްކުރިއިރު ވެސް އެންމެ އިސްކަމެއްދިން އެއް ފީލްޑަކީ މޫދު. ނުވަތަ ބޯޓަރބޯން ތަމްރީނު ސިފައިންނަށް ދިނުން. އެއާ ވިދިގެން ރާއްޖެއިން ބޭރުން ކޮމްބެޓް ޑައިވިންގ ހެދުމުގެ ފުރުޞަތު ވެސް އަޅުގަނޑަށް ފަހިގެން ދިިޔައީ. އެ ކޯހުގެ އިތުރުން އެމެރިކާގެ ނޭވީ ސީލްއާއެކު ވެސް ހަތަރު ހަފުތާގެ ކޮމްބެޓް ޑައިވިންގ ޓްރޭނިންގ ރާއްޖޭގައި ފުރިހަމަ ކުރިން. އެ ތަމްރީނުން ވެސް ވަރަށް ގިނަ އެއްޗެހި ދަސްވެގެންދިޔަ. ރާއްޖެ އުފެދިފައި މި އޮތްގޮތުން ކަނޑު ބޭނުން ނުކޮށް އެއްވެސް އޮޕަރޭޝަނެއް ސިފައިންނަށް ހިންގޭކަށް ނެތް. ސިފައިންނަށް ދޭ ތަމްރީނުތަކުގައި އެންމެ ބޮޑު، ޕްރިއޮރިޓީއެއް ދޭން ޖެހޭ އެއް ދާއިރާއަކީ ވެސް ކަނޑުމަތީގައި ހަރަކާތްތެރިވާނެ ގޮތުގެ ތަމްރީނު. ވޯޓަރ ބޯން ތަމްރީނު. މިހާރު ސިފައިންނަށް ދެމުންދާ އާބަން އޭރިއާގެ ތަމްރީނުތަކާއި ލޭންޑް ތަމްރީނުތަކުގެ އިތުރުން ސިފައިންނަކީ މޫދަށް ވަރުގަދަ ބަޔަކަށް ހެދުމަށް ބޯޓަރ ބޯން ތަމްރީނު އިތުރަށްދީ އެ ދާއިރާއަށް މިހާރަށްވުރެ ބޮޑަށް ފޯކަސްކުރަން އެބަޖެހޭ. މިއީ އަޅުގަނޑުގެ ޚިޔާލު. އަޅުގަނޑަށް ފެންނަ ގޮތް.“ ވޯޓަރ ބޯން ތަމްރީނު ސިފައިންނަށް ދިނުމުގެ މުހިންމުކަން ހާމަކުރައްވަމުން ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް ހާމަކުރެއްވިއެވެ.

ސާޖަންންޓް މޭޖަރ ޙަސަން ފަޔާޒް ހާމަކުރައްވާ ގޮތުގައި ކޮންމެ އަހަރަކު އިންޑިއާގެ މެރިންސް ކޮމާންޑޯއާ ގުޅިގެން އެމްއެންޑީއެފުން ހިންގާ ”އެކްސަސައިޒް އެކަތަ“ ގައި ކޮމްބެޓް ޑައިވިންގެ ވަރަށް މުހިންމު އަދި އަަސާސީ ބައިތައް އެކުލެވިގެންވެއެވެ. އެހެންކަމުން ސާޖަންޓް މޭޖަރ ޙަސަން ފަޔާޒްގެ ޓާގެޓަކީ ކޮމްބެޓް ޑައިވިންގެ ބައެއް ސާމާނު މެރިންކޯރއަށް ލިބިފައި ހުރުމާއެކު މެރިންސްއަށް ކޮމްބެޓް ޑައިވިންގެ އެޑްވާންސް ސްކިލްސް ލައިދިނުމެވެ.

”ކަނޑުގެ އަޑިން ގޮސް ތަންތަނަށް އެރުމާއި ކަނޑުގެ އަޑިން އެއްތަނުން އަނެއްތަނަށް ދިއުން މިއީ ކިހާވަރެއްގެ މުހިންމު ތަމްރީނެއްކަން ގިނަ ބަޔަކަށް ނޭނގޭ. ތަނަކަށް ފަތާފައިދާއިރު އެއޮތީ 100 ޕަސެންޓް ރިސްކުގައި. އެމީހާގެ އަމިއްލަ ބާރު ކެނޑިފައި. އޭގެ ބަދަލުގައި ކަނޑުގެ އަޑިން ދާއިރު ދުވާލު ވިއަސް ރޭގަނޑު ވިޔަސް އެއްވެސް ބަޔަކަށް ފަސޭހަ ކަމަކަށް ނުވާނެ އެ ބަޔަކު ހޯދައިގަތުން. އެ ރިސްކު އެބަ ކުޑަކުރެވޭ. އެހެންކަމުން ވަރަށް މުހިންމު ކަމެއް ކޮމްބެޓް ޑައިވް ކުރުމުގެ ޓެކްނިކްސް މެރިންސްއަށް ރަނގަޅަށް އެނގިފައި ހުރުން. އަދި އެކަމަށް ބޭނުންވާ ޑިވައިސްތަކާ އިކުއިޕްމަންޓްސްތައް ހުރުން.“

2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީއާ ގުޅިގެން އެމްއެންޑީއެފުން ހިންގި އޮޕަރޭޝަނަކީ ސާޖަންޓް މޭޖަރ ޙަސަން ފަޔާޒްގެ ޚިދުމަތް ވަރަށް ބޮޑަށް ފާހަގަވެގެންދިޔަ އޮޕަރޭޝަނެކެވެ.

”އެންމެ ބުރަކޮށް މަސައްކަތް ކުރެވުނީ ކިއުއާރުއެފް 1 ގައި އުޅެނިކޮށް އެރި ސުނާމީއާ ގުޅިގެން ކުރެވުނު މަސައްކަތްތަކުގައި. އޭރު އަޅުގަނޑުގެ މަސައްކަތަކަށްވީ އިސް މީހަކަށް ހުރެގެން ވިއްސަކަށް ސިފައިން އެކުލެވޭ ޓީމަކާއެކު ހާލުގައި ޖެހުނު ރަށްތަކަށް ވައިގެމަގުން އެހީގެތަކެތި ފޮނުވުން. އެ ކާރިސާއަށްފަހު އާންމު ހާލަތަކަށް ރައްޔިތުން ބަދަލުވެ، މާލޭގެ ބައެއް ސަރަހައްދުތަކުގައި ސިފައިން ކުރި މަސައްކަތް ހުއްޓާލިއަސް ފުރަތަމަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކު ވެސް ދެ ބޯޓް ތިން ބޯޓް ފުލްކޮށް އެހީގެ ސާމާނު އެކި ދިމަދިމާލަށް ފޮނުވުނު. ވަރަށް ގިނަ ދުވަހު އެ މަސައްކަތް ކުރިން. އެއީ އެންމެ ހާޑްކޮށް މަސައްކަތްކުރެވުނު އޮޕަރޭޝަނަކީ.“

މީގެ އިތުރުން ސާޖަންޓް މޭޖަރ ޙަސަން ފަޔާޒްގެ ޚިދުމަތް ފާހަގަކޮށްލެވެނީ އެމްޑަބްލިޔުއެސްސީގައި ހިންގި އަލިފާނުގެ ހާދިސާއާ ގުޅިގެން ރައްޔިތުންނަށް ފެން ފޯރުކޮށްދިނުގައި އެމްއެންޑީއެފުން ހިންގި އޮޕަރޭޝަނެވެ. އެ އޮޕަރޭޝަންގެ ޖޮކްގެ ސީއެސްއެމްގެ ގޮތުގައި މަސައްކަތްކުރެއްވި ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް ހާމަކުރައްވާގޮތުގައި އެ އޮޕަރޭޝަނަކީ ވަރަށް ގިނަ ތަޖްރިބާތަކެއް ލިބިގެންދިޔަ އޮޕަރޭޝަނެކެވެ.

ސާޖަންޓް މޭޖަރ ޙަސަން ފަޔާޒަކީ ހަތެއް ފެބްރުވަރީގައި އެމްއެންޑީއެފް މާލެ އޭރިއާގެ ސާޖަންޓް މޭޖަރެވެ.

”7 ފެބްރުވަރީގައި އަޅުގަނޑު ބޮޑަށް ބެލީ ޓްރޫޕްސް ވެލްފެއަރ ކަންކަން. މަހަކަށްވުރެ ގިނަ ދުވަހު ސިފައިން ހިންގި އެ އޮޕަރޭޝަނަކީ އެންލިސްޓެޑް ލީޑަރެއްގެ ރޯލު ވަރަށް ރަނގަޅަށް އަދާކުރަން ލިބުނު ފުރުޞަތެެއް. އެންމެ ދަށް ލެވެލްގެ ކުއްޖާއާ ދިމާވާ ވެލްފެއަރ އިޝޫތައް ވެސް ކޮމާންޑަރާ ހިސާބަށް ގެންގޮސް އެކަން ކޮށްދިނުމުގައި ވަރަށް ބަރާބަރަށް މަސައްކަތްކުރެވިފައިވާނެ.“ 7 ފެބްރުވަރީގައި މަސައްކަތްކުރެއްވި ގޮތާ ބެހޭގޮތުން ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް ހާމަކުރެއްވިއެވެ.

ސާޖަންޓް މޭޖަރ ޙަސަން ފަޔާޒަކީ ފުޓްބޯޅަ ދަނޑުގައި ސިފައިން ހޯދި ކާމިޔާބީތަކުގެ ތާރީޚްގައި އެ ފަރާތެއްގެ ނަން ރަން އަކުރުން ފަވާލާފައިވާ ކުޅިވަރުގެ ދާއިރާއިން ސިފައިންނަށް ރީތިނަން ހޯއްވަވައިދީފައިވާ ފަރާތެކެވެ. ސިފައިން ބައިވެރިވި ޤައުމީ ލެވެލްގެ ފުރަތަމަ ފުޓްބޯޅަ މުބާރާތްކަމަށްވާ ”ރެފްރީޒް ކަޕް“ ގައި ކެޕްޓަން ބޭންޑް އަޅުއްވައިގެން ސިފައިންނަށް އެ މުބާރާތުގެ ތަށި ހޯއްދަވައިދެއްވި ފަރާތަކީ ސާޖަންޓް މޭޖަރ ޙަސަން ފަޔާޒެވެ. އެ މުބާރާތަކީ ފުޓްބޯޅައިގެ ޤަވާޢިދަށް ފީފާއިން ގެންނެވި ބަދަލާއެކު ރާއްޖޭގެ ފުޓްބޯޅައިގެ ޤަވާޢިދަށް ވެސް ބަދަލު ގެނެސް ގޯލްޑަން ގޯލަށް ރާއްޖޭގައި ކުޅުނު ފުރަތަމަ ޤައުމީ މުބާރާތެވެ. އެ މުބާރާތުގެ ތަށި ސިފައިންނަށް ލިބުނީ ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް ޖެހި ގޯލްޑަން ގޯލާއެކުގައެވެ. ކުޅިވަރުގެ ދާއިރާއިން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނު ފަހަަރަކީ ވެސް އެއީއެވެ.

ސާޖަންޓް މޭޖަރ ޙަސަން ފަޔާޒަކީ ޔުނިޓް ލެވެލްގައި ގިނަ މުބާރާތްތަކެއްގައި ހުޅުލެ ޓީމު ހޯދާފައިވާ ކާމިޔާބީތަކުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ފަރާތެކެވެ. މިގޮތުން ބާސްކެޓްބޯޅަ، ވޮލީބޯޅަ، އަދި ފުޓްބޯޅައިގެ އިތުރުން ފެތުމުގެ މުބާރާތްތަކުގައި ވެސް ވަރަށް ގިނަ ކާމިޔާބީތަކެއް ހޯދާފައިވެއެވެ. ހަމަ އެހެންމެ ސާޖަންޓް މޭޖަރ ޙަސަން ފަޔާޒަކީ ޑީއެސްސީ ބާސްކެޓް ޓީމުގައި ވެސް ހިމެނިލައްވާފައިވާ މޮޅު ކުޅުންތެރިއެކެވެ.

އެންސީއޯ އެކަޑަމީއާ މެދު ދެކޭގޮތް:

ސާޖަންޓް މޭޖަރ ޙަސަން ފަޔާޒަކީ ކޯޕްރަލުން ފެށިގެން އެންސީއޯއިންގެ ޑިވެލޮޕްމަންޓަށް ވަރަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ފަރާތެކެވެ. އަދި އެންސީއޯ އެކަޑަމީގައި ވެސް އެންސީއޯއިންނަށް ތަމްރީނު ދިނުމުގައި ވަރަށް އަވަދިނެތި މަސައްކަތް ކުރައްވާފައިވާ ފަރާތެކެވެ.

”އެންސީއޯ އެކަޑަމީއަކީ ވަރަށް މުހިންމު ތަނެއް. އެންސީއޯއިން ޑިވެލޮޕްކުރުމުގެ މަސައްކަތް އަޅުގަނޑުމެން ފަށައިފިން ކިއުއާރުއެފް 1 ގެ ޒަމާނުގައި. އޭގެ ތެރޭގައި އެންސީއޯއިންގެ ލީޑަރޝިޕް، ޓްރޫޕް ލީޑިންގއާއި މިހާރު މި ކިޔަވައިދޭ ހުރިހާ އެއްޗެއް އޭރުވެސް ކިޔަވައިދޭން ފެށިއްޖެ. އޭރު ކިއުއާރުއެފް ޔުނިތްތަކުގައި އެންސީއޯ އަޕްގްރޭޑް ކިޔާ ޕްރޮގްރާމްތަކެއް ހިންގި. މިހާރު މި އޮތީ ރަސްމީ ސިފައެއްގައި މުޅި އެމްއެންޑީއެފްގައި މަސައްކަތްކުރާ އެންސީއޯއިންނަށް ކެރިއަރ ބިލްޑުކުރުމުގެ ފުރުޞަތު ފަހިވެގެން ގޮސްފައި. އެންސީއޯ އެކަޑަމީއަށް ތަމްރީނުވުމަށް ދިއުމާއި ކެރިއަރގައި އެ ތަމްރީނުގެ މުހިންމުކަން ދަށުގައި މަސައްކަތްކުރާ ސިފައިންނަށް ވިސްނުވައިދީ، އޭގެ މުހިންމުކަން އިޙްސާސް ކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް.“ އެންސީއޯ އެކަޑަމީއަށް 10 އަހަރު ފުރޭ މިއުފާވެރި މުނާސަބަތާ ގުޅިގެން އެ އެކެޑެމީން ފުރަތަމަ ގުރެޖުއޭޓްވި ދަރިވަރެއްގެ ހައިސިއްޔަތުން ހާމަކުރެއްވިއެވެ.

ސިފައިންނަށް ދޭން ބޭނުންވާ މެސެޖް:

”އެއްވެސް ސިފައިންގެ މީހަކަށް އޭނާ އުޅެންޖެހޭ ގޮތާއި، ކުރަންޖެހޭ ކަންކަން އޮޅިފައި ނޯންނާނެ. ކޮންމެ ސިފައިންގެ މީހަކީ ވެސް ސިފައިންގެ ހުވާކޮށްގެން ތިބި ބައެއް. އެ ހުވާގައި ވަރަށް ރަނގަޅަށް، ވަރަށް ސާފުކޮށް ބަޔާންކޮށްފައިވޭ ސިފައިން ކުރަންޖެހޭ ކަންތައްތަކާއި ނުކުރެވޭނެ ކަންތައްތައް. ތިމަންނައަށް ވަކިކަމެއް ނުވާނޭ، ތިމަންނަ ކިހިނެއްހޭ އެކަން ކުރާނީ، މި ސުވާލުތައް ތިމާ އަމިއްލަ ނަފުސާ ކުރަންވީ. އޭގެ ފަހުން ވިސްނަންވީ ތިމަންނަ ސިފައިންގެ ޚިދުމަތުގައި މިހުރީ ކިހާ މާތް މަޤްޞަދެއްގައި ކިހާ މާތްކަމެއް ކުރަން މާތްﷲ ގަންދީ ހުވައެއް ކޮށްގެންކަން. އެ ހުވާގައި އެއޮތީ ތިމާ ހުންނަންވާ ގޮތް.“  މިއީ ސާޖަންޓް މޭޖަރ ޙަސަން ފަޔާޒް ސިފައިންނަށް ދޭން ބޭނުންވި މެސެޖެވެ.

ޝެއަރކުރެއްވުމަށް