ސިފައިން އުފެދުނު ތާރީޚަކީ 1982 ކަމުގައި ތާރީޚީ ލިޔުންތަކުން ފެންނަން އޮތުމާއި، ސިފައިން އެ އަހަރުގެ ”ހިތީގެ ކުޅިވަރު“ތަކުގައި ބައިވެރިވިކަން އެ ލިޔުންތަކުން އެނގެން، އޮތުމާއެކު، އެ މުނާސަބަތު އުފެދުނު ތާރިީޚުކަމަށް ސަރުކާރުން ކަނޑައެޅުއްވިއެވެ. މިގޮތުން ސަރުކާރުން ކަނޑައެޅުއްވުމާ ގުޅިގެން 1992 އޭޕްރީލް 21 ވަނަދުވަހު ސިފައިންގެ ޚިދުމަތަށް 100 އަހުރު ފުރުން ވަރަށް ކުލަގަދަ ގޮތެއްގައި ފާހަގަ ކުރެވުނެވެ.

އެ މުނާސަބަތުގައި ސިފައިންނާއި ފުލުހުންގެ އެންމެ މަތީ ވެރިޔާ، ސިފައިންނާއި ފުލުހުންގެ ޚިދުމަތް ރައްޔިތުންނަށް މިހާރަށްްވުރެއް ވެސް ކައިރިން ދިނުމަށް ކަނޑައެޅުއްވިއެވެ. މީގެއިތުރުން ފާހަގަކުރެވޭ އަނެއް ކަމަކީ، މާލޭގައި ކުޑަކުދިންގެ ބަގީޗާއެއް ހެދުމާއި، ރާއްޖެތެރޭގައި ރައްޔިތުންނަށް ފައިދާހުރި ތަނެއް ސިފައިންގެ ފަރާތުން ހެދުމެވެ. އަދި މި މުނާސަބަތާ ގުޅުވައިގެން މާލޭ ފެހިކުރުމުގެ ޕްރޮގްރާމެއް ހިންގުމާއި، ސިފައިންގެ ޚިދުމަތް ތަޢާރަފުކުރުން ފަދަ ތަފާތު ކަންކަން ހިންގުމަށް ނިންމެވިއެވެ. އެއްގޮތަށްވުރެ ގިނަގޮތްގޮތަށް ސިފައިންގެ ޚިދުމަތަށް 100 އަހަރު ފުރުން ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ރޭވުނު ޙަރަކާތްތައް ވެގެން ދިޔައީ ސިފައިންގެ ޒަމާނީ ތަރައްޤީއަށް އެޅުނު ވަރަށް ވެސް މުހިއްމު ބިންގަލަކަށެވެ. މިގޮތުން ތަފާތު ކޮމެޓީތައް އެކުލަވާލައި، ސިފައިންގެ ތަރައްޤީއަށްޓަކައި ތަފާތު ޕްލޭންތައް ކުރެވި، އެ ޕްލޭންތަކަަށް ޢަމަލީ ސިފަ ގެންނާނެގޮތް އެކަށައެޅުނެވެ. ސިފައިންގެ ހިންގުން ހަރުދަނާކުރުމަށްޓަކައި އުފައްދަވާފައިވާ ބޯޑުތަކާއި ކޮމެޓީތައް އުފެއްދުމުގެ މަސައްކަތާއި، ސިފައިންގެ ޚިދުމަތަށް ތަޢުލީމީ ޒުވާނުން ޝަޢުޤުވެރިކުރުމާއި، މި ޚިދުމަތަށް އެފަދަ ޒުވާނުން ގެނައުމުގެ މަސައްކަތް ފުޅާ ދާއިރާއެއްގައި ކުރެވެންް ފެށުނީ ވެސް މި މުނާސަބާއާ ގުޅިގެން ކުރެވުނު ތަފާތު މަސައްކަތްތަކުގެ ސަބަބުންނެވެ. ސިފައިންގެ ޚިދުމަތުގެ 100 އަހަރު ފާހަގަކުރުމުގެ ގޮތުން، އޭރު ސިފައިންގެ ޚިދުމަތުގައި ތިބި ހުރިހާ ސިފައިންނަށް ސައްތައިގެ މެޑެލް ދެވުނެވެ.

ޝެއަރކުރެއްވުމަށް