އެތުލެޓިކްސްއަކީ އޭނާގެ ޕެޝަނެކެވެ. ދުވުމާއި އެތުލެޓިކްސްގެ ތެރެއިން ކުޅޭ ކުޅިވަރުތަކާ ދެމެދު އޭނާގެ އޮތީ ހިތާހިތުގެ ގުޅުމެކެވެ. ދިވެހިރާއްޖޭގެ އެތުލެޓިކްސް އެސޯސިއޭޝަންގެ ޤައުމީ އެތުލެޓިކްސް ޕޫލުގައި ވެސް ހިމެނުނެވެ. އެތުލެޓިކްސްގެ ބައެއް މުބާރާތްތަކުގައި ސިފައިންގެ ތަމްސީލުކުރައްވައި، ރަންވަނަތައް ހޯއްދެވިއެވެ. ސިފައިންގެއަށް އެތައް ފަހަރަކު ރީތި ނަމާއި ޝަރަފު ހޯއްދަވައިދެއްވިއެވެ. އެތުލެޓިކްސްގެ އިތުރުން އޭނާގެ ޝައުޤުވެރިކަން ގުޅިފައިއޮތީ ރާއްޖޭގެ ހިތްގައިމު ރީތި މޫދާއި ކަނޑެވެ. ފްރީ ޑައިވިންގއަކީ އޭނާގެ އަމިއްލަ ހިތްހަމަޖެހުމަށް އެންމެ ކުރާހިތުން ކުރެއްވި ކަމަކަށް ހެއްދެވިއެވެ. އަމިއްލަ މީހާގެ އިސްކޮޅަށްވުރެ ބޮޑެތި މަސްތައް ވެސް ޝިކާރަކުރުމަކީ އޭނާ ޖެހިލުންވި ކަމެއް ނޫނެވެ.

މިއީ، 2020 މާރިޗު މަހުގެ 9 ވަނަ ދުވަހު މަސް ހިފަން ފީނަން އުޅުއްވުމުގެ ތެރޭގައި ނިޔާވި އެމްޑީޔޫ 2 ގައި މަސައްކަތްކުރެއްވި ސްޓާފް ސާޖަންޓް ޔަޢުޤޫބު އަޙްމަދުގެ ވާހަކައެވެ. ސްޓާފް ސާޖަންޓް ޔަޢުޤޫބު އަޙްމަދު ނިޔާވީ ފީނަން އުޅުއްވުމުގެ ތެރޭގައި ދިމާވި ހިތާމަވެރި ހާދިސާއަކާ ގުޅިގެން ފަރުވާދެމުން ދަނިކޮށެވެ. އޭނާ މޫދުން ނަގާފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުންނެވެ.
ހަށިހެޔޮ ސޯލްޖަރެއް، ކާމިޔާބު އެތުލީޓެއް
ސްޓާފް ސާޖަންޓް ޔަޢުޤޫބު އަޙްމަދަކީ މޮޅު އެތުލީޓެކެވެ. 2006 ވަނަ އަހަރު ސިފައިންގެ ޚިދުމަތާ ގުޅިލެއްވީ ވެސް އެތުލެޓިކްސްއަށް އޮތް ލޯތްބަކާއި ސިފައިންގެއަކީ އެތުލެޓިކްސްގެ ރޮނގުން ކުރިއަށްދިއުމަށް އެންމެ ފަހި ފުރުޞަތުތައް ފަހިވެފައިއޮތް މުއައްސަސާކަމުގައި ވާތީ ކަމަށް މީގެކުރިން އައްޑަނައަށް އޭނާ ދެއްވި އިންޓަވިއުއެއްގައި ބުނުއްވިއެވެ. އެ ރޮނގުން އޭނާ ވަނީ ސިފައިންގެއަށް ރީތި ނަމާއި ޝަރަފު އެެތައް ފަހަރަކު ހޯއްދަވައިދެއްވާފައެވެ.
ސްޓާފް ސާޖަންޓް ޔަޢުޤޫބު އަޙްމަދު އެތުލެޓިކްސްގެ ދާއިރާއިން ހޯއްދެވި ކާމިޔާބީތަކަށް ބަލާއިރު، 2007 ވަނަ އަހަރު ބޭއްވި ޤައުމީ ކަސްރަތު މުބާރާތުގެ 5000 މީޓަރާއި 10000 މީޓަރު ދުވުމުން ރަން މެޑަލް، 2008، 2010، 2011، 2014، 2015، 2017 އަދި 2018 ވަނަ އަހަރު ބޭއްވި ޤައުމީ ކަސްރަތު މުބާރާތުގެ ޖެވެލިން ތުރޯއިން ރަން މެޑަލް ހާސިލުކުރެއްވިއެވެ. އަދި 2019 ވަނަ އަހަރު ބޭއްވި އެސޯސިއޭޝަން ޗެމްޕިއަންޝިޕް މުބާރާތުގެ ޖެވެލިން ތުރޯ އިވެންޓުން ވެސް ރަންމެޑަލް ހާސިލުކުރައްވާފައިވެއެވެ.

މީގެ އިތުރުން 2013 ވަނަ އަހަރު ފިލިޕީންސްގައި ބޭއްވި 20 ވަނަ އޭޝިއަން ޓްރައިތުލޯން ޗެމްޕިއަންޝިޕްގެ ސްޕްރިންޓް އިވެންޓުން ތިންވަނަ ހާސިލްކުރައްވައި، ފުރަތަމަ ފަހަރަށް އޭޝިއަން ޗެމްޕިއަންޝިޕް މުބާރާތެއްގައި ރާއްޖެއަށް މެޑަލް ހޯއްދަވައިދެއްވި ޒުވާނާއަކީ ސްޓާފް ސާޖަންޓް ޔަޢުޤޫބު އަޙްމަދެވެ.
ސްޓާފް ސާޖަންޓް ޔައުޤޫބު ރަންވަނަތަކާއި ކާމިޔާބީތައް ހޯއްދަވާފައިވަނީ ހަމައެކަނި އެތުލީޓެއްގެ ގޮތުގައި ހުންނަވައިގެނެއް ވެސް ނޫނެވެ. ތަފާތު ކުޅިވަރު މުބާރާތްތަކުން ވެސް ރަންވަނަތައް ހާސިލްކުރެއްވިއެވެ. އޭގެތެރެއިން، ހޭންޑްބޯލާއި، ފެތުމުގެ އެކިއެކި މުބާރާތްތަކުގައްޔާއި ބެޑްމިންޓަންއިން ރަނގަޅު ކާމިޔާބީތަކެއް ހޯއްދެވިކަން ފާހަގަކޮށްލެވެއެވެ. ސްޓާފް ސާޖަންޓް ޔަޢުޤޫބު، ސިފައިންގެ ތެރެއިން ފުރިހަމަކުރެއްވި ކޯސްތަކަށް ބަލާއިރު، ރެކްރޫޓް ޓްރޭނިންގއާއި ސްޕެޝަލް ޓާސްކް ފޯސް ޓްރޭނިންގ (އެސްޓީއެފް) އާއި މެރިން ކޯރ އެޑްވާންސް ކޯސް އަދި ކޯޕްރަލް ކޯހާއި ސާޖަންޓް ކޯސް ފާހަގަކޮށްލެވެއެވެ. މި ކޯސްތަކުގެ ތެރެއިން މެރިން ކޯރ އެޑްވާންސް ކޯހުގެ ފިޓެސްޓް ސޯލްޖަރުގެ މަޤާމާއި، މުޅި ކޯހުގެ ބެސްޓް އޯލް ރައުންޑުގެ އެވޯޑު ސްޓާފް ސާޖަންޓް ޔަޢުޤޫބު ހާސިލްކުރެއްވިއެވެ. އަދި ހަމައެހެންމެ، ހުސް ވަގުތު ހޯއްދަވައިގެން އިތުރަށް ކުރިއަށްދިޔުމުގެ ބޭނުމުގައި އިންޓަނޭޝަނަލް އެސޯސިއޭޝަން އޮފް އެތުލެޓިކްސް ފެޑެރޭޝަންސް (އައިއެފްއެފް) ކޯޗިންގ ކޯސް ލެވެލް 1 އާއި، އިންފޮމޭޝަން ޓެކްނޮލިޖީ އިން ސެޓްފިކެޓް 2 ހާސިލުކުރެއްވިއެވެ. އަދި އިމަރޖެންސީ ރެސްޕޮސްޑަރ ކޯހާއި ޑިޖިޓަލް އަންޑަރވޯޓަރ ފޮޓޯގްރާފަރ ކޯހާއި އޯޕަން ވޯޓަރ ޑައިވިންގ ކޯސް އަދި އެޑްވާންސް ޑައިވް މާސްޓަރ ކޯސް ފުރިހަމަކުރެއްވިއެވެ.
ހިތާމަވެރި ދުވަހެއް
ސްޓާފް ސާޖަންޓް ޔަޢުޤޫބަކީ، މަސް ހިފަން ދިޔުމަށް ވަރަށް ފޯރި ހުންނެވި ބޭކަލެކެވެ. ލިބޭ ހުސްވަގުތުތަކުގައި މަސް ހިފަން އެކަނިގޮސް އުޅުއްވިއެވެ. ނިޔާވި ހިތާމަވެރި ހާދިސާ ހިނގި ދުވަހަކީ ވެސް، އޭނާގެ ރައްޓެހިންތަކެއް މަސްހިފަން ދާންއުޅޭކަން އެނގުމުން، އެމީހުން ފަހަތުން މަސްހިފަން ދިޔަ ދުވަހެއް ކަމަށް އޭނާގެ އެކުވެރިއެއްކަމުގައިވާ ސްޓާފް ސާޖަންޓް އަޝްރަފު ބުނުއްވިއެވެ. އޭގެކުރިން، އެދުވަހު މެންދުރު، އެމްޑީޔޫ 2 ގައި މަސައްކަތްކުރާ ބައެއް މެރީންސް އާއެކު ގާތްގަނޑަކަށް 6 ކިލޯމީޓަރުގެ ދިގު ދުވުމެއް އޭނާ ފުރިހަމަ ކުރެއްވި ކަމަށް އޭނާގެ ރަހުމަތްތެރިން ކިޔައިދީފައިވެއެވެ. ސްޓާފް ސާޖަންޓް ޔައުޤޫބާއެކު، އެމްޑީޔޫ 2 ގައި މަސައްކަތްކުރައްވާ ރައްޓެހިންގެ ތެރެއިން ސާޖަންޓް އަރުޝަދާއި ސްޓާފް ސާޖަންޓް އަޝްރަފްގެ އިތުރުން އާންމުންގެ މީހަކާއެކު މަސް ހިފަން ދިޔައީ އޭގެ ފަހުންނެވެ. އެ ދުވަހު މަސް ހިފަން ދިޔަ އާންމުންގެ މީހާއަކީ މި ވަގުތު ދިވެހިރާއްޖޭގައި ފްރީ ޑައިވިންގގެ ރިކޯޑު އޮންނަ ޣުފްރާން ޢަބްދުލް ޣަފޫރެވެ. އޭނާ ރާއްޖޭގެ ފްރީ ޑައިވް ރިކޯޑު ހަދާފައިވަނީ 52 މީޓަރަށް އަޑިއަށް ގޮސްގެންނެވެ.

އެ ހާދިސާ ހިނގި ގޮތް ސްޓާފް ސާޖަންޓް އަޝްރަފް ކިޔައިދެއްވަމުން ބުނުއްވީ، އާދައިގެ މަތިން މަހަށް ނިކުމެ އެންމެ ފުރަތަމަ މަސް ހިފަން ފޭބީ އެނބޫދޫ ފިނޮޅު ކައިރިއަށް ކަމަށެވެ. އެ ސަރަޙައްދުގައި މަސް ހިފަން އުޅުއްވަނިކޮށް ސްޓާފް ސާޖަންޓް އަޝްރަފް މަހަކަށް ދަގަނޑު ޖެހިތަނުން މަސް ގޮސް ގަލެއްގެ ތެރެއަށް ވަނީއެވެ. އަދި އެވަގުތު ނޭވާލުމަށް ފެނުން މައްޗަށް އަރައި އިރުކޮޅެއް ތެރޭގައި އަނެއްކާ ވެސް އަޑިއަށް ގޮސް މަހަށް ޖަހާފައިވާ ދަގަނޑު ނެއްޓޭތޯ މަސައްކަތް ކުރަމުން ދިޔައެވެ. އެހެންނަމަވެސް ދަނގަޑު ނައްޓާލުމަށް ކުރި މަސައްކަތް ނާކާމިޔާބުވުމާއި، ހަވީރު ވަގުތު ގާތްވަމުން ދާތީ އިތުރު ސަރަޙައްދަކަށް ގޮސް މަސް ހިފުމަށް އެންމެން އެކުގައި މަޝްވަރާ ކުރިއެވެ. އޭގެފަހުން، މާލެއަށް އަނބުރާ ދާ މަގުމަތީގައި ދަގަނޑު ނަގަން އަންނާނީކަމަށް ބުނެ އެހެން ސަރަޙައްދަކަށް ދިއުމަށް ދަތުރު ފެށީއެވެ. އޭރު ވެސް ސްޓާފް ސާޖަންޓް ޔަޢުޤޫބާއި އޭނާގެ ޓީމުން ދިޔައީ ފޯރިއާއެކު މަސް ހިފަމުންނެވެ.
އެނބޫދޫ ފަޅުގެ އެހެން ސަރަޙައްދަކުން މަސް ހިފުމަށްފަހު އަނެއްކާ ވެސް، ކުރިން މަސް ހިފި ޕޮއިންޓަށް އައިސް ކުރިން ޖެހި ދަގަނޑު ނެގުމުގެ މަސައްކަތް ތިން ޑައިވަރުން ފެށިއެވެ. އެގޮތުން ސްޓާފް ސާޖަންޓް އަޝްރަފާއި، ސްޓާފް ސާޖަންޓް ޔަޢުޤޫބުގެ އިތުރުން ޣުފްރާން އެކުގައި ފުންމާލިއެވެ. ލޯންޗުގެ ކެޕްޓަން ސާޖަންޓް އަރުޝަދު ހުރީ ލޯންޗުގައެވެ. އަޑިއަށް ގޮސް ދަގަނޑު ނަގައިގެން އައީ ޣުފުރާނެވެ.
”ޣުފްރާން ދަގަނޑު ނަގައިގެން ފެނުން މައްޗަށް އެރި ގަޑީގައި އަޅުގަނޑު އޮތީ އެންމެ ކުރީގައި. އޭރު އަޅުގަނޑު ގޮވައިފިން ލޯންޗަށް އަޅުގަނޑުމެން ކައިރިއަށް އަންނަން ވެސް. އޭރު ޣުފްރާނާއި ޔަޢުޤޫބު ވެސް އޮތީ ސަރފޭސް މަތީގައި. ތިބެފައި ޣުފްރާން ދަގަނޑު އެކަނި ހިފައިގެން އައުމުން ޔައުޤޫބު ފުރަތަމަ ވެސް އެހީ ކޮބައިހޭ މަސް؟ ޣުފްރާން، އެ މަސް ނެތޭ ބުނުމުން ޔަޢުޤޫބު ކުޑަކޮށް ފަތާލި.“ ސްޓާފް ސާޖަންޓް އަޝްރަފް ކިޔައިދެއްވިއެވެ.
އޭރު ސްޓާފް ސާޖަންޓް އަޝްރަފަށް އަދި ޣުފްރާނަކަށް ވެސް ޔަޢުޤޫބު އަލުން އަޑިއަށް ދިޔަކަމެއް ނޭނގެއެވެ. އިރުކޮޅެއްތެރޭ ލޯންޗު ކައިރިވީތަނާހެން ސާޖަންޓް އަރުޝަދު ލޯންޗުގައި ހުރެފަައި ޔަޢުޤޫބު ފެންނަން ނެތުމާއެކު އޭނާ ކޮބައިތޯ އެހިއެވެ. ސާޖަންޓް އަރުޝަދު އެހެން އެހުމާއެކު ސްޓާފް ސާޖަންޓް އަޝްރަފާއި ޣުފްރާން ބަލާލިއިރު ޔަޢުޤޫބު ފެންނަން ނެތުމުން އެ މީހުން ކަންބޮޑުވިއެވެ. އޭރު އެ ސަރަޙައްދަށް އޮތީ އަނދިރިކަން ވެރިވެފައެވެ. އަޑި އެހާ ސާފުކޮށެއް ނުފެނެއެވެ. އޮއިވެސް އޭރު ބާރު ވެއްޖެއެވެ.
ސްޓާފް ސާޖަންޓް ޔަޢުޤޫބު ހޯދުމަށް އެންމެ ފުރަތަމަ ވެސް އަޑިއަށް ދިޔައީ ސްޓާފް ސާޖަންޓް އަޝްރަފެވެ. އޭނާ އަޑިއަށް ދިއުމުގެ ކުރިން ކޯސްޓްގާޑަށް ގުޅައި އެ މަޢުލޫމާތު ދިނުމަށް ސާޖަންޓް އަރުޝަދު ކައިރީ އެދުނެވެ. އޭރު ގަޑިން އިރުއޮއްސި 6 ޖަހަން ހުރީ މަދު މިނެޓުކޮޅެކެވެ. އެވަގުތު ސްޓާފް ސާޖަންޓް އަޝްރަފް އަޑިއަށް ގޮސް ސްޓާފް ސާޖަންޓް ޔަޢުޤޫބު ހޯދަން އުޅުމުގެ ތެރޭގައި، އެ ދިމާ އަޑީގައި އޭނާ ޚަބަރު ހުސްވެފައި އޮއްވައި ފެނުނެވެ. އެ ވަގުތު ހިތްވަރުކޮށްފައި އަޑިއަށް ދެވޭތޯ އޭނާ ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ނޭވާ ކޮޅަށް ދާން ފެށުމުން ނޭވާ ލުމަށްޓަކައި ސްޓާފް ސާޖަންޓް އަޝްރަފަށް މައްޗަށް އަރަން މަޖުބޫރުވީއެވެ. އެވަގުތު ޣުފްރާނާއި އަރުޝަދު ކައިރީ ސްޓާފް ސާޖަންޓް ޔައުޤޫބު އޮތް ޕޮޒިޝަން ދައްކާފައި އަނެއްކާ ވެސް ސްޓާފް ސާޖަންޓް އަޝްރަފު ފީނައިގަތީ އަޑިއަށް ދާށެވެ. ވަރަށް ހިތްވަރުކޮށްގެން ވެސް އެ ހިސާބަށް ދެވޭގޮތެއް ނުވެއެވެ. އެގޮތަށް ތިންހަތަރުފަހަރަކު ޑައިވް ކޮށްގެން ވެސް ނޭވާ ކޮޅަށްދާތީ ޔަޢުޤޫބު އޮތް ހިސާބަކަށް ދެވޭގޮތެއް ނުވެއެވެ.
ސްޓާފް ސާޖަންޓް ޔަޢުޤޫބު އަޑިން ނެގުމަށްޓަކައި އޭރުއްސުރެ ސްޓާފް ސާޖަންޓް އަޝްރަފާއި ޣުފްރާންއަށް ކުރެވުނު ހުރިހާ މަސައްކަތެއް ދިޔައީ ކުރަމުންނެވެ. ޣުފުރާން އަޑިއަށް ގޮސްގެންއުޅެއުޅެ އޭނާއަށް ސްޓާފް ސާޖަންޓް ޔަޢުޤޫބު އޮތް ތަނެއް ފެންނަގޮތެއް ނުވިއެވެ. އެންމެން ހާސްވެފައި ތިބުމުން ނޭވާ ކޮންޓްރޯލްކުރުމަކީ އުނދަގޫ ކަމަކަށް ވިއެވެ. ފްރީ ޑައިވް ކުރަން ޖެހޭނީ ވަރަށް ހަމަޖެހިގެން، ކޮންމެ ޑައިވެއް ދޭތެރޭ ރެސްޓްކޮށްގެން ކަމަށް ފްރީ ޑައިވިންގ އެކްސްޕާޓުން ބުނެއެވެ.

ސްޓާފް ސާޖަންޓް ޔަޢުޤޫބު ނެގުމަށް ސްޓާފް ސާޖަންޓް އަޝްރަފާއި ޣުފްރާން މަސައްކަތްކުރަމުން ދިޔައިރު ސާޖަންޓް އަރްޝަދު މަސައްކަތްކުރީ ކޯސްޓްގާޑަށް އެކަން ރިޕޯޓްކޮށް ވީހާވެސް އަވަހަކަށް އެ ސަރަޙައްދަށް ކޯސްޓްގާޑުގެ ޑައިވަރުން ގެނެވޭތޯއެވެ. ރިޕޯޓު ކުރިތާ ގާތްގަނޑަކަށް 15 ވަރަކަށް މިނެޓުގެ ތެރޭގައި ޑައިވަރުންނާއެކު ކޯސްޓްގާޑު ލޯންޗު ހާދިސާ ހިނގި ސަރަޙައްދަސް ދިޔައެވެ. ކޯސްޓްގާޑުގެ ޑައިވަރުން ދިޔައިރު، ސްޓާފް ސާޖަންޓް އަޝްރަފް އޮތީ ޔަޢުޤޫބު އަޑީގައި އޮތް ދިމާލުން ފެންމަތީގައެވެ. އޭރުވެސް ޣުފްރާން ދިޔައީ ޔައުޤޫބު ފެނޭތޯ އަޑިއަށް ފީނައި މަސައްކަތްކުރަމުންނެވެ. އެހެންނަމަވެސް އޮއިވަރު ބާރުކަމުންނާއި އަނދިކަމުގެ ސަބަބުން ޣުފްރާނަށް ސްޓާފް ސާޖަންޓް ޔައުޤޫބު ފެންނަ ގޮތެއް ނުވިއެވެ.
ކޯސްޓްގާޑުގެ ޑައިވަރުން ކުރި މަސައްކަތުން ސްޓާފް ސާޖަންޓް ޔަޢުޤޫބުގެ ހަށިގަނޑު ނަގާފައިވަނީ އެރޭ 18:28 ހާއިރުއެވެ.
މަސް ހިފުމަކީ ޔަޢުޤޫބު އެންމެ ކުރާހިތުން ކުރި މަސައްކަތް
”މޫދަށް މަސް ހިފަން ދާން ބުނެފިނަމަ ޔަޢުޤޫބު ނުބުނާނެ ނޫނެކޭ. އަޅުގަނޑު ކައިރީ އާދޭސް ކޮށްގެން ވެސް ބައެއް ދުވަސް ދުވަހު މަސް ހިފަން ދާނެ. ބަޑީ ޕެއަރއެއްގެ ގޮތުގައި ޔަޢުޤޫބާއެކު ދާން އޭނާ އެންމެ ހިތްހަމަޖެހެނީ އަޅުގަނޑާއެކު.“ ސްޓާފް ސާޖަންޓް އަޝްރަފް ކިޔައިދެއްވިއެވެ.
މަސް ހިފުމުގައި ސްޓާފް ސާޖަންޓް ޔަޢުޤޫބުގެ ކުޅަދާނަކަން ހުންނަ މިންވަރަކީ، އޭނާގެ އިސްކޮޅާ އެއްވަރުގެ މަސް ހިފަން ވެސް އޭނާ ޖެހިލުން ނުވާކަމެވެ. އެކަން އޭނާގެ ސޯޝަލް މީޑިއާ އެކައުންޓަށް ދޫކޮށްލާފައިވާ ފޮޓޯތަކުން ވެސް ހާމަވެއެވެ. އެ ފޮޓޯތަކުން އޭނާ ކުޑަ މަހެއް ހިފާފައިވާތަނެއް ނުފެނެއެވެ.
”ޔަޢުޤޫބު މަހެއް ހިފަންޏާ ނުހިފާނެ ކުޑަ މަހެއް. ކުދި މަސްތައް ކައިރީ އެނބުރިއެނބުރި ތިއްބަސް އެއިން މަހަކަށް ދަގަނޑެއް ނުޖަހާނެ. ބަލާފައި ވެސް ޖަހާނީ އޭނާއަށް ފެންނަ އެންމެ ބޮޑު މަހަކަށް.“ ލޯންޗުގެ ކެޕްޓަނަކަށް ހުރި ސާޖަންޓް އަރުޝަދު ބުންޏެވެ. ދަތުރުގައި ބައިވެރިވާ އެހެން ބައިވެރިން މަސް ހިފަން ލޯންޗުން ފޭބުމާއެކު ލޯންޗުގެ ހުންގާނުގައި ހުންނަނީ ސާޖަންޓް އަރުޝަދެވެ. އޭނާއަށް އެންމެ ހިތްހަމަޖެހޭ ވަގުތަކީ ބޮޑެތި މަސް ހިފައިގެން ސްޓާފް ސާޖަންޓް ޔަޢުޤޫބާއި ސްޓާފް ސާޖަންޓް އަޝްރަފް ފެނުން މައްޗަށް އަރާ ވަގުތުތަކެވެ.
”ޔައުޤޫބަކީ ބިރު ކުޑަ މީހެއް. މަހަކަށް ދަގަނޑު ޖަހައިގެން އެ މަސް ހިފައިގެން މައްޗަށް އަރާއިރު މިޔަރެއް އެއްޗެއް އަންނަންޏާ މިޔަރު ގައިގައި ޖަހަން ވެސް ޖަހާނެ. ނުދޭނެ މަހުގެ އެންމެ އެތިކޮޅެއް ވެސް މިޔަރަކަށް. އެހާމެ ހުޝިޔާރުވާނެ. އަނެއްކާ ރޭގަނޑު އިހި ހިފަން ފައިބައިގެން އުޅޭއިރު ވެސް ޔަޢުޤޫބު އެ ގެންގުޅޭ އުކުޅުތަކަކީ އަޅުގަނޑަށް ހަމަ އައު އުކުޅުތަކެއް.“ ސްޓާފް ސާޖަންޓް އަޝްރަފް ކިޔައިދެމުންދިޔައެވެ.
ގެއްލިގެންދިޔައީ އޯގާތެރި ރައްޓެއްސެއް!
ސްޓާފް ސާޖަންޓް ޔަޢުޤޫބްގެ ވަކިވެ ދިޔުމަކީ، އޭނާގެ ރައްޓެހިންނަށް ވެސް ލިބުނު ވަރަށް ބޮޑު ހިތާމައެކެވެ. އެކުގައި މަޖާކޮށް އިއްޔެ އުޅުނު ރަހުމަތްތެރިޔާ ކުއްލިއަކަށް ވަކިވެދިޔުމުން އޭނާގެ ގިނަ ރައްޓެހިން ތިބީ ޝޮކެއްގައެވެ.
އެތުލެޓިކްސްގެ ތެރޭގައި އެންމެ ގާތްކޮށް ޔައުޤޫބާ އެކު އުޅުއްވާ އެއްބޭކަލަކީ ސްޕެޝަލް ފޯސަސްގެ ސްޓާފް ސާޖަންޓް އަޙްމަދު ރިޟާއެވެ. ރިޟާ ހާމަކުރެއްވި ގޮތުގައި ޔަޢުޤޫބާއި ރިޟާއަކީ ކޮންމެ ކަމެއް ވެސް އެކުގައި ކުރަމުން ދިޔަ ވަރަށް ގާތް ދެ ބޭކަލުންނެވެ. އެގޮތުން ޕާސަނަލް ލައިފާއި އޮފީސް މާހައުލުގައި ވެސް ހުރިހާ ކަމެއް ޝެއަރ ކުރަމުންދިޔަކަން އޭނާ ފާހަގަކުރިއެވެ.
”ޔައުޤޫބަކީ މިލިޓަރީ ގޮތުން ބެލި ނަމަވެސް ނަމޫނާއެއް. ތަމްރީންތަކުގައި ފަސް ޖެހުމެއްނެތި ކުރިއަށް ދިއުމަށް ގަދައަޅައި މަސައްކަތްކުރި ފުރިހަމަ ސޯލްޖަރެއް. އަނެއްކާ ޕާސަނަލީ، ރައްޓެއްސެއްގެ ހައިސިއްޔަތުން އެއީ އަޅުގަނޑުގެ ޢާއިލީ ގޮތުން ގުޅުމެއް ނެތަސް އަޅުގަނޑުގެ ކޮއްކޮއެއް. އެހާވެސް އަޅުގަނޑުމެން ދެމީހުން ގާތްވާނެ.“ ސްޓާފް ސާޖަންޓް އަޙްމަދު ރިޟާ ހާމަކުރިއެވެ.
ސްޓާފް ސާޖަންޓް ރިޟާގެ އިތުރުން އެތުލެޓިކްސް ޢާއިލާއިން އެންމެ ގާތް ބަޔަކަށް ތިބީ ރާއްޖޭގެ މެރެތަން ރިކޯޑު ހޯލްޑަރ ސާޖަންޓް ޝިފާޒު މުޙައްމަދާއި ކުރިން ދުވުންތެރިއެއްގެ ގޮތުގައި ހަރަކާތްތެރިވި ލެފްޓިނެންޓް މުސްތަފާ މުޙައްމަދެވެ. މި ދެ ބޭކަލުންގެ ތެރެއިން ސާޖަންޓް ޝިފާޒު ހާމަކުރެއްވި ގޮތުގައި ސްޓާފް ސާޖަންޓް ޔަޢުޤޫބަކީ ފިޒިކަލީ އަދި މެންޓަލީ ވަރަށް ފިޓް ބޭކަލެކެވެ. ދުވުމުގެ ޓްރޭނިންގތަކުގައި ބޭނުންކުރާ ސަރކިޓް ޓްރޭނިންގ އޮންނަ ދުވަސް ދުވަހު ސްޓާފް ސާޖަންޓް ޔަޢުޤޫބު ފަހަތަށް ޖައްސާލުމަކީ ދުވަން ދާ އެއްވެސް މީހަކަށް ކުރެވޭ ކަމެއް ނޫން ކަމަށެވެ. މީގެ އިތުރުން ފީނަން ދިއުމަކީ ވެސް ދެ ބޭކަލުން އެކުގައި ކޮށްއުޅުނު ކަމަކަށް ވުމާއެކު ސްޓާފް ސާޖަންޓް ޔައުޤޫބާއެކު ފީނަން ދިޔަ ފުރަތަމަ ދުވަހު ވެސް ފީނުމާ ގުޅޭ ކުލާހެއް ނަގައިދިންކަމަށް ސާޖަންޓް ޝިފާޒް ހާމަކުރެއްވިއެވެ. އަދި ސްޓާފް ސާޖަންޓް ޔައުޤޫބަކީ ރައްޓެހިންނަށް ވަރަށް ބަލާ މީހެއްކަން ސާޖަންޓް ޝިފާޒް ފާހަގަކުރެއްވިއެވެ.
ލެފްޓިނެންޓް މުސްތަފާ ހާމަކުރެއްވި ގޮތުގައި ޔަޢުޤޫބާއެކު ރަހުމަތްތެރިކަން އޮންނަތާ މިހާރު ގާތްގަނޑަކަށް 15 އަހަރު ވެދާނެއެވެ. އެހާ ދިގު މުއްދަތެއްގައި ގާތް ރަހުމަތްތެރިއަކު ނެތިދިޔުމަކީ ފޫނުބެއްދޭނެ ވަރުގެ ހަނދާންތަކެއް ހުންނާނެ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
”ޔަޢުޤޫބަކީ އަޅުގަނޑުގެ އެއްބަނޑު އެއްބަފާ ބޭބެއޭ ބުންޏަސް ދޮގަކަށް ނުވާނެ. އެހާމެ ގާތްކޮށް އުޅުނީ. ކޮންމެ ދުވަހަކުހެން ދިމާވޭ. އެކުއެކީގައި އެތުލެޓިކްސް ދާއިރާއާ ގުޅޭ ކޯސްތައް ފުރިހަމަ ކުރަމުން އައީ ވެސް. އެހެންވީމަ ގެއްލިގެން އެ ދިޔައީ ހަމަ އެންމެ ލޯބިވާ ބޭބެ.“ ލެފްޓިނެންޓް މުސްތަފާ ހާމަކުރެއްވިއެވެ.
ކޮމާންޑް ސާޖަންޓް މޭޖަރ އަދުނާން ޢަލީއާއި ފަސްޓް ސާޖަންޓް ޢަބްދުﷲ ޖަމީލް ވެސް ވަނީ ސްޓާފް ސާޖަންޓް ޔަޢުޤޫބާ ބެހޭގޮތުން އައްޑަނައަށް މަޢުލޫމާތު ކޮޅެއް ޙިއްސާ ކުރައްވާފައެވެ. އެ ދެ ބޭކަލުން ވެސް ހާމަކުރެއްވީ، ސްޓާފް ސާޖަންޓް ޔަޢުޤޫބަކީ ދީނީ ކަންކަމަށް ލޯބި ކުރެއްވި އަދި ހުރިހާ ރޭންކެއްގެ ސިފައިންނަށް ވެސް އިޙުތިރާމުކުރެއްވި ބޭކަލެއް ގޮތުގައެވެ. އަދި އަމިއްލައަށް އިސް ނަގައިގެން ކަންކަން ދަސްކުރުމުގައި ޔައުޤޫބަކީ ނަމޫނާ ބޭކަލެއްކަން ފާހަގަކުރެއްވިއެވެ.
ސްޓާފް ސާޖަންޓް ޔަޢުޤޫބު އަޙްމަދު ކުއްލި ގޮތަކަށް ނިޔާވުމަކީ އޭނާގެ އާއިލާއާއި ރަހުމަތްތެރިންގެ އިތުރުން ދިވެހި އަސްކަރިއްޔާއަށް ވެސް ލިބިގެންދިޔަ ވަރަށް ބޮޑު ފުން ހިތާމައެކެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ސްޓާފް ސާޖަންޓް ޔަޢުޤޫބު އަޙްމަދުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ރަޙުމަތާއި ނިޢުމަތް ދެއްވައި، ލޮބުވެތި ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި މާތްﷲ ގެ ހަޟްރަތުގައި އިޚްލާޞްތެރިކަމާއެކު ދުޢާ ދަންނަވަމެވެ.
