އެއީ ޑިސެންބަރު މަހު 3 ވަނަ ދުވަހެވެ. އޮފީހުގެ މަސައްކަތުގައި އުޅެފައި ލިބުނު ހުސް ވަގުތެއްގައި ބަލާލެވުނީ މީސް މީޑިއާގެ މަންސަ ”ފޭސްބުކް“ އަށެވެ. މުޅި ފޭސްބުކްގައި އޮތީ ރާއްޖޭގެ ބާރު ދުވުންތެރިޔާ ސާޖަންޓް ޙަސަން ސާޢިދަށް މަރުޙަބާ ކިޔުމެވެ. ރަނގަޅަށް ބަލާލިއިރު، މިއުޅެނީ ސްޓާފް ސާޖަންޓް ސާޢިދު ދެކުނު އޭޝިއާގެ އެންމެ ބާރު ދުވުންތެރިޔާގެ މަޤާމު ހޯއްދަވައިގެންނެވެ. އާދެ، މިހާރު ނޭޕާލްގައި ކުރިއަށްދާ 13 ވަނަ ސައުތު އޭޝިއަން ގޭމްސްގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯއްދަވައިގެންނެވެ.
ސްޓާފް ސާޖަންޓް ޙަސަން ސާޢިދަކީ ދެކުނު އޭޝިއާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމުގައިވާ ސައުތު އޭޝިއަން މުބާރާތް އުފަންވިތާ 35 އަހަރުވީއިރު ރާއްޖެއަށް އެންމެ ފުރަތަމަ ރަން މެޑަލް ގެނެސްދެއްވި އެތުލީޓެވެ. ރަން މެޑަލްއަކަށް ދިވެހިން އުންމީދުކުރީ ވެސް 1984 ވަނަ އަހަރުގެ ސާފް ގޭމްސްގައި ޤައުމީ ފުޓްބޯޅަ ޓީމުން ހޯދި ލޯ މެޑަލްއާއެކު އެވެ. އޭގެ ފަހުން އެތައް ފަހަރަކު އެހެން ކުޅިވަރުތަކުން ވެސް އެކަމަށް މަސައްކަތް ކޮށްގެން، އެ ތާރީޚު އަނބުރާލުމަށް މަސައްކަތް ކުރިއެވެ. ސްޓާފް ސާޖަންޓް ޙަސަން ސާޢިދާ ހަމައަށް އެކަން އޮތީ ހާސިލު ނުވެއެވެ. އެ ފަޚުރު، ދިވެހިންނަށް ހާސިލްކޮށްދެއްވީ ސްޓާފް ސާޖަންޓް ޙަސަން ސާޢިދެވެ.
ސައުތު އޭޝިއަން ގޭމްސްގައި ރަން މެޑަލެއް ދިވެހި ފަސްގަނޑަށް ގެނައުމަށް 35 އަހަރުވަންދެން ކުރި އުންމީދު ހާސިލުކޮށްދެއްވީ ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރަށް ނިސްބަތްވާ ހިތްވަރުގަދަ ސޯލްޖަރަކަށް ވުމީ ދިވެހި ސިފައިން ވެސް ފަޚުރުވެރިވާ ކަމެކެވެ.
ސްޓާފް ސާޖަންޓް ޙަސަން ސާޢިދަކީ ތަފާތު އެތުލީޓެއްކަން އޭނާ އެވަނީ އެކި މުބާރާތްތަކުން ރާއްޖެއަށް ހޯއްދަވައިދީފައިވާ ކާމިޔާބީތަކުން ސާބިތުކޮށްދެއްވާފައެވެ.
ސްޓާފް ސާޖަންޓް ސާޢިދުގެ ނަން އެންމެ ފުރަތަމަ ރަންއަކުރުން ފަވާލެވުނީ 2015 ވަނަ އަހަރު އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 100 މީޓަރުން ރަން މެޑަލް ހޯދައި ދިވެހިރާއްޖޭގެ ތާރީޚުގައި ގޭމްސްއެއްގައި ފުރަތަމަ ރަން މެޑަލް ގެނެސްދިނުމުންނެވެ. އެ ތާރީޚީ ކާމިޔާބީއަށް ސްޓާފް ސާޖަންޓް ސާޢިދު މިވަނީ އަނެއްކާ ވެސް އެ ގޭމްސްގައި އިތުރުބޮޅެއް ފުރިހަމަކުރައްވާއެވެ. އެއީ އެ ގޭމްސްގެ 200 މީޓަރު އިވެންޓުން ރިހި މެޑަލް ގެންނެވުމަށް ފަހުއެވެ. މި އަހަރު ޖުލައި މަހު އޮތް އައިއޯއައިޖީގައި ސްޓާފް ސާޖަންޓް ސާޢިދަށް ލިބިލެއްވީ ހަަމައެކަނި 200 މީޓަރު ދުވުމުން ލޯ މެޑަލެވެ.
މީގެ އިތުރުން ވެސް ސްޓާފް ސާޖަންޓް ސާޢިދު ހޯއްދަވާފައިވާ ކާމިޔާބީތަކަށް ބަލާއިރު، 200 މީޓަރު ދުވުމުން އޭޝިއާގެ 10 ވަނަ ހޯއްދަވާފައިވެއެވެ. އަދި 2016 ވަނަ އަހަރުގެ އޮލިމްޕިކްސްގައި 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ ދެ ވަނަ ހީޓުން ބޮޑު ތަފާތަކާ އެކު އެއްވަނަ ހޯދައި، އޮލިމްޕިކްސްގެ ބުރެއް ކާމިޔާބުކުރި ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފު ވެސް ހޯއްދެވިއެވެ. އިސްލާމީ ޤައުމުތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ އިސްލާމިކް ސޮލިޑާރިޓީ ގޭމްސްގެ 100 މީޓަރު ދުވުމުން ހަތަރު ވަނަ މަޤާމް ހޯއްދަވާފައިވެއެވެ. އަދި 2016 ވަނަ އަހަރުގެ އިންޑިއަން ގްރޯން ޕްރީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުގެ ރޭހުން ރަން މެޑަލް ހޯއްފަވާފައިވެއެވެ.
2012 ޖަނަވަރީ 1 ވަނަ ދުވަހު ސިފައިންގެ ޚިދުމަތާ ގުޅިލެއްވި ސާޖަންޓް ޙަސަން ސާޢިދަކީ ކުރު ދުވުންތަކުގެ އެންމެ ގިނަ ރިކޯޑު އޮތް އެތުލީޓެވެ. އެގޮތުން އޭނާ އަތުގައި މިވަގުތު އޮތް ޤައުމީ ރިކޯޑުތަކުގެ ތެރޭގައި 100 މީޓަރު، 200 މީޓަރު، އަދި 400 މީޓަރު ދުވުމުގެ ރިކޯޑު ހިމެނެއެވެ.
