ސަވައިވަރޝިޕް ބަޔާސްއަކީ ފަހަރުގައި ކިޔާލަން ފަސޭހަ ބަހަކަށް ނުވެދާނެއެވެ. އެހެން ނަމަވެސް، މިއީ، ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި ކޮންމެހެން އެނގެންޖެހޭ އެއްޗެއްކަމަށް ޤަބޫލުކުރެއެވެ. މިހާ ހިސާބުން އުފެދޭ ސުވާލަކީ ސަވައިވަރޝިޕް ބަޔާސްއަކީ ކޮބައިތޯއެވެ؟ ކުރުގޮތަކަށް ދަންނަވަނީ ނަމަ، ސަވައިވަރޝިޕް ބަޔާސް ނުވަތަ ސަރވައިވަލް ބަޔާސްއަކީ ލޮޖިކަލް ރީސަނިންގގައި ޖެހޭ މައްސަލައެއް ބަޔާންކޮށްދިނުމަށް ބޭނުންކުރެވޭ ނުވަތަ ކޮށްއުޅޭ ޖުމްލައެކެވެ. އެހެން އިބާރާތަކުން ދަންނަވަނީ ނަމަ، ވަކި ކަމަކާ ބެހޭގޮތުން އެއްކުރެވިފައިވާ ސްޓެޓިސްޓިކަލް ޑާޓާ ޖުމްލަ ގޮތެއްގައި އެކަމަކާ މެދު، އަލިއަޅުވާނުލެވި ވަކި ކޮޅަކަށް ބުރަވެފައި ހުންނަ ހުރުމެވެ. އަދި ލޯމަތިން ގެއްލިފައި ހުރުމެވެ. ވަކިކަމަކާ ބެހޭގޮތުން ނެގިފައިވާ މަޢުލޫމާތު އެއްކޮށް ނެގުމުގައި (ސިލެކްޝަން ޕްރޮސެސް) އެންމެ އެކަށީގެންވާ މިންވަރަށް ފުރިހަމަވެފައި ނެތުމެވެ. މިއީ، ކުރިން ދެންނެވުނު ފަދައިން ލޮޖިކަލް ރީސަނިންގައި ދިމާވާ މައްސަލައެކެވެ. ސިލެކްޝަން ސްޓޭޖުގައި ނުވަތަ ޕްރޮސެސްގައި ކުރިމަތިވެފައިވާ މައްސަލައެކެވެ. މި ހުރިހާ ކަމަކަށް ރިޢާޔަތްކުރާ އިރު، ލިބިފައިވާ ނަތީޖާއަކީ އެންމެ ފުރިހަމަ ނަތީޖާކަމުގައި ނުވާ ހިނދު، އެ ނަތީޖާއަކީ އެންމެ ފުރިހަމަ ގޮތެއްގައި ނެރެވިފައިވާ ނަތީޖާއެއް ކަމަށް ޤަބޫލު ކުރެވޭނެ ހަރުދަނާ އަސާސެއް ނެތެވެ.
މަތީގައި ބަޔާންކުރެވިފައި އެވަނީ ކުރުގޮތަކަށް ސަވައިވަރޝިޕް ބަޔާސްއެވެ. މިއަށް ވުރެ ބޮޑަށް މި މައުޝޫއު ތިލަކޮށްލުމަށް މިސާލެއް ދަންނަވާލާނަމެވެ. ދުނިޔޭގައި ހަނގުރާމައެއް ހިނގަމުންދާ ދުވަސްވަރު ހޮސްޕިޓަލެއްގެ ބަލިމީހުން ބައިތިއްބާ ވޯޑެއް ހިތަށް ގެންނަވާށެވެ. އެކި ކަހަލަ ޒަޚަމްތައް ލިބިފައިވާ މީހުންނާއި، މުޅި ގައިގެ އެތަންމިތަން ބެންޑޭޖް ކޮށްފައިވާ މީހުންނާއި، އަތާއިފައި ބިންދައިގެން ގޮސްފައިވާ މީހުންނާއި ހަށިގަނޑުގައި ޕްލާސްޓަރ އަޅާފައިވާ މީހުންގެ އިތުރުން ހަށިގަނޑުގެ އެކި ގުނަވަންތައް މަދު މީހުން މިފަދަ ވޯޑަކުން ފެންނާނެ ކަމީ އެއްވެސް ޝައްކެއްއޮތް ކަމެއް ނޫނެވެ. މި ޙާލަތުގައި ފަރުވާދޭ ނަރުހަކާ، ވަޒަން ނާރާ ފަދަ އަރމާއެއް ހެދުމުގައި އެންމެ ބޮޑު އިސްކަމެއްދީ، ވަރުގަދަކުރަންވީ ކޮންބައެއްތޯ އަހައި ސުވާލުކޮށްފި ނަމަ، ބުނާނީ އެންމެ ގިނައިން ފަރުވާދޭންޖެހޭ ހަށިގަނޑުގެ ބައިތަކުގެ ވާހަކައެވެ. ސަބަބަކީ، އެންމެ ގިނައިން ނަރުހުން ފަރުވާދޭން ޖެހެނީ ނުވަތަ ދީފައިވަނީ ހަށިގަނޑުގެ އެ ބައިތަކަށް ކަމަށްވާތީއެވެ.

މިހާ ހިސާބުން ކުރިން ދެންނެވުނު ސުވާލުން ކުރިފަޅައި އިތުރު ސުވާލެއް އުފެދިއްޖެ ނޫންތޯއެވެ. ހަމައެކަނި ބޮޑީއަރމާ އުފެއްދުމުގައި ސަމާލުކަން ދޭންޖެހެނީ ނުވަތަ ވަރުގަދަކުރަންޖެހޭ ކަންކަން ބިނާވަނީ، ސަލާމަތްވި މީހުންނަށް ލިބިފައިވާ ޒަޚަމްތަކަށް އެކަނި ރިޢާޔަތްކުރުމަށް ފަހުގައިތޯއެވެ؟ ކުރިން މި ދެންނެވުނު މީހުންނަކީ، ކޮންމެފަދަ ޙާލަތެއްގައި ތިބިނަމަވެސް، ފުރާނަ ސަލާމަތްވެފައިވާ މީހުންނެވެ. އެހެން ނަމަވެސް، މަރުވި މީހުން ކޮބައިތޯއެވެ؟ އެމީހުން މަރުވީ ހަށިގަނޑުގެ ކޮންތާކަށް ލިބުނު ޒަޚަމަކުންތޯއެވެ؟ ނުވަތަ ހަށިގަނޑުގެ ކޮން ހިސާބަކަށް އެރި ވަޒަނެއްގެ ސަބަބުންތޯއެވެ؟ މި ޙާލަތުގައި ބޮޑީއަރމާގެ ވަރުގަދަ ކުރަންވީ ކޮންބައެއްތޯ އަހައި ސުވާލުކޮށްފި ނަމަ، ޖަވާބު ހަމަޔަޤީނުން ވެސް ތަފާތު ވާނެއެވެ. އަދި ވަރުގަދަކުރަން ޖެހެނީ، ބޮލާއި، މެޔާއި ބުރަކަށި ނުވަތަ މި ނޫންވެސް އިންސާނާގެ ހަށިގަނޑުގެ ނާޒުކު ގުނަވަންތައް ހިމެނޭ ބައިތަކޭ ފަރުވާދޭ މީހުން ބުނާނެކަމީ، ހަމަ ޔަޤީނުން ވެސް ކަށަވަރުވާ ކަމެކެވެ. މިއީ، ކުރިން ދެންނެވުނު ލޮޖިކަލް ރީސަނިންގައި ދިމާވާ އެންމެ ބޮޑު މައްސަލައެވެ. މައިގަނޑު ސަބަބަކީ، ކަމެއްގެ ހައްލު ބިނާވެގެން ވަނީ ކުރެވިފައިވާ ދިރާސާއަކުން ލިބޭ ޑާޓާގެ ތެރެއިން ވަކި ކޮޅަކަށް ބުރަވެފައިވާ ދިމާލަށް ކަމަށް ވާތީއެވެ. އެހެންކަމުން، މިއީ ޖުމްލަ ގޮތެއްގައި މުޅި މައްސަލައަށް ރިޢާޔަތް ކުރެވި، ކަނޑައަޅާފައިވާ ހައްލެއް ނޫނެވެ. ނުވަތަ މުޅި މައްސަލައަށް އެޑްރެސް ކުރެވިގެން ގެނެވިފައިވާ ހައްލެއް ވެސް ނޫނެވެ.

1939 ވަނަ އަހަރުން ފެށިގެން 1945 ވަނަ އަހަރާ ހަމައަށް ކުރެވުނު ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރި އަސްކަރީ މަތިންދާބޯޓުތަކުގެ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުނެވެ. މި ފިޔަވަޅުތައް އަޅާފައިވަނީ ހަނގުރާމައިގައި ހަރަކާތްތެރިވި މަތިންދާބޯޓުތަކަށް ލިބެމުންދިޔަ ގެއްލުންތަކަށް ރިޢާޔަތްކުރުމަށް ފަހުގައެވެ. މިގޮތުން އަސްކަރީ އޮޕަރޭޝަންތަކުގައި ބޭނުންކުރި މަތިންދާބޯޓުތައް އެނބުރި އަންނަ އިރު، ބޯޓުގެ ފިޔަގަނޑަށާއި، ފަހަތުކޮޅަށް ގިނަ ޢަދަދަކަށް ވަޒަންއަރާފައި ހުންނަކަން ފާހަގަކުރެވުނެވެ. މިހާ ހިސާބުން މިކަމުން ރައްކާތެރިވުމަށް އާންމުކޮށް ވަޒަން އަރާ ތަންތަން އިތުރަށް ވަރުގަދަކޮށް ވަޒަން ނާރާގޮތް ހެދުމަށް މަސައްކަތް ކުރެވުނެވެ. މިކަން ކުރެވުނީ ބޯޓުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ އިތުރުން ޕައިލެޓްގެ ފުރާނަ ސަލާމަތް ކުރުމަށެވެ. އެހެން ނަމަވެސް، މިއީ މިކަމުން ރައްކާތެރިވުމަށް އެންމެ ރަނގަޅުގޮތް ނޫންކަން ހަންގޭރީގެ ހިސާބު ޢިލްމުވެރިއެއް ކުރި ދިރާސާއަކުން ސާބިތުވިއެވެ. އަދި މިކަމުގައި ހުރި އުނިކަންކަން ވެސް މި ޢިލްމުވެރިޔާ ވަނީ ކިޔައިދީފައެވެ. އަބްރަހަމް ވާލްޑް ނަމަކަށް ކިޔާ މި ދެންނެވުނު މީހާ، ބުނެފައިވާ ގޮތުގައި އަސްކަރިއްޔާގެ މި ނިންމުމަކީ ހަމައެކަނި ސަލާމަތްތެރިކަމާ އެކު ބޭސްއަށް އެނބުރި އަންނަ މަތިންދާބޯޓުތަކަށް ލިބިފައިވާ ގެއްލުމުގެ މައްޗަށް ބިނާކޮށް ހެދިފައިވާ ދިރާސާއިން ނަގާފައިވާ މަޢުލޫމާތުގެ މައްޗަށް ބިނާކޮށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އަދި ހަނގުރާމައިގެ މައިދާނުގައި ވެއްޓިފައިވާ ބޯޓުތައް ވެއްޓެން މެދުވެރިވި ސަބަބު މި ނިންމުން ނިންމުގައި ބަލާފައި ނުވާކަމަށެވެ. މައިގަނޑު ސަބަބަކީ، މި ނިންމުމުގައި ޕައިލެޓްގެ ފުރާނަ ސަލާމަތް ކުރުމަށާއި އަދި މަތިންދާބޯޓު ވެއްޓެން މެދުވެރިވާ ސަބަބުތަކަށް ބަލާފައި ނުވުމެވެ. އެހެންކަމުން، މިއީ، ޕައިލެޓާއި މަތިންދާބޯޓުގެ ސަލާމަތާއި ރައްކާތެރިކަމަށް ނިންމުނު އެންމެ ރަނގަޅު ނިންމުމެއް ނޫނެވެ.
އަޅުގަނޑުމެން މަސައްކަތްކުރާ މާހައުލު ނުވަތަ ޑޮމެއިން ތަފާތެވެ. އެހެންކަމުން ވަކި ކޮޅަކަށް ބުރަވެ، ނިންމާ މިފަދަ ނިންމުންތަކަކީ އިންޞާފުވެރި ނިންމުމަކަށް ނުވާނެއެވެ. އެހެން ނަމަވެސް، މިގޮތަށް ކަންކުރުމަށް މަޖުބޫރުވަނީ ކީއްވެތޯއެވެ؟ މިފަދަ ހުރިހާ ކަމެއް ވެސް ގުޅިލާމެހިފައިވަނީ ”ސަކްސެސް“ ނުވަތަ ކާމިޔާބީގެ މައްޗަށެވެ. އެކި ރޮނގުތަކުން ކާމިޔާބު މީހުންނާ ބެހޭގޮތުން ފެތުރޭ އަޑުތަކާއި، ދެކެވޭ ވާހަކަތައް މިކަމުގައި ބޮޑު ދައުރެއް އަދާކުރެއެވެ. ކާމިޔާބީ ބިނާވެގެންވަނީ ވަކި ގޮތަކަށް މަސައްކަތްކުރުމުން ކަމަށް ބުނެ މީހަކު ވާހަކަ ދައްކައިފި ނަމަ، އަމިއްލަ ހިތާއި ނަފުސު އެފަދަ ދިމާލަކަށް ދީއްލާލައެވެ. އަދި ނަތީޖާއެއްގެ ގޮތުން އަޅުގަނޑުމެންގެ ހިތާއި ސިކުނޑީގެ އެއްވެސް ބާރެއް ފޯރުވުމެއްނެތި އެފަދަ ކަންކަމަށް ލަންބާލާނެކަން ޔަޤީނެވެ. މިސާލަކަށް، ރީތިވާ އެއްޗެހި ވިއްކާ ފިހާރައެއްގައި ވަޒީފާ އަދާކުރާ އަންހެން މުވައްޒަފަކު ވަކިގޮތަކަށް ހެދުން އެޅުމުގެ ސަބަބުން އޭނާގެ ސޭލްސް މައްޗަށްދާކަމަށް ވަނީ ނަމަ، ދެންތިބި އެހެން މުވައްޒަފުން ވެސް އެފަދަ މީހަކު ހެދުން އަޅާގޮތަށް ހެދުން އެޅުމަށް، އެ ފިހާރައިގެ ވެރިމީހާ މަޖުބޫރުކުރުމަކީ އިންސާފުތޯއެވެ؟ އަދި ފިހާރައިގެ ވިޔަފާރި މައްޗަށް ދިއުމަށް ދިމާވާ ހަމައެކަނި ސަބަބަކީ އެއީކަމުގައި ނިންމުމަކީ ރަނގަޅުގޮތްތޯއެވެ؟ މިއީ، މުޅިން ގޯސް ގޮތެކެވެ. ނުވަތަ ގޯސް ވިސްނުމެކެވެ.

ކާމިޔާބީއާއި ކުރިއެރުމަކީ ކޮންމެ އިންސާނަކު އޭނާގެ މުޅި އުމުރު އެކަމުގައި ހޭދަކުރާ ކަމެކެވެ. ކޮންމެ މީހަކު ވެސް މަސައްކަތްކުރަނީ އެ މީހަކު މަސައްކަތްކުރާ ދާއިރާއިން ފާހަގަކޮށްލެވޭ ފަދަ ”ކާމިޔާބު“ ނުވަތަ ”އިންފުލުއެންޝަލް“ މީހަކަށް ވުމަށެވެ. މިހާ ހިސާބުން، އެޕަލްގެ ފައުންޑަރ ސްޓީވް ޖޮބްސް، މައިކްރޯސޮފްޓްގެ ފައުންޑަރ ބިލް ގޭޓްސް، ފޭސްބުކްގެ ފައުންޑަރ މާކް ޒުކާބާގް ފަދަ ކާމިޔާބު އަދި ނުފޫޒުގަދަ މީހުން ފާހަގަ ކޮށްލާނަމެވެ. ސަވައިވަރޝިޕް ބަޔާސްއާ މި ތިން މީހުންނާ ހުރީ ކޮން ގުޅުމެއްތޯއެވެ؟ ސަވައިވަރޝިޕް ބަޔާސްއަށް މި ތިން މީހުންގެ ޙަޔާތް ބައްޓަންވެފައިވާ ގޮތް ދެނެގަތުމަކީ ވަރަށް ވެސް މުހިންމު ކަމެކެވެ. މި ތިން މީހުންނަކީ ތަޢުލީމީ ޙަޔާތުގައި ނާކާމިޔާބީއާ ކުރިމަތިވެފައިވާ، ކޮލެޖު ޑިގްރީއެއް ވެސް ހާސިލުކޮށްފައި ނުވާ، އެހެން ނަމަވެސް އިންތިހާއަށް ކާމިޔާބު ބިލިޔަނަރުންނެވެ. އެހެންކަމުން އަޅުގަނޑުމެން ތަޢުލީމީ ޙަޔާތްދޫކޮށްލަން ވީތޯއެވެ؟ ތިޔައީ ރަނގަޅު ވިސްނުމެއް ނޫނެވެ. ވިސްނަވާށެވެ. ލޮޖިކަލް ރީސަނިންގގެ ހަމަތަކަށް ބަލާއިރު، ރަނގަޅު ތަޢުލީމެއް ލިބުމަކީ މުހިންމު ކަމެއްކަމަށް ޤަބޫލު ކުރެވޭނެ ޖާގައެއް ނެތެވެ. އެހެން ނަމަވެސް، ނުކިޔަވައި ”ސަކްސެސް“ ނުވަތަ ”ނުފޫޒު“ ލިބިފައިވާ މީހުންގެ ތަފާސް ހިސާބުތަކަށް ބަލާ އިރު، މިއީ ހާހަކުން އެންމެ ”ތިން“ މީހުންނެވެ. ތަޢުލީމީ ޙަޔާތް ދޫކޮށްލައި، މާކް ޒުކާބާގް ނުވަތަ ބިލް ގޭޓްސްއަށް ވުމުގެ ހުވަފެންތައް ދެކުމުގެ ކުރިން، ހަމައެކަނި ”ސަކްސެސް“ ލިބިފައި ތިބި މީހުންގެ ވާހަކަތަކުން ސިކުނޑި ފުރާލުމުގެ ބަދަލުގައި ކާމިޔާބީއާ ހަމައަށް ވާސިލުވުމަށް ދަތިހާލުގައި އުޅުނު މީހުން މަސައްކަތް ކުރިގޮތް ދެނެގަތުމަކީ ނުހަނު މުހިންމު ކަމެކެވެ. މިހާ ހިސާބުން، ސަވައިވަރޝިޕް ބަޔާސްއާ ދުރަށްޖެހިލަމާ ހިނގާށެވެ.
ސަވައިވަރޝިޕް ބަޔާސްގެ ކޮންސެޕްޓަކީ ކޮންމެ މާހައުލެއްގައި، ކޮންމެ މަސައްކަތެއް ކުރިއަސް މުހިންމު އެއްޗެކެވެ. އެކި ވަޒީފާތަކުގައި، އެކި މީހުން މަސައްކަތް ކުރަމުން ގެންދަނީ އެކި ފެންވަރުގެ މަޤާމުތަކުގައި ތަފާތު ސްޓައިލް ގެންގުޅޭ ވެރިންގެ އިންޓެންޝަނާ އެއްގޮތަށެވެ. އެހެންކަމުން، މި ކޮންސެޕްޓަކީ ދިރިއުޅުމުގައި ވެސް ބޭނުންކުރުން މުހިންމު ކޮންސެޕްޓެއްކަން ދެންނެވުނު މިސާލުތަކަށް ހާމަވެގެން ދެއެވެ.
ދަރިންނަކީ ދެ ލޮލުގެ ނޫރެވެ. ކޮންމެ މީހަކު ވެސް ބޭނުން ވާނީ އެމީހެއްގެ ދަރިއަކަށް ހުރިހާ ކަމެއް ވެސް ފުރިހަމަވެފައި ހުރުމެވެ. އަސާސީ ތަޢުލީމުގެ ޙަޔާތް ނިމި، ތިމާގެ ދަރި ވަކި ސްކޫލަކަށް ނުވެއްދިއްޖެ ނަމަ، ނޫނީ ވަކި ޚާއްޞަ ސަނަދެއް ހާސިލު ނުކުރެވިއްޖެ ނަމަ، އެ ދަރިފުޅުގެ ޙަޔާތް ބަރުބާދުވެ، ވިއްސިވިހާލި ވީކަމަށް ދެކެވޭކަށް ނެތެވެ. ވަކި ކަމެއްގެ މައްޗަށް ބިނާކޮށް، މިގޮތަށް ކުރިން ދެންނެވުނު ފަދައިން ޑާޓާ އެއްކުރެވިއްޖެ ނަމަ، އެ އެއްކުރެވުނީ ފުރިހަމަ މަޢުލޫމާތެއް ނޫނެވެ. ކޮންމެ މީހަކު ވެސް ކުރަމުންދާ މަސައްކަތަކީ އެތައް ބަޔަކާ ސީދާ ގޮތުން ނުވަތަ ނުސީދާ ގޮތުން ވިޔަސް ގުޅިފައިވާ މަސައްކަތެކެވެ. އެހެންކަމަށްވާ ނަމަ، އަޅުގަނޑުމެން ނިންމާ ކޮންމެ ނިންމުމަކީ ވެސް އެތައް ބަޔަކަށް އެކަމެއްގެ އެދެވޭ އަދި ނޭދެވޭ އަސަރު ފޯރާނެ ކަމެކެވެ. ޖުމްލަކޮށް ދަންނަވަނީ ނަމަ، އެންމެންގެ މައްޗަށް އާންމު އުޞޫލެއް ނެރުމުގައި ނުވަތަ ކަނޑައެޅުމުގައި، ވަކި ތަނެއްގައި އެކަން ހިނގާނެ މަންޒަރު ފެންނަ ނަމަ، އެ އުޞޫލަކީ ރަނގަޅު އެއްޗެއް ކަމުގައި ޤަބޫލު ކުރުމަކީ އަޅުގަނޑުމެން ދުރުވާން ޖެހިފައިވާ ވިސްނުމެކެވެ. މިއީ، ފެށިއިރު އަޅުގަނޑު ދެންނެވި ”ސަވައިވަރޝިޕް ބަޔާސް“ ގެ މަފުޙޫމެވެ.
