އަންހެނުންގެ ޙައްޤުތަކުގެ ވާހަކައަކީ ބައިނަލްއަގުވާމީ މުޖުތަމަޢުތަކުގައި ވަރަށް ފުޅާ ދާއިރާއެއްގައި ދެކެވި، ވަކާލާތުކުރެވެމުންދާ މަޢުޟޫ އެކެވެ. ދިވެހިރާއްޖޭގައި އެކުލަވާލެއްވި 2008 ވަނަ އަހަރުގެ ޤާނޫނުއަސާސީއަށް ފަހު ދިވެހި މުޖުތަމަޢުގައި ވެސް ޖެންޑަރ އީކުއަލިޓީ (މިންތީ ހަމަހަމަކަން) އާއި އަންހެނުންގެ ޙައްޤުތަކުގެ ވާހަކައިގެ އަޑު އޮތީ ގަދަވެގެން ގޮސްފައެވެ. އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަމާ ބެހޭގޮތުން ކުރެވޭ އެ ބަހުސްގައި، ބައެއް ފަރާތްތަކުން ކުރާ އެއް ސުވާލަކީ، “ހަމައެކަނި އަންހެނުންގެ ޙައްޤުތަކުގެ ވާހަކަ ދައްކަންވީ ކީއްވެ ހެއްޔެވެ؟” މިއެވެ. އެ ސުވާލަށް ފުރިހަމަ ޖަވާބެއް ދިނުމަށް ޓަކައި ޖިންސް (ސެކްސް) އާއި، ޖެންޑަރގެ ތަފާތު އެނގުމަކީ މުހިންމުކަމެއް ކަމުގައި ދެކެމެވެ.

އަންހެނުންނާއި ފިރިހެނުންނަކީ، ދުނިޔޭގައި އިންސާނުން ލައްވަވާފައިވާ ދެ ބާވަތެވެ. ޤުދުރަތީ ގޮތުން އިންސާނާއަށް ދެއްވާފައިވާ ހައިސިއްޔަތުތައް ދެނެގަތުމުގައި ބޭނުންކުރާ މައިގަނޑު އަސާސްއަށް މި ކިޔަނީ “ޖިންސް” އެވެ. އިންސާނާ ދުނިޔެއަށް އަންނަ އިރު ވެސް، ދެ ޖިންސުގެ މީހުންގެ މެދުގައި ޠަބީޢީގޮތުން ލައްވަވާފައިވާ ތަފާތުތަކެއް ހުރެއެވެ.

އެއާ ޚިލާފަށް، ޖެންޑަރގެ މާނައަކީ، އިޖުތިމާޢީ ގޮތުންނާއި، އިޤުތިޞާދީ ގޮތުންނާއި، ސިޔާސީ އަދި ޘަޤާފީ ގޮތުން އަންހެނުންނާއި ފިރިހެނުންނާ ދޭތެރޭ ހުންނަ ކަމަށް ޤަބޫލުކުރެވޭ ތަފާތުތައް ސިފަކުރުމަށް ކިޔާ ނަމެކެވެ. އެފަދަ ތަފާތުކުރުންތަކަކީ، ފަހަރެއްގައި ވެސް ޤުދުރަތީ ނިޒާމަކުން އައިސްފައިވާ ކަމެއް ނޫނެވެ. ޖިންސުގެ މެދުގައި އޮންނަ ޠަބީޢީ ތަފާތުވުމަކީ، އިޖުތިމާޢީ، އިޤުތިޞާދީ އަދި ސިޔާސީ ގޮތުން އަންހެނުންނާއި ފިރިހެނުންގެ މެދުގައި ހަމަހަމަކަން ޤާއިމްކުރުމުގައި ހުރަހެއް ކަމުގައި ނުވެއެވެ. އެހެންވީމާ، ޖެންޑަރ އީކުއަލިޓީ ނުވަތަ އަންހެނުންނާއި ފިރިހެނުންގެ ހަމަހަމަކަމޭ ބުނާބުނުމުގެ މާނައަކީ، އަންހެނުންނާއި ފިރިހެނުންނަކީ ޖިންސުގެ ގޮތުން ތަފާތު ނަމަވެސް އިންސާނީ ޙައްޤުތައް ލިބުމުގައި ހުރިހާ ގޮތަކުން ހަމަހަމަ ބައެއް ކަމެވެ. އެ ހަމަހަމަކަން ނުވަތަ އީކުއަލިޓީ ޤާއިމްކުރުމުގައި ވަކި ޖިންސެއްގެ މީހަކަށް ވީތީ، ކުރާ ތަފާތު ކުރުންތައް ނައްތާލުމެވެ. “ވަކި ޖިންސަކަށް ނިސްބަތްވީތީ ތަފާތުކުރުން” މާނަކުރަނީ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަން ލިބެންޖެހޭ ކަންކަމުގައި އެ ކަންކަމަށް އުނިކަމެއް ނާންނާނޭ ފަދަ ގޮތަކަށް އަމަލުތައް ބެހެއްޓުމަށެވެ.

އަންހެނުންނާއި ފިރިހެނުންގެ މެދުގައި ޖިންސުގެ ފަރަޤު ހުރި ކަމުގައި ވީނަމަވެސް، އަންހެނުންނަށް ޙައްޤުވާ ކަންކަމާއި، ދިރިއުޅުމުގައި އަންހެނުންގެ ދައުރާއި، މުޖުތަމަޢުގައި އަންހެނުންގެ މުހިންމުކަމާއި، އެންމެ އާދައިގެ ކަންކަމުގައި އަންހެނުންނާ ދޭތެރޭ ވިސްނާ ގޮތާ، މި ހުރިހާ ކަންކަމަކީ، އިންސާނީ ޙައްޤުތަކުގެ ނަޒަރިއްޔާގެ އަލީގައި ހަމަހަމަކަމާއެކު އޮންނަން ޖެހޭނެ ކަންކަމެވެ.

އެހެންވީމާ، ކުރިން ފާހަގަކުރި، “ހަމައެކަނި އަންހެނުންގެ ޙައްޤުތަކުގެ ވާހަކަ ދައްކަންވީ ކީއްވެ ހެއްޔެވެ؟” މި ސުވާލުގެ ޖަވާބު ލިބޭތޯ ދެން ބަލާލަމާ ހިނގާށެވެ.

އަންހެނުންގެ ޙައްޤުތަކުގެ އަޑު ގަދަވަނީ، ބައެއް މުޖުތަމަޢުތަކުގައި އެ މީހުންނަށް ދެވިފައިވާ ދަރަޖައާއި ވިސްނުމާއި ފިކުރުގެ މިންގަނޑުތަކަށް ދެވިފައިވާ ފަރަޤުގެ ބޮޑުކަމުންނެވެ. ބައެއް މުޖުތަމަޢުތަކުގައި އަންހެނުންގެ ހަށިގަނޑާއި ފުރާނައިގެ ރައްކާތެރިކަމަކީ އެ ހިނދެއްގައި އެ މުޖުތަމަޢުގައި އުޅޭ ފިރިހެނުންގެ ވިސްނުމާއި ފިކުރުގެ މިންގަނޑުތަކަށް ބަރޯސާވެފައި އޮންނަ ކަންކަމަށް ވާތީއެވެ. ބައެއް މުޖުތަމަޢުތަކުގައި އަންހެނަކަށް ވީތީ، ލިބިދޭންޖެހޭ ބައެއް ޙައްޤުތަކުން މަހުރޫމްކުރެވި، އަމިއްލައަށް ކަންކަން ނިންމުމުގެ އިޙްތިޔާރުން މަހުރޫމްވެއެވެ. އަނެއްބައި މުޖުތަމަޢުތަކުގައި، ބައެއް ޙައްޤުތައް ލިއްބައިދިނުމުގައި އަންހެނުންނަށް ތަފާތުކުރުން ގެންގުޅެއެވެ. ޖިންސަށް ބަލައި ތަފާތު ނުކުރެވޭ އެތަކެއް ކަމަކުން އަންހެނުންނަށް ވީތީ މަހުރޫމް ކުރެވެއެވެ.

އަންހެނެއްގެ ގޮތުގައި ދުނިޔެއަށް އަޔަތީވެ، އެ މީހަކާ ދޭތެރޭ ދިރިއުޅުމުގެ ތަފާތު މައިދާންތަކުގައި ތަފާތުކުރުމާއި ފަރަޤުކުރުންތައް ފެންނަމުންދަނީ މަދެއްކޮށެއް ނޫނެވެ. އަންހެނުންނަކީ، މުޖުތަމަޢުގެ އާންމު ހާލަތަށްވުރެ ދަށު ދަރަޖާގައިވާ ބައެއްގެ ގޮތުގައި ދެކެވެމުންދެއެވެ. އަންހެނުން، ހަމައެކަނި އަންހެނަކަށް ވީތީވެ، ކުރެވޭ ތަފާތުތަކުގެ އިތުރުން، އަންހެން ޖިންސަށް ނިސްބަތްކޮށް މުޖުތަމަޢުގައި ގެންގުޅޭ ވިސްނުމާއި ފިކުރަކީ ވެސް އަންހެނުންނަށް ޒަމާނުންސުރެ ކުރިމަތިވަމުން އަންނަ ނިކަމެތި ކަމެކެވެ.

މިގޮތުން، އަންހެނުންނަކީ ވިސްނުމާއި ފިކުރުގެ ޤާބިލުކަން ލިބިފައިވާ ބައެއް ނޫން ކަމާއި، އެ ކަނބަލުންނަކީ ހަމައެކަނި ފިރިހެނުންގެ ނުވަތަ ދަރިންގެ ޚިދުމަތުގައި ތިބެންޖެހޭ ބައެއް ކަމަށް ޤަބޫލުކުރާ ވިސްނުންތައް ފެންނަމުންދެއެވެ. އޭގެ އިތުރުން، އަންހެނުންނަށް އަނިޔާކުރުމަކީ އެ މީހުންނަށް ހެޔޮ އެދިގެން ރަނގަޅަކަށް ކުރާ ކަމެއް ކަމަށާއި، މަސައްކަތުގެ މައިދާނަށް އަންހެނުން ނިކުތުމަކީ މުޅި މުޖުތަމަޢު ފަސާދަވެ ޢާއިލާތައް ރޫޅިދާނެ ކަމެއް ކަމުގައި ދެކޭ ވިސްނުން ވެސް މަދެއް ނޫނެވެ. އަދި، އަންހެނުންނަކީ ފިރިހެނުންނަށް ވުރެ ނިކަމެތި، އަބަދުވެސް ބައެއްގެ ރައްކާތެރިކަން ބޭނުންވާ ބައެއްކަމާއި، އަންހެނުން އެއްވެސް ސިޔާސީ އަދި މަދަނީ ހަރަކާތްތަކުގައި ބައިވެރިވުމުގެ ބޭނުމެއް ނެތްކަމާއި، އެފަދަ ކަންކަމުގައި ބައިވެރިކުރުން ރަނގަޅު ނުވާނެ ކަމަށް ޤަބޫލުކުރުމާއި، ފިރިހެނުންގެ ބާރުގެ ދަށުގައި އަންހެނުން ތިބުމަކީ އެމީހުންގެ މުސްތަޤްބަލަށް އެންމެ އެކަށޭނަ ގޮތްކަމުގައި ދެކޭ ފިކުރު ވެސް ފެންނަމުންދެއެވެ.

އެ ވިސްނުންތަކާއި ފިކުރުތައް މުޖުތަމަޢުގައި އެހެން ހުރީތީވެ، އަންހެނުންނަށް ދެވޭ ދަރަޖަ ރަނގަޅު ކުރުމަށްޓަކައި އަންހެނުންނަކީ ކޮބައިކަން ދެނެގަތުން ވަރަށް މުހިންމެވެ. އެހެން ނޫންކަމުގައި ވާނަމަ، އަންހެނުންނަށް ލިބިދޭން ޖެހޭ ޙައްޤުތަކާއި، އަންހެނުންގެ ޤަދަރާއި ކަރާމާތް ދެނެގަނެ ފޯރުކޮށްދިނުމުގެ މިންތައް ވަރަށްވެސް ބޭއިންސާފުވެރިވާނެ ކަން ކަށަވަރެވެ.

އަންހެނުންނަކީ ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައެވެ. އެހެންކަމުން، ކަންކަން ނިންމުމުގެ ޙައްޤާއި، ކަންކަމުގައި ބަސްބުނުމުގެ ޙައްޤާއި، އިންސާނަކަށް ވީތީ ލިބިދޭންޖެހޭ އެހެނިހެން ޙައްޤުތަކަކީ ހަމައެކަނި އާބާދީގެ އަނެއް ދެބައިކުޅަ އެއްބައިގެ ޙައްޤުކަމުގައި ވުމަކީ، ތަރައްޤީއަށް ނޭދެވޭ އަސަރުކުރާނެ ކަމެކެވެ. އިޤްތިޞާދީ ގޮތުންނާއި، އިޖުތިމާޢީ ގޮތުންނާއި، ސިޔާސީ އަދި މަދަނީ ކަންކަމުގައި އާބާދީގެ ހުރިހާ ފަރުދުންގެ ޙިއްސާ އޮތުމަކީ އެންމެ އެދެވޭ، އެންމެ ފައިދާ ބޮޑު، އަދި ކަންކަން ރަނގަޅަށް ދުޅަހެޔޮގޮތުގައި ގެންދިޔުމުގެ ފުރުޞަތު އެންމެބޮޑު ގޮތެވެ.

ޙައްޤުތައް ލިބުމުގައި، އަންހެނުންނަކީ ވެސް، ފިރިހެނުންނެކޭ އެއްފަދައިން އިންސާނުންނެވެ. އެހެންކަމުން، އިންސާނަކަށް ވީތީ ލިބިދޭންޖެހޭ ހުރިހާ ޙައްޤަކާއި އިންސާނަކަށް ވީތީ ލިބިދޭން ޖެހޭ ކަރާމާތް އެ ކަނބަލުންނަށް ވެސް ލިބިދޭން ޖެހެއެވެ. އަންހެނުންނަކީ ޤުދުރަތީ ގޮތުން އަމިއްލަ ވިސްނުމާއި ފިކުރު ގެންގުޅުމުގެ އިޙްތިޔާރު ދެއްވާފައިވާ ބަޔަކަށްވީތީ، އެ ކަނބަލުންނަކީ ވެސް މަދަނީ، ސިޔާސީ، އިޖުތިމާޢީ، އިޤްތިޞާދީ އަދި ޘަޤާފީ ހުރިހާ ޙައްޤެއްގެ ފުރިހަމަ ހިއްސާދާރުންނަށް ހަދަން ޖެހެއެވެ. ފިރިހެނެއްގެ ގައިގާ ޖެހުމަކީ ޤާނޫނީ ކުށެއްކަމުގައި، އަދި އެމީހާގެ ކަރާމާތަށް ގެއްލުންލިބޭނެ ކަމެއް ކަމުގައި ބަލައިގަނެވޭ އުސޫލުން، އަންހެނަކަށް ކުރާ އަނިޔާއަކީ ވެސް އެ މިންގަނޑުން ބެލޭ، އަދަބު ލިބޭނެ ޖިނާޢީ ކުށެކެވެ. ފިރިހެނުންނަކީ ބައްޕައިންނަށްވެ ތިބެ، މުޖުތަމަޢުގެ ތަފާތު މައިދާނުގައި ތަފާތު ޚިދުމަތްތައް ދިނުމުގައި ތިބެވޭ ބަޔަކަށް ވީހިނދު، އަންހެނުންނަށް ވެސް މަންމައިންގެ ގޮތުގައި ތިބެ، ހަމަ އެފަދަ ހަރަކާތްތެރި ބަޔަކަށް ވުމުގެ އިޙްތިޔާރު އޮންނަން ޖެހެއެވެ. ސަރުކާރުގެ މައިމަގަށް ޖެންޑަރ ކަންކަން ނެރުމަކީ، ހެޔޮ އަސަރު ފެންނާނެ ކަމެކެވެ. އޭގެ ސަބަބުން ދެ ޖިންސުގެ މެދުގައި ހަމަހަމަކަން އޮންނަ އިންސާފުވެރި މުޖުތަމަޢުއެއް އުފެދި، ހަމަހަމަ ބިންގަލެއްގެ މަތީގައި އަންހެނުންނަށް އަސާސީ ޙައްޤުތަކާއި މިނިވަންކަން ލިބި، އަންހެނުންނާއި ފިރިހެނުންގެ ކިބައިގައި ހުރި ޤާބިލިއްޔަތުކަމާއި އުފެއްދުންތެރިކަން ދެނެގަނެވި، ތަރައްޤީގައި ބައިވެރިވުމުގެ ފުރުޞަތު ލިބި، ދިރިއުޅުމަށް އެކަށީގެންވާ ފައިދާތަކެއް ކުރާނެއެވެ.

އޭގެ އިތުރުން، އަންހެނުންނަކީ ލަދުރަކި، ނުވަތަ ހިތްބަލި ބައެއްގެ ގޮތުގައި ދެކުމާއި، ފިރިހެނުންނަކީ ވަރުގަދަ ނުވަތަ ކެރޭ ބައެއްގެ ގޮތުގައި ދެކޭ “ޖެންޑަރ ސްޓެރިއޯޓައިޕިންގ” މުޖުތަމަޢުއިން ނައްތާލަން މަސައްކަތްކުރަން ޖެހެއެވެ. އަންހެނުންނަކީ، ހަމައެކަނި ދަރިން ތަރުބިއްޔަތު ކުރުމާއި، ގޭތެރޭ މަސައްކަތްކުރާ މީހުންގެ ގޮތުގައި މުޖުތަމަޢުއިން ދެކޭ ދެކުން ބަދަލުކުރަން ޖެހެއެވެ. ދަރިން ތަރުބިއްޔަތުކުރުމަކީ، މަންމައާއި ބައްޕަ ހަމަހަމަގޮތެއްގައި ޒިންމާ އުފުލަންޖެހޭ ކަމެކެވެ.

އަންހެނުންގެ ޙައްޤުތައް މުހިންމުވާ އެންމެ ބޮޑު ސަބަބަކަށް ވަނީ، ޤައުމެއް ނުވަތަ ދައުލަތެއް ކުރިއަރައި ދިޔުމަށް ޓަކައި، އަންހެނުންގެ އަޑު ނާހައި ނުވަތަ އަންހެނުންނަށް ދިމާވާ މައްސަލަތަކަށް ބީރު ކަންފަތެއް ދީފިނަމަ، އަޅުގަނޑުމެން އެންމެން މިއެދޭ ހަމައަށް ވާސިލް ނުވެވޭނެތީއެވެ. އަޅުގަނޑުމެން އެންމެންގެ ވެސް ލަނޑުދަނޑިއަކަށް ވާންވީ އަންހެނުންނާއި ފިރިހެނުން ހަމަހަމަކަމާއެކު، މަދަނީ، ސިޔާސީ، އިޤްތިޞާދީ، އިޖުތިމާޢީ، އަދި ޘަޤާފީ މައިދާނުގައި ފުރިހަމައަށް ބައިވެރިވެވޭ މުޖުތަމަޢުއެއް ބިނާކުރުމެވެ. މިކަން ޙަޤީޤަތަކަށް ހެދޭނީ އަންހެނުންގެ ޙައްޤުތަކާއި ކަރާމާތަށް އިޙްތިރާމްކުރާ ޘަޤާފަތެއް އުފެދިގެންނެވެ. ހަމައެހެންމެ، އަންހެނުންނަށް ޙައްޤުވާ މަޤާމު ހޯދައިދެވޭނީ ތަޢުލީމް އުނގެނުމުގައްޔާއި، ތަމްރީނާއި ސައިންސާއި ޓެކްނޮލޮޖީއާއި އެހެނިހެން ދާއިރާތަކުން ވެސް ހަމަހަމަ ފުރުޞަތުތަކެއް އަންހެނުންނަށް ހޯދައިދީ، ޤަދަރުވެރި މަސައްކަތްތަކެއް ކުރުމަށް މަގުފަހިވުމުންނެވެ. މިކަމަށް މަސައްކަތް ކުރުމަކީ ދައުލަތުގެ އެންމެހާ މުއައްސަސާތަކާއި، މުޅި މުޖުތަމަޢުއާއި، ޤައުމުގެ ކޮންމެ ފަރުދެއްގެ ވެސް ޒިންމާއެކެވެ.

މަޢުލޫމާތު:

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް. (2012). އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ފަރާތްތަކުގެ އަތްމަތީފޮތް. މާލެ. ނެގީ؛ https://hrcm.org.mv/storage/uploads/bVw9L1ov/pu4m2sya.pdf

ޝެއަރކުރެއްވުމަށް