ކުރުދީންނަކީ އަމިއްލަ ބަހަކާއި ސަގާފަތަކާއި ތާރީޚެއް އޮތް ޤައުމެކެވެ. ޒަމާނުއްސުރެ އެބައި މީހުން ދިރިއުޅެމުން އަންނަނީ އެއް ސަރަޙައްދެއްގައެވެ. އެއީ ތުރުކީގެ އިރުން، އިރާގާއި ސީރިއާގެ އުތުރުން، އީރާނުގެ ހުޅަނގުން އަދި އަރުމީނިއާގެ ދެކުނުގޮތް ޖޯގުރަފީ ސަރަޙައްދެވެ. އެއީ ކުރުދިސްތާނެވެ. އެ މީހުންނަކީ ކުރުދީންނެވެ. އެއީ ހިތްވަރުގަދަކަމަށާއި ޢަޒުމު ވަރުގަދަކަމަށް މަޝްހޫރު ބައެކެވެ. ކުރުދީންގެ ތެރޭގައި ގިނައީ ސުންނީ މުސްލިމުންނެވެ. ކުރުދީންގެ މާދަރީ ބަހަކީ ކުރުދީބަހެވެ. ކުރުދީ ބަހަކީ ފާރިސީ ބަހާއި ޕޮސްތޫ ބަހާ ގާތް ގުޅުމެއް އޮންނަ ބަހެކެވެ. ކުރުދީންގެ އާބާދީއަކީ ގާތްގަނޑަކަށް 36 މިލިއަނާއި 46 މިލިއަނާ ދެމެދުގެ އަދަދެއްކަމަށް އަންދާޒާ ކުރެވެއެވެ.
ދުނިޔޭގެ ފުރަތަމަ ބޮޑު ހަނގުރާމަ (1914-1918) ގައި އުސްމާނީ ޚިލާފަތް އުވުނެވެ. ފުރަތަމަ ބޮޑު ހަނގުރާމައަށްފަހު އިސްލާމީ ދައުލަތް ބައިބައިވެގެން މެދުއިރުމަތީގައި އެތައް ޤައުމެއް ވުޖޫދަށް އައެވެ. ސީރިޔާ، ޖޯޑަން، އިރާގުފަދަ ޤައުމުތައް ވުޖޫދަށް އައީ އެ ދުވަސްވަރުގައެވެ. ކުރުދިސްތާނު އުފެއްދުމަށް ކުރުދީން މަސައްކަތް ކުރި ނަމަވެސް އެކަންވާގޮތެއް ނުވިއެވެ. ނަމަވެސް އޭރު އުސްމާނީ ޚިލާފަތާއި އިއްތިހާދީންނާ ދެމެދުގައި ވެވުނު އެއްބަސްވުމުގައި އުފައްދަން އެއްބަސްވި ދައުލަތްތަކުގެ ތެރޭގައި ކުރުދިސްތާނު އޮތެވެ.

ދުނިޔޭގެ ދެ ވަނަ ބޮޑު ހަނގުރާމަ (1939-1945) އަށް ފަހު ދުނިޔޭގެ މަޝްރަހަށް އައި ބަދަލުތަކާއެކު ކުރުދީން އުޅެމުން އައި ސަރަހައްދު ހަތަރު ޤައުމެއްގެ ސަރަޙައްދީ އިމުގެތެރެއަށް ވަދެ ކުރުދީން ވަނީ ބައިބައިވެފައެވެ. އެއީ ސީރިޔާ، އިރާން، އިރާގު އަދި ތުރުކީވިލާތެވެ. އެހެން ނަމަވެސް މިނިވަން ދައުލަތެއް އުފެއްދުމަށް ކުރުދީން ކުރަމުންއައި މަސައްކަތް އެބައި މީހުން ހުއްޓައެއް ނުލައެވެ. ކުރުދީން ބެހިފައިވާ ޤައުމުތަކުގައި މިނިވަންކަމަށް ޓަކައި އެބައި މީހުން ދިޔައީ މަސައްކަތް ކުރަމުންނެވެ. ކުރުދީން ވަނީ މިނިވަން ދައުލަތެއް އުފެއްދުމަށް ޓަކައި އިރާގާއި ތުރުކީ އަދި ސީރިއާގައި ގިނަ ހަނގުރާމަތަކެއްކޮށްފައެވެ. ކުރުދީން އަމިއްލަ ދައުލަތެއް ޤާއިމުކުރުމަށް ކުރާ މަސައްކަތް އެހެން ޤައުމުތަކުން ދެކެނީ ވަރަށް ބޮޑު ބިރެއްގެ ގޮތުގައެވެ. އަދި އެއީ އެ ޤައުމުތަކުގެ ސަރުކާރުތަކާ ދެކޮޅަށް ހިންގާ ބަޣާވާތްތަކަކަށެވެ. ވުމާއެކު އެ ޤައުމުތަކުން ކުރުދީންނާމެދު ޢަމަލުކުރަމުންދަނީ ވަރަށް ލާއިންސާނީ އަދި އަނިޔާވެރި ގޮތެއްގައެވެ. މިފަދަ އެންމެ ފާހަގަކޮށްލެވޭ ހާދިސާއަކީ އިރާގުގެ ރައީސް ސައްދާމް ޙުސައިންގެ ވެރިކަމުގައި ކުރުދީންނާ ދެކޮޅަށް ފަނާކުރަނިވި ހަތިޔާރު ބޭނުންކޮށްގެން ހިންގި ޖަރީމާއެވެ.
ކުރުދީންގެ ބޭނުން އެކިއެކި ފަރާތްތަކުން ހިފަމުންދަނީ ކުރުދީންގެ ވަކި ދައުލަތެއް އުފެއްދުމަށް އެހީތެރިކަމާއި އެއްބާރުލުން ދޭނެކަމުގެ ހުވަފެން ދައްކައިގެންނެވެ. އެހެން ނަމަވެސް ކޮންމެ ފަހަރަކު ވެސް ކުރުދީންނަށް ލިބެނީ ފެންކައްކާބޮލީގެ ޢިއްޒަތެވެ. ބޭނުން ފުދުނީމާ ކުރުދީންނަކީ ބަޔަކަށް ނުވެއެވެ. މިހާތަނަށް ކުރުދީންނަށް މި ރޮނގުން ލިބުނު އެންމެ ބޮޑު ކާމިޔާބީއަކީ 1991 ވަނަ އަހަރު އިރާގު ހަނގުރާމައަށް ފަހު އިރާގުގެ އުތުރުގައި ވަކިން ފެޑެރަލް ދައުލަތެއްގެ ގޮތުގައި ވަކި ސަރުކާރެއް ހިންގަން ލިބުމެވެ.
އިރާގުގައި އުފެއްދި ކުރުދީންގެ ފެޑެރަލް ދައުލަތާއެކު 2011 ވަނަ އަހަރުންސުރެ ކުރުދީން މަސައްކަތް ކުރަމުން ދަނީ އިރާގުގެ ދަށުން މިނިވަންވެ ވަކި ދައުލަތެއް އިޢުލާނުކުރުމަށެވެ. ސީރިއާގައި އޮތް ބައްޝާރުގެ ވެރިކަން ވައްޓާލުމަށް ފެށުނު ހަނގުރާމައާ ގުޅިގެން މިކަމަށް ވަނީ ހިޔަނި އެޅިފައެވެ. ބައްޝާރުގެ ވެރިކަން ވެއްޓުމާއެކު އަނެއްކާ ވެސް ކުރުދީންގެ އަމިއްލަ މިނިވަން ދައުލަތެއް އުފެއްދުމަށް ކުރަމުންދާ މަސައްކަތް ވަރުގަދަވާނެއެވެ.
ކުރުދީންގެ މިނިވަން ދައުލަތެއް އުފެއްދުމަށް އެންމެ ބޮޑަށް ދެކޮޅު ހަދާ ޤައުމަކީ ތުކުރީއެވެ. ތުރުކީވިލާތުން ޤަބޫލުކުރާ ގޮތުގައި އިރާގުގައި ނުވަތަ ސީރިއާގައި ނަމަވެސް ކުރުދީންގެ ވަކި ދައުލަތެއް އިޢުލާންކޮށްފިނަމަ ބައިމަދު ކުރުދީން ތުރުކީގައި ވެސް ވަކި ދައުލަތެއް އުފެއްދުމަށް އިތުރު ހިތްވަރަކަށްވާނެއެވެ. އީރާނުން ވެސް ކުރުދީންގެ މައްސަލައިގައި ދެކެނީ މިގޮތަށެވެ. އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ވެސް ކުރުދީންގެ ވަކި ދައުލަތެއް އުފެއްދުމަށް އެކަށީގެންވާ އެއްބާރުލުމެއް ނުދެއެވެ. ކުރުދީންނަށް މިނިވަން ދައުލަތެއް އޮތުމަށް ތާއިދު ކުރަނީ ސަޢުދީ ޢަރަބިއްޔާއާއި އިޒްރޭލުންނެވެ.
މަޢުލޫމާތު:
