ފްލެމިންގޯ ނުވަތަ ދިވެހިން ކިޔާ ގުޑުގުޑާދޫންޏަކީ މާކަނާ ގޮތަށް ތިންގުދު ނޮޅިއާ ވައްތަރު ގޮތަކަށް ކަރު ހުންނަ ބޮޑު ދޫންޏެކެވެ. ފިޔަތަކުގައި ހުންނަ ހިތްގައިމު ފިޔާތޮށިކުލައި ސަބަބުން ކުދިބޮޑު އެންމެންގެ މެދުގައި ވެސް މަޤުބޫލު މި ދޫނި ދޭތެރެއަކުން މޫސުމީ ގޮތެއްގައި ދިވެހިރާއްޖެއިން ވެސް ފެންނަމުންދެއެވެ. ޚާއްޞަކޮށް އެ ސަރަހައްދެއްގެ ވެއްޓާއި ތިމާވެށީގެ ތަފާތު ބަދަލުތައް ދެނެގަތުމަށް އެ ސޮރުމެން ހިޖުރަކުރާ ވައްޓަފާޅިން މުހިންމު ކަންތައްތަކެއް ބުނެދެއެވެ. ވެށީގެ ފިނިހޫނުމިނާއި، ކާނާ ލިބެންހުރި މިންވަރާއި، ބްރީޑިންގ ކޮންޑިޝަން ފަދަ ތިމާވެށީގެ ތަފާތު ފެކްޓާތަކަކީ އެ ސަރަަހައްދަކަށް އަންނަ މޫސުމީ ބަދަލުތައް ދެނެގަތުމަށް މުހިންމު ނުފޫޒުތަކެއް ފޯރުކޮށްދޭ ފެކްޓާތަކެކެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުން އާންމުކޮށް ފެންނަ ހަ ބާވަތެއްގެ ފްލެމިންގޯ ފާހަގަކުރެވިފައިވެއެވެ. އެއީ، އެމެރިކަން ފްލެމިންގޯއާއި، އެންޑިއަން ފްލެމިންގޯއާއި، ޗިލިއަން ފްލެމިންގޯއާއި، ގްރޭޓާ ފްލެމިންގޯގެ އިތުރުން، ޕޫނާ ފްލެމިންގޯ އަދި ލެސަރ ފްލެމިންގޯއެވެ. މީގެ ތެރެއިން މޫސުމީ ގޮތެއްގައި ރާއްޖެއިން ފެންނަމުންދަނީ އާންމުކޮށް އޭޝިއާގެ ބައެއް ސަރަހައްދުގައި ދިރިއުޅޭކަމަށް ފާހަގަކުރެވޭ ގްރޭޓާ ފްލެމިންގޯ އާއި ލެސަރ ފްލެމިންގޯއެވެ.

ގްރޭޓާ ފްލެމިންގޯއަކީ، ފްލެމިންގޯގެ ބާވަތްތަކުގެ ތެރެއިން އެންމެ ބޮޑުވާ، އަދި އެންމެ ފުޅާ ދާއިރާއެއްގައި ހިޖުރަކުރާ ދޫންޏެވެ. ދެކުނު އޭޝިއާގެ ގައުމުތަކުގެ ތެރެއިން އިންޑިއާއާއި ޕާކިސްތާނުގެ ބައެއް އައްސޭރިފަށުގެ ސަރަހައްދުތަކުގައި ވަރަށް ގިނަ އަދަދަކަށް މި ދޫނި ދިރިއުޅެމުންދެއެވެ. އަޅުގަނޑުމެންނާ އެންމެ ކައިރިން އިންޑިއާގައިވާ ގުޖުރާތުގެ ސްޓޭޓް ދޫނީގެ ގޮތުގައި ބަލާ ދޫންޏަކީ ވެސް ގްރޭޓަރ ފްލެމިންގޯއެވެ. އެހެންކަމުން، މި ދޫންޏަކީ ދިވެހިރާއްޖެއާ ކައިރި ހިސާބުތަކުގައި ވެސް ދިރިއުޅޭ ވަރަށް އާންމު ދޫންޏެއްކަން އެނގެއެވެ.

މި ދޫންޏަކީ، އިންޓަނޭޝަނަލް ޔޫނިއަން ފޮރ ދަ ކޮންޒަވޭޝަން އޮފް ނޭޗަރ (އައިޔޫސީއެން) ރެޑް ލިސްޓްގެ ”ލީސްޓް ކޮންސާން“ ގެ ގޮތުގައި ހިމަނާފައިވާ ދޫންޏެކެވެ. އެއީ ފްލެމިންގޯއަކީ ދުނިޔޭގެ އާބާދީ ވަރަށް ބޮޑު ދޫންޏަކަށް ވުމުގެ އިތުރުން، އޭގެ އަދަދު ސްޓޭބަލް ނުވަތަ އިތުރުވަމުންދާ ކަމަށް ބެލެވޭތީއެވެ. ނަމަވެސް ގްރޭޓަރ ފްލެމިންގޯގެ އާބާދީއަށް އިންސާނުންގެ ފުށުން ނުރައްކާތަކާ ވެސް ކުރިމަތިވެއެވެ. ބައެއް ހިސާބުތަކުގައި ފްލެމިންގޯ ދިރިއުޅޭ މާހައުލުތަކަށް ގެއްލުން ދިނުމާއި، އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން އެ ތަންތަން ތަޣައްޔަރުކުރުމާއި، ފްލެމިންގޯ ޝިކާރަކުރުން ފަދަ ޢަމަލުތަކުގެ ސަބަބުން އެސޮރުމެން ދިރިއުޅޭ މާހައުލު ދޫކޮށް ދެއެވެ.

ފްލެމިންގޯއަކީ ދެކުނު އޭޝިއާއާއި، އޭޝިއާގެ އިރުދެކުނު ހިސާބުތަކުގެ އިތުރުން އެފްރިކާގެ އެކި ސަރަޙައްދުތަކުންނާއި، ދެކުނު ޔޫރަޕުން ވެސް ގިނަ އަދަދަކަށް ފެންނަމުންދާ ދޫންޏެކެވެ. ދުނިޔޭގެ އެކި ހިސާބުތަކުގައި ދިރިއުޅެމުންދާ ފްލެމިންގޯގެ ތެރެއިން ދުނިޔޭގެ އުތުރު ބިތުގައި ދިރިއުޅޭ ދޫނިތަކުގެ އާބާދީ، ފިނިމޫސުމުގައި ހޫނު ސަރަޙައްދުތަކަށް ހިޖުރަކުރެއެވެ. މައިގަނޑު ގޮތެއްގައި އެގޮތަށް ހިޖުރަކުރަން މެދުވެރިވާ ސަބަބުތަކަކީ، ފިނި މޫސުމުގައި އެ ސޮރުމެންނަށް ކާނާ ހޯދަން ދަތިވުމާއި، އެ ސަރަހައްދުތަކުގައި ފެނުގެ މިންވަރަށް އަންނަ ބަދަލުތަކުގެ ސަބަބުން ބްރީޑްކުރުމަށް އެންމެ އެކަށީގެންވާ ކޮންޑިޝަން ނެތުން ފަދަ ތަފާތު ސަބަބުތަކެވެ.

ފޮޓޯ: ޖައުފަރު ޢަލީ

ރާއްޖެއިން މޫސުމީކޮށް ފެންނަ ގްރޭޓާ ފްލެމިންގޯގެ ބާވަތުން ފެންނަ އެއް ޚާއްޞަ ސިފައަކީ، ބައިގަނޑެއް ގޮތަށް އުޅޭއުޅުމެވެ. އެ ބައިގަނޑުގެ ތެރޭގައި އެސޮރުމެން އުޅެނީ ޖޯޑުޖޯޑަށެވެ. އަދި ކޮންމެ ޖޯޑެއް ވެސް މުޅި އުމުރަށް، މަރުވާންދެން އެކުގައި ދިރިއުޅެއެވެ.

އެ ސޮރުމެން އާންމުކޮށް ކެއުމަށް ބޭނުންކުރަނީ ކުޅިކުޅިއާއި ޗަސްބިންތަކުގެ އައްސޭރިފަށުގެ ގިރާ ސަރަހައްދުތަކުން ލިބެން ހުންނަ ބްރައިން ޝްރިމްޕާއި ކުދިކުދި އެލްގީއެވެ. އަދި، އެ މާހައުލުތަކުން ފެންނަ މޮލަސްކްސްއާއި، ކްރަސްޓޭޝިއަންސްގެ އިތުރުން، ކުދިކުދި ސޫތްޕާއި، ކަކުންޏާއި، ފަނިފަކުސާ އަދި ކުދިކުދި މަސް ކައި އުޅެއެވެ. ފްލެމިންގޯގެ ފަތްތަކަށް ޗާލު ފިޔާތޮށިކުލައެއް އަރާފައި އެ ހުންނަނީ އެސޮރުމެން ކާ ބާވަތްތަކުގެ ސަބަބުންނެވެ. ކޯރެއްގެ ނުވަތަ ކުޅިއެއްގެ ތެރޭގައި ފްލެމިންގޯ ދިރިއުޅެން ފެށުމަކީ އެ ތަނުގެ މާހައުލުގެ ދުޅަހެޔޮކަން ވަޒަންކޮށްދޭ ކަމެއްގެ ގޮތުގައި މާހިރުން ފާހަގަކުރެއެވެ.

ފްލެމިންގޯގެ ބައެއް ބާވަތްތަކަކީ، ލޮނުފެން ހުންނަ ފަޅުތަކުގެ އައްސޭރިފަށުގެ ސަރަޙައްދުތަކުގައި ވެސް ދިރިއުޅޭ ދޫންޏެކެވެ. އަދި، ޕީއެޗް ލެވެލް މަތި އަލްކަލައިން އަދި ލޮނުކަންގަދަ ކުޅިތަކުގައި ވެސް ފްލެމިންގޯ ވަޒަންވެރިވެގެން ދިރިއުޅެއެވެ. އެހެންކަމުން، ފިނި މޫސުމުގައި މި ދޫނިތައް އެތައް ރާސްތާއެއް ކަނޑައްތުކޮށް ޓްރޮޕިކަލް ސަރަހައްދުތަކަށް ކުރާ ހިޖުރައިގައި ރާއްޖެ ފަދަ ހިތްގައިމު މަންޒިލުތަކުގައި މަޑުކުރެއެވެ.

ފޮޓޯ: ޖައުފަރު ޢަލީ

ތަޖުރިބާކާރުން ފާހަގަކުރާ ގޮތުގައި ކޮންމެ އަހަރެއްގެ އޮކްޓޫބަރުން ފެށިގެން ޑިސެންބަރު މަހާ ދެމެދު، މި ރީޖަންގައި ގިނަ އަދަދެއްގެ ފްލެމިންގޯ، ކާނާ ހޯދުމަށް ހޫނު ސަރަހައްދުތަކަށް ހިޖުރަކުރަން ފަށައެވެ. އިންޑިއާގެ ގުޖުރާތުން މުމްބާއީއަށް އެކަނިވެސް ގާތްގަނޑަކަށް އެއްލައްކައާއި ދޮޅުލައްކައާ ދެމެދުގެ ފްލެމިންގޯ މި ދުވަސްވަރު ހިޖުރަކުރާ ކަމަށް ރިކޯޑްކުރެވިފައި ވެއެވެ.

މިގޮތަށް ބައިގަނޑުގަނޑަށް ހިޖުރަކުރުން ފަށާ އިރު، ބައެއް ފަހަރު އެ ސޮރުމެންނަށް ބައެއް ނުރައްކާތަކާ ވެސް ކުރިމަތިލާން ޖެހެއެވެ. މިދިޔަ އަހަރުގެ މޭ މަހުގެ ތެރޭގައި އިންޑިއާގެ މުމްބާއީ އެއާޕޯޓަށް ޖެއްސި މަތިންދާބޯޓެއްގައި ޖެހިގެން ވެސް 100 ވަރަކަށް ފްލެމިންގޯ މަރުވި ވާހަކައެއް ނޫހެއްގައި ޖަހާފައި އޮއްވައި ދުށީމެވެ.

މި ދުވަސްވަރު، އޭޝިއާއާއި، މެދުއިރުމަތިން އެފްރިކާގެ އެކި ސަރަހައްދުތަކަށް ފްލެމިންގޯ ކުރާ ދަތުރުގައި، 14000 އާއި 18000 ކިލޯމީޓަރުގެ ދިގުރާސްތާއެއް ކަނޑައްތުކުރާ ކަމަށް ވެއެވެ. އެގޮތަށް ހޫނު ސަރަހައްދުތަކަށް ގޮސް، އެ ސޮރުމެން ބްރީޑްކޮށް އެ މާހައުލެއްގައި ވަޒަންވެރިވެގެން ގިނަ ދުވަސްތަކެއް ވާންދެން ދިރިއުޅެއެވެ. އޭގެތެރެއިން މަދުއަދަދެއްގެ ދޫނި ބައެއްފަހަރު މަގުއޮޅިގެން ދިވެހިރާއްޖޭގެ އައްސޭރިފަށަށް އާދެވެއެވެ.

ފްލެމިންގޯއަކީ ރާއްޖޭގައި އާންމުކޮށް އުޅޭ ދޫންޏެއް ނޫނެވެ. މި ދޫނިތައް ރާއްޖޭގެ އެކި ރަށްރަށުން ފެންނަން ފެށީ 2020 ވަނަ އަހަރުގެ ފަހުންނެވެ. އަދި، ހދ. ކުޅުދުއްފުއްޓާއި ށ. ފުނަދޫގެ ކުޅިތަކުންނާއި ރާއްޖޭގެ އުތުރުގެ އެހެން ރަށްރަށުން ވެސް އެ ދޫނިތައް ކޮންމެއަހަރަކު މި ދުވަސްވަރު ފެންނަމުންދެއެވެ.

ފޮޓޯ: ޖައުފަރު ޢަލީ

ފްލެމިންގޯ ހިޖުރަކުރާ ދުވަސްވަރަކީ، ރާއްޖޭގެ މޫސުން އާންމުގޮތެއްގައި ހޫނު ދުވަސްވަރަކަށް ވާތީ، ފްލެމިންގޯގެ ވަޒަނެއްގެ ގޮތުގައި ރާއްޖޭގެ ކުޅިތަކުންނާއި މާހައުލުތަކުން އުފާ ހޯދައެވެ. އަދި، ރާއްޖޭގެ ފިނިހޫނުމިން ފްލެމިންގޯއަށް ބޭނުންވާ މިންވަރުގައި ހުރުމާއި، ކުޅިތަކާއި ޗަސްބިންތަކުން އެ ސޮރުމެންނަށް ބޭނުންވާ ކާނާގެ ބާވަތްތައް ލިބެމުންދާތީ، އެ ސޮރުމެން ދިރިއުޅުމަށް ރަނގަޅު މާހައުލެއް ރާއްޖެއިން ލިބިގެންދެއެވެ.  

ނަމަވެސް، މަޅިފައްޗާއި ދަންތުރައާއި އެކި އާލާތްތައް ބޭނުންކޮށްގެން މިގޮތަށް ރާއްޖެ އަންނަ ފްލެމިންގޯތައް ޝިކާރަކޮށް، އެތަކެތި ހިފައި، ކޮށީގައި ބަންދުކޮށް ގޯނާކުރުން ފަދަ ޢަމަލުތައް ފެންނަމުން ދިޔުމަކީ ދެރަ ކަމެކެވެ.

ފްލެމިންގޯއަކީ ރާއްޖެއަށް ހިޖުރަކުރާ ދޫނީގެ ބާވަތަކަށް ވާތީ، އެ ދޫންޏަކީ ރާއްޖޭގައި ހިމާޔަތްކުރެވިފައިވާ ބާވަތުގެ ދޫންޏެކެވެ. އަދި، ރާއްޖޭގެ ހިތްގައިމު މާހައުލުން ފްލެމިންގޯތައް ފެނުމަކީ އޭގެ ސަބަބުން އެތައް ބަޔަކަށް އުފާވެރިކަން ގެނެސްދޭ ކަމެކެވެ. އެހެންކަމުން، ރާއްޖެއަށް ހިޖުރަކުރާ ފްލެމިންގޯތަކާއި އެ ސޮރުމެން ދިރިއުޅޭ ޗަސްބިމާއި ކުޅިތައް ހިމާޔަތް ކުރުމަށް އެންމެން ގުޅިގެން މަސައްކަތް ކުރަމާ ހިނގާށެވެ. އޭގެ ތެރޭގައި އެފަދަ ސަރަހައްދުތަކުގައި އެ ސޮރުމެންނަށް ދިރިއުޅެވޭނޭ މާހައުލެއް އުފެއްދުމާއި، ވެޓްލޭންޑް މެނޭޖްމަންޓާއި ރިސްޓޯރޭޝަނަށް އަމާޒުކޮށްގެން ކޮންޒަވޭޝަން ޕްރޮގްރާމްތައް ހިންގުމަކީ ކުރެވިދާނެ ކަމެކެވެ. އެ ދޫނިތަކާއި އެ ދޫނިތައް ދިރިއުޅޭ ތަންތަން ރައްކާތެރިކުރުމަށް އާންމު ތައުލީމާއި ހޭލުންތެރިކުރުމުގެ ކެމްޕޭންތައް ވެސް ހިންގިދާނެއެވެ.  ރާއްޖެ ޒިޔާރަތްކުރާ މޫސުމީ ފްލެމިންގޯތަކަށް ރާއްޖޭގެ މާހައުލަކީ ރައްކާތެރިކަން ލިބިގެންވާ މާހައުލަކަށް ހެދުމުގައި އެންމެންގެ އެއްބާރުލުމާއި އެހީތެރިކަން ދެމާ ހިނގާށެވެ.

ޝެއަރކުރެއްވުމަށް