ހިމަބިހި (Measles virus) އަކީ ވައިރަހެއްގެ ސަބަބުންޖެހޭ ގައިންގަޔަށް އަރާ ވަރަށް ނުރައްކާތެރި ބައްޔެކެވެ. މި ބަލި ޖައްސަނީ ޕެރަމިކްސޯ ވައިރަސް(Paramyxovirus) ގެ ތެރޭގައި ހިމެނޭ މީސްލް ވައިރަސް (Measles) ގެ ސަބަބުންނެވެ. މި ބަލި ފެތުރެނީ ނޭވާލުމުގެ ޒަރީޢާއިން ކެއްސައި ކިނބިހި އެޅުމުގެ ތެރޭގައި، މި ބަލި ޖައްސާ ވައިރަސް ސަލާމަތުން ހުރި މީހެއްގެ ހަށިގަނޑަށް ވާސިލްވުމުންނެވެ. މި ބައްޔަކީ ކުޑަކުދިންނާއި އާންމު ގޮތެއްގައި ހުރިހާ އުމުރެއްގެ މީހުންނަށް ވެސް ޖެހޭ ބައްޔެކެވެ. މި ބަލިން ރައްކާތެރިވުމަށް ކުޑަކުދިންގެ އުމުރުން 9 މަހުގައި މީސްލްސް ވެކްސިން ދިނުމަކީ ވަރަށް މުހިއްމު ކަމެކެވެ.

ހިމަބިހި ޖެހުމުން ފެނިދާނެ އަލާމާތްތައް

  • ހުންއައުން،
  • ނޭފަތުން އަރިދަފުސް އަދި ފެން ފޭބުން،
  • ލޮލުރޯގާ ޖެހުން
  • ކަރުތެރެ ހަލާކުވެ ފާރުވުން،
  • ކެއްސުން،
  • ވަރުބަލިވުން،
  • ނުތަނަވަސްވުން،
  • ގައިގައި ނުވަތަ މަސްތަކުގައި ރިހުން
  • ކާހިތްނުވުން
  • ހަށިގަނޑުގެ އެކި ހިސާބުތަކުގައި ގޮށްލުން

ހިމަބިހި ޖެހޭތާ 4 ވަރަކަށް ދުވަސްވުމުން ހަށިގަނޑުން ތުނި ބިހި، ނުވަތަ ފެންބިހިތަކެއް ފާޅުވާން ފަށައެވެ. މި ބިހިތައް ފުރަތަމަ ފާޅުވަނީ މޫނުމަތީގައެވެ. އެއަށްފަހު އަތް، ފައި އަދި ބުރަކައްޓާއި މޭމަތީގައި މި ބިހިތައް ނަގަން ފަށައެވެ. ގާތްގަނޑަކަށް 5 ދުވަސްވަންދެން މި ބިހިތައް ދެމިހުރެއެވެ.

ނުރައްކާތައް

ހިމަބިހި ޖެހި ރަނގަޅުނުވެ، ގިނަ ދުވަސްވުމުން ބައެއް ފަހަރު ނުރައްކާތެރި އުނދަގޫތަކާ ކުރިމަތިލާން ޖެހެއެވެ. ބަލި ޖެހިފައިވާ ފަރާތްތަކަށް ކުރިމަތިވާ އުނދަގޫތަކުގެ ތެރޭގައި ނޭވާލާ ނިޒާމަށް ދިމާވާ މައްސަލަތަކާއި ލޮލަށް ދިމާވާ މައްސަލަތަކާއި، ހަޖަމުކުރުމާއި ނާރުތަކުގެ ނިޒާމަށް ދިމާވާ މައްސަލަތަކުގެ އިތުރުން ހަށިގަނޑުން ފެންހުސްވުން ފަދަ ނުރައްކާތައް ކުރިމަތިވެއެވެ.

އާންމު ގޮތެއްގައި 5 އަހަރުން ދަށުގެ ކުދިންނާއި، 20 އަހަރުން މަތީގެ މީހުންނާއި، ދިފާޢީ ބާރު ދަށް މީހުންނަށް، އަދި ރަނގަޅު ކާނާ ނުލިބޭ ކުދިންނަށް މި އުނދަގޫތައް ކުރިމަތިވާ މިންވަރު އިތުރުވެއެވެ. ހިމަބިހި ޖެހޭ 30 އިންސައްތަ މީހުންނަށް މިއިން ކޮންމެވެސް އުދަނގުލެއް ކުރިމަތިވާކަމަށް ދިރާސާތަކުން ދައްކައެވެ.

ދިވެހިރާއްޖެއަކީ އޭޝިއާ ސަރަހައްދުގައި އެންމެ ފުރަތަމަ ހިމަބިހި ނައްތާލެވިފައިވާ ކަމަށް، ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައަޅާފައިވާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ އެއް ޤައުމެވެ. ރާއްޖެއާ އެކުގައި މި ސަރަހައްދުގައި ހިމަބިހި ނައްތާލެވިފައިވާ އަނެއް ޤައުމަކީ ބޫޓާނެވެ.

ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ޤައުމެއް ކަމުގައި ޑަބްލިއުއެޗްއޯއިން ކަނޑައެޅީ 2017 ވަނަ އަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހުއެވެ.

ގައިންގަޔަށް އަރާ ބަލިތަކުން ތުއްތުކުދިން ރައްކާތެރިކުރުމަށް ދިވެހިރާއްޖޭގައި ވެކްސިންދޭން ފަށާފައިވަނީ 1976 ވަނަ އަހަރެވެ. އަދި ހިމަބިހިން ރައްކާތެރިވުމަށް މީސްލްސް ވެކްސިން ދޭން ފަށާފައިވަނީ 1983 ވަނަ އަހަރެވެ.

ފަރުވާ

ހިމަބިއްސަށް ފަރުވާކުރުމަށް ދެވޭ ވަކި ޚާއްޞަ ބޭހެއް ނުވަތަ މި ބައްޔަށް ވަކި ޚާއްޞަ ފަރުވާއެއް ނޯވެއެވެ. ހިމަބިއްސަށް އާންމުކޮށް ފަރުވާކުރެވެނީ ގޭގައެވެ. އެއީ ބަލީގެ ޙާލަތު ގޯސްވެ، ނުރައްކާތެރި ޙާލަތަކަށް ބަދަލުވެފައި ނުވާނަމައެވެ. ބައްޔާ ގުޅިގެން ކުރިމަތިވާ ނުރައްކާތެރި އުނދަގޫތައް މެދުވެރި ނުވާނަމަ، އާންމު ގޮތެއްގައި 2 ހަފުތާގެ ތެރޭގައި ބަލި ފަސޭހަވެދެއެވެ. ނުރައްކާތެރި ހާލަތުގައި ހޮސްޕިޓަލުގައި އެނދުމަތިކޮށްގެން ފަރުވާ ދޭން ޖެހެއެވެ. ހިމަބިހި ޖެހުމުން އެންމެ އެދެވިގެންވަނީ ރަނގަޅަށް އަރާމުކުރުމެވެ.

ޝެއަރކުރެއްވުމަށް