ދިވެހިންނަކީ އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގައި ނަމޫނާ ބައެކެވެ. ކޮންމެ ކަމެއްގައިމެ އެއްބަޔަކު އަނެއް ބަޔަކަށް އެހީތެރިކަން ފޯރުކޮށްދޭ އެކުވެރި ބައެއް ވެސް މެއެވެ. މަސައްކަތްތެރިކަމުގެ ގޮތުން ލިބޭ އާމްދަނީއަށް ދިރިއުޅުމުގެ ކަންކަން ބައްޓަންކުރާ، ރޭވުންތެރި، ހިންގުންތެރި، ޤާބިލު ބައެއް ވެސް މެއެވެ. އެންމެ އެވޭލާ ޒަމާނުންސުރެ ފެށިގެން މިއަދާ ހަމައަށް ވެސް ދިވެހިން ކުރަމުން އައީ މައިގަނޑުގޮތެއްގައި ދަނޑުވެރިކަމާއި މަސްވެރިކަމެވެ. މިއަދު އެންމެ އަގުބޮޑު އަދި އެންމެ އާމްދަނީ ރަނގަޅު މަސައްކަތަކަށް ފަތުރުވެރިކަން ވީކަމީ އަޅުގަނޑުމެން ދިވެހިންގެ ނަސީބެވެ.
ދިވެހިރާއްޖެއަކީ ސައްތައިންސައްތަ މުސްލިމް ޤައުމެއްކަމުން ދިވެހިންގެ އާދަކާދައާއި ސުލޫކު ހުންނަނީ އިސްލާމީ ރިވެތި ތަރަޙައިގެ ތެރޭގައެވެ. އެގޮތުން ޒަމާނުންސުރެ އިސްވެ ސަލާމްކުރުމާއި، ސަލާމް ބަލައިގަތުމަކީ މިހާރު ވެސް ދިވެހިންގެ ތެރެއިން ފެންނަމުންދާ ރީތި އާދައެކެވެ. އަދި އެކަކުއަނެކަކަށް ކަމެއް ދިމާވާހިނދު ދިއްކޮށްލާ އޯގާތެރިކަމުގެ އަތަކީ ދިވެހިންގެ އަތްތައް ލައްކަ ބޮޑުކަން ފާހަގަކުރެވޭ ކަންކަމެވެ. އެގޮތުން ކާރިސާއެއް ދިމާވާހިނދު ދިވެހިންގެ އަތްތަކުގެ ފޮނިމީރުކަން، ހާލުގައި ޖެހިފައިވާ މީހުންނަށް އިހުސާސްކުރަން ލިބެއެވެ. އެހެންނަމަވެސް، މިހާރަކަށް އައިސް ހިތާމަޔާއެކު ފާހަގަކުރަންޖެހެނީ އަޅުގަނޑުމެން ދިވެހިންގެ ތެރެއިން މަޑުމަޑުން ނަމަވެސް ރީތި އެތަކެއް އާދަތަކެއް ނެތިގެންދާކަމެވެ.
ދިވެހިންނަކީ އަމިއްލަ މާދަރީބަހަކުން ލިޔެހަދާ އަދި ހަމައެހެންމެ ވާހަކަދައްކާ ރީތި ބަހެއްގެ އަހުލުވެރިންތަކެކެވެ. ސައިންޓިފިކް ގޮތުން ބަލާއިރު ހިޔާލާތުގެ ގޮތުން ވެސް މޮޅު ފަންނުވެރި އަކުރުތަކެއް ލިބިގެންވާ ބައެކެވެ. ޒަމާނުންސުރެ އަޅުގަނޑުމެން ފަޚުރުވެރިކަމާއެކު އެ ބަހަކުން މޮށި އުޅޭ ދިވެހި ބަހަކީ އެބަހެއްގައި އެތައް ބައިވަރު ބަހުރުވައެއް އެކުލެވޭ މުއްސަނދި ބަހެއް ކަމާމެދު އަޅުގަނޑުމެން އެއްވެސް މީހަކު ދެބަސް ނުވާނެއެވެ. ފަޚުރާއެކު ބޭނުންކުރި ރީތި ދިވެހި ބަހަށް މިއަދު ވަމުންދާ ގޮތާމެދު ވިސްނާލަމާތޯއެވެ. ބަހުގެ ރީތިކަމަށް އަންނަންފެށި ބަދަލާމެދު ވިސްނާލަމާތޯއެވެ. އެކި ބަސްތައް އައިސް މިއަދު ދިވެހި ބަހުގައި ދަގަތްފާނެކޭ އެއްގޮތަށް ”ވަކި ހިއްޕާލައިފިއޭ“ ބުނާތީ އަޑުއިވެއެވެ. އިނގިރޭސި ބަހާއި މިނޫން ވެސް އެތައް ބަހެއްގެ ނުފޫޒު، ބަހުގެ ތެރެއަށް ވަނުމަށް އަޅުގަނޑުމެންނަށް ފުރުޞަތު ހުޅުވާލެވުނީއެވެ. ބޮޑެތިވަމުން، ހަރުވަމުން އަންނަ ޖީލުތަކަށް މި ރީތި މާދަރީބަސް ގެންގޮސްދެވޭނެތޯއެވެ؟ އަމިއްލައަށް މި ސުވާލު ކޮށްލައްވާށެވެ. މިއީ ފަޚުރުވެރި ކޮންމެ ދިވެއްސަކާ އަޅުގަނޑު ކުރާ ސުވާލެކެވެ. ނަމަވެސް ޖަވާބު ހިތުތެރޭގައި ބާއްވާށެވެ. ”ވަންތަކަން“ ނެތިވުމުން އެކަމުގެ ހިތާމަކުރަން ޖެހޭނެއެވެ. ބައެއްގެ ނުފޫޒުން އެއްކިބާވެ ތިބި ބަހެއްގެ ވެރިބަޔަކަށް އެކަމުން މިންޖުވެވި އެހެން ބައެއްގެ ފައިބުޑަށް ދާންވީ ކޮން ބޭނުމަކުތޯއެވެ؟
އަޅުގަނޑުމެންގެ ގިނަ ރަށްތަކެއްގެ މައްޗަށް އެކުލެވިގެންވާ މި ދިވެހިރާއްޖޭގެ އެކި ހިސާބުތަކުގައި ހަމައެކަނި އޮތީ ޘަޤާފީ ވާހަކަ ދައްކާ ބަހުރުވައެއް ނޫނެވެ. ރާގު ވެސް ތަފާތެވެ. އެންމެ އުތުރުން ފެށިގެން ގޮސް އެންމެ ދެކުނާ ހަމައަށް ބެލިނަމަވެސް މިކަން އޮތީ ހަމަ މިހެންނެވެ. ލާމު އަތޮޅު ބަހުރުވައާއި، އައްޑޫ ބަހުރުވައާއި، ހުވަދޫ ބަހުރުވައިގެ އިތުރުން ފުވައްމުލަކު ބަހުރުވައެވެ. މިގޮތަށް އެކި ހިސާބުތަކުގެ ރާގުތަކުން މުއްސަނދިކަން ލިބިފައިވާ އަމިއްލަވަންތަ ބަހެއްގެވެރި ދިވެހިންނަށް ވުމީ ވެސް ކިހާ ފަޚުރުވެރި ކަމެއްތޯއެވެ. އެހެންކަމަށްވީއިރު، އެ ބަހުރުވައަކުން ވާހަކަދެއްކުމަށް ލަދުގަންނަން ޖެެހޭތޯއެވެ؟ ނޫނެކެވެ! އެއްވެސް ހާލެއްގައި އެކަން ވާންޖެހޭނީ އެހެނަކުން ނޫނެވެ.
ދުނިޔޭގެ އެންމެ ނަން މަޝްހޫރު ވެރިންނަށް ބަލާލަމާތޯއެވެ. ސައުދީގެ ވަލީއަހުދު ތަޤްރީރުކުރައްވަނީ އިނގިރޭސި ބަހުންތޯއެވެ؟ ނޫނީ ސްޕޭން ބަހުން ހެއްޔެވެ؟ ނޫންނަމަ މި ނޫންވެސް ފަރަންޖީ ބަހަކުން ހެއްޔެވެ؟ ޖަވާބު އެނގިލައްވާނެއެވެ. އަމިއްލަވަންތަ އަމިއްލަ ނުފޫޒު އޮތް ބަހަކުން މޮށެއުޅުމަކީ ހާދަހާ ބޮޑު ހިތްހަމަޖެހުމެއް ލިބޭނޭ ކަމެކެވެ. ޤައުމީ ފެންވަރުގައި ފާހަގަކުރާ ގިނަ ދުވަސްތަކެއް ދިވެހިންގެ ތެރޭގައި ޒަމާނުންސުރެ އޮވެއެވެ. އެހެންނަމަވެސް، އެންމެ ދުވަހެއްގެ ކަމަކުން ލިބޭނީ ކޮންކަހަލަ ތަޖުރިބާއެއްތޯއެވެ؟ ހަމައެކަނި ބާއްވާ މުބާރާތެއްގައި ކިޔާލާ ބަންޖަކުން ދިވެހިބަހެއް ނުދިރޭނެއެވެ. ޤައުމީ ދުވަހާއި، ނަޞްރުގެ ދުވަހާއި، އެކިއެކި ދުވަސްތައް ޤައުމީ ލެވެލްގައި ފާހަގަކުރެވެއެވެ. ދިވެހިންގެ ދިވެހިވަންތަކަން ދިރުވުމަށްޓަކައި ކުރެވިދާނެ ލައްކަ ގިނަ މަސައްކަތް އެބަހުއްޓެވެ. ސްކޫލު މާހައުލުން ފެށިގެން ގޮސް ކޮލެޖާއި އޮފީސް މާހަޢުލާ ހަމައަށް މިއަދު ބެލިނަމަވެސް މިކަން އޮތީ ހަމަ މިގޮތުގައެވެ. ބަސް ދިރުވައި އާލާކުރަންޖެހޭ ހިސާބުގައެވެ. ބަހަށް ދޭ އަހަންމިއްޔަތު ބޮޑުކުރަންޖެހޭ ހާލަތުގައެވެ. އިސްކަން ނުދެވެނީނަމަ އެއީ ކޮންމެ ބަހެއް ނަމަވެސް ވަޅުޖެހި، އޮބި، ގެއްލިދާނެއެވެ. އެއީ ހިތާމައެކެވެ. ފަޚުރަކަށް ވާންޖެހޭނީ ތިމާގެ ދަރިއަށް ފަރަންޖީ ބަހަކުން ވާހަކަދައްކަން އެނގުމަކުން ނޫނެވެ. އަމިއްލަ މާދަރީބަހުން ކުށަކާ ނުލައި ރީތިކޮށް މޮށެއުޅެން އެނގުމުންނެވެ. އަޅުގަނޑުމެންގެ ދިވެހި ބަހުގެ ކުރިމަގަށް އަދަށްވުރެ ފަހި މާދަމާއެއް މިންވަރުކުރައްވާށި! އާމީން.
