ޤާނޫނެއްގައި ނުވަތަ ގަވާއިދެއްގައި ކަނޑައެޅިފައި ނުވިކަމުގައި ވީނަމަވެސް ނުރަނގަޅު އަމަލެއް އެއީ ރަނގަޅު އަމަލަކަށް ނުވާނެއެވެ. މިހާރު އަޅުގަނޑުމެންނަށް ފެންނަމުންމިދާ ޤާނޫނުތަކާއި ގަވާއިދުތައް ވުޖޫދަށް އައުމުގެ މާކުރިން އިލާހީ ޤާނޫނު އޮތީ ވުޖޫދުވެފައެވެ. އިސްލާމްދީނުގައި ދިރިއުޅުމުގެ ރީތި އެންމެހާ ސިފަތައް އަންގަވާފައިވެއެވެ. ކޮންމެ ދުވަހަކު އަޅުގަނޑުމެންނާ ދިމާވާ މަގުމަތީގެ ހާދިސާތަކުން ސަލާމަތްވުމަށް މަގުމަތީގެ އަދަބުތަކެއް ވެއެވެ.

އާދެ! މަގުމައްޗަކީ، އެ ތަނެއްގައި އަޅުގަނޑުމެން ހިނގާބިނގާވެ، އަދި ދިރިއުޅުމުގެ ބޮޑެތި އަދި މުހިންމު ބޭނުންތައް ކުރާ މުހިންމު ތަނެކެވެ. މީހުންނާ ފުރައްސާރަކުރާ، ބަޔަކު ފޮށި، އެ މީހަކު ބޭނުން ގޮތަކަށް ކަންތައްކުރާ ތަނަކަށް ވެސް މަގުމަތި ވަނީ ބޭނުންކުރަން ފަށާފައެވެ. އަޅުގަނޑުމެންގެ ތެރެއިން މިފަހަކަށް އައިސް ފެންނަމުންދާ ނޭދެވޭ އަމަލުތަކުގެ ތެރޭގައި މަގުމަތިންދާ މީހުންނާ ފޮށުމަކީ މިހާރަކަށް އައިސް ވަރަށް ބޮޑަށް އާންމުވެފައިވާ ކަމެކެވެ. އަދި މިނޫން ވެސް އެތައް ގޮތަކުން މީހުންނާ ގޯނާކޮށް ފުރައްސާރަކުރުމަކީ އަދުގެ މުޖުތަމަޢުން ފެންނަ އިންތިހާ ދަށުދަރަޖައިގެ ޢަމަލެކެވެ.

މަގުމަތީގެ އަދަބުތަކާއި ޚިލާފު އެތަކެއް ކަމެއް މިއަދު އަޅުގަނޑުމެންގެ ދިވެހި މުޖުތަމަޢުން މިވަނީ ފެންނާން ފަށާފައެވެ. މަގުމަތި ހަޑިކުރުމާއި މަގުމަށްޗަށް ކުނިއެޅުމަކީ މިއަދު ވަރަށް ބޮޑަށް އާންމުވެފައިވާ ކަމެކެވެ. އެގޮތަށް މަގުތައްމަތީ ހިނގާ މީހުންނަށް މި ކަންކަމުގެ ސަބަބުން ވަރަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިވެއެވެ. ގޭގައި ގެންގުޅެ ބައުކުރާ ހިފާގެންގުޅޭ ތަކެއްޗާއި ފަރުނީޗަރާއި އެހެނިހެން ސާމާނު އެހެން މީހުންނަށް އުނދަގޫވާގޮތަށް މަގުމައްޗަށް އަޅާ ކަމީ ވަރަށް ދެރަ އަދި ހިތާމަވެރި ކަންކަން ދިމާވުމަށް މެދުވެރިވާ ކަމެކެވެ. އެގޮތުން ނުރައްކާތެރި އެކްސިޑެންޓްތަކާއި މަގުމަތީގެ ޓްރެފިކް ބާރުބޮޑުވުމާއި ނުބައި ވަސްދުވުމުގެ ސަބަބުން ބަލިފެތުރި މިކަހަލަ އެތަކެއް ނޭދެވޭ މައްސަލަތަކެއް ދިމާވެއެވެ.

އަޅުގަނޑުގެ ނަޒަރުގައި މިފަދަ ނުރައްކާތެރި ކަންތައްތައް ހިނގުމަށް މެދުވެރިވަނީ ހެދިފައިހުންނަ ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބައި ކިޔަމަން ނުވާތީއެވެ. އަދި ތިމާއާ އެކަށީގެންނުވާ ބުރަ އަދި އުނދަގޫ މަސައްކަތްތައް މަގުމަތި ބޭނުންކުރުމުގައި ނަގާތީއެވެ.  އެގޮތަށް ތިމާއާ އެކަށީގެންނުވާ އެތައް ކަމަކުން މިއަދުގެ ދުނިޔެ ނޫންނަމަ އަޅުގަނޑުމެންގެ މި ކުޑަ ރާއްޖެއިން ވެސް މިވަނީ ހެކިތައް ފެންނާން ފަށާފައެވެ. އަޅުގަނޑުމެން ބުނާތީ އަޑުއަހަމެވެ. ”ތިމާގެ ފަރިތަކަމަށް ވުރެ އަނެކާގެ ނުފަރިތަކަމަށް ވިސްނާށެވެ.“ ރަނގަޅު ވާހަކައެކެވެ. ތިމާ މަގުމަތި ބޭނުންކުރުމުގައި ކިތަންމެ ފަރިތަނަމަވެސް އަނެކާގެ ނުފަރިތަކަމަށް ވިސްނަން އެބަޖެހެއެވެ. ދާދިފަހުން ސިނަމާލެ ބްރިޖުގައި ހިނގާދިޔަ އެތައް އެކްސިޑެންޓަކުން މިކަން ސާފުވާނެއެވެ.

އަޅުގަނޑުމެންގެ މި ކުޑަ ވެރިރަށަށް ބަލާއިރު ކޮންމެ މަގަކަށް ނިކުމެލިކަމުގައި ވީނަމަވެސް ފެންނަނީ ނުރައްކަލުގެ އެތަކެއް ސިގްނަލްތަކެވެ. ހިތާމައިގެ ކޮޅެއް ވެސް ނެތެވެ! ވަކިބައެއްގެ ސަބަބުން އެތައް ރައްޔިތެއްގެ އަގުބޮޑެތި މުދާ ހަލާކުވަނީއެވެ. މަގުމަތީގައި ޕާކްކޮށްފައި ބަހައްޓާ ކާރާއި ސައިކަލާއި އެތަކެއް އަގުބޮޑެތި އެއްޗެއްސަށް މަގުމަތީގެ އެއްވެސް ގަވާއިދަކަށް އިޙްތިރާމް ނުކުރުމުގެ ސަބަބުން އަގު ނުކުރެވޭވަރުގެ ގެއްލުންތައް ލިބެއެވެ. މިހާރުގެ ޒުވާނުންނަށް ސައިކަލަކަށް އެރިއްޖެނަމަ ބޭނުންވަނީ އަޑަށް ވުރެ ބާރަށް ދަތުރުކުރާށެވެ. މަގުމަތީގައި ދުއްވުމަށް ވުރެ ބޮޑަށް ”އުދުހިފައި“ ދިއުމަށެވެ. ނަތީޖާއަކަށް ވަނީ އަމިއްލަމީހާއަށް ބޮޑެތި ގެއްލުންލިބި ކުށެއްނެތް އެތަކެއް މައުސޫމު ބަޔަކަށް މިފަދަ ކަންކަމުން ނިކަމެތިކަން ލިބުމެވެ. އެތައް ދުވަހަކަށް ނޫންނަމަ ދާއިމީ ނުކުޅެދުމަށް މީހާ ވައްޓާލުމެވެ. ހިތާމައިގެ ކޮޅެއް ވެސް ނެތެވެ. ސްކޫލުގައި މަގުމަތީގެ އަދަބުތައް ކިޔަވައިދިންނަމަވެސް އެއީ ހަމައެކަނި ކަޅާއިހުދުން ލިޔެވިފައިވާ އެއްޗެއްކަން ސާބިތުވެއެވެ. އެއިން މަންފާކުރީ މަދުބަޔަކަށް ވާނަމަ ޙަޤީޤަތުގައި އެއީ އެ ފިލާވަޅުތަކުގެ އެންމެ އެދެވޭ އަސަރު މުޖުތަމަޢުއަށް ކުރުމެކޭ ނުބުނެވޭނެއެވެ.

މިހެން ލިސްޓުގައި ލިޔެ އިތުރުކުރާނަމަ މަގުމަތީގެ އެތައް ބައިވަރު ކަންކަމެއް ނާޖާއިޒު ގޮތުގައި ހިފާ މީހުން އުޅެތެވެ. މަގުތައް އަމާންކުރުމަށް އެތައް ޤާނޫނަކާއި ގަވާއިދެއް ހެދި ތަންފީޒުކުރަމުން ދިޔަނަމަވެސް ދަންނަވަން ޖެހޭ ޙަޤީޤަތަކީ އެކަމުން އެންމެ އެކަށީގެންވާ ގޮތުގައި އަޅަންޖެހޭ ފިޔަވަޅުތައް ކަމާބެހޭ ފަރާތްތަކަށް ނޭޅޭކަމެވެ.

ރެއެއް ދުވާލެއްނެތި ދަންވަރެއް އެހެން ވަގުތެއް ބެލުމެއްނެތި މަގުމަތީގައި ބަރުގޮނު އެޅުމާއި ސައިކަލް މައްޗަށް ކޮޅަށްއަރައި ހަޑިހުތުރު ބަހުން މުޢާމަލާތް ކުރުމަކީ އާންމުކަމަކަށްވެ، މިކަމާ ވިސްނަންޖެހޭ ކަމަކަށްވެއްޖެ ނޫން ހެއްޔެވެ؟ އަޚްލާޤީ ރީތި ސިފަތައް ނެތް ތަނެއްނަމަ، އެބަޔަކު އެއުޅެވެނީ ”ގޮނޑެއްގައި“ ނޫންހެއްޔެވެ! މުޅި މުޖުތަމަޢުގެ ސަލާމަތާއި ރައްކާތެރިކަން ގުޅިފައިވަނީ  މަގުމަތީގެ އަދަބުތަކާއެވެ. އަދި ދަރިންގެ ކިބައިގައި ރީތި އާދަތައް ހަރުލައްވަން އަދިވެސް ވިސްނަން ނުވަނީތޯއެވެ.

މުޖުތަމަޢު ސަލާމަތުގެ އައްސޭރިއަށް ގެންދިއުމަށް މަސައްކަތްކުރަން ވީނުންތޯއެވެ؟ ޅަދަރިންނަށް ރަނގަޅު ދަރުސްތަކެއް ދޭންވީނުންތޯއެވެ. މަގުމަތީގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަމަށް އަދަށްވުރެ މާދަމާ ހަދައިގެން ރަނގަޅު ސަލާމަތްތެރި ގޮތަކަށް ގަވާއިދުތައް ތަންފީޒުކުރަން ވެއްޖެއެވެ. އަހަރެއްގެ މައްޗަށް އެކިއެކި އެކްސިޑެންޓްތަކުގައި މަރުވާ މީހުންގެ ނިސްބަތް އެތައް ގުނައެއް މައްޗަށް ދާއިރު އަދިވެސް އަޅުގަނޑުމެން ދިވެހިން ހޭއަރާކަށް ނުވޭތޯއެވެ؟ މިއިން ކޮންމެ އެކްސިޑެންޓެއްގައި ކޮންމެވެސް ބައެއްގެ އިހުމާލު އޮންނާނެ ނޫންހެއްޔެވެ! ނަމަވެސް ކުށްވެރިކުރަންވީ ހެދިފައިވާ ޤާނޫނުތަކާއި ގަވާއިދުތައް ހެއްޔެވެ؟

ޝެއަރކުރެއްވުމަށް