މި ޤައުމަށް ޓަކައި ދިވެހި ސިފައިން ވެފައިވާ ވަރުގެ ޤުރުބާނީއެއްވީ ބަޔަކު މި ޤައުމަކު ނެތެވެ. ޤުރުބާންވުމަކީ ހަށިގަނޑާއި މުދަލާއި ފުރާނައިން ހޭދަކުރުމެވެ. ހަށިގަނޑާއި މުދަލާއި ފުރާނައިން ޤުރުބާންވެވޭ އިރު އޭގެ އެންމެމަތިވެރި ދަރަޖައަކީ ފުރާނައިން ވެވޭ ޤުރުބާނީއެވެ. ދީނާއި ޤައުމަށް ޓަކައި ވެވޭ ފިދާއެވެ. ފުރާނައަކީ މާތްﷲ އެކަލާނގެ އަޅުތަކުންނަށް ދެއްވާފައިވާ އެންމެ ޚާއްޞަ ނިޢުމަތެވެ. އެ ނިޢުމަތް އެއްވެސް އަމިއްލަ އެދުމެއްނެތި ދީނާއި ޤައުމަށް ޓަކައި ޤުރުބާންކޮށްލާ މީހާއަށް ވުރެ ހިތްވަރުގަދަ، ޢަޒުމް ވަރުގަދަ އަދި ޤައުމުދެކެ ލޯބިވާ މީހަކީ ކާކު ހެއްޔެވެ؟ ދިވެހި ސިފައިންނަކީ ދިވެހި ދައުލަތް، ދުޝްމިނުންނާއި ބަޣާވާތްތެރިންގެ ކިބައިން ސަލާމަތްކުރުމުގައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ޖެހިއްޖެ ހާލަތެއްގައި ޤުރުބާންވުމަށް ކެރިހުރެ މާތްﷲ ގަންދީ ހުވާކޮށްގެން ތިބޭ ބައެކެވެ. ދިވެހި ސިފައިންގެ ޤުރުބާނީ ފެންނަން އޮތީ ހަމައެކަނި މި ހާލަތަކު ނޫނެވެ.

ދިވެހި ސިފައިންގެ ޤުރުބާނީގެ ބިންގަލަކީ ސިފައިންގެ އަޤީދާއާއި އަސްކަރީ އަޚްލާޤެވެ. ސިފައިންގެމީހާ ދައްކާ ހުރިހާ ވާހަކައަކާއި ކުރާކޮންމެ ޢަމަލެއް ވެސް ބިނާވެފައި އޮންނަނީ ދިވެހި ސިފައިންގެ ކޯޑް އޮފް އެތިކްސްގެ މައްޗަށާއި ކޯޑް އޮފް އެތިކްސްގެ އަޚްލާޤީ ވާޖިބުތަކުގެ މައްޗަށެވެ. އާންމު ރައްޔިތަކު ސިފައިންގެ މީހަކަށް ބަދަލުވެގެންދާ ހިސާބުން ކޮންމެ ސިފައިންގެ މީހަކީ ވެސް އަސްކަރީ ވަކިކަހަލަ އުސޫލުތަކެއް ހިފަހައްޓައި ދަމަހައްޓަންޖެހޭ މީހެކެވެ. އެއާޚިލާފުވާ ހިނދު ޢަމަލުކުރެވޭ އިދާރީ ގޮތްތަކަކާއި އަސްކަރީ ރިވެތި އަޚްލާޤުގެ މަތީގައި ކުރިއަށްދާ ސިފައިންގެ އަގުވަޒަންކުރެވޭނެ އަދި ކުރިއެރުން ލިބޭނެ ހަރުދަނާ ނިޒާމުތަކެއް އަސްކަރިއްޔާގައި ޒަމާނުއްސުރެ އޮވެއެވެ. ކޮންމެ ސިފައިންގެ މީހަކީ ވެސް ހަނގުރާމަވެރިއެއް ކަމާއި އޭނާގެ ވާޖިބާއި މަސްޢޫލިއްޔަތަކީ ކޮބައިކަން އަބަދުވެސް ހަނދާން ކޮށްދީ ތަޢުލީމާއި ތަމްރީނާއި ތަރުބިއްޔަތުގެ ތެރެއިން އޭނާގެ ޤާބިލިއްޔަތު ކުރިއެރުވެއެވެ. ސިފައިންގެމީހާ ޤުރުބާނީ އަކާ ހަމައަށް ދަނީ ޖިސްމާނީގޮތުންނާއި ނަފުސާނީ ގޮތުން ފުރާފުރިހަމަވެފައި ހުންނާތީއެވެ. އޭނާގެ އަމިއްލަ ނަފުސަށް އޭނާ ފުދޭތީއެވެ.
ތާރީޚަށް ބަލާއިރު 1892 ވަނަ އަހަރު ދިވެހި ސިފައިން އުފެދުނީންސުރެ ޤައުމީ ޚިދުމަތުގައި ސިފައިންނަކީ ނަމޫނާ ބައެކެވެ. ޤައުމަށް ދިމާވި ކޮންމެ ބޮޑު ކަމެއްގައި ސިފައިން ވެފައިވަނީ މަތިވެރި ޤުރުބާނީއެކެވެ. ހަށިގަނޑާއި ލެޔާއި ފުރާނައިންނެވެ. ފަހުގެ ތާރީޚަށް ބަލާއިރު 1988 ނޮވެންބަރު ތިންވަނަ ދުވަހަކީ ފާހަގަކޮށްލަންޖެހޭ ޚާއްޞަ ދުވަހެކެވެ. އެ ދުވަސް ސިފަ ކުރެވެނީ ދިވެހި ސިފައިންގެ ޤުރުބާނީގެ ދުވަހުގެ ގޮތުގައެވެ. ނަޞްރުގެ ދުވަހުގެ ޤައުމީ ބަޠަލު ޝަހީދު ކޯޕްރަލް ޙުސައިން އާދަމް، ޤައުމަށް ޓަކައި ވެވަޑައިގެންނެވި ޤުރުބާނީއަކީ ފުރާނަ ސަލާމަތްކުރެވެން އޮއްވައި ޤައުމަށް ޓަކައި ލެއިން ކުރެއްވި ހަދިޔާއެކެވެ. ފުރާނައިން ވެވަޑައިގެންނެވި ފިދާއެކެވެ. ބޭރުގެ ބައެއްގެ އަތްދަށަށް ޤައުމު ދިޔަ ނުދިނުމަށް އަދި ޤާނޫނީ ސަރުކާރު ދެމެހެއްޓުމަށް ދުޝްމަނުންގެ ކުރިމަތީގައި އެ ދެއްކެވި ހިތްވަރަކީ އެ ދުވަހު ދުޝްމަނުންގެ އެލިމެންޓް އޮފް ސަޕްރައިޒް ގެއްލުވާލައި ހަމަލާގެ ފުރަތަމަ ވަގުތުކޮޅުގައި އެ ދުޝްމަނުން މާޔޫސްކޮށްލި މައިގަނޑު ސަބަބެވެ. ދުރާލައި ރާވައިގެން ދިން ނުރައްކާތެރި ނިރުބަވެރި ހަމަލާ ދުޝްމަނުންނަށް ނާކާމިޔާބުވި ސަބަބެވެ. ހަމައެއާއެކު ދުޝްމަނުން ޖަހަމުންދިޔަ ވަޒަންތަކުގެ ކުރިމައްޗަށް ޖެހިލުމެއް ނެތި ސިފައިންގެއިން ނިކުތް ހިތްވަރުގަދަ ސިފައިންނަކީ ވެސް ޤުރުބާނީގައި ލާމަސީލު މިސާލުތަކެކެވެ. ސިފައިންގެ އެތެރޭގައި ދީނާއި ޤައުމަށް ޓަކައި ކެރިގެން ޖިހާދުކުރެއްވި މުޖާހިދުންނާއި އެ ދުވަހު މާލެ ތެރޭގައި ހަރަކާތްތެރިވި ސިފައިންގެ ތެރޭގައި ވެސް ޖެހިލުންކުޑަކަމާ އެކު އަމިއްލަ ފުރާނައަށް ބެލުމެއްނެތި ޤައުމަށް ޓަކައި އިސްނަންގަވައި އަގުހުރި ޚިދުމަތްތައް ކޮށްދެއްވި ޤައުމީ އަބްޠާލުންގެ ޚިދުމަތަކީ ޤައުމީ ނިސްބަތުގައި ވަރަށް މަތިވެރި ޤުރުބާނީތަކެކެވެ. އެ ޤުރުބާނީތަކަކީ މި ޤައުމު ދުވަހަކު ވެސް ހަނދާން ނައްތާލާނެ ކަންތައްތަކެއް ނޫނެވެ.

ދިވެހި އަސްކަރިއްޔާއަކީ އަސްކަރީ ދައުރުގެ އިތުރުން ވަރަށް މުހިންމު މަދަނީ ދައުރުތަކެއް އަދާކުރާ ދައުލަތުގެ ބާރެކެވެ. މިގޮތުން ކޯސްޓްގާޑުން ފޯރުކޮށްދޭ ބައެއް ޚިދުމަތްތަކާއި އަލިފާން ނިއްވުމުގެ ޚިދުމަތަކީ ފާހަގަކޮށްލަން ޖެހޭ މުހިންމު ޚިދުމަތްތަކެވެ. ކަނޑު ދަތުރުފަތުރުކުރުމުގައި ދިމާވާ ހިތާމަވެރި ހާދިސާތަކުން މީހުންގެ ފުރާނައާއި މުދާ ސަލާމަތްކޮށްދިނުމުގައި ސިފައިން ވެފައިވާ ޤުރުބާނީއަކީ ދިގު ތާރީޚެއް ލިބިފައިވާ މުހިންމު މަސައްކަތްތަކެކެވެ. މިގޮތުން 2014 ވަނަ އަހަރު ހިނގި އެނަމާ ބޯޓުގެ ކާރިސާއާއި، 2019 ވަނަ އަހަރު ހަނިމާދޫ ކައިރިއަށް ލޯންޗެއް ބަންޑުންޖަހާލި ހާދިސާއާ ގުޅިގެން ސިފައިން ކުރި މަސައްކަތްތަކުން ފެންނަނީ ވަރަށް މަތިވެރި ޤުރުބާނީއެކެވެ. ފަރުފަރަށް އޮޑިދޯނިފަހަރު އަރައިގެންނާއި، އޮޑިދޯނިފަހަރު އަޑިއަށް ގޮސްގެން މީހުންގެ ފުރާނަ ސަލާމަތްކުރުމަށާއި މުދާ ސަލާމަތްކޮށްދިނުމަށް ސިފައިން ހިންގާފައިވާ ގިނަގުނަ އޮޕަރޭޝަންތަކުން ފެންނަނީ ސިފައިންގެ މީހާގެ އަމިއްލަ ފުރާނައަށްވުރެ ބޮޑަށް އާންމު ރައްޔިތުންގެ ފުރާނައަށް އިސްކަންދީގެން ކޮށްފައިވާ އަގުހުރި ޚިދުމަތްތަކެވެ. އަލިފާނުގެ ހާދިސާތަކުން މީހުންގެ ފުރާނައާއި މުދާ ސަލާމަތްކުރުމުގައި ވެސް ސިފައިން ވަމުންދާ ޤުރުބާނީއަކީ ފާހަގަކޮށްލަން ޖެހޭ ޤުރުބާނީއެކެވެ. ރޯވެފައިވާ އަލިފާންގަނޑުގެ ތެރެއަށް ވަދެ، ވިހަދުމުގެ ތެރޭގައި ކަނު އަނދިރީގައި މީހުން ސަލާމަތްކުރުމުގެ ކާމިޔާބު އެތައް އޮޕަރޭޝަންތަކެއް ސިފައިން ހިންގާފައިވެއެވެ. މިއިން ކޮންމެ އޮޕަރޭޝަނަކުން ވެސް ފެންނަނީ ސިފައިންގެ ޖެހިލުން ކުޑަކަމާއި ހިތްވަރުގަދަކަމާއި ޤުރުބާންވުމުގައި ސިފައިންގެ މީހާގެ ފަސްނުޖެހޭނެ ކަމެވެ.

އިޖުތިމާޢީ ޚިދުމަތްތަކުގެ ތެރޭގައި ވެސް ސިފައިންގެ ޤުރުބާނީ ފާހަގަވެއެވެ. މިގޮތުން 1979 ވަނަ އަހަރު މާލޭ މަގުތައް ހެދުމަށް އަކިރި ހަދިޔާކުރުމަށް ސިފައިން ކުރި މަސައްކަތުގައި ބޭނުންކުރި ބަނޑެއް އަޑިއަށްދިޔަ ހާދިސާގައި ސިފައިންގެ ހަ ބޭފުޅަކު ވަނީ މި ދުނިޔެއާ އަލްވަދާޢު ވިދާޅުވެފައެވެ. މީގެއިތުރުން ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި އެންމެ ކުރީ ސަފުގައި ސިފައިން ކޮށްފައިވާ އަދި މިއަދު ވެސް ކުރަމުންދާ ޤައުމީ އަގުހުރި ޚިދުމަތްތައް ފާހަގަކުރެވެއެވެ. ކޮލެރާގެ ދުވަސްވަރާއި ޝިގެއްލާގެ ދުވަސްވަރުގެ އިތުރުން މާލެއަށް ބޮޑު ރާޅުއެރި ދުވަސްވަރުގައި ސިފައިން ކުރި ޚިދުމަތްތައް ތާރީޚުގައި ލިޔެވިފައިވަނީ ރަން އަކުރަކުންނެވެ. ސުނާމީ ކާރިސާއާއި، މާލެއަށް ކުރިމަތިވި ފެނުގެ ކާރިސާއަކީ ވެސް ސިފައިން އާއިލާއާ ދުރުގައި އެތައް ދުވަހަކު ޤައުމަށްޓަކައި ޤުރުބާންވި ދުވަސްވަރެކެވެ. 2019 ވަނަ އަހަރުގެ ޑިސެންބަރު މަހު ދުނިޔެއަށް ކުރިމަތިވި ކޮރޯނާ ވައިރަސްއިން ދިވެހި ރައްޔިތުން ސަލާމަތްކުރުމަށް ދިވެހި ދައުލަތުން ކުރި މަސައްކަތުގައި އެންމެ ކުރީ ސަފުގައި އެންމެ ގިނަ ދިމާތަކުގައި މަސައްކަތްކުރި ބަޔަކީ ދިވެހި ސިފައިންނެވެ. އެތައް ދުވަހަކު އާއިލާތަކާ ދުރުގައި ސިފައިން މަސައްކަތްކުރަން ޖެހުނެވެ. ކޮވިޑް-19 ގެ އޮޕަރޭޝަންގެ ތެރެއިން ސިފައިންގެ އެތައް ބަޔަކު އެ ނުރައްކާތެރި ބަލީގެ ޝިކާރައަކަށް ވެގެންދިޔައެވެ. ސިފައިންގެ ފަރާތުން އެ ބޭފުޅުންގެ ޢާއިލާތަކުގެ އެތައް ބަޔަކު އެ ބައްޔަށް ހުށަހެޅުނެވެ. އެކަމަކު ސިފައިންގެ ޢަޒުމަކަށް ވެފައި އޮތީ ބަލި ޖެހޭ މީހުން ވެސް ﷲގެ ވާގިފުޅާއެކު ބަލިން ޝިފާ ލިބުނުހާ އަވަހަކަށް އެނބުރި އައިސް އަނެއްކާ ވެސް ރައްޔިތުންގެ ޙައްޤުގައި ޚިދުމަތަށް ނިކުތުމެވެ. މިއީ ކޮންފަދަ މަތިވެރި ޤުރުބާނީއެއްތޯއެވެ؟

ދިވެހި ސިފައިންނަކީ ދައުލަތުން ހަވާލުކުރެއްވި ކޮންމެ މަސައްކަތެއް ވެސް އެއްވެސް ފަސްޖެހުމެއްނެތި ކުރަމުންދާ، ދީނާއި ޤައުމަށް ވަފާތެރި، ޤާނޫނަށް ތަބާވާ ބައެކެވެ. ދައުލަތަށް އޭރަކު ބޮޑުވާ ކޮންމެކަމެއްގައި ކޮނޑުއަޅައިގެން ސިފައިން ތެދުވަނީ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކުގައެވެ. ޤައުމުގައި ސިޔާސީ ގޮތުންނާއި އިޖުތިމާޢީ ގޮތުން އުފެދޭ ޚިޔާލު ތަފާތުވުންތަކާއި ދެބަސްވުންތައް ފުޅާވެ، ދެކޮޅުވެރިކަމަށް ބަދަލުވެގެން ދިޔަ ކޮންމެ ހާލަތެއްގައި ވެސް ފަސްނުޖެހި ސިފައިންވަނީ ޤައުމުގެ ޙައްޤުގައި ތެދުވެފައެވެ. ރައްޔިތުން ބޭނުންވާ ސިޔާސީ ބަދަލުތައް އޮމާންކަމާއެކު ގެނައުމުގައާއި ޒަމާނީ ޑިމޮކްރަސީ ރާއްޖެއަށް ތަޢާރަފުވެ ހިންގުމުގައި އަސްކަރިއްޔާގެ އިޚްލާޞްތެރިކަމާއި ވަފާތެރިކަން ނުހަނު މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ. ސިޔާސީ ލީޑަރޝިޕެއްގެ އިރުޝާދާއި މަގުދެއްކުމުގެ ތެރެއިން އަދި ސިޔާސީ ލީޑަރޝިޕުގެ ފުރިހަމަ ކޮންޓްރޯލް އަސްކަރިއްޔާގެ މައްޗަށް އޮވެގެން ދިވެހި އަސްކަރިއްޔާ ހިނގަމުން އައީ ސިފައިންނަކީ ވަފާތެރި އިޚްލާޞްތެރި ޕްރޮފެޝަނަލް ބައެއްކަމުގައި ވީތީއެވެ. ސިފައިންނާ ފުލުހުންނާއެކުގައި އޮތް ޒަމާނުގައި ދާޚިލީ ހަމަނުޖެހުންތަކާ އެންމެ ފުރަތަމަ ކުރިމަތިލައި އެކަންކަން ހަމަޖައްސަމުން ދިޔައީ ސިފައިންނެވެ. ސިފައިންނާއި ފުލުހުން ވަކިވެ ފުލުހުން މަދަނީ ޚިދުމަތަކަށް ވެގެންދިއުމުން ވެސް ފުލުހުންނަށް މަދަނީ ޚިދުމަތުގައި ޤާނޫނުގެ ތެރެއިން ސިފައިން ދެމުންދާ އެހީތެރިކަމަކީ ޤައުމީ ސަލާމަތަށް މުހިންމު ޚިދުމަތެކެވެ. ޤާނޫނު އަސާސީ ނަގަހައްޓައި ދެމެހެއްޓުމަށާއި ރައްޔިތުންގެ ސަލާމަތްތެރިކަން ކަށަވަރުކޮށް ދިނުމަށް ހިންގާފައިވާ މަދަނީ އޮޕަރޭޝަންތަކުން ވެސް ފެންނަނީ ސިފައިންގެ ޤުރުބާނީއެވެ.

ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލު ދެމި އޮންނާނީ އެ ޤައުމަކަށް ޓަކައި ޤުރުބާންވެ ފިދާވާން ކެރޭ ދަރިންތަކެއް ތިބެގެންނެވެ. ދިވެހިރާއްޖޭގެ މިނިވަންކަމުގެ ދިގު ތާރީޚުގައި ސިފައިން އުފެދުނު ފަހުން އެ ދައުރު އަދާކޮށްދީފައިވާ ބަޔަކީ ހިތްވަރުގަދަ ދިވެހި ސިފައިންނެވެ. ދިވެހިރާއްޖޭގެ ޤައުމީ ދިދަ މިނިވަންކަމާއެކު މިއަދު ވިހުރެމުން އެދަނީ ދިވެހި ސިފައިންގެ މަތިވެރި ޤުރުބާނީގެ ސަބަބުންނެވެ. އެއީ ފައިސާއަކުން، މުދަލަކުން، ޝުކުރަކުން އަގުކުރެވޭނެ ޤުރުބާނީއެއް ނޫނެވެ. އެބައެއްގެ ފުރާނަ މި ލޮބުވެތި ޤައުމާއި މާތްވެގެންވާ އިސްލާމްދީނުގެ ޙައްޤުގައި ފިދާކޮށް، ޤުރުބާން ކުރުމަށް މާތްﷲ ގަންދީ ހުވާކޮށްގެން ތިބި ބަޔަކު ދިވެހި ސިފައިން ފިޔަވައި ނެތެވެ. ދިވެހި ފަސްގަނޑަށް ލޭ އޮހޮރުވާލައި ސިފައިން އަބަދުވެސް ދެމިތިބޭނީ ސިފައިން ކޮށްފައިވާ މަތިވެރި ހުވާގެ މަތީގައިކަން ސިފައިން ވަނީ ސާބިތުކޮށްދީފައެވެ. މި ޤައުމުގައި މިއަދު އޮތް މިނިވަންކަމުގެ އަސްލަކީ ދިވެހި ސިފައިންގެ ޤުރުބާނީއެވެ. އެ ދުވަހަކު ވެސް އެކަމުގެ އަގު އަދާނުކުރެވޭނެ މަތިވެރި ޤުރުބާނީއެކެވެ.
