ދިވެހިރާއްޖެއަށް އެރި ”ސުނާމީ“ ކާރިސާއަކީ، ފަހުގެ ތާރީޚެއްގައި ހިނގި އެންމެ ނުރައްކާތެރި އެއް ޤުދުރަތީ ކާރިސާއެވެ. އެ ކާރިސާގައި ދިވެހިރާއްޖެ ހިމެނޭ ގޮތަށް އިންޑިއާ ކަނޑުގައިވާ ގިނަ ޤައުމުތަކަކަށް ވަރަށް ބޮޑަށް އަސަރުކުރިއެވެ.

2004 ޑިސެންބަރު 26 ވަނަ ދުވަހުގެ ހެނދުނު އިންޑޮނޭޝިއާގެ އުތުރު ސުމަޓްރާގެ ހުޅަނގު އައްސޭރީގައި ކަނޑުއަޑިން ރެކްޓަރ މިންގަނޑުން 9 އާއި 9.3 ގެ ބާރުމިނުގައި އުފެދުނު ބޮޑު ބިންހެލުން އައިތާ 3 ގަޑިއިރާއި 21 މިނިޓް ފަހުން، ސުނާމީ ރާޅުތައް ދިވެހިރާއްޖޭގެ ހިތްގައިމު ގޮނޑުދޮށްތަކަށް ބިންދާލީ އެ ރަށްތައް ފަނާކުރަމުންނެވެ. ރާއްޖޭގެ އެންމެ 6 ރަށް ފިޔަވައި ހުރިހާ ރަށަކަށް ރާޅުގެ އަސަރު ފޯރިއެވެ. އެ ކާރިސާގައި ދިވެހިރާއްޖެއިން 82 މީހަކު މަރުވިއެވެ. 26 މީހަކު ގެއްލުނެވެ. މީހުން ދިރިއުޅުނު ގޯތިގެދޮރާއި އެކިއެކި ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ލިބި ގާތްގަނޑަކަށް 8،162 މީހުން ގެދޮރު ނެތިގެން ދިޔައެވެ. އޭގެތެރެއިން ޖުމްލަ 3،997 ގެ މުޅިން ހަލާކުވެފައިވެއެވެ. ސުނާމީގެ ސަބަބުން ތިމާވެއްޓަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ދަނޑުބިންތައް ހަލާކުވެ، އެތައް ހާސް ރުއްގަސް ވެއްޓި، ކުނީގެ ފުނިފުނީގެ ގޮތުގައި ރަށްރަށުގެ އެކި ދިމަދިމާއަށް ޖަމާވިއެވެ. ދިވެހިރާއްޖޭގެ ބައެއް ފަރުތަކާއި ރަށްރަށުގެ ވެއްޓަށް ބޮޑެތި ބަދަލުތަކެއް އައެވެ.

ސުނާމީ ކާރިސާގައި މާލޭ އިންޓަރނޭޝަނަލް އެއަރޕޯޓަށް ރާޅު އަރައި ބޮޑެތި ގެއްލުންތަކެއް ކުރިމަތިވި.

ސުނާމީގެ ބޮޑު ރާޅު އަރައި ހިމޭންވީ އިރު، ރާއްޖޭގެ އެތައް ރަށެއް ފުނޑުފުނޑުވެ، އެތައް ބަޔަކު މަރުވެ، އެތައް ބަޔަކު ގެއްލިއްޖެއެވެ. ފުރަތަމަ ވަގުތުކޮޅުގައި ރަށްރަށުގެ ހާލަތު އެނގޭ ވަރެއް ނުވެއެވެ. ނަމަވެސް، ކުއްލިއަކަށް އެރި ލޮނުގަނޑު ރަށުތެރެއަށް ފައިބައިގެން ދިޔަ ގޮތުން ސުނާމީގެ ބާރު އެންމެންނަށް ވެސް އޮތީ ވަޒަންކުރެވިފައެވެ. އެހެނަސް، ޖަޒީރާ ރާއްޖޭގެ ރަށްތައް ވަކިވަކިން އޮތުމާއި، ރަށްތަކަށް އެރި ބާރުގަދަ ލޮނުގަނޑުގައި މުވާސަލާތީ ގުޅުމުގެ އާލާތްތައް ވެސް ހަލާކުވުމުން، ރަށްރަށުގެ ޚަބަރުދަބަރު ބެލޭނޭ ގޮތެއް ނުވިއެވެ.

އެހެންކަމުން، ރަށްރަށުގެ ހާލަތު ދެނެގަތުމަށް އުޅަނދުފަހަރުގައި ރަށްރަށަށް ގޮސް މަޢުލޫމާތު އެއްކުރުމަށް ނިންމަވައި، އެ ވަގުތުން ފެށިގެން ސިފައިންގެ މަރުކަޒުތައް ކުއްލި ޙާލަތަށް ގެންނަވައި ސިފައިން ހަރަކާތްތެރި ކުރުވާން ފެށްޓެވިއެވެ. ހަމައެހެންމެ، ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛް މައުމޫން ޢަބްދުލްޤައްޔޫމް، އެ ދުވަހުގެ ހެނދުނު 11:00 ގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ކުއްލި ބައްދަލުވުމެއްގައި ސުނާމީ ކާރިސާއާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އެޅުއްވުމަށް ވަޒީރުންގެ ކޮމެޓީއަކާއި ޓާސްކް ފޯހެއް އުފެއްދެވިއެވެ. ޓާސްކު ފޯސްގެ ޢަމަލީ މަސައްކަތް ފެށީ އެ ދުވަހުގެ މެންދުރު 1:00 ގައި އިސްކަންދަރު ސްކޫލުގައެވެ. އޭރު “ޤައުމީ ކާރިސާގެ ޙާލަތު ވަޒަންކުރުމާއި އެހީ ވިލަރެސްކުރާ މަރުކަޒު“ ޤާއިމުކޮށް، އެ ތަނުގައި ސިފައިން ދިޔައީ މަސައްކަތް ކުރަމުންނެވެ.

މި ކާރިސާގައި ރާއްޖޭގެ އެކިކަންކޮޅުތަކަށް ލިބުނު ގެއްލުންތައް އޮޅުންފިލުވައި ހޯދުމުގެ މަސައްކަތް ވަގުތުން ފެށިއެވެ. ރާއްޖޭގެ ގިނަ ރަށްތަކަކުން މުވާޞަލާތީ ޚިދުމަތް ކެނޑިފައިވާތީ، ރަށްރަށުގެ ހާލަތު ދެނެގަތުމަށާއި އެހީ ފޯރުކޮށްދިނުމަށް ސިފައިންގެ ކޯސްޓްގާޑުގެ އުޅަނދުފަހަރު ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރު ފެށިއެވެ.

ރިލީފް ސެންޓަރުތައް

ސުނާމީ ކާރިސާއާ ގުޅިގެން ބޯހިޔާވަހިކަން ގެއްލި ހާލުގައި ޖެހުނު މީހުންނަށް އަވަސް އެހީތެރިކަން ފޯރުކޮށްދޭން ޖެހުނެވެ. އެކަމަށް ޓަކައި، ހާލުގައި ޖެހުނު މާލެ ކައިރި ރަށްތަކުން މީހުން ބޭތިއްބުމަށް ރިލީފް ސެންޓަރުތައް ގާއިމްކޮށްފައިވަނީ މާލޭގެ ހަތަރު ސްކޫލެއްގައެވެ. އެ ތަންތަނުގައި ހާލުގައި ޖެހުނު މީހުންނާއި ކުޑަކުދިން ވަގުތީ ގޮތުން ތިބެވޭނެ ގޮތް ހަދައިދީ، އެ މީހުން ރައްކާތެރިކަމާ އެކު ބެލެހެއްޓުމުގެ މަސައްކަތް ކުރިއެވެ. ކާބޯތަކެއްޗާއި ފެނާއި އަންނައުނު ފޯރުކޮށްދިނުމުގެ އިތުރުން ސާފުތާހިރު ވެވޭނެ ގޮތާއި އެހެނިހެން އަސާސީ ބޭނުންތައް ފުއްދޭނެ ގޮތް ހޯދައިދިނެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ޚާއްޞަ އެހީތެރިކަމާއި އަޅާލުން ފޯރުކޮށްދިނުމުގެ އިތުރުން، އެންމެ ބޮޑަށް ނަފުސާނީ އަސަރުކުރި މީހުންނަށް ކައުންސެލިންގ ދިނުމާއި، ޞިއްޙީ ފަރުވާ ބޭނުންވާ ފަރާތްތަކަށް ފަރުވާ ލިބޭނެ މަގުތައް ހަމަޖައްސައިދިނެވެ.

ހާލުގައި ޖެހުނު މީހުން ބޭތިއްބުމަށް ގާއިމްކުރި ރިލީފް ސެންޓަރުތަކަށް އެހީގެ ގޮތުގައި ހަދިޔާކުރާ ކާބޯތަކެއްޗާއި އަންނައުނާއި އެހެނިހެން ތަކެތި ފޯރުކޮށްދިނުމުގައި ސިފައިންނާއި ވޮލަންޓިއަރުން ހަރަކާތްތެރިވަނީ.

މި މަސައްކަތުގައި ސިފައިންނާއި ފުލުހުންނާއި ސްކައުޓުންނާއި ގައިޑުންގެ އިތުރުން ހިލޭ ސާބަހަށް މަސައްކަތްކުރާ އާންމުންގެ ވަރަށް ގިނަ ބަޔަކު ވެސް ހަރަކާތްތެރިވިއެވެ.

ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ

ސުނާމީ ކާރިސާގައި ގެއްލުން ލިބުނު އާބާދީތަކަށް އަވަސް އެހީތެރިކަން ފޯރުކޮށްދީ ރިލީފް މަސައްކަތްތައް ކުރުމަށް ޓަކައި، 2004 ޑިސެންބަރު 30 ވަަނަ ދުވަހު ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރު (އެންޑީއެމްސީ)، ރައީސުލްޖުމްހޫރިއްޔާ އުފެއްދެވިއެވެ. މި ސެންޓަރުން، ރިލީފް އެހީ ބޭނުންވާ ފަރާތްތައް ކަނޑައަޅައި އެ ފަރާތްތަކަށް އެހީ ފޯރުކޮށްދެވޭނެ ނިޒާމެއް ރާވައި ހިންގުވައި ވިލަރެސްކުރުމުގެ މަސައްކަތް ކުރަމުން ދިޔަ އިރު، ސިފައިން މައިގަނޑު ގޮތެއްގައި ހަރަކާތްތެރިވީ އެންޑީއެމްސީގެ ތެރޭގައި ރިލީފް ސާމާނުގެ ދަތުރުފަތުރުގެ އިންތިޒާމު ހަމަޖެއްސުމުގެ ޒިންމާ އުފުލި ލޮޖިސްޓިކް ސަރވިސް ޑިޕާޓްމަންޓުގައެވެ.

އެގޮތުން، ހާލުގައި ޖެހިފައިވާ ސަރަހައްދުތަކަށް ރިލީފް ސާމާނު ފޮނުވުމަށް ޓަކައި ހަމަޖައްސަންޖެހޭ ދަތުރުފަތުރުގެ އިންތިޒާމު ހަމަޖެއްސުމާއި، ރާއްޖެއާއި ރާއްޖެއިން ބޭރު ޤައުމުތަކާއި، ބައިނަލްއަގުވާމީ ފަރާތްތަކުން ލިބުނު އެހީގެ ސާމާނު ކަމާބެހޭ ފަރާތުން ފޮނުވަން ކަނޑައަޅުއްވާ ތަންތަނަށް ފޮނުވުމުގައި ދޭންޖެހުނު އެހެނިހެން އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެއެވެ. އޭގެ ތެރޭގައި، ލިބޭ އެހީ މެނޭޖްކުރުމުގެ އިތުރުން ރާއްޖޭގެ ބާޒާރުން ގަންނަން ޖެހޭ ތަކެތި ހޯދައި ގަތުމުގެ މަސައްކަތް ހިމެނެއެވެ.

ރިކަވަރީ ޓީމުތައް

ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްރަށް ވީއެންމެ އަވަހަށް އާންމު ހާލަތަކަށް ގެނައުމަށް ޓަކައި، 2004 ޑިސެންބަރު 29 ވަނަ ދުވަހު ސިފައިންގެ ޓީމުތަކާއި ވޮލަންޓިއަރ ޖަމިއްޔާތަކުން ރަށްރަށަށް ފޮނުވަން ހަމަޖެއްސެވިއެވެ. އަދި، 2004 ޑިސެންބަރު 31 ވަނަ ދުވަހު، މަސައްކަތަށް ބޭނުންވާ ހިފާގެންގުޅޭ ސާމާނުތަކާ އެކު ސިފައިންގެ ޓީމުތަކުން ރަށްރަށަށް ފުރަން ފެށިއެވެ.

ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްރަށަށް ސިފައިން ގޮސް ވަރަށް ބުރަ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ.

ރަށްރަށަށް ގޮސް ސިފައިންގެ ޓީމުތަކުން ރަށުތެރޭގައި ޖަމާވެފައި ހުރި ކުނިތައް ސާފުކޮށް އާންމު ހާލަތަށް ގެނެސްދިނުމުގައި ރައްޔިތުންނަށް އެހީތެރިވެދިނެވެ. ސުނާމީގެ ބާރު ރާޅާއެކު ހަލާކުވި ރަށްރަށުގެ ނަރުދަމާ ނިޒާމު މަރާމާތުކޮށް ރަނގަޅު ކޮށްދިނެވެ. ރަށްރަށުގެ އެކި ސަރަހައްދުތަކަށް ލޮނުގެ އަސަރުކޮށް، ތަޣައްޔަރުވެފައި ހުރި ވަޅު ފަދަ ތަންތަން ސާފުކޮށް، ވަޅުތަކާއި ފެން ހެދޭ ތަންތަން ކްލޮރިނޭޓްކޮށްދިނެވެ. ގޭގެއާއި ގޯތިތައް ސާފުކޮށްދިނުމުގެ އިތުރުން، އެ ކާރިސާގައި ފާރުވެއްޓިފައިވާ ގެތަކުގެ ފުރާޅާއި ފާރުނަގައި ކޮޅަށްޖަހައި ދިނެވެ. ކާރިސާގެ ސަބަބުން ގޯތިގެދޮރު ހަލާކުވި ފަރާތަކަށް ދާއިމީ ހައްލުތަކެއް ހަމަޖެއްސެންދެން އެ މީހުން ދިރިއުޅޭނެ ވަގުތީހިޔާތަކެއް ގާއިމުކޮށްދިނުމުގެ މަސައްކަތް ކުރިއެވެ. މި ނޫނަސް ސިފައިން ދިޔަ ކޮންމެ ރަށެއްގައި ވެސް އެ ރަށްރަށުގެ ރައްޔިތުންނާ ގުޅިގެން ވަރަށް ބުރަ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފައެވެ.

ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްރަށަށް ސިފައިން ގޮސް ވަރަށް ބުރަ ގިނަ މަސައްކަތްތަކެއް ވަނީ ކޮށްފަ.

މި ޤައުމީ މުހިންމު މަސައްކަތް ސިފައިން ކުރިއަށް ގެންދިޔައީ މާލެއިން ގެންދިޔަ ރާޝަން ފަދަ ތައްޔާރީ ކާނާ ކައިގެން، އެ ރަށްރަށުގައި ޤާއިމުވެ ތިބެގެންނެވެ. ރެޔާއި ދުވާލު، ދިންހާ އަތްވާއި، ވެހުނުހާ ވާރެއާއި، އެރި ހިރަފުހުގެ ތެރޭގައި ސިފައިން މަސައްކަތްކޮށް، ރަށްރަށުގެ ވީރާނަވެފައިވާ ގޯތިތަކާއި މަގުތައް ސާފުކޮށްދިނެވެ. މާސިންގާ ކަނޑުގެ ބިޔަ ރާޅުތަކުގެ ތެރެއިންނާއި، ވަދެނުކުތުމަށް ދަތިއުނދަގޫ ފަޅުތަކާއި ފަރުތަކުގެ ތެރެއިން ދަތުރުކޮށް، ކާޑުގެ ބާވަތްތަކާއި، ކާބޯތަކެއްޗާއި، އަންނައުނާއި އަދި ބޯފެން ފޯރުކޮށްދިނެވެ. އޭގެއިތުރުން، މަރުވެ އޮޔާގޮސް ރަށްރަށަށް ލައްގަމުންދިޔަ ގަބުރުތައް ވަޅުލައިދީ، ނަފުސާނީ ގޮތުން އަސަރުކޮށްފައިވާ ރައްޔިތުންނަށް އޯގާތެރިކަމާއެކު އެހީތެރިވެދިނެވެ.

ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ރަށްރަށަށް ކާޑުގެ ބާވަތްތައް ފޮނުވުމުގައި ސިފައިން ހަރަކާތްތެރިވަނީ.

މި ބުރަ މަސައްކަތްތައް ސިފައިން ކުރަމުންދިޔަ އިރު، ދިވެހި ރައްޔިތުންގެ ކުދިބޮޑު އެންމެން، އެއްބައިވަންތަކަމާ އެކު ޢަމަލީގޮތުންނާއި ރޫޙީގޮތުން މި މުހިންމު ޤައުމީ މަސައްކަތުގައި ބައިވެރިވެ، ސިފައިންނަށް ހިތްވަރުދެމުން ދިޔައެވެ. މިގޮތުން، ސިފައިންގެ ސަފުތަކާ ގުޅި، ދިވެހިންގެ އެއްބައިވަންތަކަން ދައްކަމުންނެވެ.

ފޯވާޑް ކޯޑިނޭޝަން ސެންޓަރުތައް

ސުނާމީ ކާރިސާގައި ހާލުގައި ޖެހުުނު ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ފެށި އޮޕަރޭޝަންގައި، އެހީގެ ތަކެތި ހަމަހަމަ ގޮތެއްގައި ފޯރުކޮށްދިނުމަށާއި، އެންމެ ބޮޑަށް އަސަރުކުރި އާބާދީތަކުގެ ދިރިއުޅުން އާންމު ހާލަތަކަށް ގެނެސްދިނުމުގައި އެހީތެރިވެދިނުމަށް ރާއްޖެ 7 ސަރަހައްދަކަށް ބަހާލައި، 7 އަތޮޅެއްގައި ފޯވާޑް ކޯޑިނޭޝަން ސެންޓަރ (އެފްސީސީ) ސިފައިން ޤާއިމު ކުރިއެވެ.

2005 ޖަނަވަރީ 2 ވަނަ ދުވަހު، ފޯވާޑް ކޯޑިނޭޝަން ސެންޓަރު ފުރަތަމަ ޤާއިމުކުރީ 6 އަތޮޅެއްގައެވެ. އެއީ ހދ.ހަނިމާދޫއާއި، ރ.އުނގޫފާރާއި، މ.މުލަކާއި، ދ.ކުޑަހުވަދޫއާއި، ލ.ކައްދޫއާއި ގއ.ކާޑެއްދޫގައެވެ. ތ.ވޭމަންޑޫގައި ފޯވާޑް ކޯޑިނޭޝަން ސެންޓަރު ޤާއިމުކުރެވުނީ 2005 ޖަނަވަރީ 6 ވަނަ ދުވަހުއެވެ. އެފްސީސީތައް ޤާއިމުކުރި ރަށްރަށުގެ އިތުރުން އެ ސަރަހައްދަކަށް ކަނޑައެޅިފައިވާ އަތޮޅުތަކާއި ރަށްރަށަށް ސިފައިން ދަތުރުކޮށް ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެމުން ގެންދިޔައެވެ. މި އެފްސީސީތައް ޤާއިމުކޮށް ސިފައިން އެ ތަންތަނުގައި އުޅެމުން ދިޔައީ ވެސް އެންމެ އަސާސީ ބޭނުންތައް ވެސް ވަރަށް އާދައިގެ ގޮތަކަށް ހަމަޖައްސަމުންނެވެ.

ހާލުގައި ޖެހުނު ރަށްރަށަށް އެހީގެ ތަކެތި ފޮނުވުމުގައި ސިފައިން ހަރަކާތްތެރިވަނީ.

ސިފައިން ޤާއިމުވެ ތިބެގެން ހިންގަން ފެށި އެ މަރުކަޒުތަކުގެ ސަބަބުން، ސަރުކާރުގެ އިދާރާތަކާއި، ޖަމިއްޔާތަކާއި، ބައިނަލްއަގުވާމީ އެހީދޭ ފަރާތްތަކުގެ މެދުގައި ރޭވުންތެރިކަމާ އެކު މުޅި ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް އެހީ ފޯރުކޮށްދިނުމަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދިޔައެވެ. ކޮންމެ ސަރަހައްދެއްގައި މަރުކަޒީ ޕޮއިންޓެއް ޤާއިމުވެފައި ހުރުމުން، ލޮޖިސްޓިކްސް ބެލެހެއްޓުމަށް ވެސް އިތުރު ލުއެއް ލިބި، ވަގުތުން އެހީ ފޯރުކޮށްދިނުމާއި، ހާލުގައި ޖެހުނު މީހުން ދިރިއުޅުނު މުޖުތަމަޢުތަކުގެ ބޭނުންތައް މޮނިޓަރ ކުރުމަށް ފަސޭހަވެގެން ދިޔައެވެ. ތަފާތު ރޭންކުތަކުގެ ސިފައިން އެ ސަރަހައްދުތަކަށް ގޮސް ރައްޔިތުންނަށް ޚިދުމަތް ދޭން ފެށުމުން މަޑުމަޑުން ރައްޔިތުން އާންމު ދިރިއުޅުމުގެ ހާލަތަށް ބަދަލުވާން ފެށިއެވެ.

ފޯވާޑް ކޯޑިނޭޝަން ސެންޓަރުތައް ޤާއިމު ކުރެވުނު ރަށްރަށާއި އެ ރަށްރަށުގައި ޤާއިމު ކުރެވުނު ސެންޓަރުތަކުގެ ނަންބަރުތަކަކީ:-

  1. ފޯވާޑް ކޯޑިނޭޝަން ސެންޓަރ 1 – ހދ.ހަނިމާދޫގައި
  2. ފޯވާޑް ކޯޑިނޭޝަން ސެންޓަރ 2  – މ.މުލަކުގައި
  3. ފޯވާޑް ކޯޑިނޭޝަން ސެންޓަރ 3 – ދ.ކުޑަހުވަދޫގައި
  4. ފޯވާޑް ކޯޑިނޭޝަން ސެންޓަރ 4 – ތ.ވޭމަންޑޫގައި
  5. ފޯވާޑް ކޯޑިނޭޝަން ސެންޓަ  5 – ލ.ކައްދޫގައި
  6. ފޯވާޑް ކޯޑިނޭޝަން ސެންޓަރ 6 – ގއ.ކާޑެއްދޫގައި
  7. ފޯވާޑް ކޯޑިނޭޝަން ސެންޓަރ 7 – ރ.އުނގޫފާރުގައި

އާރާސްކުރި ޓީމްތައް

ސުނާމީ ކާރިސާގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ސިފައިން ދަތުރުކޮށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ފެށިއެވެ. އޭގެތެރޭގައި، އެ ކާރިސާގައި ގެދޮރު ގެއްލުނު އާއިލާތަކަށް ވަގުތީ ހިޔާތަކެއް ގާއިމް ކުރުމުގެ ގޮތުން ޓެންޓްތަކާއި ވަގުތީ ބޯހިޔާވަހިކަން ގާއިމްކޮށްދިނުމުގެ މަސައްކަތް ކޮށްފައިވެއެވެ.

ސުނާމީ ކާރިސާގައި ގެދޮރު ގެއްލުނު ފަރާތްތަކަށް ވަގުތީހިޔާ އިމާރާތް ކުރުމުގެ މަސައްކަތުގައި ސިފައިން ހަރަކާތްތެރިވަނީ.

މި މަސައްކަތުގެ އިތުރުން 2005 ޖަނަވަރީ 6 ވަނަ ދުވަހު އާރާސްތު ކުރުމާބެހޭ ސިފައިންގެ ޓީމުތަކެއް ރާއްޖޭގެ 13 ރަށެއްގައި ހަރަކާތްތެރިވާން ފެށިއެވެ. މި ޓީމުތަކުން ދާއިމީ ހިޔާވަހިކަން ލިބެންދެން ދިރިއުޅެވޭނެ ވަގުތީ ހިޔާތައް އަޅައިދިނުމުގެ މަސައްކަތްތައް ފެށިއެވެ. މިގޮތުން ދަގަނޑު ހޮޅިއާއި ޓިނާއި ލަކުޑިފިލާ ބޭނުންކޮށްގެން 600 އަށް ވުރެ ގިނަ ވަގުތީހިޔާ 30 އަށް ވުރެ ގިނަ ރަށުގައި ސިފައިން އަޅައިދިނެވެ. މީގެއިތުރުން ބައެއް ރަށްރަށުގައި ގޯތިގެދޮރު މަރާމާތު ކުރުމުގެ މަސައްކަތުގައި ވެސް ސިފައިން ހަރަކާތްތެރިވިއެވެ.

ސުނާމީގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްތަކަކީ ހއ. ފިއްލަދޫ، ރ.ކަނދޮޅުދޫ، މ.މަޑިފުށި، މ.މުލި، މ.ނާލަފުށި، މ.ކޮޅުފުށި، ދ.ރިނބުދޫ، ދ.ގެމެންދޫ، ތ. ވިލުފުށި، ތ.މަޑިފުށި، ލ.ކަޅައިދޫ، ލ.މުންޑޫ އަދި ލ.ދަނބިދޫއެވެ. މީގެތެރެއިން ވަޒަންވެރިވެގެން ދިއުޅެމުންދިޔަ ރަށް ދޫކޮށް އެހެން ރަށްރަށަށް ހިޖުރަކުރި މީހުންނަށް އެމީހުން ބަދަލުވި ރަށްރަށުގައި ދިރިއުޅެވޭނެ ގޮތްތައް ފަހިކޮށްދިނުމަށް ސިފައިން ވަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްފައެވެ. މިގޮތުން އެ ރަށްރަށުގައި ހެދި ވަގުތީ ހިޔާތަކުގެ އިތުރުން މިސްކިތާއި ކްލާސްރޫމު ފަދަ ތަންތަން އިމާރާތް ކޮށްދީފައިވެއެވެ.

ވައިގެމަގުން ހުޅުލެއަށް އަންނަ މުދާތައް ބެލެހެއްޓުން

ސުނާމީ ކާރިސާއާ ގުޅިގެން، ހެޔޮއެދޭ ޤައުމުތަކާއި ޖަމާޢަތްތަކުން ވައިގެމަގުން ރާއްޖެއަށް ފޮނުވަމުންދިޔަ އެހީގެ ސާމާނު ހުޅުލެއަށް ބާލައި މުދާތައް ގުދަނަށް ޖަމާކޮށް، އެމުދާ ޝޯޓުކޮށް، އެކި ސަރަހައްދުތަކަށް ފޮނުވަންޖެހޭ މުދާތައް ފޮނުވައި ގުދަންކުރަންޖެހޭ މުދާތައް ގުދަންކޮށް ރައްކާކުރުމުގެ މަސައްކަތް ކުރީ ސިފައިންނެވެ. މިގޮތުން ރާއްޖެތެރެއަށް ފޮނުވަންޖެހޭ މުދާ އޮޑިފަހަރަށް ބަރުކޮށް، ރައްކާތެރިކަމާއި އަމާނާތްތެރިކަމާއެކު އެ ފަރާތްތަކަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވެސް ކުރީ ސިފައިންނެވެ.

ރާއްޖޭގެ އަތޮޅުތަކަށް އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި އެކުވެރި ބޭރުގެ އަސްކަރިއްޔާތަކުން ފުރިހަމަ އެހީތެރިކަމެއް ފޯރުކޮށްދިން.

ވައިގެމަގުން ހުޅުލެއަށް އަންނަ މުދާތައް ގުދަންކުރުމާއި އޮޑިދޯނިފަހަރަށް ބަރުކޮށްދިނުމުގެ މަސައްކަތް ކުރަމުން ދަނިކޮށް ހިނގި އެކްސިޑެންޓެއްގައި 2005 ޖަނަވަރީ 11 ވަނަ ދުވަހު ލާންސް ކޯޕްރަލް އަޙްމަދު މުސްޠަފާ (ސނ:3329) ކަނާތުފައި ވަރަށް ބޮޑަށް ޒަޚަމުވިއެވެ. އެއަރޕޯޓް ތެރޭގައި މުދާ އުފުލަން ގެންގުޅުނު ދަގަނޑު ދެ ޓްރޮލީގެ ދޭތެރޭގައި ތާށިވުމުގެ ސަބަބުން އަޙްމަދު މުސްޠަފާގެ ކަނާތު ފައިގެ ކަކުލުހުޅުން ތިރި ޗިސްޗިސް ވިއެވެ. ސުނާމީ ކާރިސާއާ ގުޅިގެން ސިފައިން ހިންގި އޮޕަރޭޝަންގައި އެންމެ ބޮޑު އަނިޔާއެއް ލިބުނީ ލާންސް ކޯޕްރަލް އަޙްމަދު މުސްޠަފާއަށެވެ.

ފައިސާ ޙަވާލުކުރާ ޓީމުތަކުގައި ސިފައިން

ސުނާމީގައި ގެދޮރާއި ހިފާގެންގުޅޭ އަސާސީ ތަކެއްޗަށް ގެއްލުން ލިބުނު ފަރާތްތަކަށް ސަރުކާރުގެ ބަޖެޓުން ފައިސާގެ އެހީ ހަމަޖައްސަވައި އެހީ ދޫކުރައްވަން ފެށްޓެވީ 13 ޖަނަވަރީ 2005 ގައެވެ. ޙާލުގައި ޖެހުނު ފަރާތްތައް ތިން ގިންތިއަކަށް ބައްސަވައި، ރާއްޖޭގެ ކަންކޮޅުތަކަށް ފޮނުއްވި ފައިސާ ޙަވާލުކުރާ ޓީމުތަކުގައި ސިފައިން ހިމެނުއްވިއެވެ. މި ޓީމުތަކުގައި ފައިސާއާ ޙަވާލުވެގެން ފޮނުވީ ސިފައިންގެ ސާޖަންޓުން ފެށިގެން މަތީގެ އެންލިސްޓެޑް ސިފައިންނެވެ. މި ޓީމުތައް އަތޮޅުތަކަށް ގޮސް ސުނާމީގައި ލިބިފައިވާ ގެއްލުންތައް ބަލައި ފައިސާ ދިނުމަށް ކަނޑައެޅިފައިވާ ގިންތިތަކުގެ ތެރެއިން އެ މީހަކު ފެތޭ ގިންތިއަކަށް ޙަވާލު ކުރުމަށް ހަމަޖެހިފައިވާ މިންވަރަށް ފައިސާ ޙަވާލު ކުރަމުން ގެންދިޔައެވެ. މިގޮތުން ގެދޮރު މުޅިން ހަލާކުވެ އަސާސީ ބޭނުންތައް ނުފުއްދިފައިވާ ފަރާތްތަކަށް ދޫކުރީ 1500 ރުފިޔާއެވެ. ގެދޮރު މަރާމާތުކޮށްގެން ބޭނުން ކުރެވޭވަރުވޭ ނަމަވެސް އަސާސީ ބޭނުންތައް ނުފުއްދިފައިވާ ފަރާތްތަކަށް ދޫކުރީ 1000 ރުފިޔާއެވެ. ގެދޮރަށް ބޮޑެތި ގެއްލުންތަކެއް ނުލިބި، ނަމަވެސް ދިރިއުޅުމަށް ބޭނުންވާ އަސާސީ ތަކެތި ގެއްލި ނުވަތަ ޙަވާލުވެފައިވާ ފަރާތްތަކަށް ދޫކުރީ 500 ރުފިޔާއެވެ.

ހާލުގައި ޖެހުނު ފަރާތްތަކަށް ބެހުމަށް ރާއްޖޭގެ ކަންކޮޅުތަކަށް ފޮނުއްވި ފައިސާ ޙަވާލުކުރާ ޓީމުތަކުގައި، ފައިސާއާ ޙަވާލުވެގެން ފޮނުވީ ސިފައިންގެ ސާޖަންޓުން ފެށިގެން މަތީގެ އެންލިސްޓެޑް ސިފައިން.

އެހީތެރިވެދިން ބޭރުގެ އުޅަނދުތައް

ސުނާމީ ކާރިސާ ކުރިމަތިވުމުން ރާއްޖޭގެ ކަންކޮޅުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ހިންގި އޮޕަރޭޝަންގައި ބޭރުގެ އަސްކަރިއްޔާތަކުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިފައިވެއެވެ. 2004 ޑިސެންބަރު 26 ގައި ސުނާމީ ކާރިސާ ކުރިމަތިވިއިރު މާލޭގެ ބަނދަރުގައި ޕާކިސްތާނުގެ ދެ މަނަވަރެއް އޮތެވެ. އެއީ 2004 ޑިސެންބަރު 25 ވަނަ ދުވަހު ރާއްޖެއައި ޕީއެންއެސް ޠާރިޤާއި ޕީއެންއެސް ނަޞްރެވެ. ޕީއެންއެސް ޠާރިޤަކީ ”ފްރިގޭޓް“ މަނަވަރެކެވެ. މި މަނަމަވަރުގައި ހެލިކޮޕްޓަރު ހުއްޓެވެ. ކާރިސާގެ ފުރަތަމަ ވަގުތުން ފެށިގެން މި މަނަވަރާއި ވަނަވަރުގެ ހެލިކޮޕްޓަރުގެ އެހީތެރިކަން ދޭން ފެށިއެވެ. މި މަނަވަރުން އެހީތެރިކަން ފޯރުކޮށްދިން ރަށްރަށުގެ ތެރޭގައި މ.މެދުފުށްޓާއި، މ.ހަކުރާހުރާއާއި، ރ.އުނގޫފާރާއި، އެ އަތޮޅުގެ އިތުރު އެހެން ރަށްރަށް ވެސް ހިމެނެއެވެ. ޕީއެންއެސް ނަޞްރަކީ ޕާކިސްތާނުގެ ނޭވީގެ ”އޯގްޒިލަރީ“ މަނަވަރެކެވެ. މި މަނަވަރުގައި މުލަކު އަތޮޅަށާއި، ނިލަންދެ އަތޮޅު އުތުރުބުރިއާއި ދެކުނުބުރިއަށް އެހީގެ ތަކެތި ގެންގޮސްދިނެވެ. މީގެއިތުރުން ގެއްލިގައިވާ މީހުން ހޯދުމުގެ މަސައްކަތުގައި މި މަނަވަރު ހަރަކާތްތެރިވިއެވެ.

ސުނާމީ ކާރިސާއާ ގުޅިގެން ރާއްޖެއަށް އެހީތެރިވެދިން އިންޑިއާގެ މަނަވަރުތަކަކީ އައިއެންއެސް އުދޭގިރި، އައިއެންއެސް މައިސޫރު، އައިއެންއެސް އަދިތިޔާ، އިންޑިއަން ކޯސްޓްގާޑް ވިގްރަހަ އަދި އިންޑިއަން ކޯސްޓްގާޑް ސާގަރެވެ. އައިއެންއެސް އުދޭގިރިއާއި އައިއެންއެސް މައިސޫރަކީ ސުނާމީ ކާރިސާގެ ސަބަބުން ރާއްޖެއަށް ލިބުނު ގެއްލުންތަކާ ގުޅިގެން އިންޑިއާ ސަރުކާރުން ދެއްވި އެހީގެ ތަކެތި ހިފައިގެން އައި ދެ މަނަވަރެވެ. އައިއެންއެސް އުދޭގިރިއަކީ އިންޑިއަން ނޭވީގެ ގިރީ ކްލާސް ފްރިގޭޓެކެވެ. މި މަނަވަރު ރާއްޖެއައީ ޗީތަކް ހެލިކޮޕްޓަރަކާ އެކުގައެވެ. މީގެން ރ.އަތޮޅާއި، ބ.އަތޮޅާއި، މ.އަތޮޅާއި ގއ.އަތޮޅުގެ ރަށްތަކަށް އެހީގެ ތަކެތި ފޯރުކޮށްދިނެވެ. އަދި މި އަތޮޅުތަކުގައި ތިބި ބަލި މީހުންނަށް ފަރުވާދީ، ބައެއް ރަށްރަށުގެ އިންޖީނުގެތަކުގައި ހުރި އިންޖީނުތައް މަރާމާތު ކުރުމުގެ މަސައްކަތް ކޮށްދިނެވެ.

އައިއެންއެސް މައިސޫރަކީ އިންޑިއާ ނޭވީގެ ޑިސްޓްރޯޔާ އެކެވެ. މި މަނަވަރުގައި 2 ހެލިކޮޕްޓަރެއް ގެނައެވެ. މި މަނަވަރުން މ.އަތޮޅާއި ގދ.އަތޮޅުގެ ރަށްރަށަށް އެހީގެ ތަކެތި ގެންގޮސް ދިނެވެ. އަދި އެ ރަށްތަކުގައި ތިބި ބަލި މީހުންނަށް ޞިއްޙީ ފަރުވާ ދިނެވެ. އައިއެންއެސް އަދިތިޔާއަކީ ސުނާމީ ކާރިސާއާ ގުޅިގެން ރާއްޖޭގައި ހަރަކާތްތެރިވަމުންދިޔަ އިންޑިއަން ނޭވީގެ އައިއެންއެސް އުދޭގިރިއަށާއި އައިއެންއެސް މައިސޫރަށް ބޭނުންވާ ތެޔޮ ހިފައިގެން އައި މަނަވަރެކެވެ. އިންޑިއަން ނޭވީގެ ތިން ޝިޕެއްގެ އިތުރުން އިންޑިއަން ކޯސްޓްގާޑުގެ ދެ އުޅަނދެއް ވެސް ސުނާމީ ކާރިސާއާ ގުޅިގެން އެހީގެ ތަކެތި ހިފައިގެން ރާއްޖެއައިސް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރިއެވެ. އެއީ ދެ އޮފްޝޯ ޕެޓްރޯލް ވެސެލް ކަމުގައިވާ އައިސީޖީ ވިގްރަހައާއި އައިސީޖީ ސާގަރެވެ. މިއިން ކޮންމެ މަނަވަރަކުން ވެސް ހެލިކޮޕްޓަރެއް ގެނައެވެ. އައިސީޖީ ވިގްރަހުން މ.އަތޮޅާއި ފ.އަތޮޅާއި ދ.އަތޮޅާއި ތ.އަތޮޅާއި ލ.އަތޮޅުގެ ބައެއް ރައްތަކަށް އެހީގެ ތަކެތި ފޯރުކޮށްދިނެވެ. އައިއެސްޖީ ސާގަރުން ދ.އަތޮޅާއި ތ.އަތޮޅާއި ލ.އަތޮޅުގެ ބައެއް ރަށްތަކަށް އެހީގެ ތަކެތި ފޯރުކޮށްދިނެވެ.

ސުނާމީ ކާރިސާއާ ގުޅިގެން އިންޑިއަން އެއަރ ފޯސްގެ ”އެވްރޯ“ ފްލައިޓަކާއި އިންޑިއަން ކޯސްޓްގާޑުގެ ”ޑޯނިއާ“ ފްލައިޓެއް ރާއްޖެއައިސް ހަރަކާތްތެރިވިއެވެ. މި ދެ ފްލައިޓުން މައިގަނޑު ގޮތެއްގައި ކުރި މަސައްކަތަކީ ރާއްޖޭގެ އެތެރޭގެ ވައިގެ މަރުކަޒުތަކަށް ހުޅުލޭ އެއަރޕޯޓުން ތަކެތި އުފުލައިދިނުމުގެ މަސައްކަތެވެ.

ސުނާމީ ކާރިސާއާ ގުޅިގެން އަވަށްޓެރި ބަންގްލާދޭޝްގެ މަނަވަރެއް 40 ޓަނުގެ އެހީގެ ސާމާނާ އެކު ރާއްޖެއައެވެ. އެއީ އޯފްޝޯ ޕެޓްރޯލް ވެސަލެއް ކަމަށްވާ ބީއެންއެސް ސަންގެވެ. މި މަނަވަރުން ގެނައި ހެލިކޮޕްޓަރު ބޭނުންކޮށްގެން ދ.އަތޮޅާއި ތ.އަތޮޅާއި ލ.އަތޮޅަށް އެހީގެ ތަކެތި ފޯރުކޮށްދިނެވެ. އަދި މި ހެލިކޮޕްޓަރު ބޭނުންކޮށްގެން ވަރަށް ގިނަ ދަތުރުތަކެއް ސިފައިންގެ ބޭނުންތަކުގައި އަތޮޅުތަކަށް ކުރިއެވެ.

ޔޫއެންއެސް ބޮނިމޭންއާއި ޔޫއެންއެސް ލައުމްސްއަކީ ސުނާމީއާ ގުޅިގެން އެމެރިކާ ސަރުކާރުން ދެއްވި އެހީގެ ތަކެއްޗާއެކު މާލެއައި ދެ މަނަވަރެކެވެ. މި ދެ މަނަވަރުން ރާއްޖޭގެ ގިނަ ސަރަހައްދުތަކަށް އެހީގެ ތަކެތި ފޯރުކޮށް ދީފައި ވެއެވެ. އަދި ޚާއްޞަކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޭނުންވާ ބޯފެން ފޯރުކޮށްދިނުމަށް ޓަކައި ދެ މަނަވަރުގައި އޮތް އެހެން އިތުރުން ދެ އުޅަނދެއް ބޭނުންކޮށްގެން ލޮނުން ފެން އުފައްދައިގެން އެއްގަމަށް ފެން ފޯރުކޮށްދިނެވެ.

ފަރަންސޭސިވިލާތުގެ މަނަވަރު އެފްއެންއެސް ޑްޕްލެކްސްއަކީ ސުނާމީ ކާރިސާއާ ގުޅިގެން ފަރަންސޭސި ސަރުކާރުން ދެއްވި އެހީގެ ތަކެއްޗާ އެކުއައި މަނަވަރެކެވެ. މިއީ އެ ޤައުމުގެ އެންޓިސަބްމެރިން ވޯފެއާރ ފްރިގޭޓެކެވެ. މި މަނަވަރު ރާއްޖެއައީ ލިންކް ހެލިކޮޕްޓަރަކާ އެކުގައެވެ. މި އުޅަނދުގެ ފަރާތުން ހއ.އަތޮޅާއި ހދ.އަތޮޅާއި ށ.އަތޮޅާއި ނ.އަތޮޅާއި ރ.އަތޮޅާއި ބ.އަތޮޅާއި ލ.އަތޮޅާއި ގދ.އަތޮޅުގެ އެކި ރަށްރަށަށް އެހީގެ ތަކެތި ގެންގޮސްދިނެވެ. އަދި މި މަނަވަރުގެ ހެލިކޮޕްޓަރުން ކަނޑުގެ ސަރަހައްދު ބަލައި ގެއްލިފައިވާ މީހުން ހޯދުމުގެ މަސައްކަތް ކުރިއެވެ. މީގެއިތުރުން މި މަނަވަރު ދަތުރުކުރި ރަށްރަށުގައި ތިބި ބަލިމީހުންނަށް ބޭސްފަރުވާގެ އެހީތެރިކަން ފޯރުކޮށްދީ، ބައެއް ރަށްރަށުގެ އިންޖީނުގެއަށް ލިބިފައިވާ ގެއްލުންތައް މަރާމާތު ކުރުމަށް ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީފައި ވެއެވެ. 

ޝެއަރކުރެއްވުމަށް