ހާދަ ކިޔަމަންތެރިއެވެ. ދުވާލެއް ރޭގަނޑެއް، އަތްވެއް ވާރެއެއް ނެތެވެ. ވަރުބަލިކަމެއް ނެތެވެ. ޝަކުވާއެއް ނެތެވެ. ޝައުޤުވެރިކަމާ އެކީ އަރާމެއްނެތި ދިވެހި ރައްޔިތުންނަށް ޓަކައި މަސައްކަތް ކުރަމުން އެދަނީ ހިތްހެޔޮކަމާ އެކީގައެވެ. ހާދަ ހިތްވަރުގަދައެވެ. ސާބަހެވެ. ދަރިފުޅުމެންނަށް ހަމަ ސާބަހެވެ. މިއީ ފޯވަރޑް ކޯޑިނޭޝަން ސެންޓަރ (އެފްސީސީ) 2، މ. މުލަކުގައި މަސައްކަތްކުރި ދިވެހި ސިފައިންނާ މުޚާޠަބުކޮށް އެ ރަށުގެ ރައްޔިތުން ފާޅުކުރަމުން ގެންދިޔަ ޝުޢޫރެވެ. މިފަދަ އަޑުތަކަކީ އެފްސީސީތަކުގައި މަސައްކަތް ކުރި ކޮންމެ ސިފައިންގެ މީހެއްގެ ކަންފަތުގައި ވެސް ޖެހިފައިވާނެ އަދި ޖެހުމުންދާ އަޑުތަކެއްކަން ހަމަޔަޤީނެވެ. މިމަދު ބަސްކޮޅުތަކުން ދިވެހި ސިފައިން ޤައުމަށް ޓަކައި ކުރަމުން ގެންދާ މަސައްކަތްތައް ދިވެހި ރައްޔިތުން އެމީހުންގެ ހިތުގެ އެންމެ އަޑިން ބަލައިގެންފިކަން ޔަޤީނެވެ.
2004 ޑިސެންބަރު 26 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން އެކުލަވާލެއްވި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުގެ ފަރާތުން ހިންގަމުން ގެންދާ އޮޕަރޭޝަންގައި އެމްއެންޑީއެފްއާ ޙަވާލު ކުރައްވާފައިވަނީ ލޮޖިސްޓިކް އެންޑް ސަރވިސް ސަޕޯޓްގެ މަސައްކަތެވެ. މި މަސައްކަތް އެންމެ ފުރިހަމަ އަދާކުރުމަށް ޓަކައި ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ވަނީ 7 ފޯވަރޑް ކޯޑިނޭޝަން ސެންޓަރ ޤާއިމުކުރައްވާފައެވެ. މި ގޮތުން ހދ. ހަނިމާދޫގައި އެފްސީސީ 1 ޤާއިމް ކުރެވިފައިވަނީ، ހއ. ހދ. އަދި ށ. އަތޮޅުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ. މ. އަތޮޅުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެފްސީސީ 2 މ. މުލަކުގައި ޤާއިމް ކުރެވިފައިވާ އިރު، ދ. އަތޮޅުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެފްސީސީ 3 ޤާއިމް ކުރެވިފައިވަނީ ދ. ކުޑަހުވަދޫގައެވެ. ތ.އަތޮޅު ރައްޔިތުންނަށް ޓަކައި ތ.ވޭމަންޑޫގައި އެފްސީސީ 4، ލ.އަތޮޅު ރައްޔިތުންނަށް ޓަކައި ލ. ކައްދޫގައި އެފްސީސީ 5، ގއ. އަދި ގދ. އަތޮޅު ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެފްސީސީ 6 ގދ. ކާޑެއްދޫގައި ވަނީ ޤާއިމް ކުރެވިފައެވެ. މީގެ އިތުރުން ނ. ރ. އަދި ބ. އަތޮޅުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެފްސީސީ 7 ޤާއިމް ކުރެވިފައިވަނީ ރ. އުނގޫފާރުގައެވެ. 2005 ޖަނަވަރީ 1 އިން ފެށިގެން އެ ސެންޓަރުތަކުން ދިޔައީ ދިވެހި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށް ދެމުންނެވެ.
މި ސެންޓަރތަކުން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނިފައިވަނީ އެ ސެންޓަރެއްގެ ޒިންމާގެ ދަށުގައިވާ ސަރަޙައްދުގައި ތިބި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމާއި ސާފު ބޯފެން ރަށްތަކަށް ފޯރުކޮށްދިނުމާއި، ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން އެ އަތޮޅުތަކުގެ ރައްޔިތުންނަށް ފޮނުވާ ކާޑާއި އެހީގެ ތަކެތި ބެހުމާއި ސްޓޮކްކޮށް ބެލެހެއްޓުމެވެ. އަދި އެފްސީސީތަކަށް ފޮނުވާ ތަކެތި އަންލޯޑްކޮށް، ސްޓޮކް ކުރުމާއި ހަނޑޫ ހަކުރު ފުށުގެ ބަފަރ ސްޓޮކް މެއިންޓެއިން ކޮށް ބެލެހެއްޓުމެވެ. މީގެ އިތުރުން މި ސަރަޙައްދުގައި ރިލީފް މަސައްކަތްކުރާ ސިފައިންގެ ޙަރަކާތްތަކަށް ބޭނުންވާ ތަކެތި ފޯރުކޮށްދިނުމެވެ.
”މުދާ ހިފައިގެން އޮޑި އައިސް ޖެޓީއަށް ނުވަތަ ފާލަމަށް ބަނދަރުކުރުމުން އެ އޮޑިއަކުން ގެނައި މުދާތައް އެއްގަމަށް ބޭލުމަށްފަހު އެ ތަކެތި ހަމަތޯ ބަލައި ޗެކްކޮށް އައިޓަމްތައް ވަކިވަކިން މުދާ ބެހެއްޓުމަށް ހަމަޖެހިފައިވާ ގުދަނުގައި ޖަހަނީ. ފަޅުތެރެއަށް ނުވަދެވޭ ނުވަތަ ފާލަމާ ކައިރި ނުކުރެވޭ ބޮޑެތި ބޯޓުފަހަރާއި މަނަވަރުތަކުގައި ގެންނަ މުދާތައް ރަށަށް ބާލަނީ ދޯންޏެއްގައި އެ އުޅަނދުތައް ކައިރިއަށް ގޮސް މުދާތައް ދޯންޏަށް އަރުވައިގެން. ބިޔަ ރާޅުތަކުގެތެރޭ މި މަސައްކަތްތައް ކުރުންވީ ވަރަށް އުނދަގޫ ކަމަކަށް. ސެންޓަރަށް މުދާތައް ލިބުމާ އެކީ ބަލަނީ ހަމަޖެހިފައިވާ އުސޫލެއްގެ މަތީން ވީހާވެސް އަވަހަކަށް އެ އަތޮޅުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެ މުދާތައް ރައްދުކުރެވޭތޯ. މިގޮތުން ދޯންޏެއްގައި މުދާތައް ހިފައިގެން ރަށްރަށަށް ގޮސް އެ ރަށުގެ ކަތީބުންނާ އެތަކެތި ޙަވާލުކުރަނީ.“ އެފްސީސީ 2 (މ.މުލަކުގައި) ކޮމާންޑަރެއްގެ ގޮތުން އެންމެ ފުރަތަމަ މަސައްކަތް ކުރެއްވި ލެފްޓިނެންޓް ސައުދުﷲ ވަޙީދު ވިދާޅުވިއެވެ.
16 މީހުންގެ މައްޗަށް އެކުލެވިގެންވާ މި ޓީމުތަކުން މަސައްކަތް ކޮށްފައިވަނީ ވަރަށް ހީވާގިކަމާއި ހިތްވަރާއި ޖޯޝާ އެކުގައެވެ. މި މަސައްކަތަކީ ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި ސިފައިން ދިވެހި ރައްޔިތުންނަށް ކޮށްދެމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ވަރަށް މުހިއްމު އެއް މަސައްކަތެވެ. ދިވެހި ސިފައިންނަށް ޓަކައި މިއަދު ރާއްޖޭގެ ރައްޔިތުން ފަޚުރުވެރިވެއެވެ. މިއަދު ދިވެހި ސިފައިން ކުރަމުންދާ މަސައްކަތްތަކަށް ލިބެމުންދަނީ ހިތްވަރާއި ސާބަހުގެ ބަސްތަކެވެ. އޮހެމުންދަނީ ތަޢުރީފެވެ.
