ދުނިޔޭގައި އިންސާނަކަށް ލިބޭނެ އެންމެ ބޮޑު އެއް ހިތްދަތިކަމަށް ވާނީ އެމީހެއްގެ އަމިއްލަ ވަޒަނުން، އަމިއްލަ ގޯތިގެދޮރުން ނުކުންނަން ޖެހުމެވެ. ގެދޮރު ގެއްލި ރެފިއުޖީންގެ ގޮތުގައި އުޅެންޖެހުމެވެ. އުމުރު ދުވަހު ދާ އޮހޮރުވާގެން ކުރިމަސައްކަތުން ހޯދި ދިރިއުޅުން ކުޑަ ހިނދުކޮޅެއްގެ ތެރޭގައި ވެއްޔާ މޮޑެވުމެވެ. ފަލަސްތީނަށް ނުވަތަ އިތިއޯޕިއާއަށް ނުވަތަ އަފްޣާނިސްތާނަށް އުފަންވެފައިވާ ރައްޔިތަކަށް މި ތަޖުރިބާއަކީ އާކަމަކަށް ނުވާނެއެވެ. މި ހާލަތު މީގެކުރިން ތަޖުރިބާ ކޮށްފައިނުވާ މި “ދީވީން” ނުވަތަ ދިވެހިން އެ ހިތި ތަޖުރިބާ، 2004 ޑިސެންބަރު 26 ވަނަ ދުވަހު ވަނީ ކޮށްފައެވެ. އިންޑޮނޭޝިޔާގެ ސްމަަޓްރާ ރީޖަނަށް އައި ބާރުގަދަ ބިންހެލުމާ ގުޅިގެން އުފެދުނު ގަދަފަދަ ސުނާމީ ބޮޑުރާޅު ރާއްޖޭގެ މި ތިރި ޖަޒީރާ ރަށްތަކަށް އަރާ އެތައް ބައެއްގެ ދިރިއުޅުން ލޯމަރާލާފައި ލޯހުޅުވާލާހާ ކުޑަ ހިނދުކޮޅެއްގެ ތެރޭ ގެންދިޔަގޮތް ހިތަށްއަރުވާލުމުން …..ސުބްޙާނަﷲ، އެފަދަ ދުވަހެއް ދެން ނުދައްކަވާށި! އާމީން.

އެ ކާރިސާގެ ސަބަބުން ގެދޮރު ބިމާ ހަމަވެ އަމިއްލަ ރަށުން ނުކުންނަން މަޖުބޫރުވި ދިވެހިންނަށް ނަފުސާނީގޮތުން ލިބިފައިތިބި ގެއްލުމާއި ގެންފައިތިބި ބިރާއި އަނެކާގެ އެހީއަށް ބޭނުންވެފައިތިބި މިންވަރާއި އެ އަޚުންނާއި އުޚްތުންގެ ހިތަށް ކޮށްފައިވާ އަސަރު އެންމެ ރަނގަޅަށް ތަޖުރިބާކުރި އެއް ބަޔަކަށް ރިލީފް ސެންޓަރުތަކުގައި މަސައްކަތްކުރި ސިފައިން ވާނޭކަން ކަށަވަރެވެ. އެ ސެންޓަރުތަކުގައި ހިތާމައިގެ މޮޅި ސާލުލައިގެން ތިބި އެކަނިވެރިންނާއި ބަސްހުއްޓި ގަބުވެފައި ތިބި މީހުންނާއި ނިދިން މަޙުރޫމުވެ މާޔޫސްވެ ދުނިޔެމަތިން ފޫހިވެފައި ތިބި މީހުން އަޅުގަނޑު ވެސް ދުށީމެވެ. އެ ހާލަތަށް އެ އަޚުންނާއި އުޚްތުން ނުދާންވީ ސަބަބެއް ނެތެވެ. އޭގެތެރޭ ތިބީ ލޯބިވާ ދަރިފުޅު ސަލާމަތްކުރަންް އެ ބޮޑުރާޅުގެ ތެރޭ ހަނގުރާމަކޮށް ފަތަޙަ ނުލިބި ދަރިން ގެއްލިފައިތިބި މައިންނެވެ. އެ ރާޅުގެ ޝިކާރައަކަށް ފުރާނަހަދާފައި އޮއްވާ ފެނުނު ދަރިންގެ ބަފައިންނެވެ. ލޯބިވާ މައިންބަފައިންގެ ލޯބިން މުޅިއުމުރަށް މަޙްރޫމް ވެއްޖެކަން ޔަޤީންވެފައިވާ ތުއްތުކުދިންނެވެ. ލޯބިވާ ފިރިން ގެއްލި ހުުވަފަތްވެފައިވާ އަނބިންނެވެ. ލޯބިވާ އަނބިން ގެއްލި އެކަނިވެރި ވެފައިވާ ފިރިންނެވެ. އަތުގައި ހުރި މުދާ ގެއްލި ގެދޮރުގެ އުފަލުން މަޙުރޫމް ވެފައިތިބި ނިކަމެތިންނެވެ. އެފަދަ ހާލަތެއްގައި ތިބި ބަޔަކަށް ޚިދުމަތްކުރަން ބޭނުންވާނީ އޯގާތެރިކަމާއި ލޯތްބާއި ފުރިހަމަ އަޅާލުމާއި ހަމުދަރުދީއާއެކު ހެޔޮ ހިތަކުން ހެޔޮ ނިޔަތުގައި ޚިދުމަތް ކުރާނެ އަތްތަކެއްކަން ކަށަވަރެވެ. މިފަދަ އަތްތަކުން ކުރި އޯގާތެރި ޚިދުމަތް އެންމެ ކައިރިން ދުށް އެކަކަށް އަޅުގަނޑު ވާނެއެވެ.

ސިފައިންގެ ޚިދުމަތުގައި ރިލީފް ސެންޓަރުތަކަށް އެއްފަހަރަށް ވުރެ ގިނަ ފަހަރު ފޮޓޯނެގުމަށާއި ވީޑިއޯކުރަން ދިއުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނެވެ. ސިފައިން އެ އަޚުންނާއި އުޚުތުންނަށް އެ ކޮށްދިން ޚިދުމަތް ހާދަ ފުރިހަމަވެފައި ހާދަ ބަރާބަރެވެ. އެ ސެންޓަރުތަކުގައި ޚިދުމަތްކުރުމުގައި ހަރަކާތްތެރިވި ހަމަ ކޮންމެ މީހަކު ވެސް ހަރަކާތެރިވެފައިވަނީ އެތަނުގައި އެތިބީ އެމީހުންގެ މައިންބަފައިންކަމުގައި ދެކިގެންނެވެ. އެމީހުންގެ އަނބިދަރިން ކަމުގައި ދެކިގެންނެވެ. އެމީހުންގެ އެއްބަނޑުއެއްބަފާ ބައެއްގެ ގޮތުގައި ދެކިގެންނެވެ. އިސްވެ އެ ސެންޓަރުތަކުގައި ހަރަކާތްތެރިވި ސިފައިން ދެއްކި ރިވެތި ނަމޫނާގައި ހިފައިގެން ކެޑޭޓުންނާއި ސްކައުޓުންނާއި ގާލްގައިޑުންނާއި ސެންޓަރުތައް ގާއިމްކޮށްފައި ހުރި ސްކޫލްތަކުގެ ވެރިންނާއި ތަނުގެ މުވައްޒަފުންނާއި އަވަށްތަކުގެ ހަރަކާތްތެރި ކޮމެޓީތަކާއި “ޝީ” ފަދަ ޖަމުއިއްޔާތައް ހަރަކާތްތެރިވެފައިވާ ގޮތް އެއީ ދިވެހިންގެ އެއްބައިވަންތަކަމާއި ސިފައިންނާއި ރައްޔިތުންނާއި އޮތް ގުޅުން ފިސާރި ރަނގަޅަށް ސާބިތުކޮށްދިން ރީތި މިސާލެކެވެ.

އެމީހުންގެ ބޭސްފަރުވާއާއި ކެއިންބުއިމާއި ނިދުމާއި ފާޚާނާގެ ކަންތައްތައް އިންތިޒާމްކުރުމުގައި މަޖީދިއްޔާ ސްކޫލްގައި ގާއިމްކުރެވިފައި ހުރި ރިލީފް ކޭމްޕެކޭ، އަމީރުއަހުމަދު ކޭމްޕެކޭ، ކަލާފާނު ކޭމްޕެކޭ، ދަރުމަވަންތަ ރިލީފް ކޭމްޕެކޭ، ލ. ފޮނަދޫ ދަނާލުގައި ހުރި ލ. މުންޑޫ މީހުންގެ ކޭމްޕެކޭ އެއްވެސް ތަފާތެއް ނެތެވެ. އެ ތަންތަނުގައި އިސްކޮށް ތިއްބެވި އޮފިސަރުން ނުވަތަ މަތީ ރޭންކްތަކުގެ ބޭކަލުން ވެސް އެބޭކަލުންގެ ”ކޮނޑަށް“ ބެލުމެއްނެތި 24 ގަޑިއިރު ކަހަލަ ގޮތަކަށް އެ އަޚުންނާއި އުޚުތުންގެ ގާތުގައި ހާލުބެއްލެވުމާއި ކަންކަން ހިނގާނުހިނގާ ގޮތް ބެއްލެވުމުގައި ތިއްބެވިތަން އަޅުގަނޑު ދުށީމެވެ. އެ ސެންޓަރުތައް ނުވަތަ ކޭމްޕްތަކުގައި ސިފައިން ކުރި ޚިދުމަތް ލޮލުންފެނި އަތުން ހިފުމުގެ ނަސީބު ލިބިފައިވާ މީހަކަށް ނޫނީ އެ ވާހަކަ ހިތަށް ގެންނަން ވެސް ދަތިވާނެއެވެ.

ޝެއަރކުރެއްވުމަށް