2004 ވަނަ އަހަރުގެ ޑިސެންބަރު 26 ވަނަ ދުވަހަކީ ދިވެހި ތާރީޚު ދުށް އެންމެ ބިރުވެރި އެންމެ ނުރައްކާތެރި ޤުދުރަތީ މުސީބާތް ދިވެހިންނަށް ކުރިމަތިވި ދުވަހެވެ. އިންޑޮނޭޝިޔާގެ ސްމަޓްރާ ކައިރިއަށް އައި ބިންހެލުމަކާ ގުޅިގެން އުފެދުނު ސުނާމީއޭ ކިޔާ ވައްތަރުގެ ބޮޑުރާޅުގެ ސަބަބުން 82 މީހުން މަރުވެ 26 މީހުން ގެއްލި އެތައް ރަށަކުން މީހުން އެހެން ރަށްރަށަށް ބަދަލުވާން ޖެހުނެވެ. ގޯތިގެދޮރު ބިމާ ހަމަވެ، ރުއްގަސް ވެއްޓި ބައެއް ރަށްރަށަށް ގަލާއި ކުނިބުނި ފުނިތަކެއްގެ ސިފައިގައި ފެނިގެން ދިޔައިރު، 8162 މީހުން ގޯތި ގެދޮރުނެތި ހާލުގައި ޖެހުނެވެ. އަދި 3997 ގޯތި ގެދޮރު މުޅިން ހަލާކުވެފައިވެއެވެ.

ދިވެހިރާއްޖެއަށް ދިމާވާ ބޭރާއި އެތެރޭގެ ޢުދުވާނީ ހަމަލާއަކުން ޤައުމާއި ރައްޔިތުން ސަލާމަތްކޮށްދިނުމުގެ މަތިވެރި އަޒުމުގައި ކަމަރު ބަދެގެން ތިބޭ ހިތްވަރުގަދަ، ކެރޭ، މުރާލި ސިފައިން މި ޤައުމަށް ދިމާވި މި ޤުދުރަތީ މުސީބާތުން ދިވެހި ރައްޔިތުން ސަލާމަތްކޮށްދެވޭތޯ ނިކުތީ ޤައުމީ ރޫޙުގެ ލާމަސީލު ނަމޫނާއެއް ދައްކައިދެމުންނެވެ. ސުނާމީ ކާރިސާއާ ގުޅިގެން ދިވެހި ސިފައިން ޤައުމީ ޚިދުމަތުގައި ވަމުންދިޔަ އަދި މިހާރު ވެސް ވަމުންދާ މަތިވެރި ޤުރުބާނީއަށް ތަޢުރީފާއި ޝުކުރު ޙައްގެވެ. ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން އެކަންވަނީ ފާހަގަވެސް ކޮށްފައެވެ.

އެއްވެސް އިންޒާރެއްނެތި، ކުއްލިއަކަށް ކުރިމަތިވި މި ނުރައްކާތެރި ކާރިސާއާ ގުޅިގެން އެންމެ އަވަހަށް ޚިދުމަތަށް ނިކުމެފައިވަނީ ވެސް ސިފައިންނެވެ. މާލެއާއި އަތޮޅުތަކުގައި ޙަރަކާތްތެރިވަމުންދިޔަ ސިފައިންގެ ފައުޖުތައް އެ ދުވަހު މަސައްކަތްކުރި ކިޔަމަންތެރި އަދި އިޚްލާސްތެރި ގޮތަކީ ޤައުމީ ޖޯޝާއި ޤައުމީ ލޯބީގެ ލާމަސީލު މިސާލެކެވެ. ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ރަށްރަށަށް ނިސްބަތްވާ ބޭކަލުންނާއި މި ކާރިސާގައި ނިޔާވި އާއިލާތަކުގެ މެންބަރުން ވެސް ސިފައިންގެ ސަފުތަކުގެ ތެރޭގައި ހިމެނުނެވެ. އެހެން ނަމަވެސް އެ އިޙްސާސްތައް އެދުވަހު އެ ބޭކަލުންގެ ހިތްތަކުގައި ޤައުމީ ރޫޙުގެ ކުރިއަކަށް ނެރެފަައެއް ނުވެއެވެ. ޤައުމީ ވާޖިބު އަދާކުރުމުގެ ޖޯޝަށް މަޑުޖެހުމެއް ގެނުވި ކަމަށް ނުވިއެވެ. މިއީ މި ކާރިސާއާ ގުޅިގެން ރާއްޖެއަށް ޒިޔާރަތް ކުރެއްވި ބޭރު ޤައުމުތަކުގެ ސިފައިން ވެސް ފާހަގަކުރި ވަރަށް މުހިންމު ނުކުތާއެކެވެ. ސުނާމީ ކާރިސާއާ ގުޅިގެން މީހުންގެ ފުރާނައާއި މުދާ ސަލާމަތް ކޮށްދިނުމުގައި ޙަރަކާތްތެރިވުމުގެ އިތުރުން އެ ކާރިސާގައި ގެއްލުނު މީހުން ހޯދުމުގެ މަސައްކަތް ވެސް ހުއްޓުމެއްނެތި ސިފައިން ދިޔައީ ކުރަމުންނެވެ.

މީގެ އިތުރުން އެހީގެ ތަކެތި ފޯރުކޮށްދިނުމާއި ރަށްރަށް ސާފުކުރުމާއި ރިލީފް ސެންޓަރުތައް ވެސް އެންމެ ފުރަތަމަ ހިންގީ ސިފައިންނެވެ. މި ކަންތައްތައް ކުރި ފުރިހަމަކަމާއި އަދި އަވަސްކަމާއި މި ކަންކަމުގައި ހަރަކާތްތެރިވި ސިފައިންގެ އޯގާތެރިކަމުގެ ވާހަކަ މިއަދު ރާއްޖޭގެ ދިވެހި އަޚުންނާއި އުޚުތުން އެދަނީ އެކިކަންކޮޅުތަކުގައި ދައްކަމުންނެވެ. ޝުކުރުވެރިކަމާ އެކުގައެވެ.

ސުނާމީ ކާރިސާ ކުރިމަތިވުމާ އެކު މުޅި ރާއްޖޭން ކަހަލަ ގޮތަކަށް މުވާސަލާތީ ޚިދުމަތް ވަގުތުން މެދުކެނޑިގެން ދިޔައެވެ. މިކަމާ ގުޅިގެން ސުނާމީގައި ގެއްލުން ލިބުނީ ކޮން ރަށްރަށަށް ކަމާއި ހާލުގައި ޖެހިފައިވަނީ ކޮން ރަށްރަށެއްގެ ރައްޔިތުންނެއްކަން ދެނެގަތުމުގެ މައްސަލަ ކުރިމަތިވުމުން އެމްއެންޑީއެފް ކޯސްޓްގާޑްގެ އުޅަނދުފަހަރުގައި ރާއްޖޭގެ އުތުރާއި ދެކުނަށް ދަތުރުކޮށް ރައްޔިތުންގެ ހާލުބަލައި، އެހީ ފޯރުކޮށްދީ، މާލެއަށް ޚަބަރު ފޮނުވަން ފެށިއެވެ. ސުނާމީ ކާރިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން އަބްދުލްޤައްޔޫމް ވަގުތުން އެކުލަވާލި ޓާސްކްފޯހާ ގުޅިގެން ސިފައިން ދިޔައީ މަސައްކަތް ކުރަމުންނެވެ.

ސުނާމީ އެރުމާ އެކު ސިފައިން ތައްޔާރީ ހާލަތަށް ގެނެވުނެވެ. މާލެއާއި އަތޮޅުތަކުގައި ތިބި ސިފައިން ޤައުމީ ޚިދުމަތުގެ އެންމެ ކުރީ ސަފަށް ވަގުތުން ނުކުތެވެ. މިކަމަކީ ޤައުމީ ވާޖިބެއްކަމަށް ދެކި ރަސްމީ ސިފައެއްގައި މުޅި އޮޕަރޭޝަންގެ އެންމެ މުހިއްމު އަދި އެންމެ ބުރަ ޒިންމާތައް ސިފައިން އުފުލަން ފެށިއެވެ. ސިފައިންގެ މި އިސްނެގުމުގެ ނަތީޖާއަކަށްވީ ކުރިން މާބޮޑު ރޭވުންތެރިކަމެއް ނެތި ކުރެވެމުންދިޔަ ކަންތައްތައް ހަމައަކަށްއެޅި ޚިދުމަތް ފޯރުކޮށްދިނުމުގައި ހީވެސް ނުކުރާފަދަ ހަލުވި ކަމެއް އައުމެވެ.

މުޅިރާއްޖެއަށް އެހީގެ ތަކެތި ފޯރުކޮށްދިނުމުގައި ސިފައިން ވަނީ ސަރަޙައްދީ އިދާރާތަކެއް ޤާއިމު ކޮށްފައެވެ. އެއީ ހދ.ހަނިމާދޫއާއި، މ.މުލަކާއި، ދ.ކުޑަހުވަދޫއާއި، ތ.ވޭމަންޑޫއާއި، ލ.ކައްދޫ އަދި ގދ.ކާޑެއްދޫގައި ސިފައިން ޤާއިމްކުރި ފޯވަރޑް ކޯޑިނޭޝަން ސެންޓަރުތަކެވެ. މި ސެންޓަރުތައް ޤާއިމްކުރެވުމުން ސީދާ މާލެއިން ރަށްރަށަށް ތަކެތި ފޮނުވާ ފޯރުކޮށްދިނުމުގައި ދިމާވަމުންދިޔަ ދަތިތައް ވަރަށް ބޮޑަށް ހައްލުވެގެން ދިޔައެވެ.

ސުނާމީ ކާރިސާގައި ފުނޑުފުނޑުވެފައިވާ ރަށްރަށް ސާފުކޮށްދީ އެ ރަށްރަށުގެ ރައްޔިތުން ޢާންމު ހާލަތަށް ގެނެސްދީ، ދިރިއުޅުމުގެ މަސައްކަތާއިގެން ކުރިއަށް ދިއުމަށް ހިތްވަރުދީ ހެދުމުގައި، މި ކާރިސާގައި އެންމެ ބޮޑަށް ގެއްލުން ލިބުނު ހުރިހާ ރަށެއްގައި ސިފައިން ވަނީ ޙަރަކާތްތެރިވެފައެވެ. ސިފައިން އެ ރަށްރަށުގައި ކޮށްފައިވާ ބުރަ މަސައްކަތަކީ ސިފައިންގެ ހިތްވަރާއި އަޒުމް ދައްކައިދިން ކަމެެވެ. ރެއާއި ދުވާލު މެދުކެނޑުމެއް ނެތި ދިވެހި ސިފައިން ޤައުމީ ޖޯޝާއި ޤައުމީ ރޫޙުގައި ކުރަމުންދިޔަ މަސައްކަތްތައް މަހަކަށް ވުރެ ދިގުދެމިގެން ދިޔައިރު ވެސް އެމީހުންގެ މޫނުމަތިން ވަރުބަލިކަމެއް، ފޫހިކަމެއް، ނުތަނަވަސް ކަމެއް ފެނިފައެއް ނުވެއެވެ. މިއީ ކޮންފަދަ ޤައުމީ ޤުރުބާނީއެއްތޯއެވެ؟

ސުނާމީ ކާރިސާއާ ގުޅިގެން ސިފައިން ހިންގި އޮޕަރޭޝަނަކީ ފަހަކަށް އައިސް ދިވެހި ސިފައިން ހިންގި އެންމެ ބޮޑު ރިލީފް އޮޕަރޭޝަނެވެ. މި އޮޕަރޭޝަން ހިންގުމުގައި ސަރުކާރުގެ އޮފީސްތަކާއި ކުންފުނިތަކުގެ މުވައްޒަފުންނާއި ޢާއްމުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ މީހުންނާއި ވިޔަފާރިވެރިންނާއި ކުލަބު ޖަމުޢިއްޔާތަކުން އެހީތެރިވެ ދެއްވާފައިވެއެވެ. އަދި ކެޑޭޓުންނާއި ސްކައުޓުންނާއި ގައިޑުން ވެސް ވަރަށް ފުރިހަމައަށް ބައިވެރިވެފައިވެއެވެ. މިކަމަށްޓަކައި މި ފަރާތްތަކަށް ދިވެހި ސިފައިން ޝުކުރު އަދާކުރެއެވެ. ސިފައިންނަކީ ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ނިކުތުމުގައި ފަސްޖެހޭނެ ބައެއް ނޫންކަމާއި ޤައުމީ ވާޖިބު އަދާކުރުމުގައި ކިތަންމެ ބޮޑު ބުރައެއް އުފުުލުމަށް ވެސް ނޫނެކޭ ނުބުނާނެ ބައެއްކަން ސިފައިން މިވަނީ ޢަމަލުން ސާބިތުކޮށްދީފައެވެ. ޤައުމަށް ދިމާވާ ކޮންމެ ބޮޑުކަމެއްގައި ޤައުމަށް ޚިދުމަތް ކުރުމުގައި އެންމެ ކުރީ ސަފުގައި ކެރިގެން މަސައްކަތްކުރަނީ ހިތްވަރު ގަދަ ދިވެހި ސިފައިންކަން މިއަދުމިވަނީ ދައްކައިދީފައެވެ. މިއީ ތާއަބަދުވެސް ސިފައިން މަސައްކަތްކުރަންޖެހޭނެ ގޮތުގެނަމޫނާއެވެ.

 

ޝެއަރކުރެއްވުމަށް