މިއަދަކީ އެޕްރީލް 21 ވަނަ ދުވަހެވެ. އާދެ، ސިފައިންގެ ދުވަހެވެ. އެ ޚިދުމަތަށް މިއަހަރު 128 އަހަރު ވީއެވެ. އެހެން އަހަރުތަކުގައި ސިފައިންގެ މަރުކަޒުތައް ހުންނަނީ ކުލަބޮކިތަކުން ޖަރީކޮށްފައެވެ. ޚާއްޞަ ރަސްމިއްޔާތުތަކާއި ސިފައިންގެ ހެވިކަން ދައްކާލުމުގެ ތަފާތު ކުޅިވަރުތައް އޮވެއެވެ. އެ ކުޅިވަރުތައް ބަލާލުމަށް އާންމު ރައްޔިތުން ވެސް ތިބެނީ ކެތްމަދުވެފައެވެ. އެހެން ނަމަވެސް ސިފައިންގެ ޚިދުމަތަށް 128 އަހަރު ފުރޭ، ސިފައިންގެ ދުވަސް މިފަހަރު މި ދިމާވީ، ދުނިޔެއަށް ކުރިމަތިވެފައިވާ އަދި އަޅުގަނޑުމެންގެ ދިވެހިރާއްޖެއަށް ކުރިމަތިވެގެން އުޅޭ ބޮޑު ”ކާރިސާގަނޑެއްގެ“ މެދަށެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 ބަލިމަޑުކަމުގެ ރާޅު މިވަނީ ރާއްޖޭގެ ފުރަ މާލެއަށް ވެސް ބިންދާލާފައެވެ. މި ޙައްސާސީ ދަނޑިވަޅުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެ ކުރީ ސަފުގައި މިތިބީ ސިފައިންނެވެ. ”އޮޕަރޭޝަން ކޮވިޑް-19“ ނަމުގައި ކުރިއަށް ގެންދާ ޚާއްޞަ އޮޕަރޭޝަންގައި ސިފައިން ހަރަކާތްތެރިވަމުންދަނީ ފޫހިކަމެއް އަދި ވަރުބަލިކަމެއް ނެތިއެވެ. ސިފައިންގެ އަހަރީ ދުވަހުގެ މުނާސަބަތުގައި އެހެން އަހަރުތަކުގައި ބާއްވާ ޚާއްޞަ ރަސްމިއްޔާތާއި ޚާއްޞަ ރޫޓު މާޗު މިއަހަރު ބަލާލުމުގެ ފުރުޞަތު ލިބޭނެ ކަމުގެ އުންމީދެއް ނެތެވެ. މާލެ ފުރަބަންދު ކުރުމާއެކު ރައްޔިތުން ތިބީ ގޭ ބަންދުގައެވެ. އެ ރައްޔިތުންނަށް ޚިދުމަތް ދިނުމަށް ސިފައިންގެ ލަޝްކަރު މި އޮތީ ރުކުރުވާލާފައެވެ.

ސިފައިންގެ ޤައުމީ މަސްޢޫލިއްޔަތަކީ ދިވެހި ޤައުމުގެ ދިފާޢެވެ. މި ދެންނެވި ބޮޑު މަސްޢޫލިއްޔަތުގެ އިތުރުން ވެސް ޤައުމީ މަސައްކަތްތައް ސިފައިން ކުރަމުންދާނޭ ކަމީ ޝައްކެއް އޮތްކަމެއް ނޫނެވެ. މިގޮތުން އިޖުތިމާޢީ ބޮޑެތި މަސައްކަތްތަކުގައި ސިފައިންގެ ޝާމިލުވުން އިންތިހާއަށް ބޮޑެވެ. ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަށް ކަންކަން ކުރުމުގައި ސިފައިން ދަނީ ލާމަސީލު މަސައްކަތްތަކެއް ކުރަމުންނެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީ ތަރައްޤީކުރުމުގެ މަސައްކަތުގައި އެމްއެންޑީއެފް މިލިޓަރީ އިންޖިނިއަރުން ހަރަކާތްތެރިވަނީ.

ކޮވިޑް-19 ގެ ބަލިމަޑުކަން މާލެއަށް ފެތުރިދާނެކަމަށްޓަކައި ސަރުކާރުން އަޅަމުންގެންދިޔަ ހަރުދަނާ ފިޔަވަޅުތަކަށް އެންމެ ބޮޑު އެހީތެރިކަމެއް ދެމުންދިޔައީ ސިފައިންނެވެ. ޤައުމަށް ދިމާވާ ކޮންމެ ބޮޑު ކަމެއްގައި، ސިފައިން ހަރަކާތްތެރިވަނީ ޤައުމީ ޖޯޝާއި ފޯރީގައެވެ. ކޮވިޑް-19 އާ ގުޅިގެން މާލެއާއި ރާއްޖެތެރޭގައި މި ބަލި ފެތުރި، ބަލި މީހުން އިތުރުވެދާނެކަމަށް ބަލައި، ފަރުވާ ދޭނެ ތަންތަން އިމާރާތް ކުރުމުގައި ސިފައިން ހަރަކާތްތެރިވަނީ އަވަދިނެތިއެވެ. ހުޅުމާލެ މެޑިކަލް ފެސިލިޓީ ނަމުގައި މިހާރު ތަރައްޤީ ކުރާ 300 އެނދުގެ ހޮސްޕިޓަލުގެ މަސައްކަތާ ސިފައިން ހަވާލުވިތާ އަދި މިވީ އެންމެ 18 ދުވަހެވެ. އެ މަސައްކަތުގެ 80 ޕަސަންޓް މަަސައްކަތް މިހާރު ވަނީ ނިމިފައެވެ. ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޚިދުމަތް ދެވޭ ވަރަށް ހުރިހާ މަސައްކަތްތަކެއް ނިންމާލެވޭނެކަމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް މިވަނީ ހާމަކުރައްވާފައެވެ.

ހުޅުމާލެ މެޑިކަލް ފެސިލިޓީގެ އިތުރުން ފަރުކޮޅުފުށީގައި ހުރި އިމާރާތްތަކުގައި ކޮވިޑް-19 އަށް ފަރުވާ ދިނުމަށްޓަކައި ހޮސްޕިޓަލެއް ތަރައްޤީ ކުރީ އެންމެ ތިން ދުވަހުންނެވެ. ރެޔާއިދުވާލު އެއްވެސް ވަރުބަލިކަމެއް ފޫހިކަމެއް ނެތި އެ މަސައްކަތްކުރީ ސިފައިންނެވެ. މިއީ ކުރު މުއްދަތުގެ ތެރޭގައި ސިފައިން ކޮށްފައިވާ ވަރަށް ބޮޑު މަސައްކަތެކެވެ. މިނޫނަސް އެކި ޙާލަތްތަކާ ގުޅޭގޮތުން ރައްޔިތުންނަށް ލުއިފަސޭހަކަން ލިއްބައިދިނުމަށާއި އެކި ކަންކަމުގައި މަގުފަހިކޮށްދިނުމަށްޓަކައި ސިފައިން ދަނީ އަބަދުވެސް ބޮޑެތި މަސައްކަތްތައް ކުރަމުންނެވެ. ރައްޔިތުންނަށްޓަކައެވެ. ޤައުމީ ވާޖިބެއްގެ ގޮތުގައެވެ. ފަރުދީ މަސައްކަތެއްގެ ގޮތުގައި ދެކިގެންނެވެ.

ކޮވިޑް-19 އަށް ފައްސިވެފައިވާ ގިނަ އަދަދެއްގެ ބަޔަކު މާލެއިން ފެންނަމުންދާއިރު އެމީހުން އައިސޮލޭޝަން ފެސިލީޓީތަކަށް ގެންދިއުމުގައި އެންމެ ކުރީ ސަފުގައި ސިފައިން ހަރަކާތްތެރިވެއެވެ. ފަރުވާއެއް ހޯދިފައި ނުވާ މި ބަލިމަޑުކަމުގެ ތެރޭގައި ސިފައިން ހަރަކާތްތެރިވަނީ އެއްވެސް ޖެހިލުމެއް ނެތިއެވެ. ސަލާމަތީ ގޮތުން ބޭނުންކުރަންޖެހޭ މާސްކާއި ޝޫޓު ލައިގެން ހަރަކާތްތެރިވި ނަމަވެސް ބަލި ޖެހިދާނެ ކަމުގެ ބިރު އޮވެއެވެ. މި ބިރު އޮތަސް އާންމު ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ސިފައިން ތިބީ އަތުކުރި އޮޅާލައިގެންނެވެ.

ގޭބިސީތަކަށް ފިހާރަތަކުން ނަގާފައިވާ އޯޑަރުތައް ޑެލިވަރީކުރުމުގެ މަސައްކަތުގައި ސިފައިން ވަނީ ހަރަކާތްތެރިވެފަ

އެތައް ދުވަސްތަކަކަށް މާލެ ފުރަބަންދު ކުރުމާއެކު ރައްޔިތުންނަށް ބޭނުންވާ އަސާސީ ތަކެތި ލިބުން ވަނީ ދަތިވެފައެވެ. ފިހާރަތަކުން އޯޑަރު ނަގައި ޑެލިވަރީގެ މަސައްކަތް ކުރި ނަމަވެސް ދުވަހުން ދުވަހަށް ބޭނުންވާ އަސާސީ ތަކެތި އެ ދުވަހަކަށް ނުލިބެއެވެ. ކުއްލިއަކަށް މިފަދަ ހާލަތަކަށް ޤައުމު ދިއުމުންނެވެ. މި ހުރިހާ ދަތިތަކާއެކު ވެސް، އާންމު ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި ޑެލިވަރީ ސަރވިސްއަށް ސިފައިން ނިކުތީ ރައްޔިތުންނަށް އެހީތެރިވުމަށެވެ. އެސްޓީއޯ ސުޕަރމާކެޓުން ޑެލިވަރީގެ ޚިދުމަތް ފެށިއިރު އެތަކެތި ގޭގެއާ ހަމައަށް ގެންގޮސްދޭނެ ބަޔަކު ނެތެވެ. އެކަމަށް އެހީތެރިކަމުގެ އަތެއް ފޯރުކޯށްދިނުމަށް ނުކުރް ބަޔަކީ ދިވެހި ސިފައިންނެވެ. ސިފައިން އެހީތެރިވާން ފަށައި، ޑެލިވަރީ ނުކުރެވި ހުރި ތަކެތި ގާތްގަނޑަކަށް 8 ވަރަކަށް ގަޑިއިރު ތެރޭ ހުސްކޮށްލިއެވެ. މި މަސައްކަތަށް އާންމުންގެ ޙައްޤު ތަޢުރީފު ދިވެހި ސިފައިންނަށް ލިބިގެންދިޔައެވެ.

މީގެ 16 އަހަރު ކުރިން ކުރިމަތިވި ސުނާމީ ކާރިސާގެ މަތިން ހަނދާން ނެތޭހާ ދުވަހެއް އަދިނުވެއެވެ. އެ ކާރިސާއާ ގުޅިގެން ސިފައިން މަސައްކަތްކުރީ، ނަމޫނާ މިސާލެއް ދައްކަމުންނެވެ. ރައްޔިތުންނަށް ޚިދުމަތްކުރުމުގައި ރާއްޖޭގެ ކަންކޮޅުތަކުގައި ސިފައިންގެ ސަފުތައް ރުކުރުވާލައި އެއްވެސް ފަސްޖެހުމެއް ނެތި، ހިތްވަރާއި ފަންވަރުގައި ސިފައިން މަސައްކަތްކޮށްފައިވަނީ ރައްޔިތުންގެ ލާބައަށް ޓަކައެވެ. ޙާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ބޭނުންވި ކޮންމެ ރައްޔިތަކަށް، ޚިދުމަތް ދިނުމުގައި ސިފައިން ސާބިތުވެ ތިއްބެވެ. މިއަދުވެސް ސިފައިން ތިބީ އެގޮތުގައެވެ.

128 ވަނަ ސިފައިންގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ހުރިހާ ސިފައިންނަށް އަރިސްކުރަނީ ޝުކުރުވެރި ހިތަކައިގެންނެވެ. ޝައްކެއްވެސްނެތް ގޮތުގައި ރައްޔިތުންނަށް ޚިދުމަތް ކުރުމަކީ ސިފައިންނަށް ލިބޭ އެންމެ ބޮޑު ފަޚުރެވެ. އަދި އެންމެ ބޮޑު ޝަރަފެވެ. 

ޝެއަރކުރެއްވުމަށް