ކޮވިޑް-19 އޮޕަރޭޝަންގައި ދިވެހި ސިފައިން އަންނަނީ ރައްޔިތުންގެ ޙައްޤުގައި އަގުނުކުރެވޭހާ ގިނަގުނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުންނެވެ.

ދުނިޔެއަށް ކުރިމަތިވެފައިވާ ޢާލަމީ މި ވަބާގެ ތެރެއިން ދިވެހި ޤައުމަށް ކުރިމަތިވެފައިވާ މި ނާޒުކު ދަނޑިވަޅުގައި ލޯބިވާ އާއިލާއާ ދުރުގައި އެތައް ދުވަހެއް ވަންދެން ފޫހިކަމެއް އަދި ވަރުބަލިކަމެއްނެތި މި ހަނގުރާމައިގެ އެންމެ ކުރީ ސަފަށް ނިކުމެ ސިފައިން ކުރަމުންދާ މަސައްކަތްތަކަށް ރައްޔިތުންގެ ލޯތްބާއި ތަޢުރީފު އަންނަނީ އޮހެމުންނެވެ.

މިއީވެސް އެފަދަ އެއް ހާދިސާއެވެ. މާލޭ އޭރިއާގައި ހިމެނޭ ރަށްތަކުން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ހުރިހާ ޕޭޝަންޓުން އައިސޮލޭޝަން ފެސިލިޓީތަކަށް ގެންދިއުމުގެ ބުރަ މަސައްކަތްް ކުރަމުންގެންދާ އެމްއެންޑީއެފް މާލޭ އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ބެލުމުގެ ދަށުން އޮޕަރޭޓްކުރާ ސީއެމްބިއުލޭންސްގެ ކްރޫން ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނެކެވެ. އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުންދިޔަ ހަތް ދުވަހުގެ ތުއްތު ކުއްޖަކު އއ.ތޮއްޑޫއަށް ގެންގޮސް ދިނުމަށް ކުރިއަށްގެންދިޔަ ޚާއްޞަ އޮޕަރޭޝަނެވެ.

ހިފެހެއްޓުމެއްނެތް ޝުކުރާއި ތަޢުރީފު ސިފައިންނަށް އޮހިގެން ދިޔަ މި އޮޕަރޭޝަންގެ މަޢުލޫމާތު ހިއްސާކުރައްވަމުން އޮޕަރޭޝަންގައި އެންމެ އިސްކޮށް ހަރަކާތްތެރި ”ސީއެމްބިއުލާންސް 21“ ގެ ޑްރައިވަރ ކޯޕްރަލް ޢަލީ ނާޖިދު ބުނުއްވީ ހާދިސާގެ މަޢުލޫމާތު އެންމެ ފުރަތަމަ ލިބުނީ އެ ދުވަހުގެ ގާތްގަނޑަކަށް 11:30 ހާއިރު ކަމަށެވެ.

ވަގުތުން ލޯންޗުގެ ކްރޫ ހަމަކޮށް ޓާސްކުގެ މަޢުލޫމާތުދީ މި ޙާއްޞަ އޮޕަރޭޝަނަށް ތައްޔާރުވި ކަމަށް ނާޖިދު ބުނުއްވިއެވެ.

މި ކުއްޖާއަކީ އޭގެ ހަފުތާއެއް ކުރިން ރަސްދޫ ހޮސްޕިޓަލުގައި ސިޒޭރިއަން ހަދައިގެން ކުއްޖާ ނެގިތަނުން، ހާލު ސީރިއަސްވެ އައިޖީއެމްއެޗްގެ ނާސަރީގައި ފަރުވާ ދިނުމަށް މާލެ ގެނެސްފައިވާ ކުއްޖެކެވެ. މި ކުއްޖާ ނާސަރީގައި ބާއްވައިގެން ފަރުވާދޭތާ ހަފުތާއެއްވިއެވެ.

ދަތުރަށް ތައްޔާރުވެ 11:30 އިން ފެށިގެން ލޯންޗުގެ ކްރޫން ތިބީ ތައްޔާރަށެވެ. ކުޑައިރުކޮޅެއް ފަހުން އައިޖީއެމްއެޗުން ގުޅާފައި، ކުއްޖާ ހާލަތު ތަންކޮޅެއް ދަށްވެގެން އަދި މަޑުކޮށްލުމަށާއި އެއްކޮށް ސްޓޭބަލް ވުމުން ފޮނުވާނެކަމަށް އެންގިއެވެ.

11:30 އިން ފެށިގެން ދަތުރަށް ތައްޔާރުވެ ޕާސަނަލް ޕްރޮޓެކްޝަން އިކުއިޕްމަންޓް (ޕީޕީއީ) އަޅައިގެން ތިބޭތާ ދޮޅުގަޑިއިރު ފަހުން 13:30 ހޮސްޕިޓަލުން ގުޅާފައި އެންގީ 14:30 ގައި ކުއްޖާ ގެނެސްދެވޭނެ ކަމަށެވެ. ގަޑިން 14:30 ގައި ލޯންޗުގެ ކްރޫން ތިބީ ދަތުރަށް ރެޑީވެ 4 ނަމްބަރު ޖެޓީގައެވެ.

ކުއްޖާއާއެކު އެހީތެރިއެއްގެ ގޮތުގައި އައީ ކުއްޖާގެ ބޮޑުދައިތައެކެވެ. ވަރަށް ވައި ބާރުކަމާއި، ދަތުރުކުރަން ޖެހެނީ އަލިހުރަސް ކަނޑުންކަމާއި، ވައިޖެހޭ ގޮތުން ވަރަށް ކަނޑުގަދަވާނެ ކަމަށް ދަތުރަށް ފުރުމުގެ ކުރިން އެހީތެރިޔާ ގާތުގައި ލޯންޗުގެ ޑްރައިވަރު ކޯޕްރަލް ޢަލީ ނާޖިދު ކިޔައިދެއްވިއެވެ.

ދުއްވަން އޮތީ ވިއްސާރަވެ ވައިބާރުވެއްޖެނަމަ އެއީ ގަދަ ކަނޑެއްގެ ގޮތުގައި ބުނެވޭ ”އަލިހުރަސް“ ކަނޑުންނެވެ. ރާއްޖޭގެ ކަނޑުތަކުގެ ތެރެއިންވެސް ބޮޑު ކަނޑެކެވެ. ރައްކާތެރި އަމާން ދަތުރަކަށް އެދެމުން ތުއްތު ކުއްޖާއާއި އެހީތެރިޔާއާ އެކު، ކުއްޖާގެ މަންމަ ބަލާދިއުމަށް ޓަކައި އއ.މަތިވެރިއަށް ދިއުމަށް ސީއެމްބިއުލާންސް ދަތުރަށް ފުރީ އެ ދުވަހުގެ ގާތްގަނޑަކަށް 14:55 ހާއިރުއެވެ.

މާލެއިން ފުރައިގެން ދަތުރުކުރަމުން ގޮސް ގިރާވަރު ކައިރިން ކަނޑަށް ނިކުތުމާ އެކު ޖެހުނީ ބޯވިއްސާރަ އާއެކު އައި ގަދަ ކޮޅިގަނޑެއްގައެވެ. ގަދަ ވަޔާއި ވިއްސާރައިގެ ތެރެއިން ލޯންޗު ކުރިއަށް ނުދުއްވޭވަރު ވެގެން އެތައް ފަހަރަކު ލޯންޗުގެ ސްޕީޑް އެއްކޮށް މަޑުކުރަން ޖެހުނުކަމަށް ނާޖިދު ކިޔައިދެއްވިއެވެ.

އެހިސާބުން ފެށިގެން ކްރޫން ކުއްޖާއާ ހަވާލުވުމަށްފަހު މަޑުމަޑުން ދުއްވާފައި އަނެއްކާ ވެސް ދަތުރަށް ފެށީއެވެ. ގަދަ ވަޔާއި ބޯ ވިއްސާރައިގެ ތެރެއިން މަޑުދުވެއްޔެއްގައި ދުއްވާފައިގޮސް އއ.ރަސްދޫއަށް ވަދެވުނީ އެ ދުވަހުގެ ހަވީރު 16:07 ގައެވެ. ރަސްދޫން ކުއްޖާގެ މަންމަ ލޯންޗަށް އަރުވައި އެނދުގައި ބާއްވައި ސްޓޭބަލް ކަމަށް ބުނުމުން ދެން ދަތުރަށް ފެށީ އއ.ތޮއްޑޫއަށް ދިއުމަށެވެ.

ކުއްޖާގެ މަންމައަކީ ސިޒޭރިއަން ހަދާފައިވާ މީހެއްކަމުން، މައިމީހާއަށް ވީހާވެސް ލުއިވާނެ ގޮތަށް ދަތުރުކުރަން ޖެހޭތީ، މި ދަތުރު ވެސް ކުރަން ޖެހުނީ މަޑުދުވެލީގައި އެމީހާ އުފުލަންޖެހޭ ތަކުލީފު ކުޑަވާނޭ ގޮތަށް ވަރަަށް ފަރުވާތެރިކަމާއެކުއެވެ. ސަލާމަތްތެރިކަމާއި ރައްކާތެރިކަމާ އެކު ސިފައިން ވަނީ މި އޮޕަރޭޝަން ވަަރަށް ކާމިޔާބުކަމާ އެކު ނިންމާލާފައެވެ. ތޮއްޑޫ ބަނދަރަށް ސީއެމްބިއުލާންސަށް ވަދެވުނީ އެ ދުވަހުގެ ހަވީރު 16:53 ހާއިރުއެވެ. ތުއްތު ކުއްޖާއާއި ކުއްޖާގެ މަންމަ އަދި އެހީތެރިޔާއާ އޭގެފަހުން ހަވާލުވީ ތޮއްޑޫ ހޮސްޕިޓަލުން އައި މެޑިކަލް ޓީމުންނެވެ.

ހަމަޖެހިފައިވާ އުޞޫލުތަކާ އެއްގޮތަށް ލޯންޗު ކްރޫންނާއި ލޯންޗު އެއްކޮށް ޑިސްއިންފެކްޓްކޮށް ގަޑި ހަމަކުރުމަށްފަހު މާލެ އަންނަން އެއަށްފަހު ދަތުރުފެށިއެވެ. އެރޭ ގާތްގަނޑަކަށް 19:11 ގައި ރައްކާތެރިކަމާއެކު މާލެއައިސް ސީއެމްބިއުލާންސްގެ ކްރޫންގެ ގޮތުގައި ހަރަކާތެރިވި ކޯޕްރަލް ޢަލީ ނާޖިދު (ސނ. 7059) އާއި ލާންސް ކޯޕްރަލް ޢަލީ ހާފިޒު (ސނ. 7585) އަދި ޕްރައިވެޓް މުޙައްމަދު ފާލިހު (ސނ. 7570) އޮޕަރޭޝަން ނިންމާލީ ދިވެހި ރައްޔިތުންނަށް ޓަކައި އުފުލަން ޖެހުނު ކޮންމެ ބުރައެއް އުފުލުމަކީ ދިވެހި ސިފައިންގެ ވާޖިބެއް ކަމުގައި ދެކިގެން، އެހީތެރިކަމަށް ބޭނުންވި ދިވެހި އާއިލާއަށް ބޭނުންވި އެހީތެރިކަން ފޯރުކޮށްދެވިއްޖެ ކަމުގެ ހިތްހަމަޖެހުން ހޯދަމުންނެވެ.

ޝެއަރކުރެއްވުމަށް