މުޅި ދުނިޔެއަށް ދިމާވެފައިވާ ކޮވިޑް-19 އިގެ ބަލިމަޑުކަމާ އެކު، ދިވެހިރާއްޖޭގެ ހުރިހާ ދިމާލެއްގައި ވެސް ދިވެހި ސިފައިން ތިބީ ޤައުމީ ވާޖިބު އަދާކުރުމަށް ނިކުމެއެވެ. ދިމާވެދާނެ ކޮންމެ ކަމަކަށް ފުރިހަމައަށް ތައްޔާރުވެ، އެންމެ ފަހު މީހާއާ ޖެހެންދެން ވެސް ”ހަނގުރާމަ“ ކުރުމަށް އަތުކުރި އޮޅާލައިގެންނެވެ. ރާއްޖެއިން މި ބައްޔަށް އެތައް ބަޔަކު ފައްސިވެ، އެތައް ބަޔަކު ކަރަންޓީން ފެސިލިޓީތަކުގައި ކަރަންޓީނު ކުރެވުނު އިރު، މި ހުރިހާ ކަމެއްގައި ވެސް ފުރަންޓްލައިންގައި ހަރަކާތްތެރިވެ، ދިވެހި ސިފައިން ވަނީ ރައްޔިތުންގެ މޫނަށް ހިނިތުންވުން ގެނުވާފައެވެ. އަޅުގަނޑަކީ ވެސް ކަރަންޓީން ފެސިލިޓީއެއްގައި މަސައްކަތްކުރި މީހަކީމެވެ.

މިއީ، ކަރަންޓީން ފެސިލިޓީގެ ޚިދުމަތުގައި އަޅުގަނޑު ހޭދަކުރި މުއްދަތުގެ ތަޖުރިބާއެވެ. މި އޮޕަރޭޝަންގައި އަޅުގަނޑަށް މަސައްކަތްކުރަން ޖެހުނީ ހޮލިޑޭ އައިލެންޑް ކަރަންޓީން ފެސިލިޓީގައެވެ. މިއީ، އަޅުގަނޑުގެ ސިފައިންގެ ޙަޔާތުގައި އަދި މިހާތަނަށް ނުކުރާވަރުގެ ތަޖުރިބާއެކެވެ. މަސްޢޫލިއްޔަތާއި ޒިންމާ ބޮޑު މަސައްކަތެކެވެ. އެހެން ނަމަވެސް، މިހާތަނަށް ހިންގި އެއްވެސް އޮޕަރޭޝަނަކުން ނުލިބޭ ފަދަ ހިތްހަމަޖެހުމަކާއި އުފަލެއް މި އޮޕަރޭޝަނުން އަޅުގަނޑަށް ލިބިގެންދިޔައެވެ. މައިގަނޑު ސަބަބަކީ، މިފަދަ ހައްސާސް ދަނޑިވަޅެއްގައި ޤައުމަށް ޚިދުމަތް ކުރުމުގެ މަތިވެރި ފުރުޞަތު އަޅުގަނޑަށް ލިބިގެން ދިޔުމެވެ.

ކަރަންޓީން ފެސިލިޓީގައި އަޅުގަނޑުމެން ޑެއިލީ ރޫޓިންގކޮށް ވަރަށް ގިނަ މަސައްކަތްތަކެއް ކުރީމެވެ. މިގޮތަށް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ވެސް ކުރެވެމުން ދިޔައީ، ކަނޑައެޅިފައިވާ ވަކި ތަރުތީބަކުން ރޭވުންތެރިކަމާ އެކުއެވެ.

މިގޮތުން، ފެސިލިޓީގައި ތިބޭ ސިފައިންގެ މަސައްކަތް ފެށެނީ، ބައްޔަށް ޝައްކުކުރެވޭ ނުވަތަ ބަލި ޖެހިފައިވާ މީހުން ކަރަންޓީނަށް ނުވަތަ އައިސޮލޭޝަނަށް ފެސިލިޓީއަށް ގެންނަ މަޢުލޫމާތު ލިބޭ ހިސާބުންނެވެ. ފެސިލިޓީއަށް މީހުން އަންނަ ސުންގަޑި ޖެހޭއިރު ފެސިލިޓީގައި މަސައްކަތްކުރާ ހުރިހާ ސިފައިން ތިބެނީ ޕީޕީއީ (ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް) އަޅައި ފުރިހަމައަށް ތައްޔާރުވެގެންނެވެ. މިހާ ހިސާބުން، ސިފައިން ދެ ޓީމަކަށް ބަހާލައި މަސައްކަތް ފަށައެވެ. މި ގޮތުން، ފުރަތަމަ ޓީމުގެ ޓާސްކަކީ އައިސޮލޭޝަނަށް ގެންނަ މީހުން އަންނަ އުޅަނދުން ބާލައިގެން އެމީހުން މަޑުކުރުމަށް ކަނޑައެޅިފައިވާ ސަރަޙައްދަށް ގެނައުމެވެ. އަދި، އެމީހުންގެ އަތްދަބަސް ފަދަ ތަކެތި ލޮބީ އޭރިއާއަށް ގެނައުމުގެ ޒިންމާއެވެ. އެއަށްފަހު ހުރިހާ އަތްދަބަސްތައް ވަކިކޮށް އެ ތަކެތި އެނގޭނެހެން ފާހަގަކުރުމަށްފަހު ކަނޑައެޅިފައިވާ ކޮޓަރިއަކަށް ގެންދެއެވެ. މި މަސައްކަތުގެ ދަށުން ދެވަނަ ޓީމުގެ ޓާސްކަކީ، ލޮބީ އޭރިއާއަށް މީހުން ގެނެސް، އެޗްޕީއޭގެ ގައިޑްލައިންތަކާއި އަދި ކަރަންޓީނު ކުރެވޭ މީހުން އަމަލުކުރުމަށް ކަނޑައަޅާފައިވާ އުސޫލުތައް ކިޔައިދީ، ބްރީފްކޮށްދިނުމެވެ. މި  ގައިޑްލައިންތަކުގެ ދަށުން ބަލީގެ ނުރައްކާތެރިކަން އެންމެންނަށް ބުނެދީ، ހަމަޖެހިފައިވާ އުސޫލުތަކަށް ބޯލަނބައި ފުރިހަމައަށް އެއްބާރުލުން ދިނުމަށް ނަޞޭހަތްތެރިވުން ހިމެނެއެވެ. އަދި ފެސިލިޓީގައި ހޭދަކުރާ މުއްދަތުގައި އެއްވެސް ކަމެއް ދިމާވެއްޖެނަމަ، ނުވަތަ ބަލީގެ އަލާމާތްތައް ފާހަގަ ކުރެވޭނަމަ އަމަލުކުރަންވީ ގޮތްތަކާއި އަދި މި ނޫންވެސް އަސާސީ ކަންކަން ކިޔައި ދިނުން ވެސް ހިމެނެއެވެ. މިއަށްފަހު، ފެސިލިޓީއަށް ގެނެވޭ ވަކިވަކި މީހުންގެ ހުރިހާ މަޢުލޫމާތެއް ނަގައި، އެމީހަކަށް ކަނޑައެޅިފައިވާ ކޮޓަރީގެ ތަޅުދަނޑި ޙަވާލުކޮށް، ކޮޓަރިއަށް ގެންދެވެއެވެ. ސިފައިން ކުރަންޖެހޭ ޙަޤީޤީ ބުރަ މަސައްކަތްތައް ފެށެނީ މިހާ ހިސާބުންނެވެ.

ކަރަންޓީނު ކުރެވުނު ހުރިހާ މީހުންގެ ލިސްޓް ތައްޔާރުކުމަށްފަހު ސިސްޓަމަށް އަޕްޑޭޓް ކުރުމާއި ކެއިންބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެ ފެސިލިޓީއެއްގެ ކޭޓަރިންއާ ކޯޑިނޭޓްކޮށް ކަންކަން އިންތިޒާމުކުރުމަކީ ވެސް އަޅުގަނޑުމެންގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. ކަރަންޓީނު ކުރެވޭ މީހުން ފެސިލިޓީގައި ހޭދަކުރާ މުއްދަތުގައި ބައްޔަށް ފައްސިވެއްޖެނަމަ، އެމީހަކު އުޅޭ ކޮޓަރީގެ ބޭރު ވެރެންޑާ އަދި ކޮރިޑޯ ތެރެ ޑިސްއިންފެކްޓް ކުރެވެއެވެ. މިފަދަ ހާލަތްތަކުގައި އެމީހުންނަށް ޚާއްޞަ ސަމާލުކަމެއްދީގެން، ހާލަތު މޮނިޓަރ ކުރަމުން ގެންދެވެއެވެ. ފެސިލިޓީގައި މީހަކު ބައްޔަށް ފައްސިވާ ހިސާބުން، އެމީހަކު ބޭރަށް ނެރޭ ކުނިކޮތަޅު ޑިސްއިންފެކްޓްކުރުން ފަދަ ކަންކަމަކީ ޑެއިލީ ރޫޓިންގކޮށް ސިފައިން ކުރަމުންދާ މަސައްކަތްތަކެވެ. އަދި ވަގުތުންވަގުތަށް ކުނިއަޅަން ހަމަޖެހިފައިވާ ސަރަޙައްދަށް ކުނި ގެންދިއުމަށްފަހު ދުވަހުންދުވަހަށް ނައްތާލެވެއެވެ. އެއަށްފަހު ސިފައިންގެ މީހާ އަމިއްލައަށް ޑިސްއިންފެކްޓް ވުމަށްފަހު ފެސިލިޓީގައި ކަރަންޓީންކުރެވިފައި ތިބޭ މީހުންނަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމުގައި 24 ގަޑިއިރު ދެމިތިބެއެވެ.

މިގޮތަށް ފެސިލިޓީތަކަށް ކަރަންޓީނަށް ގެންދެވުނު އެންމެ ގިނަ ބައެއްގެ ފަރާތުން ފެންނަމުން ދިޔައީ، ބައްޔަށް ޕޮޒިޓިވްވެދާނެ ކަމުގެ ބިރެވެ. އެހެންކަމުން، ބައްޔަށް ފައްސިވުމަކީ ދެރަވާން ޖެހޭވަރުގެ ކަމެއްނޫންކަން ކިޔައިދީ، މި ދަނޑިވަޅުގައި ކެތްތެރިވުމަށް ބަލިމީހާއަށް އިރުޝާދުދީ، ނަސޭހަތްތެރިވީމެވެ. ފައްސިވާ މީހުންގެ ހާލު ޤަވާޢިދުން ބަލައި، އެމީހުންނަށް ނަފްސާނީ ގޮތުން ކުރިމަތިވެދާނެ މައްސަލަތައް ކުޑަކުރެވޭތޯ ސިފައިން ގެންދިޔައީ މަސައްކަތްކުރަމުންނެވެ. ފެސިލިޓީގައި، އަޅުގަނޑުމެން ޚިދުމަތް ފޯރުކޮށްދެމުން ދިޔައީ،  އެއްވެސް މީހަކާ މެދު ތަފާތު ކުރުމެއް ނުބާއްވައި، އަމިއްލަ ޢާއިލާގެ މެމްބަރެއްކަމަށް ދެކިގެން ނުހަނު ލޯތްބާއި އިޙްތިރާމާ އެކުއެވެ. މިއީ، މި އޮޕަރޭޝަންގައި ސިފައިންނަށް އާންމު ރައްޔިތުންގެ ޝުކުރު މެދުނުކެނޑި ލިބެމުންދިޔަ އެއް ސަބަބުކަމަށް ވެދާނެއެވެ.

އަޅުގަނޑުގެ ތަޖުރިބާއިން ފާހަގަކުރެވުނު އެއްކަމަކީ، ކަރަންޓީނު ފެސިލިޓީތަކުގައި ސިފައިން މަސައްކަތް ކުރަމުންދިޔައިރު، ސިފައިންގެ މީހާ ބައްޔަށް ފައްސިވެދާނެތީ، ނުވަތަ ބަލިޖެހި ހާލު ދެރަވެދާނެތީ އެއްވެސް ވަރަކަށް ފަސްޖެހުމެއްނެތި ކުރި މަސައްކަތެވެ. ޖެހިލުންކުޑަކަމާ އެކު ސިފައިން މަސައްކަތްކުރީ މި ބަލީގެ ނުރައްކާތެރިކަން އެނގިތިބެގެންނެވެ. ކޮވިޑް-19 އަށް ސިފައިންގެ ބަދަހި ލަޝްކަރުގެ ގިނަބަޔަކު ފައްސިވަމުން ދިޔައިރު ވެސް، ޗީފް އޮފް ޑިފެންސް ފޯސް ގެންދެވީ ރައްޔިތުންނަށް ހިތްވަރު އައުކޮށްދީ، އެންމެ ފަހު މީހާއާ ޖެހެންދެން ވެސް ސިފައިން ސާބިތުކަމާއެކު މަސައްކަތް ކުރާނެކަމުގެ ޔަޤީންކަން ދެއްވަމުންނެވެ. ޗީފް އޮފް ޑިފެންސް ފޯސްގެ މި ބަސްކޮޅުން، ސިފައިންނަށް އިތުރު ހިތްވަރެއް ލިބިގެންދިޔަކަން ފާހަގަކޮށްލަން ޖެހެއެވެ. ހުރިހާ ސިފައިން ވެސް މި އޮޕަރޭޝަންގައި މަސައްކަތްކޮށްފައިވަނީ ފިސާރި ސާބިތުކަމެއް ދައްކަމުން، ކެރުމާއި ހިތްވަރު އިސްކޮށްގެންނެވެ.

ފެސިލިޓީތަކަށް ކަރަންޓީނަށް ގެނެވޭ މީހުން، ކަރަންޓީނުގެ މުއްދަތުގެ ހަމަވުމަށްފަހު، އެނބުރި އެމީހުންގެ ޢާއިލާތަކަށް ދާތަން ފެންނަ ދުވަހަކީ ފެސިލިޓީތަކުގައި މަސައްކަތްކުރާ ކޮންމެ ސިފައިންގެ މީހަކަށް ވެސް ނުހަނު ބޮޑު އުފަލަކާއި ހިތްހަމަޖެހުމެއް ލިބޭ ދުވަހެކެވެ. ތުއްތުތުއްތު ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުން ބުނެލާ ޝުކުރުވެރި ބަސްތަކުން ސިފައިންނަށް ދިޔައީ އިތުރު ހިތްވަރެއް ލިބެމުންނެވެ. އެފަދަ ހިތްވަރުގެ ބަސްތަކުން ހިތަށް ފުން އަސަރެއް ކުރުވައި، ފޮނި އިހުސާސްތަކެއް ލިބެއެވެ. ކަރުދާސްކޮޅެއްގައި ލިޔެ އަޅުގަނޑުމެން އަތަށްދޭ ޝުކުރުގެ ބަސްތައް ކިޔާލުމުން، ލޯބިވާ އަމިއްލަ ޢާއިލާއާ ދުރުގައި ހަމަ ޙަޤީޤަތުގައި ވެސް މި ކުރެވުނީ ޤައުމު ފަޚުރުވެރިވާފަދަ މަސައްކަތެއްކަން ހިތަށް އިޙްސާސް ކުރެވުނެވެ.

ސިފައިންނަކީ ޤައުމަށް ދިމާވާ މިފަދަ ކޮންމެ ބޮޑު ކަމެއްގައި ވެސް އަބަދުވެސް އެންމެ ކުރީސަފުގައި މަސައްކަތް ކުރަމުންދާ، މުޅި ޤައުމު އެ ބަޔަކަށް ޓަކައި ފަޚުރުވެރިވާ ބައެކޭ ބުނަނީ އެހެންވެތާއެވެ. އެއީ، ސިފައިން، ޚިދުމަތެއް ފޯރުކޮށްދޭއިރު، އެމީހުންގެ ފަރާތުން ފެންނަ ކެތްތެރިކަމާއި ހިތްވަރުގެ ސަބަބުންނެވެ. އެމީހުންގެ ކިބައިގައި ޤައުމީ މަސައްކަތްތަކުގައި ހުންނަ ޖޯޝާއި ފޯރީގެ ސަބަބަބުންނެވެ. އެމީހުންގެ ނުގުޑާފަދަ ވަރުގަދަ އަޒުމުގެ ސަބަބުންނެވެ.

މުޅި ދުނިޔެ ސިއްސުވާލި ކޮވިޑް-19 ގެ ބަލިމަޑުކަމުގައި، ދުނިޔޭގެ އާރާއި ބާރު ހުރި ފުދުންތެރި ޤައުމުތައް ވަނީ ނިކަމެތިވެފައެވެ. މުޅި ދުނިޔޭގެ އިގްތިޞާދު ވަނީ ފުނޑުފުނޑުވެފައެވެ. މި ބަލިމަޑުކަމުގައި މުޅި ދުނިޔެ ބިރުވެރިކަމަށް ވެއްޓިގެން ދިޔައިރު، އެއް ޤައުމުން އަނެއް ޤައުމަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ވަނީ ނުކުޅެދިފައެވެ. ނަތީޖާއަކަށް ވެގެންދިޔައީ ދުވަހެއްދުވަހަކަށް ބަލިޖެހޭ މީހުންގެ ނިޞްބަތް އިތުރުވެގެން ދިއުމެވެ. ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގެ ޞިއްޙީ ނިޒާމު ފެއިލްވެ، ހޮސްޕިޓަލްތައް ފުނިޖެހުމެވެ. ޞިއްޙީ އެހީތެރިކަން ބޭނުންވި މީހުންނަށް އެހީތެރިކަން ފޯރުކޮށް ނުދެވުމެވެ.

ރާއްޖެއިން މި ބައްޔަށް އެތައް ބަޔަކު ފައްސިވެ، އާންމު ރައްޔިތުންގެ ހިތްތަކުގައި ނުތަނަވަސްކަމާއި ބިރުވެރިކަން ފެތުރިގެންދިޔަ މި ނުރައްކާތެރި ދަނޑިވަޅުގައި ވެސް ފްރަންޓްލައިންގައި މަސައްކަތްކުރި ދިވެހި ސިފައިންގެ އަޒުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ. މުޅި އޮޕަރޭޝަންގައި ވެސް ސިފައިން ދައްކުވައިދިނީ ކެރުމާއި ހިތްވަރާއި ރިވެތި ނަމޫނާއެވެ.

މި ބަލިމަޑުކަމުގައި ސިފައިންނާއި ސިފައިންގެ ޢާއިލާތައް ފައްސިވެގެން ދިޔައިރު ވެސް، ލޯބިވާ ޢާއިލާއާ ދުރުގައި، މި ލޮބުވެތި ފަސްގަނޑުގެ ޙައްޤުގައި ރެއާއި ދުވާލު ރައްޔިތުންނަށް ޓަކައި ޤުރުބާންވީ ބަޔަކީ ދިވެހި ސިފައިންނެވެ. މި އޮޕަރޭޝަންގެ ލޮޖިސްޓިކް ހުރިހާ ކަމެއް ސިފައިންގެ ފުރިހަމަ ބެލުމުގެ ދަށުން ކުރިއަށް ގެންދިޔައިރު، ފައްސިވާ މީހުންނާއި އައިސޮލޭޝަނަށް މީހުން ގެންދިއުމުގައި ގަދަވަޔާއި ވިއްސާރައިގައި ދިވެހި ސިފައިން ވަނީ އަގުނުކުރެވޭފަދަ ޚިދުމަތްތަކެއް ފޯރުކޮށްދީފައެވެ. ފައްސިވާ މީހުން އައިސޮލޭޝަނަށް ގެންދެވޭ ހިސާބުން ފެށިގެން، ބަލިން ރަނގަޅުވެ އެނބުރި ގެއަށް ދިޔުމާ ހަމައަށް، ރޭގަނޑެއް ދުވާލެއް، ބެލުމެއްނެތި ސިފައިން ގެންދިޔައީ ސައުވީސް ގަޑިއިރު ޚިދުމަތް ފޯރުކޮށްދެމުންނެވެ. މި ހުރިހާ ޚިދުމަތެއް ވެސް ސިފައިން ފޯރުކޮށްދިނީ ހިނިތުންވުމާއެކު، ރައްޔިތުންގެ ފުރިހަމަ އިތުބާރާއި ލޯތްބާއެކުއެވެ.

ޝައްކެއްނެތެވެ. ދިވެހި ޤައުމަށް ދިމާވާ މިފަދަ ކޮންމެ ބޮޑު ކަމެއްގައި ވެސް، މި ލޮބުވެތި ވަތަނާއި ރައްޔިތުންގެ ޙައްޤުގައި ޤުރުބާންވުމަށް ސިފައިން ކެރި މިތިބީ، ކުރިމަތިވާ ކޮންމެ ކަމެއް މާތްﷲ ގެ ފާގިފުޅާއެކު ކާމިޔާބުކުރުމުގެ މަތިވެރި އަޒުމާއި އުންމީދުގައެވެ.

ޝެއަރކުރެއްވުމަށް