މިއީ، ”ޑިޖިޓައިޒޭޝަން“ ގެ ޒަމާނެވެ. ހުރިހާ ކަމެއް އޮތީ އިންޓަރނެޓާ ގުޅިލާމެހިފައެވެ. ސޯޝަލް މީޑިއާގެ ތެރޭގައި އުފައްދާ ކޮންޓެންޓްގެ ނުފޫޒު ވަރުގަދަވެއްޖެއެވެ. އޭގެ އަސަރު އެންމެ ބޮޑަށް ފޯރަމުންދާ ދާއިރާއަކީ ނޫސްވެރިކަމުގެ ދާއިރާއެވެ. ފާއިތުވެދިޔަ އަހަރުތަކަށް ބަލާއިރު، ދުނިޔޭގައި ޝާއިޢުކުރެވެމުންދިޔަ ޗާޕު ނޫސްތަކާއި، މަޖައްލާއާއި، ބްރޯޑްކާސްޓް ކުރެވެމުންދިޔަ ޓީވީ އަދި ރޭޑިއޯ ކޮންޓެންޓްތައް (ލިޔުމާއި، އަޑާއި މަންޒަރުތައް) މިއަދު ފެންނަމުންދަނީ ’އޮންލައިން‘ އަށް ބަދަލުވަމުންދާ ތަނެވެ. ނިއުމީޑިއާގެ ތެރެއަށް ޓްރޭޑިޝަނަލް (ދުވަސްވީ) މީޑިއާތައް ފައިހަމަކޮށް އައިސް، ޑިޖިޓަލް ކޮންޓެންޓް އުފެއްދުމުގެ ޠަބީއަތު ވަނީ އަށަގެންފައެވެ (ބޮބް ފްރޭންކްލިން، 2016). ޑިޖިޓަލް ކޮންޓެންޓް އުފެއްދުމުގައި ނޫސްވެރިކަމުގެ މުޅިން އައު ސްޕެކްޓްރަމްތައް އުފަންވެ، ނޫސްވެރިކަމުގައި އާންމު ފަރުދުންގެ ބައިވެރިވުން އިތުރުވެއްޖެއެވެ. ޕްރޮފެޝަނަލް ނޫސްވެރިކަމުގެ ތެރެއަށް އޭގެ ނުފޫޒު ދަނީ ފޯރަމުންނެވެ. ޕްރޮފެޝަނަލް ނޫސްވެރިން އުފައްދާ ނިއުސްވޯތީ ކޮންޓެންޓާ (ޚަބަރުކަމުގައި ބެލެވޭ ތަކެތި) އެއްވަރުގެ ކޮންޓެންޓް އުފެއްދުމުގެ ޤާބިލުކަން އާންމު ފަރުދުންނަށް ވެސް ސޯޝަލް މީޑިއާ ތެރެއިން މިއަދު އޮތީ ލިބިދެވިފައެވެ. ޑިޖިޓަލް ޓޫލްތަކަށް (އާލާތްތަކާއި ގޮތްތަކަށް) އެކްސެސްވެވޭ ކޮންމެ މީހަކަށް ވެސް މިއަދު ނޫސްވެރިކަން ކުރުމުގައި ބައިވެރިވެވެއެވެ. މެއިންސްޓްރީމް (ނަގާކިޔާ) މީޑިއާތަކަށް ޚަބަރު އުފެއްދުމަށް ބޭނުންވާ ބައެއް މަޢުލޫމާތުތައް ދައުރުވަމުންދަނީ އޯޑިއެންސް (ކިޔައި، ބަލައި އަޑުއަހާ މީހުން) ގެ ތެރޭގައި އުފެދިފައި ހުންނަ ނެޓްވޯކްތަކުގެ ތެރޭގައެވެ. މި ސަބަބަށް ޓަކައި، ނޫސްވެރިންނަށް ވެސް، މަޢުލޫމާތު ހޯދައި އެއްކުރުމަށާއި، ނިޔުސް ރޫމްގެ މަސައްކަތްތަކަށް އޯޑިއެންސް އިންޓަރެކްޓްވާ (މުއާސަލާތުކުރާ) މީޑިއާ ޕްލެޓްފޯމްތަކުގެ ނުފޫޒު ވަރަށް ބޮޑަށް ދަނީ ފޯރަމުންނެވެ. އެގޮތަށް އާންމު ފަރުދުން ސޯޝަލް މީޑިއާގައި އުފައްދާ ކޮންޓެންޓް، ޕްރޮފެޝަނަލް ނޫސްވެރިކަމުގައި ވެސް ބޭނުންކުރެވޭތަން ފެންނަމުންދެއެވެ.
ވޭތުވެދިޔަ 20 ވަރަކަށް އަހަރު ދުވަހުގެ ތެރޭގައި އިންޓަރނެޓް ބޭނުންކުރާ ޠަބީޢަތާއި އާދަތައް އެތައް ގޮތަކުން ފުޅާވެ، އޮންލައިން ފޯރަމްތަކާއި ސޯޝަލްމީޑިއާގެ މަޤުބޫލުކަން އިތުރުވެއްޖެއެވެ. ޕީޓަރ ހާޝްބާގް (2014) ވިދާޅުވާ ގޮތުގައި، އިންޓަރނެޓާ އެކު ގާތްގަނޑަކަށް ހުރިހާ މީޑިއަމްތަކުގެ ތަޖުރިބާއަށް ބޮޑެތި ބަދަލުތަކެއް ގެނެސްދީފިއެވެ. މިއަދު އިންޓަރނެޓް ބޭނުންކުރާ އާދައިގެ މީހާއަށް ވެސް އިންޓަރނެޓްގައި ކޮންޓެންޓް އުފެއްދޭނެ މަގުއޮތީ ފަހިވެގެން ގޮސްފައެވެ. އިންޓަރނެޓާ އެކު، މިއަދު ފެންނަމުންދާ އެންމެ ބޮޑު ބަދަލަކީ، އެއްއިރެއްގައި އޯޑިއެންސްގެ ގޮތުގައި ބެލެވުނު ފަރާތާއި، މެއިންސްޓްރީމް މީޑިއާގައި ކޮންޓެންޓް ކުރިއޭޓްކޮށް، ނޫސްވެރިކަން ކޮންޓްރޯލްކުރަމުންދިޔަ މީހުންނާ ’އެއް ބޮޅެއް‘ ގެ ތެރޭގައި ސެންޓްރަލް ރޯލެއް ކުޅެމުންދާ ކަމެވެ (ޕީޓަރ ހާޝްބާގް، 2014).
ސޯޝަލް މީޑިއާގެ ސަބަބުން ކޮންމެ މީހަކީ ވެސް ޖާނަލިސްޓަކަށް ވެވޭނެ ވަރުގެ އައު ސްޕެއަރތައް އުފައްވެއްޖެއެވެ. މެއިންސްޓްރީމް މީޑިއާތަކޭ އެއްބީދައިން އަވަސްކަމާ އެކު ކޮންމެ މީހަކަށް މީޑިއާ ޕްލެޓްފޯމްތަކުގައި މިއަދު ހާދިސާއެއް ރިޕޯޓްކޮށްލެވިދާނެއެވެ. ޕްރޮފެޝަނަލް ނޫސްވެރިއެކޭ އެއްފަދައިން، އާންމު ފަރުދުންނަށް ވެސް އެ ވަގުތެއްގައި ހިނގަމުންދާ އައު އިވެންޓްތަކުގެ ޚަބަރާއި މަޢުލޫމާތު، ”އިނގިލިކުރީގައި“ އޮތް މީޑިއާގެ ޒަރީއްޔާއިން އަވަސްކަމާ އެކު ފަތުރައި ޙިއްސާކުރެވިދާނެއެވެ. މިގޮތަށް ޖާނަލިސްޓިކް ހަރަކާތްތަކެއް ސިޓިޒަންސް ނުވަތަ އާންމު ފަރުދުން ކުރާ ކޮންސެޕްޓަށް “ސިޓިޒަން ޖާނަލިޒަމް” އޭ ކިޔައެވެ. މިގޮތަށް ކުރެވޭ ނޫސްވެރިކަމަށް ޕާޓިސިޕޭޓަރީ ޖާނަލިޒަމް، ޑިމޮކްރެޓިކް ޖާނަލިޒަމް ނުވަތަ ސްޓްރީޓް ޖާނަލިޒަމްއޭ ވެސް ކިޔައި އުޅެއެވެ (ޑޭވިޑް އެޓިކާ، 2019).
ރެފަރެންސް
- ބޮބް ފްރޭންކްލިން. (2016). ދަ ފިޔުޗަރ އޮފް ޖާނަލިޒަމް: އިން އެން އޭޖް އޮފް ޑިޖިޓަލް މީޑިއާ އެންޑް އެކޮނޮމިކް އަންސަރޓެއިނިޓީ. ނިއުޔޯކް: ރޫޓްލެޖް.
- ޕީޓަރ ހާޝްބާގް. (2014). ފަސްޓް ދަ މީޑިއާ، ދެން އަސް: ހައު ދި އިންޓަރނެޓް ޗޭންޖްޑް ދަ ފަންޑަމެންޓަލް ނޭޗަރ އޮފް ދަ ކޮމިޔުނިކޭޝަން އެންޑް އިޓްސް ރިލޭޝަންޝިޕް ވިތު ދި އޯޑިއެންސް. އޯޕަންމައިންޑް, 19 ކީ އެސޭސް އޮން ހައު ދި އިންޓަރނެޓް އީޒް ޗޭންޖިންގ އަވަރ ލިވްސް (ސސ. 406-423). ސްޕެއިން: ބީބީވީއޭ.
- ޑޭވިޑް އެޓިކާ. (2019). ސިޓިޒަން ޖާނަލިޒަމް އެންޑް އިޓްސް އިމްޕެކްޓްސް އޮން ޕްރޮފެޝަނަލް ޖާނަލިޒަމް އިން ޕްރޮގްރެސިވްސް ސޮސައިޓީ: އަ ސްޓަޑީ އޮން 2019 ގަވަރންޝިޕް އިލެކްޝަން އިން ކްރޮސް ރިވަރ ސްޓޭޓް. އިންޓަރނޭޝަނަލް ޖާނަލް އޮފް ރީސެންޓް އެޑްވާންސެސް އިން ސައިކޮލޮޖީ އެންޑް ސައިކޮތެރަޕީ, ވޮލިޔުމް 3، އިޝޫ 1.
