އެރަލް ކަނޑަކީ މެދުތެރޭ އޭޝިޔާގެ އުތުރުން ކަޒަކިސްތާނާއި އެ ޤައުމުގެ ދެކުނުން އުޒްބެކިސްތާނުގެ މިނިވަން ސަރަހައްދެއްކަމަށްވާ، ކަރަކަލްޕަކްސްތާނާ ދެމެދުގައި އޮންނަ ކަނޑެކެވެ. 1960 ގެ އަހަރުތަކުގައި އެރަލް ކަނޑު ކުޑަވާން ފެށުމުގެ ކުރިން، އެ ކަނޑުގެ ބޮޑުމިނަކީ 68,000 އަކަ ކިލޯމީޓަރެވެ.
އެރަލް ކަނޑަކީ ޙަޤީޤަތުގައި ކަނޑެއް ނޫނެވެ. އެއީ މަތީގައި އެވާ ފޮޓޯއިން ފެންނަ ފަދައިން އޮންނަ ހަނަފަސް ސަހަރާއެއް ވެސް ނޫނެވެ. އެރަލް ކަނޑަކީ ވަށައިގެން ހިކިފަސް ސަރަހައްދު ހިމެނޭ ބޮޑު ލޭކްއެކެވެ. ނުވަތަ ފެންގަނޑެކެވެ. އެއީ ކުރިން ދުނިޔޭގައިވާ އެ ބާވަތުގެ ހަތަރުވަނައަށް އެންމެ ބޮޑު ލޭކްއެވެ. ކަނޑެއްގެ ގޮތުގައި މި ތަނަށް ނިސްބަތްކުރެވެނީ، އެރަލް ލޭކް ނުވަތަ ޢާންމުކޮށް ކިޔާގޮތަށްނަމަ އެރަލް ކަނޑުގެ ބޮޑުމިން އެމެރިކާގެ ކެލިފޯނިޔާހާ ބޮޑުކަމުންނެވެ.
އެރަލް ކަނޑަކީ އެއް ދުވަސްވަރެއްގައި މަސްވެރިންނާއި ބޮޑެތި އާގުބޯޓްފަހަރު ދަތުރުކުރި ވަރަށް ފުން، ދަތުރުފަތުރުގެ ކާރޫބާރޫ ބޮޑު ކަނޑެކެވެ. ނަމަވެސް މިއަދު އެރަލް ކަނޑު ވަނީ އެތަނުގެ ކުރީގެ ސައިޒަށް ވުރެ، ނުވަދިހަ ޕަސެންޓު ކުޑަވެފައެވެ. މިހެން ދިމާވީ ކަނޑުގެ ފެންގަނޑު ހިކި، ހިކިފަސް ބިމަކަށް ބަދަލުވުމުންނެވެ. ކަނޑުގެ ބޮޑުބައެއް މިއަދު ބަދަލުވެފައިވަނީ ސަހަރާއަކަށެވެ. ކަނޑުގައި އަޅާފައި ހުރި އާގުބޯޓްފަހަރު މިއަދު އެހުރީ އެއްގަމުގައި ވީރާނާވެފައެވެ. މަސްވެރިންނާއި އާގުބޯޓްފަހަރު އަވަދިނެތި ހަރަކާތްތެރިވި ކަނޑުގައި މިއަދު އެވަނީ ވިނަ ގަސްތައްފަޅާފައެވެ. މަސްމަހާމެހީގެ ބަދަލުގައި މިއަދު އެތަނުގައި ހުރީ ޖަމަލުފަދަ ސަހަރާގައި އުޅޭ އެއްގަމު ޖަނަވާރުތަކެވެ.

އެރަލް ކަނޑަށް މިހެން މިވީ ކީއްވެ ހެއްޔެވެ؟ އެރަލް ކަނޑަށް މިގޮތް ދިމާވީ ހަނަފަސް ސަރަހައްދެއްގައި ކަފަ ހެއްދުމަށް ޓަކައި، އެ ކަނޑާ ގުޅިފައިވާ މައި ދެ ކޯރުކަމަށްވާ، ސީރު ދަރުޔާ ކޯރާއި އަމޫ ދަރުޔާ ކޯރުގެ މިސްރާބު ކަފަ ދަނޑުތަކާ ދިމާލަށް އަނބުރާލުމުންނެވެ. ނަތީޖާއެއްގެ ގޮތުން ވަށައިގެން ބެދިފައި އޮތް މި ކަނޑުގެ ފެންގަނޑު އެ ކޯރުތަކަށް ބޭރުވެ، އެއާއެކު ކަނޑު ހިނދެންފެށީއެވެ. އޭރަލް ކަނޑު ހިނދެން ފެށުމުން އެކަން ބެލެވުނީ ހަމައެކަނި ތިމާވެށީގެ މައްސަލައެއްގެ ގޮތުގައި އެކަންޏެއް ނޫނެވެ. އެކަން ވެގެން ދިޔައީ އިންސާނީ މުސީބާތަކަށް ވެސް މެއެވެ. ޞިއްޙީ ގޮތުންނާއި އިޤުތިޞާދީ ގޮތުންނާއި ސަޤާފީގޮތުން ވެސް އެތައް މައްސަލަތަކެއް ނިކުތެވެ.

އެ ސަރަހައްދުގައި ދިރިއުޅުނު އެތައް ހާސް ބައެއްގެ ދިރިއުޅުން ކަނޑުގެ ފެންގަނޑު ހިނދުމުގެ ކުރިން ބިނާވެފައި އޮތީ، އެ ކަނޑުން ނަފާހޯދަމުންދިޔަ މަސްވެރިކަމުގެ ސިނާއަތާއި ބޯޓްދަތުރުފަތުރު ކޮށްގެން ލިބުނު އާމްދަނީގެ މައްޗަށެވެ. ކުއްލިއަކަށް ކަނޑުގެ ފެންގަނޑު ކުޑަވާން ފެށުމުން، ކަނޑާ ގުޅިފައިވާ ސިނާޢަތްތައް އެއްކޮށް ހުއްޓުނީއެވެ. ނަތީޖާއެއްގެ ގޮތުން މަސައްކަތްކުރެވޭ އުމުރުގެ ގިނަބަޔަކު މަސައްކަތް ހޯދުމަށް އެހެން ސަރަހައްދުތަކަށް ހިޖުރަކުރަން މަޖުބޫރުވެ، ޒަމާނުއްސުރެ އޮތް ސަޤާފަތާއި އާދަކާދަތަކަށް ބަދަލުގެންނަން މަޖުބޫރުވިއެވެ. ކަޒަކިސްތާނުގައި ވަޒީފާނެތް މީހުންގެ ޢަދަދު މިއަދު އެންމެ ގިނައީ އެ ކަނޑު ހިމެނޭ ސަރަހައްދުގައެވެ.
އެރަލް ކަނޑު ހިކުމުން، ވެއްޓަށް އައި ބޮޑު ބަދަލާ އެކު އެ ސަރަހައްދުގައި ދިރިއުޅުނު މީހުންނަށް ބަލިމަޑުކަމާ ކުރިމަތިލާންޖެހުނެވެ. ވަޔާއެކު އަންނަ ލޮނުގެ މިންވަރު މަތި ވެލީގެ ސަބަބުން، ކެންސަރާއި، އެނީމިއާއާއި ކެއްސުން ބަލީގެ އާފާތެއްގެ ތެރޭގައި މީހުން އުޅެން ޖެހުނެވެ. ގަސްގަހާގެއްސާއި ޖަނަވާރުގެ ދުޅަހެޔޮކަން ވެސް ގެއްލިގެން ދިޔައެވެ.

ހަނޑުލާއި ކަފަ ހެއްދުމަށް ބޭނުންކުރި ވިހަ މާއްދާތައް، އެރަލް ކަނޑާ ގުޅިފައިވާ މައި ދެ ކޯރު ކަމަށްވާ ސީރު ދަރުޔާ ކޯރަށާއި އަމޫ ދަރުޔާ ކޯރަށް އެޅުމުގެ ނަތީޖާއަކީ އެ ސަރަހައްދުގެ ފެން ތަޣައްޔަރުވުމެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ލިބޭ ދަރިންގެ ކިބައިގައި ޢައިބު ހުރުމާއި، މޭގެ ކެންސަރު ފަދަ ބަލިތައް ޖެހޭ މިންވަރު މަތިވެގެން ދިއުމެވެ.
އެރަލް ކަނޑަށް އިންސާނުންގެ ޢަމަލުތަކުގެ ސަބަބުން ކުރިމަތިވި ކާރިސާ ހިމަނަންޖެހެނީ، އިންސާނީ ތާރީޚުގައި ވެސް ތިމާވެއްޓަށް ދިން އެންމެ ބޮޑެތި ގެއްލުންތަކުގެ ތެރޭގައެވެ. އެރަލް ކަނޑުގެ ކާރިސާ އިންސާނުންނަށް މުހިންމު ފިލާވަޅެއް ދަސްކޮށްދީފިއެވެ.
މިކަނޑަށް ވެގެންދިޔަގޮތް ދިރާސާ ކޮށްލުމުން ތިމާވެށި ހަލާކު ކުރުމުން ލިބޭ ގެއްލުން ކޮންމެ މީހަކަށް ވެސް ތަސައްވުރު ކުރެވިގެންދާނެއެވެ. އެހެން ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން ގިނަ އިންސާނުން ދިރިއުޅުމުގައި ތިމާ ވަށައިގެންވާ ވެށި ސަލާމަތް ކުރުމަށް ސަމާލުކަމެއް ނުދެއެވެ. އޭގެ ހިތި ނަތީޖާ އެތަކެއް ބަޔަކަށް މިއަދު ވަނީ ތަޖުރިބާކުރަން ޖެހިފައެވެ. އަންނަން އޮތް ޖީލު މިއަދުން ފެށިގެން މިކަމަށް ހޭލުންތެރިނުކުރެވިއްޖެނަމަ މިއަށްވުރެ ބޮޑެތި މުސީބާތުތަކާ ވެސް ކުރިމަތިލާންޖެހޭނެއެވެ.
