މިއީ ތީގެ ތެރެއިން ކޮންމެ ދިވެއްސަކާމެ މިއަދު މި ދިވެހި ބިން ކުރާ ސުވާލެކެވެ؟ ތިބާގެ އަމިއްލަ ޤައުމާ މެދު ލޯބި އޮތީ ކިހާ މިންވަރަކަށް ތޯއެވެ؟ ޖަވާބު އަމިއްލަ ތަލާގަނޑުން މިނެ ވަޒަންކޮށްލާށެވެ!

އެނބުރި އައިސް ތިޔަ ތިބީ މި ފަސްގަނޑުގެ ކޮން ކުށެއް އޮވެގެން ތޯއެވެ؟ މި ދިވެހި ބިންގަނޑު މިއަދު ކަރުނަ އަޅައި އެބަ ރޮއެވެ! ސުވާލުކުރަނީއެވެ؟ ކީއްވެގެންތޯއެވެ؟

ޖަވާބު އިވެނީ މިނިވަންކަމާއެކު، އެ ކުލަތަކުން އަޅުގަނޑުމެން ފަޚުރުވެރި ކުރުވާ ފެހި، ރަތް، ހުދުން ވިހުރިލަވިހުރިލާ ހުރި ޤައުމުގެ ޝާނާއިޝައުކަތު، އަޅުގަނޑުމެން އެއަށް ކުރުނީސްކުރާ ދިވެހި ދިދައިގެ ރާގުންނެވެ. އުހަށް ހުރެ ފެންނަ އެ ދިދައަށް ނިކަމެތިވަމުން، އިޖުތިމާޢީ ފޭރާން ވީދެމުން އަންނަ މަންޒަރުންނެވެ.

ޝައްކެއް ވެސް ނެތެވެ. ޤައުމު ރޯތަން ފެނި، ކުރާ ޝަކުވާގެ މެސެޖު އަޅުގަނޑުމެންނާ ހަމައަށް އިއްވައިފިއެވެ. ޤައުމުގެ ދަރީންގެ ތަރުބަވީ ޙަޔާތަށް އަންނަ ބަދަލާ އެކު ޤައުމީ ލޯބި އިތުރު ނުކުރެވޭކަމީ ޤައުމު ރޯންޖެހިފައިވާ ކަމެއް ނޫންތޯއެވެ؟ މި ފަސްގަނޑަށް ނެތް ޤަދަރެއް، ޢިއްޒަތެއް މި ތަނުގެ ރައްވެހިންގެ ފަރާތުން ނުލިބިއްޖެ ނަމަ ދުރުން އަންނަ ފަރަންޖީންގެ ފަރާތުން މި ތަނަށް އެ ލޯބި ލިބޭނެތޯއެވެ؟

ވިސްނަވާށެވެ! ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލު ނުވާށެވެ. އެ ކުދިންނަކީ މާދަމާގެ ޤައުމީ ނައުގެ ހުންގާނުގައި ހިފަންތިބި ކައްޕިތާނުންނެވެ. ފަޅުވެރީންނެވެ. އެ ކުދިންގެ ދިރިއުޅުން އަނދިރި ކިއްލާއެއްގައި ބަނދެ ކަޝްފު ނުކުރާށެވެ. އައު ޖީލު އުހަށް އަރައިގެންދާނެ ވަރަ ކޮށާ ނުލާށެވެ. ޤައުމީ ޗާޓުގައިވާ ޢިލްމާއި ހުނަރު ދަސްކޮށްދެއްވާށެވެ. ރީތި ދިވެހި ބަހުން ވާހަކަ ދައްކުވާށެވެ. ދިރިއުޅުމާއި ޘަޤާފަތަށް އަހުލުވެރިކޮށްދޭށެވެ. ހެދުން އެޅުމާއި ދިރިއުޅުމުގެ ވައްޓަފާޅީގައި ހުޅަނގަށް، ނޫންނަމަ އެހެން ބައެއްގެ ގޮތްތަކަށް ބުރަވެ އިޖުތިމާޢީ މިންގަނޑު ފަހަނައަޅައި ދިއުމުން އެއްކިބާ ވާށެވެ. މި ކަންކަމުން ސަލާމަތް ނުވެވިދާ މަންޒަރުފެނި މި މާތް ބިންގަނޑު ކަރުނަ އަޅައި ނުރޯންވީ ސަބަބެއް ނެތެވެ.

މި ދިވެހި ވެށި މިއަދު އަސަރާއެކު އާދޭސްކުރަނީއެވެ! ގޭދޮށުން ދެވެން އޮންނަ ލޯބީގެ ބަދަލުގައި މައިންބަފައިންނާ ޢާއިލާގެ އެހެނިހެން ފަރާތްތަކުގެ ސަބަބުން ނަފުސާނީ، ޖިސްމާނީ އަދި ޖިންސީ ގޯނާތަކުން ސަލާމަތް މުޖްތަމަޢުއަކަށް ވުމަށެވެ. ސަލާމަތް މަގު އިޙްތިޔާރުކުރުމުގެ ބަދަލުގައި މިއަދުގެ މުޖަތަމަޢުން ގެވެށި އަނިޔާއާއި، ޖިންސީ ފުރައްސާރައިގައި އެތައް ބަޔަކު މިދަނީ މީހުންގެ ޙައްޤުތަކަށް އަރައިގަންނަމުންނެވެ. ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނާއި، ނުކުޅެދޭ މައުސޫމު އެތައް ކުދިންގެ ޙައްޤުތަކަށް އަރައިގަންނަނީ އެ ފަރާތްތަކުގެ ކޮންކުށެއް އޮތުމުން ހެއްޔެވެ؟ ކަމާބެހޭ މުވައްސަސާތަކަށް ކޮންމެ ދުވަހަކު އެތައް މައްސަލަތަކެއް ދަނީ ރިޕޯރޓް ކުރެވެމުންނެވެ. ޤައުމުގެ ކުރިމަގު މި ހާލުގައި ވާނަމަ ފެންނަނީ ބަނަކޮށްތޯ ނޫންނަމަ އަލިކޮށްތޯ، ތިޔަ ކަލުންގެ ހިތްތަކާ ސުވާލުކޮށްލާށެވެ! ކިތައް ކުދިންގެ ދިރިއުޅުން ބަރުބާދުވެދިޔަތަން ފެނިއްޖެތޯއެވެ؟ ”ޑިޕްރެޝަން“ އާއި އެކި ގޯނާތަކުގައި ކިތައް މީހުން ދުނިޔެ ދޫކޮށްފިތޯއެވެ؟ ހަނގާކޮށްގެން މަދަރުސީ ތަޢުލީމީ ޙަޔާތް ހަލާކުވެދިޔައީ ކިތައް ކުދިންގެތޯއެވެ؟ އަމިއްލަ މައިންބަފައިންގެ ޖިންސީ ގޯނާގެ ޝިކާރައަކަށްވެ، ކިތައް ޢާއިލާ ހަލާކުވެ ހިނގައްޖެތޯއެވެ؟ ނޭއްގާނީ މިފަދަ އަނިޔާތަކުގައި ކިތައް ކައިވެނި ރޫޅި ހިނގައްޖެ ތޯއެވެ؟ ކޮންމެވެސް ބައެއްގެ ދަރި، ކޮއްކޮ، ބޭބެ، މައިން، މާމައިން ރަހުމެއްނެތް އެތައް ބައެއްގެ އަތްދަށުގައި “ރޭޕު“ ކުރުވިގެން ނުދޭތޯއެވެ؟ ޤައުމު އާދޭސް ކުރަނީ މި އެންމެހާ ނުރައްކާ ވަބާތަކުން މި ފަސްގަނޑު މިންޖުކުރުމަށް ނޫން ދެން ކޮންކަމެއްގައި ތޯއެވެ!

މި ދިވެހި ބިންގަނޑު މިއަދު ހިތްވަރުދެނީ ކުށްމަދުކުރުމަށެވެ! ކުށުގެ ވެށި އިންތިހާއަށް މިއަދު މިދަނީ ފުޅާވެ، ބޮޑެތި މާރާމާރީތައް އާންމުވަމުންނެވެ. މީހުން މެރުމާއި ތަޅާފޮޅުމުގައި ގޮތްނޭނގޭ ގުރޫޕުތަކުން އެތައް ބަޔަކު ޤަތުލު ކުރަމުންނެވެ.

ހިތާމައިގެ ކޮޅެއް ވެސް ނެތެވެ. ލާއިންސާނީ މުސީބާތް އެބައެއްގެ ތެރޭގައި އާންމުވެއްޖެނަމަ ދެން އެބައެއްގެ ހާލަތު ބަދަލުވެދާނެގޮތް ދެކެބަލާށެވެ. ޤައުމެއްގައި ޙިޔާލު ތަފާތުވެ، އެބައެއްގެ މައްޗަށް އެހެން ބަޔަކު އަތްގަދަވާން އެދޭނީ ކޮންބައެއްތޯއެވެ. ގައިމު ވެސް ޤައުމަށް ކުޑަ ނަމަވެސް ލޯތްބެއް އޮތް ހިތެއްގެ ވެރިޔަކު އެކަމަށް އެއްބަސް ނުވާނެއެވެ.

ދާހިލީ ހަމަޖެހުމަށް މި ފަސްގަނޑު ގޮވާލާއިރު، ދުވަހެއްދުވަހަކަށް ފެންނަމުންދާ މަންޒަރުން ޤައުމުގެ ވިންދު ބާރުވެ ހިތުގެ ތެޅުން އެތައް ގުނައެއް މަތިވެއެވެ. މިއީ ޤައުމެއްގެ ޙަޔާތުގައި ލިޔާކަށް ފަސޭހަ ފޮޅުވަތްތަކަކަށް ނުވާނެއެވެ. ދުނިޔެމަތީގެ ސުވަރުގެ ކަމުގައި ބެލެވޭ މި ދިވެހި ލޮބުވެތި ފަސްގަނޑުގެ އަމާންކަން ނުރައްކާ ވެއްޓަކަށް ބަދަލުވެ މީހުން މެރުމާއި ނޭއްގާނީ އަމަލުތަކަށް ހުޅުވައިލަން ފުރުޞަތު ނުދިނުމަށް ޤައުމު އާދޭސްކުރަނީ ތަންދޮރު ފިލާތިބި، ވެރިންނާއި ޤައުމުގެ ނަންހިނގާ ވިޔަފާރިތަކުގައެވެ. ބޮޑެތި ކުންފުނިތަކާއި ޒުވާނުން ކިބައިންނެވެ. އަންނަން އޮތް ޒުވާން ޖީލުކަމުގައިވާ މިއަދުގެ ޅަފުރާގެ ދަރީން ގާތުންނެވެ. ކުށް މަދުކުރުމަށް ހަމަޖެހޭ ވެއްޓަކަށް މަސްތުވާތަކެއްޗާއި، ރަލާއި، އޫރުމަސް އަދި އަޅުގަނޑުމެން މުސްލިމުންނަށް ހަރާމް އެންމެހާ ކެއުންތަކާއި ބުއިންތައް އަދި ގޯސް އަމަލުތަކުން ދުރުވެގަތުމަށެވެ. ކުށްމަދުވާނީ އޭރުން ނޫންތޯއެވެ.

މި ދިވެހި ވަތަން އަސަރާއެކު ގޮވާލަނީ އަމިއްލައެދުމަށްވުރެ ޤައުމު އިސްކުރުމަށެވެ.އަމިއްލަ މަންފާއަށް ކުރެވޭނެ އެތައް މަސައްކަތެއް އެބަހުއްޓެވެ. ވިޔަފާރިތަކާއި އެހެނިހެން މަސައްކަތްތަކުން ވެސް އާމްދަނީ އިތުރު ކުރެވޭނެކަމީ މިއަދު ދުނިޔެ ދެކެމުންއަންނަ އަލިގަދަ ކުރިއެރުމެކެވެ. ނަމަވެސް އިންސާނީ ވަގުފާރި ހުއްޓުވުމަށް މަސައްކަތް ކުރުމީ ވަކި ބައެއްގެ ޒިންމާއެއްތޯއެވެ؟ ދުނިޔެ ކުރިއަރަމުން އަންނައިރު ޤައުމުތަކުގައި އެތައް އިންވެސްޓްމަންޓެއް ކުރިއަށް ގެންދަނީ ބޭރުގެ ކުންފުނިތަކާއި އެތެރޭގެ ކުންފުނިތަކުންނެވެ. ނޫންނަމަ ދޭދޭ ކުންފުނިތައް ގުޅިގެންނެވެ. ކޮންމެ ބަޔަކު މަސައްކަތާ ހަވާލުވި ނަމަވެސް އެކަން އަމަލީ ސިފައެއްގައި ކުރަން ތިބެނީ އެކިއެކި ޤައުމުތަކުން އައިސް ތިބޭ މަސައްކަތްތެރީންނެވެ. މަސައްކަތްތެރިންގެ ޙައްޤުތަކަށް ރައްކާތެރިވުމަކީ ކޮންމެ މީހަކު ކުރިކަމުގައި ވީނަމަވެސް އިހުމާލު ވެގެންވާނެ ކަމެއް ނޫނެވެ. ކޮންމެ އިހުމާލަކާ އެކު އެތައް ބަޔަކު ނިކަމެތިވެގެން ދާނެއެވެ. އިންސާނުންގެ ބޭނުން ނަހަމަ ގޮތުގައިކޮށް، މުސާރައާއި އިނާޔަތްތަކުން މަހުރޫމުކޮށް އިންސާނީ ނަސްލަށް ހުތުރެއްކަމުގައިވާ ނަމޫނާއަކަށް ނުވުމަށް، އަމިއްލަ އެދުން ނެތިކޮށް، ޤައުމަށް ހަޑިނަމެއް އެއްވެސް މީހެއްގެ ފަރާތުން ލިބުނަ ނުދޭށެވެ. އަސަރާއެކު މި ވަތަން ގޮވާލަނީ މަސައްކަތްތެރިންގެ ޙައްޤުތައް ހިމާޔަތް ކޮށްދިނުމަށެވެ. ބޭރުން ގެންނަ ބޭނުމުގައި ނޫން، ހަލާލު ނޫން މަންފާއެއް ހޯދުމުގައި އެފަރާތްތައް ބޭނުން ނުކުރުމަށެވެ. ފަންނު ނެތް މީހެއް، ފަންނީ މަސައްކަތްތަކަށް ލައިގެން ކުރުވާ ކަމަކުން ލިބިދާނެ ދެރައެއް އަންދާޒާ ކުރެވޭތޯއެވެ؟ ދެރަ ކަންކަމުން ސަލާމަތްވުމަށް މިއަދު ނޭޅި ރައްކާތެރިކަމުގެ ފިޔަވަޅެއް މާދަމާ އެޅޭނެ ގޮތެއް އޮންނާނެތޯއެވެ؟ އަމިއްލަ އެދުން އެއްކިބާކުރަންވީ ވަގުތު އަދިވެސް ނާންނަނީ ހެއްޔެވެ! ނޫންނަމަ ޤައުމުގެ ވޭނީ އާދޭސްތައް ބޮލާލައި ޖަހަނީތޯއެވެ؟

ޤައުމު ކުރާ އާދޭސް އަހާށެވެ! ޤައުމީ ލޯބި ދަރިންގެ ހިތްތަކުގައި އިތުރުކުރުމުގެ މަސައްކަތް ފެށުމަށް އަވަސްވެގަންނާށެވެ. މިއަދުގެ ޖީލުގެ އެތައް ދަރީންނެއް މަސްތުވާ ރަލާއި، ޑްރަގުގެ ޝިކާރައިގައި އެތިބީ ކުރިމަގު ގެއްލިފައެވެ. ކުރިއަށްދާނެ ހިތްވަރު ނެތިފައެވެ. ގޯސް ކަމެއްކަން ވިސްނޭ ހިސާބަށްދާއިރު ސަލާމަތް ނުވެވޭހާ ބޮޑަށް ދެވި ހިފާފައެވެ. މިކަންކަމުން ސަލާމަތްވުމަށް ޒިންމާވާން ވަކި މީހެއްގެ ބޮލުގައި އެޅުވޭކަށް ނެތެވެ. މައިންބަފައިންނެވެ. އަވައްޓެރީންނެވެ. ސްކޫލް، މަދަރުސާތަކެވެ. އުޅޭ މުޖްތަމަޢުއެވެ. ގާތް ރައްޓެހިންނާއި ރަހުމަތްތެރީންނެވެ. ޒިންމާއިން ރެކެން ދައްކާނީ ކޮން ވާހަކައެއް ތޯއެވެ؟ ހިތާމައިގެ ކޮޅެއްވެސް ނެތެވެ. ވަގުތު ފާއިތުވުމުގެ ކުރިން ފިޔަވަޅު އަޅާށެވެ. ޖަލުތަކުގެ ތޭރިތަކުގެ ބިއްދަށުގައި އެއްވެސް ދަރިއަކު މުޅި އުމުރު ހޭދަކުރުމަށް އެދޭނެ މަޔަކު، ބަފަޔަކު، އަންބަކު އަދި ދަރިއަކު ނުހުންނާނެއެވެ. މިހެން މިކަން ވީހިނދު ޒިންމާ ނަގާށެވެ. ފަރުދީ ޒިންމާ އަދާކޮށްދޭށެވެ. އެހީތެރިކަންދީ އަޅާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތައް މުޖްތަމަޢުން ބާކީކޮށް ނުލާށެވެ.

ފުރައްސާރައާއި ޖިންސީ ގޯނާ އަދި ގެވެށި އަނިޔާއިން ސަލާމަތްތެރި މުޖުތަމަޢުއެއް ބިނާކުރުމަށް އަނިޔާވެރިކަމަށް ނޫނެކޭ ބުނާށެވެ. އެއްވެސް އަނިޔާއެއް، ގޯނާއެއް ސިއްރުކުރާ މީހެއްގެ ގޮތުގައި ހަނު ނުހުންނާށެވެ. ތިމާގެ ފުށުން ހިމާޔަތް ލިބިދޭންޖެހޭ ފަރާތްތަކަށް އަނިޔާވެރި ނުވާށެވެ. އިސްކޫލު މަދަރުސީ ތަޢުލީމުގައި ވަކި ފަންތިއެއްގެ ކުދިން ތަފާތު ނުކުރާށެވެ. ހަމަހަމަ އިންސާފުން ކުދިންނާ މެދު އަޅާލައި އުނގަންނައިދޭށެވެ.

މާރާމާރީތަކާއި ތަޅާފޮޅުމުން ސަލާމަތް މަގުތަކެއް ކޮށުމަށް އަވަސްވެ ގަންނާށެވެ. ތިމާގެ ބެލެހެއްޓުމުގައިވާ މީހުންގެ ޒިންމާތައް ފުރިހަމައަށް އަދާކޮށްދެއްވާށެވެ. ޤައުމަށް ހެޔޮއެދޭ ބައެއްގޮތުގައި އަމަނާއި އަމާންކަން ދެމެހެއްޓުމަށް ޤައުމިއްޔަތުގެ ޝިޔާރުތަކުގައި ހިފާށެވެ. މި ބިމުން އެންމެ ކައިވަތެއްގެ މިންވަރުވެސް އެހެން ބައެއްގެ އަތްދަށަށް ދިއުމަށް މެދުވެރިއެއްގެ ދައުރު އަދާނުކުރާށެވެ. އިޖުތިމާޢީ ހަމަތަކުގައި ހިފައި މިންގަނޑުތައް ފަހަނައަޅައި ނުދާށެވެ. ދާޚިލީ ހަމަޖެހުމަށް މި ސުވަރުގޭގެ ރީތިނަން ދެމެހެއްޓުމަކީ އެންމެންގެ ޒިންމާއެއްކަމުގައި ދެކޭށެވެ. އަދު ނުވި ރައްކަލެއް މާދަން ނުވެވޭނެކަން ހަނދާނުގައި ބަހައްޓާށެވެ. އަމިއްލަ ދީބުދެކެ ލޯބިވާށެވެ. 

ޝެއަރކުރެއްވުމަށް