އިންސާނުން ކޮންމެ ބަހަކުން ވާހަކަ ދައްކައި މުއާމަލާތްކުރި ނަމަވެސް ލިޔެކިޔުމަށް އަކުރެއް ބޭނުންވެއެވެ. އެކަމަކު ކޮންމެ ބަހެއްގައި އަމިއްލަ ވަކި އަކުރެއް ނޯވެއެވެ. އެކަމަކު ދިވެހި ބަހަކީ ވަކި އަކުރެއް ލިބިގެންވާ ބަހެކެވެ. ދިވެހި ކާބަފައިން ދިވެހި ބަހަށް ޚާއްޞަ އަކުރުތަކެއް އެކި ދުވަސްވަރު ވަނީ އުފައްދައި ބޭނުން ކޮށްފައެވެ. ފުރަތަމަ އުފެއްދީ އެވޭލާ އަކުރެވެ. ދެން ދިވެސް އަކުރެވެ. އޭގެ ފަހުން މިހާރު ބޭނުންކުރާ ތާނަ އަކުރެވެ.
ދުނިޔޭގެ ތާރީޚަށް ބަލާއިރު އެންމެ ކުރީ ޒަމާނުގެ ބައެއް އަކުރުތަކަކީ ކުރެހުންތަކެކެވެ. އަނެއް ބައި އަކުރުތަކަކީ ވަކި ގޮތަކަށް އަޅާފައިހުރި ރޮނގުތަކެކެވެ. ދިވެހިރާއްޖޭގައި ދިވެހިބަހުން ލިޔެކިޔުމަށް އަމިއްލަ އަކުރުތަކެއް އުފެއްދުމުގެ ކުރިން ބޭރުގެ ބައެއް އަކުރުތައް ބޭނުންކޮށްފައިވެއެވެ. ދިވެހިރާއްޖެއިން މިހާތަނަށް ފެނުނު އެންމެ ގިނަ ދުވަސްވީ ލިޔުމަކީ މީލާދީން ހަވަނަ ޤަރުނުގައި ލިޔެފައިވާ ލިޔުމެކެވެ. އެ ލިޔުން ލިޔެފައިވާ ގައު ފެނިފައި ވަނީ ނ. ލަންދޫ އާސާރީ ސަރަޙައްދުންނެވެ. މި ގަލުގައި ލިޔެފައި ވަނީ ދެކުނު ބްރަހަމީ އަކުރުންނެވެ. މި ގައު ފެނުމުގެ ކުރިން ރާއްޖޭގައި އޮތް އެންމެ ދުވަސްވީ ލިޔުމަކީ ނުވަތަ ދިވެހީން ބޭނުންކުރި އެންމެ ދުވަސްވީ އަކުރެއް ކަމަށް ބެލެވިފައިވަނީ އަރިއަތޮޅުން ފެނުނު ހިރިގަލުގެ ފޮށްޓެއްގައިވާ ޕްރޯޓޯ-ނާގަރީ އަކުރެވެ. އެ ލިޔުމަކީ ގާތްގަނޑަކަށް މީލާދީން ނުވަވަނަ ޤަރުނުގެ ލިޔުމެކެވެ.
ދިވެހީން އުފެއްދި ފުރަތަމަ އަމިއްލަ އަކުރަނީ އެވޭލާ އަކުރެވެ. ރާއްޖޭގައި ފެންނަން އޮތް އެންމެ ދުވަސްވީ އެއް ލިޔުންކަމަށްވާ މީލާދީން 1195 ވަނަ އަހަރު ލިޔެފައިވާ އިސްދޫ ލޯމާފާނު ލިޔެފައިވަނީ އެވޭލާ އަކުރުންނެވެ. ނަމަވެސް އެ ލޯމާފާނުގައި ޕްރޯޓޯ-ނާގަރީ އަކުރު ބޭނުންކޮށްފައިވެއެވެ. އިސްދޫ ލޯމާފާނު ލިޔެފައިވަނީ ދިނެއިކަލަމިންޖާގެ ރަސްކަމުގެ ދުވަސްވަރުގައެވެ. ދިވެހީންގެ އެވޭލާ އަކުރާއި ސްރީލަންކާގެ ސިންގަޅައިން ގެންގުޅުނު އޭލޫ އަކުރާއި ދެކުނު އިންޑިއާގެ ތަމަޅައާއި މަލަޔާލަމް ލިޔުމަށް ގެންގުޅުނު ވައްޓެލުއްޓު އަކުރާ އެއްގޮތްކަމެއް ހުރެއެވެ.
އެވޭލާ އަކުރު ތަރައްޤީވަމުން އައިސް ބަދަލުވީ ދިވެސް (ދިވެހި) އަކުރަށެވެ. މިއީ ދިވެހި ކާބަފައިން އުފެއްދި ދެވަނަ އަކުރެވެ. ދިވެސް އަކުރު އައުމުން އެވޭލާ އަކުރުގެ ޒަމާން ނިމުމަކަށް އައެވެ. ދިވެސް އަކުރަކީ ވެސް ވާތުން ކަނާތަށް ލިޔެއުޅުނު އަކުރެވެ. އެވޭލާ އަކުރަކީ އެއްވެސް ދުވަސްވަރެއްގައި ދިވެހީން ކިޔައި އުޅުނު ނަމެއް ނޫނެވެ. ތާނައަކުރުގެ ކުރީގައި ދިވެހީން ލިޔެކިޔުމަށް ބޭނުންކުރި އަކުރުތަކަށް ކިޔަމުން އައީ ދިވެސް އަކުރެވެ. އެންމެ ގިނަ ދުވަސްވީ ދިވެސް އަކުރަށް އެވޭލާ އަކުރު (ގަދީމީ އަކުރު) ގެ ނަން ދެއްވީ ދިވެހިތާރީޚު ދިރާސާކުރެއްވި އެޗްސީޕީ ބެލްއެވެ. ދިވެސް އަކުރުގެ އެންމެ ކުރީގެ ލިޔުމެއް ކަމަށް ބެލެވެނީ މީލާދީން 1356 ވަނަ އަހަރު ލިޔެފައިވާ ބޮޑުގަލު މިސްކިތު ލޯމާފާނެވެ. އެއީ ރެހެންދި ޚަދީޖާގެ ރަނިކަމުގެ ދުވަސްވަރު ލިޔެފައިވާ ލޯމާފާނެކެވެ.
ތާނައަކުރު ބޭނުންކުރަން ފެށި ތާރީޚެއް ކަނޑައެޅިގެން ދަންނަވާކަށް ނޭނގެއެވެ. ނަމަވެސް ތާނައަކުރު ތަޢާރަފުކުރެއްވީ އުތީމު މަހާރަދުން ކަމުގައި ބުނެވެއެވެ. ކަނާތުން ވާތަށް ލިޔެވޭ ތައްޔާރުކޮށްފައިވާ ތާނަ އަކުރު ތަޢާރަފުކުރެއްވީ ބޮޑުތަކުރުފާނުކަމަށް ބުރެވެވެނީ އައްސުލްޠާން އިބްރާހީމް (ތިންވަނަ) ކަލާފާނުގެ ދުވަސްވަރު މި އަކުރު ގެންގުޅުނުކަން އެނގޭތީއެވެ. ކުރިން ބޭނުން ކުރަމުން އައި ދިވެސް އަކުރު މުޅީން ދޫކޮށްލައި ތާނަ އަކުރު ބޭނުން ކުރަން ފެށީ އައްސުލްޠާން ޙަސަން ނޫރައްދީން (އެއްވަނަ) ގެ ރަސްކަމުގައެވެ.
ތާނަ އަކުރު އުފެއްދީ ޢަރަބި އަކައިންނާއި ދިވެހި އަކައިންނެވެ. ތާނަ އަކުރުތަކުގެ ފުރަތަމަ 9 އަކުރު އުފައްދާފައި ވަނީ ޢަރަބި އަކައިންނެވެ. ދެވަނަ 9 އަކުރު އުފައްދާފައި ވަނީ މުސްކުޅި ދިވެހި އަކައިންނެވެ. ދެން އޮތް 6 އަކުރަކީ ބަސްމޮށުމުގެ މަޚުރަޖަތައް ހަމަކުރުމަށް ބޭރުން ވެއްދި ވިޔަނިތަކެކެވެ. ތިކި ޖެހި ތާނަ ތަޢާރަފު ކުރެވުނީ 16 މާރޗް 1957މ. (13 ޝަޢުބާން 1376) ގައެވެ. ތިކި ޖެހި ތާނަ ތަޢާރަފު ކުރެވުނީ ތާނަ ލިޔާއިރު ޢަރަބި އަކުރުގެ ބަދަލުގައި ބޭނުންކުރުމަށެވެ.
މަޢުލޫމާތު:
- ނަސީމާ މުޙައްމަދު (1998)
- ދިވެހީންގެ ތަރިކަ 1،2،3،4 / ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު
