މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ވައިގެމަގުން ދިވެހީންގެ ބަޔަކު ޙައްޖަށްދިޔަ ފުރަތަމަ ދަތުރުގެ ވާހަކައެވެ. މި ދަތުރުގައި އަޅުގަނޑުގެ ބައްޕަ ފަރާތު މުނިކާފަ މަނަދޫ ހާރޫނު ޙާޖީ ކަލޭފާނާއި، މުނިމާމަ ޢައިޝަތު ޤާސިމާއި، ކާފަ ޤާސިމް ހާރޫނު (މަނަދޫ ކާސިން ޙާޖީ) ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން، މި ދަތުރުފުޅުގައި ދިއްދޫ އިބްރާހީމް ކަލޭފާނު (ޑީއައިކޭ) އާއި، ނޮޅިވަރަމް ދޮން ޢަލީ ކަތީބު ކަލޭފާނުގެ ދެކަނބަލުންނާއި ވިލާގެ ޗެއަރމަން ޤާސިމް އިބްރާހީމްގެ ބައްޕާފުޅު މާމިގިލީ އިބްރާހީމް މުޙައްމަދު ފަދަ އޭރުގެ ތަނަވަސް ބޭފުޅުން ޙައްޖަށް ވަޑައިގެންނެވިއެވެ. އެފަހަރު ވައިގެމަގުން ޙައްޖަށް ވަޑައިގެންނެވީ 12 ބޭފުޅުންނެވެ. އެއީ 1960 ވަނަ އަހަރެވެ. އެ ބޭފުޅުން ޙައްޖަށް ވަޑައިގެންނެވީ އިނގިރޭސިވިލާތުގެ ޕާސްޕޯޓްގައެވެ.
އަޅުގަނޑުގެ މުނިކާފަ ވަނީ އޭގެ ކުރިން 1928 ވަނަ އަހަރު ވެސް ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާފައެވެ. އެ ދަތުރުފުޅަށްފަހު ނަންފުޅަކީ ”ހާރޫނު ޙާޖީ“ އެވެ. ރަށުގައި ކިޔަނީ ”ހާޖީބެ“ އެވެ. އެއީ ރައްޔިތުންގެ ލޯތްބާއި އިޙްތިރާމު ލިބިވަޑައިގެން ހުންނެވި ބޭފުޅެކެވެ. ސަރުކާރުން އިތުބާރު ކުރެއްވި ޢިއްޒަތްތެރިއެކެވެ. ”ކަލޭފާނުކަން“ ސަރުކާރުން ދެއްވުމުން އެއީ މަނަދޫ ހާރޫނު ޙާޖީ ކަލޭފާނެއެވެ.

މުނިކާފަ އެ ފަހަރު ޙައްޖަށް ވަޑައިގެންނެވީ ފަޟީލަތުއްޝައިޚް ޙުސައިން ޞަލާޙުއްދީނުގެ އަރިހުގައި ޙައްޖަށް ވަޑައިގެންނެވި 23 ދިވެހީންގެ ތެރޭގައި ހިމެނިވަޑައިގެންނެވެ. ޞަލާޙުއްދީން ލިޔުއްވި ”ސަފަރުނާމާއޭ ޙިޖާޒު“ގައި އެ ދަތުރުފުޅުގައި ޙައްޖުގެ އަޅުކަން ހިނގައިދިޔަ ގޮތް ވަރަށް ތަފުސީލުކޮށް ލިޔުއްވާފައިވެއެވެ. އެ ދަތުރުފުޅުގެ ބައިވެރިންގެ ތެރޭގައި ކާފަގެ ނަންފުޅު ވެސް އެބައޮތެވެ.
ކާފަ ވިދާޅުވެފައިވާ އެ ދަތުރާބެހޭ ވާހަކަފުޅެއް އަޅުގަނޑުމެންނާ ހަމައަށް ވެސް އައިސްފައި ވެއެވެ. އެއީ ދަތުރުގައި ވަޑައިގެންނެވި ބޭފުޅަކަށް ޙައްޖު ލިބިވަޑައި ނުގެންނެވި ވާހަކަފުޅެވެ. ކާފަ ވިދާޅުވާ ގޮތުގައި ފަނޑިޔާރު މަނިކުފާނު އަބަދުވެސް ރުމާކޮޅެއް ގެންގުޅުއްވައެވެ. އެއްދުވަހަކު ޙަރަމްފުޅު ތެރޭގައި އުޅުއްވަނިކޮށް އެ ރުމާކޮޅު ބިންމައްޗަށް ވެއްޓި ހިރަފުސް ތަތްވެއްޖެއެވެ. އަރިހުގައި ހުންނެވި ބޭފުޅަކު އެ ރުމާކޮޅު ނަންގަވައި ހިރަފުސް ފޮޅާލެއްވުމަފަހު އަތްޕުޅަށް އަރުވާފައި ދެންނެވިއެވެ. ދެރަކަމަކީ މިތަނުގެ ހިރަފުސް ބޯވުމޭ ދޮގެއްތޯއެވެ. އެ ވަގުތު ހިތްޕުޅާ ހަމަނުކުރައްވައި ކުއްލިއަކަށް ފަނޑިޔާރުމަނިކުފާނު ވިދާޅުވިއެވެ. އެއްގޮތަކަށް ވެސް ތިޔަހެން ވިދާޅުވާކަށް ނުވާނެއެވެ. އަޅުގަނޑުމެން މި އަންނަނީ މި ތަނުގެ މި ހިރަފުހުގައި އުނގުޅި ހަދާކަށް ނޫންތޯއެވެ. ކާފަ ވިދާޅުވާ ގޮތުގައި އެ ފަހަރު އެ ބޭފުޅަކަށް ޙައްޖެއް ލިބިވަޑައެއް ނުގެންނެވިއެވެ. އާލާސްކަންފުޅެއް ޖެހިވަޑައިގެން އެއްގޮތަކަށް ވެސް އަރަފާތު ބިމަށް ވަޑައިގެންނެވޭ ގޮތް ނުވީއެވެ. އެހެން މެދުވެރިވެ ވަޑައިގެންނެވީ އެ ބޭފުޅަކަށް އެ ވިދާޅުވެވުނު ވާހަކަފުޅުގެ ސަބަބުން ކަމަށް އޭރުގައި މީހުން ކިޔާ އުޅޭކަމަށް ކާފަ ވިދާޅުވެއެވެ. ޞަލާޙުއްދީނަށް ކާފަ ވިދާޅުވަނީ ފަނޑިޔާރުމަނިކުފާނު ކަމަށް އަޅުގަނޑުގެ ބައްޕަ ވިދާޅުވިއެވެ.

ވައިގެމަގުން ޙައްޖަށް ވަޑައިގެންނެވި ފުރަތަމަ ދިވެހީންގެ ތެރޭގައި އަޅުގަނޑުގެ ބައްޕަ ފަރާތުގެ މުނިކާފައާއި މުނިމާމައާއި ކާފަ ހިމެނިވަޑައިގަތެވެ. ކާފަ ވަޑައިގެންނެވީ މުނިކާފަގެ ދެކަނބަލުންނަށް އެހީތެރިވެވަޑައިގަންނަވާށެވެ. މިގޮތަށް ނޮޅިވަރަމް ދޮން ޢަލީ ޚަތީބު ކަލޭފާނުގެ ދެ ކަނބަލުންނަށް އެހީތެރިވެވަޑައިގެންނެވުމަށް ގެންދެވީ އެ ބޭފުޅުންނާ ތިމާގެ ބޭފުޅެއް ކަމުގައިވާ ނޮޅިވަރަމް ޢަލީ އިބްރާހީމެވެ. ފަހުން އެއީ އަތޮޅުވެރިކަން ވެސް ކުރެއްވި މަޝްހޫރު ނޮޅިވަރަމް ޢަލީ ކަލޭފާނެވެ. އެ ދަތުރުފުޅުގައި އެންމެ ހަގު ދެ ބޭފުޅުންނަށް ތިއްބެވީ އަޅުގަނޑުގެ ކާފަ ޤާސިމް ހާރޫނާއި ޢަލީ ކަލޭފާނެވެ.
މި ތާރީޚީ ޙައްޖު ދަތުރުގެ ވާހަކަ އެ ދުވަސްވަރު ރާއްޖޭގައި ނެރުނު ނޫހެއްކަމުގައިވާ ”މިދުވަސްވަރު“ ގައި އެބައޮތެވެ. އެ ނޫހަކީ މާދޫގޭ ޢަލީ އަޙްމަދު ނެރުއްވި ނޫހެކެވެ. އެ ޚަބަރު ލިޔުއްވާފައިވާފައިވަނީ ”އާސްރާ“ އެވެ. އެއީ ކަރަންކާމާގޭ މުޙައްމަދު ރަފީޢުގެ ގަލަމީ ނަންފުޅެވެ. މުޙައްމަދު ރަފީޢުއަކީ ވަރަށް މޮޅު ލިޔުންތެރިއެކެވެ. އަދި އެހާމެ ކުޅަދާނަ ޅެންވެރިއެކެވެ. އާސްރާގެ ބައެއް ޅެންތައް ވަރަށް މަޝްހޫރުވެފައިވެއެވެ. އޭގެ ތެރެއިން އެއް ޅެމަކީ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެފާނުގެ ޚިދުމަތުގެ މައްޗަށް ހެއްދެވި ”އަމީނުގެ ޒިކުރާ“ އެވެ. ”ފިންޏަކުން އަދި ހޫނަކު ތިޔަ އަސަރުތައް ފިލުމެއްނެތޭ، ހިތްވަރާ ޢަޒުމުގެ ނަމޫނާ ގެއްލިދާނެ ގޮތެއްނެތޭ“ މިފަދަ ހިތްގައިމު އެތައް ޅެންތަކެކެވެ.
”މި ދުވަސްވަރުގައި“ އާސްރާ ލިޔުއްވި ދިވެހީންގެ ބަޔަކު ވައިގެމަގުން ފުރަތަމަ ޙައްޖަށްދިޔަ މި ތާރީޚީ ދަތުރުގެ ވާހަކައަށް ދެއްވާފައިވާ ސުރުޙީއަކަށް އޮތީ ”އުދުހެމުން…ޙައްޖުގެ މަގުގައި…“ މިހެންނެވެ. އެ ލިޔުމުގައި ވަނީ ”ޙައްޖުގެ މުޤައްދަސް ފަރުޟު އަދާކުރެއްވުމަށް ޓަކައި 1960 މޭ 17 މި ދުވަހު މަތިންދާބޯޓެއްގައި މި ދަންނަވާ ބޭކަލުން ސިލޯނުން ފުރުއްވައިފިއެވެ. އެ ބޭކަލުން އެންމެ ފުރަތަމަ ދުރުވާނީ ބޮމްބޭ އަށެވެ. ދެ ދުވަހަކު ބޮމްބޭގައި ތިއްބެވުމަށް ފަހު ދެން ޖިއްދާއަށެވެ. ދެން މަދީނާއަށެވެ. މިއަށްފަހު މައްކާއަށެވެ.“ މިއީ އެ ތާރީޚީ ޙައްޖު ދަތުރު ހިނގާދިޔަގޮތް އެނގޭ އެއް މަސްދަރެވެ. އަނެއް މަސްދަރަކީ އަޅުގަނޑުގެ ކާފަގެ ޕާސްޕޯޓާއި ކާފައާއި މުނިމާމަގެ ޕާސް އެވެ. މުނިމާމަގެ ޕާސްޕޯޓާއި މުނިކާފަގެ ޕާސްޕޯޓާއި ޕާސް ވެސް ފެންނާކަށް ނެތެވެ. ފެންނަން އޮތް ކާފަގެ ޕާސްޕޯޓާއި މުނިމާމައާއި ކާފަގެ ޕާސް އަޅުގަނޑުމެންގެ ޖީލާ ހަމައަށް ވާސިލުކޮށްދެއްވުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވީ އަޅުގަނޑުގެ ބޮޑުބޭބެ އަޙްމަދު ޙަނީފެވެ. އަޑުއިވުމާއި ވާހަކަ ދެއްކުމުގައި ނުކުޅެދުންތެރިކަން ހުއްޓަސް ޢާއިލާގެ މި ބާވަތުގެ ކަންތައްތަކުގައި އެންމެ ކުޅެދޭ ބޭފުޅަކީ އެއީއެވެ. އެހެން ނޫންނަމަ މި ތަކެތި ވެސް ރައްކާތެރިކަމާ އެކު އަޅުގަނޑުމެންނާ ހަމައަށް ނުފޯރީސްކަން ޔަގީނެވެ.
ކާފަމެން ޙައްޖަށް ވަޑައިގަތުމަށް މާލެއިން ފުރާވަޑައިގެންނެވީ 12 އެޕްރީލް 1960 ގައެވެ. އެއީ 1379 ވަނަ އަހަރުގެ ޝައްވާލު މަހުގެ 15 ވަނަ ދުވަހެވެ. އެ ދަތުރުފުޅުގައި ސަރުކާރުގެ އިންޖީނު ބޯޓެއް ކަމަށްވާ މޯލްޑިވްސްޓަރގައި ކަނޑުމަގުން ފުރަތަމަ ވަޑައިގެންނެވީ ސިލޯނުގެ ކޮޅުނބަށެވެ. އޭރު ސިލޯނާއި ރާއްޖެއާ ދެމެދުގައި ދިވެހީން ދަތުރުކުރަނީ ދިވެހިރާއްޖޭގެ މިނިސްޓްރީ އޮފް އެކްސްޓާނަލް އެފެއަރޒުން ދޫކުރައްވާ ”ޕާސް“ ކިޔާ ޕާސްޕޯޓް ފަދަ ކުޑަ ފޮތެއް ހިފައިގެންނެވެ. އަޅުގަނޑުގެ މުނިމާމަ ޢާއިޝަތު ޤާސިމްއާއި ކާފަ ޤާސިމް ހާރޫނުގެ ޕާސް ހައްދަވައި ދެއްވާފައިވަނީ 2 އެޕްރީލް 1960 އެވެ. 9 ސެޕްޓެންބަރު 1900 ގައި އުފަންވެވަޑައިގެންނެވި މުނިމާމަގެ އުމުރުފުޅުން އޭރު 60 އަހަރުފުޅެވެ. އޭރު މާމަގެ އިސްތަށިފުޅުގެ ބޮޑުބައެއް ވަނީ ނުރަވެފައެވެ. މި ލިޔެކިޔުމަށް ބަލާއިރު މުނިކާފަގެ އުމުރުފުޅުން އޭރު 70 އާ ގާތްކުރާނެ ކަމަށް ބެލެވެއެވެ. 4 އެޕްރީލް 1920 ގައި އުފަންވެވަޑައިގެންނެވި ކާފަގެ އުމުރުފުޅުން އޭރު 40 އަހަރުފުޅެވެ. ޙައްޖަށް ވަޑައިގަތުމަށް ޓަކައި ސިލޯނަށް ވަޑައިގަތުމަށް ވިސާ ދޫކުރައްވާފައިވަނީ 6 އެޕްރީލް 1960 އިން ފެށިގެން ހަ މަސް ދުވަހަށެވެ.

ކާފަމެންނަށް ކަނޑުމަގުން ސިލޯނަށް ވަޑައިގެންނެވުނީ 14 އެޕްރީލް 1960 ގައެވެ. ކާފައަށް އިނގިރޭސި ޕާސްޓްޕޯޓް ދޫކުރައްވާފައިވަނީ 25 އެޕްރީލް 1960 ގައެވެ. ފަސް އަހަރުގެ މުއްދަތަށް (25 އެޕްރީލް 1965 އަށް) ދޫކުރައްވާފައިވާ އެ ޕާސްޕޯޓްގައި ލިޔެފައިވާ ގޮތުގައި އެއީ ކޮމަންވެލްތުގެ ޤައުމުތަކަށާއި ބޭރުގެ ހުރިހާ ޤައުމަށް ވެސް ދަތުރުކުރެއްވޭނެ ޕާސްޕޯޓެކެވެ. އެ ޕާސްޕޯޓްގައި ފުރަތަމަ ވަޑައިގެންފައިވަނީ ސިލޯނުގެ ރަތުމަލަނަ އެއަރޕޯޓުން އިންޑިއާގެ މެޑްރާހަށެވެ. އެއީ 17 މޭ 1960 ގައެވެ. ”މިދުވަސްވަރު“ ގައި އެވާ ތާރީޚަކީ މިއީއެވެ. މެޑްރާހުން ވަޑައިގެންނެވީ ޙައްޖު ވިސާ ޖެއްސެވުމަށް ބޮންބޭއަށެވެ. ޙައްޖު ވިސާ ޖައްސަވާފައިވަނީ އިންޑިއާގައި ހުރި ސައުދީ އެމްބަސީން 20 މޭ 1960 ގައެވެ. އެއީ ހިޖުރީގޮތުން 24 ޛުލްޤައިދާ 1379 އެވެ. ސައުދީ ޢަރަބިއްޔާއަށް ދަތުރުކުރައްވާފައިވަނީ ޖެހިގެން އައި ދުވަހުއެވެ. އެއީ ޛުލްޤައިދާ މަހުގެ 25 ވަނަ ދުވަހެވެ. 1960 މޭ 21 ވަނަ ދުވަހެވެ.
ޙައްޖުގެ އަޅުކަމުގެ ހުރިހާކަމެއް ވެސް ދިޔައީ ވަރަށް ރަނގަޅަށް ކަމަށްވެއެވެ. އެހެންނަމަވެސް ޙައްޖުގެ ހުރިހާ ބައިވެރިންނަށް ވެސް ވަރަށް ބޮޑަށް ރޯގާ ޖެހިވަޑައިގަތެވެ. މި ރޯގާގައި އަޅުގަނޑުގެ މުނިކާފައާއި މުނިމާމަ ވަރަށް ބޮޑަށް އާލާސްކަންފުޅާ އުޅުއްވިއެވެ. މި ޙައްޖު ދަތުރުފުޅުގައި ހިނގި އެންމެ ބޮޑު އެއް ކަމަކީ ޙައްޖުގެ ތެރޭގައި އަޅުގަނޑުގެ މާމަ ގެއްލިވަޑައިގަތުމެވެ. މާމަ ހޯއްދަވަން ނިކުމެވަޑައި ގެންނެވީ އަޅުގަނޑުގެ ކާފަ ޤާސިމް ހާރޫނެވެ. އޭރު މުނިކާފައާއި ދަތުރުގެ ގިނަ ބައިވެރިން ތިއްބެވީ ވަރަށް ބޮޑަށް ރޯގާގެ އާލާސްކަންފުޅުގައެވެ. މާމަ ފެނިވަޑައިގަންނަވާތޯ ވަޑައިގަންނަވާނެ ވަކިތަނެއް އެއްވެސް ބޭފުޅަކަށް އެނގިވަޑައެއް ނުގަންނަވައެވެ. ކާފަ ވިދާޅުވެފައިވާ ގޮތުގައި މާތްﷲ އަށް ވަކީލުކުރައްވާފައި މާމަ ފެނިވަޑައިގަންނަވާތޯ ހިންގަވަން ފެށްޓެވީއެވެ. ހީފުޅުވާ ގޮތްގޮތަށް ތަންތަން ބައްލަވަމުން ހަމަ ހިންގެވީއެވެ. އެއް ކުލައެއްގެ ހެދުމުގައި އުޅޭ ގިނަ ބައެއްގެ ތެރެއިން މާމަ ދެނެވަޑައިގަންނާނީ ކިހިނެތްކަމެއް އެނގިވަޑައެއް ނުގަންނަވައެވެ. އެކަމަކު ހިތްވަރު ކުރައްވާފައި ހިނގަވަމުން ވަޑައިގަންނެވީއެވެ. ކާފައަށް މާމަ ފެނިވަޑައިގެންނެވީ ވަރަށް ބޮޑަށް ވަރުބަލިފުޅުވެ ލޮޑުފުޅު ވެފައިވަނިކޮށެވެ.
ޙައްޖުގެ މަތިވެރި އަޅުކަމަށް ފަހު ސަޢުދީ ޢަރަބިއްޔާއިން ކާފަމެން އެނބުރި ވަޑައިގެންނެވީ 24 ޖޫން 1960 ގައި އިންޑިއާގެ ބޮންބޭއަށެވެ. ބޮންބޭއިން މެޑްރާހަށް ވަޑައިގެންނެވީ 29 ޖޫން 1960 ގައެވެ. ހަމަ އެދުވަހު ސިލޯނަށް ވަޑައިގެންނެވިއެވެ. ޙައްޖުގެ މަތިވެރި އަޅުކަމަށްފަހު ސިލޯނުން އެނބުރި މާލެ ވަޑައިގެންނެވީ 16 އޮގަސްޓު 1960 ގައެވެ.

މި ދަތުރުފުޅުގައި ރާއްޖެއިން ޙައްޖަށް ވަޑައިގެންނެވި 12 ބޭފުޅުން ތިރީގައި މިވަނީއެވެ. މި ލިސްޓް ލިޔެފައި މިވަނީ ”މިދުވަސްވަރު“ ނޫހުގައި އެ ލިޔުއްވާފައިވާ ތަރުތީބުންނެވެ.
- އިބްރާހިމް ކަލޭފާނު (ހއ.ދިއްދޫ)
- ދޮން ޢަލީ ޚަތީބު ކަލޭފާނު (ހދ.ނޮޅިވަރަމް)
- އައިމިނަތު އާދަމް (ހދ.ނޮޅިވަރަމް)
- ހާރޫނު ހާޖީ (ނ.މަނަދޫ)
- ޢާއިޝަތު ޤާސިމް (ނ.މަނަދޫ)
- ޢަލީ އިބްރާހިމް (ހދ.ނޮޅިވަރަމް)
- ޤާސިމް ހާރޫނު (ނ.މަނަދޫ)
- އިބްރާހީމް ފުޅު (ގ.ނަންރީތިގެ / މާލެ)
- ޙަސަން އާދަމް (ރ.އުނގުލު)
- އިބްރާހިމް މުޙައްމަދު (އދ.މާމިގިނލި)
- މުޙައްމަދު ޢަލީ (ބ.އޭދަފުށި)
- ދޮންކަލޭފާނު (ބ.އޭދަފުށި)
