ދިވެހިރާއްޖެއަކީ 2500 އަހަރަށް ވުރެ ދޮށީ ޤައުމެކެވެ. ވާރިދުވެފައިވާ ވާހަކަތަކުން ރާއްޖޭގައި މީހުން ދިރިއުޅޭތާ 2300 އަހަރުވެފައިވާ ކަމަށް ޤަބޫލުކުރެވެއެވެ. ދިވެހިންނަކީ މިނިވަންކަމުގެ ހެޔޮ ނަސީބު ދެއްވާފައިވާ ފަޚުރުވެރި ޤައުމެކެވެ. އަމިއްލަ ބަހަކާއި އަމިއްލަ ސަޤާފަތަކާއި ތާރީޚީ ތަރިކަތަކެއް ލިބިފައިވާ ހަލޯރަތެކެވެ. އެ ހަލޯރަތުން ފެންނަ އެއް ހަގީގަތަކީ ދިވެހިންގެ މިނިވަންކަމެވެ. މިނިވަންކަމުގައި ދިވެހިންނަށް ދެއްވި އިލާހީ ރަޙުމަތެވެ.

މިނިވަންކަމަށް ޓަކައި ދިވެހިން ކޮށްފައިވާ ހަނގުރާމަތައް ފެށުނީ ދިވެހިރާއްޖެ އިސްލާމްވި ފަހަކުން ނޫނެވެ. ހުރިހާ އިރެއްގައި ވެސް ދިވެހިންގެ ލޭގައި މިނިވަންކަމުގެ ވިންދު ޖެހިއެވެ. މަހާބަރަނަ މަހާރަދުންނަކީ މީލާދީން 12 ވަނަ ގަރުނުގައި ދިވެހިން ދުށް ވަރުގަދަ ޒައީމެކެވެ. އިންޑިއާގެ ޗޯޅާއިންގެ ބާރުގެ ދަށުގައި ރާއްޖޭގެ މަލިކު އަތޮޅާއި ތިލަދުންމަތި ވަނިކޮށް މިނިވަން ކޮށްދެއްވީ އެ ރަދުންނެވެ. އެ ރަދުން ރަސްކަން ކުރެއްވީ މީލާދީން 1121​ އިން 1142 އަށެވެ.

އިސްލާމް ދީނަށް އެނބުރުމަށް ފަހު ދިވެހިން ހަނގުރާމަކުރަން ޖެހުނީ ހަމައެކަނި ޤައުމާއި މިނިވަންކަމުގެ ދިފާޢުގައެއް ނޫނެވެ. ދީނުގެ ދިފާޢުގައި ވެސް ހަނގުރާމަކުރަން ޖެހުނެވެ. ސަބަބަކަށްވީ ދިވެހި ފަސްގަނޑުގައި އޮތް އިސްލާމީ ހިދާޔަތުގެ ނޫރު ނިވާލަން ބޭނުންވެގެން އެކަމަށް މަސައްކަތް ކުރި ބާރުތައް އޭރު ވެސް އޮތުމެވެ. އޭގެ އެއް ހަނގުރާމައަކީ ޢަލީރަސްގެފާނު ޝަހީދުކޮށްލި ސޮލީބީ ހަނގުރާމައެވެ. ޕޯޗްގީޒުން މީލާދީން 14 ވަނަ ޤަރުނުގައި ހިންދުކަނޑަށް އައި ހަމައެކަނި މަގުސަދަކީ ހަވާދާއި ރަނާއި ޖަވާހިރާއި މި ސަރަޙައްދުގެ އުފެއްދުންތައް ހޯދުމެއް ނޫނެވެ. ކުރިސްޓިއަން ދީނަށް ގޮވާލުމާއި އެ ދީން ފެތުރުމަކީ ވެސް އެ މީހުންގެ މަގުސަދެކެވެ.

ދިވެހިންނަށް އެ ދައުވަތު ފޮނުވިއެވެ. އެ ދީނަށް ގޮވާލިއެވެ. އެ މަސައްކަތުގައި އެ މީހުންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބުނެވެ. ރާއްޖޭގެ ތަޚުތުގައި އިންނެވި ނުވަވަނަ ޙަސަން ރަސްގެފާނު އިސްލާމް ދީން ދޫކޮށްލައްވައި ކުރިސްޓިއަން ދީނަށް ވަދެވަޑައިގަތުމުންނެވެ. އަދި ސީދާ ޕޯޗްގީޒުންގެ ބޭކަނބަލަކާ ކައިވެނި ބައްލަވައިގެންނެވުމުންއެވެ. މި ބޮޑު ފިތުނަގަނޑުގައި އެ މީހުންގެ ކުރިމަތީގައި އިސް ޖައްސަވައި ނުލެއްވި ލީޑަރަކީ ހަވަނަ ޢަލީރަސްގެފާނެވެ. އެކަމުގައި އެ ރަދުން މިސާލު ދެއްކެވީ ޝަހީދީ ލޭފޮދުންނެވެ. އެއީ 1 ޝައުބާން 965 އެވެ. 19 މޭ 1558 އެވެ.

އެ ދުވަހު ފެށުނު ޕޯޗްގީޒުންގެ އަނިޔާވެރި އަޅުވެރިކަން ދިވެހިންގެ ކަރަށް ރާ އަޅާ ހިސާބަށް ގެންދިޔައެވެ. އިސްލާމްދީން ދޫކޮށް ކުރިސްޓިއަން ދީނަށް އެނބުރުމަށް މަޖުބޫރުކުރިއެވެ. އެކަމާ ނުރުހޭ މީހަކަށް އޮތީ މަރުކަން ވެސް އެންގިއެވެ. އެގޮތަށް އިޢުލާނުކޮށް ނިންމާފައިވަނިކޮށް އުތީމު މަހާރަދުން، އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމުގެ އަތްޕުޅު މައްޗަށް ދިވެހިންނަށް މާތް ރަސްކަލާނގެ ނަޞްރު ދެއްވިއެވެ.

މީލާދީން 2 ޖުލައި 1573 (ހިޖުރައިން 1 ރަބީޢުލްއައްވަލް 981) މި ދުވަހަކީ ޕޯޗްގީޗުން ބަލިކުރައްވައި އުތީމު މަހާރަދުން ރާއްޖެ މިނިވަންކޮށް ދެއްވި ދުވަހެވެ. އޭގެފަހުން ދިވެހިންގެ މިނިވަންކަން ދިފާޢުކުރުމަށް އުތީމު ދަރިކޮޅުގެ ފާތިޙުން ކުރެއްވި ޖިހާދުތައް ހިތްމައްޗަށް ގެންނަވާށެވެ. ބޮޑުތަކުރުފާނާއި ބޮޑު ރަސްގެފާނާއި އިސްކަންދަރު ރަސްގެފާނުގެ ދުވަސްވަރުގައެވެ. އެތައް ޒަމާނެއް ވަންދެން ޕޯޗްގީޒުންނަށާއި މަލާބާރީންނަށް ދެމުންއައި ޖިޒީ އިސްކަންދަރު ރަސްގެފާނު ކަނޑުއްވާލެއްވި ގޮތެވެ. ދިވެހިންނަކީ އަމިއްލަވެރިކަމެއް ކުރާ ސިޔާދަތީ ބާރު ލިބިގެންވާ މިނިވަން ދައުލަތެއްކަން ދުނިޔެއަށް ހާމަކޮށް ދެއްވި ހިތްވަރުފުޅެވެ.

ޕޯޗްގީޒުންގެ ފަހުން ބޭރުގެ ބާރެއްގެ އަތްދަށަށް ދިވެހިރާއްޖެ ދިޔައީ 185 އަހަރު ފަހުންނެވެ. އެ ފަހަރު ރާއްޖޭގެ މައްޗަށް ވެރިވި ބާރަކީ ހޮޅިން ނުވަތަ މަލަބާރީންނެވެ. އެއީ 20 ޑިސެންބަރު 1752 އެވެ. ހިޖުރައިން 13 ޞަފަރު 1166 އެވެ. ރާއްޖޭގެ ފަނޑިޔާރު މަނިކުފާނާއި މާލޭގެ ޚަތީބު ޤައުމަށް ޣައްދާރުވީއެވެ. އެއީ އަލްޤާޟީ މުޙައްމަދު ޝަމްސުއްދީނާއި އަލްޚަތީބު އަޙްމަދު މުހިޢިއްދީނެވެ. ހޮޅިން ބަލިކުރައްވައި ދިވެހިންނަށް މިނިވަންކަން އިޔާދަކޮށްދެއްވީ ދޮންބަންޑާރައިންނެވެ. އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީނެވެ. އެއީ 3 ޖުމާދަލްއާޚިރާ 1166 (7 އެޕްރީލް 1753) އެވެ. އޭގެފަހުން ދޮންބަންޑާރައިން އެތައް ފަހަރަކު ދުޝްމިނުންނާ ހަނގުރާމަކުރައްވާ ނަޞްރު ހޯއްދެވިއެވެ.

ތާރީޚުގައި ހޮޅިންނަށް ފަހު އަޅުވެތި ކަމުގެ ދަތީގައި ދިވެހިން ޖެއްސި ބާރަކީ އިނގިރޭސިންނެވެ. ހިމާޔަތުގެ ނަމުގައި މީލާދީން 1887 ޑިސެންބަރު 16 ވަނަ ދުވަހު އިނގިރޭސިން ޖެއްސި ދަތިން މި ޤައުމު ސަލާމަތް ކުރެއްވީ ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނެވެ. އެއީ ދިވެހިންގެ މިނިވަން ދުވަސް ނިސްބަތްވާ ލީޑަރެވެ.

އިނގިރޭސިންގެ އަޅުވެތިކަމުގެ ”ހިމާޔަތަށް“ ދިވެހިން ވެއްޓުނު އަސްލަކީ ދިވެހިންގެ ތެރެއިން އަމިއްލަ މަސްލަހަތު އިސްކުރި މާލޭގެ ބޮޑުންނެވެ. ވެރިކަމާއި ވިޔަފާރީގެ ބާރުތައް މުށުތެރެއަށް ލުމަށް އެއް އާއިލާއިން އަނެއް އާއިލާގެ މައްޗަށް މިހާރުގެ ގޮތުންނަމަ ސިޔާސީ އެއްޕާޓީން އަނެއް ޕާޓީގެ މައްޗަށް އޮތް ޒާތީ ހަސަދަވެރިކަމެވެ. އޭރު ރާއްޖޭގައި ހުންނެވި އެންމެ ނުފޫޒުގަދަ އެއް ބޭފުޅަކީ ކަކާގޭ ޢަލީ ރަންނަބަނޑޭރި ކިލެގެފާނެވެ. އެ ކިލެގެފާނު ބޭނުންފުޅަކީ އޭރު ރާއްޖޭގައި ހުރި އެންމެ ބޮޑު ވިޔަފާރިވެރިޔާ އަތިރީގޭ (ގަލޮޅުގޭ) ޢަލީ ދޮށިމޭނާ ކިލެގެފާނުގެ ވިޔަފާރި ބަލިކޮށް ސިޔާސީ ގޮތުން ބާރުކަނޑުވާލެއްވުމެވެ.

ގަލޮޅުގޭ ޢަލީ ދޮށިމޭނާ ކިލެގެފާނު ސިލޯނަށް ދިރިއުޅުއްވުން ބަދަލުކުރެއްވީ ކަކާގޭގެ ބޭފުޅުންގެ ސަބަބުން ވިޔަފާރި ކުރައްވަން ދަތިފުޅުވެގެންނެވެ. ކަކާގޭގެ ބޭފުޅުންގެ ދައުވަތަށް 1857 ވަނަ އަހަރު ވޯރާ ވިޔަފާރިވެރިން ރާއްޖެ ގެނައީއެވެ. ދެންފެށުނީ ކަކާގޭ ”ޕާޓީ“އާ ދެކޮޅަށް އަތިރީގޭ ”ޕާޓީ“ގެ ބޮޑުން ރާވައި ހިންގި މަޝްހޫރު ބޮޑުހުޅެވެ.

ކަކާގޭ ޢާއިލާ އިސްކުރި އަމިއްލަ އެދުމުގެ ސަބަބުން އިގުތިސޯދީގޮތުން ރާއްޖެ އަޅުވެތިވެގެން ދިޔައީ އެވެ. އިގުތިސޯދީ އެ އަޅުވެތިކަމުގައި 105 އަހަރު ރާއްޖެ އޮތެވެ. ވޯރާ ވިޔަފާރިވެރިން ރާއްޖެއިން ބާލައި 1962 ވަނަ އަހަރު ދިވެހިންގެ އިގުތިސޯދު މިނިވަން ކުރެއްވީ ވެސް ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރެވެ.

ކަކާގޭ ޕާޓީގެ ކިބައިން ބަދަލު ހިފުމަށް އަތިރީގޭ ޕާޓީން ފެށި ބޮޑުހުޅު މުސްކުޅި ބަންޑާރައިންނަށްފަހު ރަސްކަމަށް އިސްވެވަޑައިގެންނެވި ކުޑަބަންޑާރައިންގެ ރަސްކަމުގައި ވެސް ކުރިއަށް ދިޔައެވެ. އަތިރީގޭ ޕާޓީގެ މަސްލަހަތު ކުރިއަރުވަން ހިންގި ސިޔާސީ އެ ކުޅިގަނޑު ނިމުނީ އިނގިރޭސީންގެ ހިމާޔަތުގެ އަޅުވެތި އުނގަށް ރާއްޖެ ވެއްޓިގެންނެވެ. އޭރު ރަސްކަމުގައި އިންނެވީ އައްސުލްޠާން މުޙައްމަދު މުއީނުއްދީން (2) ކުޑަބަންޑާރައިންނެވެ.

އިނގިރޭސިންގެ އަޅުވެތި ހިމާޔަތުގައި 78 އަހަރު ރާއްޖެ އޮތެވެ. 26 ޖުލައި 1965 ގައި އެ ކަސްތަޅުން ދިވެހިން ނެއްޓި މިނިވަންވީ އިލާހީ ހެޔޮ ރަޙުމަތްފުޅުންނެވެ. އިނގިރޭސިން އަޅުވެރިކުރި ގިނަ ޤައުމުތައް “ފޮތިފޮތިކޮށް ބައިބައިކުރާ ސިޔާސަތު” ރާއްޖޭގައި ވެސް ހިންގަން އުޅުނެވެ. އިނގިރޭސިން އަޑީގައި ތިބެގެން ރާއްޖޭގެ ސަރަހައްދުން އައު ދައުލަތެއް އުފަންކުރަން ކުރި މަސައްކަތުގެ ތެރޭގައި ދިވެހިންގެ ބަޔަކު މަރުވެ ގޮސްފައިވާކަން އެއީ ހަގީގަތެވެ. އޭގެތެރޭގައި އާންމު ދިވެހި ރައްޔިތުންނާއި ދިވެހި ސިފައިން ވެސް ހިމެނެއެވެ. އާންމު ރައްޔިތުންގެ ތެރެއިން ބަޔަކު ނިޔާވީ ދިވެހި ދައުލަތުން ނެއްޓި ވަކި ދައުލަތެއް އުފެއްދުމާގުޅިގެން ދިވެހި ދައުލަތުގެ ބާރުގެ ދަށަށް އެ ސަރަޙައްދު ގެންނަށް ކުރި މަސައްކަތުގައި ބަޑިޖެހުމުންނާއި އެ ނޫން ގޮތްގޮތުންނެވެ. ބަނޑަށްޖެހިގެން އެއްބަޔަކު މަރުވިއެވެ. އަނެއްބަޔަކު މަރުވީ ޖަލުގައެވެ. އަނެއް ބަޔަކު މަރުވީ ރައްކާތެރިކަމާއި ބޭސްފަރުވާ ކުރެވޭނެ ފަދައެއް ނެތިގެންނެވެ. ސިފައިން ތެރެއިން ނިޔާވި މީހުންނަކީ އެ ހަމަނުޖެހުންގަނޑުގައި ހަވަރު ތިނަދޫގައި ތިއްބާ އާންމު ރައްޔިތުން އަނިޔާކޮށް އިނގިރޭސީންނާ ހަވާލުކުރި ބައެއް ސިފައިންނެވެ.

ދިވެހިންގެ މިނިވަންކަމަކީ އަސަރުގަދަ ވާހަކައެކެވެ. ފަޚުރުވެރި ތާރީޚެއް ވެސް އޮތް އިލާހީ ނިޢުމަތެކެވެ. ކަރުނައާއި ވޭނާ އަސަރާ އެކުލެވޭ މާޒީއެކެވެ. އެތައްއެތައް ދިވެހިންނެއްގެ ތޯހިރު ލެއިން ލިޔެދީފައިވާ ރަނުގެ ސޮފުހާ ތަކެކެވެ. އިބުރަތުން ފުރިގެންވާ ފިލާވަޅެކެވެ.

ޝެއަރކުރެއްވުމަށް