އަހަރެމެންގެ ޙަޔާތުގެ ކޮންމެ ދުވަހަކީ ވެސް، އެތައް ޙާދިޘާތަކަކުން ޞަފުޙާތަކެއް ލިޔެވެމުން، ފަތްޖެހެމުންދާ ދުވަހެކެވެ. މަގުމަތީގެ މާރާމާރީއާއި، ބާޒާރުމަތީގައި ހިނގާ ޒުވާބުތަކާއި އޮފީސްއޮފީހުގައި ބޮސްއާއި މުވައްޒަފުންނާ ދެމެދުގައި އުފެދޭ ނުތަނަވަސްކަމާއި، ސިޔާސީ ޕާޓީތަކުގެ މެދުގައި އޮންނަ ވާދަވެރިކަމާއި، ދޭދޭ ޤައުމުތަކުގެ މެދުގައި ބަދަލުކުރެވޭ ބަހުގެ ޙަމަލާތަކާއި، ޢަސްކަރީ ކުރިމަތިލުންތަކަކީ މިފަދަ ޙާދިޘާތަކެކެވެ. މިއިން ކޮންމެ ޙާދިޘާއެއް ވެސް އިންސާނީ ޠަބީޢަތާ އެކުވެފައިވާ ޤުދްރަތީ ޖަޒްބާތެއް ތަރުޖަމާކޮށްދޭކަން ކަށަވަރެވެ. އެ ޖަޒްބާތައް މި ކިޔަނީ، ދިފާޢީ ނިޒާމެވެ. ނުވަތަ ”ޑިފެންސް މެކޭނިޒަމް“ އެވެ. އަހަރެމެންގެ ކޮންމެ ޖަޒުބާތީ ޙަރަކާތަކީ، ދިފާޢީ ނިޒާމާ ގުޅިފައިވާ ޙަރަކާތެކެވެ.
މާތް ﷲ މި ދުނިޔޭގައި އުފެއްދެވިހާ މަޚްލޫޤުންގެ މިޒާޖާއި ޠަބީޢަތުގައި ”ޑިފެންސް މެކޭނިޒަމް“ ދިފާޢުވުމުގެ ނިޒާމެއް ލައްވާފައިވާތީ ފެނެއެވެ. ބިންމަތީގައި ދެމެމުން ލޫދެމުންދާ ކުޑަކުޑަ ފަންޏަކާ ތޮޅެލައިފިނަމަ، އެ ކުޑަކުޑަ މަޚްލޫޤުގެ ޙަރަކާތުން ވެސް ފެންނާނީ މި ދަންނަވާ ދިފާޢީ ނިޒާމުގެ ތެރެއިން ފާޅުވާ ޙަރަކާތެކެވެ. ވަށައިގެންވާ މާޙައުލުގެ ކުލައާ އެއްގޮތަށް ޖިސްމުގެ ކުލަ ބަދަލުކޮށްލުމަކީ ވެސް މިފަދަ ކަމެކެވެ. ވިނަތަކުގެ ކުލައާ އެއްގޮތަށް، މަސްކާށީގެ ކުލަ ބަދަލުކޮށްލަނީ ވެސް މި ނިޒާމުގެ ތެރެއިންނެވެ. ކަނޑުގައި ދިރިއުޅޭ މަސްމަހާއިމެއްސާއި އެއްގަމުގައި އުޅޭ ފަނިފަކުސާތަކާއި، ގަސްގަހާގެއްސާއި މާމެލާމެލީގައި ވެސް ”ޑިފެންސް މެކޭނިޒަމް“ ހުންނަކަށް އަހަރެމެންގެ ތަޖުރިބާތަކުން ވެސް އެނގި ޔަޤީންވެއެވެ. ނުރައްކަލެއް ކުރިމަތިވާ ވަގުތު، އަމިއްލަ ޖިސްމުގެ ކުލަ ބަދަލުކޮށްލާ މަސް އުޅެއެވެ. އެހެން ޖަނަވާރެއްގެ ނުރައްކަލެއް ކުރިމަތިވާއިރަށް ދިފާޢުވުމުގެ ގޮތުން، ފަސްފޫޓުގެ ދުރުމިނަށް ލޮލުން ލޭ ދުއްވައިލާ ޛާތުގެ ބޮނޑު އުޅެއެވެ. ހަށިގަނޑުގެ ވަށައިގެން ބޯކަށިތަކެއް ނެރެގެން ސަލާމަތީ ފިޔަވަޅުއަޅައި އުޅޭ ޛާތުގެ މަސް މޫދުގައި އުޅެއެވެ. ބައެއް މަސްމަހުގެ ނޭފަތުން، ކިސަޑުކަހަލަ މާއްދާއެއް ފޮނުވައިލައިގެން، އެއާ ކުރިމަތިލާ އެއްޗަކުން ދިފާޢުވެއެވެ. ބައެއް ގަސްގަހުގައި ހުންނަ ކަށިތަކުގެ ބުޑުގައި ދިރިއުޅޭ ހިންޏަކީ، އެ ގަހަށް ޙަމަލާދޭ އެހެން ޖަނަވާރެއްގެ އަނގަތެރެއާއި މޫނަށް ޙަމަލާދީ އެ ގަސް ސަލާމަތްކުރުމަށް ހަރަކާތްތެރިވާ ހިންޏެވެ. އަދި މި ހިނިތަކުގެ ވަކިތަކުން ލިބޭ ވޭނުން، އެ ގަހާ ކައިރިވެވުނު މޮޔަ ހިތަށް އަރާވަރުކޮށްލައެވެ.
އަހަރެމެން އިންސާނުންގެ ކިބާގައި ވެސް ”ޑިފެންސް މެކޭނިޒަމް“ގެ އެތައް ވައްތަރެއް ހުރެއެވެ. އަމިއްލަ ނަފުސުގެ ދިފާޢުގައި އިންސާނާގެ ސިކުނޑި ބޭނުންކޮށްގެން ހަތިޔާރު އުފައްދައިފިއެވެ. ޖަނަވާރު ވެސް އެކަތި އަނެކައްޗަށް ޙަމަލާދީ އުޅޭ ފަދައިން، އިންސާނުން ވެސް، އެއް ބަޔަކު އަނެއް ބަޔަކަށް ޙަމަލާދެއެވެ.
އެހެންނަމަވެސް، އެއް ބަޔަކު އަނެއް ބަޔަކާ ވާހަކަދައްކާ އިރު، ކަންކަމާ މެދު ބަޙުޘުކޮށްއުޅޭ އިރު، އެކިއެކި މައްސަލަތައް ޙައްލުކުރުމުގެ ބޭނުމުގައި އެއް މޭޒެއްގެ ކައިރިއަށް އައިސްތިބޭ އިރު، އަދި ކޮންމެ ބަޔަކު ވެސް، އެ ބަޔެއްގެ ފިކުރާއި ޚިޔާލު ފާޅުކުރާ އިރު، އަދި އެ ބައެއްގެ ފިކުރާ ދިމާއަށް އަނެއް ބަޔަކު ލައްބުވާލުމަށް އުޅޭ ވަގުތު ވެސް، ”ޑިފެންސް މެކޭނިޒަމް“ ގެ ބޭނުން ކުރެއެވެ. މި މެކޭނިޒަމަށް ކިޔަނީ، ހެއްކާއި ދަލީލުތައް ހުށަހެޅުމެވެ. ކީރިތި ޤުރްއާނުގައި ބަޔާންކުރައްވާފައިވާ ފަދައިން: ﴿وَقَالُواْ لَن يَدۡخُلَ ٱلۡجَنَّةَ إِلَّا مَن كَانَ هُودًا أَوۡ نَصَٰرَىٰۗ تِلۡكَ أَمَانِيُّهُمۡۗ قُلۡ هَاتُواْ بُرۡهَٰنَكُمۡ إِن كُنتُمۡ صَٰدِقِينَ﴾ (البقرة:111) ”އެއުރެން ބުނޫއެވެ. ޔަހޫދީއަކު ކަމުގައި ނުވަތަ ނަޞާރާއަކު ކަމުގައިވާ މީހަކު މެނުވީ، ސުވަރުގެޔަކަށް ނުވަންނާނެތެވެ. އެއީ، އެއުރެންގެ ދޮގު އުންމީދުތަކެވެ. ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައި ވަނީނަމަ، ތިޔަބައިމީހުން (އެކަމަށް) دليل ގެންނާށެވެ!“
ހަމައެހެންމެ، އަހަރެމެންނަށް ވުރެ މާރަނގަޅު ދެ ބޭކަލަކު، އަހަރެމެންނަށް ވުރެ މާ ނުބައި ނުލަފާ ޖައްބާރެއްގެ ގާތަށް މާތް ﷲ ފޮނުއްވެވިއެވެ. މޫސާގެފާނާއި ހާރޫނުގެފާނެވެ. މާތްﷲ ވަޙީކުރެއްވީ: ﴿فَقُولَا لَهُۥ قَوۡلٗا لَّيِّنٗا لَّعَلَّهُۥ يَتَذَكَّرُ أَوۡ يَخۡشَىٰ﴾ (طه:44) ”ފަހެ، މަޑުމައިތިރި ބަހުން ތިޔަ ދެ ބޭކަލުން އޭނާއަށް ބަސް ވިދާޅުވާށެވެ! (އެއީ) އޭނާ ހަނދުމަކޮށް، ނުވަތަ ބިރުވެތިވޭތޯ އެކަމުގެ އުންމީދުގައެވެ.“
ތަހުޛީބީ މުޖުތަމަޢުތަކުގައި މަދަނިއްޔަތުގެ ސިފަތަކުން ޒީނަތްތެރިވެގެންވާ އިންސާނާގެ ”ޑިފެންސް މެކޭނިޒަމް“ އަކީ، ހެތްކާއި ދަލީލެވެ. އެހެން ނަމަވެސް، ހައްދުފަހަނައަޅައިދިއުމުގެ ފަޅިއަށް ލެނބިގެންފައިވާ، ނުވަތަ، ތަހުޛީބާއި މަދަނިއްޔަތުގެ ގޮތްތައް ދޫކޮށްފައިވާ މީހާގެ ”ޑިފެންސް މެކޭނިޒަމް“އަކީ ދަލީލެއް ނޫނެވެ. ޢަޖާއިބުވެ އައްތަރީސްވާވަރުގެ މުޅިން އެހެން ހަމައެކެވެ.
ޝައްކެއްނެތެވެ. މާތް ދީނެއްގެ އަހުލުވެރިންކަމުގައިވާ އަހަރެމެންގެ ”ޑިފެންސް މެކޭނިޒަމް“ އަކީ އަހަރެމެންގެ ދީނެވެ. އެހެން ނަމަވެސް، އަހަރެމެންގެ ދީން އަހަރެމެންނަށް ދަސްކޮށް ދިން: ﴿ قُلۡ هَاتُواْ بُرۡهَٰنَكُمۡ إِن كُنتُمۡ صَٰدِقِينَ﴾ (البقرة:111) ”ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުންނީ، ތެދުބުނާ ބަޔަކު ކަމުގައިވަނީނަމަ، ތިޔަބައިމީހުން (އެކަމަށް) دليل ގެންނާށެވެ!“
ހެކި ދެއްކުމުގެ މި ނިޒާމަކީ، އިސްލާމްދީން އުނގަންނައިދިން ނިޒާމުކަމުގައި ވިޔަސް، ދީނުގެ ނަމުގައި ދިފާޢުވުމުގެ މުޅިން އެހެން ނިޒާމެއް މިވަނީ ބަޔަކު މީހުން އުފައްދާފައެވެ. ދީނީ، ސިޔާސީ އަދި އިޖުތިމާޢީ ދާއިރާތަކުން އަހަރެމެންނަށް ފެންނަ މަންޒަރުތައް ސިފަކޮށްދެނީ އިސްލާމްދީން އަހަރެމެންނަށް ދަސްކޮށްދިން ”ޑިފެންސް މެކޭނިޒަމް“ އާ މުޅިން އިދިކޮޅު ހަމަތަކެއް ގެންގުޅޭ ތަނެވެ. ދައްކާނެ ދަލީލެއް، ހެތްކެއް ނެތުނީމާ، ބަލިވަނީކަން އެނގޭ ހިސާބުން، ބާރު ބޭނުންކުރުމުގެ ނިޒާމު ނުވަތަ ”ޕަވަރ މެކޭނިޒަމް“ އާ ދިމާއަށް ދާ މަންޒަރެވެ. ހުށަހަޅާނެ ދަލީލެއް ހެތްކެއް ނޭނގުނީމާ، އިދިކޮޅުގެ މީހުންނަކީ ކާފަރުންކަމުގައި ޙުކުމު އިއްވުމުގެ ހަމައެވެ.
ޝައްކެއްނެތެވެ. މިއީ، ވަރަށް ނުރައްކާތެރި ”ޑިފެންސް މެކޭނިޒަމް“ އެކެވެ. މި ނުރައްކާތެރި، ހަރުކަށި ފިކުރުން އުފަންވާ ”ޑިފެންސް މެކޭނިޒަމް“ގެ ނަތީޖާއިން، ބަޙުޘުކުރާ އަސްލު މައުޟޫޢު ވެސް ހަނދާން ނެތިގެންދެއެވެ. އަދި ވަގުތު ބަދަލުވެދަނީ، އޭނާއަކީ މުސްލިމެއްކަން ސާބިތުކޮށްދޭށެވެ. އަދި އޭނާގެ ފިކުރާ އިދިކޮޅު ކޮންމެ މީހަކީ ކާފަރެއްކަން ކަނޑައަޅާށެވެ. އަދި މިކަންވެސް ސާބިތުކޮށް ނުދެވިއްޖެނަމަ، ފުރާނަ ވެސް ދުއްވައިލާ ހިސާބަށް ދެއެވެ. ހަރުކަށި ފިކުރުގެ މީހުން ގެންގުޅޭ ”ޑިފެންސް މެކޭނިޒަމް“ގައި، ބަޙުޘު ހިނގާގޮތުގެ ނަމޫނާއެއް ހާމަކޮށްލާނަމަ، އެކަން ހިނގާގޮތް މި ދަންނަވާ މިސާލުން ސާބިތުވާނެއެވެ.
ކަލޭގެ ދަލީލެއް އަހަރެން ޤަބޫލެއް ނުކުރާނަމެވެ. ސަބަބަކީ، ކަލެއަކީ، ޤުރްއާނާއި ސުންނަތާ ޚިލާފަށް އުޅޭ މީހެއްކަމުގައިވާތީއެވެ. އަހަރެން ޤުރްއާނާއި ސުންނަތާ ޚިލާފަށް ދެއްކި ވާހަކައެއް ނިކަން ބުނެދީބަލާށެވެ! ކަލެއަކީ ޤުރްއާން ވެސް އަދި ސުންނަތް ވެސް ޤަބޫލުކުރާ މީހެއް ނޫނެވެ. އެހެންވީމާ ކަލޭ މުސްލިމަކަށްވާނީ ކިހިނެއް ހެއްޔެވެ؟
ބައެއްފަހަރު ޒުވާބުގެ މިޞްރާބު އެހެން ދިމާއަކަށް ވެސް ދެއެވެ. ހަރުކަށި ފިކުރުގެ މީހުންގެ އެޖެންޑާ ކާމިޔާބުކުރުމަށްޓަކައި، އަދި މުޤާބިލުގައިވާ މީހާގެ އަނގަ ބަންދުކޮށްލުމަށްޓަކައި ކަލެއަކީ، މިވެނި ޕާރޓީއެއްގެ ފިކުރުގެ މީހެކޭ ބުނެ ތުހުމަތުގެ އިނގިލި ދިއްކުރެއެވެ. އެކިއެކި ވުޒާރާތަކާއި މުއައްސަސާތަކުގެ ވެރިންނަށް ތިބޭ މީހުން ބްލެކްމެއިލްކުރުމުގެ އުކުޅުތަކުގެ ބޭނުންކުރެއެވެ. އެ ބަޔަކު އެދޭގޮތް އެ ވެރިޔަކު ލައްވާ ކުރެވޭގޮތް ނުވެއްޖެނަމަ، މީޑިއާގައި އެމީހަކު ފަޟީޙަތްކޮށްލައި އަބުރުކަތިލައެވެ. އަދި މިކަމުގެ ބިރުވެރިކަން އެ ވެރިޔަކަށް އޮންނަ މިންވަރެއްގެ މައްޗަށް އެ ބަޔަކަށް ކާމިޔާބު ވެސް ލިބެއެވެ.
މި ބާވަތުގެ ”ޑިފެންސް މެކޭނިޒަމް“ ނުވަތަ ދިފާޢީ ނިޒާމުގެ ދަށުން، ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރެވެނީ މަދެއްކޮށް ނޫނެވެ. އިސްލާމްދީނުން އެމީހަކު ބޭރުކޮށް ޔަހޫދީ އެޖެންޓެއްގެ ނިޔާ ކަޑައަޅައި ނިންމައިލުމަށް ވެސް ފަސްނުޖެހެއެވެ. ޔަހޫދީ އެޖެންޓެއްގެ ގޮތުގައި އެ މީހަކާ ބެހޭގޮތުން ޙުކުމު އިއްވޭ މީހަކީ، ދުވަހަކު ވެސް ޔަހޫދީއަކާ ބައްދަލުވެފައި، ނުވަތަ މުޢާމަލާތެއްކޮށްފައި ހުރި މީހެއްކަމުގައި ނުވިޔަސްއެވެ.
މިފަދަ މީހުން ބޭނުންކުރާ ”ޑިފެންސް މެކޭނިޒަމް“ގެ އަނެއް ވައްތަރަކީ، ޤައުމިއްޔަތާ ގުޅުވުމެވެ. ތިމާމެންނާ އެއްބަސްނުވާ ނުވަތަ އެމީހަކީ، ތިމާމެންގެ ފިކުރާ އިދިކޮޅު މީހެއްކަމަށް ޤަބޫލުކުރެވޭ ކޮންމެ މީހެއްގެ ގައިގައި ޤައުމާ ގުޅުވައިގެން ހަރުކުރާ ލޭބަލެއް އޮވެއެވެ. އެމީހަކީ، ޤައުމުގެ ދުޝްމަނުންނާ އެއްބައިވެގެން އުޅޭ މީހެއްކަމުގެ ތުހުމަތެވެ. ނުވަތަ މުސްލިމުންނަށް އަނިޔާދޭ ޤައުމުގެ ވެރިންނާ ބައިޢަތު ހިފައިގެން ހުރި، އެމީހުންގެ ޕަޕެޓެއް (ގޮޑިކޮއްކޮއެއް) ގެ ތުހުމަތެވެ. ދަލީލާއި ހެތްކެއް ދެއްކެއް ނެތްކަން އެނގުމާއެކު، ޤައުމަށް ޣައްދާރުވާ މީހެއްކަމުގެ ތުހުމަތެވެ.
އަހަރެމެން އެންމެންނަށް ވެސް އެނގޭ ފަދައިން، ވަޠަނީ ލޯތްބާއި ދީނަށް އޮންނަ ވަފާތެރިކަމަކީ، ވަރަށް ގަދައަށް އަހަރެމެންގެ ހިތާ ފުރާނައާ ގުޅިފައި އޮންނަ ކަމެކެވެ. އެހެންވީމާ، ”ޑިފެންސް މެކޭނިޒަމް“ގެ ފަލްސަފާގެ ތެރެއިން އުފަންވެގެން އަންނަ ”ޕަވަރ މެކޭނިޒަމް“އަށް ލެނބިގަތުމުން ”ޤައުމަށް ޓަކައި ދީނަށްޓަކައި] އޮންނަ ޖަޒްބާތުތައް ހޭލައްވާލައެވެ. މި ޖަޒްބާތު ހޭލައްވައިލުމުން ބުއްދީގެ ހަމަތައް ހަވަޔަށް އަރައިގެން ދެއެވެ. އަދި ހަރުކަށިފިކުރުގެ މީހުންނާ އިދިކޮޅު ކޮންމެ މީހަކު ބަލިކޮށްލުމަށް ލިބޭ ފުރުޞަތަކަށްވެގެން ދެއެވެ.
ދައްކާނެ ހެކި ނެތުމުން، ޓީވީތަކުން ހޫނު ބަޙުޘުތައް ކުރުމުގެ ތެރެއިން ޒުވާބުކުރުމާއި ހަޅޭއްލެވުމާއި އަދި އެންމެ ފަހުން އެއްބަޔަކު އަނެއް ބަޔަކާ ދިމާއަށް ހަޑިހުތުރު ބަހުން މުޚާޠަބުވުމަކީ ވެސް [ޑިފެންސް މެކޭނިޒަމް]ގެ ތެރެއިން ކުރާ ކަންކަމެވެ. ޒުވާބަކާ ދިމާއަށް ޢިލްމީ ބަޙުޘެއްގެ މިސްރާބު ބަދަލުވެއްޖެނަމަ، އެންމެ ފުރަތަމަ ވެސް އެ ބަހުޘަކާ ދުރަށްދާ އެއްޗަކީ، ޙަޤީޤަތެވެ. ހަނގުރާމައެއްގައި އެންމެ ފުރަތަމަ ވެސް މަރުވެދަނީ ތެދުކަމުގައިވާ ފަދައިންނެވެ.
ދުނިޔެއަށް އިންސާނާ ޚަލްޤުކުރައްވާ ފޮނުއްވެވި މަޤްޞަދަކީ، މާތް ﷲ އަށް އަޅުވެތިވުންކަމުގައި ވާއިރު، މި މާތް މަޤްޞަދަށް ޢަމަލީ ސިފަ ގެނައުމަށްޓަކައި، މާތް ﷲގެ އަޅުވެތިކަމުގެ ދަށަން ކޮންމެ އިންސާނަކު ވެސް ދާގޮތަށް ކަނޑައަޅުއްވާފައިވަނީ، އެމީހެއްގެ އަމިއްލަ އިޚްތިޔާރާއި ލޯތްބާއި ޝައުޤުވެރިކަމާ އެކުގައެވެ. ބާރުގެ ބޭނުންކޮށްގެނެއް ނޫނެވެ. މާތް ﷲއަށް ޓަކައި އަދާކުރެވޭ ކޮންމެ އަޅުކަމެއް ވެސް އެކަލާނގެ ޤަބޫލުކުރައްވަނީ، ހެޔޮ ނިޔަތާއެކު، އެކަމެއް ކުރާހިތުން ކޮށްގެނެވެ. މަޖުބޫރުން، ކޮންމެވެސް ބަޔެއް ދެކެ ބިރުން ތިބެ ކުރާ އެއްވެސް ކަމެއް އެކަލާނގެ ޤަބޫލެއް ނުކުރައްވާނެއެވެ. ކީރިތި ރަސޫލާގެ މަތިވެރި މަންހަޖުން ފެނިގެންދަނީ މި ނަމޫނާއެވެ. އެކަލޭގެފާނު އެއްވެސް ބަޔަކަށް މަޖުބޫރެއް ނުކުރައްވައެވެ. އިސްލާމުދީނަށް މީހުން ވަނީ، އެ ދީނުގެ ކަންކަން ރަނގަޅަށް އެނގިތިބެ، ލޯބިންނެވެ. އިންސާނުންގެ ހިތްތައް ފަތަޙަކުރައްވައިގެނެވެ.
[އަމާންކަމުގެ ބިމެއްގައި ޓޮލަރެންސްގެ ގަސްކާނާ ލިބިގެން މެނުވީ ތަރައްޤީގެ ގަހެއް ނުހެދޭނެއެވެ.] މިއީ އަސްލުގައި މީގެ އެތައް އަހަރެއްގެ ކުރިން، އިބްރާހީމުގެފާނު އަހަރެމެންނަށް ދަސްކޮށްދެއްވި ޙަޔާތުގެ ޙަޤީތެކެވެ. ﴿وَإِذۡ قَالَ إِبۡرَٰهِۧمُ رَبِّ ٱجۡعَلۡ هَٰذَا بَلَدًا ءَامِنٗا وَٱرۡزُقۡ أَهۡلَهُۥ مِنَ ٱلثَّمَرَٰتِ مَنۡ ءَامَنَ مِنۡهُم بِٱللَّهِ وَٱلۡيَوۡمِ ٱلۡأٓخِرِۚ قَالَ وَمَن كَفَرَ فَأُمَتِّعُهُۥ قَلِيلٗا ثُمَّ أَضۡطَرُّهُۥٓ إِلَىٰ عَذَابِ ٱلنَّارِۖ وَبِئۡسَ ٱلۡمَصِيرُ﴾ (البقرة:126) އަދި إبراهيمގެފާނު دعاءކުރައްވައި ވިދާޅުވިހިނދު ހަނދުމަކުރައްވާށެވެ! އަޅުގެ ވެރިރަސްކަލާކޯއެވެ! މިރަށަކީ أمانކަން ލިބިގެންވާ ރަށެއްކަމުގައި ލައްވައިފާނދޭވެ! އަދި އެރަށުގެ أهلވެރިންކުރެ اللَّهއަށާއި آخرة ދުވަހަށް إيمانވި މީހުންނަށް މޭވާތަކުން رزق ދެއްވައިފާނދޭވެ! އެކަލާނގެ وحيކުރެއްވިއެވެ.
كافرވެއްޖެ މީހާއަށް (ދުނިޔޭގައި) ކުޑަހިނދުކޮޅެއްގެ އުފަލާއި އަރާމު، ތިމަންރަސްކަލާނގެ ދެއްވާހުށީމެވެ. ދެން، ނަރަކައިގެ عذابގެ ތެރެޔަށް އެމީހަކު ފޮނުއްވައިލައްވާހުށީމެވެ. އެއީ ހާދަހާ ނުބައިވެގެންވާ ނިމިދިޔުމެކެވެ.
