ޢާންމުގޮތެއްގައި، ”ތާރީޚު“ މި ލަފުޒުގެ ތަޢާރަފުގައި މުވައްރިޚުން ގަބޫލުކުރައްވަނީ ތާރީޚު ފެށެނީ ޑޮކިއުމެންޓް ކުރެވެންފެށި ހިސާބުން ކަމަށެވެ. އިންސާނާ އޭނާގެ ޝުޢޫރުތައް ލިޔުމުން ހާމަކުރަން ފެށީ އިންސާނީ މުޖުތަމަޢު ތަރައްޤީވެ ކުރިއަރައިގެން އައުމުންނެވެ. މި ސްޓޭޖަށް އިންސާނާ ކުރިއަރައިގެން އައީ ހިސްޓޮރިކް ޕީރިއޮޑް އަށެވެ. އިންސާނުން ލިޔުމުން ޝުޢޫރުތައް ފާޅުކުރަން ފެށި ހިސާބުން ފެށިގެން ކުރީގެ ދުވަސްވަރަކީ ”ޕްރީ-ހިސްޓޮރިކް ޕީރިއަޑް“ ނުވަތަ ތާރީޚުގެ ކުރި ކަމުގައެވެ.
މުވައްރިޚުން ވިދާޅުވަނީ ”މީހުން ނެތް ބިމެއްގެ ތާރީޚެއް ނުވެއެވެ“. ”ލޭންޑްސް ވިތުއައުޓް ޕީޕްލް އާރ ލޭންޑްސް ވިތުއައުޓް ހިސްޓަރީ“ އެވެ. ވީމާ، އިންސާނުންގެ ތާރީޚު ފެށެނީ އިންސާނުން ވުޖޫދުވުމުންނެވެ. އަދި އިންސާނުން ވުޖޫދުވި ވޭލާއަކީ ޕްރީ ހިސްޓޮރިކް ޒަމާނެވެ. ނުވަތަ ތާރީޚު ޖަހަން ފެށުމުގެ ކުރީގެ ވޭލާއެވެ. މިހެންވުމުން ހިސްޓަރީ، އާކިއޮލޮޖީ، ޖިއޮގްރަފީ، އެންޓްރޮފޮލޮޖީ، ލިންގްއިސްޓިކްސް އަދި ސޯސިއޮލޮޖީ ފަންނުގެ ޢިލްމުވެރިންގެ މާހިރުންނަށް ވެސް ކޮންއިރަކު، ކޮންތަނަކު، އަދި ކިހިނެއްކަން އިންސާނުން ފުރަތަމަ އުފެދުނު ރީޖަނެއް ނުވަތަ ޤައުމެއް ކަނޑައެޅުމަކީ އުނދަގޫ ކަމެކެވެ.
މުވައްރިޚުން މުޖުތަމަޢެއްގެ ތާރީޚު ދިރާސާކުރުމުގައި އާންމުކޮށް ކަންކުރާ ގޮތަކީ ތާރީޚުގެ އެ ދުވަސްވަރެއް މައިގަނޑު ދެ ބަޔަކަށް ކަނޑައެޅުމެވެ. އެއީ، ޕްރީ-ހިސްޓޮރިކް ޕީރިއަޑްއާއި ހިސްޓޮރިކް ޕީރިއަޑެވެ. ޕްރީ-ހިސްޓޮރިކް ޕީރިއަޑަކީ އެ ވޭލާއެއްގައި ނޫނީ އެ ޒަމާނެއްގައި، އެތަނެއްގައި އުޅުނު ބައެއްގެ ނުވަތަ މުޖުތަމަޢެއްގެ ލިޔެވިފައިވާ ތާރީޚެއް ނޫނީ ހެތްކެއް ނެތް ޒަމާނެވެ.
އުޞޫލެއްގެ ގޮތުން ހިސްޓޯރިއަނުން، ތާރީޚު ލިޔާ ހިނދު ޕްރީ-ހިސްޓޮރިކް ޕީރިއަޑް އަދި އެ ދުވަސްވަރުގެ ތާރީޚު ހިސްޓަރީ ޕީރިއަޑް ގިނަ ޕީރިއަޑްތަކެއްގެ ސަބް-ކެޓަގަރީތަކަކަށް ބަހާލައެވެ. ޕްރީ-ހިސްޓޮރިކް ޕީރިއަޑް މިގޮތުން ބައިކުރެވެނީ ޕެލެއޮލެތިކް ސްޓޯން އޭޖް (Palaeolithic Stone Age)، ސްޓޯން އޭޖް (Stone Age)، ނިއޮލެތިކް ސްޓޯން އޭޖް (Neolithic Stone Age)، އަދި އާލީ އަޔަން އޭޖް (Early Iron Age)، އަށެވެ. ހިސްޓޮރިކް ޕީރިއަޑް ބައިކުރެވިފައިވަނީ އެންސިއެންޓް ހިސްޓޮރިކް ޕީރިއަޑް (Ancient historic period)، މިޑީވަލް ހިސްޓޮރިކް ޕީރިއަޑް (Medieval period) އަދި މޮޑެން ހިސްޓޮރިކް ޕީރިއަޑް (Modern historic period) އަށެވެ.
އިސްވެ ދެންނެވި ޢިލްމީ އުސްލޫބްތަކުގެ މައްޗަށް ބިނާކޮށް ދިވެހިން ތިބީ ކޮންތަނަކުތޯ ސުވާލު އުފެދެން ޖެހެއެވެ. އެހެނީ، ދިވެހިން ތިބިތަނެއް ދަނެގަނެ އެ ތަނަށް ދިވެހިންނަށް އާދެވޭނެ، އާދެވުން އެންމެ ގާތްކަން ބޮޑު މަގެއް ދެނެގަތުމެވެ. އެހެނީ، ތަނަކަށް ބަޔަކަށް ދެވިގެންނޫނީ އެ ބަޔަކަށް އެ ތަނެއްގައި ވަޒަންވެރި ނުވެވޭނެތީއެވެ.
ދިވެހިރާއްޖެ އޮތްތަން
ދިވެހިރާއްޖެ އުފެދިފައިވަނީ ބަހުރު ހިންދުގެ ތެރެއަށް ގެނބިފައިވާ ފަރުބަދަތަކަކުން އުފެދިފައިވާ ޗާގޯސް-ލަކަޑިވް ރިޖުގައެވެ. މީގެ ސަބަބުން ޗާގޮސް-ލަކަސަދީޕްއާ އެކުވަނީ ޤުދުރަތީ ވެށީގެ ފުރިހަމަ ދިރުން ޤާއިމްވެފައެވެ. ޤުދުރަތީގޮތުން އުފެދިފައިވާ ދިވެހި ބިމުގެ އެންމެ އުސް ކުންނުގެ އުސްްމިނަކީ ވެސް 5.1 މީޓަރ ނުވަތަ 17 ފޫޓެވެ. އެވްރެޖު އުސްމިނަކީ ކަނޑުގެ ސަޠަހައިން ފެށިގެން 1.5 މީޓަރ ނުވަތަ 4.11 ފޫޓެވެ.
ދިވެހިރާއްޖޭގެެ ޖަޒީރާ ބިންތަކަކީ އަޑި އުސްކަމެއް ނެތް، ވާދީއެއް އަދި ފަރުބަދައެއް އުފެދިފައި ނުވާ އެއްވަރެއްގެ ހަމަހަމަ ފަތާ ބިންތަކެކެވެ. ބިމަށް ވުރެ ބޮޑީ ކަނޑުގެެ ސަރަޙައްދެވެ. ދިވެހި ބިންތައް، ކުދި ބޮޑު ބާރަހާސް އެތަކެއް ރަށް އުފެދިފައިވަނީ އެއްފަހަރަކާ ނޫނެވެ. މިހެން މިކަން މެދުވެރިވަނީ، ދިވެހި ބިންތަކަކީ ވޮނަދޮނަ ފަސޭހަ ބިންތަކަކަށް ވީމައެވެ. ވީމާ، އެކިރަށުގެ ބިމުގެ ޢުމުރު ހޯދުމަށް ތަހުލީލުކުރަން ޖެހެއެވެ. އަދި އެހެންމެ ރަށް އާބާދުވެފައިވަނީ ވެސް އެއްފަހަރަކާ ނޫނެވެ. ވީމާ، ރަށްތައް އާބާދުވި ތާރީޚު ދެނެގަތުމަށްޓަކައި ވެސް ތަޙުލީލުތައް ކުރަން ޖެހެއެވެ. އަދި ރާއްޖޭގައި އާބާދުވެފައިވަނީ އެއްނަސްލެއްގެ އެއްދަރިކޮޅެއްގެ ބައެއްކަމުގައި ބުނަމުން، ލިޔަމުން، ކިތަންމެ ވަރަކަށް ދިޔަނަމަވެސް އެކަމަށް ތަޙައްދީކޮށް އެކަން ވެސް ބަލަން ޖެހެއެވެ. އެއީ، މިއަދު ދުނިޔެ ޢިލްމީގޮތުން ކުރިއަށް ގޮސްފައިވާ މިންވަރުން ނުވާނެ މުސްތަޙީލު ކަމެއް ވެސް ނޫނެވެ.
ދިވެހިންގެ ބައެއް މީހުންގެ ހަމުގެ ކުލަ ދޮނެވެ. އަނެއްބައެއްގެ ހަމުގެ ކުލަ އަނދިރިއެވެ. މޫނަށް ބަލާލަމާތޯއެވެ. އެއްބައެއްގެ ލޮލުގެ ކުލަ ކަޅެވެ. އަނެއް ބައެއްގެ ކުލަ ނުލެވެ. ނޫނީ ފެއްސެވެ. އަދި ރީނދޫ ދޮންކުލަ އެކެވެ. އެއްބައެއްގެ ނޭފަތުގެ ކުރި އުލެވެ. އަނެއް ބައެއްގެ ބޮޑިމަހެވެ. ނޫނީ ފައްޗެއެވެ. ތުންފަތް ބޮލެވެ. އަނެއް ބައެއްގެ ތުންފަތް ތުންޏެވެ. ދެން ބޮލުގެ އިސްތައްޓަށް ބަލާލަމާ ހިންގަވާށެވެ. އެއްބައެއްގެ އިސްތަށި ފަނެވެ. އަނެއް ބައެއްގެ ބުޅިއެވެ. ނޫނީ ރާޅުބާންޏެވެ. އިސްކޮޅާއި ހަށިގަނޑުގެ ހެދިހުރި ސޫރައަށް ބަލާލި ނަމަވެސް ކަންހުރީ މިގޮތަށެވެ. އެއްބައެއްގެ އިސްކޮޅުގައި ފަސްފޫޓު ހަފޫޓު ހުންނައިރު މަދުންނަމަވެސް އެއްވެސް ބައްޔެއް، ބޮޑު ޢައިބެއްނެތި އިސްކޮޅުގައި ތިންފޫޓު ހަމަނުވާ މީހުން އެބަތިއްބެވެ. އެއްބައެއްގެ ހަށިތައް އުފެދުމުގައި ވެސް ވަރަށް ޟަޢީފުވެފައި ނިކަމެއްޗެވެެ. އަނެއް ބައެއްގެ ހަށިގަނޑާއި އަތްފައިގެ ކަށިތައް އުފެދުމުގައި ވެސް ވަރުގަދަ ވެފައި، ކަށި ފަލައެވެ. ގައިން އިސްތަށި ފެޅުމުގައި ވެސް މި ދެންނެވިހާ ބޮޑު ތަފާތު ހުރެއެވެ.
އަޅުގަނޑު ޅަޢުމުރުގައި މީހުން ބުނާތީ އަހަމެވެ. އަރިއަތޮޅު ފެރިދޫގައި ތިބޭނީ ބަބުރު ދަރިކޮޅެއްގެ މީހުންނެވެ. އެ ރަށުގައި އެމީހުން އެ ކިޔާ ބަބުރުންގެ ސިފަ ލިބިފައިވާ ދޮންމީހުންނާއި ކަޅުމީހުން ވެސް ތިބެއެވެ. ހަމަ އެހެންމެ މާލޭގައި ވެސް ބަބުރު ޢާއިލާއެއްގެ ބަޔަކު އުޅުނު ކަމަށް ކިޔާ އުޅުނެވެ. ބަބުރު މަންޖެއަކާއި ބަބުރު ދޮހުއްތުއެއްގެ ނަން އަހަމެވެ. އަދި މިނޫންވެސް ކިތަންމެ ބަޔަކު އުޅުމަކީ ވެސް އެކަށީގެންވާ ކަމެކެވެ.
އިންސާނުންނާ ބެހޭގޮތުން މިހާތަނަށް ލިބެންހުރި އެންމެ ކުރީގެ ހެކިތަކުން ސައިންޓިސްޓުން ފުޅާ ދާއިރާއެއްގައި މިހާރު ގަބޫލުކުރަނީ އެންމެ ކުރީގެ އިންސާނުން އިވޯލްވެ ދުނިޔޭގެ އެހެން ސަރަހައްދުތަކަށް އިންސާނުން ފެތުރި ދާންފެށިކަމަށް ލަފާކުރަނީ މީގެ 60000 އަހަރުގެ ކުރިން އެފްރިކާއިން ކަމަށެވެ.
މިއަދު އިންސާނުންގެ މެދުގައި ހަމުގެ ކުލައަށާއި އިސްތަށްޓަށާއި އަދި ހެދިހުރި ހަށިގަނޑަށް އައިސްފައިވާ ބަދަލަކީ 60000 އަހަރުގެ ކުރިން އިންސާނާ އެފްރިކާ ދޫކޮށް ނުކުމެ ދުނިޔޭގެ ތަފާތު ބައްރުތަކުގައި އުޅުމުން އައިސްފައިވާ ބަދަލުކަމަށް ޢިލްމުވެރި ބައެއް ބޭފުޅުން ވިދާޅުވެއެވެ.
އިންސާނުން ވުޖޫދުވި ގޮތާ މެދު ޢިލްމުވެރިން ދެކެލައްވާ ގޮތް ތަފާތުވި ނަމަވެސް، މިކަމުގައި، ޢާންމުގޮތެއްގައި އެފްރިކާގެ ޖަންގަލީގައި އުފެދުނު އިންސާނުން އެފްރިކާގެ ޖަންގަލި ދޫކޮށް ނުކުމެ ދުނިޔޭގެ ބައްރުތަކުގައި ފެތުރި، ރަތްކަނޑު ހުރަސްކޮށް އެ ކަނޑުގެ ދެކުނު އައްސޭރި، އަދި ދެކުނު އެރެބިއާ ތެރެއިން ދަތުރުކޮށް އިންޑިއާގެ ދެކުނު އައްސޭރިއަށް ދިޔަކަން ޤަބޫލުކުރެއެވެ. މި ޙިޖުރަކުރުން ހިނގަން ފަށާފައިވާކަމަށް ޤަބޫލުކުރެވެނީ 60000 އަހަރު ކުރިންނެވެ.
އިންސާނުންނަކީ އެފްރިކާގެ ޖަންގަލީގައި ދިރިއުޅޭ އެހެންވެސް މަމަލް ޖަނަވާރުތައް ފަދަ ޖަނަވާރެއް ކަމަށް ބުނާ ބަޔަކު، އެހެން ބުނެބުނެ ތިބިޔަ ދެމާ ހިންގަވާށެވެ. އަޅުގަނޑުމެން ހިފަހައްޓައިގެން ތިބި ފޮތުގައި ބާރަށް ހިފަހައްޓައިގެން، އިވޭ މިފަދަ ވާހަކަތަކުން، އެއިން އަތްދޫވިއަ ނުދީ އެހެންމީހުން ވެސް ދައްކާ ވާހަކައިގެ އަޑު އަހައި، އެ ވާހަކަތަކުގައި ވެސް ބޭނުންތެރި މަޢުލޫމާތެއްް ވާނަމަ އެ އޮއްޓަރެއް ނަގައިގެން އަހަރެމެންގެ މަންޒިލް މަގުޞޫދަށް ދަތުރުކުރެވޭތޯ މަސައްކަތްކުރަމާ ހިންގަވާށެވެ.
އަޅުގަނޑުމެން ޙާޞިލްކުރަން ބޭނުންވާ ގޯލަކީ ދިވެހިންގެ މި ރީތި ދޮންވެލީގެ ސާފުޠާހިރު ބިންތަކުގައި ފުރަތަމަ އުޅުނީ ކޮންބައެއް ހެއްޔެވެ؟ އެމީހުން އައީ ކޮންތަނަކުން ހެއްޔެވެ؟ ފުރަތަމަ ވަޒަންވެރިވީ ކޮންރަށެއްގައި ހެއްޔެވެ؟ މިފަދަ ސުވާލުތަކެއްގެ ޖަވާބު، ދޮގެއްތޯއެވެ؟
އަޅުގަނޑަށް މި ދެންނެވުނީ ރަނގަޅަށްތޯއެވެ؟ ނުވަތަ ނޫންތޯއެވެ؟ އަނގައަށް ހުސް ފޯއްފޮއްޗެއް ލައިގެން ހަފަހަފައި ހުއްޓައި ކުޅުގިނަވެ ކޮށި އަރައިގެން ވަގުތު ”ދޮގެއްތޯ“ އޭ ދެންނެވުނީއެވެ. ”ދެއްތޯ“ އޭ ނުދެންނެވުނީއެވެ. އެއްވެސް ހިތްބުރަކަމެއް ނެތި މަޢާފު ކުރައްވާށެވެ!
ތޯރ ހައިދާލް ”ދަ މާލްޑިވް މިސްޓްރީ“ ފޮތުގައި އޭނަގެ ޓީމުގެ ބައިވެރިންނާ މުޚާޠަބުކުރައްވައި ލިޔުއްވާފައިވެއެވެ. މޭޒުގެ ވަށައިގެން މިތިބި އަހަރެމެން ތެރެއިން މަދު މީހަކު ނޫނީ ކުރިން ނަން ވެސް އަހާފައިނުވާ ދިވެހިރާއްޖެ، ބެރިއާ ރީފެއް ފަދައިން، މި ބޯވައިގެ ފައިތައް ނެރެ މުސްކުޅި ދުނިޔޭގެ ރިމޯޓް ކޯނަރތަކަށް އެ ވަނީ ފޯރުވާފައެވެ. ރަތްކަނޑަށް އަދި މެޑްޓްރޭނިއަނުން ދުރަށް ގޮސް ރޯމާ ހަމައަށެވެ. ޕާސިއަން ގަލްފު ފަހަނަޅައި ގޮސް ފިންލޭންޑު އަދި ނޯވޭގެ އާކްޓިކްގެ އައްސޭރި އަށެވެ. ގަލްފް އޮފް ކެމްބޭ ވަށާލައި އިންޑިއާއާ އިދިކޮޅު ދުރު މިސްރާބަށް ގޮސް އިންޑޯނޭޝިއާގެ ހަނި ކަނޑުއޮޅިތަކު ތެރެއިން ލާފައި، ޗައިނާގެ އެންމެ ދުރަށެވެެ. ސީދާކޮށް ވިއަސް ނުސީދާކޮށް ވިއަސް ބޯދާ ޤަދީމީ ދިވެހިރާއްޖެ ނުވަތަ ޕްރިހިސްޓޮރިކް މޯލްޑިވްސްއަކީ ގްލޯބަލް ޓްރޭޑްގެ ބައިވެރިއެކެވެެ.
އެކަމަކު، އެންމެ ފުރަތަމަ ދިވެހިރާއްޖެއަށް މީހަކު އައިސްފައިވަނީ ކޮންތަނަކުންތޯއެވެ؟
ސްކްޖޯލްސްވޮލްޑް ނިންމާލަމުން ބުންޏެވެ. އެކަށީގެންވާ ހުރިހާ މަގެއް އަހަރެމެން ހުޅުވައިދީފަ ދޫކޮށްލަމާ ހެއްޔެވެ. ”ސްރީލަންކާ އަދި ގަލްފު އޮފް ކެމްބޭގެ ބަނދަރުތައް ދިވެހިރާއްޖޭގެ ތާރީޚުގައި އަދި ތާރީޚު ލިޔަން ފެށުމުގެ ކުރިން ވެސް، މުހިންމު ދައުރެއް އަދާކޮށްފައިވާކަން އަހަރުމެންނަށް އެނގެއެވެ. ޔޫރަޕިއަން ހިސްޓަރީ ފެށުމުގެ މާކުރިން އެތައް ބަޔަކު ދިވެހިރާއްޖެ ހުރަސްކޮށް ދަތުރުކުރިއެވެ. ނުވަތަ އައިސްފައިވާކަން އެނގެއެވެ. ވީމާ، …“
ހައިދާލް ލިޔުއްވާފައި ވެއެވެ. ވީމާ، އެންމެ ރަނގަޅު ނިންމުމަކީ، އަހަރެން ބުނީމެވެ. ”މީހުން ކަނޑުދަތުރުކުރާ އުޅަނދު ބަންނަން ފެށުމުން ކަނޑަކީ އަބަދުވެސް ހުޅުވިފައިވާ މަގަކަށް ނުވޭހެއްޔެވެ؟“
”ވީމާ، އަހަރެމެންނަށް ފުރަތަމަ ދިވެހިރާއްޖެއަށް އައި މީހެއްގެ ނަމާއި އެޑްރެސް ކަލެއަކަށް ނުބުނެ ދެވުނެވެ“. ކަންޓް ބުންޏެވެ.
”އިންގްލިސް ޗެނެލް ހުރަސްކުރި ފުރަތަމަ ދަތުރުވެރިޔަކީ ކާކު؟“ ޖޮހަންސެން ސުވާލުކުރިއެވެ.
ނަޓް ހިނިތުން ވެލިއެވެ. ”އެކަމަކު ދިވެހިރާއްޖޭގެ މިކުޑަ އަތޮޅަށް ފުރަތަމަ އައި މީހާއަށް ޙަޤީޤަތުގައި ވެސް މެރީޓައިމް ހިސްޓަރީން މަޤާމް ޙައްޤެވެ.“
މަޢުލޫމާތު ހޯދީ:
- Tamils in Sri Lanka, A Comprehensive History (C.300 B.C. C 2000 A.D.)Dr. Murugar Gunasingamm The Maldive Mystery.Thor Heyerdahl
