ނޯޓް: މިފަދަ ވާހަކަތައް ލިޔުމުގެ މަޤުޞަދަކީ މި ދިވެހި މުޖުތަމަޢުގައި ކުޑަކުދިންނާމެދު ހިންގާ މިފަދަ ހަޑިމުޑުދާރު ޢަމަލުތައް ހުއްޓުވައި މި ކަންކަމާ މެދު ޢާއްމު ރައްޔިތުން ހޭލުންތެރިކުރުވުމެވެ. އެގޮތުން މި ވާހަކައަކީ ވެސް ޙަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މި ވާހަކައިގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ.

އަހަރެންނަކީ މާލެއިން އުތުރު ރަށެއްގެ ނިކަމެތި އާއިލާއެއްގައި ހުރި ހަމައެކަނި އަންހެން ދަރިފުޅެވެ. ޢުމުރަކީ ވިހި އަހަރެވެ. އެއީ މީގެ ފަސްވަރަކަށް އަހަރު ކުރިއެވެ. ރަށު ސްކޫލުން ގްރޭޑް 10 ނިންމާލުމަށްފަހު އިތުރަށް ކިޔެވުމުގެ މަޤްޞަދުގައި އަހަރެންގެ މަންމައާއި ބައްޕަ އަހަރެން ކިޔަވަން މާލެ ފޮނުވިއެވެ. ކިޔަވައިގެން މޮޅު ކުއްޖަކަށްވުމުގެ ފޮނި އުންމީދުގައެވެ. އޭރު އަހަރެންގެ ޢުމުރަކީ 15 އަހަރެވެ. މަންމައާއި ބައްޕަގެ ފުރިހަމަ ލޯބި ލިބިގެން ބޮޑުވަމުން އައި ނަމަވެސް ރަށުން އިތުރަށް ކިޔެވެން ނެތުމުން މާލެ އަންނަން މަޖުބޫރު ކުރުވިއެވެ. އެހެންކަމުން އަހަރެން މާލެ ބަދަލުވީމެވެ. ލޯބިވާ މަންމައާއި ބައްޕައާއި މާ ދުރަށެވެ.

މާލޭގައި އަހަރެން ހުންނަނީ މަންމައާއި އެއްބަނޑު އެއްބަފާ ދައްތައެއްގެ ގޭގައެވެ. މި ގޭގައި އުޅެނީ ދައްތަގެ ދެމަފިރިންނާއި އެ ދެމަފިރިންގެ 9 އަހަރުގެ ފިރިހެން ދަރިފުޅެވެ. އަހަރެން މާލެ ބަދަލުވުމުން ދައްތަ ވަރަށް އުފާވިއެވެ. އެއީ ދައްތައާއި ބޭބެއަކީ ހެނދުނު އޮފީހަށް ދާންޖެހޭ ދެ މީހުން ކަމަށްވުމުން އެ މީހުންގެ ދަރިފުޅު ބަލަހައްޓާނެ މީހަކު ލިބުމުންނެވެ. އަދި އަހަރެންނަށް ކޮލެޖަށް ދެވޭނީ ހަވީރު ކަމަށާއި އަހަރެން ބޭނުންވާފަދަ ކޯހެއް އަހަރެންނަށް ހޯދައިދޭނެކަމަށް ދައްތަ ބުންޏެވެ. އެހެންކަމުން އަހަރެން ވެސް ހުރީ ކޮލެޖަކަށް ކިޔަވަން ދެވޭނެ ކަމުގެ ފޮނި އުންމީދުގައެވެ.

ދުވަސްތައް މިގޮތުގައި ފާއިތުވަމުން ދެއެވެ. އަހަރެންނަށް ކިޔަވަން ދެވޭގޮތެއް ނުވެއެވެ. ދައްތަ ކައިރީގައި ކޯހުގެ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ވެސް ދައްތަ އަންނަނީ ރުޅިއެވެ. ރުޅި އަންނަ ކޮންމެ ފަހަރަކު ”ކިޔަވަން ނުދެވިގެން އަދި އުޅޭ ވަރެއް ނުވޭ. އިހަށް ކޮއްކޮގެ ކަންތައްތައް ކޮށްލަދީ..“ މިހެން ދައްތަ ބުނެއެވެ. އެއީ ބައެއް ފަހަރު ދައްތަ ރޭގަނޑު ވެސް އޮފީހަށް ދާންޖެހޭތީ ބޭބެއަށާއި ކޮއްކޮއަށް ކައްކައި ކާންދީ ގޭގެ ކަންކަން ބަލަހައްޓަން ހުންނަނީ އަހަރެން ކަމަށް ވުމުންނެވެ. އަހަރެން މާލެ ބަދަލުވި ފަހުން ގެއިން ބޭރަށް ނިކުމެލާނެ ވަގުތެއް ނުލިބެއެވެ. ރައްޓެއްސަކު ނުހުރެއެވެ. އެހެންކަމުން އަހަރެންގެ ކަމަކަށް އޮންނަނީ ގޭގައި ކުރަންޖެހޭ ހުރިހާކަމެއް ކުރުމެވެ. އަހަރެން އައިފަހުން ދައްތަ އެއްގޮތަކަށް ވެސް ގޭގެ ކަމެއް ކޮށެއް ނޫޅެއެވެ. އިރުއޮއްސެންވާއިރަށް އަހަރެން ހުންނަނީ ވަރަށް ވަރުބަލިވެފައެވެ. ނަމަވެސް ކުރާނީ ކީއްހެއްޔެވެ. މިއީ ތަޤުދީރެވެ.

ގިނަވަގުތު މަސައްކަތުގައި އުޅެން ޖެހުމުން ވަރުބަލިވެ ނިދި އަންނަގޮތްވީ ނަމަވެސް ރޭގަނޑު ދައްތަ ގޭގައި ނޫޅޭ ވަގުތުތަކުގައި ބޭބެ (ދައްތަގެ ފިރިމީހާ) އަހަރެންނާ ވަރަށް ވާހަކަ ދައްކައި ހީ ސަމާސާކޮށް ހަދައެވެ. ގޭގައި ހުންނަނީ ދެ ކޮޓަރިކަމުން އެއްކޮޓަރީގައި ދައްތައާއި ބޭބެ އުޅޭއިރު އަނެއްކޮޓަރީގައި ނިދަނީ އަހަރެންނާއި ދައްތަގެ ކުޑަ ފިރިހެން ދަރިފުޅެވެ. މިގޮތުން އެއްރޭ އަހަރެން ކޮޓަރީގައި ކޮއްކޮ ނިންދަވަން އޮއްވައި ބޭބެ ކޮޓަރިއަށް ވަނެވެ. އަދި ދައްތަ އޮފީހުން އައުން ލަސްވާނެކަމަށާއި ކޮއްކޮ ނިދީމައި ބޭބެއަށް ކާން ހަދަން އައިސް ދިނުމަށް އެދުނެވެ. އެހެންކަމުން އަހަރެން ކޮއްކޮ ނިންދަވާފައި ބޭބެއަށް ކާންހަދަން ސިޓިންގރޫމަށް ނިކުތްއިރު ޅިޔަނު ސޯފާގައި ލެޕްޓޮޕުން ފިލްމެއް ބަލަން އިނެވެ. އަހަރެން ފެނުމުން އިހަށް މިތަނަށް އައިސްބަލާށޭ، މި އޮއް އެއްޗެއް ބަލާބަލާށޭ ބޭބެ ބުންޏެވެ. އެހެންކަމުން ބޭބެ އެ ބަލަނީ ކޯއްޗެއްތޯ ބަލާލަން އަހަރެން ބޭބެ ކައިރީ ސޯފާގައި ޖައްސާލީމެވެ. އެވަގުތު އަހަރެންނަށް ފެނުނީ ބަރަހަނާ ވީޑިއޯއެކެވެ. އަދި ލަދުންހުރެ އަވަސް އަވަހަށް އެތަނުން ދިއުމަށް ހިނގައިގަތީމެވެ. އެވަގުތު ބޭބެ އަހަރެންގެ އަތުގައި ހިފެހެއްޓިއެވެ. އަދި މިކަން ދައްތައަށް އަންގައިގެން ނުވާނެކަމަށާއި، އަހަރެން ވެސް ޖެހޭނީ މި ބަލަން ކަމަށް ބޭބެ ބުންޏެވެ. އަދި ގަދަކަމުން އަހަރެން ސޯފާގައި ބޭންދުމަށްފަހު އަހަރެންގެ ލަދުވެތި ގުނަވަންތަކުގައި ބޭބެ އަތްލާން މަސައްކަތް ކުރިއެވެ. އެވަގުތު ބިރުން ހުރެ އަތް ފޮޅާލުމަށްފަހު އެތަނުން ތެދުވެގެން ކޮޓަރިއަށްވަދެ ދޮރު ތަޅުލީމެވެ.

އެ ރެއަށްފަހު ގޭގައި ދައްތަ ނޫޅޭ ކޮންމެ ރެއަކު ވެސް ބޭބެގެ އުނދަގުލުން ސަލާމަތެއް ނުވެއެވެ. ކޮއްކޮއެއް ކައިރީ ދައްކަން ނުވާނެ އެތައް ވާހަކައެއް އަހަރެންގެ ގާތު ބޭބެ ދައްކައެވެ. އަދި ގަދަކަމުން އަހަރެންނާ ބަދުއަޚުލާޤީ އަމަލު ހިންގަން މަސައްކަތް ކުރަމުން ދިޔައެވެ. މިގޮތުން ބައެއް ރޭރޭ ދަންވަރު ދައްތަ ނިދީމައި، ބޭބެ އަހަރެން ނިދާކޮޓަރީގެ ދޮރު ހުޅުވައިގެން ކޮޓަރިއަށްވަދެ ގަދަކަމުން އަހަރެންނާއެކު ބަދުއަޚުލާޤީ އަމަލު ހިންގުމަށް މަސައްކަތް ކުރެއެވެ. އަހަރެން ރޮއި އާދޭސް ކުރިޔަސް ބޭބެ އެ އާދޭސްތަކަށް ދެނީ ބީރު ކަންފަތެކެވެ. އަހަރެން ކިތަންމެ ގަދަ ހެދިނަމަވެސް އަހަރެންނަށް އެތައް އަނިޔާއެއް ދިނުމަށްފަހު ބޭބެ ކުރަން ބޭނުންވާ ކަންތައްކޮށް ނިންމާލައެވެ. އަދި ބޭބެގެ ފޯނުން އަހަރެންނަށް ބަރަހަނާ މަންޒަރުތައް ދެއްކުމަށް މަސައްކަތް ކުރަމުން ދިޔައެވެ.

ދުވަސްތައް މާޒީވެ ދެއެވެ. އަހަރެންގެ މޫނުން ވެރިވަނީ މާޔޫސްކަމެވެ. ރެއާއިދުވާލު ރުއިން ނޫންކަމެއް މިއަދު އަހަރެންނަކަށް ނެތެވެ. ނަމަވެސް މި ވާހަކަތައް މަންމަމެންނަށް ކިޔައިދިޔަސް އަހަރެން މަރާލާނެކަމަށް ބޭބެ ބުނެފައިވާތީ މި ވާހަކަތައް އެހެން މީހަކަށް ކިޔައިދޭނެހައި ހިތްވަރެއް ވެސް މިއަދު އަހަރެންގެ ގަޔަކު ނެތެވެ. ދައްތައަށް އަހަރެން ފެނުނަސް އެންމެ ފަހަރަކު ނަމަވެސް އަހަރެންގެ މިޒާޖަށް އައިސްފައިވާ ބަދަލުގެ ވާހަކައެއް ނުދައްކައެވެ. ހަވާލު ކުރަނީ ކޮންމެވެސް މަސައްކަތެކެވެ. ފަހަކަށްއައިސް ފަރުވާކުޑަކޮށް ކަންކަން ކުރަމުންދާކަމަށް ބުނެ ދައްތަ ވެސް އަހަރެންނާ ދިމާލަށް ހަޅޭއްލަވައި އެއްޗެހި ކިޔާ ހަދައެވެ. އެއީ ބޭބެ، ދައްތަ ކައިރީ އަހަރެންނޭ ކިޔައިގެން ފާޑުފާޑުގެ ވާހަކަ ދައްކާތީކަން ވެސް އަހަރެންނަށް އެނގެއެވެ. ނަމަވެސް މިއަދު އަހަރެން މިހުރީ ބައެއްގެ އަޅުވެތި ކަމުގައެވެ. ދައްތަގެ ފަރާތުން ލިބެނީ ގެވެށި އަނިޔާއެވެ. ބޭބެގެ ފަރާތުން ޖިންސީ ގޯނާއެވެ. މިކަންކަމަށް އިތުރަށް ކުރިމަތިލާނެ ހިތްވަރެއް މިއަދު އަހަރެންގެ ކިބަޔަކު ނެތެވެ. އޮތީ ކެތްކުރުމެވެ.

ދުވަސްތައް މާޒީވެދެއެވެ. ބޭބެގެ ފަރާތުން ލިބޭ ޖިންސީ އަނިޔާތައް ރެއަކަށްވުރެ ރެއެއް ދިޔައީ ބޮޑުވަމުންނެވެ. ރޭގަނޑު ބިރުން ރަނގަޅަށް ނިދާ ވެސް ނުލެވެއެވެ. ބޭބެގެ މި ހަޑިމުޑުދާރު އަމަލެއް ދައްތައަކަށް ވެސް ނޭނގެއެވެ. މި އަނިޔާގައި ދުވަސްތައް ހޭދަކުރަމުންގޮސް އެންމެފަހުން އަހަރެން ވަރަށް ބޮޑަށް ހުންއައިސް ހޮޑުލައި އެނދުން ނުތެދުވެވޭވަރު ވިއެވެ. އަހަރެން ކޮޓަރީގައި ނުތެދުވެ އޮތުމުން ދައްތަ ކޮޓަރިއަށް އައިސް އަހަރެންނަށް ގޮވިއެވެ. އަދި މިއަދު ނުތެދުވާ ދުވަހެއްތޯ ސުވާލު ކުރިއެވެ. އަހަރެން ބުނީމެވެ. ދައްތާއެވެ. އަހަރެން މިއަދު މިއޮތީ ވަރަށް ބޮޑަށް ހުން އައިސްފައެވެ. ޑޮކްޓަރަށް ދައްކާލަން ދެވިދާނެ ހެއްޔެވެ. މިހެން ބުނުމުން ދައްތަ އައީ ރުޅިއެވެ. އަދި ބުންޏެވެ. ތިއީ އަހަރެން ކަންނެއްކަމުން ވާގޮތެކެވެ. ދައްތަ މިހެން ބުނުމުން އަހަރެންނަށް ގިސްލާފައި ރޮވުނެވެ. އަދި އަހަރެން ކުރި އާދޭހަށް އަހަރެން ގޮވައިގެން ޑޮކްޓަރަށް ދައްކަން ދައްތަ ދިޔައެވެ. ޑޮކްޓަރު ބެއްލެވުމަށްފަހު ޓެސްޓްތައް ހެދުމަށް ބުންޏެވެ. އަދި ޓެސްޓްތަކުގެ ނަތީޖާ ލިބުމުން ޑޮކްޓަރު އެ ބެއްލެވުމަށްފަހު އަހަރެން އިނީ ބަލިވެ ކަމަށް ބުންޏެވެ. މިހެން ބުނުމުން އަހަރެން ގަނޑުވި ކަހަލައެވެ. އަދި ހޯސްލާފައި ދެ ލޮލުން ކަރުނަ ހިލުނެވެ. މި ޚަބަރު ލިބުމުން ދައްތަ ވެސް ހައިރާންކަމާއެކު އަހަރެންނާ ދިމާލަށް ބަލަން އިނެވެ. އަދި އަހަރެން ގޮވައިގެން ގެއަށް އައިސް އަހަރެންނާ އެތައް ސުވާލެއް ކުރިއެވެ. ކާކުގެ ކުއްޖެއްތޯ އެތައް ފަހަރަކު އެހިއެވެ. އެހެން ބުނުމާއެކު އަހަރެންގެ ދެ ލޮލުން ހިފެހެއްޓުމެއްްނެތި ހޯސްލާފައި ކަރުނަތައް އޮހޮރެން ފެށިއެވެ. އަދި ރޮމުންރޮމުން އަހަރެންނަށް ”ބޭބެ، ބޭބެ“ މިހެން ބުނެވުނެވެ. މިހެން ބުނުމާއެކު ދައްތަ ވަރަށް ހައިރާންވިއެވެ. އަދި ދައްތަ ރޮއެގަންފައި އަހަރެންގެ ގައިގައި ބައްދާލިއެވެ.

އޭގެ ފަހުން ބޭބެގެ ފަރާތުން އަހަރެންނަކަށް އުނދަގުލެއް ނުވެއެވެ. ނަމަވެސް އެއްރޭ ދަންވަރު ދައްތައާ ދިމާލަށް ބޭބެ ބުނާ އަޑު އިވުނެވެ. އެ ދަރިފުޅު ވައްޓާލާނެ ބޭސް އެބަހުއްޓެވެ. މިހެން ބުނިތަނާ ދައްތަ ވެސް ބުނާ އަޑުއިވުނެވެ. އާއިލާގެ ލަދަށްޓަކާ ވެސް ތިކަންކުރަން ހިނގާށެވެ. މި ނޫން ގޮތެއް ނެތެވެ. މިއަޑު އަހާފައި އަހަރެންނަށް ހީވީ ބިންގަނޑު ކަނޑާފައި އަޑިޔަށް ގަނބައިގެންހެނެވެ. ހުރިތަނަށް ގަނޑުވި ކަހަލައެވެ. އަހަރެންނަކީ ޢުމުރުން 15 އަހަރުގެ ކުއްޖެއް ނަމަވެސް ތަންދޮރު ދަންނަ ކުއްޖެކެވެ. ދިރިދިރި އޮތް ފުރާނައެއް މަރާލުމަކީ ކިހާބޮޑު ފާފައެއްކަން ވެސް އަހަރެންނަށް އެނގެއެވެ. އިންކާރު ކުރިޔަސް މިއަދު ކުރާނީ ކީއްހެއްޔެވެ. އަހަރެންނަށް ރުއިން ނޫންކަމެއް މި ދުނިޔެއަކު ނެތެވެ.

ޖެހިގެން އައި ދުވަހެވެ. ދައްތަ އަހަރެންނާ ބައްދަލުކުރިއެވެ. އަދި މަންމަމެންނަށް މިކަން ނޭންގުމަށާއި، އާއިލާގެ ލަދަށްޓަކައި އަހަރެންގެ ބަނޑުގައި މިވާ ދަރިފުޅު ވައްޓާލަން އަހަރެންގެ ކިބައިން އެދުނެވެ. އެކަމާ އަހަރެން އިންކާރު ކުރީމެވެ. އަދި އާދޭސް ކޮށްފައި ބުނީމެވެ. ”އަހަރެންނަށް ތިހެން ނަހަދާށެވެ، އަހަރެންގެ ބަނޑުގައިވާ ދަރިފުޅު މަރާ ނުލާށެވެ،  ކޮންމެ ހާލެއްގަައި ވިޔަސް އެއީ ބޮޑު ފާފައެކެވެ.“ ނަމަވެސް އަހަރެންގެ ބަނޑުގައިވާ ދަރިފުޅު ޖެހޭނީ ވައްޓާލަން ކަމަށް ދައްތަ ތަކުރާރުކޮށް ބުންޏެވެ. އެހެންބުނެ ދައްތަ ދިޔައެވެ. ކުރާނެ ކަމެއް ނެތެވެ. އޭގެ ދުވަސްކޮޅެއް ފަހެވެ. އަހަރެންނަށް ގަދަކަމުން ބޭސްދީގެން އަހަރެންގެ ބަނޑުގައި މިވާ ދަރިފުޅު ވައްޓާލީއެވެ. އަދި މި ވާހަކަ އެއްވެސް މީހެއް ގާތު ނުބުނުމަށާއި، މިކަން އަހަރެންގެ މަންމަމެންނަށް އެނގިއްޖެނަމަ މަންމަ ހިތާމަކޮށްކޮށް މަރުވެދާނެކަމަށް ބުންޏެވެ. އަދި ތިކަމުން ބޭބެ ބަދުނާމުވާން ދައްތަ ބޭނުން ނުވާކަމަށާއި އެއަށްވުރެ ބޮޑަށް ބޭބެ ދެކެ ދައްތަ ލޯބިވާކަމަށް ބުންޏެވެ.

ކުރާނެކަމެއް ނެތެވެ. ކޮންމެ ހާލެއްގައި އުޅެން ޖެހުނު ނަމަވެސް އާޢިލާގެ ލަދަށްޓަކައި މިއަދު އަހަރެންނަށް މި ނޫން ގޮތަކަށް އުޅެވެން ނެތީ ހެއްޔެވެ. އަހަރެން މިއަދު ދުނިޔެއިން މޮޔަވެއްޖެއެވެ. މާޔޫސްވެ ދިރިއުޅުން މަތިން ފޫހިވެއްޖެއެވެ.

*********

މިއީ މި ދިވެހި މުޖުތަމަޢުގައި ދިރިއުޅެމުންދާ މަޢުޞޫމު ހަމަ އެންމެ އަންހެން ކުއްޖެއްގެ ވާހަކައެވެ. އަންހެނުންނާއި  ކުޑަކުދިންނަށް ކުރާ އަނިޔާތައް ހުއްޓުވުމަކީ ފަރުދީ ޒިންމާއެކެވެ. އާއިލާގެ ޤަދަރާއި ޢިއްޒަތް ދެމެހެއްޓުމަށްޓަކައި މިފަދަ ޢަމަލުކުރާ މީހުންގެ ކަންކަން ސިއްރު ކުރުމަކީ މަޢުޞޫމް އެތައް ކުދިންނަކަށް ލިބޭނެ ބޮޑު އަނިޔާއެއްކަން ޔަޤީނެވެ. އޭގެ ބަދަލުގައި މިފަދަކަމެއް މެދުވެރިވެއްޖެނަމަ ލަސްނުކޮށް އާއިލާގެ މީހަކަށް ނުވަތަ އިތުބާރު ހިފޭ މީހަކަށް ކިޔައިދިނުން މުހިންމެވެ. މީގެއިތުރުން  އާއިލާ ތެރޭގައި އިސްލާމީ ރިވެތި އާދަތައް ގެންގުޅުމަކީ ވެސް އެ ކުދީންނާ މެދު ކުރާ އަނިޔާތަކުން ސަލާމަތް ކުރެވިދާނެ ގޮތެކެވެ. އަދި އަނިޔާ ތަޙައްމަލުކުރާ ކުއްޖަކު ފާހަގަކުރެވިއްޖެ ކޮންމެ މީހެއްގެ މައްޗަށް ވާޖިބުވެގެންވަނީ އެކުއްޖަކަށް ނުވަތަ ބެލެނިވެރިޔާއަށް ވެވުނު ގޮތަކުން ވެވުނު މިންވަރަކުން އެހީތެރިވެދިނުންކަން އަމިއްލަޔަށް ޤަބޫކުރަން ޖެހެއެވެ.  އޭރުން މިފަދަ އަނިޔާއާއި ވޭން އިޙުސާސްކުރާ ފަރާތްތަކަށް ލިބޭ ވަރަށް ބޮޑު ހިތްވަރަކަށް ވާނެއެވެ. މި ޒިންމާތައް އެންމެ ފުރިހަމައަށް އަދާކުރެވިއްޖެނަމަ އެ ކުދިންނަށްކުރާ ޖިންސީ އަދި ޖިސްމާނީ އަނިޔާތަކުން އެ ކުދިން ރައްކާތެރިކޮށް އަމާން މުޖުތަމަޢުއެއް ހޯދިދާނެއެވެ. އަދި މިކަމުގެ ސަބަބުން އެ ކުދިންނަށް އުފާވެރި މުސްތަޤްބަލެއް ހޯދައިދެވޭނެކަން ޔަޤީނެވެ.

މިއީ އަޅުގަނޑުމެން މައިންބަފައިން ނުވަތަ ބެލެނިވެރިން މިއަދު ފުންކޮށް ވިސްނައި ފިކުރުކުރަން ވެއްޖެކަމެކެވެ. ކުއްޖަކު ޙައްޤުތަކުން މަހުރޫމްކޮށް އަނިޔާއެއް ލިބެމުންދާކަން އެނގިއްޖެނަމަ ނުވަތަ އެފަދަ ކަމަކަށް ޝައްކުކުރެވޭނަމަ، ނުވަތަ ކުޑަކުއްޖަކަށް ނުރައްކަލެއް އޮތްކަން އެނގިއްޖެނަމަ ނުވަތަ އެފަދަ ކަމަކަށް ޝައްކު ކުރެވިއްޖެނަމަ ލަސްނުކޮށް ފުލުހުންނަށް ނުވަތަ ކަމާބެހޭ ފަރާތަށް އެނގުމަކީ ކޮންމެ މީހެއްގެ ވެސް އިޖުތިމާޢީ ޒިންމާއެއް ކަމަށް ޤަބޫލުކުރަންޖެހެއެވެ. މައްސަލަ ހުށަހަޅާ ފަރާތުގެ ނަން ވަންހަނާކުރަން ބޭނުންވާ މީހުންނަށް ނަން ނޭނގޭ ގޮތަށް ވެސް މައްސަލަ ހުށަހެޅިދާނެއެވެ. ފުލުހުންނާ ގުޅޭނެ ހެލްޕްލައިނަކީ ނުވަތަ ރިޕޯޓުކުރާނެ ނަންބަރަކީ 3000600 ނުވަތަ (ޗައިލްޑް ހެލްޕްލައިން) 1412 އެވެ. ގުޅާ ފަރާތެއްގެ ނުވަތަ އެ މައްސަލައެއް ރިޕޯޓްކުރި ފަރާތެއްގެ ނަން، ފުލުހުން ވަންހަނާ ކޮށްދޭނެއެވެ.

***

ޝެއަރކުރެއްވުމަށް